ސައިޓޭޝަން ކޮޕީ ކުރުމަށް
[2021] SC 82
ރިފާސް ޙުސައިން ވ. ޙުސައިން ޢަބްދުލްޤާދިރު، [2021] SC 82 (2019/SC-A/99)
Rifaas Hussain v. Hussain Abdhulqaadhiru [2021] SC 82 (2019/SC-A/99, Supreme Court of the Maldives, 1 September 2021)
ރިފާސް ޙުސައިން ވ. ޙުސައިން ޢަބްދުލްޤާދިރު
މައްސަލައިގެ ޚުލާޞާ
ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 46/P3C/2018 ޤަޟިއްޔާއިން އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއް ކަމަށް ކަނޑައަޅައި، ދޯނި ރިފާސް ޙުސައިންއާ ޙަވާލުކުރުމަށް އަންގައެވެ. ޙުސައިން ޢަބްދުލްޤާދިރު އިސްތިއުނާފުކުރުމުން، ހައިކޯޓުގެ ދެކުނު ގޮފީގެ ނަންބަރު 2018/HC-S-A/14 ޤަޟިއްޔާއިން، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގެ ދަށުން އެއްބަސްވުން ވެފައިވަނީ ނުރަނގަޅު ނުފޫޒުން ކަމަށް ކަނޑައަޅައި ދަށު ކޯޓުގެ ޙުކުމް ބާޠިލުކުރިއެވެ. އެ ޙުކުމް ރިފާސް ޙުސައިން ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމުން މި މައްސަލަ ސުޕްރީމް ކޯޓަށް އައެވެ.
ޙުސައިން ޢަބްދުލްޤާދިރުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކޯމަސް މަސްދޯނި 4,400,000.00ރ. އަށް އޭނާގެ ދަރިފުޅު ރިފާސް ޙުސައިންއަށް ވިއްކުމަށް 23 ޑިސެންބަރު 2014 ގައި އެއްބަސްވުމެއްގައި ސޮއިކުރިއެވެ. އެ ދުވަސްވަރު ޙުސައިން ޢަބްދުލްޤާދިރު ހުރީ ސްޓްރޯކެއް ޖެހި ފަރުވާ ހޯދަމުން، ރިފާސް ޙުސައިންގެ ބެލުމުގެ ދަށުގައި މާލޭގައި ދިރިއުޅެމުންނެވެ. އެއްބަސްވުން ޞައްޙަކަމަށް ކަނޑައަޅައި ދޯނި ޙަވާލުކުރުމަށް އަމުރުކޮށްދިނުމަށް އެދި ރިފާސް ޙުސައިން ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
ރިފާސް ޙުސައިން ބުނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގައިވާ ނުރަނގަޅު ނުފޫޒު ސާބިތުކުރަންޖެހޭނީ އެހެން ބުނާ ފަރާތުން ކަމާއި، އެފަދަ ކަމެއް ހިނގާފައި ނުވާކަމާއި، ބައްޕަގެ ހެކިވެރިޔާ ސޮއިކުރަން އައީވެސް ބައްޕަ ގުޅުމުން ކަމަށެވެ. ޙުސައިން ޢަބްދުލްޤާދިރު ބުނީ އޭނާއަކީ ބަލިމީހެއް ކަމާއި، އެއްބަސްވުން ވެވުނީ ރިފާސް ޙުސައިންގެ ބެލުމުގެ ދަށުގައި ހުއްޓާ، ނުރަނގަޅު ނުފޫޒާއި ބިރުދައްކައިގެން ކަމަށެވެ.
މައިގަނޑު ސުވާލު
ބައްޕައާއި ދަރިފުޅާ ދެމެދު ވެވުނު ކޯމަސް ދޯނި ވިއްކުމާގުޅޭ އެއްބަސްވުން ވެވުނީ ބައްޕަގެ ރުހުން އޮވެގެންތޯ، ނުވަތަ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގައި ބުނާ ނުރަނގަޅު ނުފޫޒެއް ފޯރުވައިގެންތޯ.
ނިންމި ގޮތް
ހައިކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)
ކޮންޓްރެކްޓެއް ވުޖޫދުވާނީ ބައިވެރިންގެ ރުހުން އޮވެގެން ކަމާއި، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ނުރަނގަޅު ނުފޫޒު ސީދާ ގޮތުން އޮންނަ ޙާލަތާއި އިފްތިރާޟުކުރެވޭ ޙާލަތް ވަކިކުރެވޭކަމާއި، ބައްޕައާއި ދަރިފުޅު ފަދަ ގުޅުމެއްގައި ނުފޫޒު ފޯރުވިދާނެ މަޤާމެއްގައި ހުރި ފަރާތަށް ނުފޫޒު ނުފޯރުވާކަން ސާބިތުކުރުމުގެ ބުރަ ފުރޮޅޭކަން ސުޕްރީމް ކޯޓުން ކަނޑައެޅިއެވެ. ބަލިހާލުގައި ދިރިއުޅުން ރިފާސް ޙުސައިންގެ މައްޗަށް ބަރޯސާވެފައިވާ ބައްޕަގެ މައްޗަށް ނުފޫޒު ނުފޯރުވާކަން ރިފާސް ޙުސައިންއަށް ސާބިތުކޮށްނުދެވުނީތީއާއި، ދޯނީގެ އަގު ބައްޕައަށް ލިބިފައި ނުވާތީ، ހައިކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ބަލައި، ހައިކޯޓުގެ ޙުކުމް އިއްތިފާޤުން ދެމެހެއްޓިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކޮންޓްރެކްޓެއް ވުޖޫދުވާނީ އެ އެއްބަސްވުމަށް ދެފަރާތުން ވާސިލުވެފައިވާ ކަންކަމަށް އެ އެއްބަސްވުމުގެ ބައިވެރިންގެ މެދުގައި ރުހުން އޮވެގެންނެވެ. ރުހުން އޮތްކަން ނުވަތަ ނޫންކަން ބިނާވާނީ އެއްވެސް ބާވަތެއްގެ މަޖުބޫރުކަމެއް ނެތި، އަމިއްލަ އިޚްތިޔާރުގައި އެއްބަސްވުމަކަށް ވާސިލުވީކަން ސާބިތު ކުރެވިގެންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16، 31)
- މުޢާމަލާތެއްގައި ނުރަނގަޅު ނުފޫޒެއް އޮތްތޯ ބެލުމަށްޓަކައި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާ ތަޠުބީޤުކުރުމަށްޓަކައި އަންނަނިވި ދެ ކަންތައް ފުރިހަމަވާންވާނޭ ކަމަށް އެ މާއްދާ ބެލުމުން ދޭހަވެއެވެ. (ހ) މީހެއްގެ މައްޗަށް ނުފޫޒެއް ހިންގޭފަދަ މަޤާމެއްގައި ނުވަތަ ގުޅުމެއްގެ މަތީގައި ހުރެ އެއްބަސްވުމެއް ވެފައި އޮތްކަން ސާބިތުވުން؛ އަދި (ށ) އެ މަޤާމު ނުވަތަ އެ ގުޅުން ނާޖާއިޒު ގޮތުގައި ބޭނުންހިފައިވާކަން ސާބިތުވުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18، 23، 31)
- ނުރަނގަޅު ނުފޫޒު އަކީ މީހަކު ހުރި މަގާމެއްގެ ސަބަބުން ނުވަތަ ދެފަރާތެއްގެ ދެމެދުގައި އުފެދިފައިވާ އިތުބާރެއް ނަހަމަގޮތުގައި ހިފާ، އަނެކާގެ މައްޗަށް ނުފޫޒު ފޯރުވައި އެ ފަރާތުގެ ރުހުމެއްނެތި ކަންކަން ކުރުމެވެ. އަމިއްލަ އިޚްތިޔާރެއް ނެތި މިގޮތަށް ވެވޭ އެއްބަސްވުމަކީ ބާޠިލް އެއްބަސްވުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19، 31)
- ނުރަނގަޅު ގޮތަކަށް ވެވޭ ނުފޫޒު ދެ ގޮތަކަށް ބަހާލެވެއެވެ. ފުރަތަމަ ގޮތަކީ، ސީދާ ގޮތުން ނުފޫޒު އޮންނަ ޙާލަތާއި، އަނެއް ގޮތަކީ ނުފޫޒެއް ފޯރުވައި ކޮންޓްރެކްޓަކަށް ވާސިލުވެފައި ވާކަން އިފްތިރާޟު ކުރެވޭ ޙާލަތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20، 31)
- ސީދާ ގޮތުން ނުފޫޒު އޮންނަ ޙާލަތުގައި، ކޮންޓްރެކްޓެއްގެ ބައިވެރިޔަކު އަނެއް ބައިވެރިޔާއަށް ފޯރުވި ނުފޫޒެއްގެ ސަބަބުން ނުވަތަ ކުރި ކަމެއްގެ ސަބަބުން ކޮންޓްރެކްޓުގައި ސޮއިކުރިކަން ދޭހަވާން ވާނެއެވެ. މި ހާލަތުގައި ސާބިތުކުރުމުގެ ބުރަ މަތިކުރެވިފައި ވަނީ ނުފޫޒު ފޯރުވިކަމަށް ބުނާ ފަރާތުގެ މައްޗަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20، 24، 31)
- ކޮންޓްރެކްޓެއް ވެވޭއިރު ނުފޫޒެއް ފޯރުވޭނެ މަގާމެއްގައި ހުރެ ކޮންޓްރެކްޓެއް މީހަކާއެކު ވެފައިވާނަމަ، ނުރަނގަޅު ނުފޫޒު ފޯރުވާފައިވާކަމުގެ އިފްތިރާޟު ކުރެވެއެވެ. ނުރަނގަޅު ނުފޫޒު ފޯރުވާފައިވާކަމުގެ އިފްތިރާޟު ކުރެވޭ ހާލަތުގައި، ހަމަ އެކަނި އެއޮތް ގުޅުމުގެ މައްޗަށް ބިނާކޮށް އެ ކޮންޓްރެކްޓު ފެންނަން އޮންނާނީ، އެހެން ގޮތަކަށް ސާބިތު ނުވާހާ ހިނދަކު، ނުރަނގަޅު ނުފޫޒު ފޯރުވައި ވެފައިވާ ކޮންޓްރެކެއްޓެއްގެ ގޮތުގައި ކަމަށްވާތީވެ، ނުރަނގަޅު ނުފޫޒު ފޯރުވާފައި ނުވާކަން ސާބިތު ކުރުމުގެ ބުރަ އެފަދަ ނުފޫޒެއް ފޯރުވިދާނެ މަގާމެއްގައި ހުރި ފަރާތަށް މަތިކުރެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20، 24، 31)
- ނުރަނގަޅު ނުފޫޒު އޮތްކަމަށް އިފްތިރާޟު ކުރެވޭ ޙާލަތް ބިނާވަނީ އެއްބަސްވުމުގެ ބައިވެރިންގެ މެދުގައި އޮންނަ ގުޅުމުގެ މައްޗަށެވެ. މިސާލަކަށް ބައްޕައާއި ދަރިފުޅު ނުވަތަ ޑޮކްޓަރަކާއި ބަލިމީހުން ފަދަ މީހުންނެވެ. ސީދާގޮތުން ނުފޫޒު އޮންނަ ކަމަށް ބެލެވެނީ، އާންމު ގޮތެއްގައި ދެ ފަރާތެއްގެ ދެމެދުގައި ނުވަތަ ދެ ބީރައްޓެހިންގެ ދެމެދުގައި ވެވޭ ކޮންޓްރެކްޓެއްގައި ނުރަނގަޅު ނުފޫޒެއް އޮތްކަމަށް އުފަންވާ ޙާލަތުގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21، 31)
- ކޮންޓްރެކްޓެއް ވެވޭހިނދު، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގައި ބުނާފަދަ ނުރަނގަޅު ނުފޫޒެއް ފޯރުވިދާނެ މަޤާމެއްތޯ ނުވަތަ ގުޅުމެއްތޯ ދެނެގަތުމަށްޓަކައި ރިޢާޔަތްކުރެވިދާނެ ބައެއް ކަންކަމުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ. (ހ) ފުރަތަމަ ކަމަކީ، ތިމާގެ ކަމުގެ ސަބަބުން ނުވަތަ އެ ނޫން ގޮތަކުންވެސް މީހަކު އެހެން މީހެއްގެ މައްޗަށް ވަކި ބާރެއް ލިބިފައިވޭތޯ ބެލުން. (ށ) ދެވަނަ ކަމަކީ، އެމީހާ އާއި އަނެކާއާ ދެމެދު ބަދެވިފައިވާ ގުޅުމަކީ އިތުބާރުގެ މައްޗަށް އޮތް ގުޅުމެއްތޯ ބެލުން. (ނ) ތިންވަނަ ކަމަކީ، އެމީހަކީ އުމުރުގެ ގޮތުންނާއި، ޖިސްމާނީ ނުވަތަ ނަފްސާނީ ގޮތުން އަނެކާގެ މައްޗަށް ދިރިއުޅުން ބަރޯސާވެފައިވާ މީހެއްތޯ ބެލުން. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22، 31)
- ނޫފޫޒެއް ނެތި ކޮންޓްރެކްޓެއް ވެފައިވާކަން ސާބިތުކޮށް ދިނުމުގެ އެހީއެއްގެ ގޮތުގައި ބޭނުން ހިފިދާނެ ކަންކަމުގެ ތެރޭގައި ނޫފޫޒެއް ފޯރުވިދާނެ މަގާމުގައި ހުރި ފަރާތް މިނިވަން ފަރާތެއްގެ ޤާނޫނީ ލަފާ ހޯދުން ހިމެނެއެވެ. މީގެ އިތުރުން މިނިވަންކަމާއެކު ކޮންޓްރެކްޓެއް ވެފައިވާކަން އެނގޭނެ މަޙައްލެއްގައި، ނުވަތަ ފަންނީ މާހިރުންގެ ހާޟިރުގައި ނުވަތަ މި ނޫންވެސް ގަބޫލުކުރެވޭނެ ހެކިތަކެއް ހުށަހަޅައި މަދަނީ މިންގަނޑުން ސާބިތުކޮށް ދެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 25، 31)
- ނުރަނގަޅު ނުފޫޒެއް ފޯރުވައިގެން ވެފައިވާ ކޮންޓްރެކްޓެއް ބާޠިލުކުރުމުގެ އިޚްތިޔާރު އެ ނުފޫޒެއް އޮތް ބައިވެރިޔާއަށް އޮންނާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26، 31)
- ކޮންޓްރެކްޓަކަށް ޢަމަލުކުރަން ފެށުމަށްފަހު، އެ ކޮންޓްރެކްޓު ބާޠިލުކުރަން އޭނާ ބޭނުންވި ކަމުގައިވިޔަސް އެ ސަބަބަށްޓަކައި ކޮންޓްރެކްޓު ބާޠިލުކުރުމުގެ އިޚްތިޔާރު އޭނާއަށް ގެއްލިގެން ދާނެއެވެ. މި ޙާލަތުގައި ބަލަނީ ކޮންޓްރެކްޓުގެ ބައިވެރިޔަކަށް ނުފޫޒެއް އޮވެމެ ކޮންޓްރެކްޓެއްގައި ބައިވެރިވި ކަމުގައިވިޔަސް އެކަން އޭނާ ބަލައިގަނެ ގަބޫލުކޮށްގެން ކޮންޓްރެކްޓާއިގެން ކުރިޔަށް ދާން އޭނާ ނިންމާފައި އޮތް ކަމަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26، 31)
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ޝަރީޢަތް ނިމުނުގޮތް
ރިފާސް ޙުސައިން ވ. ޙުސައިން ޢަބްދުލްޤާދިރު
ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންނިމުނު ތާރީޚު
01 ސެޕްޓެންބަރު 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
އިސްތިއުނާފު ރައްދުވާ ފަރާތް
އިސްތިއުނާފުކުރާ ފަރާތް
ޙުސައިން ޢަބްދުލްޤާދިރު
ރިފާސް ޙުސައިން
ބަދަލުގައި: ޔަޒީދު އަޙްމަދު
ވަކީލު: ޢަބްދުﷲ ޙަސީން، އެޑްވޮކޭޓަސް އޮފީސް
މަދަނީ – އެއްބަސްވުމާއި ޚިލާފުވުން – ނުރަނގަޅު ނުފޫޒު (Undue Influence) – ނުރަނގަޅު ނުފޫޒު ފޯރުވޭފަދަ ގުޅުންތައް – ނުރަނގަޅު ނުފޫޒު ސާބިތުކުރުން – ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާ
ރިފާސް ޙުސައިން ވ. ޙުސައިން ޢަބްދުލްޤާދިރު
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)
1މިއީ ދިވެހިރާއްޖޭގެ ހައިކޯޓު ދެކުނު ގޮފީގެ ނަންބަރު 2018/HC-S-A/14 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ގއ. މާމެންދޫ، ހަވިރީނާޒް، ރިފާސް ޙުސައިން (މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" މިހެން އިޝާރާތް ކޮށްފައިވާ) ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2019/SC-A/99 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ޙުސައިން ޢަބްދުލްޤާދިރު (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" މިހެން އިޝާރާތް ކޮށްފައިވާ) ގެ މައްޗަށެވެ.
2ޙުސައިން ޢަބްދުލްޤާދިރުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ނަންބަރު P05826A-0103-P ކޯމަސް މަސްދޯނި ("ކޯމަސް ދޯނި") އޭނާގެ ދަރިފުޅު ރިފާސް ޙުސައިންއަށް 4,400,000.00ރ. (ހަތަރު މިލިޔަން ހަތަރު ލައްކަ ރުފިޔާ) އަށް ވިއްކުމަށްޓަކައި 2014 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ23 ވަނަ ދުވަހުގައި އެއްބަސްވުމެއްގައި ("ކޯމަސް ދޯނި ވިއްކުމާ ގުޅޭ އެއްބަސްވުން") ސޮއިކުރިއެވެ.
3ރިފާސް ޙުސައިންއަށް ކޯމަސް ދޯނި ވިއްކާފައި ވަނިކޮށް އޭނާގެ ބައްޕަ ޙުސައިން ޢަބްދުލްޤާދިރު އެ އުޅަނދު އަނބުރާ ގެންގޮސްފައިވާ ކަމަށް ބުނެ، ޙައްޤު ހޯދުމުގެ މައްސަލައެއް 2015 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 10 ވަނަ ދުވަހު ހުވަދު އަތޮޅު އުތުރުބުރީ މާމެންދޫ މެޖިސްޓްރޭޓް ކޯޓަށް ރިފާސް ޙުސައިން ހުށަހެޅިއެވެ. މި މައްސަލަ މާމެންދޫ ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބަލައި ޙުކުމްކޮށްފައި ވަނީ އެ ކޯޓުގެ ނަންބަރު 88/P3C/2015 ޤަޟިއްޔާ އިންނެވެ. އެ ޙުކުމުގައި ބުނެފައިވަނީ ކޯމަސް ދޯނި ވިއްކުމާގުޅޭ އެއްބަސްވުން ޞައްޙަ ނޫންކަމަށް އެއްވެސް ކޯޓަކުން ނިންމާފައި ނުވާތީ އެ ދޯންޏަކީ ރިފާސް ޙުސައިންއަށް ވިއްކާފައިވާ ދޯންޏެއް ކަން އެނގެން އޮންނާތީވެ، އެ ދޯނި ރިފާސް ޙުސައިންއަށް ރައްދުކުރުމަށް 2016 ވަނަ އަހަރުގެ މާރިޗު މަހުގެ 15 ވަނަ ދުވަހު އަންގައެވެ. ޙުސައިން ޢަބްދުލްޤާދިރު މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި 2016 ވަނަ އަހަރުގެ އެޕްރީލް މަހުގެ 12 ވަނަ ދުވަހު އިސްތިއުނާފު ކުރިއެވެ. މި މައްސަލަ އެ ކޯޓުން ބަލައި ޙުކުމްކޮށްފައި ވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެކުނު ގޮފީގެ ނަންބަރު 2016/HC-S-A/40 ޤަޟިއްޔާ އިންނެވެ. މި މައްސަލަ ނިންމާފައި ވަނީ ހުވަދު އަތޮޅު އުތުރުބުރީ މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 88/P3C/2015 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށެވެ. ނަމަވެސް މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކޮށްފައި ނުވެއެވެ.
4އޭގެފަހުން 2018 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު އެއްބަސްވުން ޞައްޙަކަމަށް ކަނޑައަޅައި ދިނުމަށް އެދި ހުވަދު އަތޮޅު މާމެންދޫ މެޖިސްޓްރޭޓް ކޯޓަށް ރިފާސް ޙުސައިން އިތުރު މައްސަލައެއް ހުށަހެޅިއެވެ. އެ މައްސަލަ އެ ކޯޓުން ބަލައި ޙުކުމްކޮށްފައި ވަނީ އެ ކޯޓުގެ ނަންބަރު 46/P3C/2018 ޤަޟިއްޔާއިންނެވެ. އެ މައްސަލަ ނިމިފައިވަނީ ރިފާސް ޙުސައިން އާ އެއްކޮޅަށެވެ. އެ ކޯޓުގެ މި ނިންމުން ޙުސައިން ޢަބްދުލްޤާދިރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ޙުކުމް ކޮށްފައިވަނީ އެ ކޯޓުގެ ނަންބަރު 2018/HC-S-A/14 ޤަޟިއްޔާއިން ރިފާސް ޙުސައިން އާ ދެކޮޅަށެވެ. މިއީ، ރިފާސް ޙުސައިންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އެ މައްސަލަ އިސްތިއުނާފު ކުރުމުން ބެލުނު މައްސަލައިގެ ނިޔާއެވެ.
5ރިފާސް ޙުސައިން އޭނާގެ ބައްޕަ ޙުސައިން ޢަބްދުލްޤާދިރުގެ މައްޗަށް ކޯމަސް ދޯނި ވިއްކުމާގުޅޭ އެއްބަސްވުން ޞައްޙަކަމަށް ކަނޑައެޅުމުގެ މައްސަލައެއް ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިއެވެ. އެ މައްސަލަ އެ ކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 46/P3C/2018 ޤަޟިއްޔާ އިންނެވެ.
6މި މައްސަލައިގައި، ރިފާސް ޙުސައިން ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގައި އެދުނީ، ކޯމަސް ދޯނި ވިއްކުމާގުޅޭ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއް ކަމަށް ކަނޑައަޅައިދިނުމާއެކު އެ ދޯނި ރިފާސް ޙުސައިން އާ ޙަވާލުކުރުމަށް ޙުސައިން ޢަބްދުލްޤާދިރުގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ.
7އެ ކޯޓުން މި މައްސަލައިގައި ކޮށްފައިވާ ޙުކުމުގައި ބުނެފައިވަނީ، ކޯމަސް ދޯނި ވިއްކުމާގުޅޭ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއް ކަމަށާއި، ކޯމަސް ދޯނި މަހަށް ފުރުމަށް ބޭނުންވާ އެންމެހައި ތަކެއްޗާއެކު 24 ގަޑިއިރުގެ ތެރޭގައި ރިފާސް ޙުސައިން އާ ޙަވާލުކުރުމަށް ޙުސައިން ޢަބްދުލްޤާދިރަށް އަންގައެވެ.
8މިގޮތަށް އެ ކޯޓުން ޙުކުމް ކުރުމުގައި ރިޢާޔަތްކޮށްފައިވާ ކަންކަމުގެ ތެރޭގައި ކޯމަސް ދޯނި ވިއްކުމާގުޅޭ އެއްބަސްވުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކުގެ މަތިންވެފައިވާ އެއްބަސްވުމެއް ކަމާއި، އެ އެއްބަސްވުން ވެފައިވަނީ ގއ. މާމެންދޫ، ނޯރައިޓްވިލާ، އަސްޢަދު ޢަބްދުލްކަރީމް އާއި، ގއ. މާމެންދޫ، ބިލަތްމާގެ، ޝިވާޛު ރަޝީދާއި ދެމީހުންގެ ހާޟިރުގައި ކަމާއި، އެ ދެމީހުންގެ ބަހުން، ޙުސައިން ޢަބްދުލްޤާދިރު ކޯމަސް ދޯނި ވިއްކުމަށް އެއްބަސްވެފައިވަނީ އަމިއްލަ ރުހުމުގައިކަން އެނގޭ ކަމާއި، ކޯމަސް ދޯނި ވިއްކުމާގުޅޭ އެއްބަސްވުމުގައި ޙުސައިން ޢަބްދުލްޤާދިރު ސޮއިކުރީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 12 ވަނަ މާއްދާ އާއި 13 ވަނަ މާއްދާ އާއި 14 ވަނަ މާއްދާ އާއި އަދި 15 ވަނަ މާއްދާގައި ބުނާ ފަދަ މަޖުބޫރުކަމެއް އޮވެގެންކަން ސާބިތުނުވާ ކަމާއި، ކޯމަސް ދޯނި ވިއްކުމާގުޅޭ އެއްބަސްވުމުގައި ސޮއިކުރި ދުވަސްވަރު ޙުސައިން ޢަބްދުލްޤާދިރު ރާއްޖެއާއި ރާއްޖެއިން ބޭރުން ބޭސްކޮށްފައިވީ ކަމުގައި ވިޔަސް ކޯމަސް ދޯނި ވިއްކުމާގުޅޭ އެއްބަސްވުން ނަފީކުރެވޭ ފަދަ ބުރަދަނެއް އެކަން ކަމުގައި ހުރިކަމެއް ނޫންކަން އެނގޭ ކަމަށެވެ.
9މި މައްސަލަ ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުން ނިންމުމާ ވިދިގެން ޙުސައިން ޢަބްދުލްޤާދިރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރިއެވެ.
10މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި ޙުސައިން ޢަބްދުލްޤާދިރުގެ ފަރާތުން މައިގަނޑު 04 (ހަތަރު) ނުކުތާއެއް ހުށަހެޅިއެވެ. އެއީ:
(ހ) ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 46/P3C/2018 ޤަޟިއްޔާގައި ފައިސަލާކޮށް ޙުކުމެއް ކޮށްފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓު ދެކުނު ގޮފީގެ ނަންބަރު 2016/HC-S-A/40 ޤަޟިއްޔާ އިން ފައިސަލާކޮށް ނިޔާ ކަނޑައަޅާފައިވާ ވާޤިޢާތަކެއްގެ މައްޗަށް ކަމުން ދިވެހިރާއްޖޭގެ ހައިކޯޓުން ވަކިގޮތެއް ނިންމާފައިވާ މައްސަލައެއްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ބަދަލުގައި، މި މައްސަލަ ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިގެން އެ ކޯޓުން ގޮތެއް ނިންމުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާއި ރެސްޖުޑިކާޓާގެ އުސޫލާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ށ) ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގައި ބުނާ ނުރަނގަޅު ނުފޫޒެއް ފޯރުވައިގެން ވެފައިވާ އެއްބަސްވުމެއްކަން މަދަނީ މިންގަނޑުން ސާބިތުކުރެވޭ ވަރަށް ހެކި ފެންނަން އޮވެމެ، އެއްވެސް ސަބަބެއް ބަޔާންކުރުމެއްނެތި، އެއްބަސްވުމަކީ ނުރަނގަޅު ނުފޫޒެއްނެތި ވެފައިވާ އެއްބަސްވުމެއްކަން ބަޔާންކޮށްފައިވަނީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) މިއީ ބައްޕަ އަކާއި ދަރިއެއްގެ ދެމެދުގައި ހިނގާ މުޢާމަލާތެއް ވީމާ ސުލްޙަވެރި ކަމާއިއެކު ވާހަކަ ދައްކައިގެން ޙައްލުކުރުމުގެ ފުރުސަތަކަށް އެދިފައިވީނަމަވެސް، އެ ފުރުސަތު ދީފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ރ) ދަށު ކޯޓުގެ ޙުކުމުގައި، ދޯނި މަހަށް ދެވޭގޮތަށް ދޯނީގައި ހުރި ތަކެއްޗާއެކު ޙަވާލުކުރުމަށް ޙުކުމްކުރި އިރު ދޯނީގައި ހުރި ތަކެއްޗާއި ބެހޭގޮތުން ޝަރީޢަތުން އެއްވެސް އަޑުއެހުމެއްގައި ވާހަކަ ދެކެވިފައި ނެތުމާއި، މި ދޯނީގައި އެކި ފަރާތްތަކުންނާއި، ޙުސައިން ޢަބްދުލްޤާދިރު ހޯދާފައިވާ ތަކެއްޗާއި، އަދި އޭނާގެ އަމިއްލަ ތިން ލައްކަ ރުފިޔާގެ ތަކެތިވެސް ވަނިކޮށް އެ އެންމެހައި ތަކެއްޗާއެކު ދޯނި ޙަވާލުކުރުމަށް ޙުކުމުގައި ބަޔާންކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ.
11ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމާފައިވަނީ ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 46/P3C/2018 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށެވެ. މިގޮތަށް ޙުކުމްކުރުމުގައި އަންނަނިވި ކަންކަމަށް އެ ކޯޓުން ރިޢާޔަތްކޮށްފައި ވެއެވެ.
1. ކޯމަސް ދޯނި ވިއްކުމާގުޅޭ އެއްބަސްވުމާ ގުޅިގެން ރިފާސް ޙުސައިންގެ މަދަނީ ޙައްޤު ހޯދުމުގެ މައްސަލައެއް ހުވަދު އަތޮޅު މާމެންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ނަންބަރު
88/P3C/2015 ޤަޟިއްޔާއިން ބަލައި، އެ އެއްބަސްވުން ބާޠިލުކަމަށް އެއްވެސް ކޯޓަކުން ކަނޑައަޅާފައި ނުވާތީވެ، ކޯމަސް ދޯނި ރައްދުކުރުމަށް ޙުކުމްކޮށްފައި ވާކަން އެނގޭ ކަމާއި، އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުގެ ނަންބަރު 2016/HC-S-A/40 ޤަޟިއްޔާއިން އެ ޙުކުމް ބާޠިލުކޮށްފައިވާކަން.
2. ކޯމަސް ދޯނީގެ ރަޖިސްޓްރީ އޮންނަނީ ޙުސައިން ޢަބްދުލްޤާދިރުގެ ނަމުގައި ކަމާއި، އޭނާ ދިރިއުޅެމުންދަނީ ގއ. މާމެންދޫގައި ކަމާއި އެ ދޯނި ދުއްވަނީވެސް އެ ރަށުގައި ކަމާއި، ދޯނި މަރާމާތު ކުރުމަށްޓަކައި އެހެން ފަރާތަކާ ޙަވާލުކޮށްފައި ވަނިކޮށް، 2013 ވަނަ އަހަރުގައި ޙުސައިން ޢަބްދުލްޤާދިރަށް ސްޓްރޯކެއްޖެހި އެ ކަމަށް ފަރުވާ ހޯދުމަށްޓަކައި ރިފާސް ޙުސައިންގެ ބެލުމުގެ ދަށުން ރާއްޖެ އާއި ރާއްޖެއިން ބޭރުން ފަރުވާ ހޯދާފައިވާ ކަމާއި، އެ އަށްފަހު ޙުސައިން ޢަބްދުލްޤާދިރު ދިރިއުޅެމުން ދިޔައީ ރިފާސް ޙުސައިން އާ އެކު މާލޭގައި ކަމާއި، މި ދުވަސްވަރު ޙުސައިން ޢަބްދުލްޤާދިރު ކޯމަސް ދޯނި ވިއްކުމާގުޅޭ އެއްބަސްވުމުގައި ސޮއިކުރީ އޭނާގެ އަމިއްލަ އިޚްތިޔާރުގައި ނޫންކަމަށް ބުނެފައިވާކަން.
3. ދަށު ކޯޓާއި އަދި ފަހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ވެސް ޙުސައިން ޢަބްދުލްޤާދިރު ކޯމަސް ދޯނި ވިއްކުމަށް އެއްބަސްވީ ރިފާސް ޙުސައިން ނުރަނގަޅު ނުފޫޒު ފޯރުވައިގެން ކަމަށް ބުނެފައިވާ ކަމާއި، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގައި، ނުރަނގަޅު ނުފޫޒެއް ފޯރުވާފައި ވާކަން ބެލެވޭނެ ތަފާތު ޙާލަތްތައް ހުރެދާނެ ކަމާއި މިގޮތުން އެއްބަސްވުމެއް ވެވޭ ދެފަރާތުގެ ދެމެދުގައި ޚާއްޞަ ގުޅެމެއް އޮތުމަކީ މީގެ ތެރެއިން އެއް ޙާލަތުކަމާއި، މިފަދަ ޚާއްޞަ ގުޅުމެއް އޮންނަ ދެމީހެއްގެ ދެމެދުގައި، އެކަކަށް މަންފާއެއް ލިބޭގޮތަށް އެއްބަސްވެވޭނަމަ، ނުރަނގަޅު ނުފޫޒެއް އޮތުމުގެ ފުރުސަތު އޮތްކަމަށް ބަލަންޖެހޭ ކަމާއި، އެގޮތުން މިފަދަ ކޮންމެ މައްސަލައެއްގައި ބަލަންޖެހޭނީ އެ މައްސަލައެއްގެ ވަށައިގެންވާ ޙަޤީގަތްތަކުގެ މައްޗަށް ކަމާއި، ނުރަނގަޅު ނުފޫޒު ފޯރުވޭ ފަދަ މަޤާމެއްގައި ހުރި މީހާއަށް އެކަން ނަފީކުރެވޭ ފަދަ ޙެއްކެއް ހުށަނޭޅިއްޖެނަމަ ބަލަންޖެހޭނީ މުޢާމަލާތުކޮށްފައި ވަނީ ނުރަނގަޅު ނުފޫޒެއް ފޯރުވައިގެން ކަން.
4. ރިފާސް ޙުސައިން އާއި ޙުސައިން ޢަބްދުލްޤާދިރަކީ ދެބަފައިން ކަމާއި، ކޯމަސް ދޯނި ވިއްކުމާގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ، ޙުސައިން ޢަބްދުލްޤާދިރު ހިތުގެ ބަލިޖެހި، ސްޓްރޯކެއް ޖެހުމުގެ ސަބަބުން ފަރުވާ ހޯދަމުން ދަނިކޮށް ކަމާއި، އޭނާގެ ބޭސްފަރުވާގެ ކަންކަން ބެލެހެއްޓުމާއެކު، ޙުސައިން ޢަބްދުލްޤާދިރު ދިރިއުޅެމުން ދިޔައީ ރިފާސް ޙުސައިން އާއެކު ކަމާއި، މުޢާމަލާތަކީ ގަނެ ވިއްކުމުގެ މުޢާމަލާތެއް ކަމާއި، ކޯމަސް ދޯނީގެ އަގަކީ 4,400,000.00ރ. (ހަތަރު މިލިޔަން ހަތަރު ލައްކަ ރުފިޔާ) ކަމާއި، ކޯމަސް ދޯނި ވިއްކުމާގުޅޭ އެއްބަސްވުމުގެ 6 ވަނަ މާއްދާގައި ދޯނި ނުދުއްވޭ ޙާލަތެއްގައި އެހެލާފައި ވަނިކޮށް ދޯނި ދުއްވޭނެ ޙާލަތަށް ގެނައުމަށްޓަކައި މަރާމާތުކޮށް ދޯނީގެ ގެ ގަނޑު ހެދުމަށް ރިފާސް ޙުސައިން ޚަރަދުކޮށްފައިވާ ކަމަށް ބަޔާންކޮށްފައިވާ ކަމާއި، ބާކީ 900,00.000ރ. (ނުވަލައްކަ ރުފިޔާ) އަކީ ކޯމަސް ދޯނި ރަހުނުކޮށް ބޭންކް އޮފް މޯލްޑިވްސް ޕލކ އިން ނަގާފައިވާ ލޯނެއްކަން އެނގޭ ކަމާއި، މި ލޯނަކީ މަހުން މަހަށް ދައްކަންޖެހޭ ލޯނެއް ކަމަށް ބަޔާންކޮށްފައި ވާހިނދު، އަދި އެ ލޯނަކީ ދޯނި މަރާމާތުކުރުމަށް ނަގާފައި އޮންނަ ލޯނެއް ކަމަށް އެނގެން އޮންނަ ހިނދު، މި މުޢާމަލާތާ ގުޅިގެން ޙުސައިން ޢަބްދުލްޤާދިރަށް މާލީ މަންފާއެއް ލިބިފައި ނުވާކަން ފެންނަން އޮންނަކަން.
5. އެއްބަސްވުމަކީ ނުރަނގަޅު ނުފޫޒުން ވެފައިވާ އެއްބަސްވުމެއް ކަން ސާބިތުވާ ކަމާއި، މި މުޢާމަލާތާ ގުޅިގެން ރިފާސް ޙުސައިން އެއްވެސް ޚަރަދެއް ބޭނުންވާނަމަ، އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ކުރިޔަށް ގެންދެވިދާނެކަން.
12ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ އެގޮތަށް ނިންމުމާ ވިދިގެން ރިފާސް ޙުސައިންގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.
13ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި ރިފާސް ޙުސައިން ހުށަހަޅާފައިވާ މައިގަނޑު ސަބަބު ބިނާކޮށްފައި ވަނީ ދިވެހިރާއްޖޭގެ ހައިކޯޓުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާއާ ޙަވާލާދީ، ކޯމަސް ދޯނި ވިއްކުމާގުޅޭ އެއްބަސްވުން ބާޠިލުކަމަށް ކަނޑައަޅާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ދެކޭކަމަށް ބުނެ ހުށަހެޅި ނުކުތާ އެކަނިއެވެ.
14މި ނުކުތާގެ ތަފްސީލު ދިނުމުގެ ގޮތުން ރިފާސް ޙުސައިން އިތުރަށް ބުނެފައިވަނީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކުރާ ނުރަނގަޅު ނުފޫޒެއް އޮވެ ކޯމަސް ދޯނި ވިއްކުމާގުޅޭ ގޮތުން އެއްބަސްވެވުނު ކަމުގައި ދެކޭނަމަ އެކަން ސާބިތުކޮށްދޭން ޖެހޭނީ އެހެން ބުނާ ފަރާތުން ކަމާއި، އެފަދަ ކަމެއް ހިނގާފައި ނުވާކަމާއި ކޯމަސް ދޯނި ވިއްކުމާގުޅޭ އެއްބަސްވުމުގައި ޙުސައިން ޢަބްދުލްޤާދިރު ސޮއިކުރިއިރު، ޙުސައިން ޢަބްދުލްޤާދިރުގެ ހެކިވެރިޔާ އެ އެއްބަސްވުމުގައި ސޮއިކުރަން އައީވެސް ޙުސައިން ޢަބްދުލްޤާދިރު ގުޅުމުން ކަމާއި މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމް ބާޠިލުކޮށް ދަށުކޯޓުގެ ޙުކުމަށް ތާއިދުކޮށް ދިނުމަށެވެ.
15އިސްތިއުނާފު ރައްދުވާ ޙުސައިން ޢަބްދުލްޤާދިރުގެ ޖަވާބު ބިނާކުރާ އަސާސަކީ، އޭނާ އަކީ ބަލިމީހެއް ކަމާއި ކޯމަސް ދޯނި ވިއްކުމާގުޅޭ އެއްބަސްވުން ވެވުނީ، ރިފާސް ޙުސައިންގެ ބެލުމުގެ ދަށުގައި ޙުސައިން ޢަބްދުލްޤާދިރު މާލޭގައި ދިރިއުޅެމުން ދަނިކޮށް ކަމަށެވެ. އަދި ކޯމަސް ދޯނި ވިއްކުމާގުޅޭ އެއްބަސްވުން ވެވުނީ ރިފާސް ޙުސައިން ނުރަނގަޅު ނުފޫޒާއި ބިރުދައްކައިގެން ކަމާއި، އެހެންކަމުން މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް އޮތްކަމަށް ނުދެކޭ ކަމަށެވެ.
16ޕްރިސިޑެންސް 1މި އިސްތިއުނާފުގައި ދައުރުވާ މައިގަނޑު ސުވާލަކީ، ރިފާސް ޙުސައިން އާއި ޙުސައިން ޢަބްދުލްޤާދިރާ ދެމެދު ކޯމަސް ދޯނި ވިއްކުމާގުޅޭ އެއްބަސްވުން ވެވުނީ ޙުސައިން ޢަބްދުލްޤާދިރުގެ ރުހުން އޮވެގެންތޯ ނުވަތަ ނޫންތޯގެ މައްޗަށެވެ. ކޮންޓްރެކްޓެއް ވުޖޫދުވާނީ އެ އެއްބަސްވުމަށް ދެފަރާތުން ވާސިލުވެފައިވާ ކަންކަމަށް އެ އެއްބަސްވުމުގެ ބައިވެރިންގެ މެދުގައި ރުހުން އޮވެގެންނެވެ. ރުހުން އޮތްކަން ނުވަތަ ނޫންކަން ބިނާވާނީ އެއްވެސް ބާވަތެއްގެ މަޖުބޫރުކަމެއް ނެތި، އަމިއްލަ އިޚްތިޔާރުގައި އެއްބަސްވުމަކަށް ވާސިލުވީކަން ސާބިތު ކުރެވިގެން ކަމުގައިވާތީވެ، އަންނަނިވި ކަންކަން ވިދިގެން އަންނަ ފޮޅުވަތްތަކުގައި ފާހަގަކުރަމެވެ.
17ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގެ ނައްސު ތިރީގައި ނަކަލު ކުރަމެވެ.
"މީހެއްގެ މައްޗަށް ނުފޫޒެއް ހިންގޭފަދަ މަޤާމެއްގައި ހުރެ، އެފަދަ ނުފޫޒެއް ހިންގައިގެން މީހަކު ކޮންޓްރެކްޓެއްގައި ބައިވެރި ކުރުވުމަކީ ނުރަނގަޅު ގޮތަކަށް ނުފޫޒުގެ ބޭނުންކުރުން ކަމަށް ވާނެއެވެ."
18ޕްރިސިޑެންސް 2މުޢާމަލާތެއްގައި ނުރަނގަޅު ނުފޫޒެއް އޮތްތޯ ބެލުމަށްޓަކައި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާ ތަޠުބީޤުކުރުމަށްޓަކައި އަންނަނިވި ދެ ކަންތައް ފުރިހަމަވާންވާނޭ ކަމަށް އެ މާއްދާ ބެލުމުން ދޭހަވެއެވެ.
(ހ) މީހެއްގެ މައްޗަށް ނުފޫޒެއް ހިންގޭފަދަ މަޤާމެއްގައި ނުވަތަ ގުޅުމެއްގެ މަތީގައި ހުރެ އެއްބަސްވުމެއް ވެފައި އޮތްކަން ސާބިތުވުން؛ އަދި
(ށ) އެ މަޤާމު ނުވަތަ އެ ގުޅުން ނާޖާއިޒު ގޮތުގައި ބޭނުންހިފައިވާކަން ސާބިތުވުމެވެ.
19ޕްރިސިޑެންސް 3ނުރަނގަޅު ނުފޫޒު އަކީ މީހަކު ހުރި މަގާމެއްގެ ސަބަބުން ނުވަތަ ދެފަރާތެއްގެ ދެމެދުގައި އުފެދިފައިވާ އިތުބާރެއް ނަހަމަގޮތުގައި ހިފާ، އަނެކާގެ މައްޗަށް ނުފޫޒު ފޯރުވައި އެ ފަރާތުގެ ރުހުމެއްނެތި ކަންކަން ކުރުމެވެ. އަމިއްލަ އިޚްތިޔާރެއް ނެތި މިގޮތަށް ވެވޭ އެއްބަސްވުމަކީ ބާޠިލް އެއްބަސްވުމެކެވެ.
20ޕްރިސިޑެންސް 4ޕްރިސިޑެންސް 5ޕްރިސިޑެންސް 6ނުރަނގަޅު ގޮތަކަށް ވެވޭ ނުފޫޒު ދެ ގޮތަކަށް ބަހާލެވެއެވެ. ފުރަތަމަ ގޮތަކީ، ސީދާ ގޮތުން ނުފޫޒު އޮންނަ ޙާލަތާއި، އަނެއް ގޮތަކީ ނުފޫޒެއް ފޯރުވައި ކޮންޓްރެކްޓަކަށް ވާސިލުވެފައި ވާކަން އިފްތިރާޟު ކުރެވޭ ޙާލަތެވެ.
(ހ) ފުރަތަމަ ޙާލަތުގައި، ކޮންޓްރެކްޓެއްގެ ބައިވެރިޔަކު އަނެއް ބައިވެރިޔާއަށް ފޯރުވި ނުފޫޒެއްގެ ސަބަބުން ނުވަތަ ކުރި ކަމެއްގެ ސަބަބުން ކޮންޓްރެކްޓުގައި ސޮއިކުރިކަން ދޭހަވާން ވާނެއެވެ. މި ހާލަތުގައި ސާބިތުކުރުމުގެ ބުރަ މަތިކުރެވިފައި ވަނީ ނުފޫޒު ފޯރުވިކަމަށް ބުނާ ފަރާތުގެ މައްޗަށެވެ.
(ށ) ދެވަނަ ޙާލަތަކީ، ނުފޫޒެއް ފޯރުވިދާނެ މަޤާމެއްގައި ހުރެ ނުވަތަ ގުޅުމެއް އޮވެ، ކޮންޓްރެކްޓެއްގައި ބައިވެރިވެއްޖެނަމަ ހަމައެކަނި އެ އޮތް ގުޅުމުގެ މައްޗަށް ބިނާކޮށް އިތުރު ކަމެއް ސާބިތުކޮށް ދިނުމެއް ނެތި ކޮންޓްރެކްޓުގައި ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނުމުގެ ފުރުސަތު އޮވެއެވެ. މި ޙާލަތުގައި، ހެކި ފުރޮޅިގެންދަނީ އެފަދަ ނުފޫޒެއް ފޯރުވިދާނެ މަގާމެއްގައި ހުރި ފަރާތުގެ މައްޗަށެވެ.
21ޕްރިސިޑެންސް 7މަތީގައި ބަޔާންކުރެވިފައިވާ ދެ ހާލަތުގެ ތެރެއިން، ނުރަނގަޅު ނުފޫޒު އޮތްކަމަށް އިފްތިރާޟު ކުރެވޭ ޙާލަތް ބިނާވަނީ އެއްބަސްވުމުގެ ބައިވެރިންގެ މެދުގައި އޮންނަ ގުޅުމުގެ މައްޗަށެވެ. މިސާލަކަށް ބައްޕައާއި ދަރިފުޅު ނުވަތަ ޑޮކްޓަރަކާއި ބަލިމީހުން ފަދަ މީހުންނެވެ. ސީދާގޮތުން ނުފޫޒު އޮންނަ ކަމަށް ބެލެވެނީ، އާންމު ގޮތެއްގައި ދެ ފަރާތެއްގެ ދެމެދުގައި ނުވަތަ ދެ ބީރައްޓެހިންގެ ދެމެދުގައި ވެވޭ ކޮންޓްރެކްޓެއްގައި ނުރަނގަޅު ނުފޫޒެއް އޮތްކަމަށް އުފަންވާ ޙާލަތުގައެވެ.
22ޕްރިސިޑެންސް 8ކޮންޓްރެކްޓެއް ވެވޭހިނދު، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގައި ބުނާފަދަ ނުރަނގަޅު ނުފޫޒެއް ފޯރުވިދާނެ މަޤާމެއްތޯ ނުވަތަ ގުޅުމެއްތޯ ދެނެގަތުމަށްޓަކައި ރިޢާޔަތްކުރެވިދާނެ ބައެއް ކަންކަމުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
(ހ) ފުރަތަމަ ކަމަކީ، ތިމާގެ ކަމުގެ ސަބަބުން ނުވަތަ އެ ނޫން ގޮތަކުންވެސް މީހަކު އެހެން މީހެއްގެ މައްޗަށް ވަކި ބާރެއް ލިބިފައިވޭތޯ ބެލުން.
(ށ) ދެވަނަ ކަމަކީ، އެމީހާ އާއި އަނެކާއާ ދެމެދު ބަދެވިފައިވާ ގުޅުމަކީ އިތުބާރުގެ މައްޗަށް އޮތް ގުޅުމެއްތޯ ބެލުން.
(ނ) ތިންވަނަ ކަމަކީ، އެމީހަކީ އުމުރުގެ ގޮތުންނާއި، ޖިސްމާނީ ނުވަތަ ނަފްސާނީ ގޮތުން އަނެކާގެ މައްޗަށް ދިރިއުޅުން ބަރޯސާވެފައިވާ މީހެއްތޯ ބެލުން.
މަތީގައިވާ ތިން ޙާލަތުގެ ތެރެއިން ފުރަތަމަ ޙާލަތުގެ މިސާލަކަށް ބަލާއިރު ބައްޕައަކާއި ދަރިއަކާ ދެމެދު ވެވޭ ކޮންޓްރެކްޓްތައް ހިމެނެއެވެ. މި ޙާލަތުގައި ބައެއް ފަހަރު ބައްޕައަކު ދަރިފުޅަށް ނުފޫޒެއް ފޯރުވެވިދާނެ މަގާމެއްގައި ހުންނަ ހިނދު، އެ ނޫން ފަހަރު މީގެ އިދިކޮޅަށް ދަރިއަކު ބައްޕަގެ މައްޗަށް ނުފޫޒެއް ފޯރުވިދާނެ ޙާލަތުވެސް އާދެއެވެ. ދެވަނަ ޙާލަތުގެ މިސާލުތަކުގެ ތެރޭގައި ބަލިމީހުންނާއި ޑޮކްޓަރުންނާއި ވަކީލުންނާއި މުވައްކިލުން ހިމެނެއެވެ. މި ޙާލަތުގައި، އާންމު ގޮތެއްގައި ފެންނަނީ ނުފޫޒެއް ފޯރުވޭ މަގާމެއްގައި ހުންނަނީ ޑޮކްޓަރަކާ ބަލިމީހަކާ ވެވޭ ކޮންޓްރެކްޓެއްގައި ޑޮކްޓަރުކަމާއި، ވަކީލާއި މުވައްކިލާ ދެމެދުގައި ވެވޭ ކޮންޓްރެކްޓެއްގައި ވަކީލު ކަމަށް ބުނުމުގެ ފުރުސަތު އޮވެއެވެ. އަދި ތިންވަނަ ޙާލަތުގެ މިސާލުތަކުގެ ތެރޭގައި ކޮންޓްރެކްޓެއް ވެވޭއިރު އެއް ބައިވެރިޔަކީ އުމުރުގެ ސަބަބުން ލޯބޯކޮށިވެފައިވާ މީހުންނާއި، ނަފުސާނީ އަދި ޖިސްމާނީ ބަލިމީހުން ހިމެނެއެވެ.
23ކޮންޓްރެކްޓެއް ވެވޭއިރު ނުރަނގަޅު ނުފޫޒު ފޯރުވާފައި ވޭތޯ ބެލުމަށްޓަކައި ސާފުވާންޖެހޭ ކަންކަމުގެ ތެރޭގައި މީހެއްގެ މައްޗަށް ނުރަނގަޅު ނުފޫޒެއް ފޯރުވިދާނެ މަޤާމެއްގައި ހުރި މީހެއްތޯ އާއި އަދި އެ މަޤާމު ނާޖާއިޒު ގޮތެއްގައި ބޭނުންހިފައި އެއްބަސްވުމެއް ވުމަށް ބާރުފޯރުވާފައިވޭތޯ ހިމެނެއެވެ.
24މި ރައުޔުގެ 20 ވަނަ ޕެރެގްރާފުގެ (ހ) ގައި ބުނާ ސީދާ ގޮތުން ނުފޫޒު އޮންނަ ޙާލަތުގައި އާންމު އުޞޫލުން ހެކި ހުށަހަޅައި މަދަނީ މިންގަނޑުން އެކަން ސާބިތުކުރަންޖެހޭ ހިނދު، ކޮންޓްރެކްޓެއް ވެވޭއިރު (މި ރައުޔުގެ 22 ވަނަ ޕެރެގްރާފުގައި ބުނާ ފަދަ) ނުފޫޒެއް ފޯރުވޭނެ މަގާމެއްގައި ހުރެ ކޮންޓްރެކްޓެއް މީހަކާއެކު ވެފައިވާނަމަ، (މި ރައުޔުގެ 20 ވަނަ ޕެރެގްރާފްގެ (ށ) ގައި ބުނާ ފަދަ) ނުރަނގަޅު ނުފޫޒު ފޯރުވާފައިވާކަމުގެ އިފްތިރާޟު ކުރެވެއެވެ. ނުރަނގަޅު ނުފޫޒު ފޯރުވާފައިވާކަމުގެ އިފްތިރާޟު ކުރެވޭ ހާލަތުގައި، ހަމަ އެކަނި އެއޮތް ގުޅުމުގެ މައްޗަށް ބިނާކޮށް އެ ކޮންޓްރެކްޓު ފެންނަން އޮންނާނީ، އެހެން ގޮތަކަށް ސާބިތު ނުވާހާ ހިނދަކު، ނުރަނގަޅު ނުފޫޒު ފޯރުވައި ވެފައިވާ ކޮންޓްރެކެއްޓެއްގެ ގޮތުގައި ކަމަށްވާތީވެ، ނުރަނގަޅު ނުފޫޒު ފޯރުވާފައި ނުވާކަން ސާބިތު ކުރުމުގެ ބުރަ އެފަދަ ނުފޫޒެއް ފޯރުވިދާނެ މަގާމެއްގައި ހުރި ފަރާތަށް މަތިކުރެވެއެވެ. އަދި އެހެންކަމުން އެފަދަ (ނުފޫޒެއް ފޯރުވިދާނެ) މަގާމެއްގައި ހުރި ފަރާތަކުން ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާގެ މައްޗަށް ނުރަނގަޅު ނުފޫޒު ފޯރުވާފައި ނުވާކަން ސާބިތު ކޮށްދޭން ވާނެއެވެ.
25ޕްރިސިޑެންސް 9މި ބާވަތުގެ މައްސަލަތަކުގައި ނޫފޫޒެއް ނެތި ކޮންޓްރެކްޓެއް ވެފައިވާކަން ސާބިތުކޮށް ދިނުމުގެ އެހީއެއްގެ ގޮތުގައި ބޭނުން ހިފިދާނެ ކަންކަމުގެ ތެރޭގައި ނޫފޫޒެއް ފޯރުވިދާނެ މަގާމުގައި ހުރި ފަރާތް މިނިވަން ފަރާތެއްގެ ޤާނޫނީ ލަފާ ހޯދުން ހިމެނެއެވެ. މީގެ އިތުރުން މިނިވަންކަމާއެކު ކޮންޓްރެކްޓެއް ވެފައިވާކަން އެނގޭނެ މަޙައްލެއްގައި، ނުވަތަ ފަންނީ މާހިރުންގެ ހާޟިރުގައި ނުވަތަ މި ނޫންވެސް ގަބޫލުކުރެވޭނެ ހެކިތަކެއް ހުށަހަޅައި މަދަނީ މިންގަނޑުން ސާބިތުކޮށް ދެވިދާނެއެވެ.
26ޕްރިސިޑެންސް 10ޕްރިސިޑެންސް 11ނުރަނގަޅު ނުފޫޒެއް ފޯރުވައިގެން ވެފައިވާ ކޮންޓްރެކްޓެއް ބާޠިލުކުރުމުގެ އިޚްތިޔާރު އެ ނުފޫޒެއް އޮތް ބައިވެރިޔާއަށް އޮންނާނެއެވެ. ނަމަވެސް ކޮންޓްރެކްޓަކަށް ޢަމަލުކުރަން ފެށުމަށްފަހު، އެ ކޮންޓްރެކްޓު ބާޠިލުކުރަން އޭނާ ބޭނުންވި ކަމުގައިވިޔަސް އެ ސަބަބަށްޓަކައި ކޮންޓްރެކްޓު ބާޠިލުކުރުމުގެ އިޚްތިޔާރު އޭނާއަށް ގެއްލިގެން ދާނެއެވެ. މި ޙާލަތުގައި ބަލަނީ ކޮންޓްރެކްޓުގެ ބައިވެރިޔަކަށް ނުފޫޒެއް އޮވެމެ ކޮންޓްރެކްޓެއްގައި ބައިވެރިވި ކަމުގައިވިޔަސް އެކަން އޭނާ ބަލައިގަނެ ގަބޫލުކޮށްގެން ކޮންޓްރެކްޓާއިގެން ކުރިޔަށް ދާން އޭނާ ނިންމާފައި އޮތް ކަމަށެވެ.
ކޯމަސް ދޯނި ވިއްކުމުގެ އެއްބަސްވުމުގައި ނުރަނގަޅު ނުފޫޒެއް ފޯރުވާފައިވޭތޯ ބެލުން
27ރިފާސް ޙުސައިން އާއި ޙުސައިން ޢަބްދުލްޤާދިރަކީ ދެބަފައިންނެވެ. ރިފާސް ޙުސައިންގެ ބައްޕަ ޙުސައިން ޢަބްދުލްޤާދިރުގެ ކޯމަސް ދޯނި ވިއްކުމާގުޅޭ އެއްބަސްވުމުގައި ސޮއިކުރީ 2014 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 23 ވަނަ ދުވަހު އެވެ. ޙުސައިން ޢަބްދުލްޤާދިރުގެ ފަރާތުން ދަށު ކޯޓުގައި ވެސް އަދި ފަހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ވެސް ބަޔާންކުރަމުން އައިސްފައިވަނީ ކޯމަސް ދޯނި ވިއްކުމާގުޅޭ އެއްބަސްވުމުގައި އޭނާ ސޮއިކުރީ މަޖުބޫރީ ޙާލަތެއްގައި ރިފާސް ޙުސައިންގެ ނުރަނގަޅު ނުފޫޒު އޮވެގެން ކަމަށެވެ. އެހެންކަމުން މިކަމަށް ނަޒަރުކުރާއިރު މި މުޢާމަލާތުގައި ނުރަނގަޅު ނުފޯޒެއް ފޯރުވާފައިވޭތޯ ބަލާއިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
1. ފުރަތަމަ ކަމަކީ، ރިފާސް ޙުސައިން އަކީ އޭނާގެ ބައްޕަ ޙުސައިން ޢަބްދުލްޤާދިރުގެ މައްޗަށް ނުފޫޒު ފޯރުވިދާނެ މަގާމެއްގައި ހުރި މީހެއްކަން ސާބިތުވާކަމާއި އަދި މިއީ ނުރަނގަޅު ނުފޫޒު އޮތްކަން އިފްތިރާޟު ކުރެވޭ ޙާލަތެއްކަމުން މި މައްސަލަ ސާބިތުކުރުމުގެ ބުރަ މަތިކުރެވިފައި ވަނީ ރިފާސް ޙުސައިންގެ މައްޗަށްކަން.
2. ދެވަނަ ކަމަކީ، ކޯމަސް ދޯނި ވިއްކުމާގުޅޭ އެއްބަސްވުމުގައި ސޮއިކުރިއިރު ޙުސައިން ޢަބްދުލްޤާދިރުގެ ބަލިޙާލަތު ހުރިގޮތުން ދިރިއުޅެމުން ދިޔައީ ރިފާސް ޙުސައިންގެ ބެލުމުގެ ދަށުގައި ކަމާއި، ޙުސައިން ޢަބްދުލްޤާދިރުގެ ދިރިއުޅުން ބަރޯސާވެފައި ވަނީ ރިފާސް ޙުސައިންގެ މައްޗަށް ކަން ދެފަރާތުގެ ބަހުން އެނގޭކަން.
3. ތިންވަނަ ކަމަކީ، ކޯމަސް ދޯނި ވިއްކުމާގުޅޭ އެއްބަސްވުމުގައި ސޮއިކުރީ 2014 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 23 ވަނަ ދުވަހުގައި ކަމާއި ޖެހިގެން އައި 2015 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހު ރިފާސް ޙުސައިން އޭނާގެ ބައްޕަ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ހިމެނުމަށް އެދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއަށް ފޯމު ހުށަހަޅާފައިވާކަން އެނގޭ ކަމާއި، އެ އެޖެންސީއިން ޙުސައިން ޢަބްދުލްޤާދިރު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައި ވާކަން 2015 ވަނަ އަހަރުގެ ފެބުރުވަރީ 24 ވަނަ ދުވަހު އަންގާފައިވަނީވެސް ޚުދު ރިފާސް ޙުސައިންއަށް ކަމާއި އެހެންކަމުން ކޯމަސް ދޯނި ވިއްކުމާގުޅޭ އެ އެއްބަސްވުން ވެވުނު އިރުވެސް ޙުސައިން ޢަބްދުލްޤާދިރަކީ ޚާއްޞަ އެހީއަށް ބޭނުންވާނެ މީހެއް ކަމަށް ބެލުމުގެ ފުރުސަތު އޮތްކަން.
28ރިފާސް ޙުސައިން އާއި ޙުސައިން ޢަބްދުލްޤާދިރު އެއްބަސްވުމުގައި ސޮއިކުރިއިރު، ޙުސައިން ޢަބްދުލްޤާދިރުގެ ސިއްޙީ ހާލަތު ހުރިގޮތުން އޭނާއަކީ އިޖްތިމާޢީ އަދި މާލީގޮތުން ރިފާސް ޙުސައިންގެ ބެލުމުގެ ދަށުގައި ހުރި ފަރާތެއް ކަމުގައިވާތީ، ރިފާސް ޙުސައިން އަކީ ޙުސައިން ޢަބްދުލްޤާދިރުއަށް ނުފޫޒު ފޯރުވޭ ފަދަ މަގާމެއްގައި ހުރި މީހެކެވެ. މި ޙާލަތުގައި ނުރަނގަޅު ނުފޫޒު ފޯރުވާފައި ނުވާނެކަން ދެއްކުމުގެ ބުރަ ފުރޮޅިގެން ދަނީ ރިފާސް ޙުސައިންގެ މައްޗަށެވެ. ރިފާސް ޙުސައިންއަށް ކޯމަސް ދޯނި ވިއްކުމާގުޅޭ އެއްބަސްވުމުގައި އޭނާގެ ބައްޕަ ޙުސައިން ޢަބްދުލްޤާދިރު ސޮއިކުރީ ރިފާސް ޙުސައިންގެ ފަރާތުން ނުރަނގަޅު ނުފޫޒެއް ފޯރުވާފައި ނޫންކަމަށް ރިފާސް ޙުސައިން ސާބިތުކޮށްދޭން ޖެހޭނެ ހިނދު، ރިފާސް ޙުސައިންއަށް އެކަން ސާބިތުކޮށްދެވިފައިނުވާތީ، ކޯމަސް ދޯނި ވިއްކުމާގުޅޭ އެއްބަސްވުމުގައި ޙުސައިން ޢަބްދުލްޤާދިރު ސޮއިކުރީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގައި ބުނާ ނުރަނގަޅު ނުފޫޒެއް އޮވެގެންކަން ސާބިތުވާކަމަށް އަހުރެން ދެކެމެވެ. އަދި އެހެންކަމުން، ކޯމަސް ދޯނި ވިއްކުމާގުޅޭ އެއްބަސްވުމުގައި ޙުސައިން ޢަބުދުލްޤާދިރު ސޮއިކޮށްފައިވަނީ އޭނާގެ އަމިއްލަ އިޚްތިޔާރުގައި ނޫންކަމުގައި ދެކެމެވެ.
29ބަޔާންވެދިޔަ ކަންކަމުގެ އިތުރުން މުޅި މުޢާމަލާތުގައި ކަން ހިނގާފައިވާ ގޮތަށް ބަލައި، ރިފާސް ޙުސައިންގެ ބަހުން އެ މުޢާމަލާތާ ގުޅިގެން އޭނާގެ ބައްޕައަށް އެއްވެސް ފައިސާއެއް ހަވާލުކުރެވިފައި ނުވާކަން އެނގޭތީވެ، ކޯމަސް ދޯނީގެ އަގު ޙުސައިން ޢަބްދުލްޤާދިރަށް ލިބިފައި ނުވާކަން އެނގޭ ހިނދު، މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް އޮތް ކަމަކަށް އަހުރެން ނުދެކެމެވެ.
30ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުރިފާސް ޙުސައިން އާއި ޙުސައިން ޢަބްދުލްޤާދިރުއާ ދެމެދު ޙުސައިން ޢަބްދުލްޤާދިރުގެ ނަމުގައި އޮތް "ކޯމަސް" އެވެ ކިޔާ ދޯނި ވިއްކުމާގުޅޭ އެއްބަސްވުމުގައި 23 ޑިސެންބަރު 2014 ގައި ސޮއިކޮށްފައިވަނީ، ޙުސައިން ޢަބްދުލްޤާދިރަށް ސްޓްރޯކެއްޖެހި އޭނާ ޕެރެލައިޒްވެ ބަލި ހާލުގައި އަދި ރިފާސް ޙުސައިންގެ ބެލުމުގެ ދަށުގައި ވަނިކޮށް ކަމުގައިވާތީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގެ އަލީގައި، ކޯމަސް ދޯނި ވިއްކުމުގެ އެއްބަސްވުން ވެފައިވަނީ، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ފާހަގަކުރައްވާފައިވާ ފަދައިން، ނުރަނގަޅު ނުފޫޒެއް އޮވެގެންކަމުގައި އަހުރެންނަށްވެސް ބުރަވެވެއެވެ. އަދި މި ސަބަބަށްޓަކައި، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) އާއި 12 ވަނަ މާއްދާގެ އަލީގައި، ޤާނޫނީ ގޮތުން، ޙުސައިން ޢަބްދުލްޤާދިރު އެއްބަސްވުމުގައި ބައިވެރިވެފައިވަނީ އެއްވެސް މަޖުބޫރު ކަމެއްނެތި އަމިއްލަ އިޚްތިޔާރުގައި ކަމުގައި ބެލެވެން ނެތުމުން، ބުނެވުނު އެއްބަސްވުމަކީ ތަންފީޒު ކުރެވިދާނެ އެއްބަސްވުމެއް ކަމުގައި ނުދެކެމެވެ.
31މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓު ދެކުނު ގޮފީގެ ނަންބަރު 2018/HC-S-A/14 ޤަޟިއްޔާ އިސްތިއުނާފު ކުރުމުން، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ބަލައި، ދިވެހިރާއްޖޭގެ ހައިކޯޓު ދެކުނު ގޮފީގެ ނަންބަރު2018/HC-S-A/14 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލަކާ ޚިލާފަށް ބެލެވޭނެ ހަމައެއް ނެތުމާއެކު ދިވެހިރާއްޖޭގެ ހައިކޯޓު ދެކުނު ގޮފީގެ ނަންބަރު 2018/HC-S-A/14 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޢާއިޝާ ޝުޖޫން މުޙައްމަދުމުޙައްމަދު އިބްރާހީމްޢަލީ ރަޝީދު ޙުސައިން(ރިޔާސަތު)
- ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާ
- ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ)
- ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 12 ވަނަ މާއްދާ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޢަބްދުﷲ ޙަސީން، އެޑްވޮކޭޓަސް އޮފީސް
- ބެންޗު
- ޑރ. މުޙައްމަދު އިބްރާހީމް (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު، ޢަލީ ރަޝީދު ޙުސައިން
- ރިޔާސަތު
- ޑރ. މުޙައްމަދު އިބްރާހީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު އިބްރާހީމް · ތާއީދުކުރެއްވީ: ޢާއިޝާ ޝުޖޫން މުޙައްމަދު، ޢަލީ ރަޝީދު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 27 އޮގަސްޓް 2019 · ރަޖިސްޓްރީކުރީ 14 އޮކްޓޫބަރު 2019 · ނިމުނީ 1 ސެޕްޓެމްބަރު 2021 (22.6 މަސް)