ސައިޓޭޝަން ކޮޕީ ކުރުމަށް
2017/HC-A/05
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ވ. ޙުސައިން ޢަބްދުﷲ، 2017/HC-A/05
Ministry of Housing and Infrastructure v. Hussain Abdhuﷲ 2017/HC-A/05 (2017/HC-A/05, High Court of the Maldives, 1 October 2020)
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ވ. ޙުސައިން ޢަބްދުﷲ
މައްސަލައިގެ ޚުލާޞާ
ދުވާފަރު މެޖިސްޓްރޭޓް ކޯޓުން، 3 މަސްދުވަހުގެ ތެރޭގައި ރ. ދުވާފަރުން ގޯއްޗެއް ދިނުމަށް ދައުލަތަށް އަމުރުކޮށް، މަޢުނަވީ ބަދަލެއް ނެތްކަމަށް ޙުކުމްކުރިއެވެ.
ސުނާމީ ކާރިޘާއާ ގުޅިގެން ރ. ކަނދޮޅުދޫ ރައްޔިތުން ރ. ދުވާފަރަށް ބަދަލުކުރުމުގައި، އިސްތިއުނާފު ރައްދުވި ފަރާތަށާއި ޢާއިލާއަށް ރެޑްކްރޮސް (IFRC) ޕްރޮގްރާމްގެ ދަށުން ގެއެއް ދެވުނެވެ. ނަމަވެސް އޭނާ ބުނީ އިމާރާތްކުރަމުން ދިޔަ "ސާޙިލް" ބިމުގެ ބަދަލުގައި އިތުރު ގޯއްޗެއް ދޭން ޖެހޭނެ ކަމަށެވެ.
ދައުލަތުން ބުނީ ޙުކުމަކީ ނުޙައްޤު މުއްސަނދިކަން ލިބިދޭ ޙުކުމެއް ކަމަށާއި، ޙުކުމަށް ވާޞިލުވި ގޮތް ސާފުނުވާ ކަމަށާއި، ހެކިތަކަށް ރިޢާޔަތްކޮށްފައި ނުވާ ކަމަށާއި، ޤާނޫނުއަސާސީގެ 20 އަދި 23 ވަނަ މާއްދާއާ ޚިލާފު ކަމަށެވެ.
މައިގަނޑު ސުވާލު
ސުނާމީ ކާރިޘާއާ ގުޅިގެން ހިންގި ބޯހިޔާވަހިކަމުގެ ޕްރޮގްރާމެއްގެ ދަށުން ގެއެއް ލިބިފައިވާ ފަރާތަކަށް، އިމާރާތްކުރަމުން ދިޔަ ބިމެއްގެ ބަދަލުގައި ދައުލަތުން އިތުރު ގޯއްޗެއް ދޭން ޖެހޭނެކަމަށް ދަށުކޯޓުން ކުރި ޙުކުމަކީ ޕްރޮގްރާމްގެ މިންގަނޑުތަކާއި ޤާނޫނުއަސާސީގެ 23 ވަނަ މާއްދާއާއި ނުޙައްޤު މުއްސަނދިކަމުގެ އުޞޫލާ އެއްގޮތްވާ ޙުކުމެއްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު
ކާރިޘާ ހިނގިއިރު "ސާޙިލް" ގައި މީހުން ދިރިނޫޅުނުތީ IFRC މިންގަނޑުގެ ދަށުން އޭގެ ބަދަލުގައި ގެއެއް ދެވޭނެ އުޞޫލެއް ނެތެވެ. ލިސްޓާމެދު ޝަކުވާއެއް ނުކުރުމުން އޭނާ އެކަމަށް ރުހުން ދީފައިވެއެވެ. ޢާއިލާއަށް ޙައްޤުވާ 1 ގެ ލިބިފައިވާތީ އިތުރު ގޯއްޗެއް ދިނުމަކީ ނުޙައްޤު މުއްސަނދިކަމެކެވެ.
ކަނޑައެޅުނު އުޞޫލުތައް
- ސުނާމީ ކާރިޘާއާ ގުޅިގެން ކަނޑައެޅިފައިވާ މިންގަނޑުތަކެއްގެ ދަށުން ހިންގާ ބޯހިޔާވަހިކަމުގެ ޕްރޮގްރާމެއްގެ ދަށުން ގެ ލިބޭނެ ފަރާތްތައް ކަނޑައެޅެނީ އެ ޕްރޮގްރާމްގެ މިންގަނޑުތަކުގެ މައްޗަށެވެ. ކާރިޘާ ހިނގިއިރު މީހުން ދިރިނޫޅޭ، އިމާރާތްކުރަމުން ދިޔަ ބިމަކީ އެ މިންގަނޑުތަކުގެ ދަށުން ހުސް ބިމެއްގެ ގޮތުގައި ބެލެވޭ ބިމަކަށްވާނަމަ، އެ ބިމުގެ ބަދަލުގައި ގެއެއް ދެވޭނެ އުޞޫލެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.2، 3.3)
- ގެ ލިބޭ ފަރާތްތަކުގެ ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމުން، އެ ފުރުޞަތު ލިބުނު ފަރާތަކުން އެއްވެސް ޝަކުވާއެއް ހުށަނާޅައިފިނަމަ، އެ ލިސްޓާމެދު އެ ފަރާތް ރުހި ޤަބޫލުކުރިކަމަށް ބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.5)
- ޤާނޫނުއަސާސީގެ 23 ވަނަ މާއްދާގެ ދަށުން ފޭރާމާއި ހިޔާވަހިކަމުގެ ޙައްޤު ފޯރުކޮށްދިނުމަށް ދައުލަތަށް ލާޒިމުވަނީ ދައުލަތުގެ ތަނަވަސްކަމާއި ކުޅަދާނަކަން ހުރި މިންވަރަކަށެވެ. ކާރިޘާތަކުގައި ގެދޮރު ގެއްލުނު ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ދައުލަތުގެ ކެރިފޯރުންތެރިކަމުގެ މައްޗަށް ބަރޯސާވާ ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.6)
- ގެއްލުނު ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ހިންގާ ޕްރޮގްރާމަކީ ގެއެއްގެ ބަދަލުގައި ގެއެއް ނުވަތަ ބިމެއްގެ ބަދަލުގައި ބިމެއް ދިނުމުގެ ސިޔާސަތުގެ ދަށުން ހިންގާ ޕްރޮގްރާމެއް ނޫނެވެ. މިންގަނޑުގެ ދަށުން ޙައްޤުވާ ގެ ލިބި މަޤްޞަދު ފުރިހަމަވުމަށްފަހު އިތުރު ގޯއްޗެއް ދިނުމަށް ކަނޑައެޅުމަކީ ނުޙައްޤު މުއްސަނދިކަމެއް (unjust enrichment) ލިބިދިނުމެއް ކަމަށާއި، އެއީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތައް ހުއްދަކުރާ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.6)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 23 ވަނަ މާއްދާ (ށ)
- އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ރެޑްކްރޮސް އެންޑް ރެޑްކްރެސެންޓް ސޮސައިޓީގެ ދާއިމީ ހިޔާވަހިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމްގެ "ގެ ލިބޭ މީހުން ފާހަގަކުރުމަށް ގެންގުޅޭ މިންގަނޑުތައް" (2006)
- މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓްގެ ނަންބަރު 2007/24-C އިޢުލާން
- 2008/SC-A/09
- ބެންޗު
- މުޙައްމަދު ފައިޞަލް، ޢަބްދުﷲ ޙަމީދު، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް