ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/520
ޤުރައިޝާ ސާމާ ވ. މުޙައްމަދު ރަމީޒް، 2016/HC-A/520
Quraishaa Saamaa v. Mohamed Rameez 2016/HC-A/520 (2016/HC-A/520, High Court of the Maldives, 4 February 2018)
ޤުރައިޝާ ސާމާ ވ. މުޙައްމަދު ރަމީޒް
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން، ބެހެނިވެރިން ސޮއިކުރި ކުރެހުމުގެ މައްޗަށް ސިޓީ ކައުންސިލުން ތައްޔާރުކުރި ސްކޭލްޑް ޗާޓާ އެއްގޮތަށް، ކޮންމެ ބެހެނިވެރިއަކަށް އަމިއްލަ ބިމުގެ ބަޔާއި 284 އަކަފޫޓުގެ ބަންޑާރަ ބިން ހަމަޖައްސައި، ބިމުގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދާ އެމީހަކަށް މިލްކުވާކަމަށް ނިންމިއެވެ.
ގޯތި ބައިކުރުމަށް ސަރވޭކުރިއިރު ގޯތީގެ ބޮޑުމިނަށް 568 އަކަފޫޓުގެ ބަންޑާރަ ބިން އިތުރުވެފައިވުމުން، އެބިމުގެ ދެބައިކުޅަ އެއްބައި (284 އަކަފޫޓު) އާއި އަމިއްލަ ބިމުގެ ތިންބައިކުޅަ ދެބައި ވަކިކޮށްދިނުމަށް އެދި ބެހެނިވެރިއަކު ދަޢުވާކުރިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ބަޔާނުގައި އޭނާ ސޮއިކޮށްފައި ނުވާކަމަށާއި، ޗާޓަކީ ދަޢުވާކުރި ފަރާތުން ކުރެހި ޗާޓެއްކަމަށާއި، ޣައިރު ޙާޟިރުގައި ނިންމިއިރު އިޖްރާއާތު ފުރިހަމަ ނުކުރާކަމަށާއި، ދަޢުވާގެ އަސްލާ ޚިލާފަށް ކުރިން ބެހި ބިންވެސް ހިމަނައިގެން ޙުކުމްކުރިކަމަށާއި، ބިމާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާއާއި ޤަވާޢިދާ ޚިލާފަށް ނިންމިކަމަށެވެ.
މައިގަނޑު ސުވާލު
ގޯތީގެ ބޮޑުމިނަށް އިތުރުވި ބަންޑާރަ ބިމާއި އަމިއްލަ ބިން ބެހެނިވެރިންނަށް ވަކިކޮށް ޢައްޔަންކުރުމުގައި، ބެހެނިވެރިން ޝަރީޢަތުގައި ސޮއިކުރި ކުރެހުމުގެ މައްޗަށް ތައްޔާރުކުރި ސްކޭލްޑް ޗާޓަށް ބިނާކުރުމާއި، އިސްތިއުނާފުކުރި ފަރާތުގެ ބަދަލުގައި ޙާޟިރުވި ފަރާތަށް ޙާޟިރުވުމުގެ އަމުރު ނުފޮނުވާ މައްސަލަ ނިންމިކަމަށް ބުނާ ނުކުތާ ޞައްޙަތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ދަޢުވާގެ އަސްލަކީ އަމިއްލަ ބިންވެސް ހިމެނޭގޮތަށް ބިން ޢައްޔަންކުރުން ކަމުންނާއި، އިތުރު ބަންޑާރަ ބިމަކީ ދެބެހެނިވެރިން ހިމެނޭގޮތަށް ރަޖިސްޓްރީކުރެވިފައިވާ ބިމަކަށް ވާތީއާއި، އިސްތިއުނާފުކުރި ފަރާތުގެ ބަދަލުގައި ޙާޟިރުވި ފަރާތުން ކުރެހުމުގައި ސޮއިކޮށްފައިވާތީއާއި، ޙާޟިރުވުމުގެ އަމުރު ޙަވާލުކޮށްފައިވާކަން ރެކޯޑުން އެނގޭތީ، ދަށުކޯޓުގެ ޙުކުމް ޤާއިމްކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ގޯތިން ކުރިން ބައިކުރެވުނު ބަޔަށްވުރެ އިތުރުވެފައިވާ ބަންޑާރަ ބިމަކީ ބެހެނިވެރިއެއްވެސް ހިމެނޭގޮތަށް ރަޖިސްޓްރީކުރެވިފައިވާ ބިމެއްކަން އެނގެން އޮތުމުން، އެބިމުން އެ ބެހެނިވެރިޔާއަށް ނުލިބޭގޮތަށް ބިން ބައިކުރެވެން ނޯންނާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ށ))
- ގޯތި ބައިކުރުމަށް ބެހެނިވެރިން ޝަރީޢަތުގައި އެއްބަސްވެ ސޮއިކޮށް ފިންގަރ ޕްރިންޓް ޖަހާފައިވާ ކުރެހުމެއް އޮތްއިރު، އެކުރެހުން އަސްލަކަށް ބަލައިގެން މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ފޮނުވާފައިވާ ސްކޭލްޑް ޗާޓެއްގެ މައްޗަށް ރިޢާޔަތްކޮށް ބިން ހަމަޖައްސައި މައްސަލަ ނިންމުމަކީ، ގޯތި ބެހުމަށް ބެހެނިވެރިން އެއްބަސްވެފައިވާ ގޮތާއި އެއްގޮތަށް އަދި ޤާނޫނީ އަދި ޝަރުޢީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ނިންމުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ނ))
- ޝަރީޢަތަށް ޙާޟިރުވުމަށް ޢައްޔަންކޮށްފައިވާ ފަރާތާ ޙާޟިރުވުމުގެ އަމުރު ޙަވާލުކޮށްފައިވާކަން ކޯޓުގެ ރެކޯޑާއި ލިޔުންތަކުން އެނގެން އޮތްނަމަ، ޙާޟިރުވުމުގެ އަމުރު ފޮނުވުމެއް ނެތި މައްސަލަ ނިންމާފައިވާކަމުގައި ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ރ))
- ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރު
- ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ލިބުމާބެހޭ ޤަވާޢިދުގެ 6 ވަނަ މާއްދާ
- 381/MC/2008
- 102/Cv-C/2010 (720/MC/2009)
- 2012/HC-A/174
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަލީ ސަމީރު، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް