ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/172
2016/HC-A/172، 2016/HC-A/172
2016/HC-A/172 (2016/HC-A/172, High Court of the Maldives, 2 May 2016)
2016/HC-A/172
މައްސަލައިގެ ޚުލާޞާ
ހެކި ގެއްލުވާލުމަށް މަސައްކަތްކޮށްފާނެކަމަށްޓަކައި ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރިއެވެ.
ބޭންކެއްގެ މުވައްޒަފަކަށް ހުރެ ކަސްޓަމަރެއްގެ އެކައުންޓުގެ ތަފްޞީލު ނަހަމަ ގޮތުގައި ބޭނުންކޮށް ޢާއްމުންނަށް ހާމަކުރިކަމުގެ ތުހުމަތުގައި ފުލުހުން ބަންދުގެ މުއްދަތު އިތުރުކުރަން އެދުނެވެ.
ތުހުމަތުކުރެވޭ ފަރާތުން ބުނީ އަމުރު ނެރުނީ ގުޅުމެއްނެތް ޤާނޫނެއްގެ ދަށުން ކަމަށާއި، ބަންދުގައި ބެހެއްޓޭނެ ޝަރުޠަކަށް ނުފެތޭކަމަށާއި، ބަންދުކުރި ޙާލަތު ދެމިނުގޮސްފައިވާކަމަށެވެ.
މައިގަނޑު ސުވާލު
ބޭންކިންގއާ ބެހޭ ޤާނޫނާ ޚިލާފަށް ކަސްޓަމަރެއްގެ އެކައުންޓުގެ މަޢުލޫމާތު ހާމަކުރިކަމުގެ ތުހުމަތުގައި ބަންދުގެ މުއްދަތު އިތުރުކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު، ގުޅުމެއްނެތް ޤާނޫނެއްގެ ދަށުން ނެރުނުކަމަށާއި، ބަންދުގައި ބެހެއްޓޭނެ ޝަރުޠުތަކަށް ނުފެތޭކަމަށް ބުނާ ނުކުތާތަކުގެ ސަބަބުން ބާޠިލުކުރަންޖެހޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ކްރިމިނަލް ކޯޓުގެ ބަންދު އަމުރު ޤާއިމް
ފުލުހުންގެ ފޯމުގައި ޙަވާލާދީފައިވަނީ ބޭންކިންގއާ ބެހޭ ޤާނޫނަށްކަން ސާފެވެ. ތަޙްޤީޤުގައި ދަތިތަކެއް ހުރިކަމާއި ގިނަ ބަޔަކާ ގުޅިފައިވާތީ ދޫކޮށްލައިފިނަމަ ހެކިންނަށް ނުފޫޒު ފޯރުވައި ހެކި ނައްތާލާނެކަމަށް ބެލެވޭތީ އަމުރަށް ބަދަލު ނުގެނެވުނެވެ.
ކަނޑައެޅުނު އުޞޫލުތައް
- އިސްތިއުނާފުކުރެވިފައިވާ ކޯޓު އަމުރަކީ ހައްޔަރުކުރުމަށް ނެރުއްވާފައިވާ ހައްޔަރުކުރުމުގެ އަމުރެއްނޫން، ބަންދުގެ މުއްދަތު އިތުރުކޮށް ދެއްވައި ނެރުއްވާފައިވާ އަމުރެއްކަން އެނގޭއިރު، ތުހުމަތުކުރެވިފައިވާ މައްސަލާގައި ހަވާލާދީފައިވާ ޤާނޫނާއި މާއްދާ އެނގެނީ އެއަމުރު ނެރެދެއްވުމަށް އެދި ކޯޓަށް ހުށަހެޅި "ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް" އަށް ބަލާއިރުއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ހ))
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި، އަދި އެކުށް ތަޙްޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ ކޮބައިކަމާއި، ކުށުގެ ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރު އޮތީ ކިހާވަރަކަށްކަމާއި، އަދި ހެކިތަކާކުޅެ ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ށ))
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި [ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު] ގެ 7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ރ))
- ކުށެއްގެ ތަޙްޤީޤަށް މައްސަލައެއް ހުށަހެޅުމުން ލަސްނުކޮށް އެމައްސަލައެއްގެ ތަޙްޤީޤު ނިންމަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ބ))
- ކުށެއްގެ ތަޙްޤީޤު މަރުޙަލާގައި މީހަކު ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުގައި، އެކުށް ތަޙުޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ ކޮބައިކަމާއި، ކުށުގެ ޠަބީޢަތަކީ ކޮބައިކަން ބަލަންޖެހެއެވެ. ތަޙްޤީޤުކުރުމުގައި ދަތިއުނދަގޫތަކެއް ހުރިކަމާއި ގިނަ ޢަދަދެއްގެ ބަޔަކާ ގުޅިފައިވާ މައްސަލައެއްކަން އެނގެން އޮތުމުން، ބަންދުން ދޫކޮށްލައިފިނަމަ ހެކިންނަށް ނުފޫޒު ފޯރުވައި ހެކި ފޮރުވުމަށް އަދި ހެކި ނައްތާލުމަށް މަސައްކަތް ކޮށްފާނެ ކަމަށް ބެލެވެން އޮވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4(ބ))
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ)
- ބޭންކިންގއާ ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 24/2010) (މާއްދާގެ ނަންބަރު ލިޔުމުގައި އޮޅިފައި)
- ސުޕްރީމް ކޯޓުގެ 2010/SC-A/19
- ބެންޗު
- ޢަބްދުﷲ ދީދީ، ޢަބްދުއްރައޫފު އިބްރާހީމް، ޝުޖާޢު ޢުޘްމާން
- ޚިލާފު ރައުޔު
- ނެތް