ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/121
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަބްދުލްވާޙިދު ޙާމިދު، 2019/HC-A/121
Prosecutor General v. Abdul Wahid Hamid 2019/HC-A/121 (2019/HC-A/121, High Court of the Maldives, 26 September 2019)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަބްދުލްވާޙިދު ޙާމިދު
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު އިތުރުކުރަން ނުފެންނަކަމަށް ކަނޑައަޅައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 66 ވަނަ މާއްދާގެ (ހ) ގެ ދަށުން ޝަރުޠުތަކާއެކު ދޫކޮށްލިއެވެ.
އިންޓެލިޖެންސް މަޢުލޫމާތަކާ ގުޅިގެން ސައިކަލެއްގައި ދަނިކޮށް ހުއްޓުވައި ބަލާފާސްކުރުމުން ތުހުމަތުކުރެވޭ ފަރާތުގެ ޖީބުން މަސްތުވާތަކެތި (ޑައިޒެޕާމް އާއި ޑައިމޯފިން) ފެނި، ޓްރެފިކްކުރުމުގެ ތުހުމަތުގައި ބަންދުކުރިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް ބުނީ އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 22 (ޅ)، 59، 60 އަދި 63 ވަނަ މާއްދާތަކާއި 143 (ރ) ގެ ސާބިޤާގެ އުޞޫލާ ޚިލާފު އަމުރެއް ކަމަށެވެ.
މައިގަނޑު ސުވާލު
މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ތުހުމަތުގައި ބަންދުކުރެވުނު މީހާ ޝަރުޠުތަކާއެކު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59، 60 އަދި 63 ވަނަ މާއްދާތަކާ އެއްގޮތްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ އަމުރު ބާޠިލު؛ ބަންދާމެދު ގޮތެއް ނިންމުމަށް އަޞްލު މައްސަލަ ހުށަހެޅިފައިވާ ކޯޓަށް
ތުހުމަތާއި ހެކީގެ ބާވަތުން ދޫކޮށްލުމަކީ ކުށް ތަކުރާރުކުރުމުގެ ފުރުޞަތާއި މުޖުތަމަޢަށް ނުރައްކާ އޮތް ކަމެއް ކަމަށާއި ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން ބަންދުގައި ބަހައްޓަންވާނެކަމަށް ކަނޑައަޅައި، މައްސަލަ ޝަރީޢަތަށް ހުށަހެޅިފައިވާތީ ބަންދާމެދު ގޮތެއް ނިންމަން އަޞްލު މައްސަލަ ހުށަހެޅިފައިވާ ކޯޓަށް ފޮނުވިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ތަޙްޤީޤުގެ މަރުޙަލާގައާއި ޝަރީޢަތުގެ މަރުޙަލާގައި ތުހުމަތުކުރެވޭ މީހާއަކީ ކުށް ސާބިތުވެފައިވާ މީހެއް ނޫނެވެ؛ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ 1 އިން 4 އަށް ބަޔާންކުރާ ސަބަބުތަކުން ސަބަބެއް އޮތްތޯ ކަމަށާއި، އެކަމާ ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށެވެ. (ނުކުތާ 3 (ހ))
- ހެކި ފޮރުވުމަށް ނުވަތަ ހެކިންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށް، ކޯޓަށް ޙާޟިރުނުވެދާނެކަމަށް، ފިލާފާނެކަމަށް ނުވަތަ ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުގެ ބާރު ލިބިގެންވެއެވެ؛ އަދި 59 ވަނަ މާއްދާގެ ދަށުން ކުށުގެ ބާވަތާއި ކުޑަބޮޑުމިނާއި، ހާލަތާއި، ހެކީގެ ބުރަދަނާއި، ކުށުގެ ރެކޯޑާއި، ކުރިން ކޯޓަށް ޙާޟިރުވި ގޮތަށް ރިޢާޔަތްކުރަންވާނެއެވެ. (ނުކުތާ 3 (ހ))
- މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ތުހުމަތުފަދަ ތުހުމަތެއްގައިވާ މީހަކު ދޫވެފައި ހުރުމަކީ ކުށުގެ ޢަމަލު ތަކުރާރުކުރުމުގެ ފުރުޞަތު އޮންނާނެ ކަމެއް ކަމަށާއި، އެފަދަ މީހަކު މުޖުތަމަޢަށް ދޫވާފަދަ ތަނެއްގައި ބެހެއްޓުމަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް އޮތް ކަމެއް ކަމަށް ޤަބޫލުކުރެވެއެވެ. (ނުކުތާ 3 (ށ))
- މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާތެރިވެދާނެ މީހެއްކަމަށް ފަނޑިޔާރަށް ފެންނަ ހާލަތްތަކުގައި އެމީހަކު ބަންދުގައި ބަހައްޓަންޖެހޭނީ މުޖުތަމަޢަށް ނުރައްކާތެރިކަމެއް ނުފޯރުވޭނެ ފަދަ ތަނެއްގައެވެ. (ނުކުތާ 3 (ށ))
- ތުހުމަތުކުރެވުނު ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެ، ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ޤަބޫލުކުރެވިއްޖެނަމަ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ފަނޑިޔާރު އަމުރުކުރަންވާނެއެވެ. (ނުކުތާ 3 (ށ))
- ތުހުމަތު ކުރެވިފައިވާ މައްސަލަ ޝަރީޢަތަށް ހުށަހެޅިފައިވާނަމަ، ބަންދާމެދު ގޮތެއް ކަނޑައަޅަންވާނީ އަޞްލު މައްސަލަ ހުށަހެޅިފައިވާ ކޯޓުންނެވެ. (ޙުކުމް)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 66 ވަނަ މާއްދާގެ (ހ)
- ހައިކޯޓުގެ ނަންބަރު 2012/HC-A/260
- ހައިކޯޓުގެ ނަންބަރު 2013/HC-A/35
- ބެންޗު
- ޢަބްދުއްރައޫފު އިބްރާހީމް، ޢަބްދުﷲ ޙަމީދު، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް