ސައިޓޭޝަން ކޮޕީ ކުރުމަށް
[2024] SC 50
އާމިނަތު ޢަފިއްޔާ ވ. މުޙައްމަދު ނަބީލް ޢަބްދުލްޤަދީރު، [2024] SC 50 (2022/SC-A/92)
Aminath Afiyaa v. Mohamed Nabeel Abdhulqadheeru [2024] SC 50 (2022/SC-A/92, Supreme Court of the Maldives, 25 September 2024)
އާމިނަތު ޢަފިއްޔާ ވ. މުޙައްމަދު ނަބީލް ޢަބްދުލްޤަދީރު
މައްސަލައިގެ ޚުލާޞާ
އެއްބަސްވުމާ ޚިލާފުވެފައިވާތީ ސިވިލް ކޯޓުން އެއްބަސްވުން ބާޠިލުކުރިއެވެ. ސިވިލް ކޯޓަށް އީ-މެއިލުން ފޮނުވި ހެކި އޮޅުމަކުން ނުލިބުނު ކަމާއި، އެ ލިޔުންތަކުން ޢިމާރާތް ކުރެހުން ފާސްކޮށް ހުއްދަ ނަގައިގެން ކުރިކަން ފެންނާތީ، އެ ހެކި އެއްފަރާތްކޮށް ނިންމުމަކީ އިންސާފުވެރި ގޮތެއް ނޫންކަމަށް ބުނެ ހައިކޯޓުން ޙުކުމް ބާޠިލުކޮށް މައްސަލަ ސިވިލް ކޯޓަށް ތަޙްވީލުކުރިއެވެ.
މއ. ހަތްކުރީގެ ބިމުގައި 5 ބުރީގެ ޢިމާރާތެއް އަޅައި 2 ފްލޯރ ބިމުގެ ވެރިފަރާތާ ޙަވާލުކުރުމުގެ ޝަރުޠާއެކު، 2016 އިން 2033 އަށް ބިން މުޙައްމަދު ނަބީލް ޢަބްދުލްޤަދީރަށް ކުއްޔަށް ދިނެވެ. ފަހުން ބިން ހިބަވެގެން އާމިނަތު ޢަފިއްޔާއާއި ދެ ކުދިންގެ ނަމަށް ރަޖިސްޓްރީވިއެވެ. ވެރިފަރާތާ ޙަވާލުކުރާނެ ފްލޯރ ޢިމާރާތްކޮށްފައި ނުވާތީ އެއްބަސްވުން ބާޠިލުކުރުމަށް އާމިނަތު ޢަފިއްޔާ ދަޢުވާކުރިއެވެ.
ދަށުކޯޓަށް ހުށަނާޅާ އައު ހެކި ހައިކޯޓުން ބަލައިގަތުމަކީ ސުޕްރީމް ކޯޓުގެ އުޞޫލާ ޚިލާފު ކަމަށާއި، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ ނުކުތާއަށް ރިޢާޔަތްކޮށްފައި ނުވާކަމަށް އާމިނަތު ޢަފިއްޔާ ބުންޏެވެ. ހައިކޯޓުން އައު ހެއްކަކަށް ބުރަދަން ދީފައި ނުވާ ކަމަށާއި، މައުޟޫޢީ ކަމެއްގައި ގޮތެއް ނިންމާފައި ނުވާކަމަށް މުޙައްމަދު ނަބީލް ބުންޏެވެ. ކުދިންގެ މަޞްލަޙަތު ހިމާޔަތްކުރުމަށް ދައުލަތުން އެދުނެވެ.
މައިގަނޑު ސުވާލު
ސިވިލް ކޯޓަށް އީ-މެއިލުން ފޮނުވި ނަމަވެސް އެޑްރެހުގައި އަރާފައިވާ އޮޅުމަކުން ނުލިބުނު ހެކި ހައިކޯޓުން ބަލައިގަނެ، އެ ހެކީގެ މައްޗަށް ސިވިލް ކޯޓުގެ ޙުކުމް ބާޠިލުކޮށް މައްސަލަ ތަޙްވީލުކުރުމަކީ އައު ހެކި ހުށަހެޅުމާބެހޭ ޤާނޫނީ އުޞޫލުތަކާ ޚިލާފު ކަމެއްތޯ، އަދި ހައިކޯޓުން މައުޟޫޢީ ގޮތެއް ނިންމާފައި ނުވާއިރު ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ ނުކުތާއާމެދު ގޮތެއް ކަނޑައަޅަންޖެހޭތޯ.
ނިންމި ގޮތް
ހައިކޯޓުގެ ޙުކުމް ޤާއިމް (ސިވިލް ކޯޓަށް ތަޙްވީލުކުރި ނިންމުން)
ސިވިލް ކޯޓުން ދިން މުއްދަތުގައި ހެކި ފޮނުވި ނަމަވެސް ހަޤީޤީ އޮޅުމަކުން ނުލިބުނު، މައްސަލައާ ގުޅޭ މުހިންމު ލިޔުންތައް ހައިކޯޓުން ބަލައިގަތުމަކީ މިފްކޯ ޤަޟިއްޔާގެ އުޞޫލާ އެއްގޮތް ކަމެކެވެ. ހައިކޯޓުން މައުޟޫޢީ ގޮތެއް ނިންމާފައި ނުވާތީ ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ ނުކުތާއާއި ކުދިންގެ މަޞްލަޙަތާމެދު ގޮތެއް ނިންމާކަށް ނުޖެހެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ ދަށުން ހައިކޯޓުން މައްސަލަތައް ބަލާނީ ދަށުކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތައް އަސާސްކޮށްގެންނެވެ؛ (ށ) ގެ ދަށުން، ދަށުކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު ނުލިބޭ ހެކި އިސްތިއުނާފުގެ މަރުޙަލާގައި ހުށަހެޅުމަށް އެ އުޞޫލުން ހުރަސްނާޅައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26)
- ސުޕްރީމް ކޯޓުގެ ގިނަ ނިންމުންތަކުގައި ކަނޑައަޅާފައިވާ މައިގަނޑު އުޞޫލަކީ، އިސްތިސްނާއީ ނާދިރު ޙާލަތެއްގައި މެނުވީ، ދަށު މަރުޙަލާގައި ފާހަގަނުކުރާ ނުކުތާއެއް ނުވަތަ ހުށަނާޅާ ހެއްކެއް އިސްތިއުނާފީ ކޯޓަށް ހުށަނޭޅުމެވެ (ފާޠިމަތު މަނިކެ ވ. މުޙައްމަދު މަނިކު). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 27)
- ދަށުކޯޓަށް ހުށަނޭޅޭ އައު ހެކި ހައިކޯޓަށް ހުށަހެޅިދާނެ ޙާލަތްތަކުގެ ތެރޭގައި: އެކަށީގެންވާ މަސައްކަތެއް ކޮށްގެންވެސް ދަށުކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު ނުލިބޭ ހެކި؛ އެކަށީގެންވާ މަސައްކަތެއް ކުރިނަމަ ލިބޭނެ ނަމަވެސް ހުށަނާޅާ ހެކި؛ ދަށުކޯޓުން ނިންމި ގޮތުގެ ސަބަބުން ހުށަހަޅާ އިތުރު ހެކި؛ އަދި ހައިކޯޓު ފަނޑިޔާރުންގެ އިސްނެގުމުން ހުށަހެޅޭ އިތުރު ހެކި ހިމެނެއެވެ. މިއިން ބޭރުގެ ޙާލަތްތަކެއްވެސް ހުރެދާނެއެވެ؛ އައު ހެކި ބަލައިގަތުމަށް ވަކި ފޯމިއުލާއެއް ނެތް ކަމަށާއި، ކޮންމެ މައްސަލައެއްގެ ވަށައިގެންވާ ޙާލަތްތަކަށް ރިޢާޔަތްކޮށް އިންސާފު ޤާއިމްކުރުމަކީ އަމާޒެވެ (މިފްކޯ ވ. ސީ އެންޑް ސަން). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 28-29)
- ދަށުކޯޓުން ދިން މުއްދަތުގެ ތެރޭގައި ހެކި ހުށަހަޅަން އީ-މެއިލުން ފޮނުވި ނަމަވެސް އެޑްރެހުގައި ޙަޤީޤަތުގައި އަރާފައިވާ އޮޅުމެއްގެ ސަބަބުން ކޯޓަށް ނުލިބި، އަދި އެ ލިޔުންތަކަކީ ދަޢުވާއާ ގުޅުންހުރި މުހިންމު ލިޔުންތަކެއް ނަމަ، ހައިކޯޓުން އެ ހެކި ބަލައިގަނެ، އެކަމުގެ މައްޗަށް މައްސަލަ ދަށުކޯޓަށް ތަޙްވީލުކުރުމަކީ ޤާނޫނާ ޚިލާފު ކަމެއް ނޫނެވެ؛ އެފަދަ ލިޔުންތައް އެއްފަރާތްކޮށް ގޮތް ކަނޑައެޅުމަކީ އިންސާފުވެރި ގޮތެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 37-39)
- އިސްތިއުނާފުގައި ހުށަހަޅާ ހެކިތަކާމެދު ޖަވާބުދާރީވުމުގެ ފުރުޞަތު ދެކޮޅު ފަރާތަށް ލިބެންޖެހެއެވެ؛ ނަމަވެސް ހައިކޯޓުގެ އަޑުއެހުންތަކުގައި އެ ހެކި ބަލައި ދިރާސާކުރުމަށް އެދިފައި ނުވާނަމަ، އެ ފުރުޞަތު ނުލިބުނު ކަމަށް ބުނާ ބުނުމަށް ބާރެއް ނުލިބެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 40)
- ހައިކޯޓުން މައްސަލަ ތަޙްވީލުކޮށް މައުޟޫޢީ އެއްވެސް ކަމެއްގައި ގޮތެއް ކަނޑައަޅާފައި ނުވާނަމަ، އިސްތިއުނާފުގައި މައުޟޫޢީ ނުކުތާތަކާމެދު (މިސާލަކަށް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާ، ކުދިންގެ މަޞްލަޙަތު) ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެއް ނާޅައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 42-43)
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2024] SC 50 2022/SC-A/92 ޝަރީޢަތް ނިމުނުގޮތް އާމިނަތު ޢަފިއްޔާ ވ. މުޙައްމަދު ނަބީލް ޢަބްދުލްޤަދީރު ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ނިމުނު ތާރީޚު 25 ސެޕްޓެންބަރު 2024
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2022/HC-A/175 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް މުޙައްމަދު ނަބީލް ޢަބްދުލްޤަދީރު، ތިރުގެ، ގއ. ދާންދޫ އާމިނަތު ޢަފިއްޔާ، މ. ލަމްހާ، މާލެ ޤާނޫނީ ވަކީލު: ސައްފާޙު މުޙައްމަދު، ޑިއެވޮކެޓްސް ޗެމްބަރސް އެލްއެލްޕީ ޤާނޫނީ ވަކީލު: ޢަބްދުﷲ ރަޝީދު، ކްރިސްޓަލް ޗެމްބަރސް ތަދައްޚުލު ކުރެވުނު ފަރާތް ދައުލަތް (މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ، އެންޑް ސޯޝަލް ސަރވިސަސް) ޤާނޫނީ ވަކީލު: ލޫޠު މުޙައްމަދު، ސްޓޭޓް އެޓަރނީ މަދަނީ – ތަދައްޚުލުކުރުވުން - އެގްރިމެންޓާ ޚިލާފުވުމުން ހުށަހަޅާ މައްސަލަ – ޢިމާރާތް ކުއްޔަށް ދިނުން – ދަށު ކޯޓަށް ހުށަހެޅިފައި ނުވާ އައު ހެކި ހައިކޯޓަށް ހުށަހެޅުން ފިހުރިސްތު
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު 1
ތަޢާރުފު 1
ފަސްފަހަތް 1
ސިވިލް ކޯޓުން މައްސަލަ ނިންމި ގޮތް 4
ހައިކޯޓުން މައްސަލަ ނިންމި ގޮތް 5
ސުޕްރީމް ކޯޓަށް ހުށަހެޅުނު އިސްތިއުނާފީ ނުކުތާތައް 6
އިސްތިއުނާފީ ނުކުތާތަކުގެ ރައްދު 9
ތަދައްޚުލުކުރި ފަރާތުގެ ހުށަހެޅުން 9
ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާ 10
އިސްތިއުނާފީ މައްސަލަތައް ބެލުމުގެ އުޞޫލުތައް 11
ހައިކޯޓަށް އައުހެކި ހުށަހެޅުމުގެ އުޞޫލު 12
ހައިކޯޓަށް ހުށަހެޅުނު އައު ހެކި 13
ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާ އާ ގުޅޭ 17
ކުދިންގެ މަޞްލަޙަތު 18
މައްސަލަ ނިންމަން ފެންނަ ގޮތް 18
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު 19
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު 19
ޙުކުމް 19
` އާމިނަތު ޢަފިއްޔާ ވ. މުޙައްމަދު ނަބީލް ޢަބްދުލްޤަދީރު [2024] SC 50 ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި) ތަޢާރުފު
1މިއީ ހައިކޯޓުގެ ނަންބަރު 2022/HC-A/175 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލުނު މައްސަލައެކެވެ. މި މައްސަލަ އިސްތިއުނާފު ކޮށްފައިވަނީ، މ. ލަމްހާ، އާމިނަތު ޢަފިއްޔާއެވެ.1 އަދި އިސްތިއުނާފު ރައްދުވަނީ ގއ. ދާންދޫ، ތިރުގެ، މުޙައްމަދު ނަބީލް ޢަބްދުލްޤަދީރު އަށެވެ.2
2މި މައްސަލައިގައި އުފެދިފައިވާ ދެބަސްވުމުގައި ހިމެނޭ މއ. ހަތްކުރި3 އެވެ ކިޔާ ގޯތި ރަޖިސްޓްރީ ކުރެވިފައިވަނީ އާމިނަތު ޢަފިއްޔާގެ ދެ ކުދިންގެ ނަމުގައި ކަމުގައިވާތީ، އެ ދެ ކުދިންގެ މަޞްލަޙަތެއް މި މައްސަލައިގައި ވެއެވެ. އަދި މި ވަގުތު އެ ދެ ކުދިން ތިބީ ދައުލަތުގެ ބެލުމުގެ ދަށުގައި ކަމަށްވާތީ، އެ ދެ ކުދިންގެ މަޞްލަޙަތުގައި މި މައްސަލައަށް ދައުލަތް (މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް) ތަދައްޚުލުކުރެވިފައިވެއެވެ.
ފަސްފަހަތް
3ސިވިލް ކޯޓުގެ ނަންބަރު 3385/Cv-C/2020 ޤަޟިއްޔާއިން، މއ. ކްރިސްޓޯ އެވެ ކިޔާ ބަންޑާރަ ގޯތީގެ ހުޅަނގު އުތުރުން ބުލްބުލް ގޯޅިން ވަދެ ނިކުމެވޭ ގޮތަށް އޮންނަ 320 (ތިންސަތޭކަވިހި) އަކަފޫޓުގެ ބިމެއް މުޙައްމަދު އިޤްބާލްއަށް4 ލިބިދީފައިވެއެވެ. މި ބިމުގައި ޢިމާރާތް ކުރުމަށް މުޙައްމަދު އިޤްބާލް އާއި މުޙައްމަދު ނަބީލް ޢަބްދުލްޤަދީރު އާ ދެމެދު 25 ޑިސެންބަރު 2015 ގައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.
4މި އެއްބަސްވުމަކީ މުޙައްމަދު ނަބީލް ޢަބްދުލްޤަދީރުގެ އަމިއްލަ ޚަރަދުގައި އެ ބިމުގެ އިންފާރު ރާނައި، ފެނާއި ނަރުދަމާލައި، ސަރުކާރުން ހުއްދަދޭ ގޮތުގެ މަތިން އެ ބިމުގައި 05 ބުރީގެ އިމާރާތެއް އެޅުމަށް، އެ ބިން މުޙައްމަދު ނަބީލް ޢަބްދުލްޤަދީރަށް ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ މުއްދަތު ގުނަން ފަށާފައިވަނީ 01 ޖަނަވަރީ 2016 އިންނެވެ. އަދި މި މުއްދަތު ނިމެނީ 31 ޑިސެންބަރު 2033 އަށެވެ.
5މި އެއްބަސްވުމުގައިވާ ގޮތުން މުޙައްމަދު ނަބީލް ޢަބްދުލްޤަދީރުއަށް ޢިމާރާތް ކުރުމަށް ފަހު އޭނާއަށް ލިބޭ ފްލޯތަކަކީ ގްރައުންޑް ފްލޯރ އާއި ފަސްޓް ފްލޯރ އާއި ސެކަންޑް ފްލޯރ އެވެ. އަދި އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން 5 އަހަރު ތެރޭގައި އިމާރާތުގައި ހަދާ ބާކީ 2 ފްލޯރ މުޙައްމަދު އިޤްބާލް އާ ޙަވާލުކުރެވޭނެ ކަމަށް އެއްބަސްވުމުގެ 9 ވަނަ މާއްދާގައި ވެއެވެ. އަދި ބާކީ ހުރި ފްލޯރތައް މުޙައްމަދު އިޤްބާލް އާ ޙަވާލުކުރެވޭނީ އެއްބަސްވުމުގެ މުއްދަތު ނިމުމުން ކަމަށް ވެސް އެއްބަސްވުމުގައި ބަޔާންވެގެންވެއެވެ.
6ކުލި ދެއްކުމަށް ދެ ފަރާތުން އެއްބަސްވެފައިވާ ގޮތަށް ބަލާއިރު، އެއްބަސްވުމުގެ މުއްދަތުގައި ކުލީގެ ގޮތުގައި ފުރަތަމަ 06 މަހުގައި 5000/-ރ. (ފަސްހާސް ރުފިޔާ) ކުއްޔަށް ހިފި ފަރާތުން މުޙައްމަދު އިޤްބާލް އަށް ދައްކަން ޖެހެއެވެ.5 އަދި ފުރަތަމަ 06 މަސް ފާއިތުވުމުން، ދެން ހިނގާ ކޮންމެ މަހަކު 12,000/-ރ. (ބާރަހާސް ރުފިޔާ) މުޙައްމަދު އިޤްބާލްއަށް ދައްކަންޖެހެއެވެ.6 އަދި އެއްބަސްވުމުގެ ދަށުން މުޙައްމަދު އިޤްބާލް އާ ޙަވާލުކުރަން ޖެހޭ 02 ފްލޯރ ޙަވާލު ކުރެވެން ދެން މުޙައްމަދު ނަބީލް ޢަބްދުލްޤަދީރު ކުލީގެ ގޮތުގައި 12,000/-ރ. (ބާރަހާސް ރުފިޔާ) މުޙައްމަދު އިޤްބާލްއަށް ދައްކަންޖެހެއެވެ.7
7ކުއްޔަށް ހިފާ ފަރާތުގެ ކިބައިން ޢިމާރާތް އަތުލުމާ ގުޅޭ ގޮތުން އެއްބަސްވުމުގައި ލިޔެފައިވާ މާއްދާތަކަށް ބަލާއިރު، އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 15 އަހަރު ނުވަނީސް އެއްވެސް ޙާލަތެއްގައި ޢިމާރާތް ނުވަތަ ޢިމާރާތުން ބައެއްވެސް އަތުނުލެވޭނެކަމަށް ބަޔާންވެގެންވެއެވެ.8 އަދި 15 އަހަރު ފުރިހަމަ ވުމަށްފަހު ވެސް 16 އަހަރު ފުރިހަމަނުވާ ނަމަ ޢިމާރާތް ނުވަތަ ޢިމާރާތުން ބައެއް ނަމަވެސް އަތުލެވޭނީ ޢިމާރާތް ކުރުމަށް ޚަރަދުވި ފައިސާ ކުއްޔަށްދިން ފަރާތުން ކުއްޔަށްހިފި ފަރާތަށް އެއްފަހަރާ ދިނުމަށްފަހުގައި ކަމަށް ބަޔާންވެފައިވެއެވެ. އަދި މި ނޫން ޙާލަތެއްގައި އެއްބަސްވުން ބާޠިލު ނުކުރެވޭނެކަމަށާއި ޢިމާރާތް ނުވަތަ ޢިމާރާތުން ބައެއް ނަމަވެސް ނުނެގޭނެ ކަމުގައި އެއްބަސްވުމުގައި ލިޔެފައިވެއެވެ.9
8ދެ ފަރާތުގެ ދެމެދުގައި ކުލީގެ އެއްބަސްވުމުގައި ސޮއިކުރިފަހުން، 24 ނޮވެންބަރު 2016 ގައި
މއ. ހަތްކުރި އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހައި ޢިމާރާތްތައް ފެމިލީ ކޯޓުގެ ނަންބަރު
1933/Fm-C/2016 ޤަޟިއްޔާގައި މުޙައްމަދު އިޤްބާލްގެ ފަރާތުން އޭނާގެ ދެ ދަރިންނަށާއި، އަނބިމީހާ، އާމިނަތު ޢަފިއްޔާއަށް ހިބަކޮށްދީފައިވެއެވެ. އަދި ފެމިލީ ކޯޓުން އެ މައްސަލަ ނިމުމުން އެ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ މި ތިން މީހުންގެ ނަމުގައި ހަދާފައިވެއެވެ.10
9ދެ ފަރާތުގެ ދެމެދުގައި ޚުޞޫމަތް އުފެދިފައިވަނީ އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރާ ކަމާމެދުއެވެ. މިގޮތުން އާމިނަތު ޢަފިއްޔާ ބުނާ ގޮތުން އެއްބަސްވުމުގެ ދަށުން މުޙައްމަދު ނަބީލް ޢަބްދުލްޤަދީރު އެއްވެސް ކަމެއް ކޮށްފައި ނުވެއެވެ. މިކަމާ ގުޅިގެން މުޙައްމަދު ނަބީލް ޢަބްދުލްޤަދީރުގެ މައްޗަށް އާމިނަތު ޢަފިއްޔާ ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.11 ސިވިލް ކޯޓުގައި އާމިނަތު ޢަފިއްޔާ އެދިފައިވަނީ، އެއްބަސްވުމާ އެއްގޮތަށް މުޙައްމަދު ނަބީލް ޢަބްދުލްޤަދީރު ޢަމަލުކޮށްފައި ނުވާތީ، އެއްބަސްވުން ބާޠިލު ކޮށްދިނުމަށެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމި ގޮތް
10ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ އާމިނަތު ޢަފިއްޔާ އެދުނު ގޮތަށެވެ. މި ފަދައިން ނިންމުމުގައި އެ ކޯޓުން މައިގަނޑު ގޮތެއްގައި ފާހަގަ ކޮށްފައިވަނީ އެއްބަސްވުމުގެ ދަށުން ޢިމާރާތްކޮށް ކުއްޔަށް ދިން ފަރާތަށް (މުޙައްމަދު އިޤްބާލްއަށް) ޙަވާލުކުރަންޖެހޭ 02 ފްލޯރ ޙަވާލު ކޮށްފައި ނުވާކަމުގައެވެ. އަދި ޢިމާރާތްކޮށްފައިވަނީ ގްރައުންޑް ފްލޯރ އާއި، ފަސްޓް ފްލޯރ އާއި، ސެކަންޑް ފްލޯރ އެކަނި ކަމުގައިވީއިރު، އެ ފްލޯރތަކަކީ، ކުއްޔަށް ހިފިފަރާތް ކަމުގައިވާ މުޙައްމަދު ނަބީލް ޢަބްދުލްޤަދީރަށް ލިބެންޖެހޭ ފްލޯރތަކެއް ކަމުގައިވާއިރު، ކުއްޔަށް ދިން ފަރާތަށް ޙަވާލުކުރާނެ ފްލޯރއެއް ޢިމާރާތް ކުރެވިފައިނުވާ ކަމުގައެވެ.
11ކަންމިހެން އޮތުމުން އެއްބަސްވުމާ އެއްގޮތަށް ޢިމާރާތް ކޮށްފައިނުވާތީ، މުޙައްމަދު ނަބީލް ޢަބްދުލްޤަދީރު އެއްބަސްވުމާ ޚިލާފުވެފައިވާ ކަމުގައި ކަނޑައަޅައި ދެ ފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުން ބާޠިލު ވެއްޖެކަމުގައި ސިވިލް ކޯޓުން ކަނޑައަޅާފައިވެއެވެ.
ހައިކޯޓުން މައްސަލަ ނިންމި ގޮތް
12ސިވިލް ކޯޓުން މި މައްސަލަ ނިންމުމާއެކު، މުޙައްމަދު ނަބީލް ޢަބްދުލްޤަދީރުގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.12
13މި އިސްތިއުނާފުގައި މުޙައްމަދު ނަބީލް ޢަބްދުލްޤަދީރުގެ ފަރާތުން 03 (ތިނެއް) ނުކުތާއެއް ފާހަގަ ކޮށްފައިވެއެވެ. މި ތިން ނުކުތާގެ ތެރެއިން ދެ ނުކުތާއެއްގައި މުޙައްމަދު ނަބީލް ޢަބްދުލްޤަދީރުގެ ފަރާތުން ފާހަގަކޮށްފައިވަނީ މި މައްސަލައިގައި ދެ ފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުން ސިވިލް ކޯޓުން ބާޠިލު ކޮށްފައިވަނީ، އެއްބަސްވުން ބާޠިލު ކުރުމުގައި ބަލަންޖެހޭނެކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް ކަމުގައްޔާއި، މި މައްސަލަ ނިންމާފައިވަނީ އެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ހެކިތަކަށް ރިޢާޔަތްކުރުމެއް ނެތިކަމުގައެވެ. އަދި ބާކީ އޮތް ނުކުތާގައި ފާހަގަ ކޮށްފައިވަނީ، މި މައްސަލައިގައި މުޙައްމަދު ނަބީލް ޢަބްދުލްޤަދީރުގެ ފަރާތުން ހުށަހެޅި ރައްދު ދަޢުވާއަކީ އެ މައްސަލައިގެ ތެރެއިން ބެލޭނެ ދަޢުވާއެއް ނޫންކަމުގައި ސިވިލް ކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމާބެހޭ ޤާނޫނީ އުޞޫލުތަކާ ޚިލާފު ކަމުގައެވެ.13
14މުޙައްމަދު ނަބީލް ޢަބްދުލްޤަދީރު ހުށަހެޅި މި މައްސަލަ ހައިކޯޓުން ވަނީ ސިވިލް ކޯޓަށް ތަޙުވީލު ކޮށްފައެވެ. ހައިކޯޓުގެ ނިންމުމުގައި ފާހަގަ ކޮށްފައިވަނީ ދެ ފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމުގައި، އެއްބަސްވުމާ އެއްގޮތަށް ޢިމާރާތްކުރާ ފްލޯރތައް ކުއްޔަށްދިން ފަރާތާ ޙަވާލުނުކުރެވޭ ޙާލަތުގައި އަމަލުކުރަންޖެހޭ ގޮތް ބަޔާންވެފައިވާ ކަމުގައްޔާއި، އެއްބަސްވުން ބާޠިލު ކުރެވިދާނެ ގޮތްތައް ވެސް އެއްބަސްވުމުގައި ބަޔާންވެފައިވާ ކަމުގައެވެ.
15މީގެ އިތުރުން މި މައްސަލައިގައި މުޙައްމަދު ނަބީލް ޢަބްދުލްޤަދީރު އީ-މެއިލް މެދުވެރިކޮށް ސިވިލް ކޯޓަށް ހެކި ހުށަހެޅުމުގައި މުޙައްމަދު ނަބީލް ޢަބްދުލްޤަދީރަށް އޮޅުމެއް އަރާފައިވާކަން ޤަބޫލު ކުރެވޭ ކަމުގައި ހައިކޯޓުން ފާހަގަ ކޮށްފައިވެއެވެ. މިގޮތުން ސިވިލް ކޯޓަށް ފޮނުވި އީ-މެއިލް، ހައިކޯޓަށް ފޯވަރޑްކޮށްފައިވާއިރު، އެ އީ-މެއިލްގައި ހިމެނޭ ލިޔުންތަކުން މައްސަލައިގައި ވާހަކަ ދެކެވޭ ޢިމާރާތް ކޮށްފައިވަނީ، ކުރެހުން ފާސްކޮށް ހުއްދަތަކެއް ނަގައިގެންކަން ފެންނަން އޮތްކަން ހައިކޯޓުން ފާހަގަ ކޮށްފައިވެއެވެ. އަދި މި ހެކިތައް އެއްފަރާތްކޮށް މައްސަލައިގައި ގޮތް ކަނޑައެޅުމަކީ އިންސާފުވެރި ގޮތެއް ނޫންކަމަށް ހައިކޯޓުން ނިންމާފައިވެއެވެ. އަދި މި ސަބަބަށްޓަކައި، މި މައްސަލައިގައި ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމް ބާޠިލު ކުރުމަށްފަހު، މައްސަލަ ސިވިލް ކޯޓަށް ތަޙުވީލުކުރުމަށް ހައިކޯޓުން ނިންމާފައިވެއެވެ. އަދި މި ނަތީޖާއަށް ވާސިލުވުމުން މުޙައްމަދު ނަބީލް ޢަބްދުލްޤަދީރުގެ ފަރާތުން ހުށަހަޅާފައިވާ ރައްދު ދަޢުވާއާ ގުޅޭ އިސްތިއުނާފީ ނުކުތާއަށް ރިޢާޔަތް ކުރުމުގެ ބޭނުމެއް ނެތްކަމުގައި ހައިކޯޓުން ކަނޑައަޅާފައިވެއެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅުނު އިސްތިއުނާފީ ނުކުތާތައް
16ހައިކޯޓުން މުޙައްމަދު ނަބީލް ޢަބްދުލްޤަދީރު އާ އެއްކޮޅަށް މައްސަލަ ނިމުމުން، އެ މައްސަލަ އާމިނަތު ޢަފިއްޔާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. މި އިސްތިއުނާފުގައި ފާހަގަ ކޮށްފައިވަނީ އަންނަނިވި 02 (ދޭއް) ނުކުތާއެވެ.
(ހ) މި މައްސަލަ ނިންމުމުގައި ދަށު މަރުޙަލާގެ ކޯޓަށް ހުށަހަޅާފައިނުވާ ހެކި ހައިކޯޓަށް ހުށަހެޅުމުގައި ޢަމަލުކުރުމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުޞޫލަށް ރިޢާޔަތްކޮށް އާމިނަތު ޢަފިއްޔާގެ ފަރާތުން ހައިކޯޓުގައި ފާހަގަކުރި ކަންކަމަށް އެ ކޯޓުން ރިޢާޔަތް ކޮށްފައިނުވުން.
(ށ) މި މައްސަލައިގައި މުޙައްމަދު ނަބީލް ޢަބްދުލްޤަދީރު ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާ އާ ކަނޑައެޅިގެން ޚިލާފުވެފައިވާތީ، އެކަމާ ގުޅިގެން ހައިކޯޓުގައި ފާހަގަ ކުރި ނުކުތާތަކަށް މައްސަލަ ނިންމުމުގައި ހައިކޯޓުން ރިޢާޔަތް ކޮށްފައި ނުވުން.
17މި ދެ ނުކުތާގެ ތެރެއިން ފުރަތަމަ ނުކުތާގެ ތަފުސީލުގައި އާމިނަތު ޢަފިއްޔާގެ ފަރާތުން ފާހަގަ ކޮށްފައިވަނީ، މުޙައްމަދު ނަބީލް ޢަބްދުލްޤަދީރު ސިވިލް ކޯޓަށް ހުށަހަޅާފައިވާ ހެކިތަކަށް އެ ކޯޓުން ރިޢާޔަތް ކޮށްފައިނުވާ ކަމުގައި ބުނެ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާ އާ ގުޅިގެން ހައިކޯޓަށް އިތުރު ހެކިތަކެއް ހުށަހަޅާފައިވާ ކަމުގައެވެ. މި ހެކިތައް ހުށަހަޅަމުން ފާހަގަ ކޮށްފައިވަނީ މިއީ އޭނާ އީ-މެއިލް މެދުވެރިކޮށް ސިވިލް ކޯޓަށް ފޮނުވި ހެކިތަކެއް ކަމުގައްޔާއި، އެހެން ނަމަވެސް، ރަނގަޅު ނޫން އީ-މެއިލް އެޑްރެހަކަށް ފޮނުވުމުން އެ ހެކިތައް ސިވިލް ކޯޓަށް ރައްދުވެފައި ނުވާ ކަމުގައެވެ. ނަމަވެސް، މުޙައްމަދު ނަބީލް ޢަބްދުލްޤަދީރު ސިވިލް ކޯޓުގައި ހެކި ހުށަހެޅުމަށް ގަސްދުކުރާ ވާހަކައެއް، ނުވަތަ އެ ކޯޓަށް ފޮނުވުނު އީ-މެއިލެއްގައި ހެކިތަކެއް ފޮނުވުނު ކަމެއް، އަދި އެ ހެކިތަކުން ވަކިކަމެއް އެނގޭ ކަމުގައި ބުނެ ސިވިލް ކޯޓުގައި އެ މޭރުމުން އެއްވެސް ނުކުތާއެއް ފާހަގަ ކޮށްފައިނުވާ ކަމުގައެވެ. އަދި މި މައްސަލަ ހައިކޯޓަށް އިސްތިއުނާފު ކުރިއިރު، މި އިޝާރާތްކުރި އީ-މެއިލްގައި ހިމެނޭ ހެކިތައް ހައިކޯޓަށް ހުށަހަޅާފައިނުވާ ކަމުގައްޔާއި، އެހެން ހެކިތަކެއް ހުރިކަން އެނގިފައިވަނީ، ހައިކޯޓުގައި މައްސަލައިގެ އަޑުއެހުން ފެށުމުގެ ފަހުން ކަމުގައެވެ. އަދި މި ހެކިތަކަކީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ ހެކިތަކަކަށް ނުވެފައި، މިއީ ހައިކޯޓަށް އަލަށް ހުށަހެޅުނު ހެކިތަކެއް ކަމުގައި ބަލަންޖެހޭނެ ކަމުގައެވެ.
18ޢާންމު އުޞޫލަކީ ދަށު މަރުޙަލާގެ ކޯޓަށް ހުށަނޭޅޭ ހެކިތައް އިސްތިއުނާފީ މަރުޙަލާގެ ކޯޓުތަކަށް ބަލައި ނުގަތުން ކަމުގައިވާއިރު، މި މައްސަލައިގައި ސިވިލް ކޯޓަށް ފޮނުވި ހެކިތަކެއް ކަމަށް ބުނެ ހައިކޯޓަށް އައު ހެކިތަކެއް ހުށަހެޅުމުން ހައިކޯޓުން މި ހެކިތައް ބަލައިގަނެ މި ހެކިތަކަށް ރިޢާޔަތްކޮށް، މި މައްސަލައިގައި ސިވިލް ކޯޓުގެ ނިންމުން ހައިކޯޓުން ބާޠިލުކޮށްފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ އާއި، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާ ޚިލާފަށް ކަމުގައި އާމިނަތު ޢަފިއްޔާގެ ފަރާތުން ފާހަގަ ކުރެއެވެ.
19އިސްތިއުނާފީ ދެވަނަ ނުކުތާގެ ތަފުސީލުގައި އާމިނަތު ޢަފިއްޔާގެ ފަރާތުން ފާހަގަކޮށްފައިވަނީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގައި ކޮންޓްރެކްޓުގެ ބައިވެރިންގެ މައްޗަށް ލާޒިމުކުރާ ކަމެއް ކުރަންވާނީ އެ ކޮންޓްރެކްޓުގައިވާ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް ބަޔާންވެގެންވާއިރު، މި މައްސަލައިގައި އޮތް އެއްބަސްވުމާ އެއްގޮތަށް މުޙައްމަދު ނަބީލް ޢަބްދުލްޤަދީރު ޢިމާރާތް ކޮށްފައި ނުވާކަމުގައެވެ. މި އެއްބަސްވުމަކީ ޢިމާރާތް ކުރުމަށްޓަކައި ދެ ފަރާތެއްގެ ދެމެދުގައި އެއްބަސްވެފައިވާ އެއްބަސްވުމެއް ކަމުގައިވެފައި، އެއްވެސް މިންވަރަކަށް ޢިމާރާތް ކޮށްފައިނުވުމުން، ސުޕްރީމް ކޯޓުގެ މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ވ. ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން)14 މައްސަލައިގައި ފާހަގަ ކޮށްފައިވާ ގޮތަށް މުޙައްމަދު ނަބީލް ޢަބްދުލްޤަދީރު މިވަނީ އެއްބަސްވުމުގެ މައިގަނޑު ކަމަކާ ޚިލާފުވެފައި ކަމުގައެވެ. މި ޙާލަތުގައި އެ މައްސަލައިގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުޞޫލުން އެއްބަސްވުން ނިމުމަކަށް އަންނަންޖެހޭނެ ކަމުގައެވެ. އަދި ކަން މިހެން އޮތް ނަމަވެސް، މި މައްސަލަ ނިންމުމުގައި ހައިކޯޓުން މި އިޝާރާތްކުރި ޤާނޫނީ އުޞޫލުތަކަށް ރިޢާޔަތްކޮށްފައި ނުވާކަމުގައެވެ.
އިސްތިއުނާފީ ނުކުތާތަކުގެ ރައްދު
20ހައިކޯޓުން އައު ހެކި ބަލައިގަތް ކަމުގައި ބުނެ އާމިނަތު ޢަފިއްޔާގެ ފަރާތުން ފާހަގަ ކުރި އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ޖަވާބުގައި މުޙައްމަދު ނަބީލް ޢަބްދުލްޤަދީރުގެ ފަރާތުން ފާހަގަ ކޮށްފައިވަނީ އެއީ ހަގީގަތާ ޚިލާފު ނުކުތާއެއް ކަމުގައެވެ. އެހެނީ މި މައްސަލައިގައި ހައިކޯޓުން އައު ހެއްކެއް ބަލައިގަނެ، އެ ހެއްކަށް ބުރަދަނެއް ދީފައިނުވާ ކަމުގައެވެ. އެއާ ޚިލާފަށް ހައިކޯޓަށް ހުށަހެޅުނު ހެކިތަކަކީ ނުވަތަ ލިޔުންތަކަކީ، އެ ލިޔުންތަކުގައިވާ ކަންކަން އަލުން ބަލައި، މައްސަލައިގައި ގޮތެއް ކަނޑައަޅަންޖެހޭ ފަދަ ލިޔުންތަކެއް ކަމުގައި ނިންމާފައިވާ ކަމުގައެވެ. އަދި އެ ލިޔުންތައް ސިވިލް ކޯޓަށް ހުށަހެޅުމުގައި ކަންތައް ހިނގާފައިވާ ގޮތް ހައިކޯޓުން ތަފުސީލުކޮށް ބަލާފައިވާކަން ހައިކޯޓުގެ ނިންމުމުން ހާމަވާކަން މުޙައްމަދު ނަބީލް ޢަބްދުލްޤަދީރުގެ ފަރާތުން ފާހަގަ ކޮށްފައިވެއެވެ.
21ދެވަނަ އިސްތިއުނާފީ ނުކުތާގެ ޖަވާބުގައި މުޙައްމަދު ނަބީލް ޢަބްދުލްޤަދީރުގެ ފަރާތުން ފާހަގަ ކޮށްފައިވަނީ މި މައްސަލައިގެ މައުޟޫޢީ އެއްވެސް ކަމެއްގައި ހައިކޯޓުން ގޮތް ކަނޑައަޅާފައިނުވާ ކަމުގައެވެ. އަދި މި ޙާލަތުގައި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގައިވާ އުޞޫލުން އެއްބަސްވުމުގެ ބައިވެރިންގެ ޢަމަލުތައް ހުރިނެތް ގޮތް ހައިކޯޓުން ވަޒަންކުރާނެ ހާލަތެއް އެ ކޯޓުގެ ކުރިމަތީގައި ނެތް ކަމުގައެވެ. މައްސަލައިގެ ވާޤިޢާތައް ކަށަވަރު ކުރުމަށް ހައިކޯޓުން މި މައްސަލަ ތަޙުވީލުކުރުމަށް ނިންމާފައިވާ ނިންމުމުން އެކަން ސާފުވެގެންދާ ކަމުގައި މުޙައްމަދު ނަބީލް ޢަބްދުލްޤަދީރުގެ ފަރާތުން ފާހަގަ ކޮށްފައިވެއެވެ.
ތަދައްޚުލުކުރި ފަރާތުގެ ހުށަހެޅުން
22ދައުލަތުން (މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް) އިން މި މައްސަލައަށް ތަދައްޚުލުކޮށްފައިވަނީ، މި މައްސަލައިގައި ޚުޞޫމަތް އުފެދިފައިވާ މއ. ހަތްކުރި އެވެ ކިޔާ ގޯތީގެ މިލްކުވެރިންގެ ތެރޭގައި ހިމެނޭ ދެ ކުދިންނަކީ 11 ފެބުރުވަރީ 2022 އިން ފެށިގެން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންކަމަށް ވުމާއެކު، ކޯޓު މަރުޙަލާގައި ކުދިންގެ މަޞްލަޙަތު ހިމާޔަތްކުރާ ފަރާތެއްގެ ހައިސިއްޔަތުންނެވެ.
23ދައުލަތުން މި މައްސަލައިގައި ފާހަގަ ކޮށްފައިވަނީ، މި މައްސަލަ އަކީ ކުދިންގެ މިލްކުވެރިކަން ހިމެނޭ ގޯއްޗެއްގެ މައްސަލައެއް ކަމުގައިވާތީ، އަދި ކުދިން މިވަގުތު ތިބީ ދައުލަތުގެ ބެލުމުގެ ދަށުގައި ކަމަށްވެފައި، މި ކުދިން ހިއްސާވާ މުދަލެއްގެ މުޢާމަލާތެއްގައި ޝަރީޢަތުން ގޮތެއް ކަނޑައެޅުމުގައި ކުދިންގެ މަސްލަޙަތަށް ރިޢާޔަތްކުރަންވާނެ ކަމަށާއި، މި ގޮތުން ގޯއްޗާ ގުޅިގެން މިހާރު ކުރެވިފައިވާ އަދި މުސްތަޤުބަލުގައި ކުރެވޭނެ ފައިސާގެ މުޢާމަލާތްތަކުން މި ކުދިންނަށް ޙައްޤުވާ މިންވަރު ރައްކާތެރިކޮށް އެ ޙައްޤު މި ކުދިންނަށް ކަށަވަރުކޮށް ދޭންޖެހޭނެކަމަށް ދައުލަތުން ދެކޭކަން ފާހަގަ ކޮށްފައިވެއެވެ.
24މީގެ އިތުރުން ދައުލަތުން ފާހަގަ ކޮށްފައިވަނީ، ޢިމާރާތާ ގުޅޭ އެއްބަސްވުމުގެ ދަށުން ކުދިންގެ މަންމައަށް ކުލީގެ ގޮތުގައި ފައިސާ ލިބެމުންދާ ކަމަށާއި، މި ދެ ކުދިންނަކީ ވެސް ގޯތީގެ މިލްކުވެރިންގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތައް ކަމުގައިވެފައި، އިމާރާތުން ކުދިންގެ މަންމައަށް ލިބޭ ކޮންމެ މަންފާއެއް ކުދިންނަށް ލިބެންޖެހޭކަމަށް ދައުލަތުން ޤަބޫލުކުރާ ކަމަށެވެ. މިހެންކަމުން ދައުލަތުން އެދެނީ ސުޕްރީމް ކޯޓުން މި މައްސަލައިގައި ގޮތެއް ކަނޑައަޅާއިރު، މި ދެ ކުދިންގެ ޙައްޤު ހިމާޔަތްކުރެވޭނެ ފަދައަކުން މައްސަލަ ނިންމައިދިނުން ކަމުގައި ދައުލަތުން ފާހަގަ ކޮށްފައިވެއެވެ.
ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާ
25މި މައްސަލައިގައި އެންމެ ފުރަތަމަ ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހެނީ މި މައްސަލަ ސިވިލް ކޯޓަށް ތަޙުވީލުކުރުމަށް ހައިކޯޓުން ނިންމި ނިންމުމާ މެދުގައެވެ. އެއަށް ފަހު، މި މައްސަލައިގެ މައުޟޫޢުގައި، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާ ފާހަގަކޮށް، އާމިނަތު ޢަފިއްޔާގެ ފަރާތުން ފާހަގަކުރި އިސްތިއުނާފީ ދެވަނަ ނުކުތާއާމެދު ގޮތެއް ކަނޑައަޅާނަމެވެ.
އިސްތިއުނާފީ މައްސަލަތައް ބެލުމުގެ އުޞޫލުތައް
26ޕްރިސިޑެންސް 1ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތައް އިސްތިއުނާފު ކުރެވޭ ޙާލަތްތައް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ15 43 ވަނަ މާއްދާގައި ބަޔާންވެފައިވެއެވެ. އަދި އިސްތިއުނާފު ކުރެވޭ ޙާލަތެއް މެދުވެރިވެ، ދަށު މަރުޙަލާގެ ކޯޓެއް ނުވަތަ ޓްރައިބިއުނަލެއްގެ ނިންމުމެއް، ހައިކޯޓަށް އިސްތިއުނާފު ކުރެވޭ ޙާލަތުގައި އެ ކޯޓުން މައްސަލަ ބަލާނެ އުޞޫލު ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންވެފައިވެއެވެ. މިގޮތުން އެ މާއްދާގެ (ހ) ގައި ބަޔާންވެފައިވަނީ، "ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންނެވެ." މި ފަދައިންނެވެ. މި އުޞޫލު އިތުރަށް ތަފުސީލު ކުރަމުން އެ މާއްދާގެ (ށ) ގައި ބަޔާންވެފައިވަނީ، "މި މާއްދާގެ (ހ) ގައި އެހެން ބުނެފައި އޮތުމަކީ ދަށު ކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ހެކި، އިސްތިއުނާފުގެ މަރުޙަލާގައި ހުށަހެޅުމަށް ހުރަސްއަޅާނެ ކަމެއް ނޫނެވެ." މި ފަދައިންނެވެ. ހައިކޯޓުގެ އިތުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ހައިކޯޓުގެ ޙުކުމްތައް އިސްތިއުނާފު ކުރެވޭ ޙާލަތުތައް ތަފުސީލުކޮށް ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.
27ޕްރިސިޑެންސް 2އިސްތިއުނާފީ ކޯޓުތަކުގައި މައްސަލަތައް އިސްތިއުނާފު ކުރެވޭ ޙާލަތުތަކާއި، އިސްތިއުނާފުގެ އޮޅިގަނޑު ގިރާ ކުރުމުގައި ބަލާ މިންގަނޑުތަކަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިންނާއި،16 އަދި އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ފަހުން ވެސް17 ސުޕްރީމް ކޯޓުގެ ގިނަ ނިންމުން ތަކެއްގައި އެކަމުގެ ތަފުސީލު ބަޔާންވެފައިވާ ކަންކަމެވެ. މިގޮތުން، ސުޕްރީމް ކޯޓުގެ ގިނަ ނިންމުންތަކުގައި ފާހަގަ ކޮށްފައިވާ މައިގަނޑު އެއް އުސޫލަކީ، އިސްތިސްނާއީ ނާދިރު ހާލަތެއްގައި މެނުވީ، އިސްތިއުނާފީ ކޯޓުތަކަށް އައު ހުށަހެޅުންތައް ހުށަނޭޅުމުގެ އުސޫލެވެ. އައު ހެކި ހުށަނޭޅުމުގެ އުސޫލެވެ. އެހެން ގޮތަކަށް ބުނާ ނަމަ، ދަށު މަރުޙަލާގައި ވާހަކަ ނުދެއްކޭ ނުކުތާއެއް، ހުށަނޭޅޭ ހެއްކެއް، އެއިގެ މަތީ އިސްތިއުނާފީ މަރުޙަލާގެ ކޯޓަށް ހުށަނޭޅުމެވެ. ސުޕްރީމް ކޯޓުގެ ފާޠިމަތު މަނިކެ ވ. މުޙައްމަދު މަނިކު18 މައްސަލައިގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ފަދައިން ސިވިލް ކޯޓުގައި ފާހަގަ ނުކުރާ ކަމެއް، ނުވަތަ ހެއްކެއް ހައިކޯޓަށް ހުށަނޭޅުމެވެ. އަދި ހައިކޯޓަށް ހުށަނާޅާ ކަމެއް، ނުވަތަ ހެއްކެއް ސުޕްރީމް ކޯޓަށް ހުށަނޭޅުމެވެ.
ހައިކޯޓަށް އައުހެކި ހުށަހެޅުމުގެ އުޞޫލު
28ޕްރިސިޑެންސް 3ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ބަލާއިރު، ދަށު ކޯޓަށް ހުށަނޭޅޭ އައު ހެކި ހައިކޯޓަށް ހުށަހެޅޭ ޙާލަތްތަކެއް އެ ނިންމުންތަކުގައި ބަޔާންވެފައިވެއެވެ. މިގޮތުން ފާހަގަ ކުރެވޭ އެއް ނިންމުމަކީ، ސުޕްރީމް ކޯޓުގެ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް19 މައްސަލައިގެ ނިންމުމެވެ. އެ މައްސަލައިގައި ދަށު ކޯޓަށް ހުށަނޭޅޭ އައު ހެކި ހައިކޯޓަށް ހުށަހެޅިދާނެ ބައެއް ޙާލަތްތައް ލިސްޓުކޮށްފައިވެއެވެ. މިގޮތުން އަންނަނިވި 04 (ހަތަރެއް) ޙާލަތް އެ ނިންމުމުގައި ބަޔާން ކޮށްފައިވެއެވެ.
(ހ) ދަށު ކޯޓު މަރުޙަލާ ހިނގަމުން ދިޔައިރު އެކަށީގެންވާ މަސައްކަތެއް ކޮށްގެންވެސް ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ އައު ހެކި؛
(ށ) ދަށު ކޯޓު މަރުޙަލާ ހިނގަމުން ދިޔައިރު އެކަށީގެންވާ މަސައްކަތެއް ކުރިނަމަ ހުށަހެޅުމުގެ ފުރުޞަތު ލިބޭނެ، އެކަމަކު ހުށަނާޅާ ހެކި؛
(ނ) ދަށު ކޯޓު މަރުޙަލާގައި ލިބެން ހުރި ހެކި ނަމަވެސް، ދަށު ކޯޓުން މައްސަލަ ނިންމާ ގޮތެއްގެ ސަބަބުން ހައިކޯޓަށް ހުށަހަޅާ އިތުރު ހެކި؛
(ރ) ދަށު ކޯޓު މަރުޙަލާގައި ލިބެން ހުރި ހެކި އަދި އެ މަރުޙަލާގައި ހުރިހާ ފަރާތަކުން އެ ހެއްކަށް ދިން ބުރަދަން ކުޑަވި ނަމަވެސް، ހައިކޯޓު މަރުޙަލާގައި އެ ހެއްކާ ގުޅޭ ތަފުސީލު ހުށަހެޅުމަށް ހައިކޯޓު ފަނޑިޔާރުންގެ އިސްނެގުމަކަށް އަންގައިގެން ހުށަހެޅޭ އިތުރު ހެކި.
29މަތީގައި މި އިޝާރާތްކުރި ޙާލަތްތައް އެއިގެ ތަފުސީލާއެކު ބަޔާންކުރުމަށް ފަހު، ހައިކޯޓަށް އައު ހެކި ހުށަހެޅިދާނެ އިތުރު ޙާލަތްތަކެއް ހުރުން އެކަށީގެންވާކަން ބަޔާންކޮށް އެ މައްސަލައިގައި އިތުރަށް ސުޕްރީމް ކޯޓުން ފާހަގަ ކޮށްފައިވަނީ20 އަންނަނިވި ޢިބާރާތެވެ.
"އިސްވެ ބަޔާންކުރެވުނު ޙާލަތްތަކުގެ އިތުރުން ހައިކޯޓަށް ދަށު ކޯޓުގައި ނުދައްކާ ވާހަކަ ނުވަތަ އައު ހެކި ހުށަހެޅުމުގެ އިތުރު ޙާލަތްތަކެއް ހުރުންވެސް އެކަށީގެންވެއެވެ. ކޮންމެ މައްސަލައެއްގައިވެސް ރިޢާޔަތް ކުރަންޖެހޭނީ އެ މައްސަލައެއްގެ ވަށައިގެންވާ ޙާލަތްތަކަށް ކަމުގައިވާއިރު، އައު ހެކި ހައިކޯޓުން ބަލައިގަތުމާމެދު ވަކި ފޯމިޔުލާއެއް ކަނޑައެޅޭނެކަމަކަށް އަހުރެންނަށް ޤަބޫލެއް ނުކުރެވެއެވެ. ކޮންމެ މައްސަލައެއް ބެލުމުގައިވެސް ފަނޑިޔާރުންގެ އަމާޒަކަށް ވާންވާނީ އިންސާފު ޤާއިމްކުރުމެވެ."
ހައިކޯޓަށް ހުށަހެޅުނު އައު ހެކި
30އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ތަފުސީލުގައި އާމިނަތު ޢަފިއްޔާގެ ފަރާތުން ފާހަގަ ކޮށްފައިވަނީ މި މައްސަލަ ނިންމުމުގައި ހައިކޯޓުން ރިޢާޔަތްކޮށްފައިވަނީ ޝަރީޢަތަށް ހުށަނޭޅޭ ހެކިތަކަކަށް ކަމުގައެވެ. މި ފަދައިން ހުށަނޭޅޭ ހެކިތަކަކަށް ހައިކޯޓުން މައްސަލަ ނިންމުމުގައި ރިޢާޔަތްކޮށްގެން ނުވާނެ ކަމުގައެވެ. އަދި ހައިކޯޓަށް ހުށަހެޅުނު ހެކިތަކަށް ޠަޢުނު ކުރުމަށް އެ ހެކިތައް އެ ފަރާތަށް ލިބިފައިނުވާ ކަމުގައެވެ. އަދި މި ހެކިތަކަކީ ހައިކޯޓުގައި މި މައްސަލަ 06 ޖޫން 2022 ގައި ރަޖިސްޓްރީވިއިރު، އެ ކޯޓަށް ހުށަހެޅިފައި ހުރި ހެކިތަކެއް ނޫންކަމުގައްޔާއި، މި ހެކި ހައިކޯޓަށް ހުށަހެޅި އެ ކޯޓުގެ ރެކޯޑުތަކަށް ވަދެފައިވަނީ އެއިގެ ފަހުން 04 ޖުލައި 2022 ގައި ކަމުގައެވެ.
31މުޙައްމަދު ނަބީލް ޢަބްދުލްޤަދީރުގެ ފަރާތުން ހައިކޯޓަށް ހެކިތައް ހުށަހެޅުނު ގޮތުގެ ތަފުސީލު ބަޔާންކުރަމުން ބުނެފައިވަނީ، މި މައްސަލައިގެ އިސްތިއުނާފު ހައިކޯޓަށް ހުށަހެޅުނުއިރު، ސިވިލް ކޯޓުން މައްސަލަ ނިންމި ގޮތުގެ ފުރިހަމަ ރިޕޯޓެއް އެ ފަރާތަށް ލިބިފައިނުވާ ކަމުގައެވެ. އަދި ހުށަހެޅުނު ލިޔުންތަކާ އެކު އެކުލަވާލާފައިވާ ފުރިހަމަ ރިޕޯޓު ލިބުނުއިރު، އެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ހެކިތަކަށް މައްސަލަ ނިންމުމުގައި ރިޢާޔަތް ކޮށްފައި ނުވުމުން ކަންވެފައި އޮތް ގޮތް އިތުރަށް ބަލައި ދިރާސާ ކުރިކަމުގައެވެ. މި ގޮތުން ސިވިލް ކޯޓުގައި 17 ފެބްރުވަރީ 2021 ގައި ބޭއްވުނު އަޑުއެހުމުގައި، 08 އެޕްރީލް 2021 ގެ ކުރިން މުޙައްމަދު ނަބީލް ޢަބްދުލްޤަދީރުގެ ފަރާތުން ހުށަހަޅަން ބޭނުންވާ ހެކި ހުށަހެޅުމަށް އެ ކޯޓުން ފުރުސަތު ދީފައި އޮތް އޮތުމަށް ބިނާކޮށް
08 އެޕްރީލް 2021 ގައި ސިވިލް ކޯޓަށް އީ-މެއިލް މެދުވެރިކޮށް ހެކި ހުށަހެޅި ކަމުގައެވެ. ނަމަވެސް، ސިވިލް ކޯޓުގެ އީ-މެއިލް އެޑްރެސް ލިޔުމުގައި އަރާފައިވާ އޮޅުމެއްގެ ސަބަބުން އެ އީ-މެއިލް އެ ކޯޓަށް ލިބިފައިނުވާކަމަށް ބެލެވޭ ކަމުގައެވެ. އަދި މިކަން ކުރިން އެނގިފައިނުވަނީ އެ އީ-މެއިލް ރިޓަރން ވެސް ވެފައި ނުވުމުގެ ސަބަބުން ކަމުގައެވެ.
3208 އޭޕްރިލް 2021 ގެ ފަހުން ހެއްކާމެދު ވާހަކަ ދެއްކުމަށް ވަކި އަޑުއެހުމެއް ސިވިލް ކޯޓުގައި ތާވަލުކޮށްފައި ނުވާ ކަމުގައްޔާއި އެއިގެ ފަހުން އެ ކޯޓުން މައްސަލައިގެ އަޑުއެހުމެއް ބާއްވާފައިވަނީ 21 ސެޕްޓެންބަރު 2021 ގައި ޚުލާސާ ބަޔާން އިއްވުމަށްކަން މުޙައްމަދު ނަބީލް ޢަބްދުލްޤަދީރުގެ ފަރާތުން ފާހަގަ ކޮށްފައިވެއެވެ.
33އީ-މެއިލްއިން ސިވިލް ކޯޓަށް ފޮނުވުނު ކަމަށް ބަލައިގެންހުރި ހެކި އެ ކޯޓަށް ހުށަނޭޅޭކަން އެނގުމުން، އެ އީ-މެއިލް އިންގޮތަށް ހައިކޯޓަށް ފޮނުވި ކަމުގައްޔާއި، އެއިރު ހައިކޯޓުން މި މައްސަލަ ރަޖިސްޓްރީ ކޮށްފައިވާކަން މުޙައްމަދު ނަބީލް ޢަބްދުލްޤަދީރުގެ ފަރާތުން އިތުރަށް ހާމަކޮށްފައިވެއެވެ.
34ސިވިލް ކޯޓަށް މައްސަލައިގެ ހެކި އީ-މެއިލް ކުރުމުގައި މުޙައްމަދު ނަބީލް ޢަބްދުލްޤަދީރުގެ ފަރާތުން އަރާފައިވާ އޮޅުމަކީ ހަގީގަތުގައި އަރާފައިވާ އޮޅުމެއް ކަމުގައި ހައިކޯޓުން ނިންމާފައިވެއެވެ. މި ފަދައިން ނިންމުމުގައި ސިވިލް ކޯޓަށް ހުށަހެޅުމަށް މަސައްކަތްކުރި ލިޔުންތަކުގައި މި މައްސަލައިގައި ވާހަކަ ދެކެވޭ ޢިމާރާތް ކޮށްފައިވަނީ ކުރެހުން ފާސްކޮށް، ހުއްދަތަކެއް ނަގައިގެންކަން އެ ލިޔުންތަކުން ފެންނަން އޮތްކަން ހައިކޯޓުން ފާހަގަ ކޮށްފައިވެއެވެ. އަދި މި ލިޔުންތައް އެއްފަރާތްކޮށް މައްސަލައިގައި ގޮތް ކަނޑައެޅުމަކީ އެންމެ އިންސާފުވެރި ގޮތް ނޫންކަމުގައި އެ ކޯޓުން ފާހަގަ ކޮށްފައިވެއެވެ.
35މުޙައްމަދު ނަބީލް ޢަބްދުލްޤަދީރުގެ ފަރާތުން ހައިކޯޓަށް ފޯވަރޑްކޮށްފައިވާ އީ-މެއިލަށް ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރު 3385/Cv-C/2020 ޤަޟިއްޔާ އާ ގުޅިގެން 08 އެޕްރީލް 2021 ގައި b3crI@civilcourt.gov.mv އަށް ފޮނުވާފައިވާ އީ-މެއިލެއް ހައިކޯޓުގެ ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގައި ހިމެނިފައިވެއެވެ. މި އީ-މެއިލް ފޮނުވުމުގައި އަރާފައިވާ އޮޅުމަކީ، b3cr1 ލިޔަންޖެހޭ ތަނެއްގައި b3crI ލިޔެވިފައިވުން ކަމުގައި އަޙްމަދު ނަބީލް ޢަބްދުލްޤަދީރުގެ ފަރާތުން ހައިކޯޓުގައި ފާހަގަކޮށްފައިވެއެވެ.21 އަދި އީ-މެއިލުން ފެންނަން އޮތީވެސް މި ފަދައިންނެވެ.
36ހައިކޯޓުގެ ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގައި ހިމަނާފައިވާ އީ-މެއިލްގައި 12 އެޓޭޗްމަންޓްވެއެވެ. މީގެ ތެރޭގައި ޢިމާރާތުގެ ކުރެހުން ސެޓާއި، އިމާރާތުގެ ކުލި އެޑްވާންސްކޮށް ޙަވާލު ކުރެވިފައިވާކަމަށް ބުނާ ލިޔުންތަކާއި، އެކައުންޓް ސްޓޭޓްމަންޓަކާއި، އެކި ސިޓީތައް ހިމެނިފައިވެއެވެ.
37ޕްރިސިޑެންސް 4ހައިކޯޓަށް ހުށަހެޅުނު ހެއްކާބެހޭ ގޮތުން ދެ ފަރާތުން ސުޕްރީމް ކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، 17 ފެބުރުވަރީ 2021 ގައި ސިވިލް ކޯޓުގައި މައްސަލައިގެ ދެ ފަރާތުން ދެއްކި ވާހަކަތައް މަޙުޟަރު ކުރެވިފައިވެއެވެ.22 އަދި އެ ތާރީޚުގެ ފަހުން ދެން އަޑުއެހުމެއް ބޭއްވިފައިވަނީ
01 ސެޕްޓެންބަރު 2021 ގައެވެ.23 އަދި މި ތާރީޚުގެ ކުރިން 08 އެޕްރީލް 2021 ގައި އާމިނަތު ޢަފިއްޔާގެ ވަކީލު ސޮއިކޮށް "ހެކިންގެ ލިސްޓް" ގެ ނަމުގައި ލިޔުންތަކަކާއި، ޝަފަހީ ދެ ހެއްކެއް ސިވިލް ކޯޓަށް ހުށަހަޅާފައިވެއެވެ. މިއީ މުޙައްމަދު ނަބީލް ޢަބްދުލްޤަދީރުގެ ފަރާތުން ސިވިލް ކޯޓަށް ހެކި ހުށަހެޅުމަށް ޝަރީޢަތުން ފުރުސަތު ދިންކަމަށް ބުނާ މުއްދަތުގައި ހުށަހަޅާފައިވާ ހެކިތަކެކެވެ. އަދި މިއީ ހައިކޯޓަށް މުޙައްމަދު ނަބީލް ޢަބްދުލްޤަދީރުގެ ފަރާތުން ފޯވަރޑް ކުރި އީ-މެއިލްގައި ސިވިލް ކޯޓަށް ފޮނުވުމަށް މަސައްކަތްކުރި އީ-މެއިލް ފޮނުވިފައިވާކަމަށް ފެންނަން އޮތް ތާރީޚު ވެސް މެއެވެ. އެހެން ކަމުން އެ ތާރީޚުގައި ސިވިލް ކޯޓުން ހެކި ހުށަހެޅުމުގެ ފުރުސަތު ޚަޞްމުންނަށް ދިންކަމުގައި މުޙައްމަދު ނަބީލް ޢަބްދުލްޤަދީރުގެ ފަރާތުން ބުނާ ބުނުމަށް މިކަމުން ބާރު ލިބެއެވެ.
38މަތީގައި މި ބަޔާންކުރި ކަންކަން އެ ބީދައިން ހުރުމުން ހައިކޯޓުން މި މައްސަލަ ސިވިލް ކޯޓަށް ތަޙުވީލުކުރުމަށް ނިންމާފައިވާ ނިންމުމަށް އަހުރެންނަށް ތާއީދު ކުރެވެއެވެ. އެހެނީ، ހައިކޯޓަށް އައު ހެކި ހުށަހެޅުމާ ގުޅިގެން ސުޕްރީމް ކޯޓުގެ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް24 މައްސަލައިގައި ފާހަގަ ކޮށްފައިވާ ފަދައިން މި މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ރިޢާޔަތްކުރާއިރު، ހައިކޯޓަށް މުޙައްމަދު ނަބީލް ޢަބްދުލްޤަދީރުގެ ފަރާތުން ފޯވަރޑް ކޮށްފައިވާ އީ-މެއިލްގައި ހިމެނޭ ލިޔުންތަކަކީ، މައްސަލަ އާ ގުޅުންހުރި މުހިންމު ލިޔުންތަކެކެވެ. ޢިމާރާތް ކުރުމުގައި އެއްބަސްވުމުގެ ބައިވެރިންގެ ރުހުން އޮތީ ކިހިނަކުން ކަމާމެދު ވާހަކަ ދެކެވިދާނެ ލިޔުންތަކެއް މި ލިޔުންތަކުން ފާހަގަވެއެވެ. ވުމާއެކު، މި ލިޔުންތައް އެއްފަރާތްކޮށް، މައްސަލައިގައި ގޮތް ކަނޑައެޅުމަކީ، އިންސާފުވެރި ގޮތްކަމުގައި އަހުރެންނަށް ނުފެނެއެވެ.
39ކަންމިހެން އޮތުމުން އިސްތިއުނާފީ ފުރަތަމަ ނުކުތާގައި އާމިނަތު ޢަފިއްޔާގެ ފަރާތުން ފާހަގަ ކޮށްފައިވާ ފަދައިން މި މައްސަލައިގައި އައު ހެކި ހައިކޯޓުން ބަލައިގަނެފައިވަނީ އަދި އެ ހެކިތަކުގެ މައްޗަށް ބިނާކޮށް މި މައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓަށް ތަޙުވީލު ކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި އަހުރެން ނުދެކެމެވެ.
40ޕްރިސިޑެންސް 5މީގެ އިތުން ހައިކޯޓަށް ހުށަހެޅުނު ހެކިތައް ބަލައި، އެ ހެކިތަކާމެދު ވާހަކަ ދެއްކުމަށް ހައިކޯޓުގެ މަރުޙަލާގައި ފުރުސަތު ލިބިފައިނުވާ ކަމަށް އާމިނަތު ޢަފިއްޔާގެ ފަރާތުން ފާހަގަކުރާ ކަމަކީ، އެކަން އެ މޭރުމުން ހިނގާފައިވާނަމަ، ކަންބޮޑުވާންޖެހޭނެ ކަމެކެވެ. އެ ހެކިތައް ބަލައި، އެ ހެކިތަކާ ގުޅިގެން ޖަވާބުދާރީވުމުގެ ފުރުސަތު އާމިނަތު ޢަފިއްޔާއަށް ލިބެންޖެހޭނެ ކަމުގައި ގަބޫލު ކުރަމެވެ. ނަމަވެސް ހައިކޯޓަށް ހުށަހެޅުނު ހެކިތައް ބަލައި ދިރާސާކުރުމަށް އެ ކޯޓުގެ އިސްތިއުނާފީ އަޑުއެހުންތައް ކުރިއަށް ދިޔައިރު އާމިނަތު ޢަފިއްޔާގެ ފަރާތުން އެދިފައިވާކަން އެ ކޯޓުގެ މަޙްޟަރު ބަޔާންތަކުން ފެންނަން ނެތްކަން ފާހަގަ ކުރެވެއެވެ.
ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާ އާ ގުޅޭ
41އިސްތިއުނާފީ ދެވަނަ ނުކުތާގައި އާމިނަތު ޢަފިއްޔާގެ ފަރާތުން ފާހަގަ ކޮށްފައިވަނީ، މި މައްސަލައިގައި މުޙައްމަދު ނަބީލް ޢަބްދުލްޤަދީރު ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާ އާ ކަނޑައެޅިގެން ޚިލާފުވެފައިވާތީ، އެކަމާ ގުޅިގެން ހައިކޯޓުގައި ފާހަގަ ކުރި ނުކުތާތަކަށް މައްސަލަ ނިންމުމުގައި ހައިކޯޓުން ރިޢާޔަތް ކޮށްފައިނުވާ ކަމުގައެވެ.
42ޕްރިސިޑެންސް 6މި ނުކުތާއަކީ މައްސަލައިގެ މައުޟޫޢުގެ ތެރޭގައި ކޮންޓްރެކްޓްގެ ބައިވެރިންގެ ޢަމަލުތައް ހުރިނެތް ގޮތާމެދު ހައިކޯޓުގައި އާމިނަތު ޢަފިއްޔާގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް އެ ކޯޓުން ރިޢާޔަތް ކޮށްފައި ނުވާކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެއް ކަމުގައިވާއިރު، ހައިކޯޓުން މި މައްސަލައިގެ މައުޟޫޢީ އެއްވެސް ކަމެއްގައި ގޮތެއް ކަނޑައަޅާފައި ނުވާތީ، މި ނުކުތާ އާމެދު ގޮތެއް ކަނޑައަޅާނެ ތަނެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.
ކުދިންގެ މަޞްލަޙަތު
43ހައިކޯޓުން މި މައްސަލައިގެ މައުޟޫޢީ އެއްވެސް ކަމަކާމެދު ގޮތެއް ކަނޑައަޅާފައި ނުވުމުން، އަހުރެންގެ މި ރައުޔުގައި ވެސް މި މައްސަލައިގެ މައުޟޫޢީ އެއްވެސް ކަމެއްގެ މައްޗަށް ގޮތެއް ކަނޑައެއްނާޅަމެވެ. ކަން މިހެން އޮތުމުން، މއ. ހަތްކުރި25 އެވެ ކިޔާ ގޯތީގެ ރަޖިސްޓްރީގައި ހިމެނިފައިވާ އާމިނަތު ޢަފިއްޔާގެ ދެ ކުދިންގެ މަޞްލަޙަތު ރައްކާތެރިކުރުމުގެ ގޮތުން ވަކިކަމެއް ވަކި ގޮތަކަށް މި މައްސަލައިގެ ތެރެއިން، މި މަރުޙަލާގައި ކަނޑައެޅިދާނެ ކަމުގައި އަހުރެންނަށް ނުފެނެއެވެ.
މައްސަލަ ނިންމަން ފެންނަ ގޮތް
44މަތީގައި ތަފުސީލުކޮށް ފާހަގަ ކުރި ކަންކަމުގެ އަލީގައި، އާމިނަތު ޢަފިއްޔާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/175 ޤަޟިއްޔާ އިސްތިއުނާފު ކުރަމުން ފާހަގަ ކޮށްފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ސިވިލް ކޯޓަށް ތަޙްވީލުކުރުމަށް ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭނެތަނެއް ނެތްކަމުގައި ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
45މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
46މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެ ގޮތުގެ މަތިން ހުރުމާއެކު، މި މައްސަލައިގައި އާމިނަތު ޢަފިއްޔާގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/175 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭނެތަނެއް ނެތްކަމުގައި މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: ޢާއިޝާ ޝުޖޫން މުޙައްމަދު މަޙާޒު ޢަލީ ޒާހިރު މުޙައްމަދު އިބްރާހީމް (ރިޔާސަތު)
1
2
3 މިއީ މއ. ކްރިސްޓޯ އިން މުޙައްމަދު އިޤްބާލްއަށް ލިބުނު ބަޔަށް ކިޔާނަމެވެ.
4
5 އެއްބަސްވުމުގެ 06 ވަނަ މާއްދާ، މި މާއްދާގައި ވަނީ، "އެއްބަސްވުމުގެ މުއްދަތުގައި ކުލީގެ ގޮތުގައި ފުރަތަމަ 6 (ހައެއް) މަހުގައި، 5000.00 (ފަސްހާސް ރުފިޔާ) ކުއްޔަށް ހިފި ފަރާތުން ކުއްޔަށްދިން ފަރާތަށް ދައްކަން ޖެހެއެވެ." މި ފަދައިންނެވެ.
6 އެއްބަސްވުމުގެ 7 ވަނަ މާއްދާ، މި މާއްދާގައި ވަނީ، "އެއްބަސްވުމުގެ މުއްދަތުގައި ކުލީގެ ގޮތުގައި ފުރަތަމަ 6 (ހައެއް) މަސް ނިމި ދެން ހިނގާ ކޮންމެ މަހަކަށް 12000.00 (ބާރަހާސް ރުފިޔާ) ކުއްޔަށް ހިފި ފަރާތުން ކުއްޔަން ދިން ފަރާތަށް ދައްކަން ޖެހެއެވެ." މިފަދައިންނެވެ.
7 އެއްބަސްވުމުގެ 12 ވަނަ މާއްދާ، މި މާއްދާގައިވަނީ، "އެއްބަސްވުމުގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން 2 ފްލޯ ޙަވާލުކުރެވެންދެން، ކުއްޔަށް ހިފި ފަރާތުން ކުއްޔަށް ދިން ފަރާތަށް މަހަކު 12000.00 (ބާރަހާސް) ރުފިޔާ ދޭނެއެވެ." މިފަދައިންނެވެ.
8 އެއްބަސްވުމުގެ 15.1 ވަނަ މާއްދާ، މި މާއްދާގައިވަނީ، "އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 15 (ފަނަރަ) އަހަރު ނުވަނީސް އެއްވެސް ޙާލަތެއްގައި ޢިމާރާތް ނުވަތަ ޢިމާރާތުން ބައެއްވެސް އަތުނުލިވޭނެއެވެ." މިފަދައިންނެވެ.
9 އެއްބަސްވުމުގެ 15.2 ވަނަ މާއްދާ، މި މާއްދާގައިވަނީ، "އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 15 (ފަނަރަ) އަހަރު ދުވަސްވުމަށްފަހު، 16 (ސޯޅަ) އަހަރު ފުރިހަމަ ނުވާނަމަ، ކުއްޔަށްދިން ފަރާތުން ޢިމާރާތް ނުވަތަ ޢިމާރާތުން ބައެއް ނަމަވެސް އަތުލެވޭނީ، ޢިމާރާތްކުރުމަށް ޚާރަދުވި ފައިސާ ކުއްޔަށްދިން ފަރާތުން ކުއްޔަށް ހިފި ފަރާތަށް އެއްފަހަރާ ދިނުމަށްފަހުގައެވެ." މިފަދައިންނެވެ.
10 ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ނަންބަރު ބ.18904
11 ސިވިލް ކޯޓުގެ ނަންބަރު 3385/Cv-C/2020 ޤަޟިއްޔާ
12 ހައިކޯޓުގެ ނަންބަރު 2022/HC-A/175 ޤަޟިއްޔާ
13 މުޙައްމަދު ނަބީލް ޢަބްދުލްޤަދީރުގެ ފަރާތުން އިޝާރާތްކޮށްފައިވާ ރައްދު ދަޢުވާއަކީ، ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގެ ޖަވާބުގައި، އެއްބަސްވުމާ އެއްގޮތަށް ފްލޯރތައް ޙަވާލު ނުކުރެވޭ ޙާލަތުގައި ކުލި ދައްކަން އެއްބަސްވުމުގައި އޮތް ގޮތަށް އަމަލުކޮށް އެޑްވާންސްކޮށް އާމިނަތު ޢަފިއްޔާ ކުލި އަތުލަމުން ދިޔަކަން ފާހަގަކޮށް ހުށަހެޅި ހުށަހެޅުމެވެ.
14 [2021] SC 65
15 ޤާނޫނު ނަންބަރު 2010/22
16 ސުޕްރީމް ކޯޓުގެ ފާޠިމަތު މަނިކެ ވ. މުޙައްމަދު މަނިކެ (2009/SC-A/14)، މި މައްސަލަ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން 07 ސެޕްޓެންބަރު 2009 ގައެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ 21 އޮކްޓޫބަރު 2010 ގައެވެ.
17 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ޢަމަލުކުރަން ފެށި ފަހުން ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލަތަކުގެ ތެރޭގައި، އިބްރާހީމް ޖިހާދު ވ. ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް (2019/SC-L/91) މައްސަލަ އާއި، އަޙްމަދު ރަޝީދު ވ. ވިލާ އެޑިއުކޭޝަނަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް [2023] SC 36 މައްސަލަ އާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ [2022] SC 39 މައްސަލަ އާއި، މޯލްޑިވިސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ވ. ލަނޑާ ގިރާވަރު ޕްރައިވެޓް ލިމިޓެޑް[2022] SC 22 މައްސަލަ އާއި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. އެޗް.ޕީ.އެލް ރިޒޯޓްސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް[2022] SC 23 މައްސަލަ އާއި، އަޙްމަދު މުޙައްމަދު އާއި މުޙައްމަދު ޖަމްޝީދު ވ. އެޓަރނީ ޖެނެރަލްގެ އޮފީސް [2022] SC 26 މައްސަލަ އާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މިޢުޝާރު ޞާލިޙް [2022] SC 70 މައްސަލަ ހިމެނެއެވެ.
18 ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-A/14 ޤަޟިއްޔާ
19 ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/18 ޤަޟިއްޔާ
20 ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު. އެހެން ފަނޑިޔާރުން ތާއީދުކުރައްވާފައި.
21 ހައިކޯޓުގެ ނަންބަރު 2022/HC-A/175 ޤަޟިއްޔާއާ ގުޅިގެން 08 އޮގަސްޓު 2022 ގައި ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައިގެ ބަޔާން، 67 ވަނަ ޞަފުޙާ
22 ސިވިލް ކޯޓުގެ ނަންބަރު 3385/Cv-C/2020 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު، ޞަފުޙާ 111
23 އބމ،ޞަފުޙާ 113
24 ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/18 ޤަޟިއްޔާ
25 މިއީ މއ. ކްރިސްޓޯ އިން މުޙައްމަދު އިޤްބާލްއަށް ލިބުނު ބަޔަށް ކިޔާނަމެވެ.
2019/SC-A/300 [2021] SC 778
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާ
- 2009/SC-A/14 (ފާޠިމަތު މަނިކެ ވ. މުޙައްމަދު މަނިކު)
- 2016/SC-A/18 (މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް)
- 2019/SC-L/91 (އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް)
- [2023] SC 36 (އަޙްމަދު ރަޝީދު ވ. ވިލާ އެޑިއުކޭޝަނަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް)
- [2022] SC 39 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ)
- [2022] SC 22 (މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ ވ. ލަނޑާ ގިރާވަރު ޕްރައިވެޓް ލިމިޓެޑް)
- [2022] SC 23 (މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ ވ. އެޗް.ޕީ.އެލް ރިޒޯޓްސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް)
- [2022] SC 26 (އަޙްމަދު މުޙައްމަދު އާއި މުޙައްމަދު ޖަމްޝީދު ވ. އެޓަރނީ ޖެނެރަލްގެ އޮފީސް)
- [2022] SC 70 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މިޢުޝާރު ޞާލިޙް)
- [2021] SC 65 (މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ވ. ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން))
- ބެންޗު
- މަޙާޒު ޢަލީ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު، ޑރ. މުޙައްމަދު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 19 އޮކްޓޫބަރު 2022 · ރަޖިސްޓްރީކުރީ 10 ނޮވެމްބަރު 2022 · ނިމުނީ 25 ސެޕްޓެމްބަރު 2024 (22.5 މަސް)