ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/09
2016/HC-A/09، 2016/HC-A/09
2016/HC-A/09 (2016/HC-A/09, High Court of the Maldives, 31 January 2017)
2016/HC-A/09
މައްސަލައިގެ ޚުލާޞާ
އިތުރު ޚަރަދާއި ގެއްލުމާއި ވަކީލުގެ ފީ ނަގައިނުދީ، އެޑްވާންސްގެ ގޮތުގައި ދީފައިވާ US$66,658 ދިނުމަށާއި އެއްބަސްވުން ބާޠިލްވެފައިވާކަމަށް ސިވިލް ކޯޓުން ޙުކުމްކުރިއެވެ.
ގުޑް ޓްރެވަލް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ސަފާރީ އުޅަނދު 14 އޮކްޓޯބަރު 2010 އިން 09 މެއި 2011 އަށް އެމިސްޑެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދިނުމަށް އެއްބަސްވެ، ކުއްޔަށް ހިފި ފަރާތުން އެޑްވާންސް ދިނެވެ. ތާރީޚުގައި އުޅަނދު ޙަވާލުނުކުރުމުން އެޑްވާންސް، އިތުރު ޚަރަދު، ގެއްލުމާއި ވަކީލުގެ ފީ ހޯދުމަށާއި އެއްބަސްވުން ބާޠިލްވެފައިވާކަމަށް ކަނޑައެޅުމަށް ކުއްޔަށް ހިފި ފަރާތުން ދަޢުވާކުރިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ، ތާރީޚަށް ބޯޓު ނިމިފައިވާއިރު ޙަވާލުވުން ފަސްކުރީ ކުއްޔަށް ހިފި ފަރާތުން އެދުނު އިތުރު މަސައްކަތްތައް ނިމެންދެން ކަމަށާއި، ބޯޓުން ތަކެތި ގެންދިޔަކަން ސާބިތުކުރުމަށް ހެކިން ޙާޟިރުކުރަން އެދުނު ނަމަވެސް ޙާޟިރުނުކޮށް ގޮތެއް ނިންމާފައި ނުވާކަމަށެވެ.
މައިގަނޑު ސުވާލު
ސަފާރީ އުޅަނދެއް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައިވާ ތާރީޚުގައި އުޅަނދު ޙަވާލުނުކުރުމުން ދީފައިވާ އެޑްވާންސް ފައިސާ އަނބުރާ ދޭންޖެހޭކަމަށް ސިވިލް ކޯޓުން ނިންމުމާއި، ދަޢުވާއާ ގުޅުމެއްނެތް ކަމަކަށް ހެކިން ޙާޟިރުނުކުރުމަކީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފުވުމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބަލައިނުގަނެ، ދަށުކޯޓުގެ ޙުކުމް ޤާއިމް
ޙަވާލުކުރިކަން ސާބިތުކޮށްދީފައި ނުވާއިރު، ޙަވާލުނުކުރެވުނީ އުޅަނދު ތައްޔާރުނުވެގެންކަން ލިޔުންތަކާއި ހެކިބަހުން އެނގެއެވެ. އެޑްވާންސް ލިބުނުކަމަށް އިންކާރުކޮށްފައި ނުވެއެވެ. ތަކެތި ގެންދިޔަކަމަކީ މައްސަލައިގެ މައުޟޫޢާ ގުޅުމެއްނެތް ކަމަކަށްވާތީ ހެކިން ޙާޟިރުނުކުރުމަކީ ޚިލާފުވުމެއް ނޫނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ދަށުން އުޅަނދު ޙަވާލުކުރަންޖެހޭ ތާރީޚުގައި އެ އުޅަނދު ބޭނުންކުރަން ޙަވާލުކުރިކަން ޙަވާލުކުރަންޖެހޭ ފަރާތުން ސާބިތުކޮށްދެވިފައިނުވާނަމަ، އަދި އެތާރީޚުގައި ޙަވާލުނުކޮށް އޮތް ސަބަބަކީ އެ އުޅަނދު ބޭނުންވާ ފެންވަރަށް ތައްޔާރު ކުރެވިފައިނެތުން ކަމަށް ލިޔުންތަކާއި ހެކިބަހުން އެނގެން އޮތްނަމަ، އެއްބަސްވުމާ ޚިލާފުވީ ޙަވާލުކުރަންޖެހޭ ފަރާތުން ކަމަށް ދަށުކޯޓުން ނިންމުމަށް ބަދަލު ނުގެނެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ނ))
- ފައިސާ ލިބިފައިވާކަމާމެދު ދަޢުވާލިބޭ ފަރާތުން އިންކާރުކޮށްފައި ނުވާނަމަ، އަދި އެފަރާތުން ދައްކާފައިވާ ވާހަކަތަކުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން އެފައިސާ ލިބިފައިވާކަން އެނގެން އޮތްނަމަ، އެފައިސާ ލިބުނުކަން ސާބިތުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ށ))
- ހެކިން ޙާޟިރުކުރަން އެދުނު ކަމަކީ ހުށަހެޅުނު މައްސަލައިގެ މައުޟޫޢާއި ގުޅުން ހުރި ކަމެއްކަމުގައި ނުވާނަމަ، އެކަން ދަށުކޯޓުން ނުބަލައި އޮތް އޮތުމަކީ އަދި އެކަން ސާބިތުކުރުމަށް ޙާޟިރުކުރަން ބޭނުންވި ހެކިން ޙާޟިރުނުކޮށްވާ ވުމަކީ ދަށުކޯޓުން ނިންމި ނިންމުމުގައި ޝަރުޢީ އަދި ޤާނޫނީ އުސޫލަކާއި ވިޔަސް ޚިލާފުވުންކަމުގައި ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ރ))
- ބެންޗު
- ޢަލީ ސަމީރު، ޢަބްދުﷲ ދީދީ، ޢަބްދުﷲ ޙަމީދު
- ޚިލާފު ރައުޔު
- ނެތް