ސައިޓޭޝަން ކޮޕީ ކުރުމަށް
2018/HC-JC/22
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އާމިނަތު ޝަފީޤާ، 2018/HC-JC/22
Prosecutor General v. Aminath Shafeeqaa 2018/HC-JC/22 (2018/HC-JC/22, High Court of the Maldives, 22 July 2019)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. އާމިނަތު ޝަފީޤާ
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން އިޢުތިރާފުގެ މައްޗަށް ކުށްވެރިކޮށް، ފުރަތަމަ ފަހަރުކަމަށް ބަލައި، ޖިންސީ ކުށުގެ ޤާނޫނުގެ 27 (ށ) ގެ ދަށުން 100 އެތިފަހަރުން ޙައްދު ޖަހައި 1 އަހަރު ގޭބަންދަށް ޙުކުމްކުރި.
ކައިވެންޏަކާ ނުލައި ދަރިއަކު ލިބުމާ ގުޅިގެން، ދަޢުވާލިބޭ ފަރާތް ރައްޓެއްސަކާއެކު ޒިނޭކުރިކަމަށް ތަޙްޤީޤުގައާއި ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފުވި.
ޕްރޮސިކިއުޓަރ ޖެނެރަލް، ސުޕްރީމް ކޯޓުގެ 2015/14/SC ސަރކިއުލަރގެ ދަށުން ނިހާއީ ޙުކުމެއްގެ ޞައްޙަކަން ކަށަވަރުކުރުމަށް ހުށަހެޅި 3 ނުކުތާ: އިޢުތިރާފު ޞައްޙަކަމާއި ކުށް ޝައްކުން އެއްކިބާ މިންވަރަށް ސާބިތުވާކަން، ދަޢުވާލިބޭ ފަރާތަށް ޤާނޫނުއަސާސީ ޙައްޤުތައް ލިބިދީފައިވާކަން، އަދި ޙައްދު ޖެހުން މަނާކުރާ ސަބަބެއް ނެތްކަން ކަށަވަރުކުރުން. ދަޢުވާލިބޭ ފަރާތް ހައިކޯޓުގައިވެސް އިޢުތިރާފު ކަށަވަރުކޮށްދިން.
މައިގަނޑު ސުވާލު
ޒިނޭގެ ކުށަށް ޝަރީޢަތުގެ މަޖިލީހުގައި ވެފައިވާ އިޢުތިރާފުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ޙައްދާއި ގޭބަންދުގެ ނިހާއީ ޙުކުމަކީ ޞައްޙަ ޙުކުމެއްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ޞައްޙަކަމަށް ކަނޑައަޅައި ޤާއިމް
ހައިކޯޓުން ސުވާލުކޮށް އިޢުތިރާފު ޞައްޙަކަން ކަށަވަރުކުރި؛ ޤާނޫނުއަސާސީ ޙައްޤަކުން މަޙްރޫމްކޮށްފައިވާކަން ނޭނގޭ؛ އަދަބު ތަންފީޛުކުރުން މަނާކުރާ ސަބަބެއް ނެތުމުން ޙުކުމް ޞައްޙަ ކަމަށް ކަނޑައެޅި.
ކަނޑައެޅުނު އުޞޫލުތައް
- ޒިނޭގެ ކުށަކީ އިސްލާމީ ޝަރީޢަތުގައި ޙައްދު ކަނޑައެޅިފައިވާ ކުށެއް ކަމަށާއި، ޒިނޭކުރިކަން ސާބިތުކުރެވޭނީ ޒިނޭކުރި މީހާގެ އިޢުތިރާފުން ނުވަތަ މަދުވެގެން 4 ފިރިހެނުންގެ ހެކިބަހުން ކަމަށެވެ. (ނުކުތާ 3(ށ))
- ޒިނޭގެ ކުށަށްވާ އިޢުތިރާފު ޞައްޙަވުމަށް، އިޢުތިރާފުވާ މީހާ ބުއްދި ސަލާމަތުން ހުރުމާއި ބާލިޣުވުމާއި، އެ އިޢުތިރާފަކީ އަމިއްލަ އިޚްތިޔާރުގައި ވެފައިވާ އިޢުތިރާފަކަށް ވުން ޝަރުޠެވެ. (ނުކުތާ 3(ށ))
- ޒިނޭގެ ކުށަށް އިޢުތިރާފުވެފައިވާ މީހެއްގެ އިޢުތިރާފުގެ ޞައްޙަކަން ކަށަވަރުކުރުމަށް ހައިކޯޓުން އޭނާއާ ސުވާލުކޮށް، ދަށުކޯޓުގައި އިޢުތިރާފުވިކަމާއި ޒިނޭއަކީ ކޮބައިކަން އެނގޭކަން ކަށަވަރުކޮށްދީ، ތަޙްޤީޤާއި ޝަރީޢަތުގައި ދީފައިވާ ބަޔާންތައް އެއްގޮތްވެ، ރުޖޫޢަވެފައި ނުވާނަމަ، އެއީ އަމިއްލަ އިޚްތިޔާރުގައި، ހަމަބުއްދީގައި، ބާލިޣުވެ ތަޞައްރަފު ފުދިފައިވާ ޙާލު ވެފައިވާ ޞައްޙަ އިޢުތިރާފެއް ކަމުގައި ބެލެވޭނެއެވެ. (ނުކުތާ 3(ށ))
- ޒިނޭގެ ކުށަށްވާ އިޢުތިރާފުން ރުޖޫޢަވެއްޖެނަމަ ޙައްދު ޤާއިމުކުރުމުން ދުރުހެލިވާން ޖެހޭނެއެވެ. (ހައިކޯޓުގެ 2013/HC-A/122 އަށް ތަބާވެ) (ނުކުތާ 3(ށ))
- ކުށުގެ ދަޢުވާ ލިބޭ މީހާއަށް ތުހުމަތުކުރެވޭ ކުށް ދޭހަވާ ބަހުން ލަސްނުކޮށް އެންގުމާއި، ބަރީއަވުމަށް އެކަށީގެންވާ ވަގުތާއި ވަސީލަތް ދިނުމާއި، ޤާނޫނީ ވަކީލަކާ މަޝްވަރާކުރުމުގެ ފުރުޞަތު ދިނުން ޤާނޫނުއަސާސީގެ 51 ވަނަ މާއްދާއިން ލާޒިމުކުރާއިރު، ވަކީލެއް އައްޔަންކުރުމުގެ ފުރުޞަތު ދީފައިވާއިރު ދަޢުވާލިބޭ ފަރާތް ވަކީލަކާ ނުލައި މައްސަލަ ކުރިއަށް ގެންދަން އެދިއްޖެނަމަ، އޭނާގެ ޤާނޫނުއަސާސީ ޙައްޤުތައް ލިބިދީފައިވާ ކަމަށް ބެލެވޭނެއެވެ. (ނުކުތާ 3(ނ))
- ޙައްދު ތަންފީޛުކުރުމަށް ހުރަހެއްނެތްތޯ ބެލުމުގައި ދަޢުވާލިބޭ ފަރާތުގެ ކުށުގެ ރެކޯޑަށް ބަލައި، ފުރަތަމަ ފަހަރުކަމަށް އަދަބުގައި ރިޢާޔަތްކޮށްފައިވާ ނަމަ، އަދި އަދަބު ތަންފީޛުކުރުން މަނާކުރާ ސަބަބެއް ދަޢުވާލިބޭ ފަރާތުގެ ކިބައިގައި ނެތްނަމަ، ޖިންސީ ކުށުގެ ޤާނޫނުގެ 27 (ށ) ގެ ދަށުން ކަނޑައަޅާ ޙައްދާއި ގޭބަންދުގެ އަދަބަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތް އަދަބެކެވެ. (ނުކުތާ 3(ރ))
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ހ)، (ށ)، (ނ)، (ބ)، (ޅ)
- ޤާނޫނު ނަންބަރު 2014/17 (ޖިންސީ ކުށުގެ ޤާނޫނު) ގެ 27 ވަނަ މާއްދާގެ (ހ) އާއި (ށ)
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/14/SC (15 ނޮވެމްބަރު 2015) ސަރކިއުލަރ
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/122 ޤަޟިއްޔާ
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަލީ ސަމީރު، ޝުޢައިބު ޙުސައިން ޒަކަރިއްޔާ
- ޚިލާފު ރައުޔު
- ނެތް