ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-N-A/11
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހީމް މޫސާ، 2019/HC-N-A/11
Prosecutor General v. Ibrahim Moosa 2019/HC-N-A/11 (2019/HC-N-A/11, High Court of the Maldives, 27 June 2019)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހީމް މޫސާ
މައްސަލައިގެ ޚުލާޞާ
ށ. ފޯކައިދޫ މެޖިސްޓްރޭޓް ކޯޓުން، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގެ މިންވަރަށް ހެކި ނުލިބޭތީ ދަޢުވާ ސާބިތުނުވާކަމަށް ޙުކުމްކުރިއެވެ.
ތުހުމަތުކުރެވޭ ފަރާތާ އެކު ދިރިއުޅޭ ކުއްޖަކާ މެދު 2012 ވަނަ އަހަރުން ފެށިގެން ޖިންސީ ޢަމަލު ހިންގިކަމަށް ބުނެ، ޤާނޫނު ނަންބަރު 12/2009 ގެ 9 ވަނަ މާއްދާގެ ދަށުން އިތުބާރުހިފޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ ޢަމަލެއް ހިންގުމުގެ ދަޢުވާ ކުރިއެވެ. ތުހުމަތުކުރެވޭ ފަރާތުން ދަޢުވާއަށް އިންކާރުކުރިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް ބުނީ ކުށް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ހެކި ލިބިފައިވާއިރު އެކަމަށް ރިޢާޔަތްނުކޮށް ނިންމި ކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ބުނީ ކުއްޖާގެ ބަޔާން ތަޙުޤީޤަށް ނަގާފައިވަނީ ޤާނޫނު ނަންބަރު 12/2009 ގައިވާ އުޞޫލާ ޚިލާފަށް ކަމަށެވެ.
މައިގަނޑު ސުވާލު
ޤާނޫނު ނަންބަރު 12/2009 ގެ 9 ވަނަ މާއްދާގެ ދަށުން އިތުބާރުހިފޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ ޢަމަލެއް ހިންގުމުގެ ދަޢުވާ ސާބިތުނުވާކަމަށް މެޖިސްޓްރޭޓް ކޯޓުން ނިންމީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިވާ މިންވަރަށް ހެކި ލިބިފައިވާއިރު އެކަމަށް ރިޢާޔަތްނުކޮށްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ލޮލަށް ފެނުނު ހެކިން ދުށީ ބައްދާލި ޢަމަލެއް ކަމަށާއި، އެކަނި އެ ޢަމަލަކީ ޖިންސީ ޢަމަލެއް ކަމަށް ނުބެލެވޭނެ ކަމަށާއި، އެއް ހެކިވެރިއެއްގެ ބަޔާން ނެގީ އެތައް އަހަރެއް ފަހުން ކަމަށާއި، ކުއްޖާގެ ބަޔާނުގައި ޢަމަލު ހިންގި ވަގުތެއް ނެތް ކަމަށާއި، ކުއްޖާއާ ބެހޭ ރިޕޯޓުގެ ޞައްޙަކަން ކަށަވަރުކޮށްފައި ނުވާ ކަމަށް ކޯޓަށް ފެނުނެވެ. އެހެންކަމުން ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ މިންވަރަށް ނުވަތަ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގެ މިންވަރަށް ދަޢުވާ ސާބިތުނުވެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނު ނަންބަރު 12/2009 ގެ 60 ވަނަ މާއްދާގެ (ރ) ގައިވާ މާނައިގެ ދަށުން "ޖިންސީ ޢަމަލު" އަކީ، އެކަށީގެންވާ މީހެއްގެ ވިސްނުމުން ވިސްނާއިރު ޝަހުވާނީ އެދުންވެރިކަމެއް ޙާޞިލުކުރުމުގެ ނިޔަތުގައި ކުރިކަމަށް ޤަބޫލުކުރެވޭ، ނުވަތަ ޝަހުވާނީ ނޫން އެހެން މަޤްޞަދަކަށް ކުރިކަމަށް ނުބެލެވޭ ޢަމަލެވެ. (3-ށ)
- ޤާނޫނު ނަންބަރު 12/2009 ގެ 47 ވަނަ މާއްދާގައިވާ ބާވަތްތަކުގެ ތެރެއިން މަދުވެގެން 5 ބާވަތެއްގެ ހެކި ހުރެއްޖެނަމަ އެ ހެކި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގެ މިންވަރަށް ލިބިފައިވާ ހެކި ކަމުގައި ބެލެވޭނެއެވެ. އެ މާއްދާގެ (ޅ)، (ކ)، (ދ) ގައިވާ ކަންކަމަކީ 5 ބާވަތުގެ ހެކި ހަމަކުރުމުގައި ވަކިވަކި ބާވަތްތަކެއްގެ ގޮތުގައި ބެލިދާނެ ހެކި ނޫނެވެ. (3-ށ، 2014/HC-DM/01)
- 47 ވަނަ މާއްދާގައިވާ މިންވަރަށް ހެކި ނުލިބުނަސް، ޕްރޮސިކިއުޝަނުން ހުށަހަޅާ އެންމެހައި ހެކި ޤަރީނާ ވަޒަންކޮށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގެ މިންވަރަށް ކުށް ސާބިތުވާނަމަ ކުށް ސާބިތުވާނެއެވެ. ނަމަވެސް އެ ޙާލަތުގައި ޚާއްޞަ ޤާނޫނުން ހުއްދަކޮށްފައިވާ ލުއި މިންގަނޑުގެ ބޭނުން ނުކުރެވޭނެއިރު، ހެކި ވަޒަންކުރަންވާނީ ޢާންމު ޖިނާއީ ކުށް ސާބިތުކުރުމުގެ ހަމަތަކާއި އުޞޫލުތަކުގެ ދަށުންނެވެ. (3-ށ، 2012/HC-A/129، 2014/HC-DM/01)
- ޤާނޫނު ނަންބަރު 12/2009 ގެ 48 ވަނަ މާއްދާއަކީ ޝަރީޢަތުގައި ކުއްޖާގެ ޝަފަހީ ހެކިބަސް ނެގުމާ ގުޅޭ އިޖުރާއަތެކެވެ. ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކުއްޖެއްގެ ބަޔާން ތަޙުޤީޤަށް ނެގުމުގެ ފުރިހަމަ އިޖުރާއަތެއް އެ ޤާނޫނުގައި ނެތުމުން، ފުލުހުން ކުއްޖާގެ ބަޔާން ނަގާފައިވަނީ އެ ޤާނޫނާ ޚިލާފަށް ކަމަށް ނުބެލެވޭނެއެވެ. (3-ރ، 2019/HC-N-A/15)
- ހާދިޘާ ހިނގާ އެތައް އަހަރެއް ފަހުން (3 އަހަރަށްވުރެ ގިނަ ދުވަސް ފަހުން) ތަޙުޤީޤަށް ދޭ ބަޔާނަކީ، ފެނުނު ކަމެއް ކިޔައިދިނުމަށްވުރެ އުފައްދައިގެން ކިޔައިދޭ ކިޔައިދިނުމެއް ކަމަށް ބެލުމުގެ އިޙްތިމާލު ބޮޑު ބަޔާނެކެވެ. ކުއްޖާ ކިޔައިދޭ ކިޔައިދިނުމެއް 47 ވަނަ މާއްދާގެ (އ) ގެ ދަށުން ގުނިދާނީ ހާދިޘާއާ ކިޔައިދިނުމާ ދެމެދު ގިނަ މުއްދަތެއް ނުވަނީސް، ޙަޤީޤަތާ ޚިލާފު ވާހަކައެއް އުފައްދައިގެން ކިޔާފާނެ ސަބަބެއް ނެތްނަމައެވެ. (3-ނ، 3-ރ، 3-ބ)
- ކުއްޖާއާ ބެހޭ ރިޕޯޓަކީ އެ ރިޕޯޓު ތައްޔާރުކުރި ފަރާތް ކޯޓަށް ހާޒިރުކޮށް ޞައްޙަކަން ކަށަވަރުކޮށްފައިވާ ރިޕޯޓަކަށް ނުވާނަމަ، ހެއްކެއްގެ ގޮތުގައި އެ ރިޕޯޓަށް ބަރުދަން ނުލިބޭނެއެވެ. އަދި ބައްދާލުމެއް ފަދަ ޢަމަލެއް ޝަހުވާނީ ނިޔަތުގައި ހިންގި ޖިންސީ ޢަމަލެއްކަން ސާބިތުކުރުމަކީ ޕްރޮސިކިއުޝަނުގެ މަސްއޫލިއްޔަތެކެވެ. (3-ބ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
- ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އާއި (ށ)
- ޤާނޫނު ނަންބަރު 12/2009 ގެ 47 ވަނަ މާއްދާ (ޚާއްޞަކޮށް (ނ)، (ޅ)، (ކ)، (އ)، (ދ))
- ޤާނޫނު ނަންބަރު 12/2009 ގެ 48 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2009 ގެ 60 ވަނަ މާއްދާގެ (ރ)
- ހައިކޯޓުގެ 2014/HC-DM/01
- ހައިކޯޓުގެ 2012/HC-A/129
- ހައިކޯޓު އުތުރު ގޮފީގެ 2019/HC-N-A/15
- ބެންޗު
- ޝުޖާޢު ޢުޘްމާން، މުޙައްމަދު ފައިޞަލް، މުޙައްމަދު ނިޔާޒު
- ޚިލާފު ރައުޔު
- ނެތް