ސައިޓޭޝަން ކޮޕީ ކުރުމަށް
2025/HC-A/336
ޢަލީ ރަޝީދު ވ. ފްރާންސެސްކޯ ޑި ޕިލާޓޯ، 2025/HC-A/336
Ali Rasheed v. Fraanseskoa Di Pilaatoa 2025/HC-A/336 (2025/HC-A/336, High Court of the Maldives, 7 October 2026)
ޢަލީ ރަޝީދު ވ. ފްރާންސެސްކޯ ޑި ޕިލާޓޯ
މައްސަލައިގެ ޚުލާޞާ
ފްރާންސެސްކޯ ޑި ޕިލާޓޯ ކުއްޔަށް ހިފާފައިވާ ގޯތި ޙަވާލުކޮށްދިނުމަށް ޢަލީ ރަޝީދުގެ މައްޗަށް ކުރި ދަޢުވާގައި، ދިފާޢު ހުށަނާޅާތީ ކެޔޮދޫ މެޖިސްޓްރޭޓް ކޯޓުން ޣައިރު ޙާޟިރުގައި ޙުކުމްކުރިއެވެ. އެ ޙުކުމް ބާޠިލުކުރުމަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގެ ދަށުން ޢަލީ ރަޝީދު ހުށަހެޅި ހުށަހެޅުން، ޙުކުމް ބާޠިލުކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށް ބުނެ މެޖިސްޓްރޭޓް ކޯޓުން ބަލައިނުގަތުމުން، ޢަލީ ރަޝީދު އިސްތިއުނާފުކުރިއެވެ.
ބިމުގެ ވެރިފަރާތާ ދެމެދު 30 އަހަރުގެ ކުލީގެ އެއްބަސްވުމެއް ހަދާފައިވާ ބިދޭސީއަކު، އެ ބިމުގައި ގެސްޓްހައުސް ހިންގަމުންދާ ފަރާތެއްގެ މައްޗަށް ގޯތި ހަވާލުކުރުމަށް ދަޢުވާކުރުމުން، ދަޢުވާއާ ޙަވާލުވިކަމުގެ ލިޔުމާއި ދިފާޢު މުއްދަތުގައި ހުށަނާޅާތީ ޣައިރު ޙާޟިރުގައި ޙުކުމްކުރިއެވެ.
ހުށަހެޅި ހެކިތަކާއި ސަބަބުތައް (އެއްބަސްވުމުގެ ބައިވެރިއެއް ނޫންކަން، ހުއްދަ، ގޯތީގެ ވެރިފަރާތް ޚަޞްމަކަށް ނުހިމެނުން) ވަޒަންނުކޮށް ނިންމިކަމަށް އިސްތިއުނާފުކުރި ފަރާތުން ބުންޏެވެ؛ ދިފާޢު ހުށަނާޅާކަމަށާއި ވިޔަފާރި ޑީރަޖިސްޓަރކޮށްފައިވާކަމަށާއި ޙަޤީޤީ ދިފާޢެއް ނެތްކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުންޏެވެ.
މައިގަނޑު ސުވާލު
ޣައިރު ޙާޟިރުގައި ކުރި ޙުކުމް ބާޠިލުކުރުމަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގެ ދަށުން ހެކިތަކާއެކު ހުށަހެޅި ހުށަހެޅުން ބަލައިނުގަތުމުގައި، ހުށަހެޅި ސަބަބުތަކާއި ހެކިތައް ޤާނޫނީ ހަމަތަކުގެ މަތިން ދަށުކޯޓުން ވަޒަންކޮށްފައިވޭތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު؛ 124 (ށ) ގެ ޙާލަތެއް އޮތްތޯ ވަޒަންކޮށް އަލުން ނިންމުމަށް ދަށުކޯޓަށް ފޮނުވި
ދަށުކޯޓުން ހައިކޯޓުގެ ކުރީގެ ނިންމުންތަކުގައިވާ 124 (ށ) ގެ އުޞޫލުތަކަށް ރިޢާޔަތްނުކޮށް، ހުށަހެޅި ހެކިތަކާއި ސަބަބުތައް ވަކިން ވަޒަންނުކޮށް، ހަމައެކަނި ދިފާޢު މުއްދަތުގައި ހުށަނާޅާކަމަށް ބަލައި ނިންމާފައިވާތީ، އެ ވަޒަންކުރުމަކީ ދަށުކޯޓުގެ ދައުރުކަމުން ޙުކުމް ބާޠިލުކޮށް އަލުން ބެލުމަށް ފޮނުވިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ ދަށުން ޣައިރު ޙާޟިރުގައި ކުރާ ޙުކުމް ބާޠިލު ނުވަތަ ބަދަލުކުރުމުގެ ފުރުޞަތު ދީފައިވަނީ ސީދާ އެ ޙުކުމްކުރި ކޯޓަށެވެ؛ އެއީ އިސްތިއުނާފީ ކޯޓެއްގެ ދައުރެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18)
- 124 ވަނަ މާއްދާގެ (ހ) ގައިވާ ޙާލަތްތަކުގައި (115 އަދި 116 ވަނަ މާއްދާގެ ޝަރުޠުތައް ފުރިހަމަނުވުން ނުވަތަ ޙުކުމުގެ ކުރިން ދަޢުވާ އަދާކޮށްފައިވުން) ޙުކުމަކީ އިޖުރާއީ ނައްސުތަކާ ޚިލާފު (irregular) ޙުކުމެއް ކަމުން، ex debito justitiae ގެ މިންގަނޑުން އެ ޙުކުމް ބާޠިލުކުރުން ލާޒިމުވެއެވެ؛ އެއީ ފަނޑިޔާރުގެ އިޚްތިޔާރެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 30، 33)
- 124 ވަނަ މާއްދާގެ (ށ) ގެ ދަށުން (regular) ޙުކުމެއް ބާޠިލު ނުވަތަ ބަދަލުކުރުމަކީ ހެއްކާއެކު ހުށަހަޅާ ހުށަހެޅުމަކަށް ރިޢާޔަތްކޮށް ފަނޑިޔާރުގެ އިޚްތިޔާރީ ބާރުގެ ތެރެއިން ނިންމާ ނިންމުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 34، 44)
- ދަޢުވާއާ ޙަވާލުވިކަމުގެ ލިޔުމާއި ދިފާޢު މުއްދަތުގައި ހުށަނާޅާކަން ހުށަހަޅާ ފަރާތުން ޤަބޫލުކޮށް، ހުށަހެޅުން ބިނާކުރީ 124 (ށ) ގެ މައްޗަށްނަމަ، އެއީ 124 (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމެއް ނޫނެވެ؛ އެ ޙާލަތުގައި ފާހަގަކުރާ އިޖުރާއީ ކަންކަން 124 (ހ) ގެ އަލީގައި ވަޒަންކުރަން ނުޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 35-38)
- 124 (ށ) (1) ގެ "ދަޢުވާ ދިފާޢުކުރެވިދާނެ ޙަޤީޤީ ސަބަބު" ގެ މާނައަކީ ޤާނޫނީ ސަބަބު އެކުލެވޭ ބަހުސްކުރެވިދާނެ ދިފާޢެއް (triable issue) އޮތުމެވެ؛ އެ މަރުޙަލާގައި ދިފާޢު ސާބިތުކޮށްދޭންޖެހޭ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 40)
- 124 (ށ) (2) ގެ ދަށުން ބަލައިގަނެވޭ ސަބަބަކީ ބާރުނުފޯރުވޭ ސަބަބަކާހުރެ ޑިފޯލްޓްވުން ފަދަ (މުޢާމަލާތުގައި އޮޅުން، ޞިއްޙީ ސަބަބު) ޙަޤީޤީ މަޢާފުކުރެވޭނެ ސަބަބުތަކެވެ؛ އޭގައި ޝަރީޢަތަށް އޮޅުވާލުމުގެ ނުވަތަ އަމުރަށް ކިޔަމަންނުވުމުގެ ޤަޞްދެއް ނުހުންނަންވާނެއެވެ؛ އަދި ވަޒަންކުރާ ކަންކަމުގެ ތެރޭގައި ޚިލާފުވުމުގެ ސީރިއަސްކަމާއި ސަބަބު، މައްސަލައިގެ ޙާލަތު، ހުށަހެޅުމުގެ އަވަސްމިނާއި ލަސްވި ސަބަބު، ޙަޤީޤީ ދިފާޢެއް އޮތުމާއި އިންސާފުގެ މުހިންމުކަން، އަދި ދަޢުވާކުރާ ފަރާތަށް ލިބޭ ގެއްލުން ހިމެނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 41-43)
- 124 (ށ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމެއްގައި ދިފާޢު ހުށަނޭޅުމަކީ އެންމެ އިސްކޮށް ވަޒަންކުރާ ކަމެއް ނޫނެވެ؛ ޙަޤީޤީ ދިފާޢެއް އޮތްތޯއާއި ޖަވާބު ލަސްވެގެން ނަމަވެސް ހުށަހަޅާފައިވޭތޯ ބަލަންވާނެއެވެ؛ އަދި ހެކި ކަމުގައި ބެލެވޭނީ ހަމައެކަނި މާއްދީ ހެކި ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 28)
- 124 (ށ) ގެ ދަށުން ހެކިތަކާއެކު ހުށަހެޅުމެއް ހުށަހަޅައިފިނަމަ، ހުށަހެޅި ސަބަބުތަކާއި ހެކިތައް ދަށުކޯޓުން ވަޒަންކޮށް، އިޖުމާލީ ގޮތެއްގައިވެސް ސަބަބު ބަޔާންކޮށް ނިންމުމެއް ނިންމަންވާނެއެވެ؛ ހަމައެކަނި ދިފާޢު މުއްދަތުގައި ހުށަނާޅާކަމަށް ބުނެ ބަލައިނުގަތުމަކީ ޤާނޫނާ އެއްގޮތްވާ ނިންމުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 27-28، 48-49)
- ދަށުކޯޓުން ވަޒަންކޮށްފައިނުވާ ހެކިތައް އިސްތިއުނާފީ މަރުޙަލާގައި އައްވަލަށް ވަޒަންކުރަން ނުޖެހޭނެއެވެ؛ އެއީ ދަށުކޯޓުގެ ދައުރު ކަމުން، މައްސަލަ އަލުން ބެލުމަށް ދަށުކޯޓަށް ފޮނުވަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 30، 50-51)
1މިއީ ފެލިދެއަތޮޅު ކެޔޮދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 14/J4C/2025 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ވ.ކެޔޮދޫ، […]، ޢަލީ ރަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ އިޓަލީވިލާތުގެ ރައްޔިތެއް ކަމުގައިވާ ފްރާންސެސްކޯ ޑި ޕިލާޓޯ އެވެ.
2ފެލިދެއަތޮޅު ކެޔޮދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 10/J4C/2025 ޤަޟިއްޔާ
2.1. އިޓަލީވިލާތުގެ ރައްޔިތެއްކަމުގައިވާ ފްރާންސެސްކޯ ޑި ޕިލާޓޯ އާއި، ވ. ކެޔޮދޫ "ހުދުއަސުރުމާގެ" އެވެ ކިޔުނު ގޯތީގެ ވެރިފަރާތްކަމުގައިވާ ވ. ކެޔޮދޫ، […]، ނަސީމާ މުޙައްމަދު އާ ދެމެދު ވ. ކެޔޮދޫ "ހުދުއަސުރުމާގެ" އެވެ ކިޔުނު ގޯތި ފްރާންސެސްކޯ ޑި ޕިލާޓޯ އަށް 30 (ތިރީސް) އަހަރުގެ މުއްދަތަށް ކުށްޔަށްދިނުމަށް 02 ޖޫން 2022 ވަނަ ދުވަހު ކުލީގެ އެއްބަސްވުމެއްގައި ސޮއިކޮށް، އެ އެއްބަސްވުން ފެލިދެއަތޮޅު ކެޔޮދޫ މެޖިސްޓްރޭޓް ކޯޓުގައި ރަޖިސްޓްރީކޮށްފައިވެއެވެ.
2.2. އެ އެއްބަސްވުން ވެފައިވަނިކޮށް، ވ. ކެޔޮދޫ، […]، ޢަލީ ރަޝީދުގެ އަމިއްލަ ނަމުގައި ވ. ކެޔޮދޫ ނޫރަންގޭގައި ރަޖިސްޓްރީ ކޮށްފައިވާ "އަންފްރަރޯޑާ" އެވެ ކިޔާ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ބޭނުންކޮށްގެން ހުދުއަސުރުމާގޭގައި ޓޫރިސްޓް ގެސްޓްހައުސްއެއް ރަޖިސްޓްރީ ކޮށް އެބިން ބޭނުންކުރަމުންދާ ކަމަށާއި، ޢަލީ ރަޝީދު އެބިން ބޭނުންކުރަމުންދަނީ އެއްވެސް ޤާނޫނީ ހައިސިއްޔަތެއް ނެތި ކަމަށް ބަޔާންކޮށް، ވ. ކެޔޮދޫ "ހުދުއަސުރުމާގެ" އެވެ ކިޔުނު ގޯތި ފްރާންސެސްކޯ ޑި ޕިލާޓޯއާ ހަވާލުކުރުމަށް ޢަލީ ރަޝީދުގެ މައްޗަށް އަމުރުކޮށްދިނުމަށާއި، ފްރާންސެސްކޯ ޑި ޕިލާޓޯގެ ހުއްދަނެތި ވ. ކެޔޮދޫ ހުދުއަސުރުމާގޭގައި ޢަލީ ރަޝީދުގެ އަމިއްލަ ނަމުގައި ގެސްޓްހައުސް ނުވަތަ އެނޫންވެސް ވިޔަފާރިއެއް ނުހިންގުމަށް ޢަލީ ރަޝީދުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ޢަލީ ރަޝީދުގެ މައްޗަށް ފްރާންސެސްކޯ ޑި ޕިލާޓޯގެ ފަރާތުން ފެލިދެއަތޮޅު ކެޔޮދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 10/J4C/2025 ޤަޟިއްޔާގައި ދައުވާކުރިއެވެ.
2.3. ޢަލީ ރަޝީދުގެ ފަރާތުން ދައުވާއާ ހަވާލުވީކަމުގެ ލިޔުން މުއްދަތުގެ ތެރޭގައި ހުށަހަޅާފައިނުވާކަމަށާއި، ދައުވާގެ ދިފާއު ހުށަހަޅާފައިނުވާކަމަށް އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އަދި އެ ލިޔުންތައް ހުށަހަޅާފައިނުވާތީ ދައުވާކުރި ފްރާންސެސްކޯ ޑި ޕިލާޓޯގެ ފަރާތުން އެދިފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ އެކާވީސްވަނަ ބާބު "ކޯޓު އަމުރު" ގެ ދަށުން ޣައިރު ޙާޟިރުގައި އެ މައްސަލައިގައި ޙުކުމްކޮށްދިނުމަށެވެ.
2.4. އެހެންކަމުން އެ ހުށަހެޅުމަށް ބިނާކޮށް، ފެލިދެއަތޮޅު ކެޔޮދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 10/J4C/2025 ޤަޟިއްޔާގައި 23 ޖޫން 2025 ދުވަހު ޙުކުމްކޮށްފައިވަނީ ޢަލީ ރަޝީދުގެ ޣައިރު ހާޟިރުގައެވެ. އެ ޤަޟިއްޔާގެ ޙުކުމުގެ އިބާރާތުގައި ވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، މި މައްސަލައިގައި ދައުވާކުރާ ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކަށާއި، ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން ވ. ކެޔޮދޫ ހުދުއަސުރުމާގެ އެވެ ކިޔުނު ގޯއްޗަކީ ދައުވާކުރާ ފްރާންސެސްކޯ ޑި ޕިލާޓޯ (އިޓަލީ ޕާސްޕޯޓް ނަންބަރު ) އާއި ވ. ކެޔޮދޫ، […]، ނަސީމާ މުޙައްމަދު () އާ ދެމެދު 02 ޖޫން 2022 ވަނަ ދުވަހު ސޮއިކޮށް ވ.ކެޔޮދޫ މެޖިސްޓްރޭޓް ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ ލީސް އެގްރީމެންޓެއްގެ ދަށުން 30 އަހަރުދުވަހުގެ މުއްދަތަށް ފްރާންސެސްކޯ ޑި ޕިލާޓޯ ކުއްޔަށް ހިފާފައިވާ ގޯއްޗެއްކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮތުމާއެކު، ދައުވާކުރާ ފްރާންސެސްކޯ ޑި ޕިލާޓޯގެ އިޒުނައެއް ނެތި އެގޯތީގައި ދައުވާލިބޭ ޢަލީ ރަޝީދުގެ އަމިއްލަ ނަމުގައި ގެސްޓްހައުސްއެއް ހިންގުމުގެ ޤާނޫނީ އެއްވެސް ހައިސިއްޔަތެއް ޢަލީ ރަޝީދު އަށް ލިބިގެންވާކަން އެނގެން ނެތުމާއެކު، ދައުވާކުރާ ފްރާންސެސްކޯ ޑި ޕިލާޓޯގެ ހުއްދަ ނެތި ވ.ކެޔޮދޫ ހުދުއަސުރުމާގޭގައި ދައުވާލިބޭ ވ.ކެޔޮދޫ، […]، ޢަލީ ރަޝީދުގެ އަމިއްލަ ނަމުގައި ގެސްޓްހައުސް އެއް ނުވަތަ އެނޫންވެސް ވިޔަފާރިއެއް ނުހިންގުމަށާއި، އަދި 23 ޖޫން 2025 މިދުވަހުން ފެށިގެން 07 ދުވަހުގެ ތެރޭގައި ވ. ކެޔޮދޫ، […]، ދައުވާކުރާ ފްރާންސެސްކޯ ޑި ޕިލާޓޯ އާ ހަވާލުކުރުމަށް ދައުވާލިބޭ ވ. ކެޔޮދޫ، […]، ޢަލީ ރަޝީދުގެ މައްޗަށް އަންގާ އަމުރުކޮށް ވ. ކެޔޮދޫ، […] ، ޣައިރު ޙާޟިރުގައި ޙުކުމްކޮށްފީމެވެ."
3ފެލިދެއަތޮޅު ކެޔޮދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 14/J4C/2025 ޤަޟިއްޔާ
3.1. އިސްވެ ބުނެވުނު ފެލިދެއަތޮޅު ކެޔޮދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 10/J4C/2025 ޤަޟިއްޔާގައި ޢަލީ ރަޝީދުގެ ޣައިރު ޙާޟިރުގައި 23 ޖޫން 2025 ދުވަހު ޙުކުމްކުރުމުން، އޭގެ 5 (ފަހެއް) ދުވަސް ފަހުން، 29 ޖޫން 2025 ދުވަހު، އެ ޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށްދިނުމަށް އެދި ޙުކުމް މުރާޖަޢާ މައްސަލައެއް ފެލިދެއަތޮޅު ކެޔޮދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 14/J4C/2025 ޤަޟިއްޔާގައި ޢަލީ ރަޝީދު ހުށަހެޅިއެވެ.
3.2. ޢަލީ ރަޝީދުގެ ފަރާތުން އެ ހުށަހެޅުން ހުށަހަޅާފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގެ ދަށުން ދައުވާ ދިފާއުކުރެވިދާނެ ޙަޤީޤީ ސަބަބުތަކެއް ހުރިކަމަށާއި ދައުވާ ބާޠިލްކުރަންޖެހޭ އެކަށީގެންވާ ސަބަބުތަކެއް ހުރި ކަމަށް ބަޔާންކޮށެވެ. މިކަން ސާބިތުކުރުމަށް ޢަލީ ރަޝީދު އަށް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ކަމާބެހޭ މިނިސްޓްރީން ދީފައިވާކަން އެނގޭ ލިޔުން އެގްޒިބިޓްގެ ގޮތުގައި ހިމަނާފައިވެއެވެ.
3.3. ޢަލީ ރަޝީދުގެ އެ ހުށަހެޅުމުގައި އިތުރަށް ފާހަގަކޮށްފައިވަނީ ނަންބަރު 10/J4C/2025 ޤަޟިއްޔާއާ ގުޅިގެން ދައުވާއާ ހަވާލުވީކަމުގެ ލިޔުން، މުއްދަތު ހަމަވީފަހުން ނަމަވެސް ހުށަހެޅި ކަމަށެވެ. އަދި ދައުވާގެ ދިފާއު ވެސް ހުށަހެޅިކަމަށެވެ. މައްސަލައިގައި ވަކީލަކު އައްޔަންކުރުމަށް ފޮނުވި އީމެއިލް އާއި، ދައުވާއާ ހަވާލުވީކަމުގެ ލިޔުމުގެ އިތުރުން، ދިފާއު ހުށަހެޅުމަށްޓަކައި ކޯޓަށް ފޮނުވި އީމެއިލް އެގްޒިބިޓްގެ ގޮތުގައި ހިމަނާފައިވެއެވެ.
3.4. މީގެ އިތުރުން، ޢަލީ ރަޝީދަކީ ކުލީގެ އެއްބަސްވުމުގެ ބައިވެރިއެއް ނޫން ކަމާއި، މައި ދައުވާގެ އެދޭގޮތުގައި އެ ގޯތި އަނބުރާ ހަވާލުކޮށްދިނުން އެދިފައިވާއިރު، އަދި ޢަލީ ރަޝީދު އެ ގޯތީގައި ގެސްޓްހައުސް ހިންގަމުންދަނީ ކަމާބެހޭ ފަރާތުގެ ހުއްދަ ލިބިގެންކަން އެނގެން އޮތް އިރު، ގޯތީގެ ވެރިފަރާތް މައްސަލައިގެ ޚަސްމެއްގެ ގޮތުގައި ހިމެނިފައިނެތި ހަމައެކަނި ޢަލީ ރަޝީދުގެ މައްޗަށް ދައުވާކޮށްފައި އޮތް އޮތުމުގެ މައްޗަށްވެސް ސުވާލުއުފައްދައި، އެ ހުށަހެޅުމުގައި ކަންކަން
3.5. އެ ހުށަހެޅުމާގުޅިގެން ފެލިދެއަތޮޅު ކެޔޮދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 14/J4C/2025 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ އެކޯޓުގެ ނަންބަރު 10/J4C/2025 ޤަޟިއްޔާގެ ޙުކުމް ބާޠިލްކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ. އެގޮތުން ކުރި ޙުކުމުގެ އިބާރާތުގައި ވަނީ އަންނަނިވި ފަދައިންނެވެ. "ދެންފަހެ، ބުނެވިދިޔަ ކަންކަން އެގޮތުގައި ހުރުމާއެކު، ވ.ކެޔޮދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 10/J4C/2025 ޤަޟއްޔާގައި ޣައިރު ޙާޟިރުގައި ކުރި ޙުކުމް ބާޠިލްކުރުމަށް ވ.ކެޔޮދޫ، […]، ޢަލީ ރަޝީދުގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށާއި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް ރިޢާޔަތްކޮށް، ވ.ކެޔޮދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 10/J4C/2025 ޤަޟިއްޔާގައި ވ.ކެޔޮދޫ، […]، ޢަލީ ރަޝީދުގެ ޣައިރު ހާޟިރުގައި ކުރި ޙުކުމް ބާޠިލްކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައިފީމެވެ."
4އިސްވެ ނަކަލުކުރެވުނު ޙުކުމާމެދު ހިތްހަމަނުޖެހިގެން ޢަލީ ރަޝީދުގެ ފަރާތުން ފެލިދެއަތޮޅު ކެޔޮދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 14/J4C/2025 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. މިއީ އެގޮތުން ބެލި އިސްތިއުނާފީ ޤަޟިއްޔާއެވެ.
5ފެލިދެއަތޮޅު ކެޔޮދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 14/J4C/2025 ޤަޟިއްޔާ އިސްތިއުނާފުކުރަމުން ޢަލީ ރަޝީދުގެ ފަރާތުން ހުށަހަޅާފައިވަނީ 1 (އެކެއް) ނުކުތާއެވެ. އެ ނުކުތާ އަކީ: ޙުކުމް ބާޠިލްކުރުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމާއި، އެ ހުށަހެޅުމާ ގުޅިގެން ހުށަހެޅިފައިވާ ހެކިތައް ވަޒަންކުރުމެއް ނެތި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ
(ށ) އާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/184 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކާ ޚިލާފަށް ދައުވާ ދިފާއުކުރެވިދާނެ ޙަޤީޤީ ސަބަބުތަކެއް ނުވަތަ ޙުކުމް ބަދަލުކުރަންޖެހޭ ނުވަތަ ބާޠިލްކުރަންޖެހޭ ނުވަތަ ދަޢުވާ ދިފާޢުކުރުމަށް ދަޢުވާލިބޭ ފަރާތަށް ފުރުޞަތު ދޭންޖެހޭ އަދި ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމް ބާޠިލްކުރަންޖެހޭ ސަބަބުތަކެއް އޮތްއިރު، އެކަންކަމުގެ މައްޗަށް ނުބަލައި މައްސަލަ ނިންމާފައިވާކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
6އިސްތިއުނާފުކުރާ ފަރާތުން މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ ދަށުކޯޓަށް ހުށަހެޅި މުރާޖަޢާ މައްސަލައިގައި، ދައުވާ ދިފާއުކުރެވިދާނެ އަދި ޣައިރު ޙާޟިރުގައި ކުރި ޙުކުމް ބާޠިލްކުރަންޖެހޭ އެކަށީގެންވާ ސަބަބު ސާފުވާވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ގެސްޓްހައުސް ހިންގަމުންދަނީ ކަމާބެހޭ ފަރާތުން ހުއްދަ ލިބިގެންކަން އެނގޭ ލިޔުން ހުށަހަޅާފައިވާނެ ކަމަށެވެ. ހަމައެހެންމެ މައްސަލައިގެ އެދޭގޮތުގައި ފްރާންސެސްކޯ ޑި ޕިލާޓޯއާ ގޯތި ހަވާލުކުރުމަށް އެދިފައިވާއިރު އަދި މައި ދައުވާގައި އެފަދައިން ދަށުކޯޓުން ޙުކުމްކޮށްފައިވާއިރު، ގޯތި ހަވާލުކުރެވޭނީ ގޯތީގެ ވެރިފަރާތަށް ކަމަށެވެ. ގޯތީގެ ވެރިފަރާތް މައްސަލައިގައި ތަދައްޚުލު ކޮށްފައި ނުވާކަމަށެވެ. އަދި އެފަރާތުގެ މައްޗަށް ދައުވާ ރައްދުވެސް ކޮށްފައިނުވާކަމަށެވެ.
7ފެލިދެއަތޮޅު ކެޔޮދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 10/J4C/2025 ޤަޟިއްޔާގެ ދައުވާއާ ހަވާލުވީކަމުގެ ލިޔުމުގެ އިތުރުން، މައްސަލައިގެ ދިފާއު ވެސް ދަށުކޯޓަށް ހުށަހެޅި ކަމަށާއި ނަމަވެސް އެކަން ފާހަގަކުރަނީ އިޖުރާއީގޮތުން ކަމަށާއި، މައްސަލައިގެ މުރާޖަޢާ ބިނާކުރީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) އަށް ބިނާކޮށް، ދައުވާ ދިފާއުކުރެވިދާނެ ޙަޤީޤީ ސަބަބެއް ވުޖޫދުގައި އޮތުމުގެ މައްޗަށް ކަމަށް ފަނޑިޔާރުންގެ ބެންޗުން ކުރި ސުވާލަކަށް ޖަވާބުދެމުން ޢަލީ ރަޝީދުގެ ފަރާތުން ބުނެފައިވެއެވެ.
8މީގެ އިތުރުން ވިޔަފާރި ޑީރަޖިސްޓާރ ވެފައިވާކަމަށް އިސްތިއުނާފު ރައްދުވާ ފްރާންސެސްކޯ ޑި ޕިލާޓޯގެ ފަރާތުން ފާހަގަކޮށްފައިވާއިރު، ދަށުކޯޓަށް ދައުވާ ހުށަހެޅުނުއިރު، އެ ވިޔަފާރިއަކީ ޑީރަޖިސްޓަރ ވެފައިވާ ވިޔަފާރިއެއް ނޫން ކަމަށެވެ.
9ޢަލީ ރަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވަނީ ދަށުކޯޓުގެ ޙުކުމް ބާޠިލްކޮށް، ޢަލީ ރަޝީދުގެ ފަރާތުން ހުށަހެޅި ދިފާއު ބަލައިގަތުމާއެކު، މައްސަލަ މައުޟޫޢީގޮތުން ކުރިއަށްގެންދަންޖެހޭ ކަމަށް ކަނޑައަޅައިދިނުމަށެވެ.
10ފްރާންސެސްކޯ ޑި ޕިލާޓޯގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަކޮށްފައިވަނީ ދަށުކޯޓަށް ދިފާއު ހުށަހެޅިކަމަށް ޢަލީ ރަޝީދުގެ ފަރާތުން ފާހަގަކުރާއިރު، އެ ދިފާއުފޯމު ހައިކޯޓަށް ވެސް އަދި ދަށުކޯޓަށްވެސް ހުށަހަޅާފައިނުވާކަމަށެވެ. މީގެ އިތުރުން ޢަލީ ރަޝީދުގެ ވިޔަފާރި އަކީ ޑީރަޖިސްޓަރ ކުރެވިފައިވާ ވިޔަފާރިއެއްކަން އެނގެން އޮންނަ ކަމަށެވެ. ވީއިރު، ވ. ކެޔޮދޫ ހުދުއަސުރުމާގޭގައި ޢަލީ ރަޝީދު ގެސްޓްހައުސް ވިޔަފާރި ކުރުމުގެ ޤާނޫނީ އެއްވެސް ހައިސިއްޔަތެއްވެސް ނެތް ކަމަށެވެ. އެހެންކަމުން ދައުވާ ދިފާއުކުރެވިދާނެ ޙަޤީޤީ ސަބަބެއް ނެތް ކަމަށެވެ. ދަށުކޯޓަށް މުރާޖަޢާ މައްސަލަ ހުށަހެޅިއިރު ހުށަހަޅާފައިވާ ގެސްޓްހައުސް ހިންގުމުގެ ހުއްދައަކީ ދައުވާކުރިއިރު ފްރާންސެސްކޯ ޑި ޕިލާޓޯގެ ފަރާތުން ވެސް ހުށަހަޅާފައިވާ ހެއްކެއް ކަމަށެވެ. އެހެންކަމުން މުރާޖަޢާ މައްސަލައިގައި މައި މައްސަލައިގެ ޙުކުމް ބާޠިލްކޮށްދިނުން އެދި ޢަލީ ރަޝީދުގެ ފަރާތުން ހެއްކެއް ވެސް ހުށަހަޅާފައި ނުވާ ކަމަށެވެ.
11މީގެ އިތުރުން ޢަލީ ރަޝީދުގެ މައްޗަށް ދައުވާ ރައްދުނުކުރެވޭނެ ކަމަށް ބުނާ ބުނުމަކީ ކޯޓުގެ އިޚްތިޞާޞާމެދު ސުވާލު އުފެއްދުމުގެ މަރުހަލާގައި ފާހަގަކުރަންޖެހޭ އިޖުރާއީ ކަމެއް ކަމަށެވެ. ނަމަވެސް އެކަން ފާހަގަކޮށް ދައުވާއާ ހަވާލުވީކަމުގެ ލިޔުންވެސް ހުށަހަޅާފައި ނުވާކަމަށެވެ. އެހެންކަމުން އެ ނުކުތާއަކީ މިހާރު ފާހަގަކުރެވޭނެ ކަމެއްވެސް ނޫން ކަމަށެވެ. އަދި ގޭގެ ވެރިފަރާތުގެ މައްޗަށް ދައުވާ ރައްދުކުރަން ޖެހޭ ހާލަތެއް ނުވެސް ނެތް ކަމަށެވެ.
12ފަނޑިޔާރުން ކުރި ސުވާލުތަކަށް ޖަވާބުދެމުން ފްރާންސެސްކޯ ޑި ޕިލާޓޯގެ ފަރާތުން ފާހަގަކޮށްފައިވަނީ މި ޚުސޫމަތަކީ ގޭގެ ވެރިފަރާތާ ދެމެދު އޮތް ޚުސޫމަތެއް ނޫން ކަމަށެވެ. އަދި މިއީ ގޭގެ ވެރިފަރާތާ ދެމެދު އޮތް އެއްބަސްވުމާ ޚިލާފުވެގެން ހުށަހެޅި މައްސަލައެއްވެސް ނޫން ކަމަށެވެ. އެހެންކަމުން މި ހާލަތުގައި ގޭގެ ވެރިފަރާތުގެ މައްޗަށް ދައުވާ ކުރުން ލާޒިމް ކަމަށް ނުދެކޭ ކަމަށެވެ.
13ފްރާންސެސްކޯ ޑި ޕިލާޓޯގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވަނީ ދަށުކޯޓުގެ ޙުކުމް ބާޠިލްކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށް ކަނޑައަޅައިދީ މައްސަލަ ނިންމައިދިނުމަށެވެ.
14މި މައްސަލައިގައި ހުށަހެޅުނު އިސްތިއުނާފީ ނުކުތާގައި ޢަލީ ރަޝީދުގެ ފަރާތުން ހުށަހެޅި މައިގަނޑު ޝަކުވާއަކީ ޣައިރު ޙާޟިރުގައި ކުރި ޙުކުމް ބާޠިލްކޮށްދިނުން އެދި ޢަލީ ރަޝީދުގެ ފަރާތުން ދަށުކޯޓަށް ހުށަހެޅި ހެކިތަކަށް ދަށުކޯޓުން ރިޢާޔަތްކޮށްފައިނުވާ ކަމަށެވެ. އެގޮތުން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގައި ވާފަދައިން ދައުވާ ދިފާއުކުރެވިދާނެ ނުވަތަ ޣައިރު ޙާޟިރުގައި ކުރި ޙުކުމް ބާޠިލްކުރަންޖެހޭ އެކަށީގެންވާ ސަބަބެއް އޮތްތޯ ދަށުކޯޓުން ބަލާފައިވެސް ނުވާކަމަށެވެ. އެހެންކަމުން މި މައްސަލައިގައި ހައިކޯޓުން ޖަވާބުދޭންޖެހެނީ އަންނަނިވި ޤާނޫނީ ސުވާލަށެވެ.
14.1 ޣައިރު ހާޟިރުގައި ކުރި ޙުކުމް ބާޠިލްކޮށްދިނުމަށް އެދުނު ހުށަހެޅުމާއެކު ހުށަހެޅި ހެކިތަކާއި ސަބަބުތަކަށް ޤާނޫނީ ހަމަތަކުގެ މަތިން ދަށުކޯޓުން ރިޢާޔަތްކޮށްފައިވޭތޯ؟ މި ސުވާލެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 10 ވަނަ ބާބު "ޣައިރު ހާޟިރުގައި ކުރާ ޙުކުމް" ގައި އެފަދަ މައްސަލަތައް މުރާޖަޢާ ކުރުމުގެ އިޖުރާއަތު އޮތީ ކިހިނެއް؟
15މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 112 ވަނަ މާއްދާއިން ފެށިގެން 124 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކަކީ އެ ޤާނޫނުގެ 10 ވަނަ ބާބު "ޣައިރު ހާޟިރުގައި ކުރާ ޙުކުމް" އަށް ނިސްބަތްވާ މާއްދާތަކެވެ. އެ ބާބުގެ 112 ވަނަ މާއްދާގައި އެ ބާބު ހިނގާނެ ދާއިރާ ބަޔާންކޮށްދީފައިވެއެވެ. އެގޮތުން އެ މާއްދާގައި އޮތީ އަންނަނިވި ފަދައިންނެވެ. 112 "މި ބާބުގެ ބޭނުމަށްޓަކައި [ޣައިރު ޙާޟިރުގައި ކުރާ ޙުކުމް] ކަމަށް ބުނެފައި އެވަނީ، ދަޢުވާލިބޭ ފަރާތުން ދަޢުވާއާ ޙަވާލުވުމަށްފަހު، ދަޢުވާގެ ދިފާޢެއް ހުށަހަޅަން ކަނޑައަޅާފައިވާ މުއްދަތުގައި ދަޢުވާއަށް ދިފާޢެއް ހުށަހަޅާފައިނުވާ ޙާލަތުގައި، މައްސަލައިގެ ޝަރީޢަތް ހިންގުމަކާ ނުލައި، ދަޢުވާލިބޭ ފަރާތަށް އިތުރު ނޯޓިހެއް ދިނުމަކާ ނުލައި، އެ މައްސަލަ ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ނިންމައި ކުރާ ޙުކުމަށެވެ."
16މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 10 ވަނަ ބާބުގައި ބަޔާންކުރާ ހާލަތްތަކުގައި ދައުވާލިބޭ ފަރާތުގެ ޣައިރު ހާޟިރުގައި ޙުކުމްކޮށްދިނުމަށް އެދެވިދާނެކަން އެ ޤާނޫނުގެ 113 ވަނަ މާއްދާގައި ބަޔާންކުރެއެވެ. އެގޮތުން ޣައިރު ހާޟިރުގައި ޙުކުމް ކުރެވޭނެ ޙާލަތްތަކާއި، އެ ޙުކުމް ކުރުމުގައި ބަލަންޖެހޭ ކަންކަން މި ބާބުގެ ދެން ހުރި މާއްދާތަކުގައި ބަޔާންކޮށްފައިވެއެވެ.
17މި ބާބުގެ ފަހު މާއްދާއަކީ 124 ވަނަ މާއްދާއެވެ. އެއީ ޣައިރު ހާޟިރުގައި ކުރާ ޙުކުމް ބާޠިލްކުރުން ނުވަތަ ބަދަލުކުރުމުގެ އިޖުރާއަތު ބަޔާންކުރާ މާއްދާއެވެ. މި މައްސަލައިގައި ހުށަހެޅިފައިވާ އިޖުރާއީ އިއުތިރާޟާ ސީދާ ގުޅޭ މާއްދާއެވެ. އެ މާއްދާގެ (ހ)، (ށ) އަދި (ނ) ގައި އޮތީ އަންނަނިވި ފަދައިންނެވެ. 124 (ހ) "ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމެއް ކޮށްފައިވަނީ އަންނަނިވި ސަބަބުތަކަށްޓަކައި ރަނގަޅަށް ނޫން ކަމުގައިވާނަމަ، އެ ޙުކުމްކުރި ކޯޓުން އެ ޙުކުމް ބާޠިލުކުރަންވާނެއެވެ. (1) ދަޢުވާ ފޯމާ ޙަވާލުވިކަން އަންގައިދޭ ލިޔުން ހުށަނޭޅުމުގެ ސަބަބުން ޣައިރު ޙާޟިރުގައި ޙުކުމްކުރާ ޙާލަތުގައި، މި ޤާނޫނުގެ 115 ވަނަ މާއްދާގެ (ހ) އަދި 116 ވަނަ މާއްދާގައި ބަޔާންކުރާ ޝަރުޠުތައް ފުރިހަމަވެފައިނުވުން؛ (2) ދިފާޢު ހުށަނޭޅުމުގެ ސަބަބުން ޣައިރު ޙާޟިރުގައި ޙުކުމްކުރާ ޙާލަތުގައި، މި ޤާނޫނުގެ 115 ވަނަ މާއްދާގެ (ށ) އަދި 116 ވަނަ މާއްދާގައި ބަޔާންކުރާ ޝަރުޠުތައް ފުރިހަމަވެފައިނުވުން؛ (3) ޙުކުމް ކުރުމުގެ ކުރިން ދަޢުވާކުރާ ފަރާތުން ކޮށްފައިވާ ދަޢުވާއިން އެދިފައިވާ ކަންކަން، ދަޢުވާލިބޭ ފަރާތުން ފުރިހަމައަށް އަދާކޮށްފައިވުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޙާލަތްތައް ފިޔަވައި އަންނަނިވި ޙާލަތްތަކުގައި ހެއްކާއެކު ހުށަހަޅާ ހުށަހެޅުމަކަށް ރިޢާޔަތްކޮށް، ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމެއް، އެ ޙުކުމްކުރި ކޯޓުން ބަދަލު ނުވަތަ ބާޠިލުކުރެވިދާނެއެވެ. (1) ދަޢުވާލިބޭ ފަރާތަށް ދަޢުވާ ދިފާޢުކުރެވިދާނެ ޙަޤީޤީ ސަބަބުތަކެއް ހުރުން؛ ނުވަތަ (2) ޙުކުމް ބަދަލުކުރަންޖެހޭ ނުވަތަ ބާޠިލުކުރަންޖެހޭ ނުވަތަ ދަޢުވާ ދިފާޢުކުރުމަށް ދަޢުވާލިބޭ ފަރާތަށް ފުރުޞަތު ދޭންޖެހޭ އެހެން އެކަށީގެންވާ ސަބަބެއް އޮތްކަމަށް ކޯޓަށް ޤަބޫލުކުރެވޭ ސަބަބެއް އޮތުން.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ޙުކުމް ބަދަލުކުރުމަށް ނުވަތަ ބާޠިލުކުރުމަށް ކަނޑައެޅުމުގައި ކޯޓުން ރިޢާޔަތްކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި، ޙުކުމް ބާޠިލުކުރަން ހުށަހެޅި ފަރާތުން ހުށަހަޅާފައިވާ އަވަސްމިން ހިމެނެއެވެ.
18ޕްރިސިޑެންސް 1އިސްވެ ނަކަލު ކުރެވުނު މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގައި ބަޔާންކޮށްފައި އެވަނީ އެ މާއްދާގެ (ހ) ގައިވާ ޙާލަތުގައި "އެ ޙުކުމްކުރި ކޯޓުން އެ ޙުކުމް ބާޠިލުކުރަންވާނެ" ކަމަށެވެ. އަދި އެ މާއްދާގެ (ށ) ގައިވާ ހާލަތުގައި "އެ ޙުކުމްކުރި ކޯޓުން އެ ޙުކުމް ބަދަލު ނުވަތަ ބާޠިލުކުރެވިދާނެ" ކަމަށެވެ. މި މާއްދާއަށް ބެލުމުން، މި ބާބުގެ ދަށުން ޣައިރު ޙާޟިރުގައި ކުރާ ޙުކުމްތައް ބަދަލު ނުވަތަ ބާޠިލުކުރުމުގެ ފުރުސަތު މި ޤާނޫނުން ދީފައިވަނީ ސީދާ އެ ޙުކުމްކުރި ކޯޓަކަށް ކަން ސާފެވެ. އެއީ އިސްތިއުނާފީ ކޯޓުގެ ދައުރެއް ކަމަށް މި ބާބުގައި ހިމެނޭ ނުވަތަ މި ޤާނޫނުގައި ހިމެނޭ އެހެންވެސް މާއްދާއެއްގައި ތަސައްވަރުކޮށްދީފައިވާތީ އަހުރެންނަކަށް ނުފެނެއެވެ. ހަމައެހެންމެ މި ބާބުގެ ދަށުން ޣައިރު ހާޟިރުގައި ކުރާ ޙުކުމްތައް އެ ޙުކުމްކުރި ކޯޓަކުން މުރާޖަޢާ ކުރުމުގެ އިޖުރާއަތަކީ މިހާރު ހިނގަހިނގާ އޮތް އިޖުރާއަތެކެވެ.
19މި އިޖުރާއަތު ނެގެހެއްޓުމާއި، ހިންގުމާއި، މި އިޖުރާއަތުގެ ދަށުން މުރާޖަޢާ މައްސަލަތައް ބަލައިގަތުމާއި، މުރާޖަޢާ މައްސަލަތައް ބެލުމުގައި ތަބާވާންޖެހޭ މިންގަނޑުތަކާއި، މުރާޖަޢާ މައްސަލަތަކުގައި ހެކި ވަޒަންކުރުމާ ގުޅޭގޮތުން މިހާތަނަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތަފްސީލީ އުސޫލުތައް ބަޔާންކޮށް އެކި ނިންމުންތައް ނިންމާފައިވެއެވެ. އެގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (ދިވެހި ދައުލަތް) ވ. ސަދަން އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް މައްސަލަ އާއި، ޢަބްދުﷲ ރަޝީދު ޙަސަން ވ. ޤާސިމް އިބްރާހީމް މައްސަލަ އާއި މި މައްސަލައިގެ އިސްތިއުނާފީ ނުކުތާގައި ހަވާލާދީފައިވާ ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް ވ. ޔުނިކާ ޕްރައިވެޓް ލިމިޓެޑް މައްސަލަ އާއި، ބޭންކް އޮފް މޯލްޑިވްސް ޕލކ (Ex Parte) މައްސަލަ އާއި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. އެމްޕްލޯއިމަންޓް ބިއުރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މައްސަލަ އާއި، ފާޠިމަތު ޒަޔާން އިބްރާހީމް (Ex Parte) މައްސަލަ އާއި މޯލްޑިވްސް ނޭޝަނަލް ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީ ވ. ބޭންކް އޮފް މޯލްޑިވްސް ޕލކ މައްސަލަ އާއި މަރްޔަމް ޝަމީމާ ވ. ޙަބީބު ޒާހިރު މައްސަލައިގެ "އިޖުރާއީ އިޢުތިރާޟާމެދު ނިންމިގޮތް" ފަދަ ނިންމުންތަކަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 10 ވަނަ ބާބުގެ ދަށުން ހުރި އެކި ކަންކަމާ ގުޅޭ އިޖުރާއަތު މާނަކޮށްދީފައިވާ ނިންމުންތަކެކެވެ. ޣައިރު ޙާޟިރުގައި ކުރި ޙުކުމް ބާޠިލްކުރުމަށް އެދި ދަށުކޯޓަށް ހުށަހަޅާފައިވަނީ ކޮން އަސާސެއްގެ މައްޗަށް؟
20މި މައްސަލައިގެ ފަސްފަހަތް ބަޔާންކުރެވުނުއިރު، ތަފްސީލުކޮށް މައްސަލައިގައި ކަންހިނގާ ދިޔަ ގޮތާއި، ޣައިރު ޙާޟިރުގައި ކުރި ޙުކުމް ބާޠިލްކުރުމަށް އެދި ހުށަހެޅި ސަބަބުތަކާއެކު ބަޔާންކުރެވިފައި އެވަނީ އެވެ. އިސްތިއުނާފީ ނުކުތާއަށް ރިޢާޔަތްކުރުމުގެ ބޭނުމަށް، ޣައިރު ޙާޟިރުގައި ކުރި ޙުކުމް ބާޠިލްކުރުމަށް އެދި ޢަލީ ރަޝީދުގެ ފަރާތުން ހުށަހެޅި ސަބަބުތަކަށް ކުރުގޮތަކަށް ބަލާލާނަމެވެ.
21އެގޮތުން ދަށުކޯޓުގައި ޣައިރު ޙާޟިރުގައި ކުރި ޙުކުމް ބާޠިލްކުރުމަށް އެދި ޢަލީ ރަޝީދުގެ ފަރާތުން މައިގަނޑުގޮތެއްގައި އަންނަނިވި ކަންކަން ހުށަހަޅާފައިވެއެވެ.
21.1. ޢަލީ ރަޝީދުގެ ފަރާތުން އެ ހުށަހެޅުން ހުށަހަޅާފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގެ ދަށުން ދައުވާ ދިފާއުކުރެވިދާނެ ޙަޤީޤީ ސަބަބުތަކެއް ހުރިކަމަށާއި ދައުވާ ބާޠިލްކުރަންޖެހޭ އެކަށީގެންވާ ސަބަބުތަކެއް ހުރި ކަމަށް ބަޔާންކޮށެވެ. މިކަން ސާބިތުކުރުމަށް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ޢަލީ ރަޝީދު އަށް ކަމާބެހޭ މިނިސްޓްރީން ދީފައިވާކަން އެނގޭ ލިޔުން އެގްޒިބިޓްގެ ގޮތުގައި ހިމަނާފައިވެއެވެ. މިއީ ފްރާންސެސްކޯ ޑި ޕިލާޓޯގެ ފަރާތުން ކުރި މައި ދައުވާގައިވެސް ހުށަހެޅުނު ހެއްކެކެވެ.
21.2. ޢަލީ ރަޝީދުގެ އެ ހުށަހެޅުމުގައި އިތުރަށް ފާހަގަކޮށްފައިވަނީ ނަންބަރު 10/J4C/2025 ޤަޟިއްޔާއާ ގުޅިގެން ދައުވާއާ ހަވާލުވީކަމުގެ ލިޔުން، މުއްދަތު ހަމަވީފަހުން ނަމަވެސް ހުށަހެޅި ކަމަށެވެ. އަދި ދައުވާގެ ދިފާއު ވެސް ހުށަހެޅިކަމަށެވެ. ޤާނޫނީ ވަކީލަކު އައްޔަންކުރި ލިޔުންތަކާއެކު ފޮނުވި އީމެއިލްގައި ދައުވާއާ ހަވާލުވީކަމުގެ ލިޔުން އެޓޭޗް ކުރެވިފައިނުވަނީ އިންސާނީ ކުށަކުން ކަމަށެވެ. އެހެންކަމުން އެކަން ފާހަގަވުމާއެކު ދައުވާއާ ހަވާލުވީކަމުގެ ލިޔުން ކޯޓަށް ފޮނުވި ކަމަށެވެ. އެގޮތުން މައްސަލައިގައި ވަކީލަކު އައްޔަންކުރުމަށް ފޮނުވި އީމެއިލް އާއި، ދައުވާއާ ހަވާލުވީކަމުގެ ލިޔުމާއި، ދިފާއު ހުށަހެޅުމަށްޓަކައި ކޯޓަށް ފޮނުވި އީމެއިލް އެގްޒިބިޓްގެ ގޮތުގައި ހިމަނާފައިވެއެވެ. ނަމަވެސް ދަށުކޯޓަށް ހުށަހެޅި ކަމަށް ބުނާ ދިފާއު ފޯމު މި ހުށަހެޅުމުގައި އެގްޒިބިޓްގެ ގޮތުގައި ހިމަނާފައި ނުވެއެވެ.
21.3. މީގެ އިތުރުން، ޢަލީ ރަޝީދު އަކީ ފްރާންސެސްކޯ ޑި ޕިލާޓޯގެ ފަރާތުން ފާހަގަކުރާ ކުލީގެ އެއްބަސްވުމުގެ ބައިވެރިއެއް ނޫން ކަމާއި privity of contract ގެ މަފްހޫމު ފާހަގަކޮށް، ފްރާންސެސްކޯ ޑި ޕިލާޓޯގެ ފަރާތުން ކުރި މައި ދައުވާގެ އެދޭގޮތުގައި ވ. ކެޔޮދޫ "ހުދުއަސުރުމާގެ" އެވެ ކިޔުނު ގޯތި އަނބުރާ ހަވާލުކޮށްދިނުން އެދިފައިވާއިރު، އަދި ޢަލީ ރަޝީދު އެ ގޯތީގައި ގެސްޓްހައުސް ހިންގަމުންދަނީ ކަމާބެހޭ ފަރާތުގެ ހުއްދަ ލިބިގެންކަން އެނގެން އޮތް އިރު، ގޯތީގެ ވެރިފަރާތް މައްސަލައިގެ ޚަސްމެއްގެ ގޮތުގައި ހިމެނިފައިނެތި ހަމައެކަނި ޢަލީ ރަޝީދުގެ މައްޗަށް ދައުވާކޮށްފައި އޮތް އޮތުމުގެ މައްޗަށް ސުވާލުއުފައްދައި، އެ ހުށަހެޅުމުގައި ކަންކަން ދަށުކޯޓުން ގޮތް ނިންމުމުގައި ޢަލީ ރަޝީދު ހުށަހެޅި ހެކިތަކާއި ސަބަބުތަކަށް ރިޢާޔަތްކޮށްފައިވޭތޯ؟
22ދަށު ކޯޓުގެ ރިޕޯޓަށް ބެލިއިރު، ޣައިރު ޙާޟިރުގައި ކުރި ޙުކުމް ބާޠިލްކުރުމަށް އެދި ޢަލީ ރަޝީދުގެ ފަރާތުން ހުށަހެޅި ހުށަހެޅުން ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ. އަދި ފްރާންސެސްކޯ ޑި ޕިލާޓޯގެ ފަރާތުން ދިން ޖަވާބުވެސް ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ.
23މީގެ އިތުރުން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ހުރި ކަންކަން
24ޢަލީ ރަޝީދުގެ ފަރާތުން ހުށަހެޅި ހުށަހެޅުމާމެދު ދަށުކޯޓުން ރިޢާޔަތްކުރިގޮތް ބަޔާންކޮށްފައިވަނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 7.8 ގައެވެ. އެ ނުކުތާ ތިރީގައި ނަކަލުކޮށްލާނަމެވެ. "ވ.ކެޔޮދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 10/J4C/2025 ޤަޟިއްޔާގެ ޙުކުމް ބާޠިލްކުރުމަށް އެދި ވ. ކެޔޮދޫ، […]، ޢަލީ ރަޝީދުގެ ފަރާތުން ހުށަހެޅި "ޣައިރުޙާޟިރުގައި ކުރި ޙުކުމް ބާޠލްކުރުމަށް ނުވަތަ ބަދަލުކުރުމަށް އެދޭ ފޯމު (ފޯމު 27) އަށް ބަލާއިރު، ޣައިރު ޙާޟިރުގައި ކުރި ޙުކުމް ބާޠިލްކުރުމަށް ވ. ކެޔޮދޫ، […]، ޢަލީ ރަޝީދުގެ ފަރާތުން ހުށަހަޅާފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ސަބަބެއް ނުވަތަ ޙާލަތެއް އޮވެގެން ކަމަށް ބެލެވެން ނެތްކަމާއި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައިވެސް އެ ހުށަހެޅުމެއް ހުށަހަޅަންޖެހޭނީ ހެއްކާއެކު ކަމަށް ބަޔާންކޮށްފައިވާއިރު، ވ.ކެޔޮދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 10/J4C/2025 ޤަޟިއްޔާގައި ޣައިރުޙާޟިރުގައި ޙުކުމްކޮށްފައިވަނީ ދައުވާލިބޭ ފަރާތުން ހުށަހަޅަންޖެހޭ މުއްދަތުގައި ދައުވާ ފޯމާ ހަވާލުވީކަން އަންގާ ލިޔުން ނުވަތަ ދިފާއު ނުވަތަ ދައުވާގެ ޖަވާބުގެ ލިޔުމެއް ހުށަހަޅާފައި ނެތުމުންކަން ވ. ކެޔޮދޫ، […]، ޢަލީ ރަޝީދު ފަރާތުންވެސް ފާހަގަކޮށްފައިވާއިރު، އަދި އެކަން ކަމުގެ މައްޗަށް ބިނާކޮށް، ޣައިރުޙާޟިރުގައި ކުރި ޙުކުމް ބާޠިލްކުރަން ހުށަހެޅި ސަބަބުތަކަކީ އެމައްޗަށް ރިޢާޔަތްކޮށް ދައުވާލިބޭ ފަރާތަށް ދައުވާ ދިފާއުކުރެވިދާނެ ޙަޤީޤީ ސަބަބުތަކެއް ކަމަށް ބެލެވޭފަދަ ކަންކަން ކަމަށް ނުވާތީ އެސަބަބުތަކަކީ އެމައްޗަށް ކޯޓުން ރިޢާޔަތްކުރެވޭފަދަ ސަބަބުތަކެއް ކަމުގައި ބެލެވޭނެ ހަމައެއް ނެތްކަން އެނގެއެވެ."
25އިސްވެ ނަކަލުކުރެވުނު ނުކުތާގައި ދަށުކޯޓުން ފާހަގަކޮށްފައި އެވަނީ ޢަލީ ރަޝީދުގެ ފަރާތުން ޣައިރު ޙާޟިރުގައިކުރި ޙުކުމް ބާޠިލްކުރުމަށް އެދި ހުށަހަޅާފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ސަބަބެއް ނުވަތަ ޙާލަތެއް އޮވެގެން ކަމަށް ބެލެވެން ނެތްކަމަށެވެ. އަދި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައިވެސް އެ ހުށަހެޅުމެއް ހުށަހަޅަންޖެހޭނީ ހެއްކާއެކު ކަމަށެވެ. ޢަލީ ރަޝީދުގެ ފަރާތުން ޣައިރުޙާޟިރުގައި ކުރި ޙުކުމް ބާޠިލްކުރަން ހުށަހެޅި ސަބަބުތަކަކީ އެމައްޗަށް ރިޢާޔަތްކޮށް ދައުވާލިބޭ ފަރާތަށް ދައުވާ ދިފާއުކުރެވިދާނެ ޙަޤީޤީ ސަބަބުތަކެއް ކަމަށް ބެލެވޭފަދަ ކަންކަން ކަމުގައި ނުވާތީ އެސަބަބުތަކަކީ އެމައްޗަށް ކޯޓުން ރިޢާޔަތްކުރެވޭފަދަ ސަބަބުތަކެއް ނޫން ކަމަށެވެ. އެހެންކަމުން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް ރިޢާޔަތްކޮށް ޣައިރުޙާޟިރުގައި ކުރި ޙުކުމް ބާޠިލްކުރަންޖެހޭ ހާލަތެއް ނެތް ކަމަށް 8 ވަނަ ނުކުތާގައި ދަށުކޯޓުން ފާހަގަކޮށްފައިވެއެވެ.
26މިފަދަ ޣައިރު ހާޟިރުގައި ކުރާ ޙުކުމްތަކުގެ މުރާޖަޢާ މަރުހަލާގައި ބަލައިގަނެވޭނެ ހެއްކަކީ ކޮބައި ކަމާއި، ހެކި ވަޒަންކުރާނެ އުސޫލުތަކާއި ހަމަތައް ބަޔާންކުރުމާއެކު މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ވާފަދައިން ޙުކުމް ބާޠިލްކުރަންޖެހޭ ހާލަތާއި، ޙުކުމް ބާޠިލް ނުވަތަ ބަދަލުކުރެވިދާނެ ހާލަތު މާނަކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ އެކި ޤަޟިއްޔާތަކުގައި މިހާރު ގޮތް ކަނޑައެޅި އުސޫލު އިސްތިޤްރާރުވެފައިވެއެވެ. މި މައްސަލައިގެ އިސްތިއުނާފީ ނުކުތާގައި ހަވާލާދީފައިވާ ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް ވ. ޔުނިކާ ޕްރައިވެޓް ލިމިޓެޑް މައްސަލައަކީ އެ ހަމަތައް ތަފްސީލުކޮށް ބަޔާންކޮށްދީފައިވާ މިފަދަ އެއް މައްސަލައެވެ. މިއީ ދަށުކޯޓުން މުރާޖަޢާ މައްސަލައިގެ ޙުކުމް ކުރި އިރުވެސް ހައިކޯޓުން ނިންމާފައިވާ މައްސަލައެކެވެ.
27ޕްރިސިޑެންސް 8ހަމައެހެންމެ، ދަށުކޯޓުން މި މައްސަލައިގައި ޙުކުމް ކުރުމުގެ ކުރިން އަދި ފަހުންވެސް މިފަދަ ނިންމުންތަކުގައި ދިވެހިރާއްޖޭގެ ހައިކޯޓުން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާ މާނަކޮށްދީފައިވެއެވެ. އެފަދަ ބައެއް ނިންމުންތައް އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި އެވަނީއެވެ. ނަމަވެސް މިއިން އެއްވެސް ނިންމުމެއްގައި ކަނޑައަޅައިދީފައިވާ ކަމާގުޅޭ އުސޫލަކަށް ދަށުކޯޓުން ރިޢާޔަތްކޮށްފައިވާތީ އަހުރެންނަކަށް ނުފެނެއެވެ. އަދި ޣައިރު ޙާޟިރުގައި ކުރި ޙުކުމް ބާޠިލްކޮށްދިނުމަށް އެދި ހުށަހެޅި އެއްވެސް ހެއްކަކަށް ނުވަތަ ސަބަބަކަށް ވަކިން ރިޢާޔަތްކޮށް ދަށުކޯޓުން ގޮތް ކަނޑައަޅާފައިވާތީ ނުފެނެއެވެ.
28ޕްރިސިޑެންސް 7ދަށުކޯޓުން ޖުމްލަކޮށް ބަޔާންކޮށްފައިވަނީ ދިފާއު ހުށަހަޅަންޖެހޭ މުއްދަތުގައި ދިފާއު ހުށަހަޅާފައި ނުވާކަމާއި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގެ ދަށުން ހުށަހެޅުމެއް ހުށަހަޅަންވާނީ ހެއްކާއެކުގައި ކަމެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގެ ދަށުން ޣައިރު ޙާޟިރުގައިކުރާ ޙުކުމް ބާޠިލްކުރަން ހުށަހެޅިފައިވާ ހާލަތުގައި އެ ޙުކުމް ބާޠިލްކުރަންޖެހޭތޯ ނުވަތަ ބަދަލުކުރަންޖެހޭ ހާލަތެއް އޮތްތޯ ރިޢާޔަތްކުރުމުގައި، "ދިފާއު ހުށަނޭޅުން" އެއީ އެންމެ އިސްކޮށް ވަޒަންކުރަންޖެހޭ ކަންތައް ނޫން ކަމާއި، ދައުވާ ދިފާއުކުރެވިދާނެ ޙަޤީޤީ ސަބަބެއް ހުށަހެޅިފައިވޭތޯ ރިޢާޔަތްކުރަންޖެހޭކަމާއި އަދި ޖަވާބު ލަހުންނަމަވެސް ހުށަހަޅާފައިވޭތޯ މިކަންކަމަކީ ވަޒަންކުރެވޭނެ ކަންކަން ކަމުގައި މި މައްސަލައިގެ އިސްތިއުނާފީ ނުކުތާގައި ހަވާލާދީފައިވާ ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް ވ. ޔުނިކާ ޕްރައިވެޓް ލިމިޓެޑް މައްސަލައިގައި ކަނޑައެޅިފައިވެއެވެ. ހަމައެހެންމެ އެ މަރުހަލާގައި ހެކި ކަމުގައި ބެލެވޭނީ ހަމައެކަނި މާއްދީ ހެކި ނޫން ކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ މޯލްޑިވްސް ނޭޝަނަލް ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީ ވ. ބޭންކް އޮފް މޯލްޑިވްސް ޕލކ މައްސަލައިގައި މާނަކޮށްދީފައި ވެއެވެ.
29ސުވާލަކީ ދަށު ކޯޓުގައި ޢަލީ ރަޝީދުގެ ފަރާތުން ޣައިރުހާޟިރުގައި ކުރި ޙުކުމް ބާޠިލްކޮށްދިނުމަށް އެދި އެއްވެސް ހެއްކެއް ހުށަހަޅާފައިނުވޭތޯއެވެ؟ ނޫނެކެވެ. އިސްވެ ބުނެވުނުފަދައިން ކަމާބެހޭ މިނިސްޓްރީން ދޫކޮށްފައިވާ ގެސްޓްހައުސް ހިންގުމުގެ ހުއްދަ އާއި އެހެނިހެން އިޖުރާއީ ސަބަބުތަކާއެކު ޢަލީ ރަޝީދުގެ ފަރާތުން ދަށުކޯޓަށް އެވަނީ ހުށަހަޅާފައެވެ. ޢަލީ ރަޝީދުގެ ފަރާތުން ފާހަގަކުރާ ފަދައިން ގޭގެ ވެރިފަރާތުގެ ދައުރެއް ނެތި އެ ހުއްދަ ލިބިގެންދާނެ ޤާނޫނީ ހާލަތެއް އޮތްތޯ ސުވާލުއުފެދެއެވެ.
30ޕްރިސިޑެންސް 2ޕްރިސިޑެންސް 9ޢަލީ ރަޝީދުގެ މައިގަނޑު ހުށަހެޅުން ބިނާކުރީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) އަށް ކަމުގައިވީނަމަވެސް، އިޖުރާއީ ކަންކަންވެސް އެ ހުށަހެޅުމުގައި ފާހަގަކޮށްފައިވާތީ، ދަށުކޯޓުގެ ނަންބަރު 10/J4C/2025 ޤަޟިއްޔާގެ ތެރެއިން ޢަލީ ރަޝީދުގެ ފަރާތުން ފާހަގަކުރާފަދަ އިޖުރާއީ މައްސަލަތަކެއް ދިމާވެފައިވޭތޯއާއި، ޤާނޫނީ މުއްދަތުގެ ތެރޭގައި ނުވަތަ އޭގެ ފަހުންވެސް ދަށުކޯޓަށް ދިފާއު ފޯމެއް ހުށަހެޅިފައިވޭތޯ މިކަންކަން ދަށުކޯޓުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭނެ ކަމުގައި ދެކެމެވެ. އެހެނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރަނީ އިޖުރާއީ އައިބުގެ ސަބަބުން ޣައިރުޙާޟިރުގައި ކުރި ޙުކުމް ބާޠިލްކުރަންޖެހޭ ހާލަތްތަކުގެ ވާހަކައެވެ. އެހެންކަމުން އެ އަކުރުގައި ބަޔާންކުރާ ފަދަ އިޖުރާއީ އައިބެއް (Irregularity) ފެންނަން އޮތް ނަމަ، އެ ޙުކުމް ބާޠިލްކުރުމަކީ ފަނޑިޔާރުގެ މައްޗަށް އެ މާއްދާ ލާޒިމްކުރާ ކަމެކެވެ. އެއީ އިޚްތިޔާރެއް ނޫނެވެ. އެ މާއްދާގެ (ށ) ގައި އޮތީ ދައުވާލިބޭ ފަރާތުން ހެއްކާއެކު ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް ފަނޑިޔާރު ގޮތް ނިންމަންޖެހޭ ހާލަތުގެ ވާހަކައެވެ. މި އުސޫލުން ދަށުކޯޓަށް ގޮތް ކަނޑައެޅޭނީ ޢަލީ ރަޝީދުގެ ފަރާތުން ހުށަހެޅި ހުށަހެޅުމުގައި ހުރި ސަބަބުތައް ވަޒަންކޮށް، އެ ހުށަހެޅުމާއެކު ހުރި ހެކި ވަޒަންކޮށްގެންނެވެ. އެކަން ކޮށްފައިވާތީ އަހުރެންނަކަށް ނުފެނެއެވެ. ދަށުކޯޓުން ވަޒަންކޮށްފައިނުވާ ހެކިތަކެއް އިސްތިއުނާފީ މި މަރުހަލާގައި އައްވަލަށް ވަޒަންކުރަންޖެހޭ ހާލަތެއް ނެތެވެ. އިސްވެ ފާހަގަކުރެވުނު ފަދައިން އެއީ ދަށުކޯޓުގެ ދައުރެކެވެ.
31އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ފެލިދެއަތޮޅު ކެޔޮދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 14/J4C/2025 ޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށް، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާފަދަ ހާލަތެއް އޮތްތޯ ވަޒަންކޮށް މައްސަލައިގައި އަލުން ގޮތެއް ކަނޑައެޅުމަށްޓަކައި މި މައްސަލަ ފެލިދެއަތޮޅު ކެޔޮދޫ މެޖިސްޓްރޭޓް ކޯޓަށް ތަހުވީލުކޮށް މައްސަލަ ނިންމަން ފެނެއެވެ.
32މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ކަމަށް ރިޔާސަތު ފަނޑިޔާރު ބަޔާންކުރައްވާފައިވާ ކަންކަމާއި، އަދި ފެލިދެއަތޮޅު ކެޔޮދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 14/J4C/2025 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކާއި، އޭގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވާ ކަންކަން އެގޮތުގެ މަތިން ހުރިޔަތީ، އެކަން ތަކުރާރުކުރާކަށް ނެތީމެވެ.
33މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާއަކީ ޣައިރު ޙާޟިރުގައި ޙުކުމް ކުރި ކޯޓުން އެ ޙުކުމް ބާޠިލުކުރެވޭނެ ނުވަތަ ބަދަލުކުރެވޭނެ ޙާލަތްތައް ބަޔާންކުރާ މާއްދާއެވެ. މި މާއްދާގެ (ހ) ގައިވަނީ، މަދަނީ އިޖުރާތުގެ ޤާނޫނުގައި ބަޔާންކުރާ ޝަރުޠުތައް ފުރިހަމަނުވާކަމުގައިވާނަމަ، ނުވަތަ އެ ޙުކުމެއް ކުރުމުގެ ކުރިން، ދަޢުވާކުރާ ފަރާތުން ކޮށްފައިވާ ދަޢުވާއިން އެދިފައިވާ ކަންކަން، ދަޢުވާލިބޭ ފަރާތުން ފުރިހަމައަށް އަދާކޮށްފައިވާނަމަ، އެ ޙުކުމްކުރި ކޯޓަކުން އެ ޙުކުމެއް ބާޠިލުކުރަންވާނެކަމުގައެވެ. މި ޙާލަތުގައި ބަލަންޖެހެނީ ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމަކީ، އިޖުރާއީ ނައްސުތަކާއި ޚިލާފަށް ކޮށްފައިވާ irregular ޙުކުމެއްކަމުގައެވެ. މި ޙުކުމް ބާޠިލުކުރުމަކީ ފަނޑިޔާރުގެ އިޚްތިޔާރަށް ދޫކޮށްލާފައިވާ ކަމެއްނޫނެވެ. މި ޙާލަތުގައި ex debito justitiae ގެ މިންގަނޑުން ލާޒިމުވަނީ އެ ޙުކުމް ބާޠިލުކުރުމަށެވެ.
34ޕްރިސިޑެންސް 3މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގައިވަނީ، regular ކޮށް ކޮށްފައިވާ ޙުކުމެއް ބާޠިލުކުރުމަށް ނުވަތަ ބަދަލުކުރުމަށް އެދެވިދާނެ ޙާލަތްތަކެވެ. އެއީ، ދަޢުވާ ދިފާޢުކުރެވިދާނެ ޙަޤީޤީ ސަބަބުތައް ހުރުން، ނުވަތަ ޙުކުމް ބަދަލުކުރަންޖެހޭ ނުވަތަ ބާޠިލުކުރަންޖެހޭ އެކަށީގެންވާ ސަބަބެއް އޮތްކަމަށް ކޯޓަށް ޤަބޫލުކުރެވޭ ސަބަބެއް އޮތުން، ނުވަތަ ދަޢުވާ ދިފާޢުކުރުމަށް ދަޢުވާލިބޭ ފަރާތަށް ފުރުޞަތު ދޭންޖެހޭ އެހެން އެކަށީގެންވާ ސަބަބެއް އޮތްކަމަށް ކޯޓަށް ޤަބޫލުކުރެވޭ ސަބަބެއް އޮތުމެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް މި މާއްދާގެ (ށ) ގައި ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމެއް، އެ ޙުކުމްކުރި ކޯޓުން ބަދަލު ނުވަތަ ބާޠިލުކުރެވިދާނެކަމަށް އޮތަތީ، އެއީ ފަނޑިޔާރުގެ އިޚްތިޔާރީ ބާރުގެ ތެރޭގައި ހިމެނޭ ކަމެއްކަން އެނގިގެންދެއެވެ. އަދި ހަމައެއާއެކު، މިއީ ހެއްކާއެކު ހުށަހެޅޭ ހުށަހެޅުމަކަށް ރިޢާޔަތްކޮށް، ނިންމާ ނިންމުމެއްކަންވެސް އެ މާއްދާއިން އެނގެއެވެ.
35ޕްރިސިޑެންސް 4އިސްތިއުނާފުކުރާ ފަރާތަށް މައްސަލައިގެ ލިޔެކިޔުންތައް ރައްދުކުރެވިފައިވާކަމީ ދެބަސްވާކަމެއްނޫނެވެ. އަދި މައްސަލައިގައި އިޚްތިލާފެއް އޮންނަ ބާވަތުގެ ދަޢުވާފޯމާ ޙަވާލުވީކަން އަންގާ ލިޔުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކޯޓަށް ހުށަހަޅާފައިނުވާކަމީވެސް ދެބަސްވާކަމެއްނޫނެވެ. މިކަން މި ފާހަގަކުރަނީ އިސްތިއުނާފު ފޯމުގައި ޚުދު އިސްތިއުނާފުކުރާ ފަރާތުންވެސް މިކަން ފާހަގަކޮށްފައިވާތީއެވެ.
36މި ސަބަބަށްޓަކައި، މިއީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމެއްނޫންކަން އަހުރެންނަށް ޤަބޫލުކުރެވެއެވެ. މިކަން އިތުރަށް ކަށަވަރުވެގެންދަނީ، ޣައިރު ޙާޟިރުގައިކުރި ޙުކުމް ބާޠިލުކުރުމަށް ނުވަތަ ބަދަލުކުރުމަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ހުށަހެޅުން ބިނާކުރީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގައިވާ ފަދައިން ދަޢުވާ ދިފާޢުކުރެވިދާނެ ޙަޤީޤީ ސަބަބެއް ވުޖޫދުގައި އޮތުމުގެ މައްޗަށް ކަމަށް އިސްތިއުނާފުގެ އަޑުއެހުމުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވާތީއެވެ.
37އެހެންކަމުން، މި މައްސަލައިގައި އިޖުރާއީ ކަމެއްގެ ގޮތުގައި، އިސްތިއުނާފުކުރާ ފަރާތުން ދަޢުވާ ފޯމާއި ޙަވާލުވިކަން އަންގާ ލިޔުން އަދި ދަޢުވާގެ ދިފާޢު ކަނޑައެޅިފައިވާ މުއްދަތުގައި ހުށަހެޅިފައިނުވާ ސަބަބު އިސްތިއުނާފުގައި ފާހަގަކުރިނަމަވެސް، އެކަން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ހ) ގެ އަލީގައި ވަޒަންކުރަންޖެހޭނެކަމުގައި ނުދެކެމެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މައްދާގެ (ހ) ގެ އަލީގައި، ޣައިރު ޙާޟިރުގައި ކުރާ ޙުކުމް ބާޠިލުކުރަންވާނީ، ދަޢުވާ ފޯމާ ޙަވާލުވިކަން އަންގައިދޭ ލިޔުން ހުށަނޭޅުމުގެ ސަބަބުން ޣައިރު ޙާޟިރުގައި ޙުކުމްކުރާ ޙާލަތުގައި، އެ ޤާނޫނުގެ 115 ވަނަ މައްދާގެ (ހ) އަދި 116 ވަނަ މައްދާގައި ބަޔާންކުރާ ޝަރުޠު ފުރިހަމަނުވާނަމައެވެ. އަދި ދިފާޢު ހުށަނޭޅުމުގެ ސަބަބުން ޣައިރު ޙާޟިރުގައި ޙުކުމްކުރާ ޙާލަތުގައި، މި ޤާނޫނުގެ 115 ވަނަ މާއްދާގެ (ށ) އަދި 116 ވަނަ މާއްދާގައި ބަޔާންކުރާ ޝަރުޠުތައް ފުރިހަމަނުވާނަމައެވެ. އަދި ޙުކުމް ކުރުމުގެ ކުރިން ދަޢުވާކުރާ ފަރާތުން ކޮށްފައިވާ ދަޢުވާއިން އެދިފައިވާ ކަންކަން، ދަޢުވާލިބޭ ފަރާތުން ފުރިހަމައަށް އަދާކޮށްފައިވާނަމައެވެ.
38އެފަދަ ޙާލަތެއް މި މައްސަލައިގައި އޮތް ކަމަކަށް ނުދެކެމެވެ. އަދި އެފަދަ ސަބަބެއް އޮތްކަމަށް ބުނެ، އެއިން މާއްދާއަކާ ޙަވާލާދީ، އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައެއްނުވެއެވެ.
39އިސްވެ ފާހަގަކުރި ފަދައިން، މި މުރާޖަޢާ އިސްތިއުނާފުކުރާ ފަރާތުން ބިނާކޮށްފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) އަށް ކަމުގައިވާއިރު، މި ޙާލަތްތަކާއި ގުޅޭ ގޮތުން ޤާއިމުކުރެވިފައިވާ އުޞޫލުތައް މި ކޯޓުގެ ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް ވ. ޔުނިކާ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގެ އަހުރެންގެ ރައުޔުގައި ތަފްޞީލުކޮށްފައިވާނެއެވެ.
40ޕްރިސިޑެންސް 5މިގޮތުން، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރު ގުޅެނީ ބަހުސްކުރެވިދާނެ ދަފްޢެއް (triable issue) އޮތްކަމުގެ މައްޗަށެވެ. މި މާއްދާގައި ބަޔާންކުރާ ދަޢުވާ ދިފާޢުކުރުމުގެ "ޙަޤީޤީ ސަބަބު" ގެ މާނައަކީ ދަޢުވާ ދިފާޢުކުރުމުގައި، ޤާނޫނީ ސަބަބު އެކުލެވުމެވެ. އަދި އެކަމުގެ މައްޗަށް ބިނާކޮށް މައްސަލަ ބަލައިގަތް ސަބަބު އެކަށީގެންވުމެވެ. މިއީ އެއްވެސް ޙާލަތެއްގައި، އެ މަރުޙަލާގައި ދަފްޢު ސާބިރުކޮށްދިނުމެއްނޫނެވެ. އެ މަރުޙަލާގައި ބަލައި ބެލުމަކީ، ޤާނޫނީ ސަބަބުތައް އެކުލެވޭ ބަހުސްކުރެވޭނެ ދިފާޢެއް އޮތުމެވެ.
41ޕްރިސިޑެންސް 6މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ކަންކަމީ، ޙުކުމް ބަދަލުކުރަންޖެހޭ ނުވަތަ ބާޠިލުކުރަންޖެހޭ ކަމަށް ކޯޓަށް ޤަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކުގެ (good reason for default) މައްޗަށް ބިނާވާ ކަންކަމެވެ. މީގެ ތެރޭގައި، ދަޢުވާގެ ދިފާޢު ހުށަހެޅިފައިނުވަނީ ނުވަތަ ޑިފޯލްޓްވެފައިވަނީ އަމިއްލަ ބާރުނުފޯރުވޭފަދަ ސަބަބެއް އޮވެގެންކަމާއި، މިސާލަކަށް މުޢާމަލާތުކުރުމުގައި އޮޅުންއަރާފައިވުމާއި، ޞިއްހީ ސަބަބު ފަދަ ސަބަބުތަކަކީ ބަލައިގަނެވޭނެ (genuine excusable reasons) ސަބަބުތަކެވެ. މިކަމުގެ ތަފްޞީލު ޝަރީޢަތަށް ހާމަކުރުން މުހިންމެވެ. އަދި އެ ސަބަބުގެ ތެރޭގައި ޝަރީޢަތަށް އޮޅުވާލުމުގެ ނުވަތަ އަމުރަށް ކިޔަމަންނުވުމުގެ ގަސްދެއް އޮވެގެންނުވާނެއެވެ.
42މިކަމުގައި ޤާއިމުކޮށްފައިވާ ޓެސްޓުތަކުގެ އަލީގައި، ޣައިރު ޙާޟިރުގައި ކުރާ ޙުކުމް ބަދަލުކުރުމާއި ނުވަތަ ބާޠިލުކުރުމާގުޅޭ ގޮތުން ބަލާ މިންގަނޑުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ވަޒަންކުރުން ހިމެނެއެވެ.
42.1. ޚިލާފުވި ޚިލާފުވުމުގެ ސީރިއަސްކަމާއި އޭގެ ނަތީޖާ
42.2. ޚިލާފުވި ސަބަބު
42.3. މައްސަލައިގައި ކަން ހިނގާފައިވާ ގޮތާއި، ޙާލަތަށް ރިޢާޔަތްކުރުން
42.4. ޣައިރު ޙާޟިރުގައި ކުރާ ޙުކުމް ބަދަލުކުރުމަށް ނުވަތަ ބާޠިލުކުރުމަށް ހުށަހަޅާފައިވާ އަވަސްމިން
42.5. ޣައިރު ޙާޟިރުގައި ކުރާ ޙުކުމް ބަދަލުކުރުމަށް ނުވަތަ ބާޠިލުކުރުމަށް ހުށަހެޅުމުގައި ލަސްވެފައިވާ ސަބަބު އެކަށީގެންވާ ގޮތެއްގައި ބަޔާންކޮށްދެވިފައިނުވުން (އެހެނަސް، މިއީ ހަމައެކަނި ނަޒަރުކުރާ މިންގަނޑުނޫންކަން)
42.6. ދަޢުވާ ދިފާޢު ކުރެވިދާނެ ޙަޤީޤީ ސަބަބެއްވޭތޯ، އަދި އިންސާފަށް ވާސިލުވުމުގެ މުހިންމުކަން
42.7. ދަޢުވާކުރާ ފަރާތަށް އޮތް ބޭއިންސާފު (prejudice)
43މިގޮތުން، ކޯޓުން މި އިޚްތިޔާރު ބޭނުންކުރުމުގައި، ޣައިރު ޙާޟިރުގައި ޙުކުމް ކުރަންޖެހުނު ސަބަބަށާއި (މިސާލަކަށް ދަޢުވާގެ ޖަވާބު ލަހުންނަމަވެސް ހުށަހަޅާފައިވޭތޯ ނުވަތަ މައްސަލައިގެ ލިޔެކިޔުންތައް ލިބި ގަސްދުގައި ޖަވާބުދީފައިނުވަނީތޯ)، ދަޢުވާލިބޭ ފަރާތުން ހުށަހެޅި ސަބަބު (މިސާލަކަށް، މުޢާމަލާތްކުރުމުގައި އޮޅުންތަކެއް އަރާފައިވޭތޯ، ވަކީލުގެ އިހުމާލެއްވޭތޯ، އެކަމަށް އެކަށީގެންވާ ސަބަބެއް ހުށަހަޅާފައިވޭތޯ)، އަދި މައްސަލައިގެ އެންމެހާ ޙާލަތަކީ (މިސާލަކަށް، ދެ ފަރާތް ދެމެދު އިންސާފުވެރިވުމާއި، ދިފާޢުގެ ބުރަދަނާއި، ޑިފޯލްޓުގެ ސަބަބުން ލިބޭ ގެއްލުން) ވަޒަންކުރެވޭނެ ކަންކަމެވެ.
44ދަޢުވާ ދިފާޢުކުރެވިދާނެ ޙަޤީޤީ ސަބަބެއް އޮތްކަމަށް، ނުވަތަ ޙުކުމް ބަދަލުކުރަންޖެހޭ ނުވަތަ ބާޠިލުކުރަންޖެހޭ ނުވަތަ ދަޢުވާ ދިފާޢުކުރުމަށް ދަޢުވާލިބޭ ފަރާތަށް ފުރުޞަތު ދޭންޖެހޭ އެހެން އެކަށީގެންވާ ސަބަބެއް އޮތްކަމަށް ބުނެ ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމް ބަދަލުކުރުމަށް ނުވަތަ ބާޠިލުކުރުމަށް ހުށަހަޅާ ހުށަހެޅުމަކީ ހެއްކާއެކު ހުށަހަޅަންޖެހޭ ހުށަހެޅުމެކެވެ. މިކަން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) އިން ސާފުކޮށް އެނގެން އޮވެއެވެ.
45މިކަންކަން މި މައްސަލައިގެ ޙަޤީޤަތްތަކަށް ތަޠުބީޤުކުރާއިރު، އެންމެ ފުރަތަމަ ކަމަކަށް ނަޒަރުކުރަންޖެހެނީ އިސްތިއުނާފުކުރާ ފަރާތުގެ ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމް ބާޠިލުކުރުމަށް ނުވަތަ ބަދަލުކުރުމަށް އެ ފަރާތުން ހުށަހަޅާފައިވާ ކަންކަމެވެ. މިގޮތުން، އަންނަނިވި ކަންކަން އެ ފަރާތުން ހުށަހެޅި ހުށަހެޅުމުގައި ފާހަގަކޮށްފައިވެއެވެ.
45.1. ފުރަތަމަ ކަމެއްގެ ގޮތުގައި، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވަނީ، އެ ފަރާތުން ވަކީލަކު ޢައްޔަންކުރި ލިޔުން ދަށު ކޯޓަށް 27 މެއި 2025 ގައި ފޮނުވިއިރު، ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުން އެޗޭޓްކުރެވިފައިނުވަނީ އިންސާނީ ކުށަކުންކަމަށާއި، އެކަން އެ ފަރާތުގެ ސަމާލުކަމަށް އައުމުން، ޖެހިގެން އައި ދުވަހު އެ ފޯމު ކޯޓަށް އީމެއިލްކޮށްފައިވާކަމަށާއި، އަދި އެއަށްފަހު 10 ޖޫން 2025 ގައި ދިފާޢު ފޯމު ހުށަހެޅިކަމަށާއި، ކޯޓުން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުން ކޯޓަށް ހުށަހަޅާފައިވާކަމުގައި ބެލެވެން ނެތްނަމަވެސް، މުއްދަތުގެ ތެރޭގައި އެ ފޯމު ހުށަހެޅުމުގެ ނިޔަތް އޮތްކަން
45.2. ދެވަނަ ކަމެއްގެ ގޮތުގައި، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވަނީ، އިސްތިއުނާފުކުރާ ފަރާތަކީ ކޯޓަށް ހުށަހެޅުނު އެއްބަސްވުމުގެ ބައިވެރިއަކަށްނުވާއިރު، އެ އެއްބަސްވުމުން އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާއި ދެމެދު ތަޢާޤުދީ ގުޅުމެއް އުފެދިފައިވާކަމަށް ބެލެވޭފަދަ އަދި އެ އެއްބަސްވުމުގެ ދަށުން އިސްތިއުނާފުކުރާ ފަރާތަށް އެއްވެސް ޙައްޤެއް އަދި ޒިންމާއެއް އުފަންވެފައިނުވާކަމަށާއި، އެ އެއްބަސްވުމުގެ ދަށުން ލީސްހޯލްޑް ޙައްޤު ހޯދުމަށް އެދި ނުވަތަ އެ އެއްބަސްވުމާ އެއްގޮތަށް ކުއްޔަށް ހިފި ތަން ޙަވާލުކުރުމަށް އެދި ދަޢުވާއެއް ކުރާނަމަ، އެ ދަޢުވާއެއް ރައްދުކުރަންޖެހޭ ފަރާތަކީ، އެ އެއްބަސްވުމުގެ ބައިވެރިންގެ ގޮތުގައި ހިމެނޭ ފަރާތުގެ މައްޗަށްކަން
45.3. ތިންވަނަ ކަމެއްގެ ގޮތުގައި، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވަނީ، ދަޢުވާއެއް ހުށަހެޅުމުން ކޯޓުން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 99 ވަނަ މާއްދާގައި ބަޔާންކުރާއިރު، ކުލީގެ އެއްބަސްވުމުގެ ދަށުން އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިދޭ ޙައްޤެއް ހޯދުމަށް މައްސަލަ ހުށަހެޅިއިރު، އެ އެއްބަސްވުމުގެ އަނެއް ބައިވެރިޔާއަށް ދަޢުވާ ރައްދުނުކޮށް، އެ އެއްބަސްވުމުގެ ބައިވެރިއެއްގެ ގޮތުގައި ނެތް އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް އެކަނި ދަޢުވާކޮށްފައިވާއިރު، އެއީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 99 ވަނަ މާއްދާއާ ޚިލާފަށް ދަޢުވާއެއް ހުށަހެޅުމަށް ފުރިހަމަވާންޖެހޭ ކަންކަން ކަމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ކަންކަން ފުރިހަމަކުރުމެއްނެތި ހުށަހަޅާފައިވާ ދަޢުވާއެއްކަން
45.4. ހަތަރުވަނަ ކަމެއްގެ ގޮތުގައި، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވަނީ، އިސްތިއުނާފުކުރާ ފަރާތުން އެ ތަނުގައި ގެސްޓްހައުސް ހިންގަމުންދަނީ އިސްތިއުނާފުކުރާ ފަރާތުގެ ނަމުގައި ގެސްޓްހައުސްގެ ވިޔަފާރި ކުރުމަށް އިމާރާތާއި ގޯތީގެ ވެރިފަރާތުން ހުއްދަ ދީގެންކަމަށާއި، އެ ހުއްދަ ކަމާބެހޭ މިނިސްޓްރީއިން ދީފައިވަނީ ދިވެހިރާއްޖޭގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމާބެހޭ ގަވާއިދުގެ 3 ވަނަ މާއްދާގެ (ނ) އާއި އެ މާއްދާގައި ބަޔާންކުރާ އެނޫންވެސް ލިޔުންތައް ހުށަހަޅައިގެންކަމަށާއި، އިސްތިއުނާފުކުރާ ފަރާތުގެ ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމުގައި ވ. ކެޔޮދޫ ހުދުއަސުރުމާގެ އެވެ ކިޔާ ގޯތީގައި އިސްތިއުނާފުކުރާ ފަރާތުގެ ނަމުގައި ގެސްޓްހައުސްއެއް ހިންގުމުގެ އެއްވެސް ޤާނޫނީ ހައިސިއްޔަތެއް އިސްތިއުނާފުކުރާ ފަރާތަށް ލިބިގެންވާކަން އެނގެން ނެތްކަމަށް ފާހަގަކޮށްފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުން މައްސަލައާއެކު ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ރިޢާޔަތްކުރުމުން ފާހަގަވާ ޤާނޫނީ އުޞޫލުތަކާއި ނަތީޖާއަށް ރިޢާޔަތްކުރެވި ވަޒަންކުރެވިގެން ނޫންކަން
46މިކަންކަމުގެ މައްޗަށް ދަށު ކޯޓުން ނިންމާފައިވާ ނިންމުމަކީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައިވެސް އެ ހުށަހެޅުމެއް ހުށަހަޅަންޖެހޭނީ ހެއްކާއެކުކަމަށް ބަޔާންކޮށްފައިވާއިރު، ވ. ކެޔޮދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 10/J4C/2025 ޤަޟިއްޔާގައި ޣައިރު ޙާޟިރުގައި ޙުކުމްކޮށްފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅަންޖެހޭ މުއްދަތުގައި ދަޢުވާ ފޯމާއި ޙަވާލުވީކަން އަންގާ ލިޔުން ނުވަތަ ދިފާޢު ނުވަތަ ދަޢުވާގެ ޖަވާބުގައި ލިޔުމެއް ހުށަހަޅާފައިނެތުމުންކަން އިސްތިއުނާފުކުރާ ފަރާތުންވެސް ފާހަގަކޮށްފައިވާއިރު، އަދި އެކަންކަމުގެ މައްޗަށް ބިނާކޮށް، ޣައިރު ޙާޟިރުގައި ކުރި ޙުކުމް ބާޠިލުކުރަން ހުށަހެޅި ސަބަބުތަކަކީ އެމައްޗަށް ރިޢާޔަތްކޮށް އިސްތިއުނާފުކުރާ ފަރާތަށް ދަޢުވާ ދިފާޢުކުރެވިދާނެ ޙަޤީޤީ ސަބަބުތަކެއް ކަމަށް ބެލެވޭފަދަ ކަންކަން ކަމަށްނުވާތީ، އެ ސަބަބުތަކަކީ އެމައްޗަށް ކޯޓުން ރިޢާޔަތްކުރެވޭފަދަ ސަބަބުތަކެއް ކަމުގައި ބެލެވޭނެ ހަމައެއް ނެތްކަމަށާއި، އަދި އިސްތިއުނާފުކުރާ ފަރާތުގެ ޣައިރު ޙާޟިރުގައި ކުރި ޙުކުމް ބާޠިލުކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމުގައެވެ.
47މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތަށް ދަޢުވާ ދިފާޢުކުރެވިދާނެ ޙަޤީޤީ ސަބަބުތައްކަމުގައި އެ ފަރާތުން ދެކޭ ސަބަބުތަކާއި، އަދި ދަޢުވާ ދިފާޢުކުރުމަށް އެ ފަރާތަށް ފުރުޞަތު ދޭންޖެހޭ ސަބަބުތައް ހުށަހަޅާފައިވާއިރު، އެއާއެކު ދަށު ކޯޓަށް ފޮނުވާފައިވާ އީމެއިލްތަކާއި، އިސްތިއުނާފުކުރާ ފަރާތަށް ގެސްޓްހައުސް ހިންގުމުގެ ހުއްދަދީ މިނިސްޓްރީ އޮފް ޓޫރިޒަމްއިން ދޫކޮށްފައިވާ ގެސްޓްހައުސް ހިންގުމުގެ ހުއްދައިގެ ކޮޕީ ހުށަހަޅާފައިވެއެވެ.
48އިސްތިއުނާފުކުރާ ފަރާތުން ހެއްކާއެކު ހުށަހެޅި ހުށަހެޅުންތަކަކީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ޙާލަތްތަކުގެ އަލީގައި ވަޒަންކުރަންޖެހޭނެ ހުށަހެޅުންތައް ކަމުގައިވާއިރު، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގެ އަލީގައި، އެކަންކަން އެއްވެސް މިންވަރަކަށް ދަށު ކޯޓުން ވަޒަންކޮށް، އެކަންކަމުގެ މައްޗަށް އެއްވެސް ސަބަބެއް ނުވަތަ ބިނާއެއް ދީފައެއްނުވެއެވެ.
49ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމް ބަދަލުކުރުމަށް ނުވަތަ ބާޠިލުކުރުމަށް ހުށަހަޅާ ހުށަހެޅުން ބިނާކޮށްފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ 02 (ދޭއް) ޙާލަތުން ކުރެ ޙާލަތެއް ނުވަތަ އެ 02 (ދޭއް) ޙާލަތަށް ބަރޯސާވެގެންކަމުގައިވާނަމަ، ހުށަހަށާފައިވާ ހެއްކާއެކު ކޯޓުން އެކަން ވަޒަންކޮށް، އެކަމާ ގުޅޭ ގޮތުން އިޖުމާލީގޮތެއްގައިނަމަވެސް، ސަބަބު ބަޔާންކުރުމާއެކު ނިންމުމެއް ނިންމަންވާނެއެވެ. އެކަން ވަޒަންކުރުމުގައި، ދަޢުވާ ދިފާޢުކުރެވޭނެ ސަބަބުތައްކަމުގައި އިސްތިއުނާފުކުރާ ފަރާތުން ދެކޭ ސަބަބުތައް ކަމުގައި ބަޔާންކޮށްފައިވާ ސަބަބުތައް ދަށު ކޯޓުން ވަޒަންކޮށް، އެކަމާ ގުޅޭ ނިންމުމެއް ނިންމަންވާނެއެވެ. އަދި މިކަން ވަޒަންކުރުމުގައި، އިސްވެ މި ނިންމުމުގެ 39 އިން ފެށިގެން 44 ވަނަ ނުކުތާގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަމާއި، އަދި މި ކޯޓުގެ ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް ވ. ޔުނިކާ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި އަހުރެން ފާހަގަކޮށްފައިވާ ކަންކަމީ، އެއަށް ބާރުދިނުމުގެ ގޮތުން ތަޠުބީޤުކުރެވިދާނެ ނުވަތަ އެކަން ވަޒަންކުރުމުގައި ބެލިދާނެ ކަންކަން ކަމުގައި ދެކެމެވެ.
50މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމް ބަދަލުކުރުމަށް ނުވަތަ ބާޠިލުކުރުމަށް ހެއްކާއެކު ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ އަލީގައި، ދަށު ކޯޓުން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގެ ސާފު ނައްސުން ބަޔާންކުރާ ކުރުންތައް ވަޒަންކޮށްފައިނުވާހިނދު، އެކަންކަމީ މިހިނދުގައި މިކޯޓުން ވަޒަންކުރެވޭނެ ކަމެއް ކަމުގައި ނުދެކެމެވެ.
51އެހެންކަމުން، ފެލިދެއަތޮޅު ކެޔޮދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 14/J4C/2025 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާފަދަ ޙާލަތެއް ނުވަތަ ޙާލަތްތަކެއް އޮތްތޯ ވަޒަންކޮށް މައްސަލައިގައި އަލުން ގޮތެއް ކަނޑައެޅުމަށްޓަކައި މި މައްސަލަ ފެލިދެއަތޮޅު ކެޔޮދޫ މެޖިސްޓްރޭޓް ކޯޓަށް ތަހުވީލުކޮށް މައްސަލަ ނިންމަން ފެނެއެވެ.
52ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް ތާއީދުކުރަމެވެ. އަދި ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔުގެ ނުކުތާ 29 އަދި 30 ފިޔަވައި އެ ރައުޔަށްމެ ތާއީދުކުރަމެވެ. ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔުގައި ފާހަގަކުރައްވާފައިވާ ފަދައިން، މަދަނީ އިޖުރާއަތުގެ ގާނޫނުގެ 124 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާފަދަ ހާލަތެއް ނުވަތަ ހާލަތްތަކެއް އޮތްތޯ ވަޒަންކޮށް އަލުން ގޮތެއް ކަނޑައެޅުމަށްޓަކައި މި މައްސަލަ ދަށުކޯޓަށް ތަހުވީލުކޮށް މައްސަލަ ނިންމަން ފެނެއެވެ.
53މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނާ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. • ޙުކުމް: ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، ފެލިދެއަތޮޅު ކެޔޮދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 14/J4C/2025 ޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށް، އެ ޤަޟިއްޔާގައި ހުށަހެޅުނު ހުށަހެޅުމަށް ރިޢާޔަތްކޮށް، ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 124 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާފަދަ ޙާލަތެއް އޮތްތޯ ވަޒަންކޮށް މައްސަލައިގައި އަލުން ގޮތެއް ކަނޑައެޅުމަށްޓަކައި މި މައްސަލަ ފެލިދެއަތޮޅު ކެޔޮދޫ މެޖިސްޓްރޭޓް ކޯޓަށް ތަހުވީލުކޮށް، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ. މިޤަޟިއްޔާ ބަލައި ޙުކުމް ކުރީ: ފަނޑިޔާރު ޙުޒައިފާ މުޙައްމަދު ފަނޑިޔާރު ޙުސައިން މަޒީދު (ރިޔާސަތު) ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން
- […]
- […]
- […]
- […]
- ލިޔުމުގައި ވާގޮތަށް ނަކަލުކުރެވިފައި
- މައްސަލައިގެ ލިޔުންތަކުގައި ހިމެނިފައިވާ "ޣައިރު ހާޒިރުގައިކުރި ހުކުމް ބާޠިލްކުރަން ނުވަތަ ބަދަލުކުރަން އެދޭފޯމު"
- 2023/HC-A/177
- 2023/HC-A/282
- 2024/HC-A/184
- 2024/HC-A/139
- 2024/HC-A/275
- 2024/HC-A/137
- 2024/HC-A/20
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/345 ޤަޟިއްޔާގެ "އިޖުރާއީ އިޢުތިރާޟާމެދު ނިންމި ގޮތް"
- 2024/HC-A/184
- 2024/HC-A/184
- 2024/HC-A/20
- “As a matter of right”
- Dr. Wond Kin Farr, Setting Aside Default Judgments Revisited, Malayan Law Journal, [2011] 4 MLJ Ixxxi
- އިސްތިއުނާފު ފޯމުގެ 7.1.10 ގައިވަނީ "އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް ހުށަހެޅި ހުށަހެޅުމެއްނަމަވެސް، އިސްތިއުނާފުކުރާ ފަރާތުން ދަޢުވާ ފޯމާއި ޙަވާލުކުރިކަން އަންގާ ލިޔުން އަދި ދަޢުވާގެ ދިފާޢު ކަނޑައެޅިފައިވާ މުއްދަތުގައި ހުށަހެޅިފައިނުވުމުގައި ކަން ހިނގާފައިވާގޮތް ބަޔާންކޮށްދީ ހުށަހަޅާފައިވާނެއެވެ." މިފަދައިންނެވެ. އަދި ހަމައެއާއެކު، ޣައިރު ޙާޟިރުގައި ޙުކުމް ބާޠިލުކުރަން ނުވަތަ ބަދަލުކުރަންއެދޭ ފޯމުގައި އެ ފަރާތުން ބަޔާންކޮށްފައިވަނީ، ޤާނޫނުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ދަޢުވާފޯމާއި ޙަވާލުވިކަން އަންގާ ލިޔުން ހުށަހަޅާފައިވާކަމަށް ބެލެވެން ނެތްނަމަވެސް އެ މުއްދަތުގައި އެ ފޯމު ހުށަހެޅުމުގެ ނިޔަތް އޮތްކަމުގައެވެ.
- 2024/HC-A/184
- Swain v Hillman [2001] 1 All ER 91
- Standard Bank Plc v Agrinvest International Inc [2010] EWCA Civ 1400
- Swain v Hillman [2001] 1 All ER 91, ED&F Man Liquid Products Ltd v Patel [2003] EWCA Civ 472
- ޙުކުމް ބާޠިލުކުރުމަށް ނުވަތަ ބަދަލުކުރުމަށް ހުށަހެޅޭ ހުށަހެޅުންތައް ވަޒަންކުރުމުގައި އިނގިރޭސިވިލާތުން ބޭނުންވާ ހަމައަކީ ނުވަތަ ޓެސްޓަކީ އިނގިރޭސި ވިލާތުގެ ކޯޓް އޮފް އެޕީލްއިން ނިންމާފައިވާ Denton v T H White Ltd [2014] EWCA Civ 906 ޤަޟިއްޔާއިން ކަނޑައަޅާފައިވާ ޓެސްޓެވެ. މި ޓެސްޓު ތަޠުބީޤުކޮށް، ކޯޓު އޮފް އެޕީލްގެ Thorn plc v MacDonald [1999] CPLR 660 ޤަޟިއްޔާގައި ތަޠުބީޤުކޮށްފައިވެއެވެ.
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2024/HC-A/184 (ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް ވ. ޔުނިކާ ޕްރައިވެޓް ލިމިޓެޑް) ޤަޟިއްޔާގެ 36 ވަނަ ނުކުތާ
- ވ. ކެޔޮދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 14/J4C/2025 ޤަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް" ގެ 7.8 އަދި 8 ވަނަ ނުކުތާ
- އެގްޒިބިކް 1 އަދި 2 ގެ ގޮތުގައި ހުށަހަޅާފައިވާ ލިޔުންތައް
- އެގްޒިބިކް 3 ގެ ގޮތުގައި ހުށަހަޅާފައިވާ ލިޔުން
- 2024/HC-A/184
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 124 ވަނަ މާއްދާގެ (ހ)، (ށ)، (ނ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 112، 113، 115، 116 ވަނަ މާއްދާ (10 ވަނަ ބާބު)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާ (ހ)، (ށ)، (ނ)
- 2024/HC-A/184 (ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް ވ. ޔުނިކާ ޕްރައިވެޓް ލިމިޓެޑް)
- 2024/HC-A/20 (މޯލްޑިވްސް ނޭޝަނަލް ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީ ވ. ބޭންކް އޮފް މޯލްޑިވްސް ޕލކ)
- 2023/HC-A/177 (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ވ. ސަދަން އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް)
- 2023/HC-A/282 (ޢަބްދުﷲ ރަޝީދު ޙަސަން ވ. ޤާސިމް އިބްރާހީމް)
- 2024/HC-A/139 (ބޭންކް އޮފް މޯލްޑިވްސް ޕލކ (Ex Parte))
- 2024/HC-A/275 (މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. އެމްޕްލޯއިމަންޓް ބިއުރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް)
- 2024/HC-A/137 (ފާޠިމަތު ޒަޔާން އިބްރާހީމް (Ex Parte))
- 2025/HC-A/345 (މަރްޔަމް ޝަމީމާ ވ. ޙަބީބު ޒާހިރު، އިޖުރާއީ އިޢުތިރާޟާމެދު ނިންމިގޮތް)
- Swain v Hillman [2001] 1 All ER 91
- Standard Bank Plc v Agrinvest International Inc [2010] EWCA Civ 1400
- ED&F Man Liquid Products Ltd v Patel [2003] EWCA Civ 472
- Denton v T H White Ltd [2014] EWCA Civ 906
- Thorn plc v MacDonald [1999] CPLR 660
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- އިސްމާޢީލް އަޙްމަދު، ވިޝާމް، ޒާހިރު އެންޑް ކޯ އެލް.އެލް.ޕީ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޝާހިމް ސަލީމް، އެސް.އާރް.އެސް ލީގަލް ސޮލިއުޝަންސް އެލް.އެލް.ޕީ
- ބެންޗު
- ޙުސައިން މަޒީދު، ޙުޒައިފާ މުޙައްމަދު، ޢަބްދުލްމާނިޢު ޙުސައިން
- ރިޔާސަތު
- ޙުސައިން މަޒީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: ޢަބްދުލްމާނިޢު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
- ވަކި ރައުޔު
- ޙުސައިން މަޒީދު