ސައިޓޭޝަން ކޮޕީ ކުރުމަށް
2022/HC-B12/17
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ނަން އުނިކުރެވިފައި، 2022/HC-B12/17
Prosecutor General v. Name omitted 2022/HC-B12/17 (2022/HC-B12/17, High Court of the Maldives, 8 March 2022)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ނަން އުނިކުރެވިފައި
މައްސަލައިގެ ޚުލާޞާ
ގާދިއްފުށީ މެޖިސްޓްރޭޓް ކޯޓުން ޝަރީޢަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބަހައްޓަންޖެހޭކަމަށް ނުފެނޭތީ، ޝަރުޠުތަކާއެކު ބަންދުން ދޫކޮށްލުމަށް އަމުރުކުރިއެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ ފަރާތް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ގާދިއްފުށީ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައިވިއެވެ. ފުރަގަސް ފަރާތުން ލޭ އަންނަ ބަލި ޙާލަތަކާ ގުޅިގެން އެ އަމުރު މުރާޖަޢާކުރުމަށް އޭނާ އެދުނެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް ބުނީ ބަންދުކުރި ސަބަބުތައް އެގޮތުގައި އޮއްވާ އޭނާ ދޫކޮށްލީ ޤާނޫނާއި ޤާނޫނުއަސާސީއާއި މަތީ ކޯޓުތަކުގެ ނިންމުންތަކާ ޚިލާފަށްކަމަށެވެ. ތުހުމަތުކުރެވޭ ފަރާތުން ބުނީ ބަންދުގައި އެކަށީގެންވާ ސިއްޙީ ފަރުވާ ނުލިބޭކަމަށެވެ.
މައިގަނޑު ސުވާލު
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ ފަރާތެއް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނިންމުމަށްފަހު، ބަންދުގައި އެކަށީގެންވާ ޞިއްޙީ ފަރުވާ ނުލިބޭތީ ބަލި ޙާލަތަށް ބަލައި ޝަރުޠުތަކާއެކު ބަންދުން ދޫކޮށްލެވޭނެތޯ؛ އަދި އެފަދަ ދޫކޮށްލުމެއްގެ ޙައްދު.
ނިންމި ގޮތް
ދަށުކޯޓުގެ އަމުރަށް ބަދަލު ގެނެސް، ޑޮކްޓަރަށް ދެއްކުމަށް އެކަށީގެންވާ މުއްދަތަކަށްފަހު ބަންދު ދަމަހައްޓަން ނިންމި
ދޫކޮށްލީ ބަންދުކުރި ސަބަބުތައް ފިލާތީ ނޫން، ބަލި ޙާލަތަށް ބަލައިކަމުން، ފަރުވާ ނުލިބުމަކީ ޒާތުގައި ދޫކުރަންޖެހޭ ސަބަބެއް ނޫނެވެ؛ ޟަރޫރަތުގެ މިންވަރަށް ފަރުވާއަށް ފުރުޞަތު ދީގެން ބަންދު ދަމަހައްޓަންޖެހެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ބަންދުގައި ހުންނަ މީހަކާ އިޙްތިރާމާއެކު އިންސާނުންނާ މުޢާމަލާތުކުރުމަށް އެކަށީގެންވާ ގޮތަށް މުޢާމަލާތުކުރުމަކީ ބަންދުކޮށްގެން މީހުން ބަލަހައްޓާ ފަރާތްތަކުގެ މައްޗަށް ޤާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާއެކެވެ؛ ދައުލަތުގެ ތަނަވަސްކަމާއި ކުޅަދާނަކަން ހުރި މިންވަރަކަށް ބަންދުގައި ހުންނަ މީހަކަށް ރަނގަޅު ފެންވަރުގެ ޞިއްޙީ ޚިދުމަތް ލިބޭނެ މަގު ދައުލަތުން ތަނަވަސްކޮށްދޭންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15)
- އެކަށީގެންވާ ރަނގަޅު ފެންވަރުގެ ޞިއްޙީ ޚިދުމަތް ނުދިނުމަކީ އޭގެ ޒާތުގައި (per se) ބަންދުކޮށްފައިވާ މީހަކު ބަންދުން ދޫކުރަންޖެހޭ ޤާނޫނީ ސަބަބެއް ނޫނެވެ؛ ނަމަވެސް ކޮންމެ މައްސަލައެއް ވަކިވަކިން އޭގެ ވަށައިގެންވާ ކަންކަމާއި ޒާތަށް ބަލަންޖެހޭއިރު، ބަލި ޙާލަތެއްގައި ހުންނަ މީހަކަށް ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބަލަހައްޓާ ފަރާތުން ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18)
- ބަންދުގައި ހުންނަ މީހަކު އެހީއަށް ގޮވާލުމުން ނަރުހުންނާ ހަމައަށް އެ ޚަބަރު ފޯރުކޮށްދީ އެހީތެރިކަން ލިބުނުކަން ކަށަވަރުކުރުމަކީ ބަލަހައްޓާ ފަރާތުގެ ޒިންމާއެކެވެ؛ ދިރިހުރުމުގެ ޙައްޤު ކޮންމެ މީހަކަށް ލިބިގެންވާތީ، ޟަރޫރީ ބޭސްފަރުވާ ނުދެވޭކަން އެނގިތިބެ ބަންދުގައި ދަމަހައްޓަން ކޯޓަކުން އަމުރުނުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19)
- ބަންދުގައި ހުންނަންޖެހޭ މީހަކު ޟަރޫރަތެއްގެ ދަށުން ބަންދުން ވީއްލަންޖެހޭނީ އެ ޟަރޫރަތް ފިލައިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަކަށެވެ؛ އެހެންކަމުން ޑޮކްޓަރަށް ދައްކާ ނިމުމުން ބަންދުގައި ހުރި ހުރުމަށް ރުޖޫޢަކުރަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20)
- ބަންދުގައި ބެހެއްޓުމަށް ނިންމި ސަބަބުތައް ފިލައިގޮސްފައި ނުވާ ޙާލަތުގައި، ޑޮކްޓަރަށް ދެއްކުމަށް އެކަށީގެންވާ މުއްދަތެއް ދިނުމާއެކު ބަންދުގައި ހުރި ހުރުން ދަމަހައްޓަންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14، 22)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ (ބަންދުގައި ހުންނަ މީހުންނާ އިޙްތިރާމާއެކު މުޢާމަލާތުކުރުމާއި ދިރިހުރުމުގެ ޙައްޤު)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު (ބަންދާބެހޭ މާއްދާ)
- ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/13 ޤަޟިއްޔާ
- ބެންޗު
- މުޙައްމަދު ނިޔާޒް، ޢަބްދުﷲ ޙަމީދު، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް