ސައިޓޭޝަން ކޮޕީ ކުރުމަށް
2024/HC-B12/3
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ނަޖާބަތު ލަޠީފް، 2024/HC-B12/3
Prosecutor General v. Najaabathu Lateef 2024/HC-B12/3 (2024/HC-B12/3, High Court of the Maldives, 5 February 2024)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ނަޖާބަތު ލަޠީފް
މައްސަލައިގެ ޚުލާޞާ
ދަޢުވާ ކުރީ ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ށ) ގެ މުއްދަތު ފާއިތުވީފަހުން ކަމަށް ކަނޑައަޅައި، މައްސަލައަކީ މައުޟޫޢީ ގޮތުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫންކަމަށް މެޖިސްޓްރޭޓް ކޯޓުން ނިންމިއެވެ.
ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކުރި މައްސަލައެއްގައި 21 މޭ 2023 ގައި ތުހުމަތުކުރެވޭ ފަރާތް ހައްޔަރުކުރިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލް ދެފަހަރު 15 ދުވަހުން ތަޙްޤީޤުގެ މުއްދަތު އިތުރުކޮށް، 4 ޖުލައި 2023 ގައި ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދަޢުވާ ކުރިއެވެ.
ދައުލަތުން ބުނީ ތަޙްޤީޤުގެ މުއްދަތު އިތުރުކުރުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިފައިވާ އިޚްތިޔާރެއް ކަމަށާއި ތަޙްޤީޤަށް ގޮންޖެހުންތައް ދިމާވި ކަމަށެވެ. ރައްދުވި ފަރާތުން ބުނީ ވީޑިއޯ ރިޕޯޓު ނެތިވެސް ދަޢުވާކުރެވޭނެ ކަމަށާއި ފުލުހުން ގަސްދުގައި ތަޙްޤީޤު ލަސްކުރި ކަމަށެވެ.
މައިގަނޑު ސުވާލު
ޕްރޮސިކިއުޓަރ ޖެނެރަލް ތަޙްޤީޤުގެ މުއްދަތު އިތުރުކުރުމަށްފަހު، އެ އިތުރުކުރި މުއްދަތުގެ ތެރޭގައި ކުރި ދަޢުވާއަކީ ޤާނޫނު ނަންބަރު 17/2010 ގެ 17 ވަނަ މާއްދާގެ މުއްދަތު ފާއިތުވީފަހުން ކުރި ދަޢުވާއެއްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ނިންމުން ބާޠިލު، މައްސަލަ އޮތް ހިސާބުން ކުރިއަށް ގެންދިއުމަށް ދަށުކޯޓަށް ފޮނުވި
ތަޙްޤީޤު ފުރިހަމަނުވާތީ މުއްދަތު އިތުރުކޮށް، އިތުރުކުރި މުއްދަތުގެ ތެރޭގައި ބޭކާރު ލަސްވުމެއް ނެތި ދަޢުވާކޮށްފައިވާތީ، ދަޢުވާ ކުރީ މުއްދަތު ފާއިތުވީފަހުން ކަމަށް ނުބެލެވޭނެކަމަށް ކޯޓުން ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނު ނަންބަރު 17/2010 ގެ 17 ވަނަ މާއްދާގެ (ހ) ގެ ދަށުން 5–9 ވަނަ މާއްދާގެ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހެއްގެ މައްޗަށް ހައްޔަރުކުރާތާ 15 ދުވަހުގެ ތެރޭގައި ދަޢުވާ ހުށަހަޅަންވާނެއެވެ؛ (ށ) ގެ ދަށުން އެކަށީގެންވާ ހެކި ލިބިފައިވާނަމަ 15 ދުވަހުގެ ތެރޭގައި ދަޢުވާކުރުން ޕްރޮސިކިއުޓަރ ޖެނެރަލްގެ މައްޗަށް ލާޒިމުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14)
- 17 ވަނަ މާއްދާގެ (ނ) ގެ ދަށުން، އެ މާއްދާގެ މުއްދަތުތަކަކީ ޢާންމު އުޞޫލުން ޢަމަލުކުރެވޭ މުއްދަތުތަކެއް ކަމުގައިވިޔަސް، ޢަދުލުއިންޞާފާއި މުޖުތަމަޢުގެ އަމަން ރައްކާތެރިކުރުމަށް ކޮންމެހެން ބޭނުންވެއްޖެނަމަ، އެކަށީގެންވާ އެންމެ ކުރު މުއްދަތަކަށް އެ މުއްދަތުތައް އިތުރުކުރެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15)
- ތަޙްޤީޤުގައި ފުރިހަމަކުރަންޖެހޭ ކަންކަން (ހެކިންގެ ބަޔާން، ތުހުމަތުކުރެވޭ ފަރާތުގެ ބަޔާން، ވީޑިއޯ އެނާލިސިސް ރިޕޯޓު) ފުރިހަމަނުވުމުގެ ސަބަބުން ޕްރޮސިކިއުޓަރ ޖެނެރަލް މުއްދަތު އިތުރުކޮށް، އެ މުއްދަތުގެ ތެރޭގައި ބޭކާރު ލަސްވުމެއް ނެތި ދަޢުވާކޮށްފިނަމަ، އެ ދަޢުވާ ކުރީ 17 ވަނަ މާއްދާގެ މުއްދަތު ފާއިތުވީފަހުން ކަމަށް ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16–21)
- ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ހ)، (ށ)، (ނ)
- ޤާނޫނު ނަންބަރު 17/2010 ގެ 9 ވަނަ މާއްދާގެ (ހ) އަދި (ށ) (ދަޢުވާކުރި މާއްދާ)
- 2021/SC-A/12 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙް)
- ބެންޗު
- ފަނޑިޔާރު މުޙައްމަދު ސަލީމް، ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން
- ޚިލާފު ރައުޔު
- ނެތް