ސައިޓޭޝަން ކޮޕީ ކުރުމަށް
[2021] SC 92
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު އަމީން، [2021] SC 92 (2021/SC-A/79)
Prosecutor General's Office v. Mohamed Ameen [2021] SC 92 (2021/SC-A/79, Supreme Court of the Maldives, 3 October 2021)
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު އަމީން
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން، ދަޢުވާކުރުމުގެ މުއްދަތު ގުނަންވާނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 28-1 (ހ) އިން ކަމަށް ބުނެ، ދަޢުވާ ބާޠިލުކުރުމަށް އެދުނު ހުށަހެޅުން ބަލައިނުގަތެވެ. ހައިކޯޓުން (2021/HC-B12/50) ނިންމީ 26 (ފ) ގެ ދަށުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ އިޖުރާއަތެއް ހިންގުމުން ދެން ހިންގަންޖެހޭނީ އެ ޤާނޫނު ކަމަށާއި، 94 ވަނަ މާއްދާގެ 30 ދުވަހުގެ ތެރޭގައި ދަޢުވާ ނުކުރާތީ ދަޢުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
ޓެރަރިސްޓް ޖަމާޢަތެއްގައި ބައިވެރިވުމުގެ ތުހުމަތުގައި މުޙައްމަދު އަމީން 23 އޮކްޓޫބަރު 2019 ގައި ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން އިތުރުކުރިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލް ދަޢުވާ ހުށަހެޅީ ފުރަތަމަ ބަންދު އިތުރުކުރި ދުވަހުން ފެށިގެން 43 ވަނަ ދުވަހުއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް ބުނީ ހައިކޯޓުގެ ނިންމުމަކީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 26 އާއި 28-1 އާއި މާނަކުރުމުގެ ޤާނޫނުގެ 17 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ކަމަށެވެ. މުއްތަހަމު ބުނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ބަންދުކުރެވުނު މީހެއްގެ މައްޗަށް 94 ވަނަ މާއްދާގެ 30 ދުވަހުގެ ތެރޭގައި ދަޢުވާކުރަންވާނެ ކަމަށެވެ.
މައިގަނޑު ސުވާލު
ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައިވާ ކުށެއްގެ ތުހުމަތުކުރެވޭ މީހެއްގެ ބަންދުގެ މުއްދަތު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން އިތުރުކުރުމުން، އޭނާގެ މައްޗަށް ދަޢުވާކުރުމުގެ މުއްދަތު ގުނަންވާނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ 30 ދުވަހުގެ އުޞޫލުންތޯ، ނުވަތަ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 28-1 ވަނަ މާއްދާގެ (ހ) ގެ އުޞޫލުންތޯ؛ އަދި އެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ފ) މާނަކުރަންވީ ގޮތް.
ނިންމި ގޮތް
ހައިކޯޓުގެ ޙުކުމް ބާޠިލު؛ ކްރިމިނަލް ކޯޓުގެ ނިންމުން ރަނގަޅު، މައްސަލަތައް ކުރިއަށް ގެންދަން
ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 26 ވަނަ މާއްދާ މުޅިން އެކުގައި ކިޔުމުން (ފ) ހަވާލާދެނީ ހަމައެކަނި ބަންދުގެ މުއްދަތަށެވެ. 212 (ނ) ގެ ދަށުން ޚާއްޞަ ޤާނޫނަށް އިސްކަން ދޭންޖެހޭތީ، ދަޢުވާކުރުމުގެ މުއްދަތު ގުނަންވާނީ 28-1 (ހ) އިން ކަމަށާއި، 43 ދުވަހުގެ ތެރޭގައި ހުށަހެޅި ދަޢުވާ މުއްދަތުގެ ތެރޭގައި ކަމަށް ކޯޓުން ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 212 ވަނަ މާއްދާގެ (ނ) ގެ ދަށުން، ޖިނާއީ ކުށް ކަނޑައަޅާ ޚާއްޞަ ޤާނޫނެއްގައި ވަކި ކަމެއް ކުރުމުގެ ޚާއްޞަ އުޞޫލުތައް ކަނޑައަޅާފައިވާނަމަ، އެ ޚާއްޞަ ޤާނޫނުގައިވާ މިންވަރަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ އާންމު އިޖުރާއަތުތަކުން އިސްތިސްނާވެ، އަމަލުކުރަންވާނީ ޚާއްޞަ ޤާނޫނުގެ އިޖުރާއަތާ އެއްގޮތަށެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި މުއްތަހަމަށް ލުއި އިޖުރާއަތު ހުއްޓަސް، ޚާއްޞަ ޤާނޫނުގައިވަނީ އުނދަގޫ އިޖުރާއަތެއް ކަމަށް ވިޔަސް، އަމަލުކުރަންޖެހޭނީ ޚާއްޞަ ޤާނޫނުގެ އިޖުރާއަތަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12-13)
- ޤާނޫނެއް ނުވަތަ މާއްދާއެއް ކިޔަންވާނީ އެއް ރޮއްޖަކުން ވިޔެފައިވާ އެކަތިގަނޑެއްގެ ގޮތުގައެވެ. މާއްދާއެއްގެ ދަށުގައިވާ އަކުރުތަކަކީ އެ މާއްދާގެ މައުޟޫޢާއި ސްކީމްގެ ދަށުން އަންނަ އަކުރުތަކަށް ވާތީ، އަކުރެއްގެ މާނަ އޮޅޭނަމަ މާނަކުރަންވާނީ އެ މާއްދާގެ މައުޟޫޢުގެ ތެރެއިންނެވެ. އަކުރެއް މާއްދާގެ މައުޟޫޢުން ބޭރަށް ނެރެ، ޤާނޫނުގެ މަޤްޞަދު ގެއްލޭ ގޮތަށް، މިނިވަން މާއްދާއެއްގެ ގޮތުގައި މާނަ ނުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 11، 15-17)
- ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ފ) އިން ހުއްދަކުރަނީ ހަމައެކަނި ބަންދުގެ މުއްދަތާ ގުޅޭގޮތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ އިޖުރާއަތު (60 ވަނަ މާއްދާގެ ދަށުން، 26 ވަނަ މާއްދާގެ ދަށުން ބަންދުކުރެވޭ އެންމެ ދިގު މުއްދަތު 41 ދުވަހަށްވުރެ ދިގު މުއްދަތަކަށް ބަންދުކުރުން) ތަންފީޛުކުރުމެވެ. އެއީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ އެހެން މާއްދާތަކުގައިވާ އިޖުރާއަތުތައް އެ މީހެއްގެ މައްޗަށް ހިންގުން ހުއްޓުވާ އަކުރެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16، 18)
- ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 28-1 ވަނަ މާއްދާގެ (ހ) ގެ މަޤްޞަދަކީ ޓެރަރިޒަމްގެ ކުށުގެ ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ދިގު މުއްދަތެއް ދިނުމެވެ. އެ މަޤްޞަދު ގެއްލޭ ގޮތަށް 26 ވަނަ މާއްދާގެ (ފ) މާނަ ނުކުރެވޭނެއެވެ. ބަންދުގެ މުއްދަތު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން އިތުރުކުރިޔަސް، ޓެރަރިޒަމްގެ ކުށުގެ ތުހުމަތުކުރެވޭ މީހެއްގެ މައްޗަށް ދަޢުވާކުރުމުގެ މުއްދަތު ގުނާނީ 28-1 ވަނަ މާއްދާގެ (ހ) ގެ އުޞޫލުން، އެއީ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވޭތާ 45 ދުވަހުގެ ތެރޭގައި ތަޙްޤީޤު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވައި، އެ އޮފީހަށް ހުށަހެޅޭތާ 15 ދުވަހުގެ ތެރޭގައި ދަޢުވާ އުފުލުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18، 20-21)
- ޖިނާއީ ކުށް ކަނޑައަޅާ ޚާއްޞަ ޤާނޫނެއްގައި އިޖުރާއަތުގެ ބައެއް އޮވެ، އަނެއް ބައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި އޮންނަ ޙާލަތުގައި، ފުރަތަމަ ރުޖޫޢަވާނީ ޚާއްޞަ ޤާނޫނަށް، އެ ޤާނޫނުގައި ނެތްނަމަ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ވަކި ކަމަކަށް ޢަމަލުކުރުމުގެ ސަބަބުން މައްސަލަ ޚާއްޞަ ޤާނޫނުގެ އިޖުރާއަތުގެ ތެރެއިން މުޅިން ވީއްލިގެން ނުދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19)
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 212 ވަނަ މާއްދާގެ (ނ) ސުޕްރީމް ކޯޓުން މާނަކޮށްފައިވާ ގޮތުގައި ނުހިފައި ދޫކޮށްލުމަކީ ދަށު ކޯޓުތަކަށާއި ހައިކޯޓަށާއި ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް ލިބިފައިވާ އިޚްތިޔާރެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19)
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ޝަރީޢަތް ނިމުނުގޮތް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު އަމީން
ފަނޑިޔާރުންގެ މަޖިލިސް
އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުފަނޑިޔާރު ޙުސްނުއް ސުޢޫދުނިމުނު ތާރީޚު
03 އޮކްޓޯބަރ 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
އިސްތިއުނާފު ރައްދުވާ ފަރާތް
އިސްތިއުނާފުކުރާ ފަރާތް
މުޙައްމަދު އަމީން
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ޤާނޫނީ ވަކީލު:
ޤާނޫނީ ވަކީލު:
އަލްއުސްތާޛް އަޙްމަދު ޔާމީން
އަލްއުސްތާޛް އިސްމާއީލް ވިޝާމް
އަލްއުސްތާޛާ އާމިނަތު ސުވޭޒާ ނަޢީމް، ވިޝާމް، ޒާހިރު އެންޑް ކޯ އެލް.އެލް.ޕީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް
ސީނިއަރ ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛާ ޢާއިޝަތު މުޙައްމަދު
ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛު އަޙްމަދު ނައުޝާދު
ޖިނާއީ – ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 212 (ނ) – ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 26 (ފ)، 1-28 (ނ) – ދައުވާކުރުމުގެ މުއްދަތު – ޤާނޫނު މާނަކުރުމުގެ ހަމަތައް – ޖިނާއީ މައްސަލައެއްގައި ތަންފީޒުކުރަންޖެހޭ ދެ އިޖުރާއަތު އެއްތަންވުން – ޖިނާޢީ ޚާއްސަ ޤާނޫނަށް އިސްކަންދިނުން
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ މުޙައްމަދު އަމީން
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު (އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން އަދި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ތާއީދު ކުރައްވާފައި)
ތައާރުފު
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބަޔާންކުރާ ކުށެއްގެ ތުހުމަތު ކުރެވޭ މީހެއްގެ މައްޗަށް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އެއްވެސް އިޖުރާއަތެއް ހިނގައިފިނަމަ، ދެން އެމީހަކުގެ މައްޗަށް ކުރެވޭ ތުހުމަތަކާ ގުޅިގެން ހައްޔަރުކޮށް، ބަންދުކޮށް، ތަހުގީގުކޮށް، ދައުވާ އުފުލައި، ޝަރިއަތް ހިންގަންޖެހޭނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކަމަށް އިސްތިއުނާފުކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމުގައި ކަނޑައަޅާފައި އޮވެއެވެ. އެހެންކަމުން، މި މައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ކުރިމަތިކޮށްފައިވާ ސުވާލަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބަޔާންކުރާ ކުށެއްގެ ތުހުމަތު ކުރެވޭ މީހެއްގެ މައްޗަށް، ކުށުގެ ތުހުމަތުގައި ބަންދުކުރުމާ ގުޅޭގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އެއްވެސް އިޖުރާއަތެއް ހިންގިއްޖެ ނަމަ، އެ މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ގާނޫނުގައި ބަޔާންކުރާ އެއްވެސް އިޖުރާއަތެއް އެއަށްފަހު ހިންގޭނެތޯ ނުވަތަ ނޫންތޯއެވެ.
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-B12/50 ގަޒިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ. މި ގަޒިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޏ. ފުވައްމުލައް، މާދަޑު. ކަރިއްޔާވިލާ، މުޙައްމަދު އަމީން އެވެ.
މައްސަލައިގައި ކަންހިނގާފައިވާ ގޮތް
ޓެރަރިޒަމްގެ ކުށުގެ ތުހުމަތުގައި 23 އޮކްޓޫބަރު 2019 ދުވަހު މުޙައްމަދު އަމީން ހައްޔަރުކުރެވުނެވެ. މުޙައްމަދު އަމީން ހައްޔަރުކޮށްފައިވަނީ 23 އޮކްޓޫބަރު 2019 ދުވަހު ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/HF/2019/257 ހައްޔަރު އަމުރުގެ ދަށުންނެވެ. އޭނާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވުނު ފުރަތަމަ ފަހަރު، ބަންދުގެ މުއްދަތު 15 (ފަނަރަ) ދުވަހުގެ މުއްދަތަށް އިތުރުކޮށްދިނުމަށް އެދުމުން، އޭނާގެ ބަންދުގެ މުއްދަތު އެދިފައިވާ ގޮތަށް އިތުރުކޮށްދީފައި ވެއެވެ. އެއަށްފަހު، މުޙައްމަދު އަމީންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ގޮތް ތިރީގައި މިވަނީއެވެ.
މުއްދަތު އިތުރުކުރި ތާރީޚް މުއްދަތު ހަމަވާ ތާރީޚް މުއްދަތު (ދުވަސް)
24 އޮކްޓޫބަރު 2019 08 ނޮވެންބަރު 2019 15
08 ނޮވެމްބަރު 2019 15 ނޮވެންބަރު 2019 7
15 ނޮވެމްބަރު 2019 22 ނޮވެންބަރ 2019 7
22 ނޮވެމްބަރު 2019 07 ޑިސެންބަރު 2019 15
07 ޑިސެމްބަރު 2019 17 ޑިސެންބަރު 2019 10
15 ޑިސެންބަރު 2019 ޝަރިއަތް ނިމެންދެން މުޙައްމަދު އަމީންގެ މައްޗަށް ކުރި ތަހުގީގު ނިންމައި، ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފުލުހުން މައްސަލަ ފޮނުވީ 01 ޑިސެންބަރު 2019 ގައެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކޯޓަށް ދައުވާ ހުށަހެޅީ 05 ޑިސެމްބަރު 2019 ގައި އެވެ. އެހެންކަމުން މުޙައްމަދު އަމީންގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ދައުވާ ހުށަހަޅާފައިވަނީ މުޙައްމަދު އަމީންގެ ބަންދުގެ މުއްދަތު ފުރަތަމަ އިތުރުކުރި ދުވަހުން ފެށިގެން 43 ވަނަ ދުވަހުއެވެ.
އިބްތިދާއީ އަޑުއެހުމުގައި ޝަރިއަތުގެ ކުރިން ހުށަހެޅި ހުށަހެޅުން
މުޙައްމަދު އަމީންގެ މައްޗަށް 05 ޑިސެންބަރު 2019 ދުވަހު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު: 145/DF/2019/614 ދައުވާ ހުށަހަޅާ ފޯމުން ހުށަހެޅި ޓެރަރިސްޓް ޖަމާޢަތެއްގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއާއި ގުޅިގެން ހިންގި ކްރިމިނަލް ކޯޓުގެ ނަންބަރު 853/Cr-C/2019 ގަޒިއްޔާއާއި ނަންބަރު 854/Cr-C/2019 ގަޒިއްޔާގެ އިބްތިދާއީ އަޑުއެހުމުގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި މުޙައްމަދު އަމީންގެ ފަރާތުން 2 ނުކުތާއެއް ހުށަހަޅާފައިވެއެވެ. އެއީ:
(ހ) މުޙައްމަދު އަމީންއަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ބަންދުކޮށްފައިވާ މީހެއްކަމަށް ވާތީ، އޭނާގެ މައްޗަށް ދައުވާކުރަންވާނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ކަމަށް ވާތީވެ، އަދި އޭނާގެ މައްޗަށް ދައުވާކުރީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގައި ދައުވާކުރުމަށް ކަނޑައަޅާފައިވާ 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ކަމަށް ނުވާތީ، އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގެ ނަންބަރު 853/Cr-C/2019ގަޒިއްޔާ އާއި ނަންބަރު 854/Cr-C/2019 ގަޒިއްޔާއިން އުފުލާފައިވާ ދެ ދައުވާ ބާތިލްކޮށް ދިނުމަށް އެދި ހުށަހެޅި ހުށަހެޅުން.
(ށ) މުޙައްމަދު އަމީންގެ މައްޗަށް ޕްރޮސިކިއުޝަނުން ހުށަހަޅާފައިވާ ދެ ދައުވާ އަކީ އެއް ވާގިއާއެއްގެ މައްޗަށް ހުށަހަޅާފައި ދެ ދައުވާއެއް ކަމަށްވާތީ، އަދި އޭނާގެ މައްޗަށް ކުރެވޭނީ އެއް ދައުވާއެއް ކަމަށްވާތީ، މުއްތަހަމަށް ގެއްލުންވާ ގޮތަށް އެ ދައުވާތައް އެގޮތަށް ވަކިން ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ހުށަހެޅި ހުށަހެޅުން.
މި ދެ ނުކުތާއާއި ބެހޭގޮތުން ކްރިމިނަލް ކޯޓުން ނިންމީ އެ ދެ ހުށަހެޅުން ބަލައި ނުގަތުމަށެވެ. އެގޮތަށް ނިންމާފައިވަނީ މުޙައްމަދު އަމީންގެ މައްޗަށް ދައުވާ އުފުލުމުގައި މުއްދަތު ގުނާފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 1-28 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކަމަށްވެފައި، އެ މުއްދަތު އެގޮތަށް ގުނާފައިވަނީ އެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ފ) އަށް ރިއާޔަތްކޮށްގެން ކަމަށްވާތީއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ގޮތް
ކްރިމިނަލް ކޯޓުން ނިންމި ނިންމުން މުޙައްމަދު އަމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން ހައިކޯޓުން ބެލި ނަންބަރު 2021/HC-B12/50 ގަޒިއްޔާގެ ހުކުމުގައި ހައިކޯޓުން ބުނެފައިވަނީ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 212 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ފަދަ ޚާއްސަ ޖިނާއީ ގާނޫނެއް ކަމަށްވާތީވެ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ އަމަލެއް ކޮށްފިކަމަށް ތުހުމަތު ކުރެވޭ މީހެއްގެ މައްޗަށް ކުރެވޭ ތުހުމަތަކާ ގުޅިގެން ހައްޔަރުކޮށް ބަންދުކޮށް ތަހުގީގުކޮށް ދައުވާ އުފުލައި ޝަރިއަތް ހިންގަންޖެހޭނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުންކަމަށެވެ. ނަމަވެސް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ފ) އިން އެ ގައިދު ދޫކޮށްލައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބަޔާންކުރާ ކުށެއްގެ ތުހުމަތު ކުރެވޭ މީހަކު ކުށުގެ ތުހުމަތުގައި ބަންދުކުރުމާ ގުޅޭގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރެވިފައިވާ އެއްވެސް އިޖުރާއަތެއް އެ މީހެއްގެ މައްޗަށް ހިންގިއްޖެ ނަމަ، އެ މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ގާނޫނުގައި ބަޔާންކުރާ އެއްވެސް އިޖުރާއަތެއް އެ އަށްފަހު ނުހިންގޭނެ ކަމަށް ހައިކޯޓުގެ ހުކުމުގައި ބުނެފައި ވެއެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކުށުގެ ތުހުމަތުގައި ބަންދުކުރުމުގެ އެއްވެސް އިޖުރާއަތެއް ހިނގައިފިނަމަ، ދެން އެމީހަކުގެ މައްޗަށް ކުރެވޭ ތުހުމަތަކާ ގުޅިގެން ހައްޔަރުކޮށް ބަންދުކޮށް ތަހުގީގުކޮށް ދައުވާ އަފުލައި ޝަރިއަތް ހިންގަންޖެހޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކަމަށް ހައިކޯޓުން ބަޔާންކޮށްފައިވެއެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ފ) ގައި ބުނެފައިވަނީ:
"މި މާއްދާގައި ބަޔާންކުރާ ކަންކަމުގެ އިތުރުން، ކުށުގެ ތުހުމަތުގައިވާ ފަރާތްތަކުގެ ބަންދާ ގުޅޭގޮތުން ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގައި ބަޔާންކުރާ ޢާންމު އިޖުރާއަތުތަކުގެ ތެރެއިން އިޖުރާއަތެއް މި ޤާނޫނުގެ ދަށުން ބަންދުކުރެވޭ މީހެއްގެ މައްޗަށް ތަންފީޛުކުރުމަކަށް މި ޤާނޫނު ހުރަހެއްނާޅައެވެ. އެހެންނަމަވެސް، އެ ޙާލަތުގައި ހިނގާނީ އެ ޤާނޫނުގައި ބަޔާންކުރާ އުސޫލުތަކެވެ."
އެހެންކަމުން، ހައިކޯޓުގެ ހުކުމުގައި އިތުރަށް ބުނެފައިވަނީ މުހައްމަދު އަމީންގެ ބަންދާ ގުޅޭގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ އާންމު އިޖުރާއަތުތަކުގެ ތެރެއިން އިޖުރާއަތެއް ހިންގާފައިވާނަމަ މުހައްމަދު އަމީންގެ މައްޗަށް އެ ހާލަތުގައި ދެން ހިންގަން ޖެހޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތައް ކަމަށާއި، އެއީ ކަމާބެހޭ އިދާރާތަކަށް ދޫކޮށްލެވިފައިވާ އިޚްތިޔާރެއް ނޫން ކަމަށެވެ.
ވީމާ، އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ހުކުމުގައި ކަނޑައަޅާފައިވަނީ، ކުށުގެ ތުހުމަތުގައި މުހައްމަދު އަމީނު ބަންދުކުރުމާބެހޭ ގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ބަންދުގެ މުއްދަތުގެ އިތުރުކޮށްދީފައިވާތީވެ، އޭނާގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ދައުވާކުރަންޖެހޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ބަންދުގައި ތިބޭމީހުންގެ މައްޗަށް ދައުވާކުރަން ކަނޑައަޅާފައިވާ ބަންދުކުރެވޭ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި ކަމަށާއި، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބަޔާންކުރާ ކުށެއްގެ ތުހުމަތުކުރެވޭ މީހަކު ކުށުގެ ތުހުމަތުގައި ބަންދުގައި ބަހައްޓާފައިވާނަމަ އެމީހެއްގެ މައްޗަށް ދައުވާކުރަން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް އަށް ދީފައިވާ 45 ދުވަހުގެ ތެރޭގައެއް ނޫން ކަމަށެވެ. ހައިކޯޓުގެ ހުކުމުގައި އިތުރަށް ބުނެފައިވަނީ، މި މައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މުހައްމަދު އަމީންގެ މައްޗަށް ދައުވާކޮށްފައިވަނީ އޭނާ ޓެރަރިޒަމްގެ ކުށުގެ ތުހުމަތުގައި ބަންދުކުރެވުނު ތާރީޚުން ފެށިގެން 43 ވަނަ ދުވަހުގައި ކަމަށްވާތީވެ، އަދި އޭނާގެ މައްޗަށް ދައުވާކުރެވިފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގައި ބުނެފައިވާ 30 ދުވަހުގެ ތެރޭގައި ކަމަށް ނުވާތީވެ، އޭނާގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅުނު ދެ ދައުވާ ކްރިމިނަލް ކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅުނު އިސްތިއުނާފް
ހައިކޯޓުގެ ނަންބަރު 2021/HC-B12/50 ގަޒިއްޔާ ނިމިފައިވާ ގޮތާމެދު ހިތްހަމަނުޖެހިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވެއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އިސްތިއުނާފު ބިނާކޮށްފައިވަނީ އަންނަނިވި ދެ ނުކުތާގެ މައްޗަށެވެ.
(ހ) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2021/HC-B12/50 ގަޒިއްޔާ ނިންމަވާފައިވަނީ ގާނޫނު ނަންބަރު 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 26 ވަނަ މާއްދާއާއި، އެ ގާނޫނުގެ 1-28 ވަނަ މާއްދާއާއި ގާނޫނު ނަންބަރު: 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނު) ގެ 17 ވަނަ މާއްދާއާ ޚިލާފަށް ކަމުގައިވުން.
(ށ) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2021/HC-B12/50 ގަޒިއްޔާ ނިންމާފައިވަނީ ގާނޫނު ނަންބަރު: 2016/12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 94 ވަނަ މާއްދާއާ ޚިލާފަށް ކަމުގައިވުން.
ގާނޫނު މާނަކުރުމުގެ ހަމަތައް
ގާނޫނެއް ނުވަތަ ގަވާއިދެއްގައިވާ އެއް މާއްދާއެއްގައި ހިމެނޭ ހުރިހާ އަކުރުތައް ޝާމިލުގޮތެއްގައި މާނަކުރުމާބެހޭ ގޮތުން މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ދައުލަތް (މިނިސްޓްރީ އޮފް ޓުއަރިޒަމް) ވ. އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ގަޒިއްޔާގައި އުސޫލުތަކެއް ކަނޑައަޅާފައިވެއެވެ. އެ އުސޫލަކީ:
"ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނާއި ގާނޫނުތަކުގެ ދަށުން ހަދާފައިވާ ގަވާއިދުތައް މާނަކުރުމުގައި މިސްރާބުހިފިދާނެ ތަފާތު ގޮތްތަކެއް މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. އެއިން ކޮންމެ ގޮތަކަށް ގާނޫނެއް މާނަ ކުރުމަށް މިސްރާބުހިފި ނަމަވެސް ޔަގީންވާ އެއް ކަމެއް އެބައޮތެވެ. އެއީ، އެއިން ކޮންމެ ގޮތެއް އިޚްތިޔާރުކުރިނަމަވެސް މާނަކުރުމުގެ މަސައްކަތް ފެށެނީ ގާނޫނުގެ އިބާރާތާއި އޮނިގަނޑުން ކަމެވެ. އެހެންކަމުން، ކޯޓުން މާނަކުރަންޖެހޭ މާއްދާ ނުވަތަ އިބާރާތް ހިމެނޭ ގާނޫނު ކިޔަންވާނީ އެއް ރޮއްޖަކުން ވިޔެފައިވާ އެކަތިގަނޑެއްގެ ގޮތުގައެވެ. ގާނޫނުގައި ހިމެނޭ ވަކިވަކި ބައިތައް ކޯޓުން ކިޔައި މާނަކުރަންވާނީ މުޅި ގާނޫނުގެ ވަށައިގެންވާ ސިޔާސަތާއި މަގްސަދުގެ ފުޅާ އިމުގެ ތެރޭގައެވެ."
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މަފްތޫޙް ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް ގަޒިއްޔާގެ 13 ވަނަ ޕެރެގްރާފުގައި ބުނެފައިވަނީ:
"ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 212 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޖިނާއީ ކުށް ކަނޑައެޅުމުގެ ޚާއްސަ ގާނޫނެއްގައި ވަކި ކަމެއް ކުރުމުގެ ޚާއްސަ އުސޫލުތަކެއް ކަނޑައަޅާފައިވާ ނަމަ، އެ ޚާއްސަ ގާނޫނުގައި ބަޔާންކޮށްފައިވާ ބާވަތުގެ މައްސަލަތަކުގައި ތަހުގީގުކުރުމާއި މީހުން ބަންދުކުރުމާއި ޝަރިއަތްކުރުމުގައި އަމަލުކުރާނީ އެ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތާ އެއްގޮތަށް ކަމަށެވެ. އެހެންކަމުން، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޖިނާއީ ކުށް ކަނޑައެޅުމުގެ ޚާއްސަ ގާނޫނެއްގައި ވަކި ކަމެއް ކުރުމުގެ ޚާއްސަ އުސޫލުތަކެއް ކަނޑައަޅާފައިވާ ނަމަ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ އާންމު އިޖުރާއަތުތައް އެ ޚާއްސަ ގާނޫނުގައި ބަޔާންވެގެންވާ އިޖުރާއަތުގެ މިންވަރުގެ ނިސްބަތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ އާންމު އިޖުރާއަތުން އިސްތިސްނާ ވާނެއެވެ. ވީމާ، މިއުސޫލަށް ބަލާއިރު، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަކީ ޖިނާއީ ކުށް ކަނޑައެޅުމުގެ ޚާއްސަ ގާނޫނެއް ކަމަށްވާތީވެ، ޓެރަރިޒަމްގެ ކުށުގެ ތުހުމަތުކުރެވޭ މީހަކު، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (މ) ގެ ދަށުން ބަންދުކުރުމަށް ހުއްދަކުރެވިފައިވާ 14 ދުވަސް ހަމަވުމުން، ޓެރަރިޒަމްގެ ކުށެއްގެ ތުހުމަތުކުރެވޭ މީހާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތް ނަމަ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ އާންމު އިޖުރާއަތުގެ ދަށުން އިތުރު މުއްދަތަކަށް ބަންދުކުރުމަށްޓަކައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ފ) އިން ހުއްދަކުރެއެވެ."
ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުސް ސަލާމް ގަޒިއްޔާގެ 12 ވަނަ ޕެރެގްރާފުގައި ސުޕްރީމް ކޯޓުން ބުނެފައިވަނީ:
"ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ދަށުން މީހުން ބަންދުކުރުމަށް ކަނޑައަޅާފައިވާ އިޖުރާއަތަކީ މުއްތަހަމަށް ލުއި އިޖުރާއަތެކެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކުރެވޭ މީހުންނަށް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ދަށުން ބަންދު މުރާޖައާ ކުރުމުގެ ފުރުސަތު ލިބުމާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގައި ބަޔާންކުރާ ގޮތަށް ދައުވާ އުފުލުމުގެ މުއްދަތާއި ތަހުގީގުގެ މުއްދަތު އިތުރުކުރުން ފަދަ ތުހުމަތު ކުރެވޭ މީހާއަށް ފައިދާހުރި ކަންތައް ތަކެއް ހިމެނެއެވެ. ނަމަވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 212 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވަނީ، ޖިނާއީ ކުށް ކަނޑައެޅުމުގެ ޚާއްޞަ ގާނޫނެއްގައި ވަކި ކަމެއް ކުރުމުގެ ޚާއްޞަ އުސޫލުތައް ކަނޑައަޅައިދީފައި ވާނަމަ، އަމަލުކުރަން ޖެހޭނީ އެ ޚާއްސަ ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތާ އެއްގޮތަށް ކަމަށެވެ. އެހެންކަމުން، ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކުން އަމަލުކުރުމުގެ ގާނޫނުގައި ބަޔާންކުރެވިފައިވާ ކުށެއްގެ ތުހުމަތުކުރެވޭ މީހަކު ތަހުގީގުގެ މަރުހަލާގައާއި ޝަރީއަތުގެ މަރުހަލާގައި ބަންދުކުރުމުގައި އަމަލުކުރާނެ ވަކި އުސޫލުތަކެއް ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކުން އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީވެ، ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކުން އަމަލުކުރުމުގެ ގާނޫނުގައި ބަޔާންކުރެވިފައިވާ ކުށެއްގެ ތުހުމަތުކުރެވޭ މީހަކު ތަހުގީގުގެ މަރުހަލާގައާއި ޝަރީއަތުގެ މަރުހަލާގައި ބަންދުކުރުމުގައި އަމަލުކުރަންވާނީ ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކުން އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތާ އެއްގޮތަށެވެ."
މީގެ މާނައަކީ ޚާއްސަ ގާނޫނަކާއި އާންމު ގާނޫނެއް އެއްތަންވެ އޮންނަ ހާލަތުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ހުރި އުސޫލުތައް ތަތުބީގުކުރުމުގެ ސަބަބުން ބައެއް މައްސަލަތަކުގައި މުއްތަހަމަށް ލުއި އިޖުރާއަތުތައް ހުއްޓަސްވެސް، އަދި ޚާއްސަ ގާނޫނުގައި ވަނީ އުނދަގޫ އިޖުރާއަތެއް ކަމަށްވިޔަސް އެ ހާލަތުގައިވެސް އަމަލުކުރަންޖެހޭނީ ޚާއްސަ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާއި އުސޫލުތަކަށް ކަމެވެ.
ގާނޫނު މާނަކުރުމުގެ ހަމަތައް މި މައްސަލައަށް ތަތުބީގުކުރުން
އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2021/HC-B12/50 ގަޒިއްޔާގެ ހުކުމުގައި ހައިކޯޓުން ބުނެފައިވަނީ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 212 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ފަދަ ޚާއްސަ ޖިނާއީ ގާނޫނެއް ކަމަށްވާތީވެ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ އަމަލެއް ކޮށްފިކަމަށް ތުހުމަތު ކުރެވޭ މީހެއްގެ މައްޗަށް ކުރެވޭ ތުހުމަތަކާ ގުޅިގެން ހައްޔަރުކޮށް، ބަންދުކޮށް، ތަހުގީގުކޮށް، ދައުވާ އަފުލައި، ޝަރިއަތް ހިންގަންޖެހޭނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ކަމަށެވެ. ނަމަވެސް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ފ) އިން އެ ގައިދު ދޫކޮށްލައި، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބަޔާންކުރާ ކުށެއްގެ ތުހުމަތު ކުރެވޭ މީހާގެ މައްޗަށް، ކުށުގެ ތުހުމަތުގައި ބަންދުކުރުމާ ގުޅޭގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރެވިފައިވާ އެއްވެސް އިޖުރާއަތެއް ހިންގިއްޖެ ނަމަ، އެ މީހެއްގެ މައްޗަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބަޔާންކުރާ އެއްވެސް އިޖުރާއަތެއް އެއަށްފަހު ނުހިންގޭނެއެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކުށުގެ ތުހުމަތުގައި ބަންދުކުރުމުގެ އެއްވެސް އިޖުރާއަތެއް ހިނގައިފިނަމަ، ދެން އެމީހަކުގެ މައްޗަށް ކުރެވޭ ތުހުމަތަކާ ގުޅިގެން ހައްޔަރުކޮށް، ބަންދުކޮށް، ތަހުގީގުކޮށް، ދައުވާ އަފުލައި، ޝަރިއަތް ހިންގަންޖެހޭނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކަމަށް ހައިކޯޓުގެ ހުކުމުގައި ކަނޑައަޅާފައި ވެއެވެ.
އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ގަޒިއްޔާގެ ހުކުމުގައި، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ފ) މާނަކޮށްފައިވަނީ ގާނޫނު މާނަކުރުމާބެހޭ ގޮތުން ދައުލަތް (މިނިސްޓްރީ އޮފް ޓުއަރިޒަމް) ވ. އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ގަޒިއްޔާ އާއި މަފްތޫޙް ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް ގަޒިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށެވެ. މި ގޮތަށް މި ބަޔާންކުރި ސަބަބު ސުޕްރީމް ކޯޓުގެ އެ ދެގަޒިއްޔާގެ ހުކުމުގެ އަލީގައި ތިރީގައިވާ ޕެރެގްރާފުތަކުގައި މި ބަޔާންކުރަނީއެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ފ) ގައި ބުނެފައިވަނީ:
"މި މާއްދާގައި ބަޔާންކުރާ ކަންކަމުގެ އިތުރުން ކުށުގެ ތުހުމަތުގައިވާ ފަރާތްތަކުގެ ބަންދާ ގުޅޭގޮތުން ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގައި ބަޔާންކުރާ އިޖުރާއަތުތަކުގެ ތެރެއިން އިޖުރާއަތެއް މި ގާނޫނުގެ ދަށުން ބަންދުކުރެވޭ މީހެއްގެ މައްޗަށް ތަންފީޒުކުރުމަށް މި ގާނޫނު ހުރަހެއް ނާޅައެވެ. އެހެންނަމަވެސް، އެ ހާލަތުގައި ހިނގާނީ އެ ގާނޫނުގައި ބަޔާންކުރާ އުސޫލުތަކެވެ."
އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ހުކުމުގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ފ) މާނަކޮށްފައިވަނީ މީގެ ކުރީން ގާނޫނު މާނަކުރުމާބެހޭ ގޮތުން ދައުލަތް (މިނިސްޓްރީ އޮފް ޓުއަރިޒަމް) ވ. އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ގަޒިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ކަމަށް މި ބަޔާންކުރި ސަބަބަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގައިވާ އެންމެހައި އަކުރުތައް (އެއީ 26 ވަނަ މާއްދާގެ (ހ) އިން (ފ) ގެ ނިޔަލަށް) ހައިކޯޓުން މާނަކޮށްފައިވަނީ އެއް ރޮއްޖަކުން ވިޔެފައިވާ ނުވަތަ އެއް ރޮޖަކުން ގެތިފައިވާ އެކައްޗެއްގެ ގޮތުގައި (އެއް ސްކީމެއްގެ ދަށުން) އެ އަކުރުތައް މާނަކޮށްފައި ނުވާތީއެވެ. 26 ވަނަ މާއްދާގައިވާ އަކުރުތަކުގެ ސްކީމްގެ ބޭރަށް އެ މާއްދާގެ (ފ) ނެރެ، އެ އަކުރަކީ މުޅިން މިނިވަން މާއްދާއެއްގެ ގޮތުގައި ހައިކޯޓުން މާނަކޮށްފައިވަނީ ގާނޫނު މާނަކުރުމުގެ ސައްހަމަގުން ކަމަށް ނުދެކެމެވެ. ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ ޕެރެގްރާފް (ފ) ގެ ނައްސަށް ބެލުމުން އެ ޕެރެގްރާފުން އިސްތިސްނާކުރަނީ ހަމައެކަނި "ތުހުމަތުގައިވާ ފަރާތްތަކުގެ ބަންދާ ގުޅޭގޮތުން" ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ އަކުރުތަކުގައި ބަޔާން ކޮށްފައިވާ އިޖުރާއަތުތަކުން ކަން ސާފުކޮށް އެނގެއެވެ. ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ފ) ގެ މަގްސަދަކީ އެ މާއްދާގެ (ފ) ގެ ކުރިއަށް ހުރި އަކުރުތަކުގައިވާ އިޖުރާއަތުގެ ދަށުން ޓެރަރިޒަމްގެ ކުށުގެ ތުހުމަތުކުރެވޭ މީހަކު ބަންދުކުރެވޭނެ އެންމެ ދިގު މުއްދަތަކީ 41 ދުވަސް ކަމަށްވާތީވެ އެއަށްވުރެ ދިގު މުއްދަތަކަށް އެފަދަ މީހަކު ބަންދުކުރަން ޖެހިއްޖެ ނަމަ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ދަށުން ބަންދުގައި ބެހެއްޓުން ހުއްދަކުރުމެވެ. މި ނޫން މާނައެއް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ފ) އިން ނުނެގެއެވެ. ދައުލަތް (މިނިސްޓްރީ އޮފް ޓުއަރިޒަމް) ވ. އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ގަޒިއްޔާގެ ޖަޖްމެންޓުގައި ބުނެފައިވާ ފަދައިން "ކޯޓުން މާނަކުރަންޖެހޭ މާއްދާ އަދި މާނަކުރަންޖެހޭ އިބާރާތް ހިމެނޭ ގާނޫނު ކިޔަންވާނީ އެއް ރޮއްޖަކުން ވިޔެފައިވާ އެކަތިގަނޑެއްގެ ގޮތުގައެވެ. އަދި ގާނޫނުގައި ހިމެނޭ ވަކިވަކި ބައިތައް ކޯޓުން ކިޔައި މާނަކުރަންވާނީ މުޅި ގާނޫނުގެ ވަށައިގެންވާ ސިޔާސަތާއި މަގްސަދުގެ ފުޅާ އިމުގެ ތެރޭގައެވެ." މި އުސޫލުން ބަލާއިރު، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ފ) ގެ ކުރިއަށް ހުރި ހުރިހާ އަކުރެއްގައި ބަންދުގެ މުއްދަތުގެ ވާހަކަ ބަޔާންކޮށްފައި އޮތުމުން އެ މާއްދާގައި ހިމެނޭ (ފ) ގައި އެ ހަވާލާދެނީ ހަމައެކަނި ބަންދުގެ މުއްދަތަށް ކަން އޮޅުމެއް ނެތި ސާފުކޮށް އެނގެއެވެ. މިނޫން އެހެން މާނައެއް އެ މާއްދާގެ ދަށުގައިވާ އެ އަކުރަށް ދެވޭނެ ހަމައެއް ނެތެވެ. އެހެންކަމުން، އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމުގައި، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއްގެ ތުހުމަތުކުރެވޭ މީހެއްގެ މައްޗަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކުށުގެ ތުހުމަތުގައި ބަންދުކުރުމުގެ އެއްވެސް އިޖުރާއަތެއް ހިންގައިފިނަމަ، ދެން އެމީހަކުގެ މައްޗަށް ކުރެވޭ ތުހުމަތަކާ ގުޅިގެން ދައުވާ އަފުލައި ޝަރިއަތް ހިންގަންޖެހޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކަމަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ފ) އިން ދޭހަވާ ކަމަށް ހައިކޯޓުން ބުނި ނަމަވެސް، އެ ގޮތަށް އެކަން ދޭހަކުރެވޭނެ ގާނޫނީ ހަމައެއް ނެތެވެ. އެއާ ޚިލާފަށް، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ އަރިމަތީ ސުރުޚީ އިންނާއި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 1-28 ވަނަ މާއްދާގެ (ހ) ގެ ފެށޭ އިބާރާތުގައިވާ "އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް" – މި އިބާރާތުން އިތުރަށް ކަށަވަރުކުރެވެނީ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ފ) ގެ ކުރިއަށް ހުރި ހުރިހާ އަކުރެއްގައި ބަންދުގެ މުއްދަތުގެ ވާހަކަ ބަޔާންކޮށްފައި އޮތުމުން އެ މާއްދާގައި ހިމެނޭ (ފ) ގައި އެ ހަވާލާދެނީ ހަމައެކަނި ބަންދުގެ މުއްދަތަށް އެކަނި ކަމެވެ.
ގާނޫނެއްގެ ވަކި މާއްދާއެއްގެ ދަށުން އަންނަ އަކުރު ތަކަކީ އެ މާއްދާއަށް ކަނޑައެޅިފައިވާ ވަކި މައުލޫއެއްގެ ދަށުން (ނުވަތަ އެ މާއްދާއަށް ޚާއްސަކުރެވިފައިވާ ސްކީމް ގެ ދަށުން) އަންނަ އަކުރުތަކެވެ. އެ އިން އަކުރެއްގެ އިބާރާތް ލިޔެފައި އޮތް ގޮތުން އެ އަކުރުގެ މާނަ އޮޅޭގޮތް ވެއްޖެ ނަމަ އެ އަކުރު މާނަކުރަންވާނީ އެ މާއްދާގެ މައުލޫގެ ތެރެއިންނެވެ. އެ މާއްދާގެ މައުލޫއިން ބޭރަށް އެ އަކުރު ނެރެ އެ މާއްދާގެ މައުލޫއާ ޚިލާފުވާ ގޮތަށް، އަދި މުޅި އެ ގާނޫނާއި އެ ގާނޫނުގައިވާ އެހެން މާއްދާތަކުގެ މަގްސަދު ގެއްލޭ ގޮތަށް، އެ އަކުރަކީ މުޅިން މިނިވަން މާއްދާއެއް ކަމަށް މާނައެއް ނުކުރެވޭނެއެވެ. މިއީ ދައުލަތް (މިނިސްޓްރީ އޮފް ޓުއަރިޒަމް) ވ. އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ގަޒިއްޔާގެ ޖަޖްމެންޓުގައި މީގެ ކުރިން ސުޕްރީމް ކޯޓުން ސާފުކޮށް ބަޔާންކޮށްދީފައިވާ ގާނޫނާއި ގަވާއިދު މާނަކުރުމުގެ އުސޫލެކެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ފ) ގެ ދަށުން ބަންދުގެ މުއްދަތު އިތުރުކުރުމުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނު ބޭނުންކުރުން ހުއްދަކުރެވި، އެ ހާލަތުގައި (ކުށުގެ ތުހުމަތުގައި ކުރެވޭ ބަންދުގެ މުއްދަތު އިތުރުކުރުމާބެހޭ ގޮތުން) ހިނގާނީ އެ ގާނޫނުގައި ބަޔާން ކުރާ އުސޫލުތައް ކަމަށް ބަޔާން ކޮށްފައި އެވަނީ ކުށުގެ ތުހުމަތުގައި މީހުން ހައްޔަރުކުރުމާބެހޭ ގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ މާއްދާތަކަށް ހަވާލާ ދިނުމަށެވެ. އެއީ، ބަންދުގެ މުއްދަތު ފިޔަވައި، ދެން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގައިވާ އިޖުރާއަތު ފިޔަވައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ އެހެން މާއްދާތަކުގައިވާ އިޖުރާއަތުތައް އެ މީހެއްގެ މައްޗަށް ހިންގުން ހުއްޓުވުމަށް އޮތް އަކުރެއް ނޫނެވެ. އަދި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 1-28 ވަނަ މާއްދާގެ (ހ) ގެ މަގްސަދަކީ ޓެރަރިޒަމްގެ ކުށުގެ ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަށް ދިގުމުއްދަތެއް ދިނުން ކަމަށްވާއިރު، އެ މަގްސަދު ގެއްލޭ ގޮތަށް، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ފ) މާނަ ނުކުރެވޭނެއެވެ. އެހެންކަމުން، އިސްތިއުނާފުކުރެވިފައިވާ ހައިކޯޓުގެ ގަޒިއްޔާގެ ހުކުމުގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ފ) މާނަ ކޮށްފައިވަނީ ރަނގަޅަކަށް ނޫނެވެ. ވީމާ، މަތީގައި ބަޔާންކުރެވުނު ސަބަބުތަކަށްތަކައި ޓެރަރިޒަމްގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއްގެ ތުހުމަތުކުރެވޭ މީހެއްގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ދައުވާކުރަންޖެހޭ މުއްދަތު ގުނާނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 28-1 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެފައިވާ އުސޫލުންނެވެ.
ޖިނާއީ ކުށް ކަނޑައެޅުމުގެ ޚާއްސަ ގާނޫނެއްގައި އެ ޚާއްސަ ގާނޫނުގައި ބަޔާންކުރާ ބާވަތުގެ މައްސަލަތަކުގައި އަމަލުކުރާނޭ ޖިނާއީ އިޖުރާއަތުގެ އެއްބައި ޚާއްސަ ގާނޫނުގައި އޮވެފައި އަނެއްބައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައި އޮންނަ ހާލަތުގައި އަމަލުކުރާނޭ އިޖުރާއަތަކާމެދު ސުވާލު އުފެދިއްޖެ ނަމަ، ފުރަތަމަ ރުޖޫއަވާނީ ޖިނާއީ ކުށް ކަނޑައެޅުމުގެ ޚާއްސަ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތުގެ ތެރެއިން އެ ސުވާލުގެ ޖަވާބު ހޯދައި، އެ ޚާއްސަ އިޖުރާއަތަށް އިސްކަން ދިނުމަށެވެ. އެ ހާލަތުގައި އަމަލުކުރާނޭ ގޮތް ޖިނާއީ ކުށް ކަނޑައެޅުމުގެ ޚާއްސަ ގާނޫނުގައި ބުނެފައި ނުވާނަމަ، އަމަލުކުރާނީ އެކަމުގައި އަމަލުކުރުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލަށެވެ. މިގޮތަށް ދިމާވާ ހާލަތުގައި ޖިނާއީ އިޖުރާއަތުގައިވާ ވަކި ޚާއްސަ ކަމަކަށް އެ މައްސަލައިގައި އަމަލުކުރުމުގެ ނަތީޖާއެއްގެ ގޮތުން އެ ހިސާބުން އެ މައްސަލަ ޖިނާއީ ކުށް ކަނޑައެޅުމުގެ ޚާއްސަ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތުގެ ތެރެއިން މުޅިން ވީއްލިގެން ނުދާނެއެވެ. މީގެ މާނައަކީ ޖިނާއީ ކުށް ކަނޑައެޅުމުގެ ޚާއްސަ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތުގެ ތެރެއިން އަމަލުކުރާނެ ގޮތުގެ ވަކި ޖަވާބެއް ލިބެން ނެތުމުގެ ސަބަބުން އެ މައްސަލައެއްގައި ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަތުބީގުކުރެވުނު ކަން ފިޔަވައި، އެ މައްސަލައިގައި އަމަލުކުރަންޖެހޭ އިޖުރާއަތުތަކެއް ޖިނާއީ ކުށް ކަނޑައެޅުމުގެ ޚާއްސަ ގާނޫނުގައި ބަޔާންކޮށްފައިވާ ނަމަ، އެކަންކަމުގައި ދެންވެސް އަމަލުކުރާނީ ޖިނާއީ ކުށް ކަނޑައެޅުމުގެ ޚާއްސަ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މަފްތޫޙް ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް ގަޒިއްޔާގެ 13 ވަނަ ޕެރެގްރާފުގައި "އެހެންކަމުން، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޖިނާއީ ކުށް ކަނޑައެޅުމުގެ ޚާއްސަ ގާނޫނެއްގައި ވަކި ކަމެއް ކުރުމުގެ ޚާއްސަ އުސޫލުތަކެއް ކަނޑައަޅާފައިވާ ނަމަ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ އާންމު އިޖުރާއަތުތައް އެ ޚާއްސަ ގާނޫނުގައި ބަޔާންވެގެންވާ އިޖުރާއަތުގެ މިންވަރުގެ ނިސްބަތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ އާންމު އިޖުރާއަތުން އިސްތިސްނާ ވާނެއެވެ." މިގޮތަށް އެ ގަޒިއްޔާގައި ބަޔާންކޮށްފައިވަނީ އެ ސަބަބަށްޓަކައެވެ. މި ބަޔާންކުރި ގޮތަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 212 ވަނަ މާއްދާގެ (ނ) މާނަކޮށްފައި ވަނިކޮށް، ސުޕްރީމް ކޯޓުން އެ މާއްދާ މާނަކޮށްފައިވާ ގޮތުގައި ނުހިފައި ދޫކޮށްލުމަކީ ދަށު ކޯޓުތަކަށާއި، ދިވެހިރާއްޖޭގެ ހައިކޯޓަށާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިފައިވާ އިޚްތިޔާރެއް ނޫނެވެ.
ނިންމުން
23 އޮކްޓޯބަރ 2019 ގައި މުހައްމަދު އަމީނު ހައްޔަރުކޮށް، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް 24 އޮކްޓޯބަރ 2019 ގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވުނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކުށުގެ ތުހުމަތުގައިކަން މި ކޯޓަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެއެވެ. އެހެންކަމުން އޭނާގެ މައްޗަށް އެކުށުގެ ތުހުމަތުގައި ދައުވާކުރާނޭ މުއްދަތު ގުނަންވާނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 1-28 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 1-28 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ، އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތްނަމަވެސް، އެ ގާނޫނުގެ ދަށުން ކުށުގެ ތުހުމަތު ކުރެވޭ މީހަކު ފަނޑިޔާރުގެ ކުރިމައްޗަށް ހާޒިރުކޮށް އެމީހާ ހުރީ ބަންދުކޮށްފައި ކަމަށްވާނަމަ، ފަނޑިޔާރެއްގެ ކުރިމައްޗަށް އެމީހާ ހާޒިރުކުރެވޭތާ 45 ދުވަހުގެ ތެރޭގައި ތަހުގީގު ނިންމައި، ދައުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަންވާނެ ކަމަށެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހެޅޭތާ 15 ދުވަހުގެ ތެރޭގައި އެމީހެއްގެ މައްޗަށް ދައުވާ އުފުލަންޖެހޭނެ ކަމަށެވެ. މި މައްސަލައާ ގުޅިގެން މުޙައްމަދު އަމީންގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓަށް ދައުވާ ހުށަހަޅާފައިވަނީ މުޙައްމަދު އަމީން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވުނުތާ 43 ދުވަހުގެ ތެރޭގައެވެ.
އެހެންކަމުން، އިސްވެ ބަޔާންކުރި ކަންކަން އެގޮތުގެ މަތީން ހުރުމުން، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާ އާއި އެ ގާނޫނުގެ 1-28 މާއްދާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-B12/50 ގަޒިއްޔާގައި މާނަކޮށް، ކްރިމިނަލް ކޯޓުގެ 853,854/Cr-C/2019 ދެ ގަޒިއްޔާގެ ދަށުން މުޙައްމަދު އަމީންގެ މައްޗަށް ކޮށްފައިވާ ދެ ދައުވާއަކީ މައުލޫއީގޮތުން ބެލޭނެ ދައުވާތަކެއް ނޫންކަމަށް ކަނޑައަޅައި، އެ މައްސަލަ ނިންމާފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާއާއި، އެ ގާނޫނުގެ 1-28 ވަނަ މާއްދާ އާ ޚިލާފަށް ކަމަށް ގަބޫލުކުރެވެއެވެ. އަދި ކްރިމިނަލް ކޯޓުގެ ނަންބަރު: 145-B1/SHN/(854,853-2019)/2021/05 "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" އިން މުޙައްމަދު އަމީންގެ ފަރާތުން ހުށަހަޅާފައިވާ މި ދެ ހުށަހެޅުން ބަލައި ނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ރަނގަޅަށް ކަމަށްވެސް ފެނެއެވެ.
މިގޮތަށް މި މައްސަލަ ނިމުމުން ކްރިމިނަލް ކޯޓުން ބަލަމުންދިޔަ 853,854/Cr-C/2019 މި ދެ ގަޒިއްޔާތަކުން ބަލަމުން ދިޔަ މައްސަލަތައް، ހައިކޯޓުން އެ ގަޒިއްޔާތައް ބާތިލުކުރުމުގެ ކުރިން ބަލަމުން ގޮސްފައިވާ ހިސާބުން، އެ މައްސަލަ ބައްލަވަމުން ދިޔަ ފަނޑިޔާރު، ކުރިއަށް ގެންދަން ޖެހޭނެކަމަށް ދެކެމެވެ. މިގޮތުން މައްސަލަ ބަލާއިރު، އިދާރީގޮތުން ހުރި ކަންކަން ފުރިހަމަކުރުމަށްޓަކައި، މައްސަލަތަކަށް އައު ގަޒިއްޔާ ނަންބަރެއް ދީގެން ކުރިއަށް ގެންދިއުމުގެ ހުރަހެއް އޮތްކަމުގައި ނުދެކެމެވެ.
އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، މަތީގައި ބަޔާންކުރި ސަބަބުތައް އެހެން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2021/HC-B12/50 ގަޒިއްޔާގެ ހުކުމް، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ބާތިލުކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޢާއިޝާ ޝުޖޫން މުޙައްމަދުއަޙްމަދު މުޢުތަޞިމް ޢަދުނާންޙުސްނުއްސުޢޫދު(ރިޔާސަތު)
- ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 26 ވަނަ މާއްދާ (ޚާއްޞަކޮށް (މ) އަދި (ފ))
- ޤާނޫނު ނަންބަރު 32/2015 ގެ 28-1 ވަނަ މާއްދާގެ (ހ) (ލިޔުމުގައި '1-28' ކަމަށް)
- ޤާނޫނު ނަންބަރު 32/2015 ގެ 62 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 212 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 12/2016 ގެ 94 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 ގެ 60 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) (17 ވަނަ މާއްދާ އިސްތިއުނާފީ ނުކުތާގައި)
- ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކުން ޢަމަލުކުރުމުގެ ޤާނޫނު) ގެ 30 ވަނަ މާއްދާ (ޢަބްދުއްސަލާމް ޤަޟިއްޔާއިން ނަކަލުކޮށް)
- [2021] SC 79 ދައުލަތް (މިނިސްޓްރީ އޮފް ޓުއަރިޒަމް) ވ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް
- [2021] SC 67 މަފްތޫޙް ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް
- [2021] SC 45 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުއްސަލާމް
- ބެންޗު
- އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު ޙުސްނުއް ސުޢޫދު
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 20 ސެޕްޓެމްބަރު 2021 · ރަޖިސްޓްރީކުރީ 26 ސެޕްޓެމްބަރު 2021 · ނިމުނީ 3 އޮކްޓޫބަރު 2021 (7 ދުވަސް)