ސައިޓޭޝަން ކޮޕީ ކުރުމަށް
2008/SC-A/13
ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު އިބްރާހިމް ޝާޒްނީ، 2008/SC-A/13
Reethirash Risoat Private Limited v. Mohamed Ibrahim Shaaznee 2008/SC-A/13 (2008/SC-A/13, Supreme Court of the Maldives, 3 September 2009)
ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު އިބްރާހިމް ޝާޒްނީ
މައްސަލައިގެ ޚުލާޞާ
މަދަނީ ކޯޓުން (2005/އެމްސީ/1023) ފައިސާ ލިބެންޖެހޭކަން ސާބިތުވާކަމަށް ކަނޑައަޅައި، 6 މަސްދުވަހުގެ މުއްދަތުގައި މަހުން މަހަށް ދައްކައި ދަރަނި ޚަލާޞްކުރުމަށް ކުންފުންޏަށް ޙުކުމްކުރިއެވެ. ހައިކޯޓުން (2007/HC-A/22) އެ ޙުކުމަށް ތާއީދުކުރިއެވެ. ހައިކޯޓުގެ ޙުކުމް އިލްތިމާސްކުރުމަށް ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުން އިލްތިމާސްއަށް އެދޭ ފޯމުން ހުށަހެޅުމުން، މި މައްސަލަ ސުޕްރީމް ކޯޓަށް އައީ އިލްތިމާސްގެ ގޮތުގައެވެ.
ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުގެ މުވައްޒަފަކަށް ވާ މުޙައްމަދު އިބްރާހިމް ޝާޒްނީ، ތަރައްޤީކުރަމުން ދިޔަ ރީތިރަށް ރިސޯޓަށް ސަޕްލައިކުރި ކުދިގަސްތަކުގެ އަގުގެ ގޮތުގައި ކުންފުނިން 12,303,015.35ރ. ދައްކަންޖެހޭކަމަށް ބުނެ މަދަނީ ކޯޓުގައި ދަޢުވާކުރިއެވެ. ކުންފުނިން ބުނީ އެ މަސައްކަތް އޭނާ ކޮށްފައިވަނީ ވަޒީފާގެ މަސްއޫލިއްޔަތުގެ ތެރެއިން ކަމަށެވެ.
ރީތިރަށުން ބުނީ ހައިކޯޓުގެ ރިޕޯޓުގައި ޚަޞްމުންގެ ބަޔާންތައް އޮޅިފައިވާތީ ފަނޑިޔާރުންނަށް މައްސަލައިގެ ޙަޤީޤަތް އޮޅިފައިވާ ކަމަށާއި، މުޙައްމަދު އިބްރާހިމް ގަސް ހޯދީ ވަޒީފާގެ ގޮތުން ކަމަށް ހުށަހެޅި ހެކިތަކަށް ހައިކޯޓުން ބަލާފައިނުވާ ކަމަށާއި، ފައިސާ ދިން އުޞޫލު ބަޔާންކުރި ބަޔާން ހައިކޯޓުން ކޮންޓެކްސްޓާ ޚިލާފަށް މާނަކުރި ކަމަށެވެ. ޕާރޗޭސް އޯޑަރތައް އޭނާގެ ނަމުގައި ހެދީ މުވައްޒަފަކަށް ވާތީ ކަމަށާއި، ފައިސާ ދިނީ ގަސް ވިއްކި ފަރާތްތަކަށް ޙަވާލުކުރުމަށް ކަމަށްވެސް ކުންފުނިން ބުނެފައިވެއެވެ.
މައިގަނޑު ސުވާލު
ރިސޯޓެއްގެ މުވައްޒަފަކު އެރިސޯޓަށް ސަޕްލައިކުރި ކުދިގަސްތަކަކީ ވަޒީފާގެ މަސްއޫލިއްޔަތުގެ ތެރެއިން ކުރި މަސައްކަތެއް ނޫން، އިންޑިޕެންޑެންޓް ކޮންޓްރެކްޓަރެއްގެ ހައިސިއްޔަތުން ކުރި މަސައްކަތެއްކަމަށް ހައިކޯޓުން ކަނޑައެޅުމަކީ ޤާނޫނީ ހަމަތަކާ އެއްގޮތްވާ ނިންމުމެއްތޯ.
ނިންމި ގޮތް
ހައިކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)
ސުޕްރީމް ކޯޓުން ކަނޑައެޅީ ވަޒީފާގެ ގުޅުމުގެ ބޭރުން އިންޑިޕެންޑެންޓް ކޮންޓްރެކްޓެއް އުފެދުމަކީ ވަޒީފާގެ އުޞޫލުތަކާ ފުށުއަރާ ކަމެއް ނޫން ކަމަށާއި، މުވައްޒަފަކު ވަޒީފާގެ މަސްއޫލިއްޔަތުން ބޭރުގައި ކޮންޓްރެކްޓްގެ އުޞޫލުން މަސައްކަތްކުރިކަމަށް ބުނާނަމަ އެ އިސްތިސްނާ ޙާލަތު ސާބިތުކުރުމުގެ ޒިންމާ އޮތީ އެ މުވައްޒަފަށް ކަމަށެވެ. ޕާރޗޭސް އޯޑަރ، ޕޭމެންޓް ވައުޗަރ އަދި އިންވޮއިސްތަކަކީ ވިޔަފާރީގެ މުޢާމަލާތެއް ހިނގިކަމުގެ ދަލީލު ކަމަށާއި، ކުންފުނިން އެ ލިޔުންތައް ނަފީކޮށްފައި ނުވާތީ އެއީ ކާފީ ހެކި ކަމަށާއި، ހައިކޯޓުގެ ރިޕޯޓުގައި ބަޔާނެއް ހުށަހެޅި ފަރާތް އޮޅިފައިވަނީ ލިޔުމުގެ ކުށެއް ކަމަށާއި އެއީ ޙަޤީޤަތް ދެނެގަތުމުގައި އޮޅުމެއް ނޫން ކަމަށް ކަނޑައެޅިއެވެ. ކުދިގަސް ސަޕްލައިކުރީ އިންޑިޕެންޑެންޓް ކޮންޓްރެކްޓަރެއްގެ ހައިސިއްޔަތުން ކަމަށް ކަނޑައަޅައި، ފަނޑިޔާރުންގެ އިއްތިފާޤުން ހައިކޯޓުގެ ޙުކުމަށް ތާއީދުކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ވަޒީފާގެ މުއްދަތުގައި ވަޒީފާ ދިންފަރާތާއި މުވައްޒަފު މީހާއާއި ދެމެދު އޮންނަ ވަޒީފާގެ ގުޅުމުގެ ބޭރުން އިންޑިޕެންޑެންޓް ކޮންޓްރެކްޓްގެ ގުޅުމެއް އުފެދުމަކީ ވަޒީފާގެ އުޞޫލުތަކާ ފުށުއަރާ ކަމެއް ނޫން. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [10])
- މުވައްޒަފަކު އޭނާގެ ވަޒީފާގެ މައްސޫލިއްޔަތުން ބޭރުގައި ކޮންޓްރެކްޓްގެ އުޞޫލުން އަގު ދޭގޮތަށް މަސައްކަތްކޮށްފައިވާ ކަމަށް މުވައްޒަފަކު ބުނާނަމަ، އެއިސްތިސްނާ ޙާލަތު ސާބިތު ކޮށްދިނުމަކީ އެފަރާތުގެ ޒިންމާއެއް. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [10]، [12])
- ދިފާޢީ ނުކުތާ ސާބިތު ވާނީ ދަޢުވާ ކުރިފަރާތުގެ ހެކި ނަފީވެގެން. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [10])
- މުސާރަ އާއި އެހެނިހެން އިނާޔަތާއި އުޖޫރަ ދިންކަމަށް ބުނާ ލިޔުންތަކަކީ މުސާރަވެރިއެއްކަން ސާބިތުކުރަންޖެހޭ ޙާލަތުގައި ފުދޭހެކި ކަމަށްވިއަސް ވަޒީފާގެ މަސްއޫލިއްޔަތުން އެއްކިބާގައި ކޮންޓުރެކްޓްގެ އުޞޫލުން މަސައްކަތް ކުރިކަން ސާބިތުކުރާ ޙާލަތުގައި ފުދޭނެހެކި ކަމަށް ނުވާނެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [10])
- ޕާރޗޭސް އޯޑަރއަކީ މުދަލުގެ ބާވަތާއި މިންވަރު ހާމަވާގޮތަށް މުދާ ގަންނަ ފަރާތުން ވިއްކާ ފަރާތަށް ދޫކުރެވޭ ވިޔަފާރިގައި ބޭނުންކުރެވޭ ޑޮކިޔުމެންޓެއްގެ އިތުރުން ވިއްކާ މުދަލާމެދު އެއްބަސްވެވޭ ލިޔުމެއް. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [18])
- މުދާ ގަންނަފަރާތުން އެމުދާ ސަޕްލައި ކޮށްދޭފަރާތަށް ޕާރޗޭސް އޯޑަރ ދޫކުރުމަކީ ވިއްކާފަރާތް އަތުން މުދާ ގަތުމަށް ހުށަހެޅޭ ހުށަހެޅުމެއް. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [18])
- ހުށަހެޅުން ޤަބޫލުކޮށްފިކަމަށް ޢާއްމުގޮތެއްގައި ބެލެވެނީ ދެފަރާތް ދެމެދުގައި ވެވޭ އެއްބަސްވުމަކުން ނުވަތަ ދެފަރާތް ދެމެދުގައި މުޢާމަލާތް ހިނގި ގޮތެއްގެމަތީން ކަމާއި ޕާޗޭސް އޯޑަރ ޤަބޫލުކުރި ހިނދުން ފެށިގެން އެއްބަސްވުން ވުޖޫދަށް އަންނަ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [18])
- ގަނެވިއްކުމުގެ މުޢާމަލާތްތަކުގައި ވަކިފަރާތަކަށް އެޑްރެސްކޮށް ޕާރޗޭސް އޯޑަރ ދޫކުރުމުގެ ބޭނުމަކީ ޕާރޗޭސް އޯޑަރ ފޯމުގައި އެޑްރެސް ކުރެވުނު ފަރާތް ނުވަތަ މީހާ އަތުން އެމުދާ ގަތުމަށް ބޭނުންވާކަން އެފަރާތަށް ކަށަވަރު ކޮށްދިނުން. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [18])
- ޕޭމެންޓް ވައުޗަރއަކީ އެއްފަރާތުން އަނެއްފަރާތަށް ފައިސާ ދޭންޖެހޭކަން ހާމަކޮށްދޭ ކުންފުނީގައި ބޭނުންކުރެވޭ ޑޮކިޔުމެންޓެއްކަމާއި ޢާއްމުގޮތެއްގައި ޕޭމެންޓް ވައުޗަރ ހެދެނީ އިންވޮއިސް ލިބުމާގުޅިގެން. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [18])
- އިންވޮއިސަކީ ޚިދުމަތެއް ދިން ފަރާތުން ނުވަތަ މުދަލެއް ވިއްކިފަރާތުން އެޚިދުމަތެއް ދިން ފަރާތަށް ނުވަތަ އެމުދަލެއް ގަތްފަރާތަށް ދޫކުރެވޭ ވިޔަފާރީގެ ޑޮކިޔުމެންޓަކަށްވެފައި ޞައްޙަ އިންވޮއިސެއް އޮތުމަކީ ދެފަރާތެއްގެ ދެމެދުގައި ވިޔަފާރީގެ މުޢާމަލާތެއް ހިނގާފައިވާކަން ދަލީލުކުރާ ހުއްޖަތެއް. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [20])
- ފެކްޓު ބަޔާން ކުރުމުގައި ޚަޞްމުންގެ މެދުގައި ޚިލާފު އުފެދިއްޖެނަމަ ޝަރީޢަތަށް އޮތް އެއްގޮތަކީ މައްސަލައާ ސީދާ ގުޅުން ހުރި ގޮތެއްގައި ހުށަހެޅިފައި ހުރި ޞައްޙަ ލިޔެކިޔުންތަކުގެ މައްޗަށް ބުރަވުން. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [19])
- ދަޢުވާ ސާބިތު ކުރުމުގެ ޒިންމާއޮތް ފަރާތުން ހުށަހެޅި ލިޔުންތަކަކީ ދަލީލެއްކަމަށް ބެލެވޭ ޙާލަތުގައި އަނެއްފަރާތުން އެލިޔުންތައް ނަފީކޮށްފައި ނުވާނަމަ، އެލިޔުންތަކަކީ ކާފީހެކި ކަމުގައި ބެލެވޭނެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [19])
ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ
ޤަޟިއްޔާ ނަންބަރު: 2008/SC-A/13
ދަޢުވާކުރާ ފަރާތް: ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑް
ދަޢުވާ ލިބޭ ފަރާތް: މުޙައްމަދު އިބްރާހިމް ޝާޒްނީ
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
މައްސަލަ އައިގޮތް: އިލްތިމާސްއަށް އެދޭ ފޯމުން
ހުށަހެޅުނު ތާރީޚް: 09 ނޮވެމްބަރ 2008
ނިމުނު ތާރީޚް: 03 ސެޕްޓެމްބަރ 2009
މައްސަލަ ނިންމި ގަޑި: 12:10
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު މުޖްތާޒް ފަހުމީ
އިލްތިމާސް ކުރެވުނު ޤަޟިއްޔާ
ނަންބަރު: 2007/HC-A/22
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 24 ޖެނުއަރީ 2007
ނިމުނު ތާރީޚް: 04 އޯގަސްޓް 2008
މައްސަލައިގެ ޚުލާޞާ
[1]މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2007/HC-A/22 ޤަޟިއްޔާ އިލްތިމާސް ކުރުމަށް ރީތިރަށް ރިސޯޓު ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލި މައްސަލައެކެވެ.
ފާހަގަ ކުރެވުނު ނުކުތާތައް:
[2]1. މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 22/އެޗްސީ-އޭ/2007 ގެ ޤަޟިއްޔާ ނިންމަވާފައި ވަނީ ރަނގަޅަށް ނޫންކަމަށް ޤަބޫލުކުރެވޭ ޤާނޫނީ ސަބަބުތަކެއް ހުރިކަމަށް ބުނެ އެކަންކަން ފާހަގަކޮށް ސުޕްރީމް ކޯޓުގައި ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑު (މީގެ ފަހުން ރީތިރަށް) ގެ ފަރާތުން އިލްތިމާސް ކުރުމުން ބަލާފައިވާ މައްސަލައެވެ.
[3]2. ހައިކޯޓުން ޙުކުމް ކުރައްވާފައި ގޮތަށް ބަލާއިރު، ރީތިރަށަށް ސަޕްލައި ކޮށްދީފައިވާ ގަސްތަކަކީ މުޙައްމަދު އިބްރާހިމްގެ ނަމުގައި ހަދާފައިވާ ޕާރޗޭސް އޯޑަރތަކާއި ގުޅިގެން މުޙައްމަދު އިބްރާހިމް ސަޕްލައި ކޮށްދީފައިވާ ގަސްތަކެއްކަން ޝަރީޢަތަށް ހުށަހެޅުނު ލިޔުންތަކުން އެނގެން އޮވެފައި މުޙައްމަދު އިބްރާހިމް ސަޕްލައި ކޮށްދީފައިވާ ގަސްތަކާއި ގުޅިގެން މުޙައްމަދު އިބްރާހިމްގެ ފަރާތުން ހުށަހެޅި އިންވޮއިސްތަކަށް ފައިސާ ދެއްކުމުގެ ގޮތުން ރިސޯޓުގެ ފަރާތުން ހަދާފައިވާ ޕޭމަންޓު ވައުޗަރތައް ހަދާފައި ވަނީ މުޙައްމަދު އިބްރާހިމްގެ ނަމުގައި ކަން އެނގެން އޮންނާތީ އެރިސޯޓަށް މުޙައްމަދު އިބްރާހިމް ސަޕްލައި ކޮށްދީފައިވާ ގަސްތަކުގެ އުޖޫރަ މުޙައްމަދު އިބްރާހިމަށް ލިބިދިނުމަށް މަދަނީކޯޓުގެ 2005/އެމްސީ/1023 ނަންބަރު ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްވާކަމަށް ކަނޑައަޅުއްވާ އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދު ކުރައްވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 22/އެޗްސީ-އޭ/2007 ގެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވާކަން އެނގެއެވެ.
[4]3. މިމައްސަލައިގައި މަދަނީ ކޯޓުން ޙުކުމް ކުރައްވާފައިވާ ގޮތަށް ބަލާއިރު ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ތަރައްޤީ ކުރަމުން ދިޔަ ރީތިރަށް ރިސޯޓަށް މުޙައްމަދު އިބްރާހިމް ސަޕްލައި ކޮށްފައިވާ ގަސްތަކަށް 12,303,015.35ރ. (ބާރަ މިލިއަން ތިންސަތޭކަ ތިންހާސް ފަނަރަ ރުފިޔާ ތިރީސްފަސް ލާރި) ދައްކަންޖެހި ނުދެއްކި ވާކަމަށް ބުނެ ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ކުރި ދަޢުވާ ބެލި ބެލުމުން މިފައިސާ އަކީ މުޙައްމަދު އިބްރާހިމަށް ލިބެންޖެހޭ ފައިސާއެއްކަން ޝަރީޢަތަށް ސާބިތުވާ ކަމަށްޓަކައި، މުޙައްމަދު އިބްރާހިމަށް މިފައިސާ ލިބިދިނުމުގެ ގޮތުން 2006 އޮކްޓޯބަރ 30 ވަނަދުވަހުން ފެށިގެން 06 މަސްދުވަހުގެ މުއްދަތުގައި މަދުވެގެން އެމަހަކަށް ޖެހޭ މިންވަރު އެމަހަކު މަދަނީ ކޯޓަށް ދައްކާ 12,303,015.35ރ. (ބާރަމިލިއަން ތިންސަތޭކަ ތިންހާސް ފަނަރަ ރުފިޔާ ތިރީސްފަސް ލާރި) ގެ މިދަރަނި ޚަލާޞް ކުރުމަށް ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑަށް އަންގަވައި ޙުކުމް ކުރައްވާފައިވާކަން އެނގެއެވެ.
[5]4. މަދަނީ ކޯޓުގެ ޙުކުމް ރަގަޅުކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކުރެއްވި ޙުކުމް ބިނާވެފައިވަނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުގެގޮތުން ފަސް ނުކުތާއެއް ފާހަގަކޮށްފައިވާއިރު، އެފަސް ނުކުތާ ބިނާވެފައި ވަނީ މައިގަނޑު ތިންނުކުތާއެއްގެ މައްޗަށްކަން އެނގެއެވެ.
[6](ހ) ފުރަތަމަ ނުކުތާއަކީ މަދަނީ ކޯޓުގައި ދަޢުވާކުރި ފަރާތް ކަމުގައިވާ މުޙައްމަދު އިބްރާހިމްގެ ފަރާތުން އޭނާގެ ވަކީލު ހުށަހެޅި ބަޔާނަކީ އެކޯޓުގައި ދަޢުވާ ލިބުނު ފަރާތް ކަމުގައިވާ ރީތިރަށް ރިސޯޓު ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެކުންފުނީގެ ވަކީލު ހުށަހެޅި ބަޔާނެއް ގޮތުގައި ހައިކޯޓުގެ ރިޕޯޓުގެ 22 ވަނަ ޞަފްޙާގައި ބަޔާން ކޮށްފައިވުމުން، މައްސަލަ ނިންމެވުމުގައި އެބަޔާން ހުށަހެޅި ފަރާތް ނޫން އަނެއް ޚަޞްމުގެ ވާހަކަތަކަށް ހައިކޯޓުގެ ފަނޑިޔާރުންނަށް ރިޢާޔަތް ކުރެވިފައި ވާކަމަށް ބެލެވޭތީ، މައްސަލައިގެ ހަޤީޤަތް ފަނޑިޔާރުންނަށް އޮޅިވަޑައިގެންފައި އޮތުމަކީ ގާތްކަމަކަށްވެފައި އެހެންވެއްޖެނަމަ، މިމައްސަލަ ނިންމެވުމުގައި ހައިކޯޓުގެ ފަނޑިޔާރުން ރިޢާޔަތް ކުރެއްވި އަސާސަކީ ޙަޤީޤަތެއްގެ މައްޗަށް ބިނާވެފައިވާ އަސާސެއް ނޫންކަމަށް ބުނެ ފާހަގަ ކޮށްފައިވާ ނުކުތާއެވެ.
[7](ށ) ދެވަނަ ނުކުތާއަކީ ހައިކޯޓުގައި އިސްތިއުނާފުކުރި މައިގަނޑު ނުކުތާއަކީ ރީތިރަށަށް ބޭނުންވާ ކުދިގަސް ހޯދުމުގެ މަސައްކަތް މުޙައްމަދު އިބްރާހިމް ކޮށްފައިވަނީ އޭނާއަކީ ރީތިރަށުގެ މުވައްޒަފަކަށްވާތީ، އޭނާގެ ވަޒީފާ ނިޔާކުރާ ކަމެއްގެ ގޮތުގައި ކަމަށާއި އެކަން އެނގެނީ މުޙައްމަދު އިބްރާހިމަކީ ރީތިރަށުގެ ވަޒީފާގައި ހުރި މީހަކަށްވެފައި ވަޒީފާއާ ގުޅިގެން އޭނާއަށް މުސާރަ ދެމުން އައިސްފައިވާތީ ކަމަށާއި ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތަކީ ގަސް ހޯދުންކަން މުޙައްމަދު އިބްރާހިމް ޤަބޫލު ކުރާކަމަށް މަދަނީ ކޯޓުގައި ބުނެފައި އޮންނަ ކަމަށާއި މުޙައްމަދު އިބްރާހިމް ގަސް ސަޕްލައި ކޮށްފައިވަނީ ކޮންޓްރެކްޓް އުޞޫލުން ނޫންކަން އެނގޭ އަނެއްކަމަކީ މިމައްސަލައިގައި ހުށަހެޅިފައި ހުރި ޕާރޗޭސް އޯޑަރުތައް ހުރީ ޢާއްމު ގޮތެއްގައި މިބާވަތުގެ ވިޔަފާރިތަކުގައި ޕާރޗޭސް އޯޑަރުތައް ހުންނަންވާގޮތަށް ނޫންކަމަށާއި މިކަންކަމުގެ ޙަޤީޤަތް ލިޔެކިޔުމުންނާއި އެނޫންވެސް ގޮތްގޮތުން ހުށަހެޅުމުން މިކަންކަމަށް ބެއްލެވުމެއްނެތި ހައިކޯޓުން ޙުކުމް ކުރެއްވުން ކަމަށް ބުނެ ފާހަގަ ކޮށްފައިވާ ނުކުތާއެވެ.
[8](ނ) ތިންވަނަ ނުކުތާއަކީ ކުދިގަސް ސަޕްލައިކުރި މަސައްކަތާ ގުޅިގެން މުޙައްމަދު އިބްރާހިމަށް ފައިސާތަކެއް ދީފައިވާކަމަށް 17 ޖެނުއަރީ 2006 ދުވަހު މަދަނީ ކޯޓަށް ހުށަހެޅި ބަޔާނުގައި ރީތިރަށުގެ ފަރާތުން ބަޔާންކޮށްފައި އޮތްއޮތުން މައްސަލަ ނިންމެވުމުގައި ރިޢާޔަތް ކުރެވިފައި ވާއިރު، ފައިސާ ދީފައިވަނީ ކޮން އުޞޫލެއްގެ މަތިންކަން ހަމަ އެބަޔާނުގައި ބަޔާންކޮށްފައި އޮތްއޮތުމަށް ޝަރީޢަތުގެ ފަރާތުން ރިޢާޔަތް ކުރެއްވުމަކާނުލައި، އެބަޔާނުގައި ބުނާ އެއްޗެއް އޭގެ ކޮންޓެކްސްޓުން ނުވަތަ ޖުމްލައިގައި ހިމެނިފައިވާ މާނަ ގެއްލޭގޮތަށް މާނަ ކުރައްވާފައިވާކަމަށް ބުނެ ފާހަގަ ކޮށްފައިވާ ނުކުތާއެވެ.
[9]5. ހައިކޯޓުގެ ޤަޟިއްޔާ (ނަންބަރު 22/އެޗްސީ-އޭ/2007) ނިންމަވާފައިވަނީ ރަނގަޅަށްނޫން ކަމަށް ޤަބޫލުކުރެވޭ ޤާނޫނީ ސަބަބުތަކެއް ހުރިކަމަށް ބުނެ ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިލްތިމާސް ކޮށްފައިވާ ނުކުތާތަކަށް ބެލިއިރު މިމައްސަލަ ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވެއެވެ.
[10](ހ) ފުރަތަމަ ކަމަކީ މުޙައްމަދު އިބްރާހިމަކީ ރީތިރަށުގެ މުވައްޒަފަކަށްވެފައި މިމަސައްކަތް އޭނާ ކޮށްފައިވަނީ ވަޒީފާ ނިޔާކުރާ ކަމެއްގެ ގޮތުގައިކަން ސާބިތުކުރުމަށް ހުށަހެޅި އެއްވެސް ކަމަކަށް ހައިކޯޓުން ރިޢާޔަތް ނުކުރައްވާ ކަމަށް ރީތިރަށުގެ ފަރާތުން ބުނެ ފާހަގަކޮށްފައިވާ ނުކުތާ ބެލުމުގެ ގޮތުން މައްސަލަ ސާބިތު ކުރުމުގައި ރިޢާޔަތް ކުރެވޭ އުޞޫލުތަކަށް ރިޢާޔަތްކޮށް މިމައްސަލައަށް ބަލާއިރު މިމައްސަލައިގެ ޖަވްހަރީ ކަންތައްތަކުގެ ތެރެއިން ދެކަމެއް އިތުރު ހެއްކަކާނުލައި ދެފަރާތުގެ ބަހުން ސާބިތުވާ ކަމާއި އެއީ މުޙައްމަދު އިބްރާހިމް ރީތިރަށަށް ކުދި ގަސް ސަޕްލައި ކުރި ކަމާއި މުޙައްމަދު އިބްރާހިމަކީ ރީތިރަށުގެ މުވައްޒަފެއްކަމާއި، ވީމާ ރީތިރަށުގެ މުވައްޒަފަކަށްވެހުރެ ވަޒީފާގެ މަސްއޫލިއްޔަތުން ބޭރުގައި އަގު އަދާކުރާގޮތަށް ކޮންޓްރެކްޓްގެ އުޞޫލުން މަސައްކަތް ކުރިކަމަށް ބުނަނީ މުޙައްމަދު އިބްރާހިމް ކަމަށް ވާތީ، އެޙަޤީޤަތް ސާބިތު ކުރުމުގެ ޒިންމާއޮތީ މުޙައްމަދު އިބްރާހިމަށް ކަމާއި އެކަން ސާބިތު ކުރުމަށް މުޙައްމަދު އިބްރާހިމް ހުށަހެޅި ޑޮކިޔުމެންޓްތަކަކީ ދަޢުވާއާ ސިދާ ގުޅުންހުރި އަދި ދަޢުވާ ސާބިތު ކުރުމަށް ކާފީހެކި ލިބޭ ޑޮކިޔުމެންޓްތަކެއް ގޮތުގައި ބައްލަވާފައި ވާކަން ހައިކޯޓުގެ ރިޕޯޓަށް ބަލާއިރު އެނގޭކަމާއި މިމައްސަލައިގައި ދަޢުވާ ސާބިތު ކުރުމުގެ ޒިންމާ އޮތީ މުޙައްމަދު އިބްރާހިމްގެ މައްޗަށްކަމަށްވިއަސް މުޙައްމަދު އިބްރާހިމް ފައިސާ ހޯދުމަށް ދަޢުވާކުރާ މަސައްކަތަކީ އޭނާ އަދާކުރާ ވަޒީފާގެ މައްސޫލިއްޔަތުގެ ތެރެއިން ކުރި މަސައްކަތެއްކަމަށް ރީތިރަށުގެ ފަރާތުން ދަޢުވާގެ ދިފާޢުގައި ބުނެފައިވާތީ އެކަން ސާބިތު ކުރުމަކީ ކުރަންޖެހޭނެ ކަމެއްކަމާއި ދިފާޢީ ނުކުތާ ސާބިތު ވާނީ ދަޢުވާ ކުރިފަރާތުގެ ހެކި ނަފީވެގެން ކަމަށްވާތީ، މުޙައްމަދު އިބްރާހިމަށް މުސާރަ އާއި އެހެނިހެން އިނާޔަތާއި އުޖޫރަ ދިންކަމަށް ބުނާ ލިޔުންތަކަކީ މުސާރަވެރިއެއްކަން ސާބިތުކުރަންޖެހޭ ޙާލަތުގައި ފުދޭހެކި ކަމަށްވިއަސް ވަޒީފާގެ މަސްއޫލިއްޔަތުން އެއްކިބާގައި ކޮންޓުރެކްޓްގެ އުޞޫލުން މަސައްކަތް ކުރިކަން ސާބިތުކުރާ ޙާލަތުގައި ފުދޭނެހެކި ކަމަށް ނުވާތީ، އެލިޔުންތަކަކީ މުޙައްމަދު އިބްރާހިމުގެ ފަރާތުން ހުށަހަޅާފައިވާ ލިޔުންތައް ނަފީކުރެވޭފަދަ ލިޔުންތަކެއް ނޫންކަމާއި މީގެއިތުރުން މުޙައްމަދު އިބްރާހިމް ހުށަހެޅި ލިޔުންތަކަކީ ޞައްޙަނޫން ލިޔުންތަކެއްކަމަށް ކުންފުނިންވެސް ބުނެފައި ނުވާކަމާއި އެލިޔުންތަކާ ބެހޭގޮތުން ކުންފުނިން ބުނެފައިވަނީ ވިޔަފާރީގެ ޢާންމު އުޞޫލުން ދޫކުރާ ބީދައިން ދޫކުރެވިފައިވާ ލިޔުންތަކެއް ނޫންކަމަށާއި މުޙައްމަދު އިބްރާހިމަކީ ރީތިރަށުގެ މުވައްޒަފަކަށް ވާހިނދު ވަޒީފާގެ މުއްދަތުގައި ވަޒީފާ ދިންފަރާތާއި މުވައްޒަފު މީހާއާއި ދެމެދު އޮންނަ ވަޒީފާގެ ގުޅުމުގެ ބޭރުން އިންޑިޕެންޑެންޓް ކޮންޓްރެކްޓްގެ ގުޅުމެއް އުފެދުމަކީ ވަޒީފާގެ އުޞޫލުތަކާ ފުށުއަރާ ކަމެއް ނޫންކަމާއި މުވައްޒަފަކު އޭނާގެ ވަޒީފާގެ މައްސޫލިއްޔަތުން ބޭރުގައި ކޮންޓްރެކްޓްގެ އުޞޫލުން އަގު ދޭގޮތަށް މަސައްކަތްކޮށްފައިވާ ކަމަށް މުވައްޒަފަކު ބުނާނަމަ، އެއިސްތިސްނާ ޙާލަތު ސާބިތު ކޮށްދިނުމަކީ އެފަރާތުގެ ޒިންމާއެއްކަމާއި މިހެންވެ މިމައްސަލައިގައި ބެލިފައި ވަނީ ރީތިރަށަށް މުޙައްމަދު އިބްރާހިމް ސަޕްލައި ކުރި ގަސް ސަޕްލައި ކޮށްފައި ވަނީ ވަޒީފާގެ މައްސޫލިއްޔަތުގެ ތެރެއިންތޯ؟ ނުވަތަ އިންޑިޕެންޑެންޓް ކޮންޓްރެކްޓްގެ ހައިސިއްޔަތުންތޯ؟ މި ނުކުތާކަމެވެ.
[11](ށ) ދެވަނަ ކަމަކީ ހައިކޯޓުގެ ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ 22 ވަނަ ޞަފްޙާގައި ރީތިރަށް ރިސޯޓުގެ ފަރާތުން އެކުންފުނީގެ ވަކީލު އަލްއުސްތާޛު އިބްރާހީމް ރިޟާ ހުށަހެޅި ބަޔާނެއް ކަމަށް ލިޔެވިފައިވުމަކީ ލިޔުމުގައިވާ ކުށެއްކަން އެގޭކަމާއި އެފަދަ ކުށެއްގެ ސަބަބުން މައްސަލައިގެ ޙަޤީޤަތް ދެނެގަތުމުގައި ފަނޑިޔާރުންނަށް އޮޅުން އަރާފައިވޭތޯ ބެލެމުގެ ގޮތުން، ހައިކޯޓުގެ ޙުކުމް ބިނާކުރި ސަބަބުތަކަށް ބަލާއިރު، ހައިކޯޓުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގެ 85 ވަނަ ޞަފްޙާއިން ފެށިގެން 92 ވަނަ ޞަފްޙާގެ ނިޔަލަށް ބަޔާން ކުރައްވާފައިވާ ސަބަބުތަކުން އެނގެނީ މަދަނީ ކޯޓުގެ ޝަރީޢަތުގައި އެޚަޞްމެއްގެ ފަރާތުން ބަޔާންކުރި ކަންކަން ހައިކޯޓުގައިވެސް ހަމައެފަދައިން ބަޔާން ކުރެވިފައިވާ ކަމާއި މައްސަލައިގެ ޙަޤީޤަތް ނުވަތަ ފެކްޓު ބަޔާން ކުރުމުގެ ގޮތުން ޚަޞްމުން ދައްކާފައި ހުރި ވާހަކަތަކަށް ރިޢާޔަތްކޮށް ހައިކޯޓުގެ ރިޕޯޓުގައި ފާހަގަ ކުރައްވާފައިވާ ނުކުތާތައް ބިނާކުރައްވާފައިވަނީ ދަށުކޯޓުގެ ބަޔާންތަކާއި އެއްގޮތަށްކަން އެނގެންއޮންނާތީ މައްސަލައިގެ ޙަޤީޤަތް ދެނެގަތުމުގައި ހައިކޯޓުގެ ފަނޑިޔާރުންނަށް އޮޅުން އަރާފައި ނުވާކަން އެނގޭކަމެވެ.
[12](ނ) ތިންވަނަކަމަކީ ރީތިރަށަށް މުޙައްމަދު އިބްރާހިމް ކުދިގަސް ސަޕްލައި ކޮށްފައި ވަނީ މުވައްޒަފެއްގެ ހައިސިއްޔަތުން ވަޒީފާގެ ވާޖިބު އަދާކުރުމުގެ ގޮތުންތޯ؟ ނުވަތަ އިންޑިޕެންޑެންޓް ކޮންޓްރެކްޓަރެއްގެ ހައިސިއްޔަތުންތޯ؟ ބަލާއިރު، މުޙައްމަދު އިބްރާހިމަކީ ރީތިރަށުގެ މުވައްޒަފެއް ކަމާމެދު ދެބަސްވުމެއް ނެތްކަމާއި ރީތިރަށަށް ކުދިގަސް ސަޕްލައި ކުރުމަކީ ވަޒީފާއާ ގުޅުންހުރި މަސައްކަތެއްކަން ދެފަރާތުގެ ވާހަކައިންވެސް އެނގޭކަމާއި އެހެންކަމުން މުޙައްމަދު އިބްރާހިމް އަދާކުރާ ވަޒީފާއާ ގުޅުންހުރި މަސައްކަތެއް އިސްތިސްނާ ގޮތެއްގައި ކޮންޓްރެކްޓުގެ ޢުޞޫލުން ކުރިކަމަށް މުޙައްމަދު އިބްރާހިމް ބުނާއިރު، އެކަން ސާބިތު ކުރުމަކީ މުޙައްމަދު އިބްރާހިމްގެ ޒިންމާއެއްކަން އެނގޭކަމެވެ.
[13](ރ) ހަތަރުވަނަ ކަމަކީ ރީތިރަށަށް ކުދިގަސް ސަޕްލައި ކުރުމުގެ މަސައްކަތް މުޙައްމަދު އިބްރާހިމް ކޮށްފައި ވަނީ ކޮންޓްރެކްޓުގެ އުޞޫލުން ކަމަށް ބުނެ، އެކަން ސާބިތު ކުރުމަށްޓަކައި މަދަނީ ކޯޓަށް މުޙައްމަދު އިބްރާހިމް ހުށަހަޅާފައިވާ ލިޔުންތަކަކީ ޑޮކިޔުމެންޓް ނަންބަރު 1،2،3 ގެ ގޮތުގައި ހުށަހަޅާފައިވާ 03 ޕާރޗޭސް އޯޑަރާއި ޑޮކިޔުމެންޓް ނަންބަރު 4،5،6،7،8،9،10،11،12،13 ގެ ގޮތުގައި ހުށަހަޅާފައިވާ 10 ޕޭމަންޓް ވައުޗަރާއި 17 އިންވޮއިސްކަން މަދަނީ ކޯޓުގެ ޝަރީޢަތަށް މުޙައްމަދު އިބްރާހިމް ދީފައިވާ ބަޔާންތަކުން އެނގޭކަމެވެ.
[14](ބ) ފަސްވަނަކަމަކީ މުޙައްމަދު އިބްރާހިމަކީ ރީތިރަށުގެ މުވައްޒަފަކަށް ވާހިނދު، އެކަން އެނގިހުރެ، ރީތިރަށަށް ކުދިގަސް ސަޕްލައި ކުރުމުގެ މަސައްކަތް މުޙައްމަދު އިބްރާހިމާ ޙަވާލުކޮށް އަދި އެމަސައްކަތް މުޙައްމަދު އިބްރާހިމް ކޮށްފައި ވަނީ ވަޒީފާގެ މަސްއޫލިއްޔަތުން ބޭރުގައި ކޮންޓުރެކްޓުގެ އުޞޫލުން ދެފަރާތް ބަނދެވޭ ޞައްޙަ ޢަޤްދެއް އޮވެގެންކަމަށް ބުނެ، އެކަން ސާބިތު ކުރުމަށްޓަކައި މުޙައްމަދު އިބްރާހިމް ހުށަހެޅި އިސްވެ އިޝާރާތް ކޮށްފައިވާ ލިޔުންތަކާމެދު، ދަށުކޯޓުގެ ޝަރީޢަތުގައި ރީތިރަށުގެ ފަރާތުން ބުނެފައިވަނީ "ޕާރޗޭސް އޯޑަރުތަށް މުޙައްމަދު އިބްރާހިމްގެ ނަމުގައި ހެދިފައިވަނީ އެއްވެސް ޙާލަތެއްގައި އޭނާއަކީ ސަޕްލަޔަރުގެ ޙައިސިއްޔަތުން ފައިސާ ދިނުމަށް ނޫންކަމަށާއި އެހެނީ ކުންފުނީގެ ފައިސާ އެއްވެސް ކަމަކަށް ޚަރަދު ކުރެވޭނަމަ، ޚަރަދު ކުރެވުނުގޮތް އެކައުންޓިންގ ބޭނުމަށް އޮތުން ލާޒިމްކުރާތީ، ކުންފުންޏަށްގަނެވޭ ކޮންމެ އެއްޗަކަށްވެސް ޕާރޗޭސް އޯޑަރެއް ދޫކުރެވޭ ކަމަށެވެ" މިފަދައިން ކަމާއި އެހެން ބަޔާނެއްގައި ރީތިރަށުގެ ފަރާތުން ބުނެފައި ވަނީ "މުޙައްމަދު އިބްރާހިމްގެ ނަމުގައި ޕާރޗޭސް އޯޑަރ ހަދާފައި ވަނީ ހަމައެކަނި ގަސް ގަތުމަށް ނޫންކަމަށާއި އެނޫން ތަކެތި ގަތުމަށްވެސް އޭނާގެ ނަމުގައި ޕާރޗޭސް އޯޑަރ ހަދާފައި ވާކަމަށާއި މިގޮތުން މުޙައްމަދު އިބްރާހީމްގެ ނަމުގައި ޕާރޗޭސް އޯޑަރ ހަދާފައި ވަނީ އޭނާއަކީ މިކުންފުނީގެ މުވައްޒަފަކަށް ވާތީ ކަމަށެވެ" މިފަދައިންކަމެވެ.
[15](ޅ) ހަވަނަކަމަކީ އިސްވެދިޔަ ވާހަކަތަކުގެ އިތުރުންވެސް ކުންފުނީގެ ފަރާތުން ދަށުކޯޓުގައި ދައްކާފައި ހުރި ވާހަކަތަކަށް ބަލާއިރު، ހުށަހެޅިފައިހުރި ކުންފުނީގެ ނަމުގައި ދޫކޮށްފައިވާ ލިޔުންތަކަކީ ކުންފުނިން ތައްޔާރުކޮށް ދޫކޮށްފައިވާ ލިޔުންތަކެއް ނޫންކަމާމެދު ދެބަސްވުމެއް ނުވާތީ އެލިޔުންތަކުގެ ޞައްޙަ ނޫންކަމާމެދު ޖަދަލެއްނެތްކަން އެނގޭކަމާއި އެލިޔުންތަކަކީ ވިޔަފާރީގެ ޢާއްމު އުޞޫލުން ދޫކުރާ ބީދައިން ދޫކުރެވުނު ލިޔުންތަކެއް ކަމާމެދު ނުވަތަ އެލިޔުންތައް ދޫކުރަންޖެހުނު ސަބަބާމެދު ނުވަތަ އެލިޔުންތަކަކީ މިމައްސަލައަށް އޮތް ހުއްޖަތެއް ކަމާއިމެދު ޚަޞްމުންގެ މެދުގައި ޚިލާފު އުފެދިފައި ވީނަމަވެސް އެއިން އެއްވެސް ލިޔުމެއް ނަފީ ކޮށްފައި ނުވާކަން އެނގޭކަމެވެ.
[16](ކ) ހަތްވަނަކަމަކީ 15 ސެޕްޓެމްބަރ 2005 ގައި މަދަނީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މުޙައްމަދު އިބްރާހިމް ހުށަހަޅާފައިވާ ބަޔާން (1) ގައި އިޝާރާތް ކޮށްފައިވާ ބައެއް ޑޮކިޔުމެންޓަށް، އެކަތި އަނެކައްޗާއި ގުޅުވައިގެން ބަލާއިރު، މުޙައްމަދު އިބްރާހިމްގެ ނަމުގައި ހަދާފައިވާ (ނަންބަރ CPM 1344) ޕޭމެންޓް ވައުޗަރއަކީ އޭނާގެ ނަމުގައި ހަދާފައިވާ (ނަންބަރު RRC-SW-189/2412) ޕާރޗޭސް އޯޑަރއާ ގުޅިގެން ހަދާފައިވާ ޕޭމެންޓް ވައުޗަރއެއް ކަމާއި ހަމައެފަދައިން މުޙައްމަދު އިބްރާހިމްގެ ނަމުގައި ހަދާފައިވާ (ނަންބަރ CPM 1318) ޕޭމެންޓް ވައުޗަރއަކީ އޭނާގެ ނަމުގައި ހަދާފައިވާ (ނަންބަރު RRC-SW-179/2349) ޕާރޗޭސް އޯޑަރއާ ގުޅިގެން ހަދާފައިވާ ޕޭމެންޓް ވައުޗަރއެއް ކަމާއި މީގެއިތުރުންވެސް ހުށަހެޅިފައި ހުރި ވަކިވަކި ބައެއް ޕޭމެންޓު ވައުޗަރ ތަކަށާއި ޕާރޗޭސް އޯޑަރ ތަކަށް ބަލާއިރު، އެއިން ކޮންމެ ލިޔުމަކީ ރީތިރަށް ރިސޯޓުން ނުވަތަ ރީތިރަށް ޕްރޮޖެކްޓުން މުޙައްމަދު އިބްރާހިމްގެ ނަމުގައި ތައްޔާރުކޮށްފައި ހުރި ލިޔުންތަކެއްކަން އެލިޔުންތަކަށް ބަލާއިރު އެނގޭކަމެވެ.
[17](އ) އަށްވަނަކަމަކީ ޕާރޗޭސް އޯޑަރ ފޯމުގެ މައިގަނޑު ބައިތަކަށް ބަލާއިރު، ފޯމުގެ ތަފްޞީލު ކޮލަމްގައި އެވާ ތާރީޚުތަކުގައި ގަސް ސަޕްލައި ކުރިކަމަށް ލިޔެފައިވާ ކަމާއި މުޙައްމަދު އިބްރާހިމަކީ ސަޕްލައިކުރި ފަރާތްކަމަށް ލިޔެފައިވާ ކަމާއި ކޮންސައިނީއަކީ ރީތިރަށް ރިސޯޓުކަމަށް ލިޔެފައިވާ ކަމާއި މުދާ ގަންނަ ފަރާތަކީ ނުވަތަ އިންވޮއިސް ލިބެންޖެހެނީ ރީތިރަށް ރިސޯޓު ޕްރައިވެޓް ލިމިޓެޑަށްކަން ލިޔެފައިވާ ކަމާއި ޕާރޗޭސް އޯޑަރއެއްގައި ހުންނަންޖެހޭ މިހުރިހާ ބައިތައް ހިމެނޭގޮތަށް އެލިޔުންތައް ހުރުމަކީ ވިޔަފާރިގެ އުޞޫލުން ދޫކުރެވިފައިވާ ލިޔުންތަކެއްގެ ގޮތުގައި ބެލެވޭނެ ޤާނޫނީ ސަބަބެއްކަން އެނގެއެވެ.
[18](ވ) ނުވަވަނަކަމަކީ ވިޔަފާރީގެ އުޞޫލުން އެލިޔުންތަކަށް ބަލާއިރު ޕާރޗޭސް އޯޑަރއަކީ މުދަލުގެ ބާވަތާއި މިންވަރު ހާމަވާގޮތަށް މުދާ ގަންނަ ފަރާތުން ވިއްކާ ފަރާތަށް ދޫކުރެވޭ ވިޔަފާރިގައި ބޭނުންކުރެވޭ ޑޮކިޔުމެންޓެއްގެ އިތުރުން ވިއްކާ މުދަލާމެދު އެއްބަސްވެވޭ ލިޔުމެއްކަމާއި މުދާ ގަންނަފަރާތުން އެމުދާ ސަޕްލައި ކޮށްދޭފަރާތަށް ޕާރޗޭސް އޯޑަރ ދޫކުރުމަކީ ވިއްކާފަރާތް އަތުން މުދާ ގަތުމަށް ހުށަހެޅޭ ހުށަހެޅުމެއް ކަމާއި އެހުށަހެޅުން ޤަބޫލުކޮށްފިކަމަށް ޢާއްމުގޮތެއްގައި ބެލެވެނީ ދެފަރާތް ދެމެދުގައި ވެވޭ އެއްބަސްވުމަކުން ނުވަތަ ދެފަރާތް ދެމެދުގައި މުޢާމަލާތް ހިނގި ގޮތެއްގެމަތީން ކަމާއި ޕާޗޭސް އޯޑަރ ޤަބޫލުކުރި ހިނދުން ފެށިގެން އެއްބަސްވުން ވުޖޫދަށް އަންނަކަމާއި ގަނެވިއްކުމުގެ މުޢާމަލާތްތަކުގައި ވަކިފަރާތަކަށް އެޑްރެސްކޮށް ޕާރޗޭސް އޯޑަރ ދޫކުރުމުގެ ބޭނުމަކީ ޕާރޗޭސް އޯޑަރ ފޯމުގައި އެޑްރެސް ކުރެވުނު ފަރާތް ނުވަތަ މީހާ އަތުން އެމުދާ ގަތުމަށް ބޭނުންވާކަން އެފަރާތަށް ކަށަވަރު ކޮށްދިނުން ކަމާއި މިއުޞޫލުގެ މަތީން ޕޭމެންޓް ވައުޗަރ ތަކަށް ބަލާއިރުވެސް ޕޭމެންޓް ވައުޗަރއަކީ އެއްފަރާތުން އަނެއްފަރާތަށް ފައިސާ ދޭންޖެހޭކަން ހާމަކޮށްދޭ ކުންފުނީގައި ބޭނުންކުރެވޭ ޑޮކިޔުމެންޓެއްކަމާއި ޢާއްމުގޮތެއްގައި ޕޭމެންޓް ވައުޗަރ ހެދެނީ އިންވޮއިސް ލިބުމާގުޅިގެން ކަމަށްވިއަސް މިމައްސަލައިގައި ހުށަހެޅިފައި ހުރި ޕޭމެންޓް ވައުޗަރ ހެދިފައި ވަނީ ޕާރޗޭސް އޯޑަރ އާއި ޙަވާލާ ދެވިގެންކަން ފާހަގަ ކުރެވޭކަމާއި ޕޭމެންޓް ވައުޗަރއަށާއި ޕާރޗޭސް އޯޑަރއަށް ބަލާއިރު އެއިން ކޮންމެ ޑޮކިޔުމެންޓަކީވެސް ކުންފުންޏަށް ނިސްބަތްވާ ކުންފުނީގެ ލިޔުމެއްގެ ގޮތުގައި ތައްޔާރު ކުރެވިފައި ހުރި ލިޔުންތަކެއް ކަމަށްވެފައި އެލިޔުންތަކަކީ ވިޔަފާރީގެ މުޢާމަލާތް ކުރެވިފައިވާކަމުގެ ދަލީލެއްކަން އެނގޭކަމެވެ.
[19](މ) ދިހަވަނަކަމަކީ މުޙައްމަދު އިބްރާހިމަށް ދީފައިވާ ފައިސާ އޭނާއަށް ދީފައިވަނީ ކޮން އުޞޫލެއްގެ މަތިންކަން ބަޔާންކޮށްފައި ވާއިރު، ހައިކޯޓުން އެކަމަށް ރިޢާޔަތް ނުކުރައްވާ، ބަޔާނުގައި ބުނާ އެއްޗެއް އޭގެ ކޮންޓެކްސްޓުން ނުވަތަ ޖުމްލައިގައި ހިމެނިފައިވާ މާނަ ގެއްލޭގޮތަށް މާނަ ކުރައްވާފައިވާ ކަމަށް ބުނާ ނުކުތާ ބެލުމުގެ ގޮތުން 17 ޖެނުއަރީ 2006 ދުވަހު މަދަނީ ކޯޓަށް ރީތިރަށުގެ ފަރާތުން ހުށަހަޅާފައިވާ ބަޔާނަށް ބެލިއިރު، އެބަޔާނުގައި ހުރި ވާހަކަތަކަކީ ފެކްޓު ބަޔާންކުރުމުގެ ގޮތުން ނުވަތަ ރީތިރަށަށް ސަޕްލައި ކުރެވުނު ގަސްތަކާ ގުޅިގެން މުޙައްމަދު އިބްރާހިމަށް ފައިސާ ދޫކުރަންޖެހުނު ސަބަބުކަމަށް ކުންފުނިން ޤަބޫލުކުރާގޮތް ނުވަތަ ދެކޭގޮތް ހާމަކޮށް ދިނުމުގެ ގޮތުން ދައްކާފައި ހުރި ވާހަކަތަކެއް ކަމަށްވާއިރު، ފެކްޓު ބަޔާން ކުރުމުގައި ޚަޞްމުންގެ މެދުގައި ޚިލާފު އުފެދިއްޖެނަމަ ޝަރީޢަތަށް އޮތް އެއްގޮތަކީ މައްސަލައާ ސީދާ ގުޅުން ހުރި ގޮތެއްގައި ހުށަހެޅިފައި ހުރި ޞައްޙަ ލިޔެކިޔުންތަކުގެ މައްޗަށް ބުރަވުން ކަމާއި އެގޮތުން ބަލާއިރު ދަޢުވާ ސާބިތު ކުރުމުގެ ޒިންމާއޮތް ފަރާތުން ހުށަހެޅި ލިޔުންތަކަކީ ދަލީލެއްކަމަށް ބެލެވޭ ޙާލަތުގައި އަނެއްފަރާތުން އެލިޔުންތައް ނަފީކޮށްފައި ނުވާނަމަ، އެލިޔުންތަކަކީ ކާފީހެކި ކަމުގައި ބެލެވޭނެކަމާއި މިމައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކަކީ ކުންފުނިން ތައްޔާރުކޮށް ދޫކޮށްފައިވާ ލިޔުންތަކެއް ނޫންކަމާމެދު ދެބަސްވުމެއް ނެތްކަން ކުންފުނީގެ ފަރާތުން ހުށަހަޅާފައިވާ ބަޔާންތަކުގެ ޞަރީޙަ ޢިބާރާތުން އެނގޭކަމާއި ޕާރޗޭސް އޯޑަރ ތަކަށާއި ޕޭމެންޓް ވައުޗަރ ތަކަށް ބަލާއިރު މުޙައްމަދު އިބްރާހިމްގެ ފަރާތުން ރީތިރަށަށް ކުދިގަސް ސަޕްލައި ކުރުމުގައި މުޙައްމަދު އިބްރާހިމާއި ކުންފުންޏާ ދެމެދު ވިޔަފާރީގެ ގުޅުމެއް އޮތްކަން ދޭހަވާކަމާއި މިމަގުން ބަލާއިރު، ރީތިރަށަށް ގަސް ގަންނަނީ މުޙައްމަދު އިބްރާހިމް މެދުވެރިކޮށް އެކިރަށްރަށުގެ އެކިމީހުންގެ އަތުން ކަމަށްވާތީ އެފަރާތްތަކަށް ފައިސާ ޙަވާލު ކުރުމުގެ ގޮތުން މުޙައްމަދު އިބްރާހިމާ ފައިސާ ޙަވާލު ކުރަންޖެހެނީ ކަމަށް ރީތިރަށުގެ ފަރާތުން ބުނާ ބުނުން ފެންނަން ހުރި ލިޔުންތަކާ ސީދާނުވާކަން އެނގޭކަމެވެ.
[20](ފ) އެގާރަވަނަކަމަކީ އިންވޮއިސަކީ ޚިދުމަތެއް ދިން ފަރާތުން ނުވަތަ މުދަލެއް ވިއްކިފަރާތުން އެޚިދުމަތެއް ދިން ފަރާތަށް ނުވަތަ އެމުދަލެއް ގަތްފަރާތަށް ދޫކުރެވޭ ވިޔަފާރީގެ ޑޮކިޔުމެންޓަކަށްވެފައި ޞައްޙަ އިންވޮއިސެއް އޮތުމަކީ ދެފަރާތެއްގެ ދެމެދުގައި ވިޔަފާރީގެ މުޢާމަލާތެއް ހިނގާފައިވާކަން ދަލީލުކުރާ ހުއްޖަތެއްކަމާއި ރީތިރަށަށް މުޙައްމަދު އިބްރާހިމް ސަޕްލައި ކުރި ގަސްތަކާ ގުޅިގެން އިންވޮއިސް ހުށަހެޅީ މުޙައްމަދު އިބްރާހިމް ކަމަށް ކުންފުނިންވެސް ބުނެފައި ވާއިރު މުޙައްމަދު އިބްރާހިމް ހުށަހަޅާފައިވާ އިންވޮއިސްތަކާ ގުޅިގެން ދޫކުރެވޭ ފައިސާއަކީ ރާއްޖެތެރެއިން ރީތިރަށަށް ގަސް ވިއްކި ފަރާތްތަކަށް ފައިސާ ދޫކުރުމުގެ ގޮތުން އަމާނާތެއްގެ ގޮތުގައި މުޙައްމަދު އިބްރާހިމަށް ދޫކުރެވޭ ފައިސާއެއް ކަމަށް ކުންފުނީގެ ފަރާތުން ބުނެފައިވާ ވާހަކައަކީ އިންވޮއިސްގެ ހަމަތަކާއި އުޞޫލުތަކާ ޚިލާފަށް ރީތިރަށުގެ ފަރާތުން ބުނެފައިވާ ބުނުމެއްކަން އެނގޭކަމެވެ.
[21](ދ) ބާރަވަނަކަމަކީ މައްސަލަ ބެލުމުގައި ހައިކޯޓުން ރިޢާޔަތް ކުރެއްވި ބައެއް ކަންކަން ތަރުޖަމާ ކުރެއްވުމުގައި ޤާނޫނީ ގޮތުން ރަނގަޅު ނޫންކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރިކަމަށް ބުނެ އިލްތިމާސްކުރި ފަރާތުން ފާހަގަކޮށްފައިވާ އިސްވެ ބަޔާން ކުރެވުނު ކަންކަން ހައިކޯޓުން ބެއްލެވުމުގައި ކޮންޓްރެކްޓްގެ އުޞޫލުތަކާއި ގަނެވިއްކުމުގެ ހަމަތަކަށް ރިޢާޔަތް ކުރެވިފައިވޭތޯ؟ މިކޯޓުން ބަލާފައި ވާނެކަމާއި މުޙައްމަދު އިބްރާހިމް ސަޕްލައި ކުރި ކުދި ގަސް ސަޕްލައި ކޮށްފައިވަނީ ވަޒީފާގެ މަސްއޫލިއްޔަތާ ގުޅުމެއްނެތި މުސްތަޤިއްލު ކޮންޓްރެކްޓަރެއްގެ ހައިސިއްޔަތުންކަމަށް ހުށަހެޅިފައިވާ ޑޮކިޔުމެންޓްތަކަށް ރިޢާޔަތްކޮށް ހައިކޯޓުން ސާބިތު ކުރައްވާފައި ވަނީ ރަނގަޅަށްތޯ މިކޯޓުން ބަލާފައިވަނީ ހުށަހެޅިފައިވާ ރިލެވެންޓް ޑޮކިޔުމެންޓްތަކަށާއި މިބާވަތުގެ ޑޮކިޔުމެންޓް މެދުވެރިކޮށްގެން ކުރެވޭ ވިޔަފާރީގެ އުޞޫލުތަކަށާއި ކޮންޓްރެކްޓުގެ ހަމަތަކަށް ރިޢާޔަތް ކުރެވިގެންކަމެވެ.
ޙުކުމް:
[22]ވީމާ، އިސްވެބަޔާން ކުރެވުނު ޤާނޫނީ އުޞޫލުތަކަށާއި ސަބަބުތަކަށް ރިޢާޔަތް ކުރާއިރު، ރީތިރަށް ރިސޯޓަށް މުޙައްމަދު އިބްރާހިމް ސަޕްލައިކުރި ކުދި ގަސްތަކާއި ގުޅިގެން ރީތިރަށުން މުޙައްމަދު އިބްރާހިމްގެ ނަމުގައި ދޫކޮށްފައިވާ ލިޔުންތަކަށް ބަލާއިރު، ރީތިރަށަށް މުޙައްމަދު އިބްރާހިމް ސަޕްލައި ކޮށްފައިވާ ކުދިގަސްތަކަކީ މުވައްޒަފެއްގެ ހައިސިއްޔަތުން ކޮށްފައިވާ މަސައްކަތެއް ނޫންކަަން، އަދި އިންޑިޕެންޑެންޓް ކޮންޓްރެކްޓަރެއްގެ ހައިސިއްޔަތުން ކޮށްފައިވާ މަސައްކަތެއްކަން އެލިޔުންތަކުން ސާބިތުވާތީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/22 ޤަޟިއްޔާގައި މިނުކުތާއަށް ރިޢާޔަތް ކުރެވިފައި ވަނީ ޤާނޫނީ ހަމަތަކާއި އެއްގޮތަށްކަމަށް މިމައްސަލަ ބެލި މިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/22 ޤަޟިއްޔާއަށް ތާއީދުކޮށްފީމެވެ.
ފަނޑިޔާރު މުޖްތާޒު ފަހުމީފަނޑިޔާރު އަބްދުﷲ ޢަރީފްފަނޑިޔާރު އަޙުމަދު ފާއިޒު ޙުސައިން
- ބެންޗު
- މުޖުތާޒް ފަހުމީ (ރިޔާސަތު)، ޢަބްދުﷲ ޢަރީފް، އަޙްމަދު ފާއިޒު ޙުސައިން
- ރިޔާސަތު
- މުޖުތާޒް ފަހުމީ
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 9 ނޮވެމްބަރު 2008 · ރަޖިސްޓްރީކުރީ 9 ނޮވެމްބަރު 2008 · ނިމުނީ 3 ސެޕްޓެމްބަރު 2009 (9.8 މަސް)