ސައިޓޭޝަން ކޮޕީ ކުރުމަށް
[2023] SC 21
ޤާސިމް މޫސާ ވ. ސިވިލް ސަވިރސް ކޮމިޝަން، [2023] SC 21 (2021/SC-A/20)
Qasim Moosa v. Civil Savirs Commission [2023] SC 21 (2021/SC-A/20, Supreme Court of the Maldives, 24 May 2023)
ޤާސިމް މޫސާ ވ. ސިވިލް ސަވިރސް ކޮމިޝަން
މައްސަލައިގެ ޚުލާޞާ
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމީ ވަކިކުރުން ޤާނޫނާ ޚިލާފު ކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށެވެ. ހައިކޯޓުން، މަދަނީ މިންގަނޑުން ހެކި ވަޒަންކުރުމާއި ޖިނާއީ ކުށް ސާބިތުނުވުމަކީ އިދާރީ ފިޔަވަޅަށް ހުރަހެއް ނޫންކަމާއި ނޯޓިސް ނުދީ ވަކިކުރެވޭ ޙާލަތެއްކަން ބަލައި، ޓްރައިބިއުނަލުގެ ނިންމުމަށް ބަދަލު ގެންނަ ސަބަބެއް ނެތް ކަމަށް ނިންމިއެވެ.
2015 އޮކްޓޫބަރު 4 ގައި އިމިގްރޭޝަންގެ ކައުންޓަރަކުން ހަތަރުލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގުނެވެ. އިމިގްރޭޝަންގެ އިދާރީ ތަޙްޤީޤުން، ސީނިއަރ އިމިގްރޭޝަން އޮފިސަރ ޤާސިމް މޫސާގެ ބައިވެރިވުމެއް އޮތް ކަމަށް ފެނުމުން، ސިވިލް ސަރވިސް ގަވާއިދުގެ 273 ވަނަ މާއްދާގެ ދަށުން ނޯޓިސް ނުދީ އޭނާ ވަޒީފާއިން ވަކިކުރިއެވެ. ފަހުން ކްރިމިނަލް ކޯޓުގެ ދެ ޤަޟިއްޔާއިން އޭނާ ބަރީއަވިއެވެ.
ޤާސިމް މޫސާ ބުނީ ބަރީއަކުރި ކްރިމިނަލް ކޯޓުގެ ޙުކުމްތައް އައު ހެކީގެ ގޮތުގައި ހައިކޯޓުން ބަލައިނުގަތުމަކީ ސީ އެންޑް ސަންގެ އުޞޫލާ ޚިލާފު ކަމަށާއި، ތުހުމަތު ސާފުނުކޮށް ދިފާޢުގެ ފުރުޞަތު ނުދީ ވަކިކުރުމަކީ ނާޝިދު ވ. ސިވިލް ސަރވިސް ކޮމިޝަން އާ ޚިލާފު ކަމަށެވެ. ކޮމިޝަނުން ބުނީ ހައިކޯޓުގެ ޙުކުމަށް ބަދަލު ގެންނަ ސަބަބެއް ނެތް ކަމަށެވެ.
މައިގަނޑު ސުވާލު
ޤާސިމް މޫސާ ބަރީއަކުރި ކްރިމިނަލް ކޯޓުގެ ދެ ޙުކުމް އައު ހެކީގެ ގޮތުގައި ހުށަހެޅުމުގެ ފުރުޞަތު ހައިކޯޓުން ނުދިނުމަކީ ޤާނޫނާ ޚިލާފު ކަމެއްތޯ؛ އަދި ވައްކަމުގެ ހާދިސާއަކާ ގުޅިގެން ސިވިލް ސަރވިސް ގަވާއިދުގެ 273 ވަނަ މާއްދާގެ ދަށުން ނޯޓިސް ނުދީ ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބަލައިނުގަނެ، ހައިކޯޓުގެ ޙުކުމް ޤާއިމް
ނިހާއީ ނުވާ ކްރިމިނަލް ކޯޓުގެ ޙުކުމްތަކަކީ އައު ހެއްކެއް ނޫނެވެ؛ އަދި ޖިނާއީ ދަޢުވާއިން ބަރީއަވުމުން އިދާރީ ތަޙްޤީޤު ބާޠިލެއް ނުވެއެވެ. ސީރިއަސް ތުހުމަތާއި މަދަނީ މިންގަނޑަށް ބަލާއިރު ނޯޓިސް ނުދީ ވަކިކުރުމަށް ޢަދުލުވެރި ސަބަބު އޮތެވެ؛ އަދި ވަކިކުރުމުގެ ކުރިން ސުވާލުކޮށް ބަސް ހޯދާފައިވާތީ އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ށ) އާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް ގެ ދަށުން ދަށުކޯޓަށް ނުހުށަހެޅޭ އައު ހެކި ހައިކޯޓަށް ހުށަހެޅޭނީ: (ހ) ދަށުކޯޓު މަރުޙަލާގައި އެކަށީގެންވާ މަސައްކަތެއް ކޮށްގެންވެސް ހުށަހެޅުމުގެ ފުރުޞަތު ނުލިބޭ ހެކި، (ށ) އެކަށީގެންވާ މަސައްކަތެއް ކުރިނަމަ ލިބޭނެ ނަމަވެސް ހުށަނާޅާ ހެކި، (ނ) ދަށުކޯޓުން މައްސަލަ ނިންމި ގޮތުގެ ސަބަބުން ހުށަހަޅާ އިތުރު ހެކި، އަދި (ރ) ހައިކޯޓު ފަނޑިޔާރުންގެ އިސްނެގުމަކަށް ހުށަހެޅޭ އިތުރު ހެކި ފަދަ ޙާލަތްތަކުގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20، 22)
- އިސްތިއުނާފުކުރުމުގެ ފުރުޞަތު އޮތް، ނިހާއީ ނުވާ ކްރިމިނަލް ކޯޓުގެ ޙުކުމްތަކަކީ ހައިކޯޓުން ބަލައިގަނެ އެއަށް ބިނާކޮށް ނިންމުމެއް ނިންމިދާނެ ދަށުކޯޓުގެ ނިންމުންތަކެއް ނޫނެވެ؛ އަދި އެއީ ސީ އެންޑް ސަން ގައި ބުނާ ފަދަ އައު ހެއްކެއްވެސް ނޫނެވެ. ނަމަވެސް، އައު ހެކި ހުށަހެޅުމަށް އެދުނު ފަރާތަކަށް އެ ފުރުޞަތު ނުދިން ސަބަބު އެނގުމަކީ އިންޞާފަށްޓަކައި މުހިންމު ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23-25)
- ޖިނާއީ ތުހުމަތެއްގައި ދަޢުވާ ސާބިތުނުވިޔަސް ނުވަތަ ތުހުމަތުން ބަރީއަވިޔަސް، އެ ވާޤިޢާތަކުގެ މައްޗަށް ބިނާކޮށް ހިންގި މަދަނީ/އިދާރީ ތަޙްޤީޤަކަށް ބިނާކޮށް ސުލޫކީ ފިޔަވަޅު ނުވަތަ ވަޒީފާއިން ވަކިކުރުން ފަދަ އިދާރީ ފިޔަވަޅު އެޅުމަކީ މަނާ ކަމެއް ނޫނެވެ؛ ސަބަބަކީ އެފަދަ މައްސަލަތަކުގައި ވާޤިޢާތައް ސާބިތުކުރަންޖެހެނީ ޖިނާއީ މިންގަނޑަށްވުރެ ލުއި މަދަނީ މިންގަނޑުން ކަމުންނެވެ. އެހެންކަމުން ފަހުން ޖިނާއީ ދަޢުވާއިން ބަރީއަވުމުން އިދާރީ ތަޙްޤީޤާއި އެއަށް ބިނާކޮށް އެޅި ފިޔަވަޅުތައް ބާޠިލެއް ނުވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26-27، މުޙައްމަދު ޝަމްޢޫން ނަޞީރު ވ. އެޓަރނީ ޖެނެރަލްގެ އޮފީސް އަށް ތަބާވެ)
- ނޯޓިސް ނުދީ ވަކިކުރެވޭނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 (ހ) އަދި (ށ) ގެ ދަށުން ޢަދުލުވެރި ސަބަބެއް (ޣައިރުސުލޫކީ ޢަމަލެއް ނުވަތަ ޚިޔާނާތެއް) އޮވެގެންނެވެ. ފާޅުކަންބޮޑު ޣައިރުސުލޫކީ ޢަމަލަކަށް ބެލެވޭނީ ވަޒީފާގެ ގުޅުން އެއްކޮށް ކެނޑޭ މިންވަރުގެ ސީރިއަސް ޢަމަލެއް (ޖައުހަރީ ޝަރުޠަކާ ޚިލާފުވުން، އިތުބާރާއި އަމާނާތްތެރިކަން ގެއްލުން، ނުވަތަ ވަޒީފާގެ އިލްތިޒާމުތަކާ އަސާސީގޮތުން ޚިލާފުވުން) ކަމަށްވާނަމައެވެ؛ އޭގެ ސީރިއަސްކަން މަސައްކަތުގެ ބާވަތާއި މަޤާމާއި މަސްއޫލިއްޔަތާއި އަމާނާތްތެރިކަމުގެ ޒިންމާއާ ގުޅިގެން ތަފާތުވެދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 30-33)
- ވަޒީފާއާބެހޭ ޤާނޫނުގެ 23 (ށ) (1) ގެ ދަށުން ވަކިކުރުން ބިނާކުރި ކަންކަމާއި ތުހުމަތުތަކުގެ ދޮގުތެދު ވަޒީފާދޭ ފަރާތުން ސާބިތުކުރަންޖެހޭނީ ބޮޑަށް ބުރަވެވޭ ގޮތުގެ (މަދަނީ) މިންގަނޑުންނެވެ؛ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގައިވާ ޖިނާއީ މިންގަނޑަކީ ވަޒީފާއާ ގުޅޭ މައްސަލަތަކުގައި ބަލާ މިންގަނޑެއް ނޫނެވެ. ޔުނިފޯމް އެޅި ޒިންމާދާރު މަޤާމެއްގައި ހުރި މުވައްޒަފަކު ވަޒީފާ އަދާކުރާ ތަނުގައި ހިނގި ވައްކަމެއްގައި ބައިވެރިވި ކަމަށް އިދާރީ ތަޙްޤީޤުން ފެނިފައިވާއިރު، ބުއްދިވެރި ވަޒީފާދޭ ފަރާތަކުން އޭނާ ވަޒީފާގައި ބަހައްޓަން ބޭނުންވާނެ ކަމަށް ނުބެލެވޭތީ، ނޯޓިސް ނުދީ ވަކިކުރުމަކީ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކޮށްގެން ކުރި ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 34-42)
- ނޯޓިސް ނުދީ ވަކިކުރެވޭ ޙާލަތުގައި ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ފުރުޞަތު ދެވޭ މިންވަރު ކަނޑައެޅެނީ ވަކިކުރެވޭ ޙާލަތާއި ވަގުތާއި ތުހުމަތުގެ ޠަބީޢަތަށް ބަލައެވެ؛ ލިޔުމުން ޖަވާބުދާރީވުމުގެ ފުރުޞަތު ނުދެވުނަސް ތުހުމަތު ސާފުކޮށްދީ ސުވާލުކުރެވިދާނެއެވެ. އިދާރީ ތަޙްޤީޤުގައި މުވައްޒަފާ ސުވާލުކޮށް، އޭނާ ބަސް ބުނެފައިވާއިރު، ވަކިކުރުމުގެ ސަބަބު އަންގާފައިވާނަމަ، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުވި ކަމަށް ނުބެލެވޭނެއެވެ. (އެ ޙާލަތުގައި އޮތް ސިވިލް ސަރވިސް ގަވާއިދު 2014 ގެ 273 ވަނަ މާއްދާގެ ދަށުން ޖަވާބުދާރީވުމުގެ ފުރުޞަތު ދިނުމަކީ އިޚްތިޔާރީ ކަމެކެވެ.) (ޙުކުމްގެ ޕެރެގްރާފް ނަންބަރު 37، 43-51)
- މުޙައްމަދު ނާޝިދު ވ. ސިވިލް ސަރވިސް ކޮމިޝަން ގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުވާ ކަމަށް ނިންމީ، މުވައްޒަފުގެ ވާހަކަ އޮތްކަމެއްވެސް ނޭނގޭ އިންޓެލިޖެންސް ރިޕޯޓަކަށް ބިނާކޮށް، ސަބަބު ނާންގައި ނުވަތަ ސާފުނުކޮށް ވަކިކުރުމުންނެވެ؛ އިދާރީ ތަޙްޤީޤުގައި ސުވާލުކޮށް ސަބަބު އަންގާފައިވާ މައްސަލަތަކާ އެ މައްސަލަ ތަފާތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 43-44)
ތަޢާރަފް ކަން ހިނގާފައިވާ ގޮތުގެ ޚުލާސާ ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން މައްސަލަ ނިންމިގޮތް ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމިގޮތް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ނުކުތާތައް އިސްތިއުނާފުގެ ތަފްސީލުގައި ދައްކާފައިވާ ވާހަކަ ތަކުގެ ޚުލާސާ (ހ) އައުހެކި ހުށަހަޅަން ފުރުސަތު ނުދިނުން (ށ) ވަޒީފާއިން ވަކިކުރުމުގައި ޢަމަލު ކުރަންޖެހޭ ލާޒިމުކުރާ އިޖުރާއަތުތައް: މައުޟޫއީ އަދި އިޖުރާއީ ޢަދުލުވެރިކަން ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރުން ޤާސިމް މޫސާ ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ގާއިމުކުރެވިފައިވޭތޯ ޤާސިމް މޫސާ ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ގާއިމު ކުރެވިފައިވޭތޯ މައްސަލަ ނިންމަން ފެންނަގޮތް ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު ޙުކުމް
ޤާސިމް މޫސާ ވ. ސިވިލް ސަރވިސް ކޮމިޝަން
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)ތަޢާރަފްދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/23 ގަޟިއްޔާ ނިންމާފައި ވަނީ ޤާނޫނާ އެއްގޮތަށް ނޫން ކަމަށް ދެކިގެން އެ ގަޟިއްޔާ އިސްތިއުނާފު ކުރުމަށް ޤާސިމް މޫސާ ގެ ފަރާތުން، ސިވިލް ސަރވިސް ކޮމިޝަންގެ މައްޗަށް ރައްދުވާ ގޮތަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެ ގަޟިއްޔާ އިސްތިއުނާފު ކުރިއެވެ. މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލާފައި ވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/20 ގަޟިއްޔާ އިންނެވެ.
މިއީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުނު ބުނެވުނު އިސްތިއުނާފީ ގަޟިއްޔާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާ ނިޔާއެވެ.
ކަން ހިނގާފައިވާ ގޮތުގެ ޚުލާސާ2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހުގެ 12:41 ހާއިރު ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން (މީގެ ފަހުން "އިމިގްރޭޝަން") ގެ ފޮރިން އެމްޕްލޮއިމަންޓް ސެކްޝަނުގެ ތެރޭގައި ވައްކަމުގެ ހާދިސާއެއް ( މީގެ ފަހުން "ވައްކަމުގެ ހާދިސާ") ހިނގިއެވެ.
މި ވައްކަމުގެ ހާދިސާގައި ވަގަށް ނަގާފައި ވަނީ ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާ އެވެ. އެ ފައިސާ އަކީ އިސްތިއުނާފު ކުރާ ޤާސިމް މޫސާ ވައްކަމުގެ ހާދިސާ ހިނގި ދުވަހު އިން ކައުންޓަރުން ވަގަށް ނެގި ފައިސާ އެވެ. ވައްކަމުގެ ހާދިސާ ހިނގިއިރު ޤާސިމް މޫސާ ހުރީ އިމިގްރޭޝަންގެ ސީނިއަރ އިމިގްރޭޝަން އޮފިސަރެއްގެ މަގާމު ގައެވެ.
ވައްކަމުގެ ހާދިސާގައި ޤާސިމް މޫސާގެ ބައިވެރިވުމެއް ވާކަމަށް ތުހުމަތު ކުރެވުމުން، އެކަމާ ގުޅިގެން އިމިގްރޭޝަން އިން އިދާރީ ތަޙުޤީޤެއް (މީގެ ފަހުން "އިމިގްރޭޝަންގެ އިދާރީ ތަޙުޤީގު") ހިންގިއެވެ. މި އިދާރީ ތަޙުޤީޤުން ނިންމާފައި ވަނީ ވައްކަމުގެ ހާދިސާ ހިނގުމުގައި ޤާސިމް މޫސާގެ ބައިވެރިވުމެއް އޮތް ކަމަށް ފެންނަ ކަމަށެވެ. އެހެންކަމުން، ޤާސިމް މޫސާގެ މައްޗަށް ކުރެވެނީ ދިވެހި ސިވިލް ސަރވިސް ގަވާއިދު 2014 ގެ 28 ވަނަ ޗެޕްޓަރގެ 273 ވަނަ މާއްދާގެ (ށ) ގެ ދަށުން ނޯޓިހެއް ނުދީ ވަޒީފާއިން ވަކިކުރެވިދާނެ ތުހުމަތުތަކެއް ކަމާއި، ވަޒީފާއާ ގުޅޭގޮތުން ގޮތެއް ނިންމުމަށްޓަކައި ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވާފައިވާ ކަމާއި، އަދި ވަކި ގޮތެއް އަންގަންދެން ގޭގައި މަޑުކުރުމަށް އޭނާ އަށް 06 އޮކްޓޫބަރު 2015 ގައި އިމިގްރޭޝަނުން އެންގިއެވެ.
އެއަށްފަހު، ޤާސިމް މޫސާ ވަޒީފާއިން ވަކިކުރެވުނީ 05 ނޮވެންބަރު 2015 ގައެވެ. އަދި އޭނާ ވަޒީފާއިން ވަކިކުރެވުނީ ދިވެހި ސިވިލް ސަރވިސް ގަވާއިދު 2014 ގެ 28 ވަނަ ޗެޕްޓަރގެ 273 ވަނަ މާއްދާގެ (ށ) ގެ ދަށުން ނެވެ. މި މާއްދާ އަކީ މުވައްޒަފަކު ވަޒީފާގައި، އިތުރަށް ބެހެއްޓުމަކީ އެކަށީގެންވާ ހަމަތަކަށް ބަލާއިރު ކުރެވޭނެ ކަމެއް ނޫން ކަމަށް ސިވިލް ސަރވިސް ކޮމިޝަނަށް ފެނިއްޖެ ހިނދަކު ނޯޓިސް އެއް ދިނުމެއް ނެތި ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރާ މާއްދާ އެކެވެ.
ޤާސިމް މޫސާ ވަޒީފާއިން ވަކިކުރުމާ ގުޅިގެން އޭނާ އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބުނަލް އަށް ހުށަހެޅުމުން އެ މައްސަލަ ނިންމާފައި ވަނީ އޭނާ އާ ދެކޮޅަށެވެ. އޭގެ ފަހުން، ޤާސިމް މޫސާ ދިވެހިރާއްޖޭގެ ހައިކޯޓަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން އިސްތިއުނާފު ކުރުމުން އެ މައްސަލަ ވެސް ނިމިފައި ވަނީ އޭނާ އާ ދެކޮޅަށެވެ. މިހާރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކުރިމަތީގައި މި އޮތް މައްސަލަ އަކީ ޤާސިމް މޫސާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން އިސްތިއުނާފު ކުރުމުން ބެލުނު ޤަޟިއްޔާ އެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން މައްސަލަ ނިންމިގޮތްޤާސިމް މޫސާ ވަޒީފާއިން ވަކިކޮށްފައި ވަނީ އޭނާގެ ބާރު ނުހިނގާ ޙާދިސާ އަކާ ގުޅުވައި ވަޒީފާއާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާ އާއި 23 ވަނަ މާއްދާ އާއި ޚިލާފަށް ކަމަށް ބުނެ، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާ ގައިވާ ގޮތުގެމަތިން ވަޒީފާ އަނބުރާ ލިބިދިނުމަށް ސިވިލް ސަރވިސް ކޮމިޝަން (ދިވެހި ދައުލަތް) ގެ މައްޗަށް އަމުރުކޮށް ދިނުން އެދި ޤާސިމް މޫސާގެ ފަރާތުން 04 ފެބުރުވަރީ 2016 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ޝަކުވާ ހުށަހެޅިއެވެ. މި މައްސަލައަށް އެ ޓްރައިބިއުނަލުން ދީފައިވާ ނަންބަރަކީ 30/VTR/2016 އެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން މި މައްސަލަ ނިންމުމުގައި ބަޔާންކޮށްފައި ވަނީ، ޤާސިމް މޫސާ ވަޒީފާއިން ވަކިކޮށްފައި ވަނީ، 4 އޮކްޓޫބަރު 2015 ގައި އިމިގްރޭޝަން ގައި ހިނގި ވައްކަމުގެ ހާދިސާއެއް ގައި، އޭނާގެ ބެލުމުގެ ދަށުގައި ހުރި ހަތަރުލައްކަ އަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގުމުގައި ޤާސިމް މޫސާގެ ބައިވެރިވުމެއް ވާކަން އިމިގްރޭޝަންގެ އިދާރީ ތަޙުޤީޤަށް ސާބިތު ވެފައިވާތީވެ، ޤާސިމް މޫސާ ވަޒީފާ އިން ވަކިކޮށްފައި ވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށް ނިންމައެވެ. އަދި އެދިފައިވާ ބަދަލު ނަގައި ދިނުމަށް ޢަމުރުކުރާނެ ހަމައެއް ނެތް ކަމަށް ވެސް ނިންމައެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމިގޮތްޤާސިމް މޫސާގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓު ގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލާފައި ވަނީ އެ ކޯޓުގެ ނަންބަރު 2018/HC-A/23 ގަޟިއްޔާ އިންނެވެ.
ދިވެހިރާއްޖޭގެ ހައިކޯޓަށް ޤާސިމް މޫސާ ހުށަހެޅި އިސްތިއުނާފީ ނުކުތާގެ މައިގަނޑު ބިނާކޮށްފައި ވަނީ އޭނާ ވަޒީފާއިން ވަކިކުރުމުގައި ތުހުމަތު ކުރެވުނު ކަންކަމާއި ގުޅިގެން ހެކި ވަޒަންކޮށްފައިވާ ގޮތާއި ގުޅޭ ގޮތުންނެވެ. އަދި އެ ވައްކަމުގެ ހާދިސާ އާއި ޤާސިމް މޫސާ އާ ގުޅުމެއް ނެތީސް އޭނާ ވަޒީފާއިން ވަކި ކުރެވުނީ ރަނގަޅަށް ނޫން ކަމަށް ބުނެ ދިނުމަށެވެ. މިކަމުގެ ތަފްސީލުގައި ޤާސިމް މޫސާ އަންނަނިވި ކަންކަމަށް އިޝާރާތް ކޮށްފައި ވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ވައްކަމުގެ ހާދިސާގައި ޤާސިމް މޫސާ ބައިވެރިވުން އޮތްކަމަށް އިމިގްރޭޝަންގެ އިދާރީ ތަޙުޤީޤުން ސާބިތުވާ ކަމަށް ބުނިކަމުގައި ވިޔަސް، މީހެއްގެ މައްޗަށް ކަމެއް ސާބިތު ވާނީ ޝަރުޢީ ކޯޓެއްގެ ޙުކުމަކުން ކަން ދެކޭކަން.
(ށ) ދެވަނަ ކަމަކީ، އިމިގްރޭޝަންގެ އިދާރީ ތަޙުޤީޤު ރިޕޯޓު ތައްޔާރުކޮށްފައި ވަނީ ކަނޑައެޅިގެން ޙަޤީގަތާ ޚިލާފު ވާހަކަ ތަކެއްގެ މައްޗަށް ބިނާކޮށްގެން ކަމާއި، އެ ރިޕޯޓު ތައްޔާރު ކުރި ފަރާތްތައް ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ހާޟިރުކުރުމަށް އެދުމުން އެކަން ކޮށްދީފައި ނުވާކަން.
މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކޮށްފައި ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ނެތް ކަމަށް ކަނޑައަޅައެވެ. މި ނަތީޖާ އަށް ވާސިލުވުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށްފައި ވާކަން އެނގެއެވެ.
(ހ) ޖިނާއީ ކުށެއް ކުރިކަމުގެ ތުހުމަތުގައި ވަޒީފާއިން ވަކިކުރާ ޙާލަތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކަމެއްގެ މައްޗަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލަން ޖެހޭނީ މަދަނީ އަދި އިދާރީ ފިޔަވަޅެއް އެޅުމަށްޓަކައި އެކަން ސާބިތުވާން އޮންނަ މިންގަނޑުން ކަމާއި، އެގޮތުން މަދަނީ އަދި އިދާރީ ފިޔަވަޅެއް އެޅުމުގައި ކަމެއް ސާބިތުވާ ކަމަށް ނިންމަނީ ހުށަހެޅިފައިވާ ހެކި ތަކާއި ޤަރީނާތައް ވަޒަންކޮށް ބަލައި ބޮޑަށް ބުރަވެވޭ ގޮތެއްގެ މައްޗަށް ކަން.
(ށ) މީހެއްގެ މައްޗަށް ޖިނާއީ ކުށެއް ޝަރީޢަތުން ސާބިތުވެފައި ނުވުމަކީ މުވައްޒަފަކާ މެދު އަޅާ އިދާރީ ފިޔަވަޅެއްގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުން ފަދަ ފިޔަވަޅެއް އެޅުމަށް އޮތް ހުރަހެއް ނޫންކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެޓަރނީ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ޝަފީޤް ގަޟިއްޔާ ގައި ޝަރީޢަތުން ފާހަގަކުރި ނުކުތާތަކުގެ (ބ) އިން އެނގޭކަން.
(ނ) އިމިގްރޭޝަންގެ ތަޙުޤީޤު ރިޕޯޓު އެކުލަވާލުމުގައި ޤާސިމް މޫސާ ހާޟިރުކޮށް އޭނާގެ ބަޔާން ސީދާ އެ ތަޙުޤީޤަށް ހޯދާފައި ނުވިނަމަވެސް، އިމިގްރޭޝަނުން ކުރި އިދާރީ ތަޙުޤީޤު ބިނާކޮށްފައި ވަނީ ޙާދިސާ އާ ގުޅޭ ސީސީޓީވީ ފޫޓޭޖް އިން ފެނުނު މަންޒަރު ތަކާއި، ސެކްޝަންގެ އެހެނިހެން މުވައްޒަފުން ދިން މަޢުލޫމާތުގެ މައްޗަށް ބިނާކޮށްގެން ކަމަށް ވާތީވެ، މި ތަޙުޤީޤަކީ މިފަދަ އިދާރީ ފިޔަވަޅެއް އެޅުމަށް އެކަށީގެންވާ މިންވަރަށް ހެއްކާއި ޤަރީނާ އަށް ރިޢާޔަތް ކުރެވިފައިވާ ތަޙުޤީޤެއް ކަމަށް ދެކޭ ކަމާއި އަދި ވައްކަމުގެ ހާދިސާ އާ ގުޅޭ ސީސީޓީވީ ފޫޓޭޖް ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި މި މައްސަލަ ކުރިއަށް ދިޔައިރު ދައްކާފައި ވާކަން އެނގޭކަން.
(ރ) ޤާސިމް މޫސާ ވަޒީފާއިން ވަކިކުރުމުގައި މި އޮތް ހާލަތަށް ރިޢާޔަތްކުރާއިރު އެއީ، އިތުރު ނޯޓިހެއް ދިނުމަކާއި ނުލައި މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެ ޙާލަތެއް ކަމާއި، މި ޙާލަތުގައި ވަޒީފާ އިން ވަކިކުރުމުގެ ކުރިން ޖަވާބުދާރީ ވުމަށް އިތުރު ފުރުޞަތެއް ދިނުމަކީ ވަޒީފާ ދޭ ފަރާތުގެ މައްޗަށް ލާޒިމް ކަމެއް ނޫންކަން.
މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިމުމާ ވިދިގެން ޤާސިމް މޫސާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ނުކުތާތައްދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/23 ގަޟިއްޔާ ނިންމާފައި ވަނީ ޤާނޫނާ އެއްގޮތަށް ނޫން ކަމަށް ބުނެ އެ ގަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި ޤާސިމް މޫސާގެ ފަރާތުން 02 (ދޭއް) ނުކުތާ އެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވެއެވެ.
ފުރަތަމަ ނުކުތާ އަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 30/VTR/2016 މައްސަލައިގެ ނިންމުން ނަފީވާ ގޮތަށް އެ މައްސަލައިގެ މައުޟޫއާ ގުޅުންހުރި މައްސަލަ ތަކެއް ކްރިމިނަލް ކޯޓުން ނިންމާފައި ވާތީ، ދިވެހިރާއްޖޭގެ ހައިކޯޓަށް ޤާސިމް މޫސާ ހުށަހެޅި އިސްތިއުނާފާ މެދު ގޮތެއް ނިންމުމުގައި، ކްރިމިނަލް ކޯޓުގެ އެ ނިންމުންތަކަށް ރިޢާޔަތްކުރަން އެދުނު ނަމަވެސް، އެ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތް ނުކުރުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ށ) އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާއި ޚިލާފު ކަމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދެވަނަ ނުކުތާ އަކީ، ޤާސިމް މޫސާ ވަޒީފާއިން ވަކިކޮށްފައި ވަނީ އޭނާގެ މައްޗަށް ކުރެވުނު ތުހުމަތު ސާފުކޮށް ނުދީ، ކަންވެފައިވާ ގޮތް އެކަށީގެންވާ ގޮތަކަށް ތަޙުޤީޤު ނުކޮށް، އެ ތުހުމަން ބަރީޢަވުމަށް އެއްވެސް ފުރުޞަތެއް ދިނުމަކާ ނުލައި ކަމަށް ވާއިރު އެއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ނާޝިދު ވ. ސިވިލް ސަރވިސް ކޮމިޝަން ފަދަ ގަޟިއްޔާ ތަކުން ކަށަވަރުކޮށްދީފައިވާ، ވަޒީފާއިން ވަކިކުރުމުގައި ޤާއިމްކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރި ކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމު ނުކޮށް ވަޒީފާއިން ވަކިކުރި ކުރުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
އިސްތިއުނާފުގެ ތަފްސީލުގައި ދައްކާފައިވާ ވާހަކަ ތަކުގެ ޚުލާސާޤާސިމް މޫސާ މި އިސްތިއުނާފުގައި ދައްކާފައިވާ ވާހަކަތަށް ބެހެނީ 02 (ދޭއް) ކަމެއްގެ މައްޗަށެވެ.
(ހ) ފުރަތަމަ ކަމަކީ، ވައްކަމުގެ ހާދިސާ އާ ގުޅިގެން ޤާސިމް މޫސާ ވަޒީފާއިން ވަކިކުރެވުނު ފަހުން އެ ވައްކަމުގެ ހާދިސާގައި ކްރިމިނަލް ކޯޓުން ދެ ޙުކުމެއް ކޮށްފައި ވެއެވެ. އޭނާ އާ ވައްކަމުގެ ހާދިސާއާ ގުޅުމެއް ނުވާ ކަމަށް ކްރިމިނަލް ކޯޓުގެ އެ ދެ ޙުކުމުން ސާބިތުވެފައި ވާތީވެ، އެ ދެ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތްކޮށް ދިނުމަށް އެދުނުކަމުގައި ވިޔަސް އެ ކޯޓުން އެކަން ބަލައި ނުގަތުމަކީ، ކަނޑައެޅިފައިވާ އުޞޫލުތަކުން އޭނާ އަށް އައު ހެކި ހުށަހެޅުމަށް ފުރުސަތު ގެއްލުން ކަމަށް ދެކި ފާހަގަކުރި ނުކުތާ އެވެ.
(ށ) ދެވަނަ ކަމަކީ، ޤާސިމް މޫސާ ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ ޢަދުލުވެރި ކަމާއި އަދި އިޖުރާއީ ޢަދުލުވެރިކަން ގާއިމު ނުކުރާ ކަމަށް ބުނެ ފާހަގަކުރި ނުކުތާ އެވެ.
މި އިސްތިއުނާފު ގައި ޤާސިމް މޫސާ އެދިފައި ވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމާއި އަދި ނިންމުން ބިނާކުރެވުނު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ބާތިލު ކަމަށް ކަނޑައަޅައި ޤާސިމް މޫސާގެ ވަޒީފާ އިޢާދަކޮށް ދެއްވުމަށާއި އަދި ވަޒީފާ އިޢާދަކޮށްދިނުމާ ހަމައަށް ލިބިފައިވާ ގެއްލުމުގެ ބަދަލު (މުސާރަ އާއި އިނާޔަތްތައް) ނަގައި ދިނުމަށެވެ.
މި އިސްތިއުނާފު ރައްދުވާ ސިވިލް ސަރވިސް ކޮމިޝަނުން ބުނެފައި ވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ.
(ހ) އައުހެކި ހުށަހަޅަން ފުރުސަތު ނުދިނުންޤާސިމް މޫސާ މި އިސްތިއުނާފު ގައި ފާހަގަކުރާ ފުރަތަމަ ކަމަކީ އައުހެކި ހުށަހަޅަން ފުރުސަތު ނުލިބުނު ކަމަށް ބުނެ ފާހަގަކުރި ނުކުތާ އެވެ. ޤާސިމް މޫސާގެ މައްޗަށް ވަޒީފާއިން ވަކިކުރެވުމުގައި ވައްކަމުގެ ހާދިސާ ގައި އޭނާގެ ދައުރެއް އޮތް ކަމަށް ބެލި ޖިނާއީ ތަޙުޤީޤެއް ކުރެވި ދެ މައްސަލަ އެއްގައި ދައުވާ ކުރެވި ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައި ވަނީ އޭނާ އަށް ކުރެވުނު ތުހުމަތު ތަކުން އޭނާ ބަރީއަވާ ކަމަށެވެ. މިގޮތުން ކްރިމިނަލް ކޯޓުގެ ނަންބަރު408/Cr-C/2017 ޤަޟިއްޔާ އާއި އެ ކޯޓުގެ ނަންބަރު 409/Cr-C/2017 ޤަޟިއްޔާގެ ޙުކުމް 10 ޑިސެންބަރު 2020 ގައި ޙުކުމް ("ކްރިމިނަލް ކޯޓުގެ ދެ ޙުކުމް") ކުރުމާ ވިދިގެން، އެ ދެ ޤަޟިއްޔާގެ ޙުކުމާއި އަދި އެ ޙުކުމަށް ވާޞިލުވި ކަންކަމަށް ރިޢާޔަތްކޮށް ދިނުމަށް އެދި 16 ޑިސެންބަރު 2020 ގައި ސިޓީ އަކުން ދިވެހިރާއްޖޭގެ ހައިކޯޓު ގައި ޤާސިމް މޫސާ ދެންނެވި ކަމަށް އޭނާ ބުނެއެވެ. ނަމަވެސް އެދިފައިވާ ފަދައިން ކްރިމިނަލް ކޯޓުގެ ދެ ޙުކުމަށް ރިޢާޔަތްކޮށްފައި ވާކަން ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލައިގައި ކޮށްފައިވާ ޙުކުމް އިން ނޭގޭ ކަމަށެވެ.
ވުމާއެކު، މިހާރު ޤާސިމް މޫސާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ފާހަގަކުރާ ފުރަތަމަ ނުކުތާ އަކީ، ކްރިމިނަލް ކޯޓުގެ ދެ ޙުކުމް ކޮށްފައި ވަނީ ޤާސިމް މޫސާ އާ އެއްކޮޅަށް ކަމަށް ވެފައި އެ ދެ ޙުކުމަށް ވާސިލުވި ކަންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތް ކޮށްފި ހިނދަކު، ޤާސިމް މޫސާ ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރި އިމިގްރޭޝަންގެ އިދާރީ ތަޙުޤީޤު ރިޕޯޓު ނަފީވެގެން ދާނެ ކަމަށެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މި ޤަޟިއްޔާގައި ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ އުޞޫލުން ދަށު ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ލިބިފައި ނުވާ ހެކި އިސްތިއުނާފީ މަރުޙަލާގައި ހުށަހެޅުމަށް ހުރަސް ނާޅާކަމަށް ބަޔާންކޮށްފައި ވާތީވެ ކްރިމިނަލް ކޯޓުގެ ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓު ދިވެހިރާއްޖޭގެ ހައިކޯޓަށް އައުހެކި ތަކެއްގެ ގޮތުގައި ހުށަހެޅުމުގެ ފުރުސަތު ޤާސިމް މޫސާ އަށް އޮތް ކަމަށް ދެކޭ ކަމަށެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލް ގައި ޤާސިމް މޫސާގެ މައްސަލަ ކުރިއަށް ދިޔައިރު ކްރިމިނަލް ކޯޓުގެ މައްސަލަ ނިމިފައި ނުވެއެވެ. ނަމަވެސް ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމުމުގެ ކުރިން ކްރިމިނަލް ކޯޓުގެ ދެ މައްސަލަ ނިމިފައިވާ ކަމާއި އަދި ދިވެހިރާއްޖޭގެ ހައިކޯޓުން ކްރިމިނަލް ކޯޓުގެ ދެ ޙުކުމާއި އަދި އެ ދެ ޙުކުމަށް ވާސިލުވި ކަންކަމަށް ރިޢާޔަތް ކުރިނަމަ، އިމިގްރޭޝަންގެ އިދާރީ ތަޙުޤީޤު ރިޕޯޓުގައި ފާހަގަކުރާ ކަންކަމަކީ ޙަޤީގަތެއް ނޫން ކަމަށް ސާބިތުވާނެ ކަމަށެވެ. މިގޮތުން އޭނާ ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ، އިމިގްރޭޝަންގެ ކައުންޓަރުތަކުގެ ވަތްގަނޑުތަށް އިތުބާރު ހިފޭގޮތަށް ތަޅުލެވޭނެ ގޮތެއް ނޯންނަ ކަމާއި ތަޅުތައް ހުންނަނީ ވަރަށް އާދައިގެ ގޮތެއްގައި ކަމާއި އަދި ފައިސާ ރައްކާކުރެވޭ ލޮކަރެއް ނުހުންނަ ކަމާއި އަދި ބްރޭކް ގަޑީގައި ފައިސާ ބަހައްޓަން ވަކި އުޞޫލެއް ނޯންނަ ކަމާއި އަދި ވައްކަންކުރީ ނުވަތަ ފައިސާ ގެންދިޔައީ ޤާސިމް މޫސާ ނޫންކަން ކްރިމިނަލް ކޯޓުގެ ދެ ޙުކުމުން އެނގުމުގެ ނަތީޖާ އަކީ، ވައްކަމުގެ ހާދިސާގައި ޤާސިމް މޫސާގެ ދައުރެއް ނޯންނަ ކަމަށް ސާބިތު ވުމެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މި ޤަޟިއްޔާ ގައި އައުހެކި ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައި ގަތުމާގުޅޭ ގޮތުން ކަނޑައަޅާފައިވާ ޢާންމު ހަމަތަކުގެ ޚުލާސާ އަކީ، ދަށު ކޯޓަށް ހުށަނޭޅޭ އައުހެކި ހައިކޯޓަށް ހުށަހެޅުމުގައި އަންނަނިވި ޙާލަތްތައް ކަން ފާހަގަކުރެވެއެވެ.
(ހ) ދަށު ކޯޓު މަރުޙަލާ ހިނގަމުން ދިޔައިރު އެކަށީގެންވާ މަސައްކަތެއް ކޮށްގެންވެސް ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ އައު ހެކި؛
(ށ) ދަށުކޯޓު މަރުޙަލާ ހިނގަމުން ދިޔައިރު އެކަށީގެންވާ މަސައްކަތެއް ކުރިނަމަ ހުށަހެޅުމުގެ ފުރުޞަތު ލިބޭނެ، އެކަމަކު ހުށަނާޅާ ހެކި؛
(ނ) ދަށުކޯޓު މަރުޙަލާގައި ލިބެން ހުރި ހެކި ނަމަވެސް، ދަށު ކޯޓުން މައްސަލަ ނިންމާ ގޮތެއްގެ ސަބަބުން ހައިކޯޓަށް ހުށަހަޅާ އިތުރު ހެކި؛ އަދި
(ރ) ދަށު ކޯޓު މަރުޙަލާގައި ލިބެން ހުރި ހެކި އަދި އެ މަރުޙަލާގައި ހުރިހާ ފަރާތަކުން އެ ހެއްކަށް ދިން ބުރަދަން ކުޑަވި ނަމަވެސް، ހައިކޯޓު މަރުޙަލާގައި އެ ހެއްކާ ގުޅޭ ތަފްޞީލު ހުށަހެޅުމަށް ހައިކޯޓު ފަނޑިޔާރުންގެ އިސްނެގުމަކަށް އަންގައިގެން ހުށަހެޅޭ އިތުރު ހެކި.ހުށަހެޅިފައިވާ މި މައްސަލައަށް ބަޔާންވެދިޔަ އުޞޫލު ތަޠުބީޤު ކުރާއިރު ދިވެހިރާއްޖޭގެ ހައިކޯޓުން ކްރިމިނަލް ކޯޓުގެ ދެ ޙުކުމަށް ނަޒަރު ކުރިނަމަ ނިކުންނާނެ ނަތީޖާއަށް ވިސްނާލަމާ ހިނގާށެވެ. ޤާސިމް މޫސާގެ ބައިވެރިވުމެއް ވައްކަމުގެ ހާދިސާގައި އޮތް ކަމަށް ބަލައި ވަޒީފާއިން ވަކިކޮށްފައި ވަނީ އިމިގްރޭޝަންގެ އިދާރީ ތަޙުޤީޤަކަށް ބަލައެވެ. އޭގެ ފަހުން އޭނާ އެ ވައްކަމުގެ ހާދިސާ އާ ގުޅިގެން ހައްޔަރު ކުރެވި އޭނާގެ މައްޗަށް ޖިނާއީ ދެ ދައުވާއެއް އުފުލައި، އޭނާ ވަނީ އެ ދެ ދައުވާއިން ބަރީއަވެފައެވެ. މިގޮތުން 10 ޑިސެންބަރު 2020 ގައި ކްރިމިނަލް ކޯޓުން ދެ ޙުކުމެއް ކުރުމުން އެ ދެ ޤަޟިއްޔާއަށް ރިޢާޔަތްކޮށް ދިނުމަށް ޤާސިމް މޫސާ އެދިފައި ވަނީ އޭގެ 6 (ހައެއް) ދުވަސް ފަހުން 16 ޑިސެންބަރު 2020 ގައެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލައިގައި ޙުކުމް ކޮށްފައި ވަނީ29 ޑިސެންބަރު 2020 ގައެވެ. މާނަ އަކީ، ޤާސިމް މޫސާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ކްރިމިނަލް ކޯޓުގެ ދެ ޙުކުމަށް ރިޢާޔަތްކޮށް ދިނުމަށް އެދޭ ދެ ޙުކުމަކީ އިސްތިއުނާފު ކުރުމުގެ ފުރުސަތު އޮތް ނިހާއީ ނޫން ދެ ޙުކުމެވެ. ބަދަލުވުމުގެ ފުރުސަތު އޮތް ދެ ޙުކުމެވެ.
އެހެންކަމުން، ޤާސިމް މޫސާ އެދިފައިވާ ގޮތަށް ކްރިމިނަލް ކޯޓުގެ ދެ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ ކުރިމައްޗަށް ހުށަހެޅުމުގެ ފުރުސަތު ލިބުނު ކަމުގައި ވިޔަސް ކްރިމިނަލް ކޯޓުގެ ދެ ޙުކުމަކީ ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައިގަނެ އެ ނިންމުމަކަށް ބިނާކޮށް ނިންމުމެއް ނިންމިދާނެ ސަލާހިއްޔަތު އޮތް ދަށު ކޯޓުގެ ނިންމުން ތަކެއް ނޫނެވެ. ވުމާއެކު އެއީ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގައި ބުނާފަދަ އައުހެއްކެއް ވެސް ނޫނެވެ.
ނަމަވެސް އަހުރެންގެ ނަޒަރުގައި، ދިވެހިރާއްޖޭގެ ހައިކޯޓަށް އައުހެކި ހުށަހެޅުމާ ގުޅޭގޮތުން ޤާސިމް މޫސާ 16 ޑިސެންބަރު 2020 ގައި ސިޓީ އެއް ފޮނުވާފައި ވާކަމަށް އޭނާ ބުނެފައި ވާތީވެ، އައުހެކި ހުށަހެޅުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދެއްކުމަށް ފުރުސަތު ދީފައިނުވާ ސަބަބެއް އޭނާއަށް އެނގުމަކީ، އިންސާފަށްޓަކައި ވަރަށް މުހިއްމު ކަމަކެވެ.
ޖިނާއީ މައްސަލައަކާ ގުޅިގެން ވަޒީފާއިން ވަކިކުރެވޭ ފަރާތެއް އެ ޖިނާއި ދައުވާ ސާބިތު ނުވިކަމުގައި ވިޔަސް އެ ވާގިއާތަކުގެ މައްޗަށް ބިނާކުރެވުނު މަދަނީ ތަޙުޤީޤުގެ މައްޗަށް ބިނާކޮށް ސުލޫކީ ފިޔަވަޅު އެޅުމާއި އެހެނިހެން އިދާރީ ފިޔަވަޅު އެޅުމަކީ މަނާ ކަމެއް ނޫންކަން މުޙައްމަދު ޝަމްޢޫން ނަޞީރު ވ. އެޓަރނީ ޖެނެރަލް އޮފީސް މި ޤަޟިއްޔާ ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ. މި ޤަޟިއްޔާގައި ފަނޑިޔާރު ޙުސްނުއްސުޢޫދު ވިދާޅުވެފައި ވަނީ އަންނަނިވި ފަދައިންނެވެ.
"ޖިނާއީ ތުހުމަތުކުރެވޭ މައްސަލައެއްގައި ޖިނާއީ ދައުވާކުރުމަށް ފުދޭ މިންވަރަށް ހެކި ނެތް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ ޖިނާއީ ތަހުގީގުކުރާ ފަރާތަކުން ނިންމާ މައްސަލަތަކުގައްޔާއި ކޯޓަށް ހުށަހެޅޭ ޖިނާއީ ދައުވާއެއް ސާބިތު ނުވާ ހާލަތްތަކުގައި އެ ވާގިއާތަކުގެ މައްޗަށް ބިނާކޮށް ތުހުމަތުކުރެވުނު މީހާގެ މައްޗަށް އެކިއެކި އިދާރީ ފިޔަވަޅު އެޅުމަށާއި މުވައްޒަފުންގެ ސުލޫކީ މައްސަލަތައް ނިންމުމަށް ޑަބަލް ޖެޕަޑީގެ މަފްހޫމު ހުރަހެއް ނާޅައެވެ. އަދި އެ ވާގިއާތަކުގެ މައްޗަށް ބިނާކޮށް އަދަބަކަށް ނުވާގޮތަށް މަދަނީ ދައުވާ އެމީހެއްގެ މައްޗަށް އުފުލުމަށް ވެސް ގާނޫނުއަސާސީގެ 60 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޑަބަލް ޖެޕަޑީގެ މަފްހޫމު ހުރަހެއް ނާޅައެވެ. އެ ވާގިއާތަކުގެ މައްޗަށް ބިނާކޮށް އިދާރީ ފިޔަވަޅު އެޅުމަށް ނުވަތަ ސުލޫކީ ފިޔަވަޅު އެޅުމަށް މަގުފައިވާ ސަބަބަކީ އިދާރީ މައްސަލަތަކުގައްޔާއި ވަޒީފާއިން ވަކިކުރުމުގެ މައްސަލަތަކުގައި ވާގިއާތައް ސާބިތުކުރަންޖެހެނީ ޖިނާއީ މައްސަލަތަކުގައި ވާގިއާތައް ޝަރީއަތަށް ސާބިތު ކުރަންޖެހޭ މިންވަރު ސާބިތު ކުރުމުގެ ލުއި މިންގަނޑަކުން ކަމަށްވާތީއެވެ. މައްސަލައެއްގައި ލިބިހުރި ހެކިތައް ވަޒަންކުރާއިރު އެ ހެކިތަކުން މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ އަމަލެއް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތު ނުވިނަމަވެސް އެ ހެކިތަކުން މަދަނީ މިންގަނޑުން ވަޒަންކުރާއިރު އެ މީހަކު އެކަން ކޮށްފައިވާ ކަމަށް ބޮޑަށް ގަބޫލުކުރެވޭނަމަ އެ ހެކިތަކުގެ މައްޗަށް ބިނާކޮށް ގެއްލުމުގެ ބަދަލު ހޯދުމަށް މަދަނީ ދައުވާކުރުމާއި، އަދި އިދާރީ ފިޔަވަޅު ނުވަތަ ސުލޫކީ ފިޔަވަޅު އެޅުމަކީ ހުއްދަވެގެންވާ ކަންކަމެކެވެ."
ވުމާއެކު ކުރިމަތީގައި މި އޮތް މައްސަލައިގައި، ޤާސިމް މޫސާގެ މައްޗަށް ކުރެވުނު ޖިނާއީ ތުހުމަތު ތަކުން މިހާރު އޭނާ ބަރީއަވެފައިވި ކަމުގައި ވިޔަސް އިމިގްރޭޝަންގެ އިދާރީ ތަޙުޤީޤު ބާތިލެއް ނުވާނެއެވެ. އަދި އެ ތަޙުޤީޤުގެ މައްޗަށް ބިނާކޮށް ވަޒީފާއިން ވަކިކުރުމުގައި ސިވިލް ސަރވިސް ކޮމިޝަނުން އަޅާފައިވާ ފިޔަވަޅު ތަކާއި އިޖުރާއާތުތަށް ވެސް ބާތިލު ނުވާނެ އެވެ.
(ށ) ވަޒީފާއިން ވަކިކުރުމުގައި ޢަމަލު ކުރަންޖެހޭ ލާޒިމުކުރާ އިޖުރާއަތުތައް: މައުޟޫއީ އަދި އިޖުރާއީ ޢަދުލުވެރިކަން
ޤާސިމް މޫސާގެ ފަރާތުން މި އިސްތިއުނާފުގައި ފާހަގަކުރާ ދެވަނަ ކަމަކީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ކަންކަން ސާފުކޮށްދީފައި ނުވުމާއި އަދި އެ ތުހަމަތުން ބަރީޢަވުމަށް އެއްވެސް ފުރުސަތެއް ނުދީ ވަޒީފާއިން ވަކިކުރުމަކީ މުޙައްމަދު ނާޝީދު ވ. ސިވިލް ސަރވިސް ކޮމިޝަން މި ޤަޟިއްޔާގައި ކަނޑައަޅާފައިވާ މައުޟޫއީ ޢަދުލުވެރި ކަމާއި އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުކޮށް ވަޒީފާއިން ވަކިކުރުމެވެ.
ޤާސިމް މޫސާ ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލު ވެރިކަން ނެތްކަމަށް ބަޔާންކުރާ މައިގަނޑު ސަބަބަކީ މިހާރު އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ވައްކަމުގެ ހާދިސާގައި އޭނާގެ ދައުރެއް ނުވަތަ ބައިވެރިވުމެއް އޮތް ކަމަށް ބެލެވި އިމިގްރޭޝަންގެ އިދާރީ ތަޙުޤީޤު ރިޕޯޓުގައި ބަޔާންކޮށްފައި ވަނީ ޙަޤީގަތާ ޚިލާފަށް ކަމަށް ކްރިމިނަލް ކޯޓުގެ ދެ ޙުކުމުން އެނގެއެވެ. އެހެންކަމުން، ނޯޓިހެއް ދިނުމަކާ ނުލައި އޭނާ ވަޒީފާއިން ވަކިކުރެވިފައި ވަނީ ބޭންކް އޮފް މޯލްޑިވްސް ޕލކ ވ.ފާޠިމަތު މަލީޙާ ޖަމާލް މި ޤަޟިއްޔާ އަށް ރިޢާޔަތް ކުރާއިރު ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބުނާ ނޯޓިހެއް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރެވިދާނެ ފަދަ ޙާލަތެއް ވުޖޫދު ނުވަނީސް ކަމަށް ދެކޭ ކަމަށެވެ.
ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރުންނޯޓިސް އެއް ދިނުމަކާ ނުލައި މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ ޢަދުލުވެރި ސަބަބެއް އޮވެގެން ކަމާއި ޢަދުލުވެރި ސަބަބެއް އޮތް ކަމަށް ބެލެވޭނީ ޣައިރު ސުލޫކީ ޢަމަލެއް ކޮށްފައި ވާނަމަ ނުވަތަ ޚިޔާނާތެއް ވެފައިވާނަމަ ކަން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) އާއި (ށ) ބެލުމުން އެނގެއެވެ.
މުވައްޒަފަކު ކުރި ޢަމަލަކީ ނޯޓިސް ދިނުމެއް ނެތި މުވައްޒަފަކު ވަޒީފާއިން ވަކިކުރުން ހުއްދަވާ ފަދަ ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއް ކަމަށް ބެލެވޭނީ މުވައްޒަފު ކުރި ޢަމަލަކީ ދެ ފަރާތުގެ ދެމެދުގައި އޮންނަންޖެހޭ ވަޒީފާގެ ގުޅުން އެއްކޮށް ކެނޑޭ މިންވަރުގެ ސީރިއަސް ޢަމަލެއް ކަމަށް ވާނަމަވެ.
މިގޮތުން، މުވައްޒަފުގެ ޣައިރު ސުލޫކީ ޢަމަލު އަންނަނިވި ފަދައިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ އެއް ޤަޟިއްޔާ އަށް ވުރެ ގިނަ ޤަޟިއްޔާގައި ބަޔާންކޮށްފައި ވެއެވެ. މީގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް ޕލކ ވ. ފާޠިމަތު މަލީޙާ ޖަމާލް މި މައްސަލަ ވެސް ހިމެނެއެވެ. ޣައިރު ސުލޫކީ ޢަމަލަކީ:
(ހ) ދެ ފަރާތުގެ ދެމެދުގައިވާ ވަޒީފާގެ އެއްބަސްވުމުގެ ޖައުހަރީ ޝަރުތަކާ ޚިލާފުކަމެއް ކަމަށް ވާނަމަ؛
(ށ) އެ ކަމަކީ ވަޒީފާދޭ ފަރާތާއި މުވައްޒަފާއި ދެމެދުގައި އޮންނަ ވަޒީފާގެ ގުޅުމުގައި ހިމެނޭ އެންމެ މައިގަނޑު ސިފަކަމަށްވާ ދެފަރާތުގެ ދެމެދުގައި އޮންނަންޖެހޭ އިތުބާރު އަދި އަމާނާތްތެރިކަން ގެއްލޭފަދަ ކަމެއް ކަމަށް ވާނަމަ؛ ނުވަތަ
(ނ) އެ ކަމަކީ އެ މުވައްޒަފަކު ވަޒީފާދޭ ފަރާތަށް އަދާކުރަންޖެހޭ ވަޒީފާގެ އިލްތިޒާމުތަކާ އަސާސީ ގޮތުން ނުވަތަ ސީދާ ގޮތެއްގައި ޚިލާފު ކަމެއް ކަމަށް ވާނަމަ؛
އެ އަމަލަކީ ނޯޓިސް ދިނުމެއްނެތި ވަޒީފާއިން ވަކިކުރުމަށް ހުއްދަވެދާނޭ ފާޅުކަންބޮޑު ޣައިރު ސުލޫކީ އަމަލެއް ކަމަށް ބެލެވިދާނެއެވެ.
ނޯޓިސް ދިނުމެއް ނެތި ވަޒީފާއިން ވަކިކުރުމަށް ހުއްދަ ވެދާނޭ ފާޅުކަން ބޮޑު ޣައިރު ސުލޫކީ އަމަލެއްތޯ ނުވަތަ ނޫންތޯ ބެލުމުގައި، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ ތަނުން ކުރާ މަސައްކަތް ނުވަތަ ވިޔަފާރީގެ ބާވަތާއި، އެ މުވައްޒަފުގެ މަޤާމާއި މަސްޢޫލިއްޔަތާއި އަދި މުވައްޒަފުގެ ކިބައިގައި ހުންނަންޖެހޭ އަމާނާތްތެރިކަމުގެ ޒިންމާ އާ ގުޅިގެން ޣައިރު ސުލޫކީ ޢަމަލުގެ ސީރިއަސްކަން ތަފާތުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ޣައިރު ސުލޫކީ ޢަމަލުގެ ސަބަބުން ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު އޮންނަ ވަޒީފާގެ އިތުބާރު ގެއްލި، ވަޒީފާ އަދާކުރާ ފަރާތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު ތެދުވެރި ކަމާއެކު އަދާކުރުމަށް ހުރަސްއެޅިފައި ވާނަމަ، ނޯޓިސް ނުދީ އެ މުވައްޒަފަކު ވަކިކުރުމުގެ އިޚްތިޔާރު ވަޒީފާދޭ ފަރާތަށް ލިބިގެން ވެއެވެ.
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެކަށީގެންވާ ސަބަބެއް އޮވެގެން، މުވައްޒަފަކު ވަކިކުރަން ވަޒީފާދޭ ފަރާތުން ނިންމި ނިންމުން ބިނާކޮށްފައިވާ ކަންކަމުގެ ނުވަތަ ތުހުމަތަކުގެ ދޮގުތެދު ވަޒީފާދޭ ފަރާތުން ސާބިތުކޮށް ދޭންޖެހޭނީ، މި ބާވަތުގެ މަދަނީ މައްސަލަތަކުގައި ޝަރީޢަތުން ހެކި ވަޒަންކުރާ މިންގަނޑު ކަމުގައިވާ ބޮޑަށް ބުރަވެވޭ ގޮތުގެ މިންގަނޑުން ކަމަށް ވަނީ އިސްތިޤުރާރު ވެފައެވެ.
ޤާސިމް މޫސާ ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ގާއިމުކުރެވިފައިވޭތޯޤާސިމް މޫސާ އަކީ އިމިގްރޭޝަންގެ ވަޒީފާ އަދާކުރަމުން ދިޔަ މުވައްޒަފެކެވެ. މަސައްކަތްކުރަމުން ދިޔައީ ޔުނީފޯމް އެޅި ޒިންމާދާރު ވަޒީފާ އެއްގައި އެ ޑިޕާޓްމަންޓުގެ ސީނިއަރ އިމިގްރޭޝަން އޮފިސަރެއްގެ ގޮތުގައެވެ.
ޤާސިމް މޫސާ ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ ވައްކަމުގެ ހާދިސާގައި އޭނާ ޢަމަލުކުރި ގޮތުން އެ ފައިސާ ވަގަށް ނެގުމުގައި އޭނާގެ ބައިވެރިވުމެއް އޮތް ކަމަށް ބެލި ސިވިލް ސަރވިސް ގަވާއިދު 2014 ގެ 28 ވަނަ ޗެޕްޓަރގެ 273 ވަނަ މާއްދާގެ (ށ) ދަށުންނެވެ. މި މާއްދާ އަކީ އިސްތިސްނާއީ ޙާލަތެއް ގައި ސިވިލް ސަރވިސް މުވައްޒަފަކު ނޯޓިސް އެއް ދިނުމެއް ނެތި ވަގުތުން ފިޔަވަޅު އަޅައި ވަޒީފާއިން ވަކިކުރެވިދާނެ ކަމަށް ބަޔާންކުރާ މާއްދާ އެކެވެ.
އެ ގަވާއިދުގެ 273 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ، ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތުން ނުވަތަ ވަޒީފާ އަދާކުރާ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ގެއްލުން ތަކެއް ލިބިދާނެ ކަމަށް ފެންނަ ކަމުގައި ވާނަމަ ވަޒީފާއިން ވަކި ކުރެވިދާނެ ކަމަށެވެ. އަދި ސިވިލް ސަރވިސްގެ ގަވާއިދުގެ 273 ވަނަ މާއްދާގެ (ށ) ގެ ދަށުން ވަޒީފާއިން ވަކިކުރެވޭއިރު، އިސްލާޙީ ފިޔަވަޅު އެޅުމުގައި ތަބާވާ އެ ގަވާއިދުގެ 272 ވަނަ މާއްދާގެ (ށ) ގައިވާ އުޞޫލުން ކުރެވޭ ތުހުމަތަށް ޖަވާބުދާރީ ވުމަށް ފުރުސަތު ދިނުމަކީ އިޚްތިޔާރީ ކަމެއްގެ ގޮތުގައި އޮންނަކަން ފާހަގަކުރަމެވެ.
ޤާސިމް މޫސާ ވަޒީފާއިން ވަކިކޮށްފައި ވަނީ އިމިގްރޭޝަންގެ އިދާރީ ތަޙުޤީޤަކަށް ބިނާކޮށް ވައްކަމުގެ ހާދިސާގައި ވައްކަންކުރި މީހާއަށް އެހާ ފަސޭހައިން ވައްކަން ކުރެވިފައި ވަނީ ޤާސިމް މޫސާ އެ ކަމަށް މަގުފަހިވާ ގޮތަށް ޢަމަލު ކޮށްފައި ވާތީވެ ބެލެވޭ ކަމަށެވެ.
އަދި އެ ނަތީޖާ އަށް ވާސިލުވުމުގައި، ރިޢާޔަތްކޮށްފައިވާ ކަންކަމުގެ ތެރޭގައި ވައްކަމުގެ ހާދިސާ ހިނގި ދުވަހު ޤާސިމް މޫސާ އިން ކައުންޓަރު 15 ވަނަ ކައުންޓަރުން ކަމަށް ވެފައި، އެ ކައުންޓަރުން ވައްކަންކޮށްފައި ވަނީ ޤާސިމް މޫސާ ބްރޭކަށް ދިޔަ ވަގުތު ކަމަށް ވެފައި، އަދި ބްރޭކަށް ދިޔުމުގެ ކުރިން އެ ވަތްގަނޑު ތަޅުލާފައި ނުވުމާއި އަދި ވައްކަންކުރަން ވަތްމީހާ އިމިގްރޭޝަނަށް ވަދެފައި ވަނީ ކައުންޓަރުތަކުގެ ފަހަތުން ކަމަށް ވެފައި، ކައުންޓަރު ތަކުގެ ފަހަތުން ވަންނަ ފަރާތަކަށް ވަކި ވަކި ކައުންޓަރުގެ ނަންބަރުތަށް ފާހަގަނުކުރެވޭ ކަމާއި، ވައްކަން ކުރިމީހާ ވަދެގެން އައިސް އިތުރު ވިސްނުމެއް ނެތި ފުރަތަމަ ވެސް ހުއްޓުނީ 15 ވަނަ ކައުންޓަރަށް އަދި އެއަށްފަހު ފައިސާ ނަގައިގެން ދެވިފައި ވަނީ އެ ކައުންޓަރުގައި ޤާސިމް މޫސާ އިންއިރު ފައިސާ ހުރި ކައުންޓަރު ފާހަގަކުރުމަށްޓަކައި އޭނާގެ އައިނު ބާއްވާފައި އޮތުމުން ކަމަށް ދޭހަވާ ކަމަށެވެ. އަދި އެ ދުވަހު ހެނދުނު އެހެން މުވައްޒަފަކު ކައިރީ ސީދާ 15 ވަނަ ކައުންޓަރަށް ޤާސިމް މޫސާ އަރަން ބޭނުންވާ ކަމަށް ބުނެފައިވުން ހިމެނެއެވެ.
ވައްކަމުގެ ހާދިސާއަށްފަހު ވިދިގެން އައި 5 އޮކްޓޫބަރު 2015 ވަނަ ދުވަހު، އެ ހާދިސާ އާ ގުޅިގެން ޤާސިމް މޫސާގެ މައްޗަށް ވައްކަމުގެ ތުހުމަތު ކުރެވި ޖިނާއީ ތަޙުޤީޤު ތަކެއް ފަށައި އޭނާ ހައްޔަރު ކުރެވުނެވެ. މިފަދަ ގޮތަކަށް އެ ވައްކަމުގެ ހާދިސާގެ ކަންކަން ހިނގާ ގޮސްފައި ވުމުން ޤާސިމް މޫސާގެ ބައިވެރިވުމެއް އެ ވައްކަމުގެ ހާދިސާގައި ނެތް ކަމަށް ވުރެ އޮތް ކަމަށް ބުނުމުގެ ފުރުސަތު ބޮޑެވެ.
ކަންމިހެން އޮތްއިރު، ހަމަ ބުއްދިން ވިސްނާ ވަޒީފާ ދޭ ފަރާތެއްގެ ހައިސިއްޔަތުން މި ހާލަތުގައި ސިވިލް ސަރވިސް ކޮމިޝަނުން ޤާސިމް މޫސާ ވަޒީފާގައި ބެހެއްޓުމަށް ބޭނުންވާނޭ ކަމަށް ގަބޫލު ކުރެވިދާނެ ކަމަކަށް ނުދެކެމެވެ. ތުހުމަތު ކުރެވުނީ ސީރިއަސް ތުހުމަތުތަކެވެ. ވަޒީފާ އަދާކުރި ތަނުގައި ހިނގި ވައްކަމުގެ ހާދިސާއެއްގައި ބައިވެރިވުމުގެ ތުހުމަތެކެވެ. މިގޮތަށް ދެކެނީ ވަޒީފާއާ ގުޅޭ މައްސަލަތައް ސާބިތު ކުރުމުގައި ބަލާ މަދަނީ މިންގަޑެވެ. އެއްވެސް ޙާލެއްގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ކަނޑައަޅާފައިވާ ޖިނާއީ މައްސަލަތަށް ސާބިތު ކުރުމުގައި ބަލާ މިންގަނޑެއް ނޫނެވެ.
ވުމާއެކު، ޤާސިމް މޫސާ ސިވިލް ސަރވިސް ކޮމިޝަނުން ނޯޓިހެއް ދިނުމެއް ނެތި ސިވިލް ސަރވިސް ގަވާއިދު 2014 ގެ 28 ވަނަ ޗެޕްޓަރގެ 273 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީފާއިން ވަކިކޮށްފައި ވަނީ ސީރިއަސް ތުހުމަތު ތަކެއް ކުރެވި ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާ ގައިވާ ގޮތުގެމަތިން ކަމަށް އަހުރެން ދެކެމެވެ.
ޤާސިމް މޫސާ ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ގާއިމު ކުރެވިފައިވޭތޯޤާސިމް މޫސާ ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ގާއިމުކޮށްފައި ނުވާ ކަމަށް އޭނާ ބުނެއެވެ. އަދި އެއީ މުޙައްމަދު ނާޝިދު ވ. ސިވިލް ސަރވިސް ކޮމިޝަން މި މައްސަލައި ގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ޖަވާބު ދާރީވުމުގެ ފުރުސަތު ދީފައި ނުވާތީ އެވެ. އެ ޤަޟިއްޔާ ގައި މުވައްޒަފު ވަޒީފާއިން ވަކިކުރެވުނީ އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާ ކޮށެވެ. އަދި އެ ރިޕޯޓުގައި އެ މުވައްޒަފުގެ ވާހަކަ އޮތް ކަމެއް ނުވަތަ ނޫން ކަމެއް ވެސް އެނގެން ނެތެވެ. އަދި ވަޒީފާއިން ވަކިކުރާ ސަބަބެއް ވެސް މުވައްޒަފަށް އެންގިފައި ވެސް ނުވެއެވެ. އަދި ވަޒީފާއިން ވަކިކުރާ ސަބަބެއް މުވައްޒަފަށް ސާފުކޮށްދެވިފައި ނުވެސް ވެއެވެ. ވުމާއެކު، ވަޒީފާއިން ވަކިކުރެވުނު ސަބަބާ ގުޅިގެން ޖަވާބުދާރީ ވުމަށް ފުރުސަތު ދީފައި ނުވާތީވެ، އެ ޤަޟިއްޔާގައި މުވައްޒަފު ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ގާއިމުކޮށްފައި ނުވާ ކަމަށް ބަޔާންކޮށްފައި ވެއެވެ.
ހުށަހެޅިފައިވާ މި މައްސަލަ ތަފާތެވެ. މި މައްސަލަ ހިނގުމާ ގުޅިގެން އިމިގްރޭޝަނުން އިދާރީ ތަޙުޤީޤެއް ކުރިއެވެ. އަދި ވައްކަމުގެ ހާދިސާއާ ގުޅިގެން ސުވާލު ކުރެވުނުކަން އިމިގްރޭޝަންގެ އިދާރީ ތަޙުޤީޤު ރިޕޯޓުން އެނގެއެވެ. ވައްކަމުގެ ހާދިސާ އާ ގުޅޭގޮތުން ޤާސިމް މޫސާ އާ ވާހަކަ ދެކެވުނު ކަން ޤާސިމް މޫސާ ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތުން ވެސް އެނގެއެވެ.
ނޯޓިހެއް ދިނުމެއް ނެތި ވަޒީފާއިން ވަކިކުރެވޭ ޙާލަތުގައި މުވައްޒަފަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބު ދާރީވުމަށް ފުރުސަތު ދެވޭ މިންވަރު ކަނޑައެޅެނީ ވަޒީފާއިން ވަކިކުރެވޭ ޙާލަތާއި ވަގުތާއި އަދި ކުރެވުނު ތުހުމަތުގެ ތަބީޢަތަށް ބަލައެވެ. ކޮންމެ ޙާލަތެއްގައި ލިޔުމުން ޖަވާބު ދާރީވުމަށް ފުރުސަތު ނުދެވުނު ކަމުގައި ވިޔަސް ކުރެވޭ ތުހުމަތު ސާފުކޮށްދެވި ސުވާލު ކުރެވިދާނެ އެވެ.
މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލައި ވައްކަމުގެ ހާދިސާއަށް ފަހު ވިދިގެން އައި ދުވަހު ޤާސިމް މޫސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަން އިމިގްރޭޝަންގެ އިދާރީ ތަޙުޤީޤު ރިޕޯޓު ބެލުމުންވެސް އެނގެއެވެ. ވުމާއެކު، ޤާސިމް މޫސާ އަށް ތުހުމަތު ކުރެވުނު ވައްކަމުގެ ހާދިސާގައި ފުލުހުން އޭނާ ހައްޔަރުކުރުމާ ދޭތެރޭ ލިބުނު މަދު ވަގުތުގެ ތެރޭގައި ވަޒީފާއިން ވަކިކުރެވުނު ވައްކަމުގެ ހާދިސާގައި އިމިގްރޭޝަނުން ޤާސިމް މޫސާ އާ ސުވާލު ކޮށްފައިވާ ކަން އިމިގްރޭޝަންގެ އިދާރީ ތަޙުޤީޤު ރިޕޯޓުންނާއި އަދި އޭނާ ޝަރީޢަތުގައި ދައްކާފައިވާ ވާހަކަ ތަކުން އެނގެއެވެ.
ވައްކަމުގެ ހާދިސާ ހިނގީ 4 އޮކްޓޫބަރު 2015 ގައެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ޤާސިމް މޫސާ ދިޔައީ 5 އޮކްޓޫބަރު 2015 ގައެވެ. 6 އޮކްޓޫބަރު 2015 ވަނަ ދުވަހު އޭނާ ވަޒީފާއަށް ނުކުތުން މަނާކުރިކަން އެނގޭ ކަމާއި އަދި އެ ލިޔުމުގައި އޭނާ އަށް ތުހުމަތު ކުރެވެނީ ސިވިލް ސަރވިސް ގަވާއިދު 2014 ގެ 28 ވަނަ ޗެޕްޓަރގެ 273 ވަނަ މާއްދާގެ (ށ) ގައި ބުނާ ކުށެއް ކަމުގައި ވާތީވެ ވަޒީފާއާ މެދު ގޮތެއް ނިންމުމަށް ސިވިލް ސަރވިސް އަށް ފޮނުވާ ކަމަށް ޤާސިމް މޫސާ އަށް ދަންނަވާ ފައެވެ.
އޭފަހުން، ވަޒީފާ އާ މެދު ގޮތެއް ނިންމުމަށް ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވިކަން ޤާސިމް މޫސާ އަށް އެންގިތާ 1 މަސް ފަހުން 6 ނޮވެންބަރު 2015 ގައި ވަނީ އޭނާ ވަޒީފާއިން ވަކިކޮށް ފައެވެ.
ވަޒީފާއިން ވަކިކުރެވުނީ ނޯޓިހެއް ދިނުމެއް ނެތި ވަގުތުން ފިޔަވަޅު އަޅާ ސިވިލް ސަރވިސް ގަވާއިދު 2014 ގެ 28 ވަނަ ޗެޕްޓަރގެ 273 ވަނަ މާއްދާގެ (ހ) ގެ ދަށުން ސީރިއަސް ތުހުމަތުތަކެއް ކުރެވިގެން ކަމަށް ވެފައި، އެ ޙާލަތަށް ބަލައި މުވައްޒަފަށް ޖަވާބުދާރީވާން ފުރުސަތު ދިނުމަކީ އެ މާއްދާގެ ނައްސަށް ބަލައިފިނަމަ އިޚްތިޔާރީ ކަމެކެވެ. ނަމަވެސް، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލައި ވަޒީފާއިން ވަކިކުރުމުގެ ކުރިން ޤާސިމް މޫސާ އާ ވައްކަމުގެ ހާދިސާ އާ ގުޅޭގޮތުން ސުވާލު ކުރެވި ޤާސިމް މޫސާ ވެސް އެ ކަމާ ގުޅޭގޮތުން ބަސް ބުނެފައި ވާކަން އެނގެއެވެ.
އަދި ސިވިލް ސަރވިސް ގަވާއިދު 2014 ގެ 28 ވަނަ ޗެޕްޓަރގެ 273 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީފާއިން ވަކިކުރަން ޖެހިދާނެ ޙާލަތު އޮތް ކަމަށް ވައްކަމުގެ ހާދިސާ ހިނގުމާއެކު އެންގުނެވެ. އެއަށްފަހު، ޤާސިމް މޫސާ ވަޒީފާއިން ވަކިކުރެވުނީ އޭގެ ވެސް 1 (އެކެއް) މަސް ފަހުން ކަމުގައި ވާތީވެ، ޤާސިމް މޫސާ ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައި ނުވާ ކަމަށް ބުނެވިދާނެ ކަމަށް ނުދެކެމެވެ.
މައްސަލަ ނިންމަން ފެންނަގޮތްއެހެންކަމުން، ޤާސިމް މޫސާ ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ ޢަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރެވިފައި ނުވާ ކަމަށް ބުނެވިދާނެ ކަމަކަށް ނުދެކެމެވެ.
ވުމާއެކު، މި މައްސަލައި ގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް އޮތް ކަމަށް އަހުރެންނަށް ފާހަގަނުކުރެވެއެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު، ތ.ކަނޑޫދޫ، ޤާސިމް މޫސާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/23ޤަޟިއްޔާ އިސްތިއުނާފު ކުރަމުން ހުށަހަޅާފައިވާ ނުކުތާ ތަކުގެ މައްޗަށް ބިނާކޮށް، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމް ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޢާއިޝާ ޝުޖޫން މުޙައްމަދުމުޙައްމަދު އިބްރާހީމްޙުސްނުއްސުޢޫދު(ރިޔާސަތު)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) އަދި (ށ) (1)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ށ)
- ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 (ގަވާއިދު ނަންބަރު R-311/2014) ގެ 28 ވަނަ ޗެޕްޓަރުގެ 273 ވަނަ މާއްދާ (ހ) އަދި (ށ)، އަދި 272 ވަނަ މާއްދާގެ (ށ) (8 ވަނަ އިޞްލާޙުގެ ކުރިން)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 60 ވަނަ މާއްދާ
- 2016/SC-A/18 (މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް)
- [2021] SC 10 (2019/SC-A/17، މުޙައްމަދު ޝަމްޢޫން ނަޞީރު ވ. އެޓަރނީ ޖެނެރަލްގެ އޮފީސް)
- 2017/SC-A/14 (ބޭންކް އޮފް މޯލްޑިވްސް ޕލކ ވ. ފާޠިމަތު މަލީޙާ ޖަމާލް)
- 2014/SC-A/27 (އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް)
- 2018/SC-A/49 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން)
- 2019/SC-A/23 (މުޙައްމަދު ނާޝިދު ވ. ސިވިލް ސަރވިސް ކޮމިޝަން)
- 2014/SC-A/24 (އެޓަރނީ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ޝަފީޤު)
- ކްރިމިނަލް ކޯޓުގެ 408/Cr-C/2017 އަދި 409/Cr-C/2017
- ބެންޗު
- ޑރ. މުޙައްމަދު އިބްރާހީމް، ޢާއިޝާ ޝުޖޫން މުޙައްމަދު، ޙުސްނުއްސުޢޫދު
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 22 މާރިޗު 2021 · ރަޖިސްޓްރީކުރީ 14 އޭޕްރީލް 2021 · ނިމުނީ 24 މޭ 2023 (25.3 މަސް)