ސައިޓޭޝަން ކޮޕީ ކުރުމަށް
2018/HC-A/293
އަޙްމަދު ލަބީބް ވ. މުޙައްމަދު ނަޘީމް ޢަލީ، 2018/HC-A/293
Ahmed Labeeb v. Mohamed Natheem Ali 2018/HC-A/293 (2018/HC-A/293, High Court of the Maldives, 3 December 2020)
އަޙްމަދު ލަބީބް ވ. މުޙައްމަދު ނަޘީމް ޢަލީ
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން 234,000 ރުފިޔާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގައި، ދެ އެއްބަސްވުމަކީ ބާޠިލު އެއްބަސްވުން ކަމަށް ކަނޑައަޅައި ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ޙުކުމްކުރިއެވެ.
އިސްތިއުނާފުކުރި ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ގޭގެ 2 އަދި 3 ވަނަ ފަންގިފިލާ ދެ އެއްބަސްވުމެއްގެ ދަށުން ކުއްޔަށްދީފައި ވާއިރު، ކުލި ނުދައްކާތީ އެއްބަސްވުން ބާޠިލްކޮށް ތަންތަން ޙަވާލުކުރުމަށާއި، ނުދައްކާ 234,000 ރުފިޔާ ނަގައިދިނުމަށާއި، ޙަވާލުކުރާ ދުވަހާ ހަމައަށް ކުލި ދައްކަންޖެހޭނެކަމަށް ކަނޑައަޅައިދިނުމަށް ދަޢުވާކުރިއެވެ. ކުއްޔަށް ހިފި ފަރާތުން ވިޔަފާރި ބަނގުރޫޓުވެގެން ކުލި ނުދެއްކުނުކަން އިންކާރު ނުކުރެއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ، ތަންތަން ޙަވާލުކުރުމަށާއި ޙަވާލުކުރާ ދުވަހާ ހަމައަށް ކުލި ދައްކަންޖެހޭނެކަމަށް ކަނޑައަޅައިދިނުމަށް އެދިފައިވާއިރު އެގޮތަށް ޙުކުމްނުކުރުމަކީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) އާ ޚިލާފަށް ހެއްކާ ޤަރީނާއަށް ރިޢާޔަތްނުކުރުން ކަމަށެވެ.
މައިގަނޑު ސުވާލު
ކުލީގެ އެއްބަސްވުން ބާޠިލްކޮށް ކުލި ނަގައިދިން ސިވިލް ކޯޓުގެ ޙުކުމުގައި، ކުއްޔަށްދިން ތަންތަން ޙަވާލުކުރުމަށާއި ޙަވާލުކުރާ ދުވަހާ ހަމައަށް ކުލި ދައްކަންޖެހޭނެކަމަށް ކަނޑައަޅައި ނުދީ، ޤާނޫނު ނަންބަރު 13/2010 ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) އާ ޚިލާފަށް ހެއްކާ ޤަރީނާއަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
އެއްބަސްވުން ބާޠިލުކުރުމުގެ ޤާނޫނީ ނަތީޖާއެއްގެ ގޮތުން ތަން ޙަވާލުކުރުމަކީ ކުއްޔަށްހިފި ފަރާތަށް ލާޒިމުކަމަކަށް ވާތީއާއި، ޙުކުމުގެ ފަހުން ބޭނުންކުރި މުއްދަތަށް ގެއްލުމުގެ ބަދަލު ނުވަތަ މިޘްލީ ކުލި ހޯދަން ދަޢުވާކުރުމުގެ ޙައްޤު އިސްތިއުނާފުކުރި ފަރާތަށް ލިބިގެންވާތީ، ދަށުކޯޓުގެ ޙުކުމަށް ބަދަލުގެންނަންޖެހޭ ސަބަބެއް ނެތެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކުއްޔަށްދިނުމާއި ކުއްޔަށްހިފުމުގެ އެއްބަސްވުމަކީ ކުއްޔަށްދޭ ފަރާތަށް ކުލި އަދި ކުއްޔަށްހިފާ ފަރާތަށް ތަނުގެ މަންފާ ލިބިދިނުމުގެ މައްޗަށް ބިނާވެފައިވާ އެއްބަސްވުމެއް ކަމާއި، ކަނޑައެޅިފައިވާ ކުލި ދެއްކުމާއި އެއްބަސްވުމާ އެއްގޮތަށް ތަނުގެ މަންފާ ލިބިގަނެވޭނެ މަގު ތަނަވަސްވެފައި އޮތުމަކީ މިފަދަ އެއްބަސްވުންތަކުގެ ޖައުހަރު ކަމާއި، މި ދެކަމުން ކަމެއް ފުރިހަމަ ނުވާނަމަ އެއީ އެއްބަސްވުން ބާޠިލްކުރުމަށް ޖާއިޒު ސަބަބެއް ކަމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.4)
- ކުލި ނުދައްކާކަން ކުއްޔަށްހިފި ފަރާތުގެ އަމިއްލަ އިޢުތިރާފުން ސާބިތުވާނަމަ، ކުލީގެ އެއްބަސްވުމުގެ ދަށުން ކުލި ދެއްކުމުގެ ޒިންމާއާ އޭނާ ޚިލާފުވެފައިވާކަން ސާބިތުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.4)
- އެއްބަސްވުމެއް ބާޠިލުވުމުގެ ޤާނޫނީ ނަތީޖާއަކީ، އެއްބަސްވުމުގެ ދަށުން އެއްފަރާތުން އަނެއްފަރާތަށް އޮތް ޒިންމާތަކާއި ބައިވެރިންނަށް ލިބިދީފައިވާ ޙައްޤުތައް ނިމުމަކަށް އައުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.6)
- ކުލީގެ އެއްބަސްވުން ބާޠިލުކަމަށް ކޯޓުން ޙުކުމްކޮށްފިނަމަ، ތަން ހުސްކޮށް ޙަވާލުކުރުމަށް ޙުކުމުގައި ސާފުބަހުން އަންގާފައި ނުވިނަމަވެސް، ކުއްޔަށްދީފައިވާ ތަން ހުސްކޮށް ކުއްޔަށްދިން ފަރާތާ ޙަވާލުކުރުމަކީ ކުއްޔަށްހިފި ފަރާތަށް ލާޒިމު ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.6)
- އެއްބަސްވުން ބާޠިލުކޮށް ޙުކުމްކުރި ދުވަހުން ފެށިގެން ތަން ބޭނުންކުރުމުގެ ޤާނޫނީ ޙައްޤު ކުއްޔަށްހިފި ފަރާތުގެ ކިބައިން ނިގުޅިގެންދާއިރު، ތަން ޙަވާލުނުކޮށް ބޭނުންކުރުމަކީ ޣައިރު ޤާނޫނީ ޢަމަލެއް ކަމާއި، ޙުކުމުގެ ފަހުން ތަން ޙަވާލުކުރާ ދުވަހާ ހަމައަށް ބޭނުންކުރި މުއްދަތަށް ގެއްލުމުގެ ބަދަލު ނުވަތަ މިޘްލީ ކުލި ހޯދަން ދަޢުވާކުރުމުގެ ޙައްޤު ކުއްޔަށްދިން ފަރާތަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 4.6)
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އަދި (ށ)
- ބެންޗު
- ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު މުޙައްމަދު ނިޔާޒް
- ޚިލާފު ރައުޔު
- ނެތް