ސައިޓޭޝަން ކޮޕީ ކުރުމަށް
2017-HC-S-A-26
އަޙްމަދު ފުއާދު ވ. ބޭންކް އޮފް މޯލްޑިވްސް، 2017-HC-S-A-26
Ahmed Fuaadhu v. Bank of Maldives 2017-HC-S-A-26 (2017-HC-S-A-26, High Court of the Maldives, 12 September 2018)
އަޙްމަދު ފުއާދު ވ. ބޭންކް އޮފް މޯލްޑިވްސް
މައްސަލައިގެ ޚުލާޞާ
ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ދަރަނި ސާބިތުވާކަމަށް ކަނޑައަޅައި، ދެ އަހަރު ތެރޭ މަހުން މަހަށް ފައިސާ ދައްކަން އަންގައި، ނުދައްކައިފިނަމަ ރަހުނު ގޯތި ވިއްކުމުގެ ހުއްދަ ބޭންކަށް ދިން.
ބޭންކް އޮފް މޯލްޑިވްސްއިން ސެންކްޝަން ސިޓީއެއްގެ ޝަރުޠުތަކުގެ ދަށުން ގޯއްޗެއް ރަހުނުކޮށް ދޫކުރި ޑިމާންޑް ލޯނެއްގެ ފައިސާ އެއްބަސްވި ގޮތަށް ނުދައްކާތީ، ފައިސާ ހޯދުމަށާއި ރަހުނު ގޯތި ވިއްކުމުގެ ހުއްދައަށް އެދި ބޭންކުން ދަޢުވާކުރި. ދަރަނިވެރިޔާ ދަޢުވާއަށް އިޢުތިރާފުވި.
އިސްތިއުނާފުކުރި ފަރާތުން ބުނީ ލޯނުގެ ތާވަލަށް ބަދަލު ގެނައުމަށް ބޭންކާ ވާހަކަ ދައްކަމުންދާކަމަށް ބުނި ނަމަވެސް އެކަމަށް ރިޢާޔަތްނުކޮށް، މަދަނީ އިޖުރާއަތާއި 2013/HC-A/81 ގެ އުޞޫލާ ޚިލާފަށް މައްސަލަ ނިންމާފައިވާ ކަމަށް.
މައިގަނޑު ސުވާލު
ލޯނު ފައިސާ ދައްކާނެ ތާވަލަށް ބަދަލު ގެނައުމަށް ބޭންކާ ވާހަކަ ދައްކަމުންދާކަމަށް ދަރަނިވެރިޔާ ބުނި ނަމަވެސް، އޭނާ އިޢުތިރާފުވި ދަޢުވާގައި ލޯނު ފައިސާ ދައްކައި ރަހުނު ތަންފީޛުކުރުމަށް ދަށުކޯޓުން ކުރި ޙުކުމަކީ މަދަނީ ޚަޞްމަތްތައް ފައިސަލާކުރުމުގެ އުޞޫލުތަކާއި 2013/HC-A/81 ގެ އުޞޫލާ ޚިލާފު ޙުކުމެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ދަރަނިވެރިޔާ ދަޢުވާއަށް އިޢުތިރާފުވެފައިވާތީ ސާބިތުވި ދަޢުވާގެ މައްޗަށް ޙުކުމްކުރުމަކީ އެ އުޞޫލާ އެއްގޮތް ކަމެއް ކަމާއި، ސެންކްޝަން ސިޓީއާ ޚިލާފު އެއްބަސްވުމެއް ވާކަމުގެ ހެއްކެއް ނެތްކަމާއި، ދަށުކޯޓުން ދެއަހަރުގެ މުއްދަތު ދިނުމުން ލުއި ލިބިފައިވާކަމަށް ކަނޑައަޅައި ޙުކުމް ޤާއިމްކުރި.
ކަނޑައެޅުނު އުޞޫލުތައް
- "މަދަނީ ދަޢުވާތަކުގައި ފައިސަލާ ކުރުމުގައި ޢަމަލުކުރަމުން ގޮސްފައިވާ ގޮތަކީ ހުށަހެޅިފައިވާ ދަޢުވާގައި އެދިފައިވާ ކަންތައްތަކަކީ ކޯޓަށް ސާބިތުވާ ކަންތައްތަކެއް ކަމުގައިވާނަމަ އެގޮތުގެ މަތިން ޙުކުމް ކުރުން" ކަމަށް 2013/HC-A/81 ގައި ކަނޑައަޅާފައިވާ އުޞޫލަށް ބަލާއިރު، ކުރި ދަޢުވާއަކީ ތެދު ދަޢުވާއެއްކަމަށް ބުނެ ދަޢުވާއަށް ދަޢުވާ ލިބޭ ފަރާތް އިޢުތިރާފުވެފައިވާނަމަ، ޙުކުމް ކުރެވެނީ ހުށަހެޅި ދަޢުވާ ސާބިތުވާތީ ހުށަހެޅި ކަންތައްތަކުގެ މައްޗަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.2)
- ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ވެގެން ކުރެވިފައި ހުންނަ މިފަދަ ބޭންކިންގެ މުޢާމަލާތްތަކުގައި ޚިލާފު އުފެދޭ ކަންކަމުގައި ޝަރީޢަތުން އެންމެ ފުރަތަމަ ބަލަންޖެހޭ ކަންތައްތަކުގެ ތެރޭގައި އެކަމާ ގުޅޭ ގޮތުން ދެފަރާތުން ވެފައިވާ އެއްބަސްވުމުގައި އެއްބަސްވެފައިވާ ގޮތަކީ ކޮބާކަން ބަލަންޖެހޭނެއެވެ. ނުވަތަ އެއްބަސްވުމާއި ޚިލާފަށް ދެފަރާތުން އެއްބަސްވާ އެހެން ގޮތެއް އެބައޮތްތޯވެސް ޝަރީޢަތުން ބަލަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.3)
- ޝަރީޢަތަށް ކަމެއް ސާބިތުވެއްޖެކަމަށް ކަނޑައެޅޭނީ އެކަމެއް ޝަރީޢަތަށް ސާބިތުވެއްޖެކަމަށް ކަނޑައެޅުމަށްޓަކައި ބަލަންޖެހޭ ބެލުންތަކާއި ރިޢާޔަތް ކުރަންޖެހޭ ހަމަތަކާއި އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އެކަމެއް ޝަރީޢަތަށް ސާބިތުވެއްޖެކަމަށް ކަނޑައެޅޭ މިންވަރަށް ހެކި ލިބިގެންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.3)
- ސެންކްޝަން ސިޓީގައި ބަޔާންކޮށްފައިވާ ޝަރުޠުތަކާއި ޚިލާފަށް އެހެން އެއްބަސްވުމެއް ވެފައިވާކަން ނުވަތަ ކޯޓުން ބޭރުގައި މައްސަލަ ޙައްލުކުރުމަށް ދެފަރާތުން ވަކިގޮތެއް ނިންމާފައިވާކަން ސާބިތުވާފަދަ ހެއްކެއް ނެތި، ލޯނު ރީޝެޑިއުލް ކުރުމުގެ ވާހަކަތަކެއް ދެކެވެމުން ދާކަމަށް ބުނާ ބުނުމެއް ފިޔަވައި އިތުރު ހެއްކެއް ނެތްނަމަ، ލޯނު ދޫކުރެވިފައިވަނީ ސެންކްޝަން ސިޓީގައި ބަޔާންކޮށްފައިވާ ޝަރުޠުތަކާއި އެއްބަސްވެގެންކަމީ ޔަޤީނީކޮށް އެނގެން އޮތް ޙަޤީޤަތެއްކަމަށްވާއިރު، އެ ޙަޤީޤަތް ބުނާ ބުނުމަކުން ފިލައިގެން ނުދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.3)
- ލޯނު ފައިސާ ދެއްކުމަށް މުއްދަތެއްގެ ފުރުޞަތު ބޭންކުން ދިނުމަކީ އެހެން ގޮތަކަށް ބޭންކުން އެއްބަސްވުމެއް ވީ ކަމަށް ބަލައި، ބޭންކުން ދަށުކޯޓަށް ހުށަހެޅި ދަޢުވާއަށް ޙުކުމެއް ކުރުމަކާއި ނުލައި ކޯޓުން ބޭރުކުރެވޭނެ ސަބަބެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.4)
- ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު 2013/HC-A/81
- ބެންޗު
- ޙުސައިން ޝަހީދު، މުޙައްމަދު ނިޔާޒް، މުޙައްމަދު ފައިސަލް
- ޚިލާފު ރައުޔު
- ނެތް