ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/17
ޝާޢިރާ ވ. މުޙައްމަދު އިބްރާހީމް، 2019/HC-A/17
Shaairaa v. Mohamed Ibrahim 2019/HC-A/17 (2019/HC-A/17, High Court of the Maldives, 26 January 2020)
ޝާޢިރާ ވ. މުޙައްމަދު އިބްރާހީމް
މައްސަލައިގެ ޚުލާޞާ
ހިތަދޫ މެޖިސްޓްރޭޓް ކޯޓުން، މަންމަގެ ޙަޟާނަތު ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 42 ވަނަ މާއްދާގެ (ހ) ގެ ދަށުން ކެނޑިފައިވާކަމަށާއި، މާމައަކީ އަމިއްލަ ގެދޮރެއް ނެތް، އެކަށީގެންވާ އާމްދަނީއެއް ނުލިބޭ މީހެއްކަމުން ކުއްޖާގެ މަސްލަޙަތަށް އުނިކަމެއް އަތުވެދާނެކަމަށް ބުނެ، ކުއްޖާ 7 އަހަރު ފުރެންދެން ޙަޟާނަތު ބައްޕައަށް ދިނެވެ.
ކުއްޖާގެ ބައްޕަ، ދެމީހުންނަށް ލިބިފައިވާ ފިރިހެން ކުއްޖާގެ ޙަޟާނަތު ހޯދުމަށް ކުއްޖާގެ މަންމަގެ މައްޗަށް ދަޢުވާ ކުރިއެވެ. ކުއްޖާގެ މަންމަ ކުއްޖާގެ މަޙްރަމަކާ ނޫން މީހަކާ ކައިވެނިކޮށްފައިވާއިރު، ކުއްޖާގެ މަންމަގެ މަންމަ ޙަޟާނަތު ލިބިގަތުމަށް އެދުނެވެ.
އިސްތިއުނާފުކުރި މަންމަ ބުނީ، މާމަގެ ކިބައިން ޙަޟާނަތު ގެއްލުނުކަމަށް ކަނޑައެޅުމަކީ ޢާއިލާއާބެހޭ ޤަވާޢިދުގެ 71 އާއި 73 ވަނަ މާއްދާއާއި ޤާނޫނުގެ 42 ވަނަ މާއްދާއާ ޚިލާފު ކަމެއްކަމަށާއި، މާމަގެ ޣައިރު ޙާޟިރުގައި މައްސަލަ ބެލިކަމަށާއި، މަންމަ ހުށަހެޅި ޚަރަދުގެ ދަޢުވާ ފަސްކޮށް ޙަޟާނަތުގެ ދަޢުވާ އިސްކޮށް ބެލުމުން ޢަދުލުވެރި ޝަރީޢަތެއް ނުލިބުނުކަމަށެވެ.
މައިގަނޑު ސުވާލު
ކުއްޖާގެ މަންމަގެ ކިބައިން ޙަޟާނަތު ގެއްލުމުން، ތަރުތީބުގައި ދެން އިސްކަން ލިބޭ ކުއްޖާގެ މަންމަގެ މަންމަ ދޫކޮށްލައި، އަމިއްލަ ގެދޮރެއް ނެތުމާއި އެކަށީގެންވާ އާމްދަނީއެއް ނުލިބުމުގެ ސަބަބުން ކުއްޖާގެ ޙަޟާނަތު ބައްޕައަށް ދިނުމަކީ ޢާއިލާއާބެހޭ ޤާނޫނާއި ޤަވާޢިދާ އެއްގޮތްވާ ނިންމުމެއްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު؛ ޙަޟާނަތު ކުއްޖާގެ މަންމަ ފަރާތު މާމައަށް ލިބިގެންވާކަމަށް ކަނޑައެޅި (އިއްތިފާޤުން)
މަންމަގެ ޙަޟާނަތު ގެއްލުމުން ތަރުތީބުގައި ދެން ޙައްޤު ލިބޭނީ މާމައަށެވެ. ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 42 ވަނަ މާއްދާގައިވާ ސަބަބެއް މާމަގެ ކިބައިގައި ސާބިތުނުވާއިރު، ގެދޮރާއި އާމްދަނީގެ ކަމަކީ ޙަޟާނަތު ގެއްލޭ ސަބަބެއް ނޫނެވެ. އަދި ސޯޝަލް ރިޕޯޓުން ބައްޕަ ފަރާތާ ކުއްޖާގެ ގުޅުން ރަނގަޅު ނޫންކަން ފެންނާތީ، ދަށުކޯޓުގެ ނިންމުމަކީ ކުއްޖާގެ މަސްލަޙަތަށް ބަލައިގެން ނިންމި ނިންމުމެއް ނޫނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކުއްޖާގެ ޙަޟާނަތުގެ ޙައްޤު ޙަވާލުކުރުމުގައި އެންމެ އިސްކަން ދޭންޖެހޭ ފަރާތަކީ ކުއްޖާގެ މަންމައެވެ. (ޢާއިލާއާބެހޭ ޤާނޫނުގެ 40 ވަނަ މާއްދާގެ (ހ)) (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3)
- ޙަޟާނަތު ޙަވާލުކުރެވިފައިވާ މަންމަ ކުއްޖާގެ މަޙްރަމަކާ ނޫން ފިރިހެނަކާ ކައިވެނިކުރުމަކީ ޢާއިލާއާބެހޭ ޤާނޫނުގެ 42 ވަނަ މާއްދާގެ ދަށުން ޙަޟާނަތު ގެއްލޭ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3)
- މަންމަގެ ކިބައިން ޙަޟާނަތު ގެއްލޭ ޙާލަތުގައި ދެން ޙަޟާނަތު ޙަވާލުކުރަންވާނީ ޢާއިލާއާބެހޭ ޤަވާޢިދުގެ 71 ވަނަ މާއްދާގައިވާ ތަރުތީބަށް ބަލައިގެންނެވެ؛ އެގޮތުން ދެން ޙައްޤު ލިބޭނީ ކުއްޖާގެ މަންމަގެ މަންމައަށް، އެއަށްފަހު ބައްޕައަށް، އެއަށްފަހު ބައްޕަގެ މަންމައަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3)
- ޙަޟާނަތުގެ ޙައްޤު ގެއްލޭ ގޮތްތައް ބަޔާންކޮށްފައިވަނީ ޢާއިލާއާބެހޭ ޤާނޫނުގެ 42 ވަނަ މާއްދާގައެވެ؛ އެ މާއްދާގައިވާ ސަބަބެއް ސާބިތުނުވާހާ ހިނދަކު، އަމިއްލަ ގެދޮރެއް ނެތުމާއި ކުއްޖާ ބަލާ ބޮޑުކުރުމަށް އެކަށީގެންވާ އާމްދަނީއެއް ނުލިބުމަކީ ޙަޟާނަތު ގެއްލޭ ސަބަބުތަކެއް ނޫނެވެ؛ ދަރިންނަށް ޚަރަދުކުރުމަކީ ބައްޕަގެ މައްޗަށް ލާޒިމު ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3)
- ޙަޟާނަތުގެ ޙައްޤު ލިބިދިނުމުގައި ޝަރީޢަތުން ބަލަންވާނީ ކުއްޖާގެ މަސްލަޙަތުގައި އޮތް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯއެވެ؛ ދަރަޖައިގެ ގޮތުން ހަމަހަމަ ގިނަ ބަޔަކު ތިބިނަމަ، ޙަވާލުކުރަންވާނީ ކުއްޖާއަށް އެންމެ އޯގާތެރި އަދި އެންމެ އަޚްލާޤު ރަނގަޅު މީހަކާއެވެ. (ޢާއިލާއާބެހޭ ޤަވާޢިދުގެ 40 ވަނަ މާއްދާ، ޢާއިލާއާބެހޭ ޤާނޫނުގެ 40 ވަނަ މާއްދާގެ (ބ)) (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3)
- ކުއްޖާއާއި ގުޅުން ރަނގަޅު ނޫން، ކުއްޖާ ނުދަންނަ ބައެއްގެ ތެރެއަށް ކުއްޖާގެ ދިރިއުޅުން ބަދަލުކުރުމަކީ ކުއްޖާގެ އުޅުމަށާއި އަޚްލާޤަށާއި ނަފްސާނީ ގޮތުން ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމެއްކަމަށް ކުއްޖާގެ ޙަޟާނަތު ކަނޑައެޅުމުގައި ރިޢާޔަތްކުރެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3)
- ޙަޟާނަތު މާމައާ ޙަވާލުކުރި ނަމަވެސް ކުއްޖާގެ މަންމައާއި ބައްޕައަށް ދަރިފުޅު ދުށުމުގެ ޙައްޤާއި ދަރިފުޅާއެކު ވަގުތު ހޭދަކުރުމުގެ ޙައްޤު ލިބިގެންވެއެވެ؛ ކުއްޖާ ބަލާ ބޮޑުކުރުމުގައި ދެބެލެނިވެރިންވެސް އެންމެ މަތީ ދަރަޖައިގެ އިސްކަން ދޭންވާނީ ކުއްޖާގެ މަސްލަޙަތަށެވެ.
ޤަޟިއްޔާ ނަންބަރު: 2019/HC-A/17
އިސްތިއުނާފު ކުރި ފަރާތް: ޝާއިރާ
އިސްތިއުނާފު ރައްދުވި ފަރާތް: މުޙައްމަދު އިބްރާހީމް
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 22 ރަބީޢުލްއާޚިރަ 1439 / 09 ޖަނަވަރީ 2018
ނިމުނު ތާރީޚް: 01 ޖުމާދަލްއާޚިރަ 1441 / 26 ޖަނަވަރީ 2020
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 73/O11C/2016
ނިންމެވި ކޯޓު: ހައްދުންމަތީ ހިތަދޫ މެޖިސްޓްރޭޓް ކޯޓު
ޤަޟިއްޔާގެ ބާވަތް: ޙަޟާނާތް
ޤަޟިއްޔާ ހުށަހެޅުނު ތާރީޚް: 11.09.2016
ޤަޟިއްޔާ ނިމުނު ތާރީޚް: 09.10.2018
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ފަނޑިޔާރު މުޙައްމަދު ފައިޞަލް (ރިޔާސަތު)
ފަނޑިޔާރު ޢަލީ ސަމީރު
މިއީ، ހައްދުންމަތީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 73/O11C/2016 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، ޝާއިރާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ މުޙައްމަދު އިބްރާހީމްއެވެ.
1ހައްދުންމަތީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 73/O11C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، މުޙައްމަދު އިބްރާހީމް އާއި ޝާއިރާ އާއި ދެމީހުންނަށް ލިބިފައިވާ ފިރިހެން ދަރިފުޅު (ކުއްޖާގެ ނަމާއި އެޑްރެސް) ހަޟާނާތު ލިބިދިނުމަށް އެދި ޝާއިރާގެ މައްޗަށް މުޙައްމަދު އިބްރާހީމް ހުށަހަޅާފައިވާ މައްސަލައެއްކަމާއި، މިމައްސަލައާ ގުޅިގެން ހައްދުންމަތީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 73/O11C/2016 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ، މުޙައްމަދު އިބްރާހީމް އާއި ޝާއިރާ އާއި ދެމީހުންނަށް ލިބިފައިވާ ފިރިހެން ދަރިފުޅު (ކުއްޖާގެ ނަމާއި އެޑްރެސް) ގެ ޙަޟާނާތު ލިބިދިނުމަށް އެދި ޝާއިރާގެ މައްޗަށް މުޙައްމަދު އިބްރާހީމް ހުށަހަޅާފައިވާ މިމައްސަލާގައި ފާހަގަކުރެވުނު ނުކުތާތަކާއި މައްސަލާގައި ޝާމިލްވާ ފަރާތްތަކުން ދީފައިވާ ބަޔާންތަކަށާއި ޝަރީޢަތަށް ހުށަހެޅިފައިވާ އެންމެހާ ލިޔެކިޔުންތަކަށް ބަލާ ނަޒަރުކުރާއި (ކުއްޖާގެ ނަން) މަންމަ ޝާއިރާ ދިރިއުޅެމުން ގެންދަނީ ކުއްޖާގެ މަޙްރަމުންގެ ތެރޭގައި ހިމެނޭ ފަރާތަކާއި ކައިވެނިކޮށްގެން ނޫންކަމަށް ޝާއިރާ ބުނެ ބަޔާންދީފައިވާތީ އާއި އަދި ޝާއިރާގެ ފަރާތުން ހުށަހަޅާފައިވާ ނަންބަރު 2016/09 ކާވެނީގެ ސެޓްފިކެޓް އިން ޝާއިރާ ދިރިއުޅެމުން ގެންދަނީ މީހަކާއި އިނދެގެންކަން ޝަރީޢަތަށް އެނގެން އޮންނާތީ ޢާއިލާ ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 04/2000) ގެ 42 ވަނަ މާއްދާގެ (ހ) ގެ ދަށުން ޝާއިރާގެ ކިބައިން (ކުއްޖާގެ ނަމާއި އެޑްރެސް) ޙަޟާނާތު ކެނޑިފައިވާ ކަމުގައި ކަނޑައަޅައި މައްސަލާގައި ޝާމިލްވާ ފަރާތްތަކުން ދީފައިވާ ބަޔާންތަކަށް ބަލާ ނަޒަރުކުރާއިރު ޢާއިލާއާއި ބެހޭ ޤަވާއިދުގެ 71 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙަޟާނާތު ލިބިދިނުމުގައި އިސްކަން ދޭންޖެހޭ ތަރުތީބަށް ބަލާއިރު ދެވަނައަށް އެންމެ އިސްކަމެއް ލިބިދީފައިވަނީ ކުއްޖާގެ މަންމަގެ މަންމަ (ކިތައްމެ ދުރަށް ދިޔަނަމަވެސް) ކަމުގައި ބަޔާންވެގެންވީނަމަވެސް ދީފައިވާ ބަޔާންތަކަށް ބަލާއިރު ކުއްޖާގެ މަންމަގެ މަންމަ ޙައްވާ މޫސާ ދިރިއުޅެމުން ގެންދަނީ ޙައްވާ މޫސާގެ އުފަން ދެވަނަ ދަރިފުޅު ގޭގައިކަމަށްވެފައި ޙައްވާ މޫސާގެ އަމިއްލަ ގެދޮރެއް ނެތްކަމަށް ބުނެ ބަޔާންދީފައިވާތީ އާއި ކުއްޖަކު ބަލާ ބޮޑުކުރުމަށް އެކަށީގެންވާ މިންވަރަށް ޢާއްމުދަނީއެއް ލިބެމުން ނުދާކަން ޙައްވާ މޫސާގެ ބަހުން ޝަރީޢަތަށް އެނގެން އޮންނާތީ މިއީ ޢާއިލާއާއި ބެހޭ ޤަވާއިދުގެ 72 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން ކުއްޖާގެ މަސްލަޙަތައް އުނިކަމެއް އަތުވެދާފަދަ ސަބަބުތަކެއްކަމަށް ޝަރީޢަތަށް ފާހަގަކުރެވޭތީ ޢާއިލާއާއި ބެހޭ ޤާނޫނުގެ 40 ވަނަ މާއްދާގެ (ބ)އަށް ރިޢާޔަތްކޮށް ޙަޟާނާތު ލިބުމަށް އެދި ހުށަހަޅާފައިވާ ކުއްޖާއަކީ ފިރިހެން ކުއްޖެއް ކަމުގައިވެފައި ފާހަގަކުރެވުނު ނުކުތާތަކުގެ 11 އަދި 12 ވަނަ ނަންބަރުގައިވާ ސަބަބުތަކަށް ރިޢާޔަތްކޮށް (ކުއްޖާގެ ނަމާއި އެޑްރެސް) ޙަޟާނާތު ލިބިދިނުން ކުއްޖާއަށް އެންމެ މަސްލަޙަތު ހުރި ފަރާތަކީ ކުއްޖާގެ ބައްޕަ މުޙައްމަދު އިބްރާހީމް ކަމުގައި ޢައިލާއާއި ބެހޭ ޤާނޫނުގެ 40 ވަނަ މާއްދާގެ (ބ) އާއި ޙަވާލާދީ ޢާއިލާއާއި ބެހޭ ގަވައިދުގެ 71 ވަނަ މާއްދާއާއި 72 ވަނަ މާއްދާގެ ދަށުން ކަނޑައަޅައި ޢާއިލާއާއި ބެހޭ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުއްޖާގެ ޙަޟާނާތު ކުއްޖާގެ ބައްޕަ މުޙައްމަދު އިބްރާހީމް އަށް މިއަދު 09 އޮކްޓޫބަރު 2018 ވަނަ (29 މުޙައްރަމް 1440) ދުވަހު (ކުއްޖާގެ ނަމާއި އެޑްރެސް) ޢުމުރުން ހިޖުރީ ގޮތުން 07 އަހަރު ފުރެންދެން ނުވަތަ ޝަރީޢަތުން އެހެން ގޮތަކަށް ކަނޑައަޅަންދެން (ކުއްޖާގެ ނަމާއި އެޑްރެސް) ޙަޟާނާތު ޙަވާލުކޮށް ލިބިދީ ފާހަގަކުރެވުނު ނުކުތާތަކުގެ 12 ވަނަ މާއްދާގެ (ބ) ގައިވާ އެންމެހާ ޝަރުތުތަކަށް ޢަމަލުކުރުމަށް މުޙައްމަދު އިބްރާހީމްއަށް ޢާއިލާއާއި ބެހޭ ޤަވައިދުގެ 73 ވަނަ މާއްދާގެ ދަށުން އަންގާ އަމުރުކޮށް، މިއަދު 09 އޮކްޓޫބަރު 2018 ވަނަ ދުވަހުން ފެށިގެން 3 ދުވަހުގެ ތެރޭގައި (ކުއްޖާގެ ނަމާއި އެޑްރެސް) މި ޙަޟާނާތު ލިބިދެވުނު ކުއްޖާގެ ބައްޕަ މުޙައްމަދު އިބްރާހީމް އާއި ޙަވާލުކުރުމަށް ޝާއިރާއަށް އަންގައި މި ގޮތުގެ މަތީން ޙުކުމްކޮށް މި ޤަޟިއްޔާ ނިންމީއެވެ." މިފަދައިންނެވެ.
2ހައްދުންމަތީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 73/O11C/2016 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، ޝާއިރާގެ ފަރާތުން 05 (ފަހެއް) ނުކުތާއެއް ހުށަހަޅައި އެނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، އިސްލާމީ ޝަރީޢަތުގައިވެސް އަދި ޤާނޫނީ ނަންބަރު 04/2000 ޢާއިލާއާބެހޭ ޤާނޫނޫގެ ދަށުން ހަދާފައިވާ ޢާއިލާއާބެހޭ ޤަވާއިދުގެ 71 ވަނަ މާއްދާގެ (ށ) އާއި ޚިލާފަށް ޙުކުމް ކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ، ކުއްޖާގެ މަންމަގެ ފަރާތު މާމަ (ޙައްވާ މޫސާ)ގެ ކިބައިން ހަޟާނާތު ހައްޤު ގެއްލިފައިވާކަމަށް ދަށުކޯޓުން ކަނޑައަޅާފައިވާ ސަބަބުތަކަކީ ޢާއިލާއާބެހޭ ޤަވާއިދުގެ 73 ވަނަ މާއްދާގެ (ހ.) އާއި ޚިލާފު ސަބަބެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ، ކުއްޖާގެ މަންމަގެ ފަރާތު މާމަ (ޙައްވާ މޫސާ)ގެ ކިބައިން ހަޟާނާތުގެ ޙައްޤު ގެއްލިފައިވާކަމަށް ކަނޑައަޅާފައިވަނީ ޤާނޫނީ ނަންބަރު 04/2000 (ޢާއިލާއާބެހޭ ޤާނޫނޫ) ގެ 42 ވަނަ މާއްދާގައި ބުނާފަދަ ޙާލަތެއް މެދުވެރި ނުވަނީސް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ހަތަރުވަނަ ނުކުތާއަކީ، ކުއްޖާގެ މަންމަގެ ފަރާތު މާމަ (ޙައްވާ މޫސާ)ގެ ޣައިރު ހާޟިރުގައި މައްސަލަ ބަލާ މައްސަލައިގެ ޙުކުމް ކުރައްވާފައިވަނީ ޢާއިލާއާބެހޭ ޤަވާއިދުގެ 87 ވަނަ މާއްދާގައު ބުނާ ގޮތަށް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ފަސްވަނަ ނުކުތާއަކީ، ކުއްޖާގެ މަންމަ (އަޅުގަނޑު ޝާއިރާ) ގެ އަތުން ކުއްޖާ އަތުލަން ކުއްޖާގެ ބައްޕަ (ދަޢުވާލިބޭ މުޙައްމަދު އިބްރާހީމް) ލ. ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅި އިރު ކުއްޖާގެ ޚަރަދާއި ކުއްޖާގެ ބެލުމުގެ ޚަރަދު ހޯދުމަށް ކުއްޖާގެ މަންމަ (އަޅުގަނޑު ޝާއިރާ) ހުށަހަޅާފައިވާ ދައުވާ ނުބަލާ ފަސްކުރައްވާފައި ކުއްޖާގެ ބައްޕަ ހުށަހެޅި ޙަޟާނާތުގެ ދައުވާ އިސްކޮށް ބަލާ ޙުކުމް ކުރެއްވުމަކީ ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ށ) ގެ ދަށުން އަދުލު އިންސާފު ލިބުމުން، ކުއްޖާގެ މަންމަ ޝާއިރާ މަޙްރޫމު ކުރުވި ކަމެއް ކަން އެނގެން އޮތްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
3ޕްރިސިޑެންސް 1ޕްރިސިޑެންސް 2ޕްރިސިޑެންސް 3ޕްރިސިޑެންސް 4ޕްރިސިޑެންސް 5ޕްރިސިޑެންސް 6މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށާއި ހައްދުންމަތީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 73/O11C/2016 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫންކަމަށްބުނެ، ޝާއިރާގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ހައްދުންމަތީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 73/O11C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބަލާއިރު، އެޤަޟިއްޔާއަކީ މުޙައްމަދު އިބްރާހީމް އަދި ޝާއިރާ އާ ދެމީހުންނަށް ލިބިފައިވާ ފިރިހެން ދަރިފުޅު (ކުއްޖާގެ ނަން) ގެ ހަޟާނާތު ހޯދުމަށްއެދި މުޙައްމަދު އިބްރާހީމް މައްސަލަ ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެއްކަމާއި، އެޤަޟިއްޔާގައި ނިންމާފައިވަނީ ކުއްޖާގެ ބައްޕަ މުޙައްމަދު އިބްރާހީމް އާއި ކުއްޖާގެ ޙަޟާނާތު ހަވާލުކުރުމަށް ކުއްޖާގެ މަންމަ ޝާއިރާއަށް އަންގައިކަން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ، ކުއްޖާގެ ޙަޟާނަތުގެ ހައްޤު ޙަވާލުކުރުމުގައި އެންމެ އިސްކަން ދޭންޖެހޭ ފަރާތަކީ އެކުއްޖެއްގެ މަންމަ ކަމަށް ޤާނޫނު ނަންބަރު 4/2000 (އާއިލާއާ ބެހޭ ޤާނޫނު) ގެ 40 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމާއި،
ޙަޟާނަތުގެ ޙައްޤު ލިބިގެންވާ މީހާގެ ކިބައިން އެޙައްޤު ގެއްލޭނެ ގޮތްތައް އެ ޤާނޫނުގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމާއި، އެއީ:-
(ހ) ޙަޟާނަތު ޙަވާލުކޮށްފައިވާ މީހާއަކީ، ކުއްޖާގެ މަންމަކަމަށް ވާނަމަ، އެ މަންމަ، ކުއްޖާގެ މަޙްރަމަކާ ނޫން ފިރިހެނަކާ ކާވެނިކުރުން.
(ށ) ޙަޟާނަތު ހަވާލުކޮށްފައިވާ މީހާއަކީ އިސްލާމީ ޝަރީޢަތުގައި މަނާކޮށްފައިވާ ފާޙިޝް ޢަމަލު ފާޅުގައި ކުރާ މީހަކު ކަމަށްވުން.
(ނ) ޙަޟާނަތު ޙަވާލުކޮށްފައިވަނީ ކުއްޖާގެ މަންމައާ ކަމަށްވާނަމަ، ކުއްޖާގެ މަންމަގެ އަމިއްލަ ރަށަށް ކުއްޖާ ގޮވައިގެން އެމީހަކު ދާ ދިއުން ފިޔަވައި، ޙަޟާނަތު ޙަވާލު ކުރެވިފައިވާ މީހަކު، ކުއްޖާގެ ބައްޕަގެ ނުވަތަ ބަލަދުވެރިޔާގެ ރުހުމަކާއި ނުލައި، އެމީހަކު ދިރިއުޅޭ ރަށް ބަދަލުކުރުން، ނުވަތަ ޙަޟާނަތު ޙަވާލު ކުރެވިފައިވާ މީހަކު ދިރިއުޅޭގެ، ކުއްޖާއަށް ޒިޔާރަތް ކުރުމަށް ބައްޕައަށް ލިބިފައިވާ ޙައްޤަށް އުނިކަމެއް ލިބޭފަދަ ގޮތަކަށް ބަދަލުކުރުން.
(ރ) މުރުތައްދުވުން.
(ބ) ޙަޟާނަތު ޙަވާލުކުރެވިފައިވާ މީހާ ކުއްޖާއާ އަޅާނުލުން، ނުވަތަ ކުއްޖާއަށް އަނިޔާވެރިވުން. މިއީ ކަމާއި،
ކުއްޖާގެ މަންމަ ޝާއިރާ ކުއްޖާގެ މަޙްރަމަކާ ނޫން ފިރިހެނަކާ ކާވެނިކޮށްފައިވާތީ މިއީ 4/2000 (އާއިލާއާ ބެހޭ ޤާނޫނު) ގެ 42 ވަނަ މާއްދާގެ ދަށުން ޙަޟާނަތު ގެއްލޭ ސަބަބުތަކަގެ ތެރެއިން ސަބަބެއް ކަމާއި، ކުއްޖާގެ މަންމަ ފަރާތުން ޙަޟާނަތު ގެއްލޭ ޙާލަތުގައި ދެން ބަލަންޖެހޭނީ ޙަޟާނަތު ޙަވާލުކުރުމުގައި ޤާޟީ ބައްލަވަންޖެހޭ އާއިލާއާބެހޭ ޤަވާޢިދުގައި ޙަޟާނަތުގެ ޙައްޤު ޙަވާލުކުރެވޭނެ މީހުން ތަރުތީބު ކޮށްފައިވާ ގޮތަށް ކަމާއި، މިގޮތުން މިތަރުތީބަށް ބަލާއިރު ދެން އެކުއްޖާގެ ޙަޟާނަތުގެ ޙައްޤު ލިބިގެންވާނީ އެކުއްޖާގެ މަންމަގެ މަންމައަށް ކަމާއި، އެއަށްފަހު ކުއްޖާގެ ބައްޕައަށްކަމާއި، އެއަށްފަހު ކުއްޖާގެ ބައްޕަގެ މަންމައަށްކަން، އާއިލާއާބެހޭ ޤަވާޢިދުގެ 71 ވަނަ މާއްދާގެ (ހ) އާއި (ށ) އަދި (ނ) އިން އެނގެންއޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، މި މައްސަލައިގައި ކުއްޖާގެ މަންމަ ޝާއިރާގެ ފަރާތުން ޙަޟާނާތުގެ ޙައްޤު ގެއްލިފައިވާކަން އެނގެންއޮންނައިރު، ދެން އެކުއްޖާގެ ޙަޟާނަތު ޙަވާލުކުރުމުގެ ތަރުތީބު ކުރެވިފައިވާ ގޮތުން އިސްކަންދޭންޖެހޭނީ ކުއްޖާގެ މަންމަގެ މަންމަ، ޙައްވާ މޫސާއަށް ކަން އާއިލާއާބެހޭ ޤަވާޢިދުގެ 71 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ކުއްޖާގެ މަންމަގެ މަންމަ، ޙައްވާ މޫސާ މިމައްސަލައަގައި ޙަޟާނާތު ލިބިގަތުމަށް އެދޭކަން ޝަރީޢަތުގެ މަޖިލިހަށް ހާޟިރުވެ ބަޔާންދީފައިވާކަން މި މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެންއޮންނަކަމާއި، ނަމަވެސް ކުއްޖާގެ މަންމަގެ މަންމަ، ޙައްވާ މޫސާގެ ކިބައިން ޙަޟާނާތު ގެއްލިފައިވާކަމަށް އިސްތިއުނާފުކުރެވިފައިމިވާ ދަށު ކޯޓުގެ ޤަޟިއްޔާގައި ފާހަގަ ކުރައްވާފައިވަނީ، ޙައްވާ މޫސާއަކީ އަމިއްލަ ގެދޮރެއް ނެތް ފަރާތަކަށް ވެފައި، ކުއްޖާ ބަލާ ބޮޑުކުރުމަށް އެކަށީގެންވާ މިންވަރުގެ އާމްދަނީއެއް ނުލިބޭ ފަރާތެއްކަމުން މިއީ ކުއްޖާގެ މަސްލަޙަތައް އުނިކަމެއް އަތުވެދާނެ ކަމެއް ކަމަށް ރިޢާޔަތްކޮށް ކަން އެނގެންއޮންނައިރު،
ޙަޟާނަތުގެ ޙައްޤު ލިބިގެންވާ މީހާގެ ކިބައިން އެޙައްޤު ގެއްލޭނެ ގޮތްތައް އެ ޤާނޫނުގެ 42 ގައިވާ ގޮތްތައް އިސްވެ ބަޔާންކުރެވިފައިވާކަމާއި، އާއިލާއާބެހޭ ޤާނޫނުގެ 42 ވަނަމާއްދާގައި ބަޔާންކޮށްފައިވާ ފަދަ ސަބަބެއް ޙައްވާ މޫސާގެ ކިބައިގައި އޮތްކަން ސާބިތުނުވާއިރު، އޭނާ ދިރިއުޅުމަށް އަމިއްލަ ގެދޮރެއް ނެތުމާއި ކުއްޖާ ބަލާ ބޮޑުކުރުމަށް އެކަށީގެންވާ މިންވަރަށް އާމްދަނީއެއް ނުލިބުން މިއީ ޙަޟާނަތު ގެއްލޭ ސަބަބުތައްކަމުގައި ނުވާއިރު، އާއިލާއާއި ބެހޭ ޤާނޫނާއި ޤަވާއިދު އަދި އިސްލާމީ ޝަރީޢާގައިވެސް ދަރިންނަށް ޚަރަދުކުރުމަކީ ކުއްޖާގެ ބައްޕަގެ މައްޗަށް ލާޒިމު ކަމެއްކަން އެނގެންއޮންނައިރު، ޙައްވާ މޫސާގެ ކިބައިގައި ކުއްޖާގެ ޙަޟާނަތުގެ ޙައްޤު ގެއްލިފައިވާކަން ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވަނީ އިސްވެ ބުނެވުނު މާއްދާގައި ބަޔާންކޮށްފައިވާ ސަބަބުތަކާ އެއްގޮތަށްނޫންކަން އެނގެއެވެ.
(ރ) ހަތަރުވަނަ ކަމަކީ، މިމައްސަލައިގައި ޙަޟާނަތު ލިބުމަށް އެދޭ ކުއްޖާ މިހާރު ދިރިއުޅެމުންދަނީ، ކުއްޖާގެ މަންމަ ޝާއިރާއާއި އެކުގައި ކަމާއި، ކުއްޖާ މިހާރު ދިރިއުޅެމުންދާ ގެއަކީ ކުއްޖަކު ދިރިއުޅެން އެކަށީގެންވާ ތަނެއްކަމަށާއި ހަމައެއާއިކު، ކުއްޖާގެ ބައްޕަ ދިރިއުޅޭ ގެއަކީވެސް ކުއްޖަކު ދިރިއުޅުމަށް އެކަށީގެންވާ ގެއެއް ކަމަށާއި، ކުއްޖާގެ މަންމަ އާއި ކުއްޖާގެ މަންމަ ފަރާތުގެ ޢާއިލާގެ މީހުންނާއި ކުއްޖާއާއި އޮންނަ ގުޅުން ރަނގަޅު ކަމަށާއި، ކުއްޖާގެ ބައްޕަ އާއި ބައްޕަ ފަރާތުގެ ޢާއިލާ މީހުންނާއި އޮންނަ ގުޅުން ރަނގަޅު ނޫން ކަމުގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީ މެދުވެރިކޮށް ހަދާފައިވާ ކުއްޖާގެ އިޖްތިމާޢީ ޙާލަތު އަންގައިދޭ ރިޕޯޓުން އެނގެން އޮންނަކަމާއި،
ކުއްޖާގެ ބައްޕައަކީ ވެސް މިހާރު އެހެން ކައިވެންޏެއް ކޮށް އެބަނޑަށް ދަރިން ލިބިފައިވާ މީހެއްކަމާއި، އާމްދަނީ ހޯދުމުގެ ގޮތުން ކުރާ މަސައްކަތަކީ މަސްވެރިކަން ކަމަށް ކުއްޖާގެ ބައްޕަ މުޙައްމަދު އިބްރާހީމް ބުނެފައިވާއިރު، މި މަސައްކަތަކީ ގިނަ ވަގުތު ރަށުން ބޭރުގައި އުޅެންޖެހޭ ބާވަތުގެ މަސައްކަތަކަށް ވާއިރު ކުއްޖާގެ ޙަޟާނަތު އެކުއްޖާގެ ބައްޕައާ ޙަވާލުކޮށްފިނަމަ، އެކުއްޖާ ބަލަމުންދާނީ ކުއްޖާގެ ބައްޕަ ފަރާތު މަންމަ އަދި މިހާރުގެ އަނބިމީހާގެ ގާތުގައި ބަހައްޓައިގެން ކަމަށް ބެލެވޭކަމާއި، ކުއްޖާއާއި ކުއްޖާގެ ބައްޕަ އަދި ބައްޕަ ފަރާތު ޢާއިލާއާއި އޮންނަ ގުޅުން ރަނގަޅު ނޫން ޙާލަތުގައި ކުއްޖާ ނުދަންނަ ބައެއްގެ ތެރެއަށް ދިރިއުޅުންބަދަލު ކުރުމަކީ އެކަމުގެ ސަބަބުން ކުއްޖާގެ އުޅުމަށާއި އަޚްލާޤަށާއި އަދި ކުއްޖާއަށް ނަފްސާނީ ގޮތުންވެސް ނޭދެވޭ އަސަރުތަކެއްކޮށްފާނެ ކަމެއްކަށް ވުމާއި،
ޙަޟާނަތުގެ ޙައްޤު ލިބިދިނުމުގައި ތިމާގެ ކަމުގެ ދަރަޖައިގެ ގޮތުން ހަމަހަމަ އެކަކަށްވުރެ ގިނަ ބަޔަކު ތިބިނަމަ، އެކުއްޖާގެ ޙަޟާނަތު ހަވާލުކުރަންވާނީ އެބައެއްގެ ތެރެއިން އެކުއްޖަކަށް އެންމެ އޯގާތެރިކަމަށް ފެންނަ އަދި އެންމެ އަޚްލާޤު ރަނގަޅު މީހަކާ ކަމާއި މިގޮތުގެމަތިން ކުއްޖާގެ ޙަޟާނަތު ހަވާލުކުރުމުގައި ޢަމަލުކުރަންވާނީ، ކުއްޖާގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތަކަށް ކަމަށް އާއިލާއާބެހޭ ޤަވާޢިދުގެ 40 ވަނަމާއްދާގައި ބަޔާންކޮށްފައިވާ ކަމާއި، ޙަޟާނަތުގެ ޙައްޤު ލިބިދިނުމުގައި ކުއްޖާގެ މަސްލަޙަތުގައި އޮތް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ޝަރީޢަތުން ބަލައި އެގޮތަކަށް ޢަމަލުކުރަންޖެހޭނެ ކަމާއި، މިކަން ޢާއިލާއާބެހޭ ޤާނޫނުގެ 40 ވަނަމާއްދާގެ (ބ) އިން އިތުރަށް ކަށަވަރުކޮށްދީފައިވާކަން އެނގޭކަމާއި، މިމައްސަލައިގައި ކުއްޖާގެ މަންމަގެ ކިބައިން ޙަޟާނަތުގެ ޙައްޤު ގެއްލިފައިވާ ޙާލަތުގައި އެކުއްޖާގެ ޙަޟާނަތު ލިބިދިނުމަށް އެކުއްޖާގެ މަންމަގެ މަންމަ (މާމަ) އެދިފައިވާކަން އެފަރާތުން ދަށުކޯޓަށް ދީފައިވާ ބަޔާނަށް ބެލުމުން އެނގެންއޮންނަކަމާއި، ކުއްޖާގެ މާމަގެ ކިބައިގައި ކުއްޖާގެ ޙަޟާނަތުގެ ޙައްޤު ގެއްލޭފަދަ ކަމެއް އޮތްކަން ޝަރީޢަތަށް ސާބިތުނުވާކަން އެނގޭއިރު، މިމައްސަލައިގައި ކަންހިނގާފައިވާ ގޮތަށާއި ކުއްޖާ ދިރިއުޅޭ މާޙައުލަށާއި އިސްވެ ބަޔާން ކުރެވުނު ކުއްޖާގެ ޙާލަތު ބަޔާންކޮށް ތައްޔާރުކޮށްފައިވާ އެސެސްމެންޓް ރިޕޯޓަށާއި މިމައްސަލައިގައި ފެންނަންހުރި ޙަޤީޤަތްތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ކުއްޖާ ޙަޟާނާތު ކުއްޖާގެ ބައްޕައަށް ދީފައިވަނީ އާއިލާއާބެހޭ ޤާނޫނުގެ 42 ވަނަ މާއްދާއާއި އާއިލާއާބެހޭ ޤަވާޢިދުގެ 71 ވަނަ މާއްދާއާއި އެއްގޮތަށް ނޫންކަމަށް މިޤަޟިއްޔާ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ފާހަގަކުރެވުނެވެ.
އެހެންކަމުން އިސްތިއުނާފު ކުރެވިފައިމިވާ ހައްދުންމަތީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 73/O11C/2016 ޤަޟިއްޔާގައި މުޙައްމަދު އިބްރާހީމް އަދި ޝާއިރާ އާ ދެމީހުންގެ ދެމެދަށް ލިބިފައިވާ ފިރިހެން ދަރިފުޅު (ކުއްޖާގެ ނަން) ޙަޟާނަތު އެކުއްޖާގެ ބައްޕަ މުޙައްމަދު އިބްރާހީމްއާއި ޙަވާލުކުރުމަށް އަންގައި އަމުރު ކުރައްވާފައިވަނީ އެކުއްޖާގެ މަސްލަޙަތު އެންމެ ބޮޑަށް ރައްކާތެރިކޮށް ހިމާޔަތް ކުރެވޭނެ ގޮތުގެ މައްޗަށް ބައްލަވައިގެން ކަމުގައިނުވުމުގެ އިތުރަށް އާއިލާއާބެހޭ ޤާނޫނާއި އާއިލާއާބެހޭ ޤަވާޢިދުގައި ޙަޟާނަތުގެ ޙައްޤު ޙަވާލުކުރުމުގައި އިސްކަންދޭންޖެހޭ މީހުންގެ ތަރުތީބާ ފުށުއަރާ ގޮތަށްކަން ޝަރީޢަތަށް ސާބިތުވާތީ، އިސްތިއުނާފުކުރެވިފައި މިވާ ދަށު ކޯޓުގެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ކަމަށް މި ޤަޟިއްޔާ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އެއްބަސްވެވިފައި ވެއެވެ.
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން ހައްދުންމަތީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 73/O11C/2016 ޤަޟިއްޔާގައި މުޙައްމަދު އިބްރާހީމް އަދި ޝާއިރާ އާ ދެމީހުންނަށް ލިބިފައިވާ ފިރިހެން ދަރިފުޅު (ކުއްޖާގެ ނަން)ގެ ޙަޟާނަތު ކުއްޖާގެ ބައްޕަ މުޙައްމަދު އިބްރާހީމްއާއި ޙަވާލުކުރުމަށް ކުރައްވާފައިވާ ޙުކުމް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލްކޮށް، ޢާއިލާއާބެހޭ ޤަވާޢިދުގައި ޙަޟާނަތު ޙައްޤު ޙަވާލުކުރުމުގައި އިސްކަންދޭންޖެހޭ މީހުންގެ ތަރުތީބުގައިވާ ގޮތުގެ މަތިން ކުއްޖާގެ ޙަޟާނާތު ކުއްޖާގެ މަންމަ ފަރާތު މާމަ ޙައްވާ މޫސާއަށް ލިބިގެންވާކަމަށް ކަނޑައަޅައި، މި ކުއްޖާ ބަލާބޮޑުކުރުމުގައި ކުއްޖާގެ މަންމަ އަދި ކުއްޖާގެ ބައްޕަ ދެފަރާތުންވެސް އެންމެ މަތީ ދަރަޖައެއްގެ އިސްކަން ކުއްޖާގެ މަސްލަޙަތަށް ދޭންވާނެކަމާއި، ދަރިފުޅު ބެލުން ކުއްޖާގެ މާމައާއި ޙަވާލުކުރި ނަމަވެސް މުޙައްމަދު އިބްރާހީމް އަދި ޝާއިރާއަށް އެދަރިފުޅު ދުށުމުގެ ޙައްޤާއި ދަރިފުޅާއި އެކު ވަގުތު ހޭދަކުރުމުގެ ހައްޤު ލިބިގެންވާކަމަށް ކަނޑައަޅައި، އެފަދަ ކަންކަމަށް ޙައްވާ މޫސާގެ ފަރާތުން ހުރަސް ނޭޅުމަށާއި، ދަރިފުޅަށް ނޭދެވޭ އަސަރެއްކޮށްފާނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް އަންގާ އެގޮތުގެ މަތިން މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
- ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 40 ވަނަ މާއްދާގެ (ހ) އަދި (ބ)
- ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 42 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ހ)
- ޢާއިލާއާބެހޭ ޤަވާޢިދުގެ 40 ވަނަ މާއްދާ
- ޢާއިލާއާބެހޭ ޤަވާޢިދުގެ 71 ވަނަ މާއްދާގެ (ހ)، (ށ)، (ނ)
- ޢާއިލާއާބެހޭ ޤަވާޢިދުގެ 72 ވަނަ މާއްދާ
- ޢާއިލާއާބެހޭ ޤަވާޢިދުގެ 73 ވަނަ މާއްދާ
- ޢާއިލާއާބެހޭ ޤަވާޢިދުގެ 87 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ)
- ބެންޗު
- ޢަބްދުއްރަޢޫފު އިބްރާހީމް (ރިޔާސަތު)، މުޙައްމަދު ފައިޞަލް، ޢަލީ ސަމީރު
- ރިޔާސަތު
- ޢަބްދުއްރަޢޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް