ސައިޓޭޝަން ކޮޕީ ކުރުމަށް
2015/HC-A/399
2015/HC-A/399، 2015/HC-A/399
2015/HC-A/399 (2015/HC-A/399, High Court of the Maldives, 24 April 2017)
2015/HC-A/399
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން ޓިކެޓްތަކުގެ ބާކީ ފައިސާއާއި ޖޫރިމަނާއާއެކު US$12,030.11 ދައްކަން ޙުކުމްކުރި.
ޓްރެވަލް ސަރވިސް އެއްބަސްވުމެއްގެ ދަށުން ވިއްކި އެއަރލައިން ޓިކެޓްތަކުގެ ނުލިބިވާ ފައިސާއާއި ލަސްވުމުގެ ޖޫރިމަނާ ހޯދުމަށް ދަޢުވާކުރި ފަރާތުން އިސްތިއުނާފުކުރި ކުންފުނީގެ މައްޗަށް ދަޢުވާކުރި.
އިސްތިއުނާފުކުރި ފަރާތުން ބުނީ، ކްރެޑިޓް ލިމިޓް ކަނޑައެޅި ލިޔުމަށް ދަށުކޯޓުން ގޮތެއް ނުނިންމާކަމަށާއި، ފައިސާ ދައްކަމުން އައީ ދަޢުވާކުރި ފަރާތުގެ ގުޅުންހުރި ކުންފުންޏަކަށް ކަމުން އެއީ ދަޢުވާކުރި ފަރާތަށް ދެއްކި ފައިސާކަމަށެވެ.
މައިގަނޑު ސުވާލު
ޓްރެވަލް ސަރވިސް އެއްބަސްވުމެއްގެ ދަށުން ވިއްކި އެއަރލައިން ޓިކެޓްތަކުގެ އިންވޮއިސްކުރި ފައިސާ ކްރެޑިޓް ލިމިޓަށް ބެލުމެއްނެތި ދައްކަން ޖެހޭތޯ، އަދި ތިންވަނަ ފަރާތަކަށް ދެއްކި ފައިސާއަކީ ދަޢުވާކުރި ފަރާތަށް ދެއްކި ފައިސާއެއްކަމުގައި ބެލެވޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
މުޢާމަލާތަށް އިންކާރު ނުކުރާތީ ފައިސާ ދެއްކިކަން ސާބިތުކުރުމުގެ ބުރަ އޮތީ ދަޢުވާލިބޭ ފަރާތުގައި ކަމަށާއި، އެއްބަސްވުމުގެ 4 ވަނަ މާއްދާގެ ދަށުން އިންވޮއިސް ކްރެޑިޓް ލިމިޓަށް ނުބަލައި ދައްކަން ޖެހޭކަމަށާއި، ތިންވަނަ ކުންފުންޏަށް ދެއްކި ފައިސާއަކީ ދަޢުވާކުރި ފަރާތުގެ އިންވޮއިސްތަކަށް ދެއްކި ފައިސާކަން ސާބިތުނުވާކަމަށް.
ކަނޑައެޅުނު އުޞޫލުތައް
- އެއްބަސްވުމެއްގެ ދަށުން މުޢާމަލާތެއް ހިންގިކަމާމެދު ދަޢުވާލިބޭ ފަރާތުން އިންކާރު ނުކުރާނަމަ، އެމުޢާމަލާތާއި ގުޅިގެން ދައްކަންޖެހޭ އެންމެހައި ފައިސާއެއް ދެއްކިކަން ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ ދަޢުވާލިބޭ ފަރާތުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ށ))
- ދަޢުވާލިބޭ ފަރާތާއި ތިންވަނަ ފަރާތެއްކަމުގައިވާ ކުންފުންޏަކާއެކު ސޮއިކޮށްފައިވާ ލިޔުމެއްގެ ދަށުން ވެފައިވާ އެއްބަސްވުމަކީ ދަޢުވާކުރާ ފަރާތާއިއެކު ވެފައިވާ އެއްބަސްވުމެއް ނޫނެވެ؛ އެއީ ޤާނޫނީ އެހެން ޝަޚްޞަކާ ވެފައިވާ އެއްބަސްވުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ނ))
- ގަންނަ ޓިކެޓްގެ އިންވޮއިސް ލިބުމުން އެ އިންވޮއިސްގައިވާ ޢަދަދަށްވާ ފައިސާ ކްރެޑިޓް ލިމިޓަށް ބެލުމެއްނެތި އިންވޮއިސް ލިބޭތާ 10 ދުވަހުގެ ތެރޭގައި ދައްކަންޖެހޭނެކަމަށް އެއްބަސްވުމުގައި ބަޔާންވެގެން އޮވެ، އިންވޮއިސްގައި ފައިސާދައްކަންޖެހޭކަމަށް ބުނާ މުއްދަތުގައި ޝަކުވާއެއް ހުށަހަޅާފައިނުވާ ހިނދު، އަދި ކްރެޑިޓް ލިމިޓަށްވުރެ އިތުރަށް ޓިކެޓް ދޫކުރެވިފައިވަނީ ގަތް ފަރާތުގެ އެދުމުގެ މަތިންކަމާމެދު އެފަރާތުން އިންކާރުކޮށްފައިނުވާނަމަ، އެފަރާތުގެ އެދުމުގެ މަތިން ވިއްކާފައިވާ އެންމެހައި ޓިކެޓްތަކަށް އިންވޮއިސް ކުރެވިފައިވާ ފައިސާއަކީ އެފަރާތުން ދައްކަންޖެހޭ ފައިސާކަން މަދަނީ މިންގަނޑުން ސާބިތުވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ރ))
- ޢާއްމު އުޞޫލެއްގެ ގޮތުން ވިޔަފާރީގެ މުޢާމަލާތްތަކާއި ގުޅިގެން ފައިސާ ދެއްކުމުގައި ޢަމަލުކުރަމުންދާ ގޮތަކީ ފައިސާ ދެއްކުމަށް އެއްބަސްވެފައިވާ ކުންފުންޏަކަށް އަދި އެފައިސާ ހޯދުމަށް އެދި އިންވޮއިސް ފޮނުވާ ކުންފުންޏަކަށް އެފައިސާއެއް ދައްކަންޖެހުމެވެ. އެނޫންގޮތަކަށް އެކަން ކުރާނީ ފައިސާ ލިބެންޖެހޭ ފަރާތުން އެނޫންގޮތަކަށް ޢަމަލުކޮށް ދިނުމަށް އެދި ފައިސާ ދައްކަންޖެހޭ ފަރާތުގައި އެދޭ އެދުމެއްގެ މައްޗަށް ބިނާކޮށްގެންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ބ))
- ފައިސާ ލިބެންޖެހޭ ފަރާތުގެ އެދުމުގެ މަތިން ތިންވަނަ ފަރާތަކަށް ފައިސާ ދެއްކިކަން އެނގެން ނެތް ހިނދު، އަދި އެ ތިންވަނަ ފަރާތަށް ދެއްކިކަމަށް ބުނެ ހުށަހަޅާ ޕޭމަންޓް ވައުޗަރގައި އެއީ އެ ތިންވަނަ ފަރާތުން ފޮނުވި އިންވޮއިސްއަކަށް ދައްކާ ޕޭމަންޓެއްކަމަށް ބަޔާންވެގެން އޮތްނަމަ، އެ ލިޔުމުގައިވާ ފައިސާއަކީ ފައިސާ ލިބެންޖެހޭ ފަރާތުން ފޮނުވި އިންވޮއިސްތަކާއި ގުޅިގެން ދެއްކި ފައިސާއެއްކަން ސާބިތުވާން ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03(ބ))
- ބެންޗު
- ޢަލީ ސަމީރު، ޢަބްދުﷲ ދީދީ، ޢަބްދުﷲ ޙަމީދު
- ޚިލާފު ރައުޔު
- ނެތް