ސައިޓޭޝަން ކޮޕީ ކުރުމަށް
[2021] SC 31
ޢަބްދުލްމުޢިޒް މުޞްޠަފާ ވ. ދައުލަތް (މިނިސްޓްރީ އޮފް ޑިފެންސް)، [2021] SC 31 (2019/SC-A/34)
Abdhulmuiz Mustafaa v. State (Ministry of Defence) [2021] SC 31 (2019/SC-A/34, Supreme Court of the Maldives, 18 March 2021)
ޢަބްދުލްމުޢިޒް މުޞްޠަފާ ވ. ދައުލަތް (މިނިސްޓްރީ އޮފް ޑިފެންސް)
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން ކަނޑައެޅީ ވަޒީފާއިން ވަކިކުރި ނިންމުން ބާޠިލުކުރާނެ ތަނެއް ނެތް ކަމަށެވެ. ހައިކޯޓުން ސިވިލް ކޯޓުގެ ޙުކުމް ޤާއިމުކޮށް، ވަކިކުރުމަކީ ސިފައިންގެ ޤާނޫނުގެ 31 ވަނަ މާއްދާގެ ދަށުން ކުރެވިދާނެ ކަމެއް ކަމަށާއި ސިފައިންގެ ގަވާއިދުތައް ސިފައިންގެ ތެރޭގައި ޢާންމުކޮށް ޝާއިޢުކުރެވިފައިވާ ކަމަށް ކަނޑައެޅިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކެޕްޓަނެއްގެ ގޮތުގައި ހުރި އިސްތިއުނާފުކުރި ފަރާތް، ސިފައިންގެ ތެރޭގައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކުރި ކަމަށް ބުނެ ސިފައިން ކުރާ ކުށްތަކަށް އިދާރީ އަދަބު ދިނުމާބެހޭ ގަވާއިދުގެ ދަށުން 2013 ނޮވެންބަރު 30 ގައި ވަޒީފާއިން ވަކިކުރިއެވެ. ނެޗުރަލް ޖަސްޓިސް އަދި ޑިއު ޕްރޮސެސް ލިބިނުދީ ވަކިކުރި ކަމަށް ބުނެ ވަކިކުރުން ބާޠިލުކޮށް ވަޒީފާ އަނބުރާ ދިނުމަށް އެދި ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ތުހުމަތު އަންގައި ޖަވާބުދާރީވުމުގެ ފުރުޞަތު ނުދީ ވަކިކުރި ކަމަށާއި، މުސާރައާއި ޢިނާޔަތްތަކާއެކު ވަޒީފާ އަނބުރާ ދޭން އެދުނެވެ. ދައުލަތުން ސުޕްރީމް ކޯޓުގައި އިޤްރާރުވީ ވަކިކުރިއިރު އިޖުރާއީ ޢަދުލުވެރިކަން ކަށަވަރުވެފައި ނުވާ ކަމަށެވެ. ނަމަވެސް ބަދަލު 1 އަހަރުގެ މުސާރައާއި ޢިނާޔަތްތަކަށް މަޙްދޫދުކުރަން ދައުލަތުން އެދުނެވެ.
މައިގަނޑު ސުވާލު
ބޭއިންސާފުން ވަޒީފާއިން ވަކިކުރެވުނު މުވައްޒަފަކަށް ދެވޭ ގެއްލުމުގެ ބަދަލު، ދައުލަތުން ހުށަހެޅި ގޮތަށް 1 އަހަރުގެ މުސާރައާއި ޢިނާޔަތްތަކަށް މަޙްދޫދުކުރެވޭތޯއާއި، ބަދަލުގެ މިންވަރު ކަނޑައަޅަންވީ ކޮން ހަމަތަކެއްގެ މައްޗަށްތޯ.
ނިންމި ގޮތް
ހައިކޯޓުގެ ޙުކުމް ބާޠިލު؛ ވަޒީފާއަށް ރުޖޫޢަކުރަން (އިއްތިފާޤުން)
ސުޕްރީމް ކޯޓުން ކަނޑައެޅީ ރާއްޖޭގެ ޤާނޫނެއްގައި ބަދަލުގެ މިންވަރު މަޙްދޫދުކޮށްފައި ނުވާތީ ބަދަލު 1 އަހަރަށް މަޙްދޫދުކުރެވޭނެ ހަމައެއް ނެތް ކަމާއި، ބަދަލު ކަނޑައަޅަންވާނީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާއާއި އަސްފާޤު ވަޙީދުގެ މައްސަލައިގެ ހަމަތަކާއި ކޯޓުން ބަޔާންކުރި ކަންކަމަށް ރިޢާޔަތްކޮށް ކަމެވެ. ދައުލަތުން ވަކިކުރުމަކީ ގަވާއިދާ ޚިލާފު ކަމެއް ކަމަށް އިޤްރާރުވީތީ ހައިކޯޓުގެ ޙުކުމް ބާޠިލުކޮށް، އިސްތިއުނާފުކުރި ފަރާތް ވަޒީފާއަށް ރުޖޫޢަކުރުމަށް އަންގައި، ޢަދުލުވެރި ބަދަލު ޙައްޤުވާ ކަމަށް ކަނޑައެޅިއެވެ. ބަދަލުގެ މިންވަރު ކަނޑައެޅުމަށް އިޚްތިޞާޞް ލިބިގެންވާ ކޯޓަކަށް މައްސަލަ ހުށަހެޅިދާނެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ދިވެހިރާއްޖޭގައި ވަޒީފާއާބެހޭ ޤާނޫނުގައި ނުވަތަ އެނޫން ޤާނޫނެއްގައިވެސް ބަދަލުގެ މިންވަރު މަޙުދޫދު ކުރެވިފައި ނުވާތީވެ، މުވައްޒަފަކު ބޭއިންސާފުން ވަޒީފާއިން ވަކިކުރެވޭ ހިނދު، ނަގައިދެވޭ ބަދަލު، މަޙުދޫދު ކުރެވިފައި ނުވާކަމަށް ބަލަން ޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [53])
- ބޭއިންސާފުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން މުވައްޒަފަށް ލިބިދެވޭ ބަދަލުގެ މިންވަރާ ގުޅޭގޮތުން، ދިވެހިރާއްޖޭގައި ބަޔާންކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނު ގެ 29 ވަނަ މާއްދާގެ (ރ) ގައެވެ. އެ މާއްދާގައި ބަޔާންކޮށްފައިވަނީ ބަދަލުދިނުމުގެ އަމުރެއް ނެރުމުގައި ބަދަލުދޭންޖެހޭ މިންވަރު ކަނޑައަޅާނީ އެކަށީގެންވާ ކަމަށް އަދި އަދުލުވެރިކަމަށް ފެންނަ ޢަދަދަކަށް ކަމަށެވެ. މިފަދައިން ޢަދަދު ކަނޑައެޅުމުގައި ވަޒީފާއިން ވަކިކުރުމުގައި ވަޒީފާދޭ ފަރާތުން ޢަމަލުކުރި ގޮތުން އެ މުވައްޒަފަކަށް ސީދާ ލިބުނު ގެއްލުމަށާއި އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ދިމާވި މުވައްޒަފު ކުރި ޢަމަލެއްގެ ސަބަބުން ކަމަށްވާނަމަ އެކަމުގައި އޭނާ ބައިވެރިވާ މިންވަރަށް ރިޢާޔަތްކުރަންވާނެ ކަމަށް މި މާއްދާގައި ބަޔާންކޮށްފައިވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [55])
- ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނުވަތަ ޝަރުޢީ ކޯޓަކުން އަމުރުކުރާއިރު އެ މުވައްޒަފަކަށް އެ މުއްދަތުގެ ތެރޭގައި ގެއްލިފައިވާ މުސާރައާއި ޢިނާޔަތްތައް އެ ޓްރައިބިއުނަލުން ނުވަތަ ކޯޓުން ކަނޑައަޅާ ގޮތެއްގެމަތިން ދޭން އަމުރުކުރުމަކީ ވަޒީފާއާބެހޭ ޤާނޫނު ގެ 29 ވަނަ މާއްދާގެ (ހ) ގެ (1) ގައިވާ ގޮތަށް އެ މުވައްޒަފެއްގެ ވަޒީފާ ދެމިގެންދާކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށާއި، ނަމަވެސް، މުޅި މުއްދަތުގެ ތެރޭގައި އެ މުވައްޒަފަކަށް ގެއްލިފައިވާ އެންމެހާ މުސާރަ އާއި ޢިނާޔަތްތައް ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކުގައި ނަގައި ދިނުމަކީ ކޮންމެހެން ލާޒިމުކަމެއް ނޫން ކަމަށް ބަޔާންކޮށްފައިވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [56])
- ވަޒީފާ އަލުން އަނބުރާ ދިނުމަށް ކޯޓުން އަމުރު ކުރާއިރު، ވަޒީފާ އަލުން ދިނުމާދެމެދު ހިނގާފައިވާ މުއްދަތަށް ގެއްލުމުގެ ބަދަލު ދިނުމަށް އަމުރުކުރުމުގައި އެ މުވައްޒަފަކަށް ބޭއިންސާފު މުއްސަނދި ކަމެއް ލިބޭ ގޮތަށް އެފަދަ އަމުރެއް ކުރުމަކީ އިންސާފުވެރި ގޮތެއް ނޫންކަމުގައެވެ. ޚާއްސަކޮށް އެ މީހަކު އެހެން ވަޒީފާއެއް އަދާކޮށް ނުވަތަ އެނޫންވެސް ގޮތަކަށް އާމްދަނީ ހޯދަމުން ގެންގޮސްފައިވާނަމަ ނަގައިދޭނެ މުސާރައާއި ޢިނާޔަތްތަކުގެ މިންވަރު ކަނޑައެޅުމުގައި އެކަންކަމަށް ރިޢާޔަތްކުރަންވާނެ ކަމުގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [56])
- މުވައްޒަފު ވަޒީފާއިން ވަކިކުރުމުގައި، އިޖުރާއީ ޢަދުލާއި، މައުޟޫޢީ ޢަދުލު ޤާއިމު ކުރެވިފައި ނުވާކަން ސާބިތުވާހިނދު، ބަދަލުގެ މިންވަރު ވަޒީފާއާބެހޭ ޓްރައިބިއުނަލުންނާއި ޝަރުޢީ ކޯޓުތަކުން ކަނޑައެޅުމުގައި ހުށަހެޅޭ ކޮންމެ މައްސަލަ އެއްގައި އެ މައްސަލައިގެ ޙަޤީޤަތްތަކުގެ މައްޗަށް ބިނާކޮށް ތިރީގައިވާ ކަންކަމަށް ރިޢާޔަތް ކުރެވިދާނެއެވެ. … (ނ) މުވައްޒަފު ވަޒީފާއިން ވަކިކުރެވުނުއިރު ލިބެމުންދިޔަ މުސާރަ އާއި ޢިނާޔަތް. (ރ) ވަޒީފާއިން ވަކިކުރުމުގައި ވަޒީފާދޭ ފަރާތުގެ ބޭއިންސާފު ޢަމަލުތައް ހުރި ގޮތް. (ބ) ވަޒީފާއިން ވަކިކުރެވުނު ފަރާތުގެ ޢުމުރަށް ރިޢާޔަތްކޮށް އެހެން ވަޒީފާއެއް އަދާކުރެވިދާނެތޯ. (ޅ) ވަޒީފާއިން ވަކިކުރަންޖެހުނީ އެ މުވައްޒަފެއްގެ ވެސް ކޮންމެވެސް ވަރެއްގެ ނުރަނގަޅު ޙިއްޞާއެއް ނުވަތަ އިޙުމާލެއް އޮވެގެންތޯ. (ކ) ގެއްލުމުގެ މިންވަރު ކުޑަކުރުމުގެ ގޮތުން ވަޒީފާއިން ވަކިކުރި ފަރާތުން އެއްވެސް މަސައްކަތެއް ކުރިތޯ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [57]–[62])
- (އ) ވަޒީފާއަށް ރުޖޫޢަކުރާ ޙާލަތްތަކުގައި ވަޒީފާއަށް ރުޖޫޢަކުރުމަކީ އަސާސީ ޙައްލުކަމާއި އަދި އެ ފަރާތަށް އެ ޙައްލު ލިބިދިނުމުގެ އިތުރުން، ބަދަލު ދިނުމުގެ ސަބަބުން ނުޙައްގު ނުވަތަ ބޭއިންސާފު މުއްސަނދިކަމެއް ލިބޭތޯ. (ވ) ބަޔާންވެދިޔަ ކަންކަމުގެ މައްޗަށް ރިޢާޔަތް ކުރެވިގެން ބަދަލުގެ މިންވަރު ކަނޑައެޅޭއިރު ލިބެމުންދިޔަ މުސާރަ އާއި ޢިނާޔަތްތަކުގެ މައްޗަށް އެކަނި ބަލައި ބަދަލުގެ މިންވަރު ހިސާބު ކުރާނީ ތޯ ނުވަތަ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނީ ޤާނޫނުން ލިބިގެންވާ ޙައްޤެއް ބޭނުން ކުރީތީވެ ކަން ސާބިތުވާ ހިނދު، އިތުރު ބަދަލެއް ވަޒީފާދޭ ފަރާތުން ނަގައިދޭން ޖެހޭތޯ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [63]–[64])
- މަދަނީ ޚުޞޫމަތެއްގައި ކޮންމެ މަރުޙަލާއެއްގައިވެސް އެ މައްސަލައެއްގައި ދެކޭގޮތް ބަދަލުވުމުގެ ފުރުޞަތު އޮތުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މި މައްސަލައިގެ އަސާސް ބިނާވަނީ ވަޒީފާގެ އެއްބަސްވުމަށް ކަމަށްވެފައި، ދެ ފަރާތުން ވަކިގޮތަކަށް ރުހޭ ހިނދު، އެއާ ޚިލާފަށް ޝަރީޢަތުން ގޮތެއް ކަނޑައެޅުމަކީ އިންސާފުވެރިގޮތެއް ކަމަކަށް ނުދެކެމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [66])
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ޝަރީޢަތް ނިމުނުގޮތް
[1]ޢަބްދުލްމުޢިޒް މުޞްޠަފާ ވ. ދައުލަތް (މިނިސްޓްރީ އޮފް ޑިފެންސް)
ފަނޑިޔާރުންގެ މަޖިލިސް
އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންނިމުނު ތާރީޚު
18 މާރޗް 2021
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
2016/HC-A/422
އިސްތިއުނާފު ރައްދުވާ ފަރާތް
އިސްތިއުނާފުކުރާ ފަރާތް
ދައުލަތް (މިނިސްޓްރީ އޮފް ޑިފެންސް)
ޢަބްދުލްމުޢިޒް މުޞްޠަފާ
ޤާނޫނީ ވަކީލު: ޙައްވާ ސަނާ
ޒުލައިޚާ އިބްރާހީމް
[2]އީމާނު ހާނީ ޤާނޫނީ ވަކީލު: މުޙައްމަދު ފައިޞަލް، ސިތާރާވާދީ، މ. މުލައް
[3]މަދަނީ – ބަދަލު ހޯދުން- ވަޒީފާއާބެހޭ - ސިފައިންގެ ވަޒީފާއިން ވަކިކުރުން- ނެޗްރަލް ޖަސްޓިސް – ޑިއު ޕްރޮސެސް ޕްރޮސީޖަރަލް ފެއަރނަސް- audi alteram partem (އޯޑި އަލްޓެރަމް ޕަރޓެމް)- ސަބްސްޓޭންޓިވް ޑިއު ޕްރޮސެސް ޤާނޫނަކުން ކަނޑައެޅޭ އިޖުރާއަތުތަކެއް ނެތި އެއްވެސް މީހަކު ޙައްޤަކުން މަޙުރޫމް ކުރުން ކޯޓުތަކުން ލިމިޓް ކުރުން
[4]ޢަބްދުލްމުޢިޒް މުޞްޠަފާ ވ. (ދައުލަތް) މިނިސްޓްރީ އޮފް ޑިފެންސް
އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)
ތަޢާރުފު
[5]ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ ޝަމާލުއާ ބައިވެރިވެގެން ޗީފް އޮފް ޑިފެންސް ފޯސްއަށް އެއްބާރުލުން ދޭންކަމަށްބުނެ ލިޔުން ތައްޔާރުކޮށް، އެހެން މީހުންގާތުގައި ބުނެފައިވާގޮތާ ޚިލާފަށް، ސިފައިންގެ ތެރޭގައި ހަމަނުޖެހުމާއި ބައިބައިވުން އުޅޭކަން ހާމަކުރުމުގެ ބޭނުމުގައި ސޯޝަލް މީޑިއާގައި އެލިޔުން ޢާންމުކޮށް، ޢަބްދުލް މުޢިޒް މުޞްޠަފާ (މީގެފަހުން: "ޢަބްދުލްމުޢިޒް މުޞްޠަފާ" ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް") ގެ ކޮމާންޑްކަމުގެ ދަށުގައިވާ ޓްރޫޕްސް ބޭނުންކޮށްގެން ނުރައްކާތެރި ޢަމަލުތަކެއް ހިންގުމުގެ ވިސްނުން ގެންގުޅެ އެކަން ރާވާފައިވާތީ ކަމަށްބުނެ، ސިފައިން ކުރާ ކުށްތަކަށް އިދާރީ އަދަބު ދިނުމާބެހޭ ގަވާއިދުގެ 2 ވަނަ ބާބުގެ 2 ވަނަ މާއްދާގެ 6 ވަނަ ނަންބަރާއި، 3 ވަނަ މާއްދާގެ 5 ވަނަ ނަންބަރާއި، 3 ވަނަ ބާބުގެ 34 ވަނަ މާއްދާގެ 4 ވަނަ ނަންބަރާ ހަވާލާދީ ޢަބްދުލްމުޢިޒް މުޞްޠަފާ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ގައި އަދާކުރަމުންދިޔަ ކެޕްޓަންއެއްގެ ވަޒީފާއިން 2013 ނޮވެންބަރ 30 ވަނަ ދުވަހު ވަކިކޮށްފައިވެއެވެ.
[6]ޢަބްދުލްމުޢިޒް މުޞްޠަފާ ވަޒީފާއިން ވަކިކުރުމަށް، 2013 ނޮވެންބަރ 30 ވަނަ ދުވަހު މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އިން ނިންމި ނިންމުމަކީ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ނިންމުންތަކާ ޚިލާފަށް ނެޗްރަލް ޖަސްޓިސް އަދި "ޑިއު ޕްރޮސެސް" ގެ އަސާސީ ޙައްޤުތައް ޢަބްދުލްމުޢިޒް މުޞްޠަފާއަށް ލިއްބައިނުދީ ނިންމާފައިވާ ނިންމުމަކަށްވާތީ އާއި، އެނިންމުމުގެ ޤާނޫނީ އަސާސް ނުވަތަ ބުރަދަން އުފަންކުރުވާ ޤަވާޢިދަކީ، ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ށ) ގައި ލާޒިމްކުރާ ފަދައިން ޢާންމުކޮށް ޝާއިޢު ކުރެވިފައި ނުވާ ގަވާއިދަކަށްވާތީ، 30 ނޮވެންބަރ 2013 ގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ޢަބްދުލްމުޢިޒް މުޞްޠަފާ ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ނިންމުން ބާޠިލް ކޮށްދިނުމަށާއި، ޢަބްދުލްމުޢިޒް މުޞްޠަފާގެ ވަޒީފާ އަލުން އިޢާދަކުރުމަށް ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ) ގެ މައްޗަށް އަމުރު ކޮށްދިނުމަށް އެދި ޤާނޫނުއަސާސީގެ 65 ވަނަ މާއްދާގެ ދަށުން ޢަބްދުލްމުޢިޒް މުޞްޠަފާ ސިވިލްކޯޓުގައި ދަޢުވާކުރިއެވެ.
[7]ސިވިލް ކޯޓަށް ޢަބްދުލްމުޢިޒް މުޞްޠަފާގެ ފަރާތުން މައްސަލަ ހުށަހަޅާފައިވަނީ 2014 ޖެނުވަރީ 29 ވަނަ ދުވަހުއެވެ. ސިވިލް ކޯޓުން މައްސަލަ ބެލުމަށްފަހު، މައްސަލަ ނިންމާފައި ވަނީ 2016 ޖުލައި 04 ވަނަ ދުވަހުއެވެ. ސިވިލް ކޯޓުން މި މައްސަލަ ބަލާފައި ވަނީ އެ ކޯޓުގެ ނަންބަރު 279/Cv-C/2014 ޤަޟިއްޔާއިންނެވެ.
[8]ޢަބްދުލްމުޢިޒް މުޞްޠަފާގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 279/Cv-C/2014 ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ހައިކޯޓުގައި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2016/HC-A/422 ޤަޟިއްޔާއިންނެވެ. ހައިކޯޓުން އެ މައްސަލައިގެ ޙުކުމްކޮށްފައިވަނީ 2018 ނޮވެންބަރު 27 ވަނަ ދުވަހުއެވެ.
[9]މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/422 ޤަޟިއްޔާ ނިންމާފައިވާ ގޮތާމެދު ހިތްހަމަނުޖެހިގެން، ޢަބްދުލްމުޢިޒް މުޞްޠަފާގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުން އެ މައްސަލަ ބެލި ޤަޟިއްޔާއެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމާފައިވާގޮތް
[10]ސިވިލް ކޯޓުގެ ނަންބަރު 279/Cv-C/2014 ޤަޟިއްޔާ އެ ކޯޓުން، ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބަލައެވެ.
[11]މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ވަޒީފާއިން 30 ނޮވެންބަރު 2013 ގައި އެ މިނިސްޓްރީގެ ކެޕްޓަން ކަމުގެ މަޤާމުގައި ހުރި ޢަބްދުލްމުޢިޒް މުޞްޠަފާ ވަކިކޮށްފައިވާކަމާއި، ވަޒީފާއިން ވަކިކޮށްފައިވަނީ، ސިފައިންގެ ތެރޭގައި ހަމަނުޖެހުމާއި، ބައިބައިވުން އުޅޭނެކަން ހާމަކުރުމާއި، ސޯޝަލް މީޑިޔާގައި އެލިޔުން ޢާންމުކޮށް މީނާގެ ކޮމާންޑުކަމުގެ ދަށުގައިވާ ޓްރޫޕްސް ބޭނުންކޮށްގެން ނުރައްކާތެރިކަމުގެ ޢަމަލުތަކެއް ހިންގުމުގެ ވިސްނުން ގެންގުޅެ އެކަން ރާވާފައިވާތީ، ސިފައިން ކުރާ ކުށްތަކަށް އިދާރީ އަދަބު ދިނުމާބެހޭ ގަވާއިދުގެ 2 ވަނަ ބާބުގެ 2 ވަނަ މާއްދާގެ (6) ވަނަ ނަންބަރާއި، 3 ވަނަ މާއްދާގެ (5) ވަނަ ނަންބަރާއި 3 ވަނަ ބާބުގެ (34) ވަނަ މާއްދާގެ (4) ވަނަ ނަންބަރުގައިވާ ގޮތުގެ މަތިންކަމަށް ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުމުން އެނގެން އޮންނަކަން.
[12]2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމަށް ތަބާ ނުވެ، އެ ނިންމުމަކީ ސިފައިންގެ ޤާނޫނީ މަސްއޫލިއްޔަތު އަދާކުރުމުގައި ބޮޑެތި މައްސަލަތަކާ ދަތިތަކާ ކުރިމަތިލާންޖެހިދާނެ ކަމެއްކަމަށް ބަޔާންކޮށް ލިޔެ، އޭރު ސިފައިންގެ ބްރިގޭޑިޔާ ޖެނެރަލެއްގެ މަޤާމުގައި ހުރި ޢަބްދުﷲ ޝަމާލްއާ ބައިވެރިވެގެން ތައްޔާރުކޮށްފައިވާ ޕެޓިޝަނެއްގައި ޢަބްދުލްމުޢިޒް މުޞްޠަފާ ސޮއިކޮށްފައި އޮންނަކަން.
[13]މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއަށް ލިބިފައިވާ ކޯހެއްގައި ބޭރުގައި ހުރެ ދައުލަތުގެ އިސް ވެރިންނާ ސިފައިންގެ އިސް ވެރިންނާ ސިފައިންގެއަށް ރައްދުވާގޮތަށް ބޭއަދަބީ ބަހުރުވައިން ސޯޝަލް މީޑިޔާގައި ލިޔެ އަގު ވައްޓާލުމުގެ ގޮތުން މަސައްކަތް ކޮށްފައިވާކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގޭކަން.
[14]ސިފައިންގެ ޤާނޫނުގެ 33 ވަނަ މާއްދާގައި ބަޣާވާތްކުރުމާއި ފިތުނަ އުފެއްދުމަކީ ކުށެއްކަމުގައި ބަޔާންވެފައިވާކަން.
[15]ޤާނޫނުއަސާސީގެ 237 ވަނަ މާއްދާގައި ސަލާމަތީ ޚިދުމަތްތަކުން ދިވެހިރާއްޖޭގެ އަމިއްލަ ވެރިކަން ރައްކާތެރިކޮށް ސަރަޙައްދުގެ ރައްކާތެރިކަން ދަމަހައްޓައި، ޤާނޫނުއަސާސީ އާއި ދީމިޤުރާތީ މުއައްސަސާތައް ޙިމާޔަތްކޮށް، ޤާނޫނު ދަމަހައްޓައި، ތަންފީޛުކޮށް، އަމަންއަމާންކަން ދަމަހައްޓައި، އަދި ކުއްލި ޙާލަތްތަކުގައި ސަލާމަތީ ޚިދުމަތްތަކުން އެހީތެރިވެދޭންވާނެކަމަށް ބަޔާންކޮށްފައިވާކަން.
[16]ޤާނޫނުއަސާސީގެ 243 (ހ) ގައި ސިފައިންގެ ޙިދުމަތްތަކުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއާއި ދިވެހިރާއްޖޭގެ ސަރަޙައްދާއި، ދިވެހިރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދާއި، ރައްޔިތުން ރައްކާތެރިކޮށް ޙިމާޔަތް ކުރުން ކަމަށް ބަޔާންކޮށްފައިވާކަން.
[17]ޤާނޫނުއަސާސީގެ 246 (ށ) ގައި ސަލާމަތީ ޚިދުމަތްތަކުގައި ހިމެނޭ މީހުން ސިޔާސީ އެއްވެސް ޙަރަކާތެއްގައި ބައިވެރިވުން މަނާކަން.
[18]ސިފައިންގެ ޢާންމު ގަވާއިދުގެ ފުރަތަމަ ބާބުގެ 6 ވަނަ މާއްދާގައި ސިފައިންގެ ވާޖިބުތަކުގެ ތެރޭގައި "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ދިވެހި ދައުލަތާއި އިސްލާމްދީން ދިފާޢުކުރުމުގައި ތެދުވެރިކަމާއި، އަމާނާތްތެރިކަމުގައި ދެމިތިބެ، ދުޝްމަނުންނާއި ބަޣާވާތްތެރިންގެ ކިބައިން ދިވެހިރާއްޖެ ސަލާމަތް ކުރުމުގައި ހަށިގަނޑާއި ފުރާނައިން ޤުރުބާންވުމަށް ތައްޔާރަށް ތިބުމާއި، ދިވެހިރާއްޖޭގެ ޤާނޫނާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބާ ކިޔަމަންތެރިވުމާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއަށާއި، ޤާނޫނަށާއި، ސިފައިންގެ ގަވާއިދުތަކަށާއި އުޞޫލުތަކަށާއި މިކަންކަމާއި އެއްގޮތަށް ވެރިން އަންގާ އެނގުންތަކަށާއި، ކުރާ އަމުރުތަކަށް ފަސްޖެހުމެއްނެތި ކިޔަމަންތެރިވާ ބައެއްކަމުގައިވުމާއި، ސިފައިންގެ ޢިއްޒަތާއި ކަރާމާތް ހިފެހެއްޓުމުގެ ގޮތުން ގެންގުޅޭ އެންމެހައި ރިވެތި އާދަކާދަތަކާއި، އުޞޫލުތަކާ އެއްގޮތަށް ޢަމަލުތައް ބެހެއްޓުމާއި، ޙަވާލުކުރެވޭ ކޮންމެ ރަސްމީ މަސައްކަތެއްވެސް ފަރުވާތެރިކަމާއި، ރައްކާތެރިކަމާއި އިޚްލާސްތެރިކަމާއެކު އަދާކުރުން ހިމެނިގެންވާކަން އެނގޭކަން.
[19]ސިފައިންގެ އާންމު ގަވާއިދުގެ ދެވަނަ ބާބުގެ 1 ވަނަ މާއްދާއަށް ބަލާއިރު، ސިފައިންނަކީ އަޚްލާޤާއި ސުލޫކުގެ ވަކި މިންގަނޑުތަކެއް ތެރޭގައި ޙަރަކާތްތެރިވާންޖެހޭ އަސްކަރީ ބައެއްކަމާއި، ސިފައިންގެ ޢިއްޒަތާއި ޤަދަރާއި ކަރާމާތް ގެއްލޭފަދަ އެއްވެސް ޢަމަލެއް ކޮށްގެން ނުވާނެ ބައެއްކަން އެނގެން އޮންނައިރު، އޭރުގެ ސިފައިންގެ ބްރިގޭޑިއާ ޖެނެރަލް މަޤާމުގައި ހުރި ޢަބްދުﷲ ޝަމާލު އާ ބައިވެރިވެގެން ކޮށްފައިވާ ކަންތައްތަކަކީ އެކަމުގެ ސަބަބުން ސިފައިންގެ ތެރޭގައި ފިތުނަ ފަސާދަ އުފެދި، ސިފައިންގެ ބަދަހި ސަފުތައް ރޫޅި، ސިފައިންގެ ޢިއްޒަތާއި ކަރާމާތް ގެއްލި ޤައުމުގައި އޮންނަންޖެހޭ ޞުލްޙަ މަސަލަސްކަން ގެއްލި މުޅި ޤައުމު ނުރައްކާތެރި ކަމުގެ ތެރެއަށް ހުށަހެޅިގެން ހިނގައިދާނެ ކަންތައްތަކެއް ކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭކަން.
[20]ސިފައިންކުރާ ކުށްތަކަށް އިދާރީއަދަބު ދިނުމާބެހޭ ގަވާއިދުގެ 2 ވަނަ ބާބުގެ 2 ވަނަ މާއްދާގައި؛ "ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު" އާ ޚިލާފުވެއްޖެނަމަ ދެވޭ އަދަބެއްގެ ގޮތުން ވަޒީފާއިން ވަކިކޮށް ޝަރީޢަތަށް ފޮނުވުން، ހިމެނިގެންވާކަން އެނގޭކަން.
[21]ސިފައިންކުރާ ކުށްތަކަށް އިދާރީ އަދަބު ދިނުމާބެހޭ ގަވާއިދުގެ 3 ވަނަ ބާބުގެ 34 ވަނަ މާއްދާގައި؛ މުވައްޒަފުންގެ މެދުގައި ހަމަނުޖެހުމެއް އުފެއްދުމަށް މަސައްކަތްކޮށްފިނަމަ ކަމުގެ ކުޑަބޮޑުމިނަށް ބަލައި އަދަބުތަކެއް ކަނޑައަޅައި، މިގޮތުން ކަނޑައަޅާ އަދަބުތަކުގެ ތެރޭގައި 4 ވަނަ އަދަބެއްގެ ގޮތުގައި "ވަޒީފާއިން ވަކިކޮށް ޝަރީޢަތަށް ފޮނުވުން" ހިމެނިގެންވާކަން އެނގޭކަން.
[22]ޤާނޫނު ނަންބަރު 2008/1 (ސިފައިންގެ ޤާނޫނު) ގެ 31 ވަނަ މާއްދާގައި؛ ވަޒީފާއަށް ފިލައިގެން ނުވަތަ އަޚްލާޤީ މައްސަލައެއް ދިމާވެގެން ވަޒީފާއިން ވަކިކުރުމުގެ އިޚްތިޔާރާއި ބާރު މިނިސްޓަރަށް ލިބިގެންވާކަން އެނގޭކަން.
[23]ވަޒިފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 2008/1 (ސިފައިންގެ ޤާނޫނު) ގެ 31 ވަނަ މާއްދާގައި ބަޔާންވެގެންވާގޮތުން، ސިފައިންގެ ވަޒީފާއިން ވަކިކުރުމުގެ އިޚްތިޔާރާ ބާރު މިނިސްޓަރަށް ލިބިފައިވާކަން އެނގެން އޮތުމުން، ވަޒީފާއިން ވަކިކުރުމަކީ، މިނިސްޓަރަށް ލިބިގެންވާ ބާރެއްކަން އެނގެން އޮތުމުން ވަޒީފާއިން ވަކިކޮށްފައިވަނީ ސިފައިންކުރާ ކުށްތަކަށް އިދާރީއަދަބު ދިނުމާބެހޭ ގަވާއިދުގެ 2 ވަނަ ބާބުގެ 2 ވަނަ މާއްދާގެ (6) ވަނަ ނަންބަރާއި، 3 ވަނަ މާއްދާގެ (5) ވަނަ ނަންބަރާއި 3 ވަނަ ބާބުގެ (34) ވަނަ މާއްދާގެ (4) ވަނަ ނަންބަރުގައިވާ ގޮތުގެ މަތިންކަމަށް އެނގޭކަން.
[24]ސިވިލް ކޯޓުން ފާހަގަކުރި ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ، ޢަބްދުލްމުޢިޒް މުޞްޠަފާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކެޕްޓަން ކަމުގެ ވަޒީފާއިން ވަކި ކުރުމަށް 30 ނޮވެންބަރ 2013 ގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން ނިންމާފައިވާ ނިންމުން ބާޠިލް ކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، ޢަބްދުލްމުޢިޒް މުޞްޠަފާގެ ފަރާތުން އެދިފައިވާ ގޮތަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ މައްޗަށް އަންގާނެ ތަނެއް ނެތްކަމަށެވެ.
[25]ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރި ނުކުތާތަކާއި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ގޮތް
[26]ސިވިލް ކޯޓުގެ ނަންބަރު 279/CV-C/2014 ޤަޟިއްޔާ އެ ކޯޓުން ބަލާ ނިންމާފައި ވަނީ ޝަރުޢީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، ދިވެހިރާއްޖޭގެ ހައިކޯޓަށް 02 (ދޭއް) ނުކުތާއެއް ޢަބްދުލްމުޢިޒް މުޞްޠަފާގެ ފަރާތުން ހުށަހެޅިއެވެ. އެއީ؛
[27]ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/35 ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/168 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ 'ނެޗުރަލް ޖަސްޓިސް' އަދި 'ޑިއު ޕްރޮސެސް' ގެ އުޞޫލަށް ރިޢާޔަތްކުރުމެއް ނެތި މައްސަލަ ނިންމަވާފައިވާ ކަމަށް ބުނެ ބުނެ ހުށަހެޅި ނުކުތާ.
[28]ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުޞޫލާއި އެއްގޮތްވާގޮތުގެ މަތީން ޝާއިޢުކޮށްފައިނުވާ ގަވާއިދެއްގެ ދަށުން ފިޔަވަޅުއަޅާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
[29]ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށެވެ.
[30]ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/35 ޤަޟިއްޔާގައި ހިމެނޭ މައްސަލައަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 180 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ސިވިލް ސަރވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ މެންބަރަކު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކުން ނިންމާފައިވާ ނިންމުމަކުން އެކޮމިޝަންގެ މެންބަރުކަމުން ވަކިކޮށްފައިވަނީ ޤާނޫނުއަސާސީއާ ޚިލާފަށް، ޤާނޫނުއަސާސީއިން ޤަރާރުކޮށްފައިވާ ދުސްތޫރީ މަބްދައުތަކާއި އުޞޫލުތަކުގެ ބޭރުންކަމަށްބުނެ އެމެންބަރުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެކޯޓުން ބައްލަވާ ޙުކުމް ކުރައްވާފައިވާ މައްސަލައެއްކަމާއި، އެ މައްސަލަ ބައްލަވާ ޙުކުމް ކުރެއްވުމުގައި ވަޒީފާއާބެހޭ މައްސަލަތަކުގައި ޢަމަލުކުރަންޖެހޭ ޤާނޫނަކަށް ގަވާއިދަކަށް އަދި ސިފައިންގެ ވަޒީފާއާ ގުޅިގެން ޢަމަލުކުރަންޖެހޭ އެއްވެސް ޤާނޫނަކަށް އަދި ގަވާއިދަކަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެއްވެސް ވަރަކަށް ރިޢާޔަތް ކުރައްވާފައިނުވާކަން.
[31]ޢަބްދުލްމުޢިޒް މުސްޠަފާގެ ފަރާތުން ހިންގާފައިވާ ޢަމަލުތަކަކީ، އެފަދަ މަޤާމެއްގައި ހުންނަ ފަރާތެއްގެ ހައިސިއްޔަތުން ކޮށްގެން ނުވާނެ ޢަމަލުތަކެއްކަން އެނގޭކަމާއި އަދި އެ ޢަމަލުތަކަކީ މަޤާމުގެ އިތުބާރު ގެއްލޭފަދަ ޢަމަލުތަކެއް ކަމަށްވާއިރު ޢަބްދުލްމުޢައްޒު މުސްޠަފާ ވަޒީފާއިން ވަކިކުރި ނިންމުން ބިނާކޮށްފައިވަނީ ޢަބްދުލްމުޢިޒް މުސްޠަފާ ހިންގާފައިވާ ޢަމަލުތަކާއި ގުޅިގެން ކަމަށްވާއިރު ބުނެވިދިޔަ ޢަމަލުތަކަކީ ސިފައިންގެ ވަޒީފާގައި ހުންނަ މީހެއްގެ ސުލޫކު ބަހައްޓަންޖެހޭ ގޮތާއި ޚިލާފު އަދި އެކަންކަމުގެ ސަބަބުން ފިތުނަ ފަސާދަ އުފެދި ސިފައިންނާއި ޤައުމުގެ އިސްވެރިންގެ މައްޗަށް އޮތް އިތުބާރު ގެއްލިގެން ހިނގައިދާނެ، އަދި ސަލާމަތީ ބާރުތަކުގެ މެދުގައި އޮންނަންޖެހޭ ބަދަހި ގުޅުމަށް ބުރޫއަރާ އެބައިމީހުންގެ މެދުގައި ބައިބައިވުން އުފެދުމުގެ އިޙްތިމާލުއޮތް ޢަމަލުތަކެއްކަން.
[32]މި ޙާލަތަކީ ސިފައިންގެ ޤާނޫނުގެ 31 ވަނަ މާއްދާގައި ބުނާ ފަދަ ޙާލަތެއްކަމާއި، އެހެންކަމުން ޢަބްދުލްމުޢިޒް މުސްޠަފާ އަދާކުރަމުންދިޔަ ވަޒީފާއިން އޭނާ ވަކިކުރި ނިންމުން ބިނާކޮށްފައިވާ ޙުއްޖަތުތަކަކީ އެފަދަ ނިންމުމެއް ނިންމުމަށް އެކަށީގެންވާ ޙުއްޖަތްތަކެއްކަން.
[33]ޤާނޫނެއް ނުވަތަ ގަވާއިދެއްވެސް ޢާންމުކޮށް ޝާއިޢުކުރުމުގެ މަޤްޞަދަކީ އޭގައި ބަޔާންކުރާ ކަންކަން އެމައްޗަށް ޢަމަލުކުރަންޖެހޭ ފަރާތްތަކަށް އެންގުން ކަމަށްވާއިރު، ސިފައިންގެ ޤާނޫނުގެ ދަށުން ހެދޭ ސިފައިންގެ ގަވާއިދުތަކަކީ ސިފައިންނަށް ހާއްސަކުރެވިގެން ސިފައިންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ބަޔާންކުރެވިފައިވާ ޤައުމީ މަސްލަހަތާ ގުޅުން ހުރި ގަވާއިދުތަކެއް ކަމަށްވާއިރު އެ ގަވާއިދުތަކަކީ ޢާންމުންނާއި ގުޅުންހުރި ގަވާއިދުތަކެއް ނޫންކަމާއި އެ ގަވާއިދުތައް މުޚާޠަބު ކުރަނީ ޚާއްޞަކޮށް ސިފައިންނަށް ކަމުން، އެ ގަވާއިދުތަކަށް ޢަމަލުކުރުން ލާޒިމުވަނީ ސިފައިންނަށްކަމާއި، އެ ގަވާއިދުތަކަކީ ޢާންމުކޮށް ހުރިހާ ސިފައިންނަށް ފެންނަން ހުންނާނެހެން ސިފައިންގެ މަރުކަޒުތަކުގައި ބެހެއްޓިފައި ހުންނަ ނޯޓިސް ބޯޑުތަކުގައި ބެހެއްޓިފައި ހުންނަ ގަވާއިދުތަކެއްކަމުން އެ ގަވާއިދުތަކަކީ ސިފައިންގެ ތެރޭގައި ޢާންމުކޮށް ޝާއިއުކުރެވިފައިވާ ގަވާއިދުތަކެއްކަމަށް ބަލަންޖެހޭކަން.
[34]ސިފައިންނަށް ހާއްސަކުރެވިގެން އެބައިމީހުން ޢަމަލުކުރުމަށް ހަދާފައިވާ ގަވާއިދުތަކަކީ އެއްވެސް އިރެއްގައި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވިފައިވާ ގަވާއިދުތަކަކަށް ނުވާކަމާއި، ނަމަވެސް އޭރުވެސް މިހާރުވެސް އެ ގަވާއިދުތަކަށް ރިޢާޔަތްކުރެވިގެން ސިފައިންގެ ވަޒީފާގެ މައްސަލަތައް ދިވެހިރާއްޖޭގެ ކޯޓުތަކުން ބަލައި ފައިސަލާ ކުރެވެމުން ގޮސްފައިވާކަމާއި، ނަމަވެސް އެއިން އެއްވެސް މައްސަލައެއްގައި ނިންމާފައިވާ ނިންމުމަކީ، ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ ގަވާއިދަކަށް ނުވާތީ، އެ ނުކުތާގެ މައްޗަށް ބިނާކޮށް މިހާތަނަށް އެއިން އެއްވެސް ޤަޟިއްޔާއެއްގެ ނިންމުމެއް އެއަށްވުރެ މަތީ މަރުހަލާއަކުން ބާޠިލުކުރައްވާފައިވާކަން އެނގެން ނެތްކަން.
[35]ސިވިލް ކޯޓުގެ ނަންބަރު 279/Cv-C/2014 ޤަޟިއްޔާ އިން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކެޕްޓަން ކަމުގެ ވަޒީފާއިން ޢަބްދުލްމުޢިޒް މުޞްޠަފާ ވަކިކުރުމަށް 30 ނޮވެންބަރު 2013 ގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ނިންމާފައިވާ ނިންމުން ބާޠިލް ކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއްކަމަށް ހައިކޯޓުގެ މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފައިވެއެވެ.
[36]ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި ނުކުތާތައް
[37]ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/422 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ އިސްތިއުނާފު ކުރާ ފަރާތުން ސުޕްރީމް ކޯޓަށް 05 ސަބަބެއް ހުށަހަޅާފައިވެއެވެ.
[38]ފުރަތަމަ ސަބަބަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އަދި ޤާނޫނު ނަންބަރު 2010/13 (ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އަދި އެ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރާއި އެއްގޮތްވާ ގޮތުގެ މަތިން ޢަމަލުކޮށްފައިނުވުން ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
[39]ދެވަނަ ސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމެވިއިރުވެސް، ޢަބްދުލްމުޢިޒް މުޞްޠަފާ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ވަޒީފާއިން ވަކިކުރެވިފައިވަނީ 'ނެޗުރަލް ޖަސްޓިސް' އަދި 'ޑިއު ޕްރޮސެސް' ގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން ނުވަތަ ނޫންކަންވެސް ކަނޑައަޅާފައި ނުވާކަމަށާއި، އެހެންކަމުން ވަޒީފާގެ މައްސަލަތަކުގައި މުވައްޒަފު ވަޒީފާއިން ވަކިކުރެވިފައިވަނީ 'ނެޗުރަލް ޖަސްޓިސް' އަދި 'ޑިއު ޕްރޮސެސް' ގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން ސާބިތުކޮށް ނުދެވޭހާ ހިނދަކު، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިފައިވަނީ ރަނގަޅަށް ނޫންކަމުގައި ކަނޑައަޅަންޖެހޭ ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
[40]ތިންވަނަ ސަބަބަކީ، ވަޒީފާއާބެހޭ ހުރިހާ ބާވަތެއްގެ މައްސަލަތަކުގައިވެސް، އެއްވެސް މީހަކު ވަޒީފާއިން ވަކިކުރެވިފައިވަނީ ޢަދުލުވެރިކަމާއެކު ކަމަށް ކަނޑައެޅުމުގައި، އެމީހަކު ވަޒީފާއިން ވަކިކުރުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާއީ ޢަދުލުވެރިކަމާއި މައުޟޫއީ ޢަދުލުވެރިކަން ޤާއިމްވެފައި އޮވެގެން މެނުވީ އެމީހަކު ވަޒީފާއިން ވަކިކުރެވުނީ ރަނގަޅަށްކަން ކަނޑަނޭޅޭނޭ ކަމަށް ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމަވާފައިވާ ނިންމުންތަކުގައި ކަނޑައަޅާފައިވާކަމާއި، މި އުޞޫލަށް ބަލާއިރުވެސް، ޢަބްދުލްމުޢިޒް މުޞްޠަފާ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ވަޒީފާއިން ވަކިކުރުމުގައި މި ދެންނެވި އިޖުރާއީ ޢަދުލުވެރިކަމާއި އަދި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައި ނެތުމުން، ޢަބްދުލްމުޢިޒް މުޞްޠަފާ ވަޒީފާއިން ވަކިކުރެވިފައިވަނީ ރަނގަޅަށް ނޫންކަން އެނގެން އޮތްއިރު، މިކަމަށް ދަށުކޯޓުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުން ފުރިހަމައަށް ރިޢާޔަތްކޮށްފައިނުވުން ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
[41]ހަތަރުވަނަ ސަބަބަކީ، ދީމިޤުރާޠީ ޤައުމުތަކުގައި ޢަމަލުކުރަމުން އަންނަ އުޞޫލުތަކަށް ބަލާއިރު، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ސުޕްރީމް ކޯޓުގެ ޙުކުމްތަކުގައި، ޑިއު ޕްރޮސެސްގެ ދަށުން އަންނަނިވި ޙިމާޔަތްތައް ހިމެނިގެންވާކަން ޔޫ.އެސް ސުޕްރީމް ކޯޓުގެ ނިންމުންތަކުން އެނގެން އޮންނަކަމަށާއި، އެއީ؛ (1) ޖިނާއީ ނިޒާމުގެ ތެރޭގައި ހިމެނޭ ކަންތައްތައް ޖިނާއީ އިޖުރާއަތާ އެއްގޮތްވާ ގޮތުގެ މަތިން ހިންގަންވާނޭ ކަން، މަދަނީ ޢަދުލުގެ ނިޒާމުގައި ހިމެނޭކަންތައްތައް މަދަނީ ޢަދުލުގެ އިޖުރާއާތާ އެއްގޮތަށް ހިންގަންވާނޭކަން، (2) ސަބްސްޓޭންޓިވް ޑިއު ޕްރޮސެސް / ޤާނޫނަކުން ކަނޑައެޅޭ އިޖުރާއާތުތަކެއް ނެތި އެއްވެސް މީހަކު ޙައްޤަކުން މަޙުރޫމް ކުރުން ކޯޓުތަކުން ލިމިޓް ކުރުން، (3) ސާފުކޮށް އޮޅުން ނުފިލާ ޤާނޫނުތައް މާނަކުރުން، (4) ބިލް އޮފް ރައިޓްސްގައިވާ ޑިއު ޕްރޮސެސްގެ އުޞޫލު އިންކޯޕަރޭޝަން ޑޮކްޓްރިންގެ ދަށުން ބިލް އޮފް ރައިޓްސްގައިވާ ޙައްޤުތައް ތަޠްބީޤު ކުރުމުގެ ވެހިކަލެއްގެ ގޮތުގައި ބޭނުންކުރުން، ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
[42]ޢަބްދުލްމުޢިޒް މުޞްޠަފާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކެޕްޓަން ކަމުގެ ވަޒީފާއިން 30 ނޮވެންބަރު 2013 ވަނަ ދުވަހު ވަކިކޮށްފައިވަނީ ޢަބްދުލްމުޢިޒް މުޞްޠަފާގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ ކޮބައިކަން ސާފުކޮށްދިނުމެއްނެތި، ވަޒީފާ ގެއްލުނު ސަބަބު ކަމުގައިބުނާ ޙާދިޘާއާއި ގުޅިގެން ޢަބްދުލްމުޢިޒް މުޞްޠަފާއާ އެއްވެސް ވަރަކަށް ސުވާލުކުރުމެއްނެތި އަދި ކުރެވިފައިވާ ތުހުމަތުން ބަރީޢަވުމަށް ޢަބްދުލްމުޢިޒް މުޞްޠަފާއަށް ފުރުޞަތު ދިނުމަކާއި ނުލައި "ނެޗުރަލް ޖަސްޓިސް" އާއި "ޑިއު ޕްރޮސެސް" ގެ އަސާސީ ޙައްޤުތައް ލިބިދިނުމެއްނެތިކަން އެނގެން އޮންނާތީ، 30 ނޮވެންބަރު 2013 ވަނަ ދުވަހުން ފެށިގެން ޢަބްދުލްމުޢިޒް މުޞްޠަފާގެ ވަޒީފާ އަނބުރާ ދިނުމާ ހަމައަށް ލިބެންވާ މުސާރައާއި ޢިނާޔަތްތައް ޢަބްދުލްމުޢިޒް މުޞްޠަފާއަށް ރައްދުކުރުމަށާއި ޚިދުމަތް މެދުކެނޑިފައިވާ ދުވަސްތައް ޚިދުމަތުގެ މުއްދަތުގެ ތެރޭގައި ގުނުމަށާއި މަޤާމުގެ ކުރިއެރުން ލިބުމުގައި ކަނޑައެޅިފައިވާގޮތަށް މެދުކެނޑުނު މުއްދަތު ގުޅުވައިދިނުމަށް މިނިސްޓްރީ އޮފް ޑިފެންސްގެ މައްޗަށް އަންގައި އަމުރުކޮށްދިނުމަށް އެދޭކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
[43]ޢަބްދުލްމުޢިޒް މުޞްޠަފާގެ ފަރާތުން ސުޕްރީމް ކޯޓުގައި ފާހަގަކުރި ނުކުތާތަކާ ގުޅިގެން ދައުލަތުގެ ފަރާތުން މައިގަނޑު 4 ނުކުތާއެއް ފާހަގަކޮށްފައިވެއެވެ.
[44]ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/34 ޤަޟިއްޔާއަކީ އެ މައްސަލައިގެ ޙަޤީޤަތްތައް ބަލައި، ރިވިއުކުރުމުން، އިސްތިއުނާފު ކުރާ ފަރާތް 30 ނޮވެންބަރު 2013 ގައި ވަޒީފާއިން ވަކިކޮށްފައިވާތީއާ އަދި އޭނާ ވަކިކުރުމުގައި ޤާނޫނުން ކަށަވަރުކޮށްދީފައިވާ ޤާނޫނުގެ ރައްކާތެރިކަމާއި މަންފާ ލިބިދީފައިނުވާތީ، އިސްތިއުނާފު ކުރާ ފަރާތާމެދު ނިންމަވާފައިވާ ނިންމުން ބާޠިލްކުރުމަށް އެދިފައިވާ މައްސަލައެއް ކަމަށްވާހިނދު، ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ކޮންމެ ރައްޔިތަކަށްމެ، އެމީހަކު އިޚްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ މަސައްކަތެއް ކުރުމުގެ ޙައްޤަކީ، ޤާނޫނުއަސާސީން ޔަޤީންކޮށްދީފައިވާ އަސާސީ ޙައްޤެއްކަމަށްވެފައި، އެ ޙައްޤު ޢަބްދުލްމުޢިޒް މުޞްޠަފާގެ ކިބައިން ނިގުޅައިގަނެފައިވަނީ، އެ ނިންމުމެއް ނިންމުމުގައި ޤާނޫނަކުން ނުވަތަ ގަވާއިދަކުން ޝަކްލީ ގޮތުންނާއި އިޖުރާއީ ގޮތުން ތަބާވުން ލާޒިމުކޮށްފައިވާ ކަންތައްތަކަށް ތަބާވުމެއް ނެތި، ވަޒީފާގެ ޚުޞޫމާތާމެދު ގޮތެއް ކަނޑައެޅުމުގައި ޢާންމު އުޞޫލުން ރިޢާޔަތްކުރާ އިޖުރާއީ ޢަދުލުވެރިކަން ކަށަވަރުކުރުމެއް ނެތިކަން.
[45]މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ނުވަތަ ވަޒީފާއިން ވަކިކުރުމުގެ ކުރިން، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަކީ ޢަދުލުވެރިކަމާއެކު ކުރެވޭކަމެއްކަން ކަށަވަރުކުރުމަށްޓަކައި އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަން (substantial fairness) އަދި އިޖްރާއީ ޢަދުލުވެރިކަން (procedural fairness) ޤާއިމުކުރަން ޖެހޭކަމާއި އެގޮތުން މައުޟޫޢީ ޢަދުލުވެރިކަމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ ޢަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބެއްކަމަށް ވުންކަމާއި، އިޖުރާއީ ޢަދުލުވެރިކަމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަކޮށްފައިވާ އިޖުރާއަތަކީ ޢަދުލުވެރި އިޖުރާއަތަކަށްވުން ލާޒިމްކޮށްފައިވާކަން މިފަދަ ވަޒީފާއާބެހޭ މައްސަލަތަކުގައި މިނިވަން ދީމިޤުރާޠީ ޤައުމުތަކުން ޢަމަލުކުރާ އުޞޫލުންވެސް ސާބިތުވާކަމާއި، މިއީ ދިވެހިރާއްޖޭގެ ހައިކޯޓުންވެސް ބަލައިގަނެފައިވާ އުޞޫލެއްކަން ދައުލަތުން ފާހަގަކުރާކަން.
[46]އިސްތިއުނާފުކުރާ ފަރާތް މިނިސްޓްރީ އޮފް ޑިފެންސްގެ ވަޒީފާއިން ވަކިކޮށްފައިވަނީ، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއާއި ބައިވެރިވެގެން ޗީފް އޮފް ޑިފެންސް ފޯސްއަށް އެއްބާރުލުން ދޭންކަމަށް ބުނެ ލިޔުން ތައްޔާރުކޮށް، އެހެން މީހުން ގާތުގައި ބުނެފައިވާ ގޮތާއި ޚިލާފަށް، ސިފައިންގެ ތެރޭގައި ހަމަނުޖެހުމާއި ބައިބައިވުން އުޅޭކަން ހާމަކުރުމުގެ ބޭނުމުގައި ސޯޝަލް މީޑިއާގައި އެ ލިޔުން ޢާންމުކޮށް، އިސްތިއުނާފު ކުރާ ފަރާތުގެ ކޮމާންޑްކަމުގެ ދަށުގައިވާ ޓްރޫޕްސް ބޭނުންކޮށްގެން ނުރައްކާތެރި ޢަމަލުތަކެއް ހިންގުމުގެ ވިސްނުން ގެންގުޅެ އެކަން ރާވާފައިވާތީ، ސިފައިންކުރާ ކުށްތަކަށް އިދާރީ އަދަބު ދިނުމާބެހޭ ގަވާއިދުގެ 2 ވަނަ ބާބުގެ 2 ވަނަ މާއްދާގެ 6 ވަނަ ނަންބަރާއި 3 ވަނަ މާއްދާގެ 5 ވަނަ ނަންބަރާއި، 3 ވަނަ ބާބުގެ 34 ވަނަ މާއްދާގެ 4 ވަނަ ނަންބަރަށް ރިޢާޔަތްކޮށްކަމަށް އިސްތިއުނާފު ކުރާ ފަރާތަށް ހަވާލުކުރެވުނު ވަޒީފާއިން ވަކިކުރި ޗިޓުގައި ބަޔާންކުރާއިރު، އެ ފަރާތުގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކަމާބެހޭ މަޢުލޫމާތު އެފަރާތަށް ދީފައިނުވާތީ އާއި އެ ތުހުމަތުކުރެވުނު ކަމާގުޅޭގޮތުން ޖަވާބުދާރީ ވުމުގެ ފުރުސަތު އިސްތިއުނާފު ކުރާ ފަރާތަށް ދެވިފައިނުވާތީ، މި މައްސަލައިގައި އިސްތިއުނާފު ކުރާ ފަރާތުން ވަޒީފާއިން ވަކިކުރިއިރު އިޖުރާއީ ޢަދުލުވެރިކަން ކަށަވަރުވެފައިނުވާކަން ދައުލަތުން ފާހަގަކުރާކަން.
[47]ވަޒީފާ އަދާކުރުމުގެ ޙައްޤަކީ، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެއް ކަމަށްވާހިނދު، ޤާނޫނުއަސާސީގެ 18 ވަނަ މާއްދާގެ ދަށުން އަސާސީ ޙައްޤުތަކާއި މިނިވަންކަން ޙިމާޔަތްކޮށް، ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއްކަމާ އަދި ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ޤާނޫނުގެ ރައްކާތެރިކަމާއި ޤާނޫނުން ލިބިދެވޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ހަމަ ކޮންމެ މީހެއްގެވެސް ޙައްޤަކަށްވާތީ، ދައުލަތުގެ ފަރާތުން އެދެނީ އިސްތިއުނާފު ކުރާ ފަރާތުގެ ވަޒީފާއާ ގުޅިގެން ނިންމާފައިވާ ނިންމުމަކީ އެ ނިންމުމުގައި ގަވާއިދުން ޝަކްލީ ގޮތުންނާއި އިޖުރާއީ ގޮތުން ތަބާވުން ލާޒިމްކޮށްފައިވާ ކަންތައްތަކަކަށް ތަބާވެފައިވާ ނިންމުމަށްނުވާތީ އެނިންމުން ބާތިލްކޮށްދިނުމަށް އެދޭކަން.
[48]އިސްތިއުނާފު ފޯމުގެ 9 ވަނަ ނަންބަރުގައި އިސްތިއުނާފު ކުރާ ފަރާތުން އެދޭ ގޮތްތަކުގެ ތެރޭގައި އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވާ ތާރީޚްކަމުގައިވާ 30 ނޮވެންބަރު 2013 އިން ފެށިގެން ވަޒީފާ ރުޖޫޢަކޮށްދޭ ދުވަހާ ހަމައަށް ލިބެންވާ މުސާރައާއި ޢިނާޔަތްތައް ލިބިދިނުމަށް އެދިފައިވީނަމަވެސް، މިހާރު ސަރުކާރުން މިބާވަތުގެ ވަޒީފާއާ ގުޅުންހުރި މައްސަލަތަކުގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް ނިންމާފައިވަނީ 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށްވާ މުސާރައާއި ޢިނާޔަތްތައް ކަމަށްވާތީއާއި ޝަރުޢީ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކުގައިވެސް ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ރިޢާޔަތްކުރާ އުޞޫލުތަކަކާއި މިންގަނޑުތަކެއް ހުރުމާއެކު އިސްތިއުނާފު ފޯމުގައި އެދިފައިވާ މުއްދަތަށް ފައިސާ ނަގައިދިނުމަށް ދައުލަތުން އިންކާރުކުރާކަމާއި، ނަމަވެސް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށްވާ މުސާރައާއި ޢިނާޔަތްތައް އިސްތިއުނާފު ކުރާ ފަރާތަށް ނަގައިދިނުމަކީ ޢަދުލުވެރި ބަދަލެއްކަމަށް ދައުލަތުން ދެކޭކަން.
[49]ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތެއް ނިންމަންޖެހޭ އިސްތިއުނާފީ ނުކުތާ
[50]ޢަބްދުލްމުޢިޒް މުޞްޠަފާ އަދި ދައުލަތް (މިނިސްޓްރީ އޮފް ޑިފެންސް) އާ ދެމެދު ޚުސޫމަތެއް އުފެދިފައިވާ ނުކުތާއަކީ، ޢަބްދުލްމުޢިޒް މުޞްޠަފާ ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާތީވެ، އެކަމުގެ ސަބަބުން ޢަބްދުލްމުޢިޒް މުޞްޠަފާއަށް ލިބިދޭންޖެހޭ ގެއްލުމުގެ ބަދަލުގެ މިންވަރާމެދު ފާހަގަކުރި ނުކުތާއެވެ.
ބަދަލުގެ މިންވަރު ކަނޑައެޅުމާބެހޭ ހަމަތަކާ ގުޅޭ
[51]އިސްތިއުނާފު ކުރެވިފައިވާ މައްސަލައަށް ބަލާއިރު، ދައުލަތުން އިސްތިއުނާފުކުރާ ފަރާތަށް ބަދަލު ޙައްޤުވާ ކަމަށް އިޤްރާރުވެފައިވާއިރު، ބަދަލުގެ މިންވަރު އިސްތިއުނާފުކުރާ ފަރާތުން ވަޒީފާއިން ވަކިކުރިއިރު ލިބެމުން ދިޔަ މުސާރަ އާއި ޢިނާޔަތުގެ ނިސްބަތުން 1 (އެކެއް) އަހަރު ދުވަހަށްވާ މިންވަރުގެ ބަދަލަކަށް މަޙްދޫދު ކުރުމަށް އެދިފައިވެއެވެ. އެކަމަކީ ދައުލަތުގެ އެ ހުށަހެޅުމުގެ މައްޗަށް ބިނާކޮށް ކުރެވިދާނެ ކަމެއްތޯ ނަޒަރު ކުރާއިރު މި ބާވަތުގެ މައްސަލަތަކުގައި އެހެން ޤާނޫނީ ނިޒާމުތަކުގައި ޢަމަލު ކުރަމުންދާ ގޮތްތަކުގެ ތެރެއިން ބައެއް މިސާލުތަކަށް ބަލާލުން މުހިންމެވެ.
[52]އިނގިރޭސިވިލާތުގައި މުވައްޒަފަކު ބޭއިންސާފުން ވަޒީފާއިން ވަކިކުރެވޭ ޙާލަތުގައި ބަދަލު ހިސާބުކުރާނެ ގޮތާއި، އަދި އެންމެ މައްޗަށް ބަދަލުގެ ގޮތުގައި ލިބޭނެ މިންވަރު ޤާނޫނުގައި ބަޔާންކޮށްދީފައިވާކަން ފާހަގަކުރަމެވެ. އަދި ހަމަ އެހެންމެ، ބަދަލު ނަގައިދިނުމުގައި 12 (ބާރަ) މަސް ދުވަހުގެ މުސާރަ އެއީ ބަދަލުގެ މިންވަރު ހިސާބުކުރުމުގައި ބަލާ ފަންގިފިލާކަމުގައި ވަނީ އެކަށައަޅުއްވާފައެވެ. އަދި ބަދަލު ނަގައިދެވޭނީ މުވައްޒަފު ވަޒީފާއަށް ރުޖޫޢަ ނުކުރެވޭ ޙާލަތުގައި ކަން ފާހަގަކުރަމެވެ. އޮސްޓްރޭލިޔާގައި ބަދަލު ދިނުމުގައި ޢަމަލުކުރާ ގޮތުގެ ބައެއް މިސާލުތަކަށް ބަލާއިރު، ބޭއިންސާފުން ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުންނަށް ބަދަލު ނަގައިދެވެނީ އެ މުވައްޒަފުގެ ވަޒީފާ ރުޖޫއަ ނުކުރެވޭ ޙާލަތުގައި އެކަންޏެވެ. އަދި ބަދަލު ނަގައިދެވެނީ 6 (ހައެއް) މަސްދުވަހުގެ މުސާރައެވެ. އަދި ބަދަލު ނަގައިދޭ މިންވަރު ކަނޑައެޅުމުގައި ބަލަންޖެހޭ ކަންތައްތައް ވަނީ ޤާނޫނުގައި ބަޔާންކޮށްފައެވެ. ސައުތު އެފްރިކާގައި ޢަމަލު ކުރާގޮތަށް ބަލާއިރު، ބޭއިންސާފުން ވަޒީފާއިން ވަކިކުރެވޭއިރު، 12 (ބާރަ) މަސް ދުވަހަށްވުރެ އިތުރު ނުވާނޭގޮތަށް ވަޒީފާއިން ވަކިކުރެވޭ އިރު ލިބެމުންދިޔަ މުސާރައާ އެއްވަރުގެ ބަދަލެއް ނަގައިދެވެއެވެ.އެހެންނަމަވެސް، ވަޒީފާއިން ވަކިކުރެވުނީ ޤާނޫނުން ލިބިދީފައިވާ ޙައްޤެއް ބޭނުންކުރުމުން ކަމަށްވާނަމަ އެ މުވައްޒަފަކަށް 24 (ސައުވީސް) މަސް ދުވަހަށްވުރެ އިތުރު ނުވާނެ ގޮތަށް ބަދަލު ނަގައިދެވެއެވެ.
[53]ބަޔާންވެދިޔަ ޤައުމުތަކުގައި ޢަމަލު ކުރާގޮތަށް ބަލާއިރު، އެފަދަ ޤައުމުތަކުގައި މުވައްޒަފަކު ބޭއިންސާފުން ވަޒީފާއިން ވަކިކުރެވޭއިރު ނަގައިދެވޭ ބަދަލު މަޙުދޫދު ކުރެވިފައިވަނީ އެ ޤައުމުތަކުގެ ޤާނޫނުގައި ބަޔާންކުރެވިފައި ވާތީވެކަން ފާހަގަކުރަމެވެ. ނަމަވެސް، ދިވެހިރާއްޖޭގައި ވަޒީފާއާބެހޭ ޤާނޫނުގައި ނުވަތަ އެނޫން ޤާނޫނެއްގައިވެސް ބަދަލުގެ މިންވަރު މަޙުދޫދު ކުރެވިފައި ނުވާތީވެ، މުވައްޒަފަކު ބޭއިންސާފުން ވަޒީފާއިން ވަކިކުރެވޭ ހިނދު، ނަގައިދެވޭ ބަދަލު، މަޙުދޫދު ކުރެވިފައި ނުވާކަމަށް ބަލަން ޖެހެއެވެ.
[54]ދިވެހިރާއްޖެ ފަދައިން، ޤާނޫނުގައި ބަދަލުގެ މިންވަރު މަޙްދޫދު ކުރެވިފައިނުވާ ޤައުމުތަކުގައިވެސް އެ ޤަމުތަކުގައި ބަދަލުގެ މިންވަރު ކަނޑައެޅުމުގައި ލިޔެވިގެން ޢަމަލުކުރާ ހަމަތަކެއް ގެންގުޅޭކަމާއި، މިގޮތުން، މެލޭޝިޔާ އަށް ބަލާއިރު މިސާލަކަށް، ދާއިމީ މުވައްޒަފަކު ބޭއިންސާފުން ވަޒީފާއިން ވަކިކުރެވޭއިރު ވަޒީފާއިން ވަކިކުރެވުނު އިރު ލިބެމުން ދިޔަ މުސާރައިގެ ނިސްބަތުން 24 (ސައުވީސް) މަސްދުވަހުގެ މުސާރަ އެއީ ބަދަލު ނައިދިނުމުގެ ފަންގިފިލާއެއްކަމުގައި ދަމަހައްޓަމުން އައިސްފައި ވެއެވެ.
[55]ބޭއިންސާފުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން މުވައްޒަފަށް ލިބިދެވޭ ބަދަލުގެ މިންވަރާ ގުޅޭގޮތުން، ދިވެހިރާއްޖޭގައި ބަޔާންކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނު ގެ 29 ވަނަ މާއްދާގެ (ރ) ގައެވެ. އެ މާއްދާގައި ބަޔާންކޮށްފައިވަނީ ބަދަލުދިނުމުގެ އަމުރެއް ނެރުމުގައި ބަދަލުދޭންޖެހޭ މިންވަރު ކަނޑައަޅާނީ އެކަށީގެންވާ ކަމަށް އަދި އަދުލުވެރިކަމަށް ފެންނަ ޢަދަދަކަށް ކަމަށެވެ. މިފަދައިން ޢަދަދު ކަނޑައެޅުމުގައި ވަޒީފާއިން ވަކިކުރުމުގައި ވަޒީފާދޭ ފަރާތުން ޢަމަލުކުރި ގޮތުން އެ މުވައްޒަފަކަށް ސީދާ ލިބުނު ގެއްލުމަށާއި އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ދިމާވި މުވައްޒަފު ކުރި ޢަމަލެއްގެ ސަބަބުން ކަމަށްވާނަމަ އެކަމުގައި އޭނާ ބައިވެރިވާ މިންވަރަށް ރިޢާޔަތްކުރަންވާނެ ކަމަށް މި މާއްދާގައި ބަޔާންކޮށްފައިވެއެވެ. އަދި މުވައްޒަފަށް ބަދަލު ދިނުމުގައި އޭނާ ވަޒީފާއިން ވަކިކުރީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ނ) ގައިވާ ކަންތައްތަކުގެ ތެރެއިން ކަމަކަށް ބިނާކޮށް ކަމަށްވާނަމަ، އެކަމަށްޓަކައި އެ މުވައްޒަފަކަށް އިތުރު ޢަދަދެއްގެ ފައިސާ ދިނުމަށް އަމުރުކުރެވިދާނެ ކަމަށްވެސް މި މާއްދާގައި ބުނެފައިވެއެވެ.
[56]ބޭއިންސާފުން ވަޒީފާއިން ވަކިކުރުމާ ގުޅިގެން ބަދަލު ދިނުމާ ގުޅޭގޮތުން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު ވ. އަސްފާޤު ވަޙީދު ޤަޟިއްޔާގައި ބަދަލުގެ މިންވަރު ކަނޑައަޅާނެ އާއްމު ހަމަތަކެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވެއެވެ. ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނުވަތަ ޝަރުޢީ ކޯޓަކުން އަމުރުކުރާއިރު އެ މުވައްޒަފަކަށް އެ މުއްދަތުގެ ތެރޭގައި ގެއްލިފައިވާ މުސާރައާއި ޢިނާޔަތްތައް އެ ޓްރައިބިއުނަލުން ނުވަތަ ކޯޓުން ކަނޑައަޅާ ގޮތެއްގެމަތިން ދޭން އަމުރުކުރުމަކީ ވަޒީފާއާބެހޭ ޤާނޫނު ގެ 29 ވަނަ މާއްދާގެ (ހ) ގެ (1) ގައިވާ ގޮތަށް އެ މުވައްޒަފެއްގެ ވަޒީފާ ދެމިގެންދާކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށާއި، ނަމަވެސް، މުޅި މުއްދަތުގެ ތެރޭގައި އެ މުވައްޒަފަކަށް ގެއްލިފައިވާ އެންމެހާ މުސާރަ އާއި ޢިނާޔަތްތައް ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކުގައި ނަގައި ދިނުމަކީ ކޮންމެހެން ލާޒިމުކަމެއް ނޫން ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު ވ. އަސްފާޤު ވަޙީދު ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ގޮތުން އެ މުވައްޒަފަކު އެ މުއްދަތުގެ ތެރޭގައި ވަޒީފާގައި ހުރިނަމަ ލިބޭނޭ މުސާރަ އާއި ޢިނާޔަތްތަކުގެ ތެރެއިން ނަގައިދޭނެ ޢަދުލުވެރި މިންވަރެއް ކަނޑައަޅާނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނުވަތަ ޝަރުޢީ ކޯޓަކުންނެވެ. މީގެ އިތުރަށް އެ ޤަޟިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަނީ ލިބޭ ގެއްލުން ކުޑަކުރުމުގެ މަސްއޫލިއްޔަތަކީ ކޮންޓްރެކްޓާ ޚިލާފުވީ ފަރާތް ނޫން އެ ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާގެ މައްޗަށް އޮތް މަސްއޫލިއްޔަތެއްކަން ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 24 ވަނަ މާއްދާ އިން ސާފުކޮށް އެނގެން އޮތުމުން، ވަޒީފާ އަލުން އަނބުރާ ދިނުމަށް ކޯޓުން އަމުރު ކުރާއިރު، ވަޒީފާ އަލުން ދިނުމާދެމެދު ހިނގާފައިވާ މުއްދަތަށް ގެއްލުމުގެ ބަދަލު ދިނުމަށް އަމުރުކުރުމުގައި އެ މުވައްޒަފަކަށް ބޭއިންސާފު މުއްސަނދި ކަމެއް ލިބޭ ގޮތަށް އެފަދަ އަމުރެއް ކުރުމަކީ އިންސާފުވެރި ގޮތެއް ނޫންކަމުގައެވެ. ޚާއްސަކޮށް އެ މީހަކު އެހެން ވަޒީފާއެއް އަދާކޮށް ނުވަތަ އެނޫންވެސް ގޮތަކަށް އާމްދަނީ ހޯދަމުން ގެންގޮސްފައިވާނަމަ ނަގައިދޭނެ މުސާރައާއި ޢިނާޔަތްތަކުގެ މިންވަރު ކަނޑައެޅުމުގައި އެކަންކަމަށް ރިޢާޔަތްކުރަންވާނެ ކަމުގައެވެ. އަދި ނަގައިދޭނޭ މިންވަރެއް ކަނޑައެޅުމުގައި އާއްމުކޮށް ދިވެހިރާއްޖޭގައި އެހެން ވަޒީފާއެއް ހޯދުމަށް ހޭދަވާނެ ކަމަށް ޤަބޫލުކުރެވޭ މުއްދަތަށް ވެސް ރިޢާޔަތް ކުރަންވާނެ ކަމަށެވެ.
[57]މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު ވ. އަސްފާޤު ވަޙީދު ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، އެ މައްސަލައަކީ ފާޅުކަން ބޮޑުގޮތެއްގައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގައި، އިޖުރާއީ ޢަދުލާއި، މައުޟޫޢީ ޢަދުލު ޤާއިމު ކުރެވިފައި ނުވާކަން ސާބިތުވާހިނދު، ބަދަލުގެ މިންވަރު ވަޒީފާއާބެހޭ ޓްރައިބިއުނަލުންނާއި ޝަރުޢީ ކޯޓުތަކުން ކަނޑައެޅުމުގައި ހުށަހެޅޭ ކޮންމެ މައްސަލަ އެއްގައި އެ މައްސަލައިގެ ޙަޤީޤަތްތަކުގެ މައްޗަށް ބިނާކޮށް ތިރީގައިވާ ކަންކަމަށް ރިޢާޔަތް ކުރެވިދާނެއެވެ. އެ ކަންކަމަކީ:
(ހ) މުވައްޒަފު އަދާކުރި ވަޒީފާގެ ބާވަތް.
(ށ) ވަޒީފާގައި ހޭދަކުރި މުއްދަތު.
[58](ނ) މުވައްޒަފު ވަޒީފާއިން ވަކިކުރެވުނުއިރު ލިބެމުންދިޔަ މުސާރަ އާއި ޢިނާޔަތް.
[59](ރ) ވަޒީފާއިން ވަކިކުރުމުގައި ވަޒީފާދޭ ފަރާތުގެ ބޭއިންސާފު ޢަމަލުތައް ހުރި ގޮތް.
[60](ބ) ވަޒީފާއިން ވަކިކުރެވުނު ފަރާތުގެ ޢުމުރަށް ރިޢާޔަތްކޮށް އެހެން ވަޒީފާއެއް އަދާކުރެވިދާނެތޯ.
[61](ޅ) ވަޒީފާއިން ވަކިކުރަންޖެހުނީ އެ މުވައްޒަފެއްގެ ވެސް ކޮންމެވެސް ވަރެއްގެ ނުރަނގަޅު ޙިއްޞާއެއް ނުވަތަ އިޙުމާލެއް އޮވެގެންތޯ.
[62](ކ) ގެއްލުމުގެ މިންވަރު ކުޑަކުރުމުގެ ގޮތުން ވަޒީފާއިން ވަކިކުރި ފަރާތުން އެއްވެސް މަސައްކަތެއް ކުރިތޯ. މީގެ ތެރޭގައި އެހެން ވަޒީފާއެއް ހޯދަން އުޅުމާއި އެހެން މަސައްކަތެއްކޮށްގެން އާމްދަނީ ހޯދުމަށް އެއްވެސް މަސައްކަތެއް ކުރިތޯ ބެލިދާނެއެވެ.
[63](އ) ވަޒީފާއަށް ރުޖޫޢަކުރާ ޙާލަތްތަކުގައި ވަޒީފާއަށް ރުޖޫޢަކުރުމަކީ އަސާސީ ޙައްލުކަމާއި އަދި އެ ފަރާތަށް އެ ޙައްލު ލިބިދިނުމުގެ އިތުރުން، ބަދަލު ދިނުމުގެ ސަބަބުން ނުޙައްގު ނުވަތަ ބޭއިންސާފު މުއްސަނދިކަމެއް ލިބޭތޯ.
[64](ވ) ބަޔާންވެދިޔަ ކަންކަމުގެ މައްޗަށް ރިޢާޔަތް ކުރެވިގެން ބަދަލުގެ މިންވަރު ކަނޑައެޅޭއިރު ލިބެމުންދިޔަ މުސާރަ އާއި ޢިނާޔަތްތަކުގެ މައްޗަށް އެކަނި ބަލައި ބަދަލުގެ މިންވަރު ހިސާބު ކުރާނީ ތޯ ނުވަތަ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނީ ޤާނޫނުން ލިބިގެންވާ ޙައްޤެއް ބޭނުން ކުރީތީވެ ކަން ސާބިތުވާ ހިނދު، އިތުރު ބަދަލެއް ވަޒީފާދޭ ފަރާތުން ނަގައިދޭން ޖެހޭތޯ.
[65]ހުށަހެޅިފައިވާ މި މައްސަލައަށް ނަޒަރު ކުރާއިރު، ބޭއިންސާފުން ޢަބްދުލްމުޢިޒް މުޞްޠަފާ ވަޒީފާއިން ވަކި ކުރުމާ ގުޅިގެން 1 (އެކެއް) އަހަރު ދުވަހުގެ މިންވަރުގެ ބަދަލެއް ހުށަހަޅައިފައިވަނީ، މި ބާވަތުގެ މައްސަލަތަކުގައި ދައުލަތުން ޢަމަލުކުރާ ގޮތްކަމަށް ބަޔާންކޮށް، ބަދަލުގެ މިންވަރު މަޙުދޫދު ކުރަން ކަމަށްވާއިރު، އެ ހުށަހެޅުމަށް އޭނާ އިންކާރު ކުރާ ޙާލަތުގައި، ޤާނޫނު ގައި ބަދަލުގެ މިންވަރު މަޙްދޫދު ކުރެވިފައި ނުވާތީވެ، ޤާނޫނުން ބަދަލުގެ މިންވަރު މަޙުދޫދު ކުރެވިފައިވާ ޤައުމުތަކުގައި ޢަމަލު ކުރާ ފަދައިން، ޢަބްދުލްމުޢިޒް މުޞްޠަފާއަށް ދައުލަތުން ހުށަހެޅުއްވި ގޮތަށް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް މަޙްދޫދުކޮށް ބަދަލު ނަގައިދެވިދާނެ ކަމަކަށް އަހުރެން ނުދެކެމެވެ.
[66]ދައުލަތުން ހުށަހެޅި ކަންކަމުގެ މައްޗަށް ބިނާކޮށް އިސްތިއުނާފު ކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/422 ޤަޟިއްޔާ އެ ކޯޓުން ޙުކުމްކޮށްފައިވަނީ ޢަބްދުލްމުޢިޒް މުޞްޠަފާ ވަޒީފާއިން ވަކިކޮށްފައިވަނީ ގަވާއިދާ އެއްގޮތަށް ކަމަށެވެ. ނަމަވެސް، އިސްވެ ދެންނެވިފައިވާ ފަދައިން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މި މައްސަލަ އިސްތިއުނާފު ކުރުމުން، ދައުލަތުން އަލުން އެ މައްސަލަ މުރާޖަޢާކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވަނީ ޢަބްދުލްމުޢިޒް މުޞްޠަފާ ވަޒީފާއިން ވަކިކޮށްފައިވަނީ ޤަވާޢިދާ ޚިލާފަށް ކަމަށާއި އަދި އެކަމަށް އިޤްރާރުވާ ކަމަށެވެ. މަދަނީ ޚުޞޫމަތެއްގައި ކޮންމެ މަރުޙަލާއެއްގައިވެސް އެ މައްސަލައެއްގައި ދެކޭގޮތް ބަދަލުވުމުގެ ފުރުޞަތު އޮތުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މި މައްސަލައިގެ އަސާސް ބިނާވަނީ ވަޒީފާގެ އެއްބަސްވުމަށް ކަމަށްވެފައި، ދެ ފަރާތުން ވަކިގޮތަކަށް ރުހޭ ހިނދު، އެއާ ޚިލާފަށް ޝަރީޢަތުން ގޮތެއް ކަނޑައެޅުމަކީ އިންސާފުވެރިގޮތެއް ކަމަކަށް ނުދެކެމެވެ. އެހެންކަމުން، އަހުރެންނަށް ފެންނަނީ ދިވެހިރާއްޖޭގެ ހައިކޯޓުން އެ ކޯޓުގެ ނަންބަރު 2016/HC-A/422 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާތިލުކޮށް، ޢަބްދުލްމުޢިޒް މުޞްޠަފާ ކުރިން އަދާކުރަމުން ދިޔަ ވަޒީފާއަށް ރުޖޫޢަކުރުމަށް އަންގައި، ޢަބްދުލްމުޢިޒް މުޞްޠަފާއަށް ބޭއިންއިސާފުން ވަޒީފާއިން ވަކިކުރުމާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލު ޙައްޤުވާ ކަމަށް ކަނޑައެޅުމަށެވެ.
[67]ޢަބްދުލްމުޢިޒް މުޞްޠަފާ ބޭއިންސާފުން ވަޒީފާއިން ވަކިކޮށްފައިވާތީވެ، އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އިޚްތިޞާޞް ލިބިގެންވާ ކޯޓަކަށް އެ މައްސަލަ ހުށަހަޅައިފިނަމަ، ޤާނޫނާއި މަތީގައި ބަޔާންކުރެވުނު ހަމަތަކަށް ރިޢާޔަތްކޮށް ޢަބްދުލްމުޢިޒް މުޞްޠަފާއަށް ލިބެންވާ ގެއްލުމުގެ މިންވަރު ކަނޑައެޅިދާނެ ކަމަށް އަހުރެންނަށް ފެނެއެވެ.ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔުމި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔުމި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
[68]ދެންފަހެ، ބަޔާންވެދިޔަ ގޮތަށް ޢަބްދުލްމުޢިޒް މުޞްޠަފާ ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައި ނުވާކަމަށް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުން އިޤުރާރުވެފައިވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/422 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ބާޠިލްކޮށް، ޢަބްދުލްމުޢިޒް މުޞްޠަފާ ވަޒީފާއިން ވަކިކުރިއިރު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި އަދާކުރަމުން ގެންދިޔަ ވަޒީފާއަށް ރުޖޫޢަ ކުރުމަށް ދައުލަތް (މިނިސްޓްރީ އޮފް ޑިފެންސް) ގެ މައްޗަށް އަންގައި، ޢަބްދުލްމުޢިޒް މުޞްޠަފާ ވަޒީފާއިން ވަކިކޮށްފައިވަނީ ބޭއިންސާފުން ކަމަށް ވާތީ، ޢަބްދުލްމުޢިޒް މުޞްޠަފާއަށް ޢަދުލުވެރި ބަދަލު ޙައްޤުވާ ކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
މަޙާޒު ޢަލީ ޒާހިރުއަޙްމަދު މުޢުތަޞިމް ޢަދުނާންޢަލީ ރަޝީދު ޙުސައިން(ރިޔާސަތު)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 18 ވަނަ، 20 ވަނަ، 37 ވަނަ، 61 ވަނަ، 65 ވަނަ، 68 ވަނަ، 143 ވަނަ، 237 ވަނަ، 243 ވަނަ އަދި 246 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 1/2008 (ސިފައިންގެ ޤާނޫނު) ގެ 31 ވަނަ އަދި 33 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާ
- ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ނ) އަދި 29 ވަނަ މާއްދާ
- ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 24 ވަނަ މާއްދާ
- ސިފައިން ކުރާ ކުށްތަކަށް އިދާރީ އަދަބު ދިނުމާބެހޭ ގަވާއިދު
- ސިފައިންގެ ޢާންމު ގަވާއިދު
- މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު ވ. އަސްފާޤު ވަޙީދު
- 2012/SC-A/35
- 2010/HC-A/168
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޙައްވާ ސަނާ
- ބެންޗު
- އަޙްމަދު މުޢުތަޞިމް ޢަދުނާން (ރިޔާސަތު)، މަޙާޒު ޢަލީ ޒާހިރު، ޢަލީ ރަޝީދު ޙުސައިން
- ރިޔާސަތު
- އަޙްމަދު މުޢުތަޞިމް ޢަދުނާން
- ރައުޔު ލިޔުނު ފަނޑިޔާރު
- އަޙްމަދު މުޢުތަޞިމް ޢަދުނާން · ތާއީދުކުރެއްވީ: މަޙާޒު ޢަލީ ޒާހިރު، ޢަލީ ރަޝީދު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 13 ފެބުރުއަރީ 2019 · ރަޖިސްޓްރީކުރީ 17 އޭޕްރީލް 2019 · ނިމުނީ 18 މާރިޗު 2021 (23.0 މަސް)