ސައިޓޭޝަން ކޮޕީ ކުރުމަށް
2020/HC-A/08
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޠާމިޙް ޢަބްދުލްކަރީމް، 2020/HC-A/08
Prosecutor General v. Taamih Abdhulkareem 2020/HC-A/08 (2020/HC-A/08, High Court of the Maldives, 22 June 2020)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޠާމިޙް ޢަބްދުލްކަރީމް
މައްސަލައިގެ ޚުލާޞާ
ތުހުމަތުކުރެވޭ ސަބަބު ހުރި ނަމަވެސް، މަސްތުވާތަކެތި ބޭނުންކުރުމާއި ވިޔަފާރިކުރުމުގެ ރެކޯޑު ނެތުމާއި، މަސްތުވާތަކެއްޗަށް ޕޮޒިޓިވް ނުވުމާއި، ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތު ނެތުމުން ކްރިމިނަލް ކޯޓުން ޝަރުޠުކޮށް ބަންދުން ދޫކޮށްލިއެވެ.
މަސްތުވާތަކެތި ޓްރެފިކްކުރުމާއި ބޭނުންކުރުމުގެ ތުހުމަތުގައި ބަންދުކުރެވިފައިވާ ފަރާތެއް ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ފުލުހުން އެދުނެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ، އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ޅ)، 59 ވަނަ މާއްދާ އަދި 60 ވަނަ މާއްދާއާ ޚިލާފަށް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 63 ވަނަ މާއްދާއަށް ރިޢާޔަތްނުކޮށް، އަދި މަތީ ކޯޓުތަކުގެ ނިންމުންތަކަށް ތަބާވުން ލާޒިމުކުރާ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ނެރެފައިވާ އަމުރެއް ކަމަށެވެ.
މައިގަނޑު ސުވާލު
މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ތުހުމަތުގައި ބަންދުކުރެވިފައިވާ ފަރާތެއް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 އަދި 60 ވަނަ މާއްދާގެ މިންގަނޑުތަކާ އެއްގޮތަށް ނެރެފައިވާ އަމުރެއްތޯ، އަދި އިސްތިއުނާފުގައި ބަންދާމެދު ނިންމަންވީ ކޮން ކޯޓަކުންތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ބަންދުން ދޫކުރުމުގެ އަމުރު ބާޠިލު؛ ބަންދާމެދު އަލުން ގޮތެއް ނިންމުމަށް ޝަރީޢަތް ބަލާ ކޯޓަށް (ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު)
ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމާއި ތުހުމަތުކުރެވޭ މިންވަރަށް ހެކި ޤަރީނާ ހުރިކަމާއި 2011/SC-A/33 ގެ އުޞޫލުގެ މައްޗަށް ދަށުކޯޓުގެ އަމުރަށް ބަދަލު ގެންނަންޖެހޭ ނަމަވެސް، މައްސަލަ ޝަރީޢަތުގައި އޮތްތީ ބަންދާމެދު ނިންމަންޖެހޭނީ ޝަރީޢަތް ބަލާ ކޯޓުން ކަމަށް ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާއަށް ބަލާއިރު، ތުހުމަތުކުރެވުނު ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެނަމަ، އަދި އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބެލެވޭނަމަ، ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރު އަމުރުކުރަންވާނެއެވެ. ބަންދުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި ކުށުގެ ބާވަތާއި ކުށުގެ ކުޑަބޮޑުމިނަށް ބަލަންޖެހެއެވެ. (3.2)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ޅ) ގައި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށަކީ ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ބަޔާންކޮށްފައިވާ ކުށެއް ކަމާއި، މަސްތުވާތަކެތި ޓްރެފިކްކުރުމަކީ މުޖުތަމަޢަށް ނުރައްކާތެރިކަން ބޮޑު ކުށެއްކަމަށް ސުޕްރީމް ކޯޓުގެ 2011/SC-A/33 ޤަޟިއްޔާގައި ކަނޑައަޅާފައިވާތީ، ތުހުމަތުކުރެވޭ މިންވަރަށް ހެކި ޤަރީނާ ހުރި ޙާލަތުގައި އެފަދަ ތުހުމަތެއްގައިވާ ފަރާތެއް ދޫވެފައި ހުރުމަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމެއްކަމަށް ބަލަންޖެހެއެވެ. (3.2)
- ތުހުމަތުކުރެވިފައިވާ ކުށުގެ މައްސަލަ ދަށުކޯޓެއްގައި ޝަރީޢަތުގައި އޮތްނަމަ، ތުހުމަތުކުރެވޭ ފަރާތުގެ ބަންދާމެދު ގޮތެއް ނިންމަންޖެހޭނީ އެ މައްސަލަ ބަލާ ކޯޓުން، އެ މައްސަލަ ބަލާ ފަނޑިޔާރެވެ. (3.3)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ޅ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާ
- 2011/SC-A/33
- ބެންޗު
- ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޢަލީ ސަމީރު، މުޙައްމަދު ފައިޞަލް
- ޚިލާފު ރައުޔު
- ނެތް