ސައިޓޭޝަން ކޮޕީ ކުރުމަށް
2024/HC-B12/8
ޕްރޮސިކިއުޓަރ ޖެނެރަލް ވ. -، 2024/HC-B12/8
Prosecutor General v. - 2024/HC-B12/8 (2024/HC-B12/8, High Court of the Maldives, 8 February 2024)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. -
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން ސިޓީގައި ބުނީ، ޑްރަގް އޮފެންޑަރސް ރިމާންޑް ސެންޓަރެއްގައި ބަންދުކުރުމަށް އަމުރުކުރުމުގެ ޤާނޫނީ އަސާސެއް އެ ކޯޓަށް ނެތްކަމަށާއި، ފަރުވާއާ ގުޅޭ ކަންކަމުގެ އިޚްތިޞާޞް ލިބިގެންވަނީ ޑްރަގް ކޯޓަށްކަމަށާއި، ފޯމު އިޞްލާޙުކުރުމަށް ފުރުޞަތު ދިން ނަމަވެސް އިޞްލާޙުނުކުރިކަމަށެވެ.
މަސްތުވެފައި މަގުމައްޗަށް ވެއްޓިފައި އޮތް މީހަކު ފުލުހުން ހައްޔަރުކޮށް، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 103 ވަނަ މާއްދާގެ ދަށުން ޑްރަގް އޮފެންޑަރސް ރިމާންޑް ސެންޓަރެއްގައި 15 ދުވަހަށް ބަންދުކުރުމަށް އެދި ކްރިމިނަލް ކޯޓަށް ފޯމު ހުށަހެޅި. ކޯޓުން ގޮތެއް ނުނިންމާތީ ފުލުހުން ސިޓީއަކުން ސުވާލުކުރުމުން، ކްރިމިނަލް ކޯޓުން ސިޓީއަކުން ޖަވާބުދިނެވެ.
ޕްރޮސިކިއުޝަނުން ބުނީ، ފޯމާމެދު އަމުރެއް ނުނެރުމުން އިސްތިއުނާފީ ޙައްޤު ގެއްލުނުކަމަށާއި، SCPD-02/2022 ގެ ދަށުން އެދުނު ދުވަހު ގޮތެއް ނިންމަންޖެހޭކަމަށާއި، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 103 ވަނަ މާއްދާއަކީ ޚާއްޞަ ޤާނޫނެއްގެ ޚާއްޞަ އިޖުރާއަތެއްކަމުން ކްރިމިނަލް ކޯޓަށް އެ އަމުރު ނެރެވޭނެކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތެއް ނެތެވެ.
މައިގަނޑު ސުވާލު
ފުލުހުން ބަންދާމެދު ގޮތެއް ނިންމުމަށް އެދި ހުށަހެޅި ފޯމާމެދު ކްރިމިނަލް ކޯޓުން އަމުރެއް ނެރުމެއްނެތި ސިޓީއަކުން ޖަވާބުދިނުމަކީ ޤާނޫނީ އިޖުރާއަތާ ޚިލާފު ކަމެއްތޯ؛ އަދި މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 103 ވަނަ މާއްދާގެ ދަށުން ޑްރަގް އޮފެންޑަރސް ރިމާންޑް ސެންޓަރެއްގައި ބަންދުކުރުމަށް އަމުރުކުރުމުގެ އިޚްތިޞާޞް ކްރިމިނަލް ކޯޓަށް ލިބިގެންވޭތޯ.
ނިންމި ގޮތް
ކްރިމިނަލް ކޯޓުން ޢަމަލުކޮށްފައިވަނީ އިޖުރާއަތާ ޚިލާފަށްކަމަށް ކަނޑައެޅި؛ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 103 ވަނަ މާއްދާގެ ނުކުތާއާމެދު ގޮތެއް ނުނިންމާ
ފޯމާމެދު ގޮތެއް ނުނިންމުމަކީ ޕްރޮސިކިއުޝަނުން ހަވާލާދިން އުޞޫލުތަކާ ޚިލާފު ކަމެއްކަމުން އިސްތިއުނާފީ ޙައްޤަށް ހުރަސްއެޅުނުކަމަށް ކޯޓު އެއްބަސްވި. ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 103 ވަނަ މާއްދާގެ މާނައާމެދު ސިޓީއެއްގެ ތެރެއިން ގޮތެއް ނުނިންމޭނެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނު ތަންފީޛުކުރާ އިދާރާއަކުން ބަންދާމެދު ގޮތެއް ނިންމުމަށް އެދި ހުށަހަޅާ ފޯމާމެދު ކޯޓުން އަމުރެއް ނެރެ ގޮތެއް ނުނިންމައި ދޫކޮށްލުމަކީ، ޕްރޮސިކިއުޝަނުން ހަވާލާދިން ޤާނޫނީ އުޞޫލުތަކާ (ޤާނޫނުއަސާސީގެ 56 އާއި 42 ވަނަ މާއްދާ، SCPD-02/2022 ޕްރެކްޓިސް ޑައިރެކްޝަން، އަދި ސަބަބު ބަޔާންކުރުމުގެ ވާޖިބު) ޚިލާފު ކަމެއް ކަމުން، އެކަމުގެ ސަބަބުން އިސްތިއުނާފީ ޙައްޤަށް ހުރަސްއެޅެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 29)
- އިސްތިއުނާފުކޮށްފައިވަނީ ކޯޓުގެ ސިޓީއެއް ކަމުގައިވާއިރު، އެ ސިޓީގައި ޤާނޫނުގެ މާއްދާއެއް މާނަކޮށްފައިވާ ގޮތް ރަނގަޅުނޫންކަމަށް ބުނެ އެ ޤަޟިއްޔާގެ ތެރެއިން ގޮތެއް ކަނޑައެޅޭނީ، ބަންދާމެދު ގޮތެއް ނިންމުމަށް މަޖިލީހެއް ބާއްވައި އެ ނުކުތާއާމެދު ބަހުސްކޮށް ދަށުކޯޓުން ނިންމި ނިންމުމެއް އިސްތިއުނާފީ ކޯޓުގެ ކުރިމަތީގައި އޮތްނަމައެވެ؛ އެހެންވެ 103 ވަނަ މާއްދާގެ މާނައާމެދު ގޮތެއް ކަނޑައެޅިފައެއް ނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 30)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 103 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)
- ސުޕްރީމް ކޯޓުގެ ނަންބަރު SCPD-02/2022 (ވަގުތުން ގޮތެއް ކަނޑައަޅަންޖެހޭ ބާވަތްތަކުގެ ޖިނާއީ މަދަނީ އަދި ޢާއިލީ މައްސަލަތަކުގައި ކޯޓު އަމުރު ދޫކުރުމާބެހޭ) ޕްރެކްޓިސް ޑައިރެކްޝަން
- [2021] SC 30 (އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން)
- 2021/HC-B12/5 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙަސަން މުނާޒް)
- [2021] SC 45 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުއްސަލާމް)
- ބެންޗު
- ޙަސަން ޝަފީޢު، ޙުސައިން ޝަހީދު، މުޙައްމަދު ޝަނީޒް ޢަބްދުﷲ
- ޚިލާފު ރައުޔު
- ނެތް