ސައިޓޭޝަން ކޮޕީ ކުރުމަށް
[2021] SC 44
ޢަލީ މުރުތަޟާ ވ. ރައުފިއްޔާ ޙުސައިން، [2021] SC 44 (2019/SC-A/61)
Ali Muruthadaa v. Raufiyaa Hussain [2021] SC 44 (2019/SC-A/61, Supreme Court of the Maldives, 15 April 2021)
ޢަލީ މުރުތަޟާ ވ. ރައުފިއްޔާ ޙުސައިން
މައްސަލައިގެ ޚުލާޞާ
މާފުށީ މެޖިސްޓްރޭޓް ކޯޓުން (63/H-12-C/2017) އެއްބަސްވުން ބާޠިލުވެފައިވާ ކަމަށް ކަނޑައަޅައި، ތަން ހުސްކޮށް ރައުފިއްޔާ ޙުސައިންއާ ޙަވާލުކުރުމަށް ޙުކުމްކުރިއެވެ. ޢަލީ މުރުތަޟާ ބަޔާނެއް ދީފައިވާތީއާއި އިތުރު ފުރުޞަތަކަށް ނުވަތަ ވަކީލަކަށް އެދިފައި ނުވާތީ ވާހަކަ ދެއްކުމުގެ ފުރުޞަތު ލިބިފައިވާ ކަމަށް ބަލައި، ހައިކޯޓުން (2017/HC-A/394) އެ ޙުކުމަށް ތާއީދުކުރިއެވެ.
ރައުފިއްޔާ ޙުސައިންގެ ގޯތީގައި ޢަލީ މުރުތަޟާގެ ޚަރަދުގައި ހަދާ އިމާރާތެއް ކުއްޔަށް ދިނުމުގެ އެއްބަސްވުމަކާ ޢަލީ މުރުތަޟާ ޚިލާފުވި ކަމަށް ބުނެ، އެއްބަސްވުން ބާޠިލުކޮށް ތަން ހުސްކޮށްދިނުމަށް އެދި ރައުފިއްޔާ ޙުސައިން މާފުށީ މެޖިސްޓްރޭޓް ކޯޓުގައި ދަޢުވާކުރިއެވެ. ޢަލީ މުރުތަޟާއަށް ޙާޟިރުވުމުގެ އަމުރު ލިބުނީ ރޭގަނޑު 20:05 ގައި ކަމަށާއި، ޙާޟިރުވާން އެންގީ ވިދިގެން އައި ރަސްމީ ބަންދު ދުވަހުގެ ހެނދުނު ކަމަށާއި، ބަޔާނެއް ނަގައި ވަގުތުން ޙުކުމް އިއްވިއެވެ.
ޢަލީ މުރުތަޟާ ބުނީ ޝަރީޢަތް ހިންގީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އަދި (ށ) އާއި ޤާނޫނުއަސާސީގެ 68 ވަނަ މާއްދާއާއި ޠޮބީޢީ އިންސާފުގެ އުޞޫލުތަކާ ޚިލާފަށް ކަމަށާއި، އެއްބަސްވުމާ ޚިލާފުވި މިންވަރަކީ އެއްބަސްވުން ބާޠިލުކުރަންޖެހޭ ވަރުގެ ކަމެއް ނޫން ކަމަށާއި، ކުލި ދައްކަމުންދާހާ ހިނދަކު އެއްބަސްވުމުގެ 4 ވަނަ މާއްދާގެ ދަށުން އެއްބަސްވުން ބާޠިލުނުކުރެވޭނެ ކަމަށެވެ.
މައިގަނޑު ސުވާލު
ދަޢުވާލިބޭ ފަރާތަށް ދިފާޢުވުމަށް ތައްޔާރުވާން އެކަށީގެންވާ ވަގުތާއި ވަކީލަކާ މަޝްވަރާކުރުމުގެ ފުރުޞަތު ނުދީ ވަގުތުން ޙުކުމްކުރުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގައިވާ އިންސާފުން ޝަރީޢަތް ކުރެވުމުގެ ޙައްޤާ ޚިލާފު ކަމެއްތޯ.
ނިންމި ގޮތް
ހައިކޯޓާއި މެޖިސްޓްރޭޓް ކޯޓުގެ ޙުކުމް ބާޠިލު (އިއްތިފާޤުން)
ސުޕްރީމް ކޯޓުން ކަނޑައެޅީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގައިވާ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި މައްސަލަ ބެލުމުގެ ޙައްޤުގެ ތެރޭގައި، ދިފާޢަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ނުލިބޭ ގޮތަށް ޝަރީޢަތް އަވަސްކުރުން ވެސް ހިމެނޭ ކަމަށެވެ. ޤާނޫނުއަސާސީގެ 68 ވަނަ މާއްދާއާއި ICCPR ގެ 14 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ލިޔުންތައް ލިބުނުކަން ކަށަވަރުނުކޮށް، ތައްޔާރުވާން ވަގުތާއި ވަކީލަކާ މަޝްވަރާކުރުމުގެ ފުރުޞަތު ނުދީ ވަގުތުން ޙުކުމްކުރުމުން ޝަރީޢަތެއް ހިންގިފައިވާ ކަމަށް ނުބެލެވޭތީ، ދެ ކޯޓުގެ ޙުކުމް ބާޠިލުކޮށް، މަޞްލަޙަތު އޮތް ފަރާތަކުން މައްސަލަ އަލުން ހުށަހަޅައިފިނަމަ ދަށު ކޯޓުން ބަލައިގަންނަން ޖެހޭ ކަމަށް ކަނޑައެޅިއެވެ. ބާކީ އިސްތިއުނާފީ ނުކުތާތަކަށް ގޮތެއް ނިންމަން ނުޖެހޭ ކަމަށް ކޯޓުން ފާހަގަކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- "އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، އެ މީހެއްގެ މައްސަލަ ބެލުން" އަސާސީ ޙައްޤެއްގެ ގޮތުގައި ބަޔާންވެގެންވާއިރު، އެ ތަނުގައި އެ ބުނަނީ އެކަށީގެންވާ މުއްދަތަކަށްވުރެ ލަސްނުކޮށް މައްސަލަ ނިންމާ ވާހަކަ އެކަނި ނޫން ކަމާއި، ދިފާޢުގައި ވާހަކަދައްކަން ތައްޔާރުވާން އެކަށީގެންވާ މިންވަރެއްގެ ވަގުތު ނުލިބޭ ގޮތަށް ޝަރީޢަތް އަވަސް ކުރުން ވެސް އޭގެ ތެރޭގައި ހިމެނޭނެ ކަމަށް ބެލެވޭ ކަމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [28])
- މައްސަލައިގެ ލިޔުންތައް ދަޢުވާލިބޭ ފަރާތަށް ލިބުނުކަން ކަށަވަރު ކޮށްފައިނުވާ ކަމާއި، ... ދިފާޢުވާން ތައްޔާރުވާން، އަދި އެ ކަމާމެދު ވިސްނާލަން ވެސް އެކަށީގެންވާ ވަގުތު ދެވިފައިނުވާ ކަމާއި، ވަކީލަކާ މަޝްވާރާކޮށްލަން ވަގުތު ދޭން އެދުމުން އެ ފުރުޞަތު ވެސް ދީފައިނުވާއިރު، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން ލިބިދީފައިވާ ޢަދުލުވެރިކަމާއި ހާމަކަމާއިއެކު ޝަރީޢަތް ހިންގުމަށްޓަކައި ލިބިދެވެންޖެހޭ އަސާސީ ޙައްޤުތަކެއް ނިގުޅައިގަނެފައިވާ ކަން ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އޮތުމުން، ... ޝަރީޢަތެއް ހިންގިފައިވާ ކަމަށް ބެލެވެން ނެތް ކަމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [31]، [32])
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ޝަރީޢަތް ނިމުނުގޮތް
ޢަލީ މުރުތަޟާ ވ. ރައުފިއްޔާ ޙުސައިން
ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްނިމުނު ތާރީޚު
15 އެޕްރިލް 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
އިސްތިއުނާފު ރައްދުވާ ފަރާތް
އިސްތިއުނާފުކުރާ ފަރާތް
ރައުފިއްޔާ ޙުސައިން
ޢަލީ މުރުތަޟާ
ޤާނޫނީ ވަކީލު:ޤާނޫނީ ވަކީލު:މުޙައްމަދު ފަރީދު
(ޕްރައިމް ސްރެޓެޖީ އެލް.އެލް.ޕީ) އަލްހާ ޢަލީ ރަޝީދު
(ޙިސާން އެންޑް ސަފާ އެލް.އެލް.ޕީ)
[1]މަދަނީ – ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އަދި (ށ) – ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާ – ޠޮބީޢީ އިންސާފުގެ އުޞޫލުތައް - އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި މައްސަލަ ބެލުން
ޢަލީ މުރުތަޟާ ވ. ރައުފިއްޔާ ޙުސައިން
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)
ތަޢާރުފު
[2]މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/394 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫން ކަމަށް ބުނެ ޢަލީ މުރުތަޟާ (މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ޢަލީ މުރުތަޟާ" ކަމަށް ބުނެފައިވާ ފަރާތް) ގެ ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ރައުފިއްޔާ ޙުސައިން (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ރައުފިއްޔާ ޙުސައިން" ކަމަށް ބުނެފައިވާ ފަރާތް) އެވެ.
މައްސަލައިގައި ކަންހިނގާފައިވާ ގޮތް
[3]ރައުފިއްޔާ ޙުސައިންގެ ނަމުގައި ކ. މާފުށީގައި ރަޖިސްޓްރީ ކުރެވިފައިވާ "ކާރނޭޝަންމާގެ" އެވެ ކިޔާ ގޯތީގައި ޢަލީ މުރުތަޟާގެ އަމިއްލަ ޚަރަދުގައި ހަދާ އިމާރާތެއް ކުއްޔަށް ދިނުމާބެހޭ ގޮތުން ދެ ފަރާތުގެ ދެމެދުގައި 10 އެޕްރީލް 2013 ގައި އެއްބަސްވުމެއްގައި (މީގެ ފަހުން "އެއްބަސްވުން" ކަމަށް ބުނެފައިވާ އެއްބަސްވުމުން) ސޮއިކުރެވިފައިވެއެވެ. އަދި، މި އެއްބަސްވުމުގައި ދެ ފަރާތުން އަދާކުރަން ޖެހޭ އިލްތިޒާމުތައް ބަޔާންކޮށްފައިވެއެވެ. އެގޮތުން އެއްބަސްވުމުގެ މުއްދަތުގައި ތަނުގެ ކުއްޔާއި ތަނުގެ އިލެކްޓްރިކް ފީ އާއި ފެނާއި ނަރުދަމާ ފަދަ ސަރުކާރަށް ދައްކަންޖެހޭ ފީތައް ދައްކާނީ ޢަލީ މުރުތަޟާ ކަމަށް ދެ ފަރާތުން އެއްބަސްވެފައިވެއެވެ. މީގެ އިތުރުން، ރައުފިއްޔާ ޙުސައިންއަށް 1 (އެކެއް) އަހަރު ދުވަހުގެ ތެރޭގައި 2 (ދޭއް) ކޮޓަރީގެ އެޕާޓްމަންޓެއް ލިބޭނެ ކަމަށް ވެސް ދެ ފަރާތުން އެއްބަސްވެފައިވެއެވެ.
[4]ދެ ފަރާތުން އެއްބަސްވެފައިވާ ގޮތަށް ނަރުދަމާ ފީ ނުދައްކާ ކަމަށާއި، 1 (އެކެއް) އަހަރު ދުވަހުގެ ތެރޭގައި ލިބޭނެ ކަމަށް އެއްބަސްވެފައިވާ 2 (ދޭއް) ކޮޓަރީގެ އެޕާޓްމަންޓް ލިބިދީފައިނުވާ ކަމަށާއި، އެއްބަސްވުމުގެ 7 ވަނަ މާއްދާ އާއި 14 ވަނަ މާއްދާއާ ޢަލީ މުރުތަޟާ ޚިލާފުވެފައިވާ ކަމަށް ބުނެ، އެއްބަސްވުން ބާޠިލުކޮށް ދިނުމަށާއި، ކުއްޔަށް ދީފައިވާ ތަނުގައި ހުރި ޢަލީ މުރުތަޟާގެ އެންމެހައި ތަކެތި ނެރެ ތަން ހުސްކޮށް، ތަން ރައުފިއްޔާ ޙުސައިންއާ ޙަވާލުކުރުމަށް ޢަލީ މުރުތަޟާގެ މައްޗަށް އަމުރުކޮށް ދިނުމަށް އެދި ރައުފިއްޔާ ޙުސައިންގެ ފަރާތުން މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގައި ދަޢުވާ ކުރިއެވެ.
މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުން ނިންމިގޮތް
[5]ރައުފިއްޔާ ޙުސައިންގެ ފަރާތުން ހުށަހެޅި މައްސަލަ ބަލާފައި ވަނީ މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 63/H-12-C/2017 ޤަޟިއްޔާއިންނެވެ.
[6]މި މައްސަލައިގައި، އެއްބަސްވުމުގެ 7 ވަނަ މާއްދާގައި އެއްބަސްވެފައިވާ ގޮތަށް ނަރުދަމާގެ ފީ ޢަލީ މުރުތަޟާ ނުދައްކާ ކަމަށާއި، އެއްބަސްވުމުގެ 14 ވަނަ މާއްދާގައި އެއްބަސްވެފައިވާ ފަދައިން 01 (އެކެއް) އަހަރު ދުވަހުގެ ތެރޭގައި ނިންމަންޖެހޭ 2 (ދޭއް) ކޮޓަރީގެ އެޕާޓްމަންޓު ނިންމާފައިނުވާ ކަމަށް ޢަލީ މުރުތަޟާ އިޢުތިރާފުވެފައިވާތީ، ރައުފިއްޔާ ޙުސައިންގެ ޙައްޤުތަކެއް ގެއްލިފައިވާ ކަމަށް ޝަރީޢަތަށް ސާބިތުވެފައިވުމުން، އެއްބަސްވުން ބާޠިލުވެފައިވާ ކަމަށް ކަނޑައަޅައި، ކާރނޭޝަންމާގޭގައިވާ ޢަލީ މުރުތަޟާގެ އެންމެހައި ތަކެތި ނެރެ ތަން ހުސްކުރުމަށްފަހު، ރައުފިއްޔާ ޙުސައިންއާ ޙަވާލުކުރުމަށް ޢަލީ މުރުތަޟާއަށް އަންގައި، މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުން ޙުކުމް ކޮށްފައިވެއެވެ.
[7]މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުން ޙުކުމް ކޮށްފައިވަނީ ޤާނޫނާ އެއްގޮތަށް ނޫން ކަމަށް ބުނެ، ޢަލީ މުރުތަޟާގެ ފަރާތުން އެ ޤަޟިއްޔާއިން ކުރި ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.
ހައިކޯޓުން ނިންމިގޮތް
[8]ޢަލީ މުރުތަޟާގެ ފަރާތުން އިސްތިއުނާފު ކުރި މައްސަލަ ބަލާފައިވަނީ ހައިކޯޓުގެ ނަންބަރު 2017/HC-A/394 ޤަޟިއްޔާއިންނެވެ. މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަން ޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށް ނިންމައި، މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުން ކުރި ޙުކުމަށް ތާއީދުކޮށް މި ޤަޟިއްޔާގައި ހައިކޯޓުން ޙުކުމް ކޮށްފައިވެއެވެ.
[9]ހައިކޯޓުގެ ނަންބަރު 2017/HC-A/394 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫން ކަމަށް ބުނެ ޢަލީ މުރުތަޟާގެ ފަރާތުން އެ ޤަޟިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތައް
[10]އިސްތިއުނާފުކުރާ ފަރާތުން އިސްވެ ބަޔާންވެދިޔަ ހައިކޯޓުގެ ޤަޟިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން އަންނަނިވި ނުކުތާތައް ހުށައަޅާފައިވެއެވެ.
[11]އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ފުރަތަމަ ނުކުތާއަކީ: މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުން ޙުކުމް ކޮށްފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އަދި (ށ) އާއި، ޤާނޫނުއަސާސީގެ 68 ވަނަ މާއްދާ އަދި ޠޮބީޢީ އިންސާފު (Natural Justice) ގެ އުޞޫލުތަކާ ކަނޑައެޅިގެން ޚިލާފަށް ކަމުގައި ވީނަމަވެސް، ހައިކޯޓުން ޙުކުމް ކުރުމުގައި އެ ކަމަށް ރިޢާޔަތް ކޮށްފައިނުވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
[12]އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ދެވަނަ ނުކުތާއަކީ: ރައުފިއްޔާ ޙުސައިން ދިރިއުޅެމުން ދިޔައީ ޢަލީ މުރުތަޟާ ކުއްޔަށް ހިފާފައިވާ ތަނެއްގައި ކަމުން، ޢަލީ މުރުތަޟާ މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވަނީ އެއްބަސްވުމުގެ 14 ވަނަ މާއްދާއަށް ޢަމަލުކޮށްފައިވާ ވާހަކަ ކަމަށާއި، އެހެންނަމަވެސް، އެއްބަސްވުމުގެ 14 ވަނަ މާއްދާއާ ޚިލާފުވެފައިވާ ކަމަށް ޢަލީ މުރުތަޟާ އިޢުތިރާފުވެފައިވާ ކަމަށް މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުން އަދި ހައިކޯޓުން ވެސް ފާހަގަކޮށްފައިވަނީ ޙަޤީޤަތަކާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
[13]އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ތިންވަނަ ނުކުތާއަކީ: އެއްބަސްވުމުގެ 7 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ޒިންމާ ނެގެހެއްޓުމުގައި ޢަލީ މުރުތަޟާ އިހުމާލުވެފައިވާ މިންވަރާއި އޭގެ ޠަބީޢަތަށް ބަލާއިރު، އެއީ އެއްބަސްވުމުގެ ޖައުހަރަށް އަސަރުކޮށް މުޠުލަޤަށް އެއްބަސްވުން ބާޠިލުކުރަން ޖެހޭވަރުގެ ކަމެއް ނޫން ކަން އެނގެން އޮތް އިރު، މައްސަލަ ނިންމުމުގައި މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުން އަދި ހައިކޯޓުން ވެސް އެ ކަމަށް ރިޢާޔަތް ކޮށްފައިނުވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
[14]އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ހަތަރުވަނަ ނުކުތާއަކީ: ދެ ފަރާތުން އެއްބަސްވެފައިވާ ގޮތަށް ޢަލީ މުރުތަޟާ ކުލި ދައްކަމުންދާހައި ހިނދަކު، އެއްބަސްވުން ބާޠިލުނުކުރެވޭނެ ކަމަށް އެއްބަސްވުމުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވުމުން، އެއްބަސްވުމާގުޅޭ ގޮތުން އުފެދޭ އެހެން ޚުޞޫމަތުތައް ޙައްލު ކުރަންޖެހޭނީ އެއްބަސްވުން ބާޠިލުނުކޮށް، ނުވަތަ ޢަލީ މުރުތަޟާގެ ކިބައިން ތަން އަތުލުމުގެ ބަދަލުގައި އެހެން ގޮތްގޮތަށް ކަމަށް ވީނަމަވެސް، ހައިކޯޓުން ޙުކުމް ކުރުމުގައި އެ ކަމަށް ރިޢާޔަތް ކޮށްފައިނުވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
[15]އިސްތިއުނާފީ ފުރަތަމަ ނުކުތާގައި އިސްތިއުނާފު ކުރާ ފަރާތުން ބުނެފައިވަނީ، މާފުށީ މެޖިސްޓްރޭޓް ކޯޓުން ޙުކުމް ކޮށްފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އަދި (ށ) އާއި، ޤާނޫނުއަސާސީގެ 68 ވަނަ މާއްދާ އާއި ޠޮބީޢީ އިންސާފުގެ އުޞޫލުތަކާ ކަނޑައެޅިގެން ޚިލާފަށް ކަމުގައި ވީނަމަވެސް، ހައިކޯޓުން ޙުކުމް ކުރުމުގައި އެ ކަމަށް ރިޢާޔަތް ކޮށްފައިނުވާ ކަމަށެވެ. ދެ ފަރާތުން ދެއްކި ވާހަކަތަކާއި ހުށަހެޅިފައިވާ ލިޔުންތަކަށް ރިޢާޔަތްކޮށް މިކަން ހިނގާފައިވާ ގޮތް ބަލައި ދިރާސާކުރިއިރުގައި އަންނަނިވި ކަންކަން ފާހަގަކުރެވިފައިވެއެވެ.
[16]މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުވުމަށް ޢަލީ މުރުތަޟާއަށް ޙާޟިރުވުމުގެ އަމުރު ލިބިފައިވަނީ 25 ޖުލައި 2017 ވަނަ ދުވަހުގެ 20:05 ގައި ކަން އެ އަމުރުން އެނގެން އޮތް ކަމާއި، ޙާޟިރުވާން ޖެހޭ ގަޑި ކަމަށް އެ އަމުރުގައި ބަޔާންކޮށްފައި ވަނީ ވިދިގެން އައި ދުވަސް ކަމުގައިވާ 26 ޖުލައި 2017 ވަނަ ދުވަހުގެ ހެނދުނު 9:00 އަށް ކަން ވެސް އެ އަމުރުން އެނގެން އޮތް ކަމާއި، 26 ޖުލައި 2017 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ މިނިވަން ދުވަސް ކަމަށް ވާތީ އެ ދުވަހަކީ ރަސްމީ ބަންދު ދުވަހެއް ކަން ފާހަގަކުރެވޭ ކަމެވެ.
[17]ޢަލީ މުރުތަޟާ ކޯޓަށް ޙާޟިރުކުރެވޭ ބޭނުމެއް ކަމަށް އެ އަމުރުގައި ބަޔާން ވެގެންވަނީ އެގްރީމެންޓަކާ ޚިލާފުވެގެން ހުށަހެޅިފައިވާ މައްސަލައެއްގައި ކަމަށާއި، އެ މައްސަލައަކީ ކޮން މައްސަލައެއް ކަން ޢަލީ މުރުތަޟާ ކޯޓަށް ޙާޟިރުވިއިރު އޭނާއަށް ނޭނގޭ ކަމަށް ޢަލީ މުރުތަޟާ ބުނެފައިވާ ކަމާއި، އޭނާއަށް މައްސަލައިގެ ލިޔުންތައް އޭގެ ކުރިން ޙަވާލު ކުރެވިފައިވާ ކަން އެ ކޯޓުގެ ރެކޯޑުތަކުން އެނގެން ނެތް ކަމަށް އެ ކޯޓުން ބުނެފައިވާ ކަމެވެ.
[18]ކޯޓަށް ޙާޟިރުވުމަށް އެންގި ގަޑިޔަށް ޢަލީ މުރުތަޟާ ކޯޓަށް ޙާޟިރުވުމުން އޭނާގެ ބަޔާނެއް ޝަރީޢަތުން ނެގި ކަމަށާއި، ވަކީލެއްގެ އެހީތެރިކަން ބޭނުންވާ ކަމަށް އޭނާ ބުނި ނަމަވެސް އެ ވާހަކަ މަޙްޟަރު ކުރެވިފައި ނުވާ ކަމަށާއި، ކޯޓުން ލިޔެފައި ދިން ބަޔާނުގައި އޭނާ ސޮއިކުރި ކަމަށާއި، އަދި ވަގުތުން މައްސަލައިގެ ޙުކުމް އިއްވި ކަމަށް ޢަލީ މުރުތަޟާގެ ފަރާތުން ބުނެފައިވާ ކަމާއި، މައްސަލަ ނިންމާފައިވާ ތާރީޚު ކަމަށް ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ވަނީ 26 ޖުލައި 2017 ކަން ފާހަގަކުރެވޭ ކަމެވެ.
[19]މި މައްސަލައަކީ ވަގުތީ އަމުރަކަށް އެދިފައި އޮތުންފަދަ އަވަސް ފިޔަވަޅު އަޅަން ޖެހިގެން ރަސްމީ ބަންދު ދުވަހެއްގައި ޝަރީޢަތުގެ އަޑުއެހުމެއް ބާއްވަން ޖެހޭފަދަ ކުއްލި ޙާލަތެއް އޮތް މައްސަލައެއް ކަމަށް ނުވެފައި، ކުއްލިއަކަށް އަމުރު ފޮނުވައިގެން ރަސްމީ ބަންދު ދުވަހެއްގެ ހެނދުގެ ވަގުތެއްގައި އަޑުއެހުމެއް ބާއްވަން ޖެހުނު ސަބަބެއް ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން ވެސް، މަޙްޟަރު ބަޔާންތަކުން ވެސް އަދި ދެ ފަރާތުގެ ބަހުން ވެސް އެނގެން ނެތް ކަން ފާގަހަކުރެވޭ ކަމެވެ.
[20]ޢަލީ މުރުތަޟާގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއިރު ހުށަހެޅި އިސްތިއުނާފީ ތިންވަނަ ނުކުތާގައި، ރަސްމީ ބަންދު ދުވަހެއްގައި ކުއްލިއަކަށް ޙާޟިރުކޮށް، ދިފާޢުވާން އެކަށީގެންވާ ފުރުޞަތު ދިނުމެއްނެތި ޝަރީޢަތް ހިންގާފައި ވަނީ ޚަޞްމުންގެ ޙައްޤު ގެއްލޭގޮތަށް ކަމަށް ބުނެފައިވާ ކަމާއި، 12 ނޮވެންބަރު 2017 ގައި ހައިކޯޓުގައި ބޭއްވުނު އަޑުއެހުމުގައި ޢަލީ މުރުތަޟާގެ ފަރާތުން މިކަމާ ގުޅިގެން ޝަރީޢަތުގައި ވާހަކަ ދައްކާފައިވާ ކަން ހައިކޯޓުގެ މަޙްޟަރު ބަޔާންތަކުން އެނގެން އޮތް ކަމެވެ.
[21]މިކަމާ ގުޅިގެން ހައިކޯޓުގެ ނިންމުމުގައި ބަޔާންވެގެންވަނީ، މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގައި މައްސަލަ ހިނގިއިރު، ޢަލީ މުރުތަޟާ ޝަރީޢަތުގެ މަޖިލީހުގައި ބަޔާނެއް ދީފައިވުމުންނާއި، ޢަލީ މުރުތަޟާގެ ފަރާތުން އިތުރު ފުރުޞަތަކަށް ނުވަތަ ވަކީލަކު ޢައްޔަން ކުރަން ބޭނުންވާ ކަމަށް ބުނެފައިނުވުމުން، ޢަލީ މުރުތަޟާއަށް މައްސަލައާ ގުޅިގެން ވާހަކަ ދެއްކުމުގެ ފުރުޞަތު ލިބިފައިވާ ކަމަށާއި، އިތުރު ފުރުޞަތަކަށް ނުވަތަ ވަކީލަކު ޢައްޔަން ކުރުމަށް ފުރުޞަތަކަށް ވެސް އެދިފައި ނެތް ކަން އެނގެން އޮތް ކަމަށެވެ.
[22]މައްސަލައިގެ އަޑުއެހުން ތާވަލުކޮށް ދަޢުވާލިބޭ ފަރާތް ޝަރީޢަތަށް ޙާޟިރުކޮށްފައިވާ ގޮތާއި، ތައްޔާރުވާން އެކަށީގެންވާ ވަގުތު ނުލިބޭ ގޮތަށް، ޚަޞްމުންގެ ޙައްޤު ގެއްލޭގޮތަށް ޝަރީޢަތް ހިންގާފައިވާ ކަމަށް ޢަލީ މުރުތަޟާގެ ފަރާތުން ބުނެފައިވާ ވާހަކަތަކަށް ހައިކޯޓުން ގޮތެއް ނިންމިއިރު ރިޢާޔަތް ކުރެވިފައިނުވާ ކަމާއި، މި ކަންކަމާމެދު ގޮތެއް ނިންމުމަށް ހައިކޯޓުން ބަލާފައިވަނީ ޢަލީ މުރުތަޟާ ކުއްލިއަކަށް ކޯޓަށް ޙާޟިރުކޮށް ނެގި ބަޔާނަށް އެކަނި ކަމާއި، އެ ބަޔާން ނެގި ގޮތާއި ޙާލަތާއި ލިބިފައިވާ ވަގުތާއި، ބަޔާނުގައި ލިޔެފައި ނެތްނަމަވެސް ވަކީލަކާ މަޝްވަރާ ކުރުމަށް ވަގުތު ދިނުމަށް އެދުނު ކަމާއި، އެ ފުރުޞަތު ނުލިބި ސޮއި ކުރަން ބުނުމުން ސޮއި ކުރެވުނީ ކަމަށް ޢަލީ މުރުތަޟާ ބުނި ބުނުމާއި، ވަށައިގެންވާ ކަންކަމަށް އެކަށީގެންވާ ގޮތެއްގައި ހައިކޯޓުން ރިޢާޔަތް ކުރެވިފައިނުވާ ކަމާއި، މި ކަންކަމަށް ރިޢާޔަތް ނުކުރެވި ހައިކޯޓުން މައްސަލައިގެ މައުޟޫޢަށް ގޮތެއް ނިންމާފައިވާ ކަން ފާހަގަކުރެވޭ ކަމެވެ.
[23]ކޮންމެ މީހެއްގެމެ މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ނުވަތަ ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް އުފުލުމުގައި، ޤާނޫނަކުން ޤާއިމުކޮށްފައިވާ މިނިވަން އަދި މުސްތަޤިއްލު ކޯޓެއްގައި ނުވަތަ ޓްރަބިއުނަލެއްގައި، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، ޢާންމުކޮށް ހުޅުވާލެވިގެން ބާއްވާ އަޑުއެހުމެއްގައި، އިންސާފުން ޝަރީޢަތް ކުރެވުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ކަމެވެ.
[24]މި މާއްދާގެ މި އަކުރަށް ބަލާއިރު، ކޮންމެ މީހެއްގެމެ މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ނުވަތަ ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް އުފުލުމުގައި، އަންނަނިވި ޙައްޤުތައް ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ މީހަކަށް ލިބިގެންވާ ކަމަށް މި އަކުރުގައި ބަޔާންވެގެންވާ ކަމާއި:
[25]ޤާނޫނަކުން ޤާއިމުކޮށްފައިވާ މިނިވަން އަދި މުސްތަޤިއްލު ކޯޓެއްގައި ނުވަތަ ޓްރަބިއުނަލެއްގައި، އެ މީހެއްގެ މައްސަލަ ބެލުން.
[26]އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، އެ މީހެއްގެ މައްސަލަ ބެލުން.
[27]އިސްތިސްނާ ޙާލަތްތަކުގައި ފިޔަވައި، ޢާންމުކޮށް ހުޅުވާލެވިގެން ބާއްވާ އަޑުއެހުމެއްގައި މައްސަލަ ބެލުން.
އިންސާފުން ޝަރީޢަތް ކުރެވުމެވެ.
[28]މި މައްސަލައިގައި ކަންހިގާފައިވާ ގޮތަށް ބަލާއިރު، ކުއްލިއަކަށް އަމުރު ފޮނުވައިގެން ރަސްމީ ބަންދު ދުވަހެއްގެ ހެނދުނުގެ ވަގުތެއްގައި ޢަލީ މުރުތަޟާ ކޯޓަށް ޙާޟިރު ކުރުވައި ސުވާލުތަކެއް ކުރުމަށް ފަހު ބަޔާނެއްގައި ސޮއި ކުރުވައި، ވަގުތުން ޙުކުމް އިއްވާފައިވާއިރު، ދިފާޢުވުމަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ލިބިފައި ނުވާ ކަން ފެންނަން އެބަ އޮތް ކަމާއި، އިސްވެ ބަޔާންވެދިޔަ މާއްދާގައި "އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، އެ މީހެއްގެ މައްސަލަ ބެލުން" އަސާސީ ޙައްޤެއްގެ ގޮތުގައި ބަޔާންވެގެންވާއިރު، އެ ތަނުގައި އެ ބުނަނީ އެކަށީގެންވާ މުއްދަތަކަށްވުރެ ލަސްނުކޮށް މައްސަލަ ނިންމާ ވާހަކަ އެކަނި ނޫން ކަމާއި، ދިފާޢުގައި ވާހަކަދައްކަން ތައްޔާރުވާން އެކަށީގެންވާ މިންވަރެއްގެ ވަގުތު ނުލިބޭ ގޮތަށް ޝަރީޢަތް އަވަސް ކުރުން ވެސް އޭގެ ތެރޭގައި ހިމެނޭނެ ކަމަށް ބެލެވޭ ކަމެވެ.
[29]ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ޢަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތް ކުރެވުމުގެ ޙައްޤަކީ އަސާސީ ޙައްޤަކަށްވުމުން، މި ޙައްޤު މާނަ ކުރުމާއި ލިބިދިނުމުގައި އިންސާނީ ޝަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާވެގެން އުފެދިފައިވާ ހުޅުވިގެންވާ ދިމިޤްރާޠީ މުޖުތަމަޢުތަކުން ޤަބޫލުކުރާ އުޞޫލުތަކަށް ރިޢާޔަތްކޮށް އެ އުޞޫލުތައް ނަގަހައްޓަން ވާނެ ކަމަށާއި، އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކަށް ރިޢާޔަތް ކުރަންވާނެ ކަމަށް ޤާނޫނުއަސާސީ 68 ވަނަ މާއްދާގައި ބަޔާންވެގެންވެއެވެ.
[30]ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކަށް ބަލާއިރު، International Covenant on Civil and Political Rights މި މުޢާހަދާގައި ޢަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތް ކުރެވުމުގެ ޙައްޤާގުޅޭ ކަންކަން ބަޔާންވެގެންވަނީ އެ މުޢާހަދާގެ 14 ވަނަ މާއްދާގައެވެ. އެ މާއްދާގެ 3 ވަނަ ނަންބަރުގެ (B) ބަޔާންވެގެންވާނީ، "ދިފާޢުވުމަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތާއި ވަޞީލަތް ލިބެންވާނެ ކަމާއި، އެ މީހަކު އިޚްތިޔާރު ކުރާ ޤާނޫނީ ވަކީލަކާ ވާހަކަ ދެއްކުމުގެ ފުރުޞަތު ދޭންވާނެ ކަމަށެވެ."
[31]ރާއްޖޭގައި ވެސް އަދި އެހެން ޤައުމުތަކުގައި ވެސް ޢާންމުކޮށް ޝަކުވާ ކުރެވެމުންދަނީ އަކަށީގެންވާ މުއްދަތަކަށްވުރެ މައްސަލަ ލަސްވެގެން ކަމާއި، އަވަސްވެގެން ވަރަށް ޝަކުވާ ނުކުރެވޭ ކަމާއި، މި މައްސަލައިގައި ކުއްލިއަކަށް އަމުރު ފޮނުވައިގެން ރަސްމީ ބަންދު ދުވަހެއްގައި ކޯޓަށް ޙާޟިރު ކުރުވައި ސުވާލުތަކެއް ކުރުމަށް ފަހު ބަޔާނެއްގައި ނަގައި، ސޮއިކުރުވައި ވަގުތުން ޙުކުމް އިއްވާފައިވާއިރު، މައްސަލައިގެ ލިޔުންތައް ދަޢުވާލިބޭ ފަރާތަށް ލިބުނުކަން ކަށަވަރު ކޮށްފައިނުވާ ކަމާއި، މައްސަލައަކީ ކޮން މައްސަލައެއް ކަން ވެސް އޭނާއަށް އެނގިފައި ވަނީ ކޯޓަށް ޙާޟިރުވުމުން ކަމާއި، ދިފާޢުވާން ތައްޔާރުވާން، އަދި އެ ކަމާމެދު ވިސްނާލަން ވެސް އެކަށީގެންވާ ވަގުތު ދެވިފައިނުވާ ކަމާއި، ވަކީލަކާ މަޝްވާރާކޮށްލަން ވަގުތު ދޭން އެދުމުން އެ ފުރުޞަތު ވެސް ދީފައިނުވާއިރު، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން ލިބިދީފައިވާ ޢަދުލުވެރިކަމާއި ހާމަކަމާއިއެކު ޝަރީޢަތް ހިންގުމަށްޓަކައި ލިބިދެވެންޖެހޭ އަސާސީ ޙައްޤުތަކެއް ނިގުޅައިގަނެފައިވާ ކަން ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އޮތުމުން، މި މައްސަލައިގައި ޝަރީޢަތެއް ހިންގިފައިވާ ކަމަށް ބެލެވެން ނެތް ކަމެވެ.
[32]އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމުން، ކުއްލިއަކަށް އަމުރު ފޮނުވައިގެން ރަސްމީ ބަންދު ދުވަހެއްގެ ހެނދުގެ ވަގުތެއްގައި ޢަލީ މުރުތަޟާ ކޯޓަށް ޙާޟިރު ކުރުވައި ސުވާލުތަކެއް ކުރުމަށް ފަހު ބަޔާނެއްގައި ސޮއި ކުރުވައި ވަގުތުން ޙުކުމް އިއްވާފައިވާއިރު، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން ލިބިދީފައިވާ ޢަދުވެރިކަމާއި ހާމަކަމާއިއެކު ޝަރީޢަތް ހިންގުމަށްޓަކައި ލިބިދެވެންޖެހޭ އަސާސީ ޙައްޤުތަކެއް ނިގުޅައިގަނެފައިވާ ކަން ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އޮތުމުން، މި މައްސަލައިގައި ޝަރީޢަތެއް ހިންގިފައިވާ ކަމަށް ބެލެވެން ނެތުމާއި، ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކުރިއިރު މި ވާހަކަތައް ހައިކޯޓުގައި ދައްކާފައި ވީނަމަވެސް، ހައިކޯޓުން މި ވާހަކަތަކަށް ރިޢާޔަތް ނުކޮށް މައްސަލަ ނިންމާފައިވާތީ، ހައިކޯޓުގެ ނިންމުމާއި މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ބާޠިލުކޮށް، މަޞްލަޙަތު އޮތް ކޮންމެ ފަރާތަކުން ވެސް މި މައްސަލަ އަލުން ދަށު ކޯޓަށް ހުށަހެޅުމުގެ ޙައްޤު ދޭންޖެހޭ ކަމަށް އަހުރެންނަށް ބުރަވެވެއެވެ.
[33]އަދި މިގޮތަށް ނިންމުމުން، މި މައްސަލައިގައި އިތުރަށް ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާތަކަށް ސުޕްރީމް ކޯޓުން މި ޤަޟިއްޔާގެ ތެރެއިން ގޮތެއް ނިންމަން ނުޖެހޭ ކަން ވެސް ފާހަގަކުރެވެއެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
[34]ދެންފަހެ، އިސްވެ ބަޔާންވެދިޔަ ނުކުތާތަކުގައި ބަޔާން ކުރެވުނު ސަބަބުތައް އެފަދައިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/394 ޤަޟިއްޔާ އާއި، މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 63/H-12-C/2017 ޤަޟިއްޔާއިން ޙުކުމްކޮށްފައިވަނީ ޤާނޫނީ ހަމަތަކާ އެއްގޮތަށް ކަމަށް ނުވާތީ، މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/394 ޤަޟިއްޔާ އާއި މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 63/H-12-C/2017 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް، މަޞްލަޙަތު އޮތް ފަރާތަކުން މި މައްސަލަ ހުށައަޅައިފިނަމަ މި މައްސަލަ ދަށު ކޯޓަށް ބަލައިގަންނަންޖެހޭ ކަމަށް ކަނޑައަޅައި މި މައްސަލަ ނިންމީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
އަޒްމިރާލްދާ ޒާހިރުޢަލީ ރަޝީދު ޙުސައިންމުޙައްމަދު އިބްރާހީމް(ރިޔާސަތު)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާ
- International Covenant on Civil and Political Rights ގެ 14 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގެ (B)
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- މުޙައްމަދު ފަރީދު
- ބެންޗު
- ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)، ޑރ. އަޒްމިރާލްދާ ޒާހިރު، ޑރ. މުޙައްމަދު އިބްރާހީމް
- ރިޔާސަތު
- ޢަލީ ރަޝީދު ޙުސައިން
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަލީ ރަޝީދު ޙުސައިން · ތާއީދުކުރެއްވީ: އަޒްމިރާލްދާ ޒާހިރު، މުޙައްމަދު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 16 މޭ 2019 · ރަޖިސްޓްރީކުރީ 23 ޖޫން 2019 · ނިމުނީ 15 އޭޕްރީލް 2021 (21.7 މަސް)