ސައިޓޭޝަން ކޮޕީ ކުރުމަށް
2014/HC-A/242
ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑް ވ. މަޢުރޫފް ޛާކިރު، 2014/HC-A/242
Reethirash Risoat Private Limited v. Mauroof Zaakiru 2014/HC-A/242 (2014/HC-A/242, High Court of the Maldives, 16 November 2016)
ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑް ވ. މަޢުރޫފް ޛާކިރު
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން، ރީއިންސްޓޭޓް ކުރުމަކީ ކަރުދާހެއްގައި ލިޔުމުން ފުރިހަމަވާ ކަމެއް ނޫންކަމަށާއި ކުންފުނިން ހެޔޮނިޔަތުގައި ޙުކުމް ތަންފީޛުކޮށްފައި ނުވާކަމަށް ކަނޑައަޅައި، 30 ދުވަހުގެ ތެރޭގައި ކުރީގެ ވަޒީފާއަށް ރުޖޫޢަކޮށް ނުދެވި އޮތް މުސާރައާއި ޢިނާޔަތް ދިނުމަށް ޙުކުމްކުރިއެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ 21/VTR/2009 ނިންމުމާއި މަދަނީ ކޯޓުގެ 2788/MC/2009 ޙުކުމުން، މަޢުރޫފް ޛާކިރު ކުރިން ހުރި ސީނިއަރ ހެޑްވެއިޓަރގެ މަޤާމަށް ރުޖޫޢަކޮށް މުސާރައާއި ޢިނާޔަތާއި ބަދަލު ދިނުމަށް ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވިއެވެ. ކުންފުނިން ފައިސާ ދީ، ކުރީގެ މަޤާމަށް ރުޖޫޢަކުރިކަމަށް ސިޓީ ފޮނުވުމަށްފަހު މާލޭ އޮފީހުގެ ލޮޖިސްޓިކް ކޯޑިނޭޓަރގެ މަޤާމަކަށް ބަދަލުކުރުމުން، ޙުކުމް ތަންފީޛުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ދަޢުވާކުރިއެވެ.
ކުންފުނިން ބުނީ ޙުކުމް ތަންފީޛުކޮށް ނިމިފައިވާ ކަމަށާއި، 'ރީއިންސްޓޭޓް' ގެ މާނައެއް ޤާނޫނުގައި ނެތް ކަމަށާއި، މަޤާމު ބަދަލުކުރުމަކީ ޓްރައިބިއުނަލުގެ މައްސަލައިގެ މައުޟޫޢާ ތަފާތު އައު މައްސަލައެއް ކަމުން ސިވިލް ކޯޓަށް އިޚްތިޞާޞް ނެތް ކަމަށާއި، ޓްރައިބިއުނަލުން ކަނޑައެޅި މިންވަރަށްވުރެ ގިނައިން މުސާރަ ދިނުމަށް ޙުކުމްކުރި ކަމަށެވެ. މުވައްޒަފު ބުނީ ކުރީގެ މަޤާމަށް ރުޖޫޢަކޮށްފައި ނުވާ ކަމަށެވެ.
މައިގަނޑު ސުވާލު
ވަޒީފާއާބެހޭ ޓްރައިބިއުނަލުން މުވައްޒަފަކު ވަޒީފާއަށް ރުޖޫޢަކުރުމަށް ނިންމި ނިންމުން ތަންފީޛުކުރުމުގެ މައްސަލައެއްގައި، މުވައްޒަފު ކުރިން ހުރި މަޤާމަށް ރުޖޫޢަކުރުމަށްފަހު އެހެން މަޤާމަކަށް ބަދަލުކުރުމާ ގުޅޭ ޚިލާފަކީ ސިވިލް ކޯޓުގެ އިޚްތިޞާޞް ހިނގާ ކަމެއްތޯއާއި، 'ރީއިންސްޓޭޓް' ކުރުމުގެ މާނައަކީ ކޮބައިތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު
ޙުކުމްގައިވާ ފައިސާ ދީ، ކުރީގެ މަޤާމަށް ރުޖޫޢަކުރިކަން އެންގުމުން ޙުކުމް ތަންފީޛުވެ ނިމިފައިވެއެވެ. އޭގެ ފަހުން މަޤާމު ބަދަލުކުރުމާ ގުޅޭ ޚިލާފަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އިޚްތިޞާޞް ހިނގާ ކަމެއް ކަމުން، ސިވިލް ކޯޓުން ގޮތެއް ކަނޑައެޅީ އެ ކޯޓުގެ އިޚްތިޞާޞް ނުހިނގާ ކަމެއްގައެވެ.
ކަނޑައެޅުނު އުޞޫލުތައް
- ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުމުގައި މުވައްޒަފަކީ ވަކިވެފައިވާ މުވައްޒަފެއްކަމުގައި ނުބެލުމަށް އަންގާފައިވާނަމަ، އެމައްސަލަ ޓްރައިބިއުނަލުން ނިންމި ތާރީޚުން ފެށިގެން ވަޒީފާއަށް ޢަމަލީގޮތުން މުވައްޒަފު ނެރެންދެން، އޭނާ ވަޒީފާއަށް ނިކުމެ ޢަމަލީގޮތުން މަސައްކަތް ނުކުރިނަމަވެސް އޭނާ އެހުރީ މުވައްޒަފެއްގެ ޙައިސިއްޔަތު ލިބިގެންވާ ގޮތުގައި ކަމަށް ބަލަންޖެހޭނެއެވެ. ޢަމަލީގޮތުން މަސައްކަތަށް ނުކުތުމަށް އެންގުމުގެ ފަހަށް ވަޒީފާދޭ ފަރާތުގެ މުވައްޒަފުންގެ މައްޗަށް ހިންގޭ އެންމެހައި އުސޫލުތައް އޭނާގެ މައްޗަށްވެސް ހިނގާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ރ))
- ވަޒީފާއާބެހޭ ޤާނޫނުގައިވެސް އަދި ވަޒީފާއާބެހޭ ޤަވާޢިދެއްގައިވެސް 'ރީއިންސްޓޭޓް' ނުވަތަ ވަޒީފާ އަނބުރާ ރުޖޫޢަކުރުމަކީ ކޮބައިކަން ބަޔާންކޮށްދީފައިނެތުމުން، ވަޒީފާ އަނބުރާ ރުޖޫޢަކުރުމަކީ ކޮބައިކަން ކަނޑައެޅުމުގައި މައްސަލައިގެ ވަށައިގެން ހުރި ކަންކަމުގެ މައްޗަށް ބަލައި، އެއީ ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުންކަން ނުވަތަ ނޫންކަން ކަނޑައެޅިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ރ))
- ވަޒީފާއާބެހޭ މިފަދަ މައްސަލަތަކުގައި ވަޒީފާ އަނބުރާ ރުޖޫޢަކުރުމުގެ ޙަޤީޤީ މަޤްޞަދަކަށްވާންވާނީ މުވައްޒަފަކަށް ވަޒީފާގެ ޔަޤީންކަން ކަށަވަރުކުރެވުމާއެކު، އެމީހަކު ކުރިން އަދާކުރަމުންދިޔަ ވަޒީފާގައި ލިބެމުންދިޔަ އެންމެހައި މުސާރައާއި ޢިނާޔަތްތައް އެގޮތުގެ މަތިން އަލުން ލިބުމަށް މަގުފަހިކުރުމެވެ. ވަޒީފާއަކަށް އަނބުރާ ރުޖޫޢަކުރުން މާނަކުރާއިރު، ވަޒީފާދޭ ފަރާތާއި މުވައްޒަފުގެ ޙައްޤުތަކަށްވެސް އުނިކަން ނާންނާނެ ގޮތެއްގެ މައްޗަށް، އެދެފަރާތުގެ ޙައްޤުތައްވެސް ޙިމާޔަތްކުރެވިދާނެ ގޮތެއްގެ މައްޗަށް އެކަން މާނަކުރަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ރ))
- ހޭދަވެފައިވާ މުއްދަތަށާއި، އެފަދަ މަޤާމެއް ވަޒީފާދޭ ފަރާތުގައި އެހިނދަށް އޮތްކަން ނުވަތަ ނޫންކަމުގެ މައްޗަށާއި، ހުސްވެފައިވާ މަޤާމަށް އެހެން މީހަކު ޢައްޔަންކުރެވިފައިވާނަމަ އެކަމުގެ މައްޗަށް ރިޢާޔަތްކޮށްބަލައި، ރީއިންސްޓޭޓް ކުރުމަކީ ނުވަތަ ވަޒީފާ އަނބުރާ އިޢާދަކުރުމަކީ ކޮންމެހެން މުވައްޒަފަކު ކުރިން ހުރި މަޤާމަށް އަނބުރާ އިޢާދަކުރުން ނޫންކަމުގައިވެސް ބެލިދާނެއެވެ. އެހެންނަމަވެސް ވަޒީފާދޭ ފަރާތުން މުވައްޒަފަށް އެހެން ވަޒީފާއެއް ހުށަހަޅާއިރު، ކުރިން ހުރި ވަޒީފާގައި ލިބެމުންދިޔަ މުސާރައާއި ޢިނާޔަތްތަކާއި އެފަދަ އެހެނިހެން ކަންކަމަށް އުނިކަން އައިސްފައިވޭތޯ ބަލައި، އެއީ ވަޒީފާ އަނބުރާ އިޢާދަކުރީކަމުގައި ނުވަތަ ނޫންކަމުގައި ކަނޑައެޅިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ރ))
- މުވައްޒަފަކީ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް ނުބެލުމަށް ކަނޑައަޅައި، އަނބުރާ ވަޒީފާއަށް ނިކުންނަންދެން ލިބެންޖެހޭ މުސާރައާއި ޢިނާޔަތްތައް ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުންނާއި ކޯޓުން އެންގި އެންގުމާއި އެއްގޮތަށް އެ މުސާރައާއި ޢިނާޔަތްތައް ލިބިދެވުމަށްފަހު، އަނބުރާ ވަޒީފާއަށް ނިކުތުމަށް ވަޒީފާދޭ ފަރާތުން މުވައްޒަފަށް އެންގުމުން، ވަޒީފާދޭ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލާއި ކޯޓުގެ ޙުކުމާއި އެއްގޮތަށް އެހިނދަށް ޢަމަލުކޮށް ނިމުނީކަމުގައި ބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ބ))
- ކުރިން އަދާކުރަމުންދިޔަ މަޤާމަށް ހަމަޖެއްސުނުކަން އެންގުމުގެ ފަހުން މުވައްޒަފު އެހެން މަޤާމަކަށް ބަދަލުކުރިކަމަށް ބުނާ ބުނުމާއި، ފަހުން ބަދަލުކުރި މަޤާމަކީ މަޤާމު ރުޖޫޢަކުރުން ނޫންކަމަށް ބުނާ ބުނުމާއި، ފަހުން ބަދަލުކުރެވުނު މަޤާމުގެ މުސާރައާއި ޢިނާޔަތްތަކާއިމެދު ހިތްހަމަ ނުޖެހުމާއި، މިފަދަ ކަންކަމަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އިޚްތިޞާޞް އެހިނދުން ފެށިގެން ހިނގާނެ ވަޒީފާއާގުޅޭ ކަންތައްތަކެކެވެ. އެކަންކަމަކީ ސިވިލް ކޯޓުގެ އިޚްތިޞާޞް ހިނގާނެ ކަންކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ބ))
- ވަޒީފާއާބެހޭ ޤާނޫނު
- ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާ އަދި 29 ވަނަ މާއްދާގެ (ރ) (ތަންފީޛުކުރަން އެދުނު މަދަނީ ކޯޓުގެ ޙުކުމުގައި)
- ބެންޗު
- ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް