ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/415
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޙަސަން ވަޙީދު، 2019/HC-A/415
Prosecutor General v. Hassan Waheed 2019/HC-A/415 (2019/HC-A/415, High Court of the Maldives, 26 January 2020)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޙަސަން ވަޙީދު
މައްސަލައިގެ ޚުލާޞާ
އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ ކްރިމިނަލް ކޯޓުން 25 ޖުލައި 2019 ގައި ބަންދުން ދޫކޮށްލިއެވެ.
ބޭންކެއްގެ ދެ ކަސްޓަމަރުންގެ ޑޮލަރު އެކައުންޓުން ޞައްޙަނޫން ލިޔުންތައް ތައްޔާރުކޮށް ފައިސާ އެހެން އެކައުންޓުތަކަށް ޖަމާކުރިކަމުގެ ޚިޔާނާތް / ފޯޖަރީގެ ތުހުމަތުގައި ބަންދުކުރެވުނެވެ. ރާވައިގެން އިތުރު ބަޔަކާ ގުޅިގެން ކުރި ޢަމަލެއްކަމަށާއި ހެކި ފޮރުވައި ހެކިންނަށް ނުފޫޒު ފޯރުވާފާނެކަމަށް ބުނެ ޕޮލިހުން ބަންދުގެ މުއްދަތު އިތުރުކުރަން އެދުނެވެ.
ޕީޖީ ބުނީ އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59، 60 ވަނަ މާއްދާއާއި ޤާނޫނުއަސާސީގެ 143(ރ) ގެ ސާބިޤާ އުޞޫލާ ޚިލާފު އަމުރެއް ކަމަށެވެ.
މައިގަނޑު ސުވާލު
ޚިޔާނާތް / ފޯޖަރީގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހަކު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 އަދި 60 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ ސާބިޤާތަކާ ޚިލާފުތޯ.
ނިންމި ގޮތް
ދަށުކޯޓުގެ އަމުރު ބާޠިލު؛ ބަންދާމެދު އަޞްލު މައްސަލަ ބަލާ ކޯޓުން އަލުން ގޮތެއް ނިންމަންޖެހޭނެކަމަށް ކަނޑައެޅި
ބަންދާމެދު ނިންމުމުގައި ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 އަދި 60 ވަނަ މާއްދާގެ މިންގަނޑުތަކާއި ސުޕްރީމް ކޯޓުގެ 2010/SC-A/19 ގެ ފާހަގަކުރެވޭ ކަންކަން ވަޒަންކުރަންޖެހޭތީ އަމުރަށް ބަދަލު ގެންނަންޖެހޭކަމަށް ބަލައި، މައްސަލަ ޝަރީޢަތުގައި އޮތުމުން ބަންދާމެދު ނިންމަންވީ އަޞްލު މައްސަލަ ބަލާ ކޯޓުންކަމަށް ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކުށެއްގެ ތުހުމަތުގައި ބަންދުކޮށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ކަނޑައަޅަންވާނީ، އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ޖިނާއީ އިޖުރާއަތުގެ ޤާނޫނާ އެއްގޮތަށެވެ. 60 ވަނަ މާއްދާގެ (ހ) ގެ ދަށުން ފަނޑިޔާރަށް ނިންމިދާނީ ބަންދުގައި ބެހެއްޓުން، ޝަރުޠެއްނެތި ދޫކޮށްލުން، ކަފާލަތުގެ ދަށުން ދޫކޮށްލުން، ނުވަތަ ޝަރުޠަކާއެކު ދޫކޮށްލުން ކަމުގެ 4 ގޮތުން ގޮތެކެވެ. (3 (ހ))
- ތުހުމަތުކުރެވޭ މީހާ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރުނުވެދާނެ ނުވަތަ ފިލާފާނެކަމަށް، ނުވަތަ ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، ބަންދުގައި ބެހެއްޓުމުގެ އަމުރު ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ. (3 (ހ))
- ބަންދު ޤާނޫނާ އެއްގޮތްތޯ ކަނޑައެޅުމުގައި ކުށުގެ ބާވަތާއި ކުޑަބޮޑުމިނާއި، ކުށްކޮށްފައިވާ ޙާލަތާއި، އަނިޔާވެރިކަން ހިމެނޭނަމަ އެކަމާއި، ހެކީގެ ބުރަދަނާއި، ކުށުގެ ރެކޯޑާއި، ކުރިން ކޯޓަށް ހާޒިރުވުމުގައި ޢަމަލުކޮށްފައިވާ ގޮތަށް ރިޢާޔަތްކުރަންވާނެއެވެ. (3 (ހ))
- ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ ހެކި ނެތްކަމުގައި ވިޔަސް، ކުށުގެ ނުރައްކާތެރިކަމާއި، ތަޙްޤީޤުގައި ހުރި އުނދަގޫތަކާއި، ބައިވެރިވި މީހުންގެ އަދަދާއި، ފިލައިރައްކާވުމުގެ ބިރާއި، ހެކިތަކާ ކުޅެ ނައްތާލުމުގެ ބިރު ފަނޑިޔާރު ވަޒަންކުރަންޖެހެއެވެ. (3 (ށ))
- ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެ، ދޫކޮށްލައިފިނަމަ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވިއްޖެނަމަ، ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ފަނޑިޔާރު އަމުރުކުރަންވާނެއެވެ. (3 (ށ))
- ތުހުމަތުކުރެވޭ ކުށުގެ މައްސަލަ ޝަރީޢަތަށް ހުށަހެޅިފައިވާނަމަ، ބަންދާމެދު ގޮތެއް ނިންމަންޖެހޭނީ އެ މައްސަލަ ބަލާ ކޯޓުން، އެ މައްސަލަ ބަލާ ފަނޑިޔާރެވެ. (3 (ނ))
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ހ) އަދި (ށ)
- ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/19 ޤަޟިއްޔާ
- ބެންޗު
- ޢަބްދުﷲ ޙަމީދު، މުޙައްމަދު ފައިޞަލް، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް