ސައިޓޭޝަން ކޮޕީ ކުރުމަށް
2015/HC-A/249
2015/HC-A/249، 2015/HC-A/249
2015/HC-A/249 (2015/HC-A/249, High Court of the Maldives, 5 December 2017)
2015/HC-A/249
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން، ކުއްޔަށް ދިން މުއްދަތަކީ އެއްބަސްވުމުގައިވާ ފަދައިން 8 އަހަރުކަމަށް ބަލައި، ބާކީ މުއްދަތަށް ޝަރުޢީ އަގުކޮމެޓީން ކަނޑައެޅި މިޘްލީ ކުލީގެ މައްޗަށް ގެއްލުމުގެ ބަދަލު ކަނޑައަޅައި، ނުލިބި ހުރި ކުލި އެއިން ކަނޑައި ބާކީ ފައިސާ ދޭން ޙުކުމްކޮށްފައިވެއެވެ.
އިސްތިއުނާފުކުރި ފަރާތުގެ ބިމުގައި ދެބުރި ޢިމާރާތެއް ހެދުމަށް އިސްތިއުނާފު ރައްދުވާ ކުންފުންޏަށް ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުމެއް ވެފައިވާއިރު، އެއްބަސްވުމުގެ މުއްދަތު 8 އަހަރުތޯ 5 އަހަރުތޯ ޚިލާފުވެ، ކުންފުނީގެ ފަރާތުން ހުށަހެޅި އެއްބަސްވުމުގެ ފުރަތަމަ ގަނޑު ބަދަލުކޮށްފައިވާކަމަށް ބިމުގެ ވެރިފަރާތުން ބުނެ އިންކާރުކޮށްފައިވެއެވެ. މުއްދަތު ހަމަވުމުގެ ކުރިން ތަން އަތުލާފައިވެއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ އެއްބަސްވުމުގެ ފުރަތަމަ ގަނޑު ބަދަލުކޮށްފައިވާކަމަށާއި، ކުންފުންޏަށް ދަޢުވާކުރުމުގެ ޙައިޘިއްޔަތެއް ނެތްކަމަށާއި، ތަން ހުސްކުރީ ކުންފުނީގެ އަމިއްލަ އިޚްތިޔާރުގައިކަމަށާއި، ޝަރުޢީ އަގުކޮމެޓީގެ ރިޕޯޓު ޤަވާޢިދާ ޚިލާފަށް ތައްޔާރުކޮށްފައިވާކަމަށެވެ.
މައިގަނޑު ސުވާލު
ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ މުއްދަތާމެދު ދެފަރާތް ޚިލާފުވެފައިވާ ހާލަތެއްގައި، އެއްބަސްވުމުގެ މުއްދަތު ކަނޑައަޅާނީ ކިހިނެއްތޯއާއި، މުއްދަތު ހަމަވުމުގެ ކުރިން ތަން އަތުލުމުގެ ސަބަބުން ކުލީގެ ފަރާތަށް ގެއްލުމުގެ ބަދަލު ދޭން ސިވިލް ކޯޓުން ކުރި ޙުކުމް ޞައްޙަތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
އެއްބަސްވުމުގައި ކުންފުނީގެ ފަރާތުން ސޮއިކުރި މީހާއަށް ހައިކޯޓުން "އަލް ޔަމީނުލް މުތައްމިމާ" ހުވާ އަރުވައި، އެއްބަސްވުމަށް ބަދަލެއް ނުގެނެސް މުއްދަތަކީ 8 އަހަރުކަމަށް އޭނާ ހުވާކުރުމުން، މުއްދަތު 8 އަހަރުކަމާއި މުއްދަތު ހަމަވުމުގެ ކުރިން ތަން އަތުލާފައިވާކަން ޘާބިތުވާތީ ސިވިލް ކޯޓުގެ ޙުކުމަށް ބަދަލު ނުގެނެވެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ހެކިބަހުންނާއި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް އެކަނި ބަލައިގެން ދެފަރާތް ދެމެދު އެއްބަސްވެވުނު މުއްދަތަކީ ކޮބައިކަމެއް ސާބިތުވާން ނެތް ހާލަތެއްގައި، އެއްބަސްވުމުގައި ސޮއިކުރި ފަރާތުން ބުނާ ބުނުން ކަށަވަރުކުރުމަށްޓަކައި އޭނާއަށް "އަލް ޔަމީނުލް މުތައްމިމާ" މި ހުވާ އަރުވަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ރ))
- މައްސަލައިގެ އަސާސީ ޚިލާފަކީ ދެފަރާތް ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތާމެދު އުފެދިފައިވާ ޚިލާފެއްކަމުން، އެއްބަސްވުމުގެ މުއްދަތު ސާފުކޮށް އެނގި، މުއްދަތު ހަމަވުމުގެކުރިން ތަން އަތުލާފައިވާކަން ޘާބިތުވާން އޮތުމުން، އިސްތިއުނާފީ އެހެން ނުކުތާތަކަށް އިތުރަށް ބަލަންޖެހޭނެކަމަށް ނުފެނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ބ))
- ބެންޗު
- ޢަބްދުލްޣަނީ މުޙައްމަދު، ޝުޖާޢު ޢުޘްމާން، ޝުޢައިބު ޙުސައިން ޒަކަރިއްޔާ
- ޚިލާފު ރައުޔު
- ނެތް