ސައިޓޭޝަން ކޮޕީ ކުރުމަށް
2017/HC-A/286
2017/HC-A/286، 2017/HC-A/286
2017/HC-A/286 (2017/HC-A/286, High Court of the Maldives, 25 July 2017)
2017/HC-A/286
މައްސަލައިގެ ޚުލާޞާ
"މުޖުތަމަޢުގެ ސަލާމަތަށްޓަކައި" ތުހުމަތުކުރެވޭ ފަރާތް ގޭބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރިއެވެ.
ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އޮފީހެއް ބަލާފާސްކުރުމުން އައި.އީ.ޑީ އެއް ތައްޔާރުކުރުމަށް ބޭނުންވާ ތަކެއްޗާއި ކެމިކަލް ފެނި، އައި.އީ.ޑީ ހަދައި ގޮއްވާލަން ރާވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ބައިވެރިވިކަމުގެ ތުހުމަތު ކުރެވުނު ފަރާތެއް ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުކުރަން ފުލުހުން އެދުނެވެ. ހައިކޯޓުގައި އަޑުއެހުން ފެށުމުގެ ކުރިން މިމައްސަލާގައި ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވިއެވެ.
އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ބަންދާބެހޭ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ) އާއި، ޤާނޫނުއަސާސީގެ 143 (ރ) ގައިވާ ސާބިޤާއަށް ތަބާވުމުގެ އުޞޫލާ ޚިލާފު އަމުރެއްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެއެވެ.
މައިގަނޑު ސުވާލު
ޓެރަރިޒަމްގެ ޢަމަލެއް ހިމެނޭ (އައި.އީ.ޑީ ހަދައި ގޮއްވާލަން ރޭވުމުގެ) ތުހުމަތުގައިވާ ފަރާތެއް މުޖުތަމަޢުގެ ސަލާމަތަށްޓަކައި ގޭބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ޤާނޫނުއަސާސީއާއި ބަންދާބެހޭ ޤަވާޢިދާއި ސުޕްރީމް ކޯޓުގެ ސާބިޤާއާ އެއްގޮތް އަމުރެއްތޯ؛ އަދި ދަޢުވާ ހުށަހެޅުމަށްފަހު ބަންދާމެދު ގޮތެއް ނިންމަންވީ ކޮން ކޯޓަކުންތޯ.
ނިންމި ގޮތް
ގޭބަންދުގެ ނިންމުން ބާޠިލު؛ ބަންދާމެދު ގޮތެއް ނިންމުމަށް ދަޢުވާ ހުށަހެޅިފައިވާ ކޯޓަށް ހުށަހެޅުމަށް އެންގި
ތުހުމަތަކީ ޓެރަރިޒަމްގެ ޢަމަލެއް ހިމެނޭ، ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ މައްސަލައެއް ކަމަށްވާތީ ބަންދުގައި ބަހައްޓަންޖެހޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައެވެ. ނަމަވެސް ދަޢުވާ ހުށަހަޅާފައިވާތީ ބަންދާމެދު ގޮތެއް ނިންމަންވީ ދަޢުވާ ހުށަހެޅިފައިވާ ކޯޓުގެ ޝަރީޢަތް ހިންގާ ފަނޑިޔާރެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި [ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު] ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރެ ސަބަބެއް އޮތްތޯކަމާއި، އެއިން ސަބަބެއް އޮތްކަން ނުވަތަ ނެތްކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4 (ށ))
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި [ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު] ގެ 7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ޙާޟިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4 (ށ))
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި، އެކުށް ތަޙްޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ ޢަދަދަކީ ކޮބައިކަމާއި، ކުށުގެ ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރުއޮތީ ކިހާވަރަކަށްކަމާއި، ހެކިތަކާކުޅެ ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަން ޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4 (ށ))
- ތުހުމަތުކުރެވިފައިވާ ކުށުގެ ނުރައްކާތެރިކަމަށާއި، އެކަމުގައި ހިމެނޭ މީހުންގެ އަދަދަށާއި، އެކުށުގެ ޠަބީޢަތަށާއި، އެކުށުގެ ކުޑަބޮޑުމިނަށާއި، ކުށުގެ ރެކޯޑަށާއި، ހުށަހެޅުނު ހެކިތަކަށް ބަލާއިރު، ތުހުމަތުކުރެވިފައިވާ ކުށުގެ ޢަމަލަކީ މުޖުތަމަޢުގެ ސަލާމަތަށާއި ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ޢަމަލުތަކެއް ކަމުގައި ބެލެވޭ ހިނދު، އެމީހަކު ބަންދުގައި ބަހައްޓަންޖެހޭނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4 (ނ))
- ޝަރީޢަތުގެ މަރުޙަލާގައި ހައްޔަރު ނުވަތަ ބަންދާމެދު ގޮތެއް ނިންމާނީ މައްސަލައިގެ ޝަރީޢަތް ހިންގާ ފަނޑިޔާރު، އަދި އެ ފަނޑިޔާރު ނެތް ޙާލަތެއްގައި ކޯޓުގެ އިސްފަނޑިޔާރު ނުވަތަ އިސްފަނޑިޔާރު ކަނޑައަޅާ އެހެން ފަނޑިޔާރެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4 (ރ))
- ކުށުގެ ތުހުމަތު ކުރެވޭ މީހާގެ މައްސަލަ ޝަރީޢަތުގައިވާ މަރުޙަލާގައި، ޝަރީޢަތުން އެމައްސަލައާ މެދު ގޮތެއް ކަނޑައަޅަންދެން އެމީހަކީ ބަންދުގައި ބަހައްޓަންޖެހޭ މީހެއްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިވަޑައިގަންނަވާނަމަ، އެކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅަންޖެހެނީ އެމައްސަލައެއް ހުށަހެޅިފައި އޮންނަ ކޯޓަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4 (ރ))
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ)
- "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ ޝަރީޢަތުގެ މަރުޙަލާގައި ބަންދާމެދު ގޮތެއް ނިންމުމާބެހޭ މާއްދާގެ (ހ) (މާއްދާގެ ނަންބަރު ލިޔުމުގައި ފުރަޅާފައި)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) (އިސްތިއުނާފުގެ ނުކުތާގައި)
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/19
- ބެންޗު
- ޢަބްދުއްރައޫފު އިބްރާހީމް، ޢަބްދުﷲ ދީދީ، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް