ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/437
2016/HC-A/437، 2016/HC-A/437
2016/HC-A/437 (2016/HC-A/437, High Court of the Maldives, 21 November 2017)
2016/HC-A/437
މައްސަލައިގެ ޚުލާޞާ
ފެމިލީ ކޯޓުން، މަންމަގެ ކިބައިން ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 41 އަދި 42 ވަނަ މާއްދާގެ ދަށުން ޙަޟާނަތުގެ ޙައްޤު ގެއްލޭފަދަ ކަމެއް ސާބިތުނުވާތީ، ސުކޫލަށް ޙާޟިރުނުވުމަކީ އަޅާނުލުމެއް ނޫންކަމަށް ބަލައި، ޙަޟާނަތު ބައްޕައާ ޙަވާލުކުރެވޭނެ ތަނެއް ނެތްކަމަށް ޙުކުމް ކުރިއެވެ.
ވަރިވެފައިވާ މައިންބަފައިންގެ ކުޑަކުއްޖާ އުފަންވީއްސުރެ ދިރިއުޅެނީ މަންމައާއި މަންމަފަރާތު މާމައާ އެކުގައެވެ. ކުއްޖާއާ ބައްދަލުކުރުމަށް ހުރަސްއަޅާކަމަށާއި، ކުއްޖާ ސުކޫލަށް ޤަވާޢިދުން ނުފޮނުވާކަމަށާއި، މާޙައުލު ކުއްޖާއަށް ނުރަނގަޅުކަމަށް ބުނެ ބައްޕަ ޙަޟާނަތަށް ދަޢުވާކުރިއެވެ.
އިސްތިއުނާފުކުރި ބައްޕަ ބުނީ ތަޢުލީމުގައި އިހުމާލުވުމާ ބެހޭ ނިންމުމަކީ ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 41 ވަނަ މާއްދާއާ ޚިލާފު ކަމަށާއި، ފެމިލީ ކޯޓުގެ އެސެސްމަންޓަށް ރިޢާޔަތް ނުކުރި ކަމަށާއި، ޕްރީސްކޫލުގެ ރިޕޯޓު ޙިއްޞާނުކޮށް ބިނާކުރުމަކީ ޠަބީޢީ ޢަދާލަތާ ޚިލާފު ކަމަށާއި، ހެކިބަހަށް ފުރިހަމައަށް ރިޢާޔަތް ނުކުރި ކަމަށާއި، ވަގުތީ އަމުރު ތަންފީޒު ނުކުރި ކަމަށެވެ.
މައިގަނޑު ސުވާލު
ކުއްޖާގެ ޙަޟާނަތު ބައްޕައާ ޙަވާލުކުރުމަށް އެދި ކުރި ދަޢުވާގައި، މަންމަގެ ކިބައިން ޙަޟާނަތުގެ ޙައްޤު ގެއްލޭފަދަ ކަމެއް (ޢާއިލާއާބެހޭ ޤާނޫނުގެ 42 ވަނަ މާއްދާ) މެދުވެރިވެފައިވޭތޯ، އަދި ކުއްޖާގެ މަޞްލަޙަތަށް ރިޢާޔަތްކޮށް ޙަޟާނަތު ބައްޕައާ ޙަވާލުކުރަންޖެހޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
40(ހ) ގެ ދަށުން ޙަޟާނަތުގައި މަންމައަށް އިސްކަން ލިބޭއިރު، ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 42 ވަނަ މާއްދާގެ ޙާލަތެއް ސާބިތުކުރާ ހެކި ބައްޕަ ހުށަނާޅާ ކަމަށާއި، އެސެސްމަންޓު ރިޕޯޓުތަކުން މަންމަގެ ގާތުގައި ކުއްޖާ ހުރުމަކީ މަޞްލަޙަތަށް އުނިކަމެއް ލިބޭ ކަމެއްކަން ނުފެންނަ ކަމަށާއި، ކުއްޖާ ކުޑައިރުއްސުރެ މަންމައާ އެކު ދިރިއުޅެމުން އަންނަ ކަމަށް ކޯޓުން ބެލިއެވެ. 3 ވަނަ އަދި 5 ވަނަ ނުކުތާއަށް ކޯޓުން ވަކިން ތަޙުލީލެއް ނުކުރެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޢާއިލާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުއްޖެއްގެ ޙަޟާނަތު ހަވާލުކުރުން އެންމެ އިސްވެގެންވަނީ އެކުއްޖެއްގެ މަންމައާ ކަމަށް ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 40 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާއިރު، އެޤާނޫނުގެ 42 ވަނަ މާއްދާގައި ޙަޟާނަތުގެ ޙައްޤު ގެއްލޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ. އެއީ، ޙަޟާނަތު ޙަވާލުކޮށްފައިވާ މަންމަ ކުއްޖާގެ މަޙްރަމަކާ ނޫން ފިރިހެނަކާ ކާވެނިކުރުމާއި، ފާޙިޝް ޢަމަލު ފާޅުގައި ކުރުމާއި، ބައްޕަގެ ނުވަތަ ބަލަދުވެރިޔާގެ ރުހުމަކާނުލައި ދިރިއުޅޭ ރަށް ބަދަލުކުރުމާއި ނުވަތަ ބައްޕައަށް ޒިޔާރަތްކުރުމަށް ލިބިފައިވާ ޙައްޤަށް އުނިކަމެއް ލިބޭ ފަދަ ގޮތަކަށް ދިރިއުޅޭގެ ބަދަލުކުރުމާއި، މުރުތައްދުވުމާއި، ކުއްޖާއާ އަޅާނުލުން ނުވަތަ ކުއްޖާއަށް އަނިޔާވެރިވުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ށ))
- ކުއްޖާގެ މަންމަ ކިބައިން ޙަޟާނަތު ގެއްލޭފަދަ ކަމެއް މެދުވެރިވެފައިވޭތޯ ބަލާއިރު، 42 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުން ކުރެ ކަމެއް ކުއްޖާގެ މަންމަ ކޮށްފައިވާކަން ނުވަތަ މެދުވެރިވެފައިވާކަން ޝަރީޢަތަށް ސާބިތުވާފަދަ ހެކި ހުށަހަޅަންޖެހޭނީ ޙަޟާނަތަށް ދަޢުވާކުރާ ފަރާތުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ށ))
- ޢާއިލާއާބެހޭ ޤަވާޢިދުގެ 71 ވަނަ މާއްދާގައި ކުއްޖާގެ ޙަޟާނަތު ޙަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގައި އިސްކަން ދޭންޖެހޭ ތަރުތީބުގައި، ފުރަތަމަ ފަރާތަކީ ކުއްޖާގެ މަންމަ، ދެވަނަ ފަރާތަކީ ކުއްޖާގެ މާމަ (ކުއްޖާގެ މަންމަގެ މަންމަ)، ތިންވަނަ ފަރާތަކީ ކުއްޖާގެ ބައްޕައެވެ. ކުއްޖާގެ ޙަޟާނަތުގެ ތަރުތީބުން އެންމެ އިސްކަންދެވޭ މީހާއާ ކުއްޖާގެ ޙަޟާނަތު ޙަވާލުކޮށްފިނަމަ ކުއްޖާގެ މަޞްލަޙަތަށް އުނިކަމެއް އަންނާނޭކަމަށް ބެލެވޭ ޤަރީނާތަކެއް ހުރިނަމަ، ކުއްޖާގެ މަޞްލަޙަތަށް ރިޢާޔަތްކޮށް ޙަޟާނަތުގައި އިސްކަންދެވިފައިވާ ތަރުތީބުގެ މަތީން އެހެން ފަރާތަކާ ޙަވާލުކުރެވިދާނެކަމަށް ޢާއިލާއާބެހޭ ޤަވާޢިދުގެ 72 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ނ))
- ޙަޟާނަތުގެ ކޮންމެ މައްސަލައަކީވެސް އެ މައްސަލައެއްގެ ވަށައިގެންވާ އެންމެހާ ކަންތައްތަކަށް ރިޢާޔަތްކުރެވި ކުއްޖާގެ މަޞްލަޙަތަށް އޮތް އެންމެ ހެޔޮގޮތް އިޚްތިޔާރު ކުރަންޖެހޭ މައްސަލައެއްކަން ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 40 ވަނަ މާއްދާގެ (ބ) އިން އެނގެން އޮވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ރ))
- ދަރިންގެ ޙަޟާނަތުގެ ޙައްޤަކީ އެ ދަރިންގެ ޙައްޤަށްޓަކައި އެ ދަރިންގެ މަޞްލަޙަތަށް ރިޢާޔަތްކޮށް އެ ދަރިންގެ މަޞްލަޙަތު އެންމެ ބޮޑަށް ރައްކާތެރިވާ ފަރާތަކާ ޝަރުޢީ އަދި ޤާނޫނީ ގޮތުން ޙަވާލުކުރަންޖެހޭ ޙައްޤެކެވެ. މިހެންކަމުން ޙަޟާނަތުގެ ޙައްޤު ލިބިދިނުމުގައި ރިޢާޔަތްކުރަންޖެހޭނީ އެ ދަރިންގެ މަޞްލަޙަތުގައި އޮތް އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ބަލާ އެގޮތަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ރ))
- ކުއްޖާގެ މަންމަގެ ކިބައިން ޙަޟާނަތު ގެއްލޭފަދަ ކަމެއް މެދުވެރިވެފައިވާކަން ޝަރީޢަތަށް ސާބިތުވެފައިނުވާއިރު، އަދި މަންމައާ ޙަވާލުކުރުމަކީ ކުއްޖާގެ މަޞްލަޙަތަށް އުނިކަމެއް ލިބޭފަދަ ކަމެއްކަން އެސެސްމަންޓު ރިޕޯޓުތަކުން އެނގެން ނެތްއިރު، ކުއްޖާގެ ޙަޟާނަތު ކުއްޖާގެ މަންމައާ ޙަވާލުކުރުމަކީ އެކުއްޖާގެ ޙައްޤުގައި ކުއްޖާގެ މަޞްލަޙަތަށް އެންމެ ރަގަޅުގޮތް ނޫންކަމަށް ބެލެވެން ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ރ))
- ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 40 ވަނަ މާއްދާގެ (ހ) އަދި (ބ)
- ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 42 ވަނަ މާއްދާ
- ޢާއިލާއާބެހޭ ޤަވާޢިދުގެ 71 ވަނަ މާއްދާ
- ޢާއިލާއާބެހޭ ޤަވާޢިދުގެ 72 ވަނަ މާއްދާ
- ހައިކޯޓުގެ ނަންބަރު 2014/HC-A/75
- ބެންޗު
- ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް