ސައިޓޭޝަން ކޮޕީ ކުރުމަށް
2023/HC-B12/44
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހީމް އިރުފާން، 2023/HC-B12/44
Prosecutor General v. Ibrahim Irufaan 2023/HC-B12/44 (2023/HC-B12/44, High Court of the Maldives, 2 August 2023)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހީމް އިރުފާން
މައްސަލައިގެ ޚުލާޞާ
ތަން ބަލައިފާސްކުރީ ތުހުމަތުކުރެވޭ މީހާގެ ޣައިރު ހާޒިރުގައިކަމަށާއި، އަނެއް ތަނުން ފެނުނު ތަކެތި އޭނާއާ ގުޅުވާލެވޭ ހެއްކެއް އިންޓެލިޖެންސް ރިޕޯޓު ފިޔަވައި ނެތްކަމަށް ބުނެ، ތުހުމަތު ވުޖޫދުވާ މިންވަރަށް ހެކި ނެތީތީ ކްރިމިނަލް ކޯޓުން ޝަރުޠެއްނެތި ބަންދުން ދޫކޮށްލިއެވެ.
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުކޮށް ދެފަހަރު ބަންދު އިތުރުކުރުމަށްފަހު، 15 ދުވަހަށް ބަންދުކުރުމަށް ދައުލަތުން އެދުނެވެ. ބަލައިފާސްކުރި ތަނަކުން ފެނުނު މަސްތުވާތަކެތި ހުރި ކޮތަޅަކުން ތުހުމަތުކުރެވޭ މީހާގެ ފިންގަރޕްރިންޓް ފެނިފައިވެއެވެ.
ދައުލަތުން ބުނީ އަމުރުގައި ޤާނޫނީ އަސާސެއް ބަޔާންނުކުރުމަކީ ޤާނޫނުއަސާސީގެ 142 އާއި 143(ރ) އާ ޚިލާފު ކަމަށާއި، ތަން ބަލައިފާސްކުރުމުގައި މުއްތަހަމު ހާޒިރުކުރަން ޤާނޫނުން ލާޒިމުނުކުރާ ކަމަށެވެ. ޖަވާބުދާރީވާ ފަރާތުން ބުނީ ސަބަބު ގޯސްކަމުގައި ވިޔަސް ނިންމުން ރަނގަޅު ކަމަށާއި، ފިންގަރޕްރިންޓް ހަމައެކަނި ކާފީ ނުވާކަމަށެވެ.
މައިގަނޑު ސުވާލު
މަސްތުވާތަކެތީގެ ކުށުގެ ތުހުމަތުގައި ބަންދުގައި ތިބި މީހަކު، ތުހުމަތު ވުޖޫދުވާ މިންވަރަށް ހެކި ނެތްކަމަށް ބުނެ ޝަރުޠެއްނެތި ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ޤާނޫނާ އެއްގޮތްތޯ؛ ބަންދާމެދު ގޮތް ނިންމާ މަރުޙަލާގައި ފަނޑިޔާރު ހެކި ވަޒަންކުރަންވީ ގޮތް.
ނިންމި ގޮތް
ދަށުކޯޓުގެ އަމުރު ބާޠިލު، އަލުން ގޮތެއް ކަނޑައެޅުމަށް ކްރިމިނަލް ކޯޓަށް ފޮނުވި
ފިންގަރޕްރިންޓް ފެނިފައިވުމުން ތުހުމަތުކުރެވޭ މިންވަރުގެ ހެކި ހުރިކަމަށާއި، ބަންދު މަރުޙަލާގައި ހެކި ތަޢުނުކޮށް ނިންމުން ނުކުރެވޭނެކަމަށާއި، ދެން ބަލަންޖެހެނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ސަބަބެއް އޮތްތޯކަމަށް ބުނެ، ހެކި ނެތްކަމަށް ނިންމި ނިންމުން ބާޠިލުކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ބަންދާމެދު ގޮތެއް ނިންމާއިރު ފަނޑިޔާރުން ސަބަބު ބަޔާންކުރަންޖެހޭ ގޮތް ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ކަނޑައަޅާފައިވާއިރު، އެއީ ފަނޑިޔާރުން ޢަމަލުކުރަންޖެހޭ ޤާނޫނީ ހަމައެވެ: ތުހުމަތުކުރެވޭ މީހާއާ ދެކޮޅަށް ހުށަހެޅުނު ހެކި ވަޒަންކުރުމަށްފަހު ނިންމި ގޮތް، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނާ ސަބަބެއް އޮތް ނުވަތަ ނެތްކަން، ނިންމުން ބިނާކުރި ޤާނޫނީ ނައްޞު، އަދި އިތުރު ކަންކަން ކަނޑައަޅާނަމަ އެކަމަށް ބާރުލިބުނު ނައްޞު ޞަރީޙަކޮށް ބަޔާންކުރުން. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19)
- ތުހުމަތުކުރެވޭ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރުގެ ހެކި ލިބިފައިވާނަމަ، ދެން ފަނޑިޔާރު ބަލަންޖެހެނީ އިތުރަށް ބަންދުގައި ބެހެއްޓުން ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއިން ހުއްދަކުރާ ސަބަބެއް އޮތްތޯއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15)
- މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތޯ ބެލުމުގައި، ތުހުމަތުކުރެވޭ މީހާގެ ހައްޔަރާއި ކުށުގެ ރެކޯޑު، ކުށުގައި ބައިވެރިވި ގޮތް، ކުށުގެ ބާވަތާއި ކުޑަބޮޑުމިން، އަދި ޖަމާޢަތް ހަދައިގެން ކުށް ހިންގާފައިވޭތޯ ފަދަ ކަންކަމަށް ރިޢާޔަތްކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17-18)
- ބަންދާމެދު ގޮތް ނިންމާ މަރުޙަލާގައި ތުހުމަތުކުރެވޭ މީހާއާ ދެކޮޅަށް ހުށަހެޅުނު ހެކި ވަޒަންކުރުމަށްފަހު، އެ ހެކިތައް ތަޢުނުކޮށް (ސައްޙަކަމަށް ސުވާލު އުފައްދައި) ފަނޑިޔާރު ނިންމުން ނިންމުމަކީ ކުރެވިދާނެ ކަމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20)
- މަސްތުވާތަކެތި ކަމަށް ބެލެވޭ ދަޅުތަކެއް އަޅާފައިވާ ކޮތަޅަކުން ތުހުމަތުކުރެވޭ މީހާގެ ފިންގަރޕްރިންޓް ފެނިފައިވާ ޙާލަތުގައި، ތުހުމަތު ވުޖޫދުވާ މިންވަރަށް ހެކި ނެތްކަމަށް ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14-15، 21)
- ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާ
- ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ)
- 2020/SC-A/93 (ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- 2019/SC-A/31 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް)
- [2022] SC 30 (އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން)
- [2023] SC 20 (ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަދި އަޙްމަދު ކްރިކް ރިޟާ ވ. ޕްރޮސިކިއުޓަރ ޖެނެރަލް)
- 2019/HC-A/360 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޙަސަން އިފްހާމް)
- ބެންޗު
- ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު ދީބާނާޒް ފަހުމީ، ފަނޑިޔާރު އަޙްމަދު ޝަކީލް
- ޚިލާފު ރައުޔު
- ނެތް