ސައިޓޭޝަން ކޮޕީ ކުރުމަށް
[2021] SC 30
އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން، [2021] SC 30 (2020/SC-A/100)
Ahmed Ismail v. Lateefaa Ali Hassan [2021] SC 30 (2020/SC-A/100, Supreme Court of the Maldives, 18 March 2021)
އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން ނިންމީ ބެލުން ޝަރުޠުކުރުމުގެ އެއްބަސްވުން ބާޠިލުވެފައިވާ ކަމަށެވެ. ހައިކޯޓުން 2019/HC-A/355 ގައި ނިންމީ، އިސްތިއުނާފުގެ ހުއްދަ ދިނުމަކީ ސުޕްރީމް ކޯޓުގެ ނަންބަރު 2015/06/SC ސަރކިއުލަރ، ނަންބަރު 2015/05 އާއްމު ސިޓީ އަދި ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) އާ ޚިލާފު ނިންމުމެއް ކަމަށާއި، މައްސަލައިގެ މައުޟޫޢަށް ފައިސަލާކުރަނިވި ޙުކުމެއް ނުކުރެވޭނެ ކަމަށެވެ.
ބެލުން ޝަރުޠުކުރުމުގެ އެއްބަސްވުމަކާ ޚިލާފުވެފައިވާތީ އެ އެއްބަސްވުން ބާޠިލުކޮށް، ގޯތިން އަޙްމަދު އިސްމާޢީލް ނެރެދިނުމަށް ލަޠީފާ ޢަލީ ޙަސަން ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ. ސިވިލް ކޯޓުން އެ މައްސަލަ ބަލައި ޙުކުމްކުރީ އަޙްމަދު އިސްމާޢީލްގެ ޣައިރު ޙާޟިރުގައެވެ. އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވި ފަހުން ހުއްދައަށް އެދުމުން ހައިކޯޓުގެ އަޣުލަބިއްޔަތުން ހުއްދަ ދިނެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ދަޢުވާއަކީ ކުރިން ނިޔާކަނޑައެޅިފައިވާ ކަމެއް ކަމަށާއި، ހައިކޯޓުގެ ޙުކުމަކީ ގާނޫނުއަސާސީގެ 42، 56، 142 އަދި 143 ވަނަ މާއްދާތަކާ ޚިލާފު ޙުކުމެއް ކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ބުނީ މުއްދަތު ހަމަވުމަށްފަހު އިސްތިއުނާފު ބަލައިގަނެވޭނީ އަމިއްލަ ބާރު ނުފޯރާ ފަދަ މަޤުބޫލު ސަބަބެއް ހުރެގެން ކަމަށާއި، އެފަދަ ސަބަބެއް ނެތް ކަމަށެވެ.
މައިގަނޑު ސުވާލު
ފުރަތަމަ މަރުޙަލާގެ ޙުކުމް ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދޭ އިންސާފުވެރި ޝަރީޢަތެއް ކުރެވުމުގެ ޙައްޤު ގެއްލޭ ގޮތަށް ކޮށްފައިވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ފާއިތުވި ފަހުންވެސް އެ މައްސަލަ އިސްތިއުނާފަށް ބަލައިގަތުމުގެ ހުއްދަ ދޭން ލާޒިމުވޭތޯ.
ނިންމި ގޮތް
ހައިކޯޓުގެ ޙުކުމް ބާޠިލު؛ ހައިކޯޓަށް ތަޙުވީލު
ސިވިލް ކޯޓުގެ ޙުކުމުގައި އެއްބަސްވުމާ ޚިލާފުވީ ކިހިނެއްކަމާއި އެކަން ސާބިތުވީ ކިހިނެއްކަން ބަޔާންކޮށްފައި ނެތުމުން، ޙުކުމަށް ވާސިލުވި ސަބަބު ބަޔާންނުކުރުމަކީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދޭ ޙައްޤު ގެއްލުން ކަމާއި، ފާޅުކަން ބޮޑު ބޭއިންސާފެއް ހުރި ޙުކުމެއް އިސްތިއުނާފުކުރުމުގެ ހުއްދަ މުއްދަތު ހަމަވި ފަހުންވެސް ދޭންޖެހޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅިއެވެ. ސިވިލް ކޯޓަށް ތަޙުވީލުކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ނެތުމުން، ހައިކޯޓުގެ ޙުކުމް ބާޠިލުކޮށް، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ 18 އަދި 19 ވަނަ މާއްދާގެ ދަށުން، މައުޟޫޢީ ގޮތުން ބެލުމަށް މައްސަލަ ހައިކޯޓަށް ތަޙުވީލުކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- މައްސަލައެއް އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވެފައިވީ ނަމަވެސް އަމިއްލަ ބާރު ނުފޯރާ ފަދަ ކަމެއް މެދުވެރިވެގެން އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތުގައި އިސްތިއުނާފުކުރަން ހުށަހެޅިފައިނުވާ މައްސަލަތައް ހުށަނޭޅުނު ސަބަބަކީ އިސްތިއުނާފީ ކޯޓުތަކަށް ގަބޫލުކުރެވޭ ސަބަބެއްކަމަށް ވާނަމަ އެފަދަ އިސްތިއުނާފީ މައްސަލަތައް މުއްދަތު ހަމަވުމުގެ ފަހުން ބަލައިގަތުމުގެ އިޚްތިޔާރު އިސްތިއުނާފީ ކޯޓުތަކަށް ލިބިގެންވާ ކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ނ) އާއި 42 ވަނަ މާއްދާގެ (ރ) އިން އެނގެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [28])
- ފުރަތަމަ މަރުހަލާގެ ކޯޓުގެ ހުކުމް ނުވަތަ ޓްރައިބިއުނަލުގެ ނިންމުން ބިނާވެގެންވަނީ ފާޅުކަން ބޮޑު ގޮތެއްގައި އަދުލުއިންސާފަށް ހުރަސްއެޅޭގޮތަށް ކަމަށްވާ ނަމަ އެ މައްސަލައެއް އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވެފައިވީ ނަމަވެސް، އެ މައްސަލައަކީ އިސްތިއުނާފުކުރުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [48])
- ކޯޓުތަކަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު ހުއްދަކުރާ ގޮތެއްގެމަތިން ދައުވާ ރައްދުވާ މީހެއްގެ ޣައިރު ހާޒިރުގައި ޝަރީއަތްކުރި ނަމަވެސް، އެންމެ ކުޑަ މިނުން ހުށަހެޅިފައި އޮތް ދައުވާ ސާބިތުވާކަން ނުވަތަ ނޫންކަން، ދައުވާ ސާބިތުވާނަމަ ހުރި ހެކި، އަދި އެ ހެކި ވަޒަންކުރި ގޮތާއި ދިން ބުރަދަން ބަޔާންކުރުމަކީ މައްސަލައިގައި ހިމެނޭ ދެ ފަރާތުގެވެސް ހައްގެއް ކަމަށެވެ. އަދި ދައުވާ ލިބޭ ފަރާތުން ޝަރީއަތަށް ހާޒިރުނުވާ ހާލަތުގައި ދައުވާލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި ޝަރީއަތްކޮށް ހުކުމްކުރުމަށް ޝަރީއަތްކުރުމާބެހޭ ގަވާއިދު ތަންދިން ނަމަވެސް، އެއްވެސް ހާލެއްގައި ކަމުގެ ހަގީގަތް ކަށަވަރުނުކޮށް ހުކުމް ކޮށްފިނަމަ އެ ހުކުމެއް ސައްހަނުވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [42])
- ހުކުމަށް ފަނޑިޔާރު ވާސިލުވި ސަބަބުތައް ލިޔެ ބަޔާންކޮށްފައި އޮތުމަކީ ގާނޫނުއަސާސީ ގެ 42 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދީފައިވާ އިންސާފުވެރި ޝަރީއަތެއް ކުރެވުމުގެ ހައްގުގެ މައިގަނޑު އުންސުރެކެވެ. ފަނޑިޔާރު ހުކުމަށް ވާސިލުވި ސަބަބުތައް ލިޔެ ބަޔާންކޮށްފައި ނެތް ނަމަ އެ ޝަރީއަތަކީ ސައްހަ ޝަރީއަތެއް ކަމަށް ނުބެލެވޭނެއެވެ. ޣައިރު ހާޒިރުގައި ޝަރީއަތް ކުރެވޭ މަދަނީ މައްސަލަތަކުގައި ވެސް މިކަން އޮންނަންވާނީ މި މަގަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [43]، [46])
- މައްސަލައިގެ ނިންމުމަށް ފަނޑިޔާރު ވާސިލުވި ސަބަބުތައް ބަޔާންކުރުމުގައި، މައްސަލައިގައި ހިމެނޭ ދައުވާގެ ކޮންމެ ބަޔަކާމެދު ދެފަރާތުން ދެއްކި ވާހަކަތަކުގެ މައިގަނޑު ނުކުތާތައް ބަޔާންކޮށް، އެ ނުކުތާތަކުގެ ތެރެއިން އެ މައްސަލައިގައި ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާތަކަކީ ކޮބައިކަން ފާހަގަކޮށް، އެ ނުކުތާތަކާބެހޭ ގޮތުން ހުރި ހެކިތަކާއި، އެ ހެކިތައް ވަޒަންކުރިގޮތާއި އެ ހެކިތަކަށް ބުރަދަން ދެވުނު ގޮތް އަދި މައްސަލަ ސާބިތުނުވިނަމަ އެ މައްސަލަ ސާބިތުނުވި ސަބަބު އެ މައްސަލައިގައި ހިމެނޭ ޚަސްމުންނަށް ސާފުކޮށް އޮޅުންފިލާނޭ ގޮތަށް ތިލަބަހުން ފަނޑިޔާރު ބަޔާންކުރަންވާނެއެވެ. ޚަސްމަކު ހުށަހެޅި ހެއްކެއް ބަލައި ނުގަތުމަށް ފަނޑިޔާރު ނިންމައިފިނަމަ އެކަމުގެ ސަބަބުތައް ސާފުކޮށް ލިޔަންވާނެއެވެ. ފައިސާގެ އަދަދެއް ދައްކަން ހުކުމްކުރާނަމަ އެ އަދަދަކަށް ވާސިލުވި ގޮތް ސަބަބާއެކު ބަޔާންކުރަންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [45])
- މި ފަދަ މައްސަލައެއް އަލުން ބެލުމަށް ސިވިލް ކޯޓަށް ތަހުވީލުކުރުމުގެ ބާރު ކޯޓުތަކާބެހޭ ގާނޫނުގެ ދަށުން ސުޕްރީމް ކޯޓަށް ލިބިގެންނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [51])
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ޝަރީޢަތް ނިމުނުގޮތް
އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން
ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޙުސްނުއްސުޢޫދުފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްނިމުނު ތާރީޚު
18 މާރޗް 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
އިސްތިއުނާފު ރައްދުވާ ފަރާތް
އިސްތިއުނާފުކުރާ ފަރާތް
ލަޠީފާ ޢަލީ ޙަސަން
އަޙްމަދު އިސްމާއީލް
ޤާނޫނީ ވަކީލު: ޢަބްދުﷲ ނަޞީރު މުޙައްމަދު
ޤާނޫނީ ވަކީލު: ޢަބްދުﷲ އަޙްމަދު
[1]މަދަނީ - ބެލުން ޝަރުތުކުރުމުގެ އެއްބަސްވުން – އެއްބަސްވުމާ ހިލާފުވުން - އިސްތިއުނާފުގެ މުއްދަތު – ގާނޫނުއަސާސީގެ 42 ވަނަ މާއްދާ - ހުކުމް ކުރި ސަބަބުތައް - އިންސާފުވެރި ޝަރިއަތެއް ކުރެވުމުގެ ހައްގު - އަދާލަތުގެ ހަމަތައް
އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)
ތައާރުފު
[2]މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/355ގަޒިއްޔާ އިސްތިއުނާފުކުރުމަށްޓަކައި މއ. ހިތިލާގެ، މާލެ އަޙަމްދު އިސްމާއީލް ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މ. ކާނޭޝަންގެ، ލަޠީފާ ޢަލީ ޙަސަން (ލަޠީފާ ޢަލިފުޅު) އަށެވެ.
[3]މި ގަޒިއްޔާގައި ސުޕްރީމް ކޯޓުގެ ޝަރީއަތުގެ ކުރިމަތީގައި އޮތް ސުވާލަކީ ދަށު ކޯޓުން ނިންމާފައިވާ މައްސަލައެއް އިސްތިއުނާފުކުރުމަށްޓަކައި ހައިކޯޓަށް ހުށަހަޅަން ކަނޑައެޅިފައިވާ މުއްދަތު ފާއިތުވި ފަހުން އެ މައްސަލައެއް އިސްތިއުނާފުކުރަން ޚަސްމަކު ހައިކޯޓަށް ހުށަހަޅައިފިނަމަ، އެ މައްސަލައަކީ ގާނޫނުއަސާސީ ގެ 42 ވަނަ މާއްދާގެ (ހ) އިން އެ ޚަސްމަށް ކަށަވަރުކޮށްދީފައިވާ އިންސާފުވެރި ޝަރީއަތެއް ކުރެވުމުގެ ހައްގު ދަށު ކޯޓުގެ މަރުހަލާގައި ގެއްލިފައި އޮތް މައްސަލައެއް ކަމަށްވާނަމަ، އެ ހާލަތުގައި އެ މައްސަލައެއް އިސްތިއުނާފަށް ބަލައިގަތުމަށް ހުއްދަދިނުމަށް ލާޒިމުވޭތޯ ނުވަތަ ނޫން ތޯއެވެ.
މައްސަލައިގެ ފަސްފަހަތް
[4]މ. ކާނޭޝަންގެ ލަޠީފާ ޢަލީ ޙަސަން (ލަޠީފާ ޢަލިފުޅު) އާއި މ. ވާގަލި އަޙަމްދު އިސްމާއީލްއާ ދެމެދު 26 އޮގަސްޓް 1979 ގައި ވެވުނު ބެލުން ޝަރުތު ކުރުމުގެ އެއްބަސްވުމުގެ (މީގެ ފަހުން 'އެއްބަސްވުން' ކަމަށް ބުނެފައިވާ) ދަށުން، ލަޠީފާ ޢަލިފުޅު މަރުދުވަހަށް ބެލުން ޝަރުތުކޮށް ލަޠީފާ ޢަލިފުޅުގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ މއ. ފްރީސިޔާއެވެ ކިޔާ ބަންޑާރަ ގޯތީގައިވާ އިމާރާތްތަކާއި ވަޅުފަދަ ތަންތަން އަޙްމަދު އިސްމާއީލްއަށް ދީފައިވެއެވެ. މި އެއްބަސްވުން ކޯޓު ނަންބަރު 8 ގައި ރަޖިސްޓަރީކޮށްފައިވެއެވެ.
[5]އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް އަޙްމަދު އިސްމާއީލްގެ ފަރާތުން ލަޠީފާ ޢަލީ ޙަސަން ބަލަމުން ނުގެންދާ ކަމަށް ބުނެ 14 ޖެނުއަރީ 2004 ގައި ލަޠީފާ ޢަލީ ޙަސަންގެ ފަރާތުން، އެ އެއްބަސްވުން ބާތިލުވެފައިވާ ކަމަށް ކަނޑައަޅައިދިނުން އެދި، މަދަނީ ކޯޓުގައި ދައުވާކުރިއެވެ. މި ދައުވާ މަދަނީ ކޯޓުން ބަލާފައިވަނީ މަދަނީ ކޯޓުގެ ނަންބަރު 57/MC/2004 ގަޒިއްޔާގައެވެ. މި ގަޒިއްޔާގައި އެ ކޯޓުން ކަނޑައަޅާފައިވަނީ ބެލުން ޝަރުތުކުރުމުގެ އެއްބަސްވުމާ ޚިލާފަށް އަޙްމަދު އިސްމާއީލް އަމަލުކުރަމުންދާ ކަން ސާބިތުނުވާ ކަމަށާއި، ބެލުން ޝަރުތުކުރުމުގެ އެއްބަސްވުން ބާތިލުކުރެވެން ނެތް ކަމަށެވެ. މަދަނީ ކޯޓުގެ ނަންބަރު 57/MC/2004 ގަޒިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ހައިކޯޓުން ބެލި އެކޯޓުގެ ނަންބަރު 2004/HC-A/48 ގައިޒިއްޔާގެ ހުކުމުން މަދަނީ ކޯޓުގެ ހުކުމަށް ތާއީދުކޮށް 19 ޖޫން 2005 ގައި ހުކުމްކޮށްފައިވެއެވެ.
[6]މަތީގައި ބަޔާންކުރެވުނު މައްސަލަތައް އެގޮތުގައި ހިނގައި ނިމިފައިވަނިކޮށް، 15 މޭ 2016 ގައި ލަޠީފާ ޢަލީ ޙަސަންގެ ފަރާތުން ސިވިލް ކޯޓުގައި އަލުން ދައުވާކޮށްފައިވަނީ ބެލުން ޝަރުތުކުރުމުގެ އެއްބަސްވުމާއި 30 މޭ 1996 ގެ ފަހުން އަޙްމަދު އިސްމާއީލް ޚިލާފުވެފައިވާތީވެ، އެއްބަސްވުން ބާތިލުކޮށްދިނުމަށާއި މއ.ފްރީސިޔާ ގޯތީގައި އަޙްމަދު އިސްމާއީލް ދިރިއުޅެ މަންފާ ހާސިލުކުރަމުން ގެންދަނީ ގާނޫނުއަސާސީގެ 40 ވަނަ މާއްދާ އާއި ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައިދީ އަޙްމަދު އިސްމާއީލް އެތަނުން ނެރެދިނުމަށެވެ.
[7]މި ދައުވާ ސިވިލް ކޯޓުގައި ހިންގާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 984/Cv-C/2016 ގަޒިއްޔާގައެވެ.
[8]ސިވިލް ކޯޓުގެ ނަންބަރު 984/Cv-C/2016 ގަޒިއްޔާ ނިމުނުގޮތުގެ ރިޕޯޓުގައި ބުނެފައިވަނީ އެ ގަޒިއްޔާ ހިންގުމަށްޓަކައި އަޙްމަދު އިސްމާއީލްއަށް ކޯޓަށް ހާޒިރުވުމަށް ފޮނުވި ކޯޓު އަމުރުގައިވާ ގަޑިއަށް ހާޒިރުވެފައިނުވާ ކަމަށާއި އަދި ކޯޓަށް ހާޒިރުނުވުމުން 3 އޮގަސްޓް 2016 ވަނަ ދުވަހު ކޯޓަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރެވުނު ކަމަށާއި އެހެން ނަމަވެސް އަޙްމަދު އިސްމާއީލްގެ ފަރާތުން ކޯޓަށް ހާޒިރުވެފައި ނުވާތީ މައްސަލަ ކުރިއަށް ގެންދެވިފައިވަނީ އަޙްމަދު އިސްމާއީލްގެ ޣައިރު ހާޒިރުގައި އަދި އޭނާ ދައުވާއަށް އިންކާރުކުރީ ކަމަށް ބަލައިގެން ކަމަށެވެ.
[9]ސިވިލް ކޯޓުގެ ނަންބަރު 984/Cv-C/2016 ގަޒިއްޔާގެ ހުކުމުގައި ބުނެފައިވަނީ އެއްބަސްވުން ވެވުނު ތާރީޚުން ފެށިގެންވެސް ދައުވާލިބޭ އަޙްމަދު އިސްމާއީލްގެ ފަރާތުން އެއްބަސްވުމުގައި އެއްބަސްވެފައިވާ ކަންތައްތަކަށް އަމަލުކޮށްފައިނުވާކަން ހެކިންގެ ހެކިބަހުންނާއި ހުށަހެޅިފައިވާ މުސްތަނަދުތަކުން ޝަރީއަތަށް ސާބިތުވާތީވެ، ކޯޓު ނަންބަރު 8 ގައި ރަޖިސްޓަރީ ކުރެވިފައިވާ ނަންބަރު C-8/C-16/80 ބެލުން ޝަރުތުކުރުމުގެ އެގްރިމަންޓަކީ 2016 ޑިސެމްބަރު 28 ވަނަ ދުވަހުން ފެށިގެން ބާތިލުވެފައިވާ އެގްރިމަންޓެއް ކަމަށެވެ.
[10]ސިވިލް ކޯޓުގެ ނަންބަރު 984/Cv-C/2016 ގަޒިއްޔާގެ ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް އަޙްމަދު އިސްމާއީލްގެ ފަރާތުން ހުށަހަޅާފައިވަނީ އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވީ ފަހުންނެވެ. އެހެންކަމުން އެ ގަޒިއްޔާ އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި އަޙްމަދު އިސްމާއީލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، ދިވެހިރާއްޖޭގެ ހައިކޯޓުން އެ މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ސިވިލް ކޯޓުގެ އެ ހުކުމް އިސްތިއުނާފުކުރުމުގެ ހުއްދަ 12 ޖޫން 2019 ވަނަ ދުވަހު އަޙްމަދު އިސްމާއީލްއަށް ދީފައިވެއެވެ. މި ހުއްދައިގެ ދަށުން ސިވިލް ކޯޓުގެ ނަންބަރު 984/Cv-C/2016 ގަޒިއްޔާގެ ހުކުމް އިސްތިއުނާފުކުރުމަށް23 ޖޫން 2019 ގައި އަޙްމަދު އިސްމާއީލް ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ. މި ބަޔާންކުރެވުނު އިސްތިއުނާފުގެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބަލާފައިވަނީ އެ ކޯޓުގެ 2019/HC-A/355 ނަންބަރު ގަޒިއްޔާގައެވެ.
[11]މި ބަޔާންކުރެވުނު ހައިކޯޓުގެ ނަންބަރު 2019/HC-A/355 ގަޒިއްޔާގައި ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 984/Cv-C/2016 ގަޒިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި އަޙްމަދު އިސްމާއީލްގެ ފަރާތުން ހުށަހެޅި ސަބަބުތަކުގެ މައްޗަށް ރިއާޔަތްކޮށް، އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ހުއްދަ ދިނުމަށް ހައިކޯޓުގެ ފަނޑިޔާރުން ކުރިން ނިންމި ނިންމުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/06/SC ސަރކިއުލަރ އާއި ސުޕްރީމް ކޯޓުގެ ނަންބަރު 2015/05 އާއްމު ސިޓީއާއި އަދި ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ވާތީވެ، ހައިކޯޓުގެ މި ގަޒިއްޔާ ކުރިއަށް ގެންގޮސް މައްސަލައިގެ މައުލޫއާ މެދު ގޮތެއް ކަނޑައަޅައި ފައިސަލާކުރަނިވި ހުކުމެއް އިއްވުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފު ކަމެއްކަން އެނގެން އޮންނާތީ، މއ.ހިތިލާގެ އަޙްމަދު އިސްމާއީލްގެ ފަރާތުން އިސްތިއުނާފުކުރުމަށް އެދި ހުށަހެޅި، ސިވިލް ކޯޓުގެ ނަންބަރު 984/Cv-C/2016 ގަޒިއްޔާ އަކީ ހައިކޯޓުން ބަލައި މައްސަލައިގެ މައުލޫއާ މެދު ފައިސަލާކުރަނިވި ހުކުމެއް ކަނޑައެޅޭނެ މައްސަލައެއް ނޫންކަމަށެވެ.
[12]ސުޕްރީމް ކޯޓުން މިހާރު މި ބަލާ މައްސަލައަކީ އިސްވެ މި ބަޔާންކުރި، ދިވެހިރާއްޖޭގެ ހައިކޯޓުގެ 2019/HC-A/355 ނަންބަރު ގަޒިއްޔާ އެ ކޯޓުން ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ އަޙްމަދު އިސްމާއީލްގެ ފަރާތުން އެ ގަޒިއްޔާ އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބަލާފައިވާ މައްސަލައެވެ.
އިސްތިއުނާފުކުރަން ހުށަހެޅި ނުކުތާތައް
[13]ދިވެހިރާއްޖޭގެ ހައިކޯޓުގެ 2019/HC-A/355 ނަންބަރު ގަޒިއްޔާ އެ ކޯޓުން ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ އެ ގަޒިއްޔާ އިސްތިއުނާފުކުރުމަށް އަޙްމަދު އިސްމާއީލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާތަކެވެ.
[14](ހ)ހުށަހަޅާފައިވާ ދައުވާއަކީ ޝަރީއަތުން ގޮތެއް ކަނޑައަޅާފައިވާ ކަމެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ ބާތިލު ދައުވާއެއްކަން އެނގެން އޮތް އިރު، އެކަންކަމުގެ މައްޗަށް ރިއާޔަތް ނުކޮށް ކޮށްފައިވާ ހުކުމުގައި އަދުލުވެރިކަން ގެއްލިފައިވާ ކަމަށާއި އެގްރިމަންޓުގެ ދަށުން އިސްތިއުނާފުކުރާ ފަރާތަށް ލިބިފައިވާ ހައްގުތައް ގެއްލިފައިވުން.
[15](ށ)ސިވިލް ކޯޓުގެ ނަންބަރު 984/Cv-C/2016 ގަޒިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހެޅުމުން، ހައިކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ މައްސަލަ ބަލައިގަތުމަށް ނިންމި ނިންމުމަކީ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި އެސަބަބަށްޓަކައި އެ މައްސަލަ މައުލޫއީ ގޮތުން ބަލައި ފައިސަލާކުރަނިވި ހުކުމެއް ކަމަށް ހައިކޯޓުން ބެލި އިސްތިއުނާފުގެ ގަޒިއްޔާގައި (ދިވެހިރާއްޖޭގެ ހައިކޯޓުގެ 2019/HC-A/355 ނަންބަރު ގަޒިއްޔާ) ކުރި ހުކުމަކީ ގާނޫނުއަސާސީގެ 56 ވަނަ މާއްދާއާއި 42 ވަނަ މާއްދާގެ (ށ) އާއި 142 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) އާއި ގާނޫނު އަސާސީގެ 143 ވަނަ މާއްދާގެ މަފްހޫމާ ޚިލާފަށް ހުކުމް ކޮށްފައިވުން.
[16]ކުރިން ނިޔާކަނޑައެޅިފައިވާ ކަމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާ
[17]މި ނުކުތާގެ ތަފްސީލުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އެއްބަސްވުމުގައިވާ ގޮތަށް އަޙްމަދު އިސްމާއީލްގެ ފަރާތުން ލަޠީފާ ޢަލީ ޙަސަން ބަލަމުން ނުގެންދާ ކަމަށް ބުނެ 14 ޖެނުއަރީ 2004 ގައި ލަޠީފާ ޢަލީ ޙަސަންގެ ފަރާތުން، އެ އެއްބަސްވުން ބާތިލުވެފައިވާ ކަމަށް ކަނޑައަޅައިދިނުން އެދި، މަދަނީ ކޯޓުގައި ދައުވާކުރި ކަމަށާއި އެ މައްސަލައިގައި މަދަނީ ކޯޓުގެ ނަންބަރު 57/MC/2004 ގަޒިއްޔާގައި ކަނޑައަޅާފައިވަނީ ބެލުން ޝަރުތުކުރުމުގެ އެއްބަސްވުމާ ޚިލާފަށް އަޙްމަދު އިސްމާއީލް އަމަލުކުރަމުންދާ ކަން ސާބިތުނުވާ ކަމަށާއި، މަދަނީ ކޯޓުގެ ނަންބަރު 57/MC/2004 ގަޒިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ހައިކޯޓުން ބެލި އެ ކޯޓުގެ ނަންބަރު 2004/HC-A/48 ގަޒިއްޔާގެ ހުކުމުން މަދަނީ ކޯޓުގެ ހުކުމަށް ތާއީދުކޮށްފައި ވާތީވެ މިއީ ކުރިން ނިޔާކަނޑައެޅިފައިވާ ކަމެއް ކަމަށާއި މި މައްސަލަ އަލުން ބެލެވޭނަމަ މިއީ ކުރިން ނިޔާ ކަނޑައެޅިފައިވާ ކަމެއްގައި އަލުން ޝަރީއަތްކުރުން ކަމަށް ވާނޭ ކަމަށެވެ.
[18]މި ނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ލަޠީފާ ޢަލީ ހަސަންގެ ފަރާތުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރެވިފައި މިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ2019/HC-A/355 ނަންބަރު ގަޒިއްޔާގައި ސިވިލް ކޯޓުގެ ނަންބަރު 984/Cv-C/2016 ގަޒިއްޔާގައި ހިމެނޭ މައްސަލައިގެ މައުލޫއާ ބެހޭގޮތުން ވާހަކަދައްކައި މައުލޫއީ ގޮތުން ހުކުމެއް ކޮށްފައި ނުވާ ކަމަށާއި އެހެންކަމުން މި މައުލޫއާ ބެހޭގޮތުން ސުޕްރީމް ކޯޓުގެ މި ގަޒިއްޔާގައި ވާހަކަދައްކައި އޭގެ މައްޗަށް ގޮތެއް ކަނޑަނޭޅޭނެ ކަމަށެވެ.
[19]އިސްތިއުނާފުކުރެވިފައި މިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ 2019/HC-A/355 ނަންބަރު ގަޒިއްޔާ ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު ހައިކޯޓުގެ އެ ގަޒިއްޔާގައި ސިވިލް ކޯޓުގެ ނަންބަރު984/Cv-C/2016 ގަޒިއްޔާ އާއި މަދަނީ ކޯޓުގެ ނަންބަރު57/MC/2004 ގަޒިއްޔާގައި ހިމެނޭ މައްސަލަ މައުލޫއީ ގޮތުން ބަލައިފައި ނެތްކަން އެނގެއެވެ. ސިވިލް ކޯޓުގެ ނަންބަރު984/Cv-C/2016 ގަޒިއްޔާގައި ހިމެނޭ މައްސަލަ މައުލޫއީ ގޮތުން ހައިކޯޓުގެ2019/HC-A/355 ނަންބަރު ގަޒިއްޔާގައި ނުބެލެވޭނެ ކަމަށް ކަނޑައަޅައި ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، އެ މައްސަލައިގެ އިސްތިއުނާފު ބަލައިގަތުމަށް ހައިކޯޓުން ކުރިން ނިންމި ނިންމުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/06/SC ސަރކިއުލަރ އާއި ސުޕްރީމް ކޯޓުގެ ނަންބަރު 2015/05 އާއްމު ސިޓީއާއި އަދި ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ވާތީވެ، ހައިކޯޓުގެ އެ ގަޒިއްޔާ ކުރިއަށް ގެންގޮސް މައްސަލައިގެ މައުލޫއާ މެދު ގޮތެއް ކަނޑައަޅައި ފައިސަލާކުރަނިވި ހުކުމެއް އިއްވުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފު ކަމެއް ކަމަށެވެ. ވީމާ، މި މައްސަލައިގައި ހިމެނޭ ބެލުން ޝަރުތުކުރުމުގެ އެއްބަސްވުމާ ބެހޭގޮތުން އުފެދިފައިވާ ޚުސޫމަތުގެ މައުލޫއުގެ މައްޗަށް ހައިކޯޓުގެ މަރުހަލާއިން ގޮތެއް ކަނޑައަޅާފައި ނެތީސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ގަޒިއްޔާގައި، ބެލުން ޝަރުތުކުރުމުގެ އެއްބަސްވުމާ ބެހޭ ގޮތުން ދެފަރާތުގެ ދެމެދުގައި އުފެދިފައިވާ ޚުސޫމަތުގެ މައުލޫއުގެ މައްޗަށް ބަހުސްކޮށް ގޮތެއް ކަނޑައެޅުމަކީ އިޖުރާއީ ގޮތުން މި މަރުހަލާގައި މި ކޯޓަށް ކުރެވޭނެ ކަމެއް ކަމަށް ނުދެކެމެވެ.
[20]އިސްތިއުނާފު ކުރުމުގެ ހުއްދަ ދިނުމަށް ހައިކޯޓުން ނިންމި ނިންމުމަކީ ގާނޫނާ ޚިލާފު ނިންމުމެއްތޯ؟
[21]މި މައްސަލަ އިސްތިއުނާފުކުރާ އަޙްމަދު އިސްމާއީލްގެ ފަރާތުން އިސްތިއުނާފުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި ދެވަނަ ނުކުތާގައި ބުނެފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 984/Cv-C/2016 ގަޒިއްޔާ އިސްތިއުނާފުކުރަން ހުށަހަޅަން އޮންނަ މުއްދަތު ފަހަނައަޅައި ދިޔަ ފަހުން އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި އޭނާ ހައިކޯޓަށް ހުށަހެޅުމުން ހައިކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ އިސްތިއުނާފުގެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުގެ ހުއްދަ ދިނުމަށްފަހު، އެ ހުއްދައިގެ ދަށުން، އޭނާ އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ 2019/HC-A/355 ނަންބަރު ގަޒިއްޔާގެ ހުކުމުގައި އެ އިސްތިއުނާފުގެ މައްސަލަ ހައިކޯޓުގައި ނުހިންގޭނެ ކަމަށް ކަނޑައެޅި ކަނޑައެޅުމަކީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި 56 ވަނަ މާއްދާ އާއި 142 ވަނަ މާއްދާ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) އާއި ގާނޫނު އަސާސީގެ 143 ވަނަ މާއްދާގެ މަފްހޫމާ ޚިލާފު ކަނޑައެޅުމެއް ކަމަށެވެ.
[22]އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ 2019/HC-A/355 ނަންބަރު ގަޒިއްޔާގައި ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 984/Cv-C/2016 ގަޒިއްޔާ އިސްތިއުނާފުކުރުމުގެ މުއްދަތު ފަހަނައަޅައި ގޮސްފައި ވަނިކޮށް، އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި އަޙްމަދު އިސްމާއީލްގެ ފަރާތުން ހުށަހެޅި ސަބަބުތަކުގެ މައްޗަށް ރިއާޔަތްކޮށް، އެ މައްސަލަ ބަލައިގަތުމަށް ހައިކޯޓުން ކުރިން ނިންމި ނިންމުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/06/SC ސަރކިއުލަރ އާއި ސުޕްރީމް ކޯޓުގެ ނަންބަރު 2015/05 އާއްމު ސިޓީއާއި އަދި ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
[23]ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/06/SC ސަރކިއުލަރ ގައި ބުނެފައިވާ ގޮތުން ފުރަތަމަ މަރުހަލާގެ ކޯޓުތަކާއި ޓްރައިބިއުނަލް ތަކުން ނިންމާ ނިންމުންތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް އެ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކަށް ލިބޭނީ 10 ދުވަހެވެ. އަދި ސުޕްރީމް ކޯޓުގެ ނަންބަރު 2015/05 އާއްމު ސިޓީގައި ބުނެފައިވަނީ އިސްވެ މި ބަޔާންކުރި އިސްތިއުނާފުކުރުމުގެ 10 ދުވަހުގެ މުއްދަތު ގުނާނީ ފުރަތަމަ މަރުހަލާގެ ކޯޓުން މައްސަލަ ނިންމި ދުވަހާއި މުއްދަތު ހަމަވާ ދުވަހާ އެ ދެމެދަށް އަންނަ ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައެވެ. އެހެން ކަމުން އިސްތިއުނާފު ރައްދުވާ ލަޠީފާ ޢަލީ ޙަސަންގެ ފަރާތުން ބުނެފައިވަނީ އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވުމަށްފަހު އެ މައްސަލަ އަޙްމަދު އިސްމާއީލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަނޭޅޭނެ ކަމަށެވެ.
[24]އިސްތިއުނާފު ރައްދުވާ ލަޠީފާ ޢަލީ ޙަސަންގެ ފަރާތުން އިތުރަށް ބުނެފައިވަނީ، އިސްތިއުނާފުކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވުމަށްފަހުގައި ވެސް އެފަދަ މައްސަލަތައް ބަލައިގަތުމުގެ އިޚްތިޔާރު ހައިކޯޓުގެ ފަނޑިޔާރުންނަށް ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން ލިބިގެންވާ ކަމަށާއި ނަމަވެސް އެއީ މުތުލަގަށް ކޮންމެ ކޮންމެ ސަބަބެއްގެ މައްޗަށް ހުޅުވާލެވިފައިވާ އިޚްތިޔާރެއް ނޫން ކަމަށާއި، އެ މާއްދާގެ ދަށުން އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވެފައިވާ މައްސަލައެއް ބަލައިގަނެވޭނީ އަމިއްލަ ބާރު ނުފޯރާ ފަދަ މަގުބޫލު ސަބަބެއް މެދުވެރިވެފައިވާ ނަމަ ކަމަށެވެ. އަދި އެފަދަ ސަބަބެއް އޮތްކަން ފަނޑިޔާރުންނަށް ގަބޫލުކުރެވޭ މިންވަރަށް އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދޭ ފަރާތުން ސާބިތުކޮށްދޭން ވާނެ ކަމަށެވެ.
[25]އިސްތިއުނާފު ރައްދުވާ ލަޠީފާ ޢަލީ ޙަސަންގެ ފަރާތުން އިތުރަށް ބުނެފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 984/Cv-C/2016 ގަޒިއްޔާ އިސްތިއުނާފުކުރަން ހުށަހަޅަން އޮންނަ މުއްދަތު ފަހަނައަޅައި ދިޔަފަހުން އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި އަޙްމަދު އިސްމާއީލްގެ ފަރާތުން ހުށަހެޅި ސަބަބަކީ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގައި ބުނާ ފަދަ މަގުބޫލު ސަބަބެއްތޯ ބަލާއިރު، އަޙްމަދު އިސްމާއީލްގެ ފަރާތުން ހުށަހެޅި ސަބަބަކީ ސިވިލް ކޯޓުގެ ނަންބަރު 984/Cv-C/2016 ގަޒިއްޔާ އެކޯޓުގައި ހިންގައި ހުކުމްކޮށްފައިވަނީ އަޙްމަދު އިސްމާއީލް ކޯޓަށް ހާޒިރުކުރުމަކާ ނުލައި އަދި ކޯޓަށް މީހުން ހާޒިރުކުރުމާބެހޭ ގަވާއިދާ ޚިލާފަށް އަޙްމަދު އިސްމާއީލްގެ ޣައިރު ހާޒިރުގައި ކަމަށްވާތީ، އެ މައްސަލައިގެ މައުލޫމާތު އެފަރާތަށް އެނގިފައިނުވާތީ ކަމަށާއި، އަދި އެކަން އެނގުނު އިރު އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވެފައިވާތީ އިސްތިއުނާފަށް ހުށަނޭޅުނީކަން އަޙްމަދު އިސްމާއީލް ފޮނުވި ސިޓީގައި ބުނެފައިވީ ނަމަވެސް، އެ ސަބަބަކީ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގައި ބުނާ ފަދަ މަގުބޫލު ސަބަބެއްތޯ ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރު 984/Cv-C/2016 ގަޒިއްޔާ އެ ކޯޓުގައި ހިންގައި ހުކުމްކޮށްފައިވަނީ އަޙްމަދު އިސްމާއީލްގެ ޣައިރު ހާޒިރުގައި ކަމާއި ބަހުސްގެ ބޭނުމަށްޓަކައި ސިވިލް ކޯޓުގެ ނަންބަރު 984/Cv-C/2016 ގަޒިއްޔާ އަޙްމަދު އިސްމާއީލްގެ ޣައިރު ހާޒިރުގައި އެ މައްސަލަ ހިންގައި ހުކުމްކޮށްފައިވަނީ އިޖުރާއަތާ ޚިލާފަށް ކަމަށް ބެލި ނަމަވެސް އެ މައްސަލައިގެ މައުލޫމާތު އަޙްމަދު އިސްމާއީލްއަށް އެނގޭ ހިސާބުން ފެށިގެން އެ މައްސަލަ އިސްތިއުނާފުކުރުމުގެ މަސައްކަތް އެފަރާތުން ކުރަން ޖެހޭނެ ކަމަށާއި، އެކަށީގެންވާ ގިނަ ދުވަސްތަކެއް ފާއިތުވުމަށްފަހު އިސްތިއުނާފުކުރުމުގެ މަސައްކަތް ކުރުމަކީ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގައި ބުނާ ފަދަ އަމިއްލަ ބާރު ނުފޯރާ ފަދަ މަގުބޫލު ސަބަބެއް ކަމުގައި ނުބެލެވޭނެ ކަމަށެވެ.
[26]މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ސިވިލް ކޯޓުގެ ނަންބަރު 984/Cv-C/2016 ގަޒިއްޔާ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ 15 މޭ 2016 ގައެވެ. އެ މައްސަލައިގައި ހުކުމްކޮށްފައިވަނީ 28 ޑިސެމްބަރު 2016 ގައެވެ. ސިވިލް ކޯޓުގެ ނަންބަރު 984/Cv-C/2016 ގަޒިއްޔާގެ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ އެކޯޓުގެ އަމިއްލަ އިސްނެގުމުގެ މަތިން ފަށާފައިވަނީ 22 އޮކްޓޯބަރ 2017 ގައެވެ. އަދި ހުކުމް ތަންފީޒުކުރުމުގެ ގޮތުން ހިންގުނު އެކޯޓުގެ ނަންބަރު2975/Cv-C/2017 ގަޒިއްޔާގެ ދަށުން 2 ޖުލައި 2018 ވަނަ ދުވަހު ނަންބަރުB5-CR-1/CA/2018/234 ކޯޓު އަމުރު ނެރެފައިވެއެވެ. އަދި އަދި އެ އަމުރު އަޙްމަދު އިސްމާއީލްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ގޮތުން އިސްތިއުނާފު ފޯމު15 ޖުލައި 2018 ގައި ސިވިލް ކޯޓަށް ހުށަހެޅިއެވެ. އަދި އެ މައްސަލަ 12 އޮގަސްޓް 2018 ވަނަ ދުވަހު ހައިކޯޓުގައި ރަޖިސްޓަރީ ކުރެވި ހައިކޯޓުގެ ނަންބަރު 2018/HC-A/248 ގަޒިއްޔާއިން ބަލައި، ސިވިލް ކޯޓުގެ ނަންބަރު 2975/Cv-C/2017 ގަޒިއްޔާގެ ދަށުން ނެރެފައިވާ އަމުރަކީ ބާތިލުކުރެވޭނެ އަމުރެއް ނޫންކަމަށް 8 މޭ 2019 ގައި އެ ގަޒިއްޔާގައި ހުކުމް ކޮށްފައިވެއެވެ.
[27]ސިވިލް ކޯޓުގެ ނަންބަރު 984/Cv-C/2016 ގަޒިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދަ ހޯދުމަށް އަޙްމަދު އިސްމާއީލްގެ ފަރާތުން ހުށަހަޅާފައިވަނީ ހައިކޯޓުގެ ނަންބަރު 2018/HC-A/248 ގަޒިއްޔާ ހިނގަމުން ދަނިކޮށެވެ. އެއީ 30 އެޕްރީލް 2019 ގައެވެ. އެހެންކަމުން ކޮންމެ ގޮތަކަށް ބެލި ނަމަވެސް، ސިވިލް ކޯޓުގެ ނަންބަރު 984/Cv-C/2016 ގަޒިއްޔާ އަޙްމަދު އިސްމާއީލްގެ ޣައިރު ހާޒިރުގައި ނިމިފައިވާ ކަމާއި އެ މައްސަލަ ނިމިފައިވަނީ އޭނާއާ ދެކޮޅަށްކަން، އެންމެ ލަސްވެގެންވެސް ސިވިލް ކޯޓުގެ ނަންބަރު 984/Cv-C/2016 ގަޒިއްޔާގެ ހުކުމް ތަންފީޒުކުރުމުގެ ގޮތުން ސިވިލް ކޯޓުގައި ހިންގުނު 2975/Cv-C/2017 ގަޒިއްޔާގެ ދަށުން 2 ޖުލައި 2018 ވަނަ ދުވަހު ނެރެފައިވާ ނަންބަރު B5-CR-1/CA/2018/234 ކޯޓު އަމުރު އަޙްމަދު އިސްމާއީލްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި އިސްތިއުނާފީ ފޯމު 15 ޖުލައި 2018 ގައި ހައިކޯޓަށް ހުށަހެޅި އިރު އަޙްމަދު އިސްމާއީލް އަށް އެނގޭނެއެވެ. އެހެން ނަމަވެސް ސިވިލް ކޯޓުގެ ނަންބަރު 984/Cv-C/2016 ގަޒިއްޔާ އަޙްމަދު އިސްމާއީލްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ހުއްދަ ހޯދުމަށް ހައިކޯޓަށް ހުށަހަޅާފައިވަނީ އޭގެ މާ ފަހުގެ ތާރީޚެއް ކަމަށްވާ 30 އެޕްރީލް 2019 ގައި ކަން އެނގެއެވެ.
[28]މައްސަލައެއް އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވެފައިވީ ނަމަވެސް އަމިއްލަ ބާރު ނުފޯރާ ފަދަ ކަމެއް މެދުވެރިވެގެން އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތުގައި އިސްތިއުނާފުކުރަން ހުށަހެޅިފައިނުވާ މައްސަލަތައް ހުށަނޭޅުނު ސަބަބަކީ އިސްތިއުނާފީ ކޯޓުތަކަށް ގަބޫލުކުރެވޭ ސަބަބެއްކަމަށް ވާނަމަ އެފަދަ އިސްތިއުނާފީ މައްސަލަތައް މުއްދަތު ހަމަވުމުގެ ފަހުން ބަލައިގަތުމުގެ އިޚްތިޔާރު އިސްތިއުނާފީ ކޯޓުތަކަށް ލިބިގެންވާ ކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ނ) އާއި 42 ވަނަ މާއްދާގެ (ރ) އިން އެނގެއެވެ. އަދި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ނ) އާއި 42 ވަނަ މާއްދާގެ (ރ) ގައި ބުނާ "އަމިއްލަ ބާރު ނުފޯރާ ފަދަ ކަމެއް މެދުވެރިވެގެން އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތުގައި އިސްތިއުނާފުކުރަން ހުށަހެޅިފައިނުވާ މައްސަލައެއް" ކަމަށް ބެލެވޭނެ ކަންކަން މިކޯޓުން ނިންމާފައިވާ ފާޠިމަތު ވ. އާމިނަތު ޙުސައިން ގަޒިއްޔާގައި މާނަކޮށްފައި ވެއެވެ.
[29]"އަމިއްލަ ބާރު ނުފޯރާ ފަދަ ކަމެއް މެދުވެރިވެގެން އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތުގައި އިސްތިއުނާފުކުރަން ހުށަހެޅިފައިނުވާ މައްސަލައެއް" ކަމަށް ބެލެވޭނެ ކަންކަމުގެ ގޮތުގައިފާޠިމަތު ވ. އާމިނަތު ޙުސައިން ގަޒިއްޔާގައި ހިމަނާފައިވަނީ އަންނަނިވި ކަންކަމެވެ. އެކަން ކަމަކީ:
(ހ)ތޮބީއީ ކާރިސާއެއް ކުރިމަތިވުން.
[30](ށ)ހަނގުރާމަ އާއި މަދަނީ ހަމަނުޖެހުންތަކާއި އާއްމުވެގެންވާ ރޯގާތަކާއި ބަލިމަޑުކަން.
[31](ނ)ދަށުކޯޓުން ނުވަތަ ޓްރައިބިއުނަލުން މައްސަލަ ނިންމިކަން އެނގިފައި ނެތުމުގެ ސަބަބުން ނުވަތަ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓު ލިބުން ލަސްވުމުގެ ސަބަބުން އިސްތިއުނާފަށް ހުށަހެޅުމުގެ ފުރުސަތު ލިބިފައިނެތުން.
[32](ރ)ފުރަތަމަ މަރުހަލާގެ ކޯޓުގެ ހުކުމް ނުވަތަ ޓްރައިބިއުނަލުގެ ނިންމުން ބިނާވެގެންވަނީ ފާޅުކަން ބޮޑު ގޮތެއްގައި އަދުލުއިންސާފަށް ހުރަސްއެޅޭގޮތަށް ކަމަށްވުން.
[33]ސިވިލް ކޯޓުގެ ނަންބަރު 984/Cv-C/2016 ގަޒިއްޔާ ނިންމާފައިވާ ގޮތް
[34]އިސްތިއުނާފުކުރާ އަޙްމަދު އިސްމާއީލްގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވަނީ ސިވިލް ކޯޓުން ނިންމާފައިވާ މައްސަލައިގެ މައުލޫއާ މެދު ފައިސަލާކުރަނިވި ހުކުމެއް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައެޅެން ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އިސްތިއުނާފުކުރެވޭ ގަޒިއްޔާގައި ކަނޑައަޅައި ހުކުމްކުރުމަކީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ ދަށުން އިސްތިއުނާފުކުރާ ފަރާތަށް ލިބިފައިވާ ހައްގުތަކުން މަހުރޫމުވުން ކަމަށެވެ.
ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ:
[35]"ކޮންމެ މީހެއްގެމެ މަދަނީ ހައްގުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ނުވަތަ ޖިނާއީ ކުށެއްގެ ދައުވާ މީހެއްގެ މައްޗަށް އުފުލުމުގައި، ގާނޫނަކުން ގާއިމުކޮށްފައިވާ މިނިވަން އަދި މުސްތަގިއްލު ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އާންމުކޮށް ހުޅުވާލެވިގެން ބާއްވާ އަޑުއެހުމެއްގައި އިންސާފުން ޝަރީއަތްކުރެވުމުގެ ހައްގު ކޮންމެ މީހަކަށް ލިބިގެންވެއެވެ."
ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ:
[36]"ދިވެހިރާއްޖޭގައި ހިންގާ އެންމެހައި ޝަރީއަތްތައް ހިންގަންވާނީ އަދުލުވެރިކަމާއެކު، ވަކި ފަރާތަކަށް ނުޖެހި ހާމަކަމާއެކުގައެވެ."
[37]ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ހައްގުތަކުގެ ތެރެއިން ދެ ހައްގެއް މި މައްސަލައިގައި ސިވިލް ކޯޓުގައި ބެލެވުނު ސިވިލް ކޯޓުގެ ނަންބަރު984/Cv-C/2016 ގަޒިއްޔާ ހިންގާފައިވާ ގޮތުން ގެއްލިފައިވާ ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ. އެގޮތުން އިސްތިއުނާފުކުރާ ފަރާތަށް ގެއްލިފައިވާ ކަމަށް ބުނެފައިވާ އެއް ހައްގަކީ އިންސާފުން ޝަރީއަތްކުރެވުމުގެ ހައްގެވެ. ގެއްލިފައިވާ އަނެއް ހައްގެއް ކަމަށް ބުނެފައިވަނީ ހާމަކަމާއެކު ޝަރީއަތްކުރެވިފައި ނެތުމެވެ.
[38]އިސްތިއުނާފުކުރާ އަޙްމަދު އިސްމާއީލްގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 984/Cv-C/2016 ގަޒިއްޔާ ހުށަހެޅި ކަމެއް ނުވަތަ އެ މައްސަލަ ހިންގި ކަމެއް އަދި ހުކުމް ކުރިކަމެއް ވެސް ނޭނގޭ ކަމަށެވެ. އެ ހުކުމް ސިވިލް ކޯޓުން ކޮށްފައިވަނީ އޭނާގެ ޣައިރު ހާޒިރުގައި ކަމަށެވެ. އެފަދައިން ޣައިރު ހާޒިރުގައި ކުރާ ހުކުމް ވަކި މުއްދަތެއްގެ ތެރޭގައި އިސްތިއުނާފަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވިފައި އޮންނަނީ ވަކި މުއްދަތަކަށް ކަން އެނގިފައި ނުވާ ކަމަށެވެ. އަދި އެއީ އެއްވެސް ގަވާއިދަކުން މުއްދަތެއް ކަނޑައަޅާފައި އޮންނަ ކަމެއް ނޫން ކަމަށްވެސް އަޙްމަދު އިސްމާއީލްގެ ފަރާތުން ބުނެފައިވެއެވެ.
[39]ސިވިލް ކޯޓުގެ ނަންބަރު 984/Cv-C/2016 ގަޒިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ 2 ވަނަ ނަންބަރުގައި ބުނެފައިވަނީ ދައުވާލިބޭ އަޙްމަދު އިސްމާއީލްއަށް ކޯޓަށް ހާޒިރުވުމަށް ފޮނުވުނު ކޯޓު އަމުރުތަކުގައިވާ ގަޑިތަކަށް ހާޒިރުވެފައި ނުވާ ކަމަށާއި އަދި ކޯޓަށް ހާޒިރު ނުވުމުން 3 އޮގަސްޓް 2016 ގައި ސިވިލް ކޯޓަށް ހާޒިރުވުމަށް އަންގައި އިއުލާން ކުރި ކަމަށާއި އެހެން ނަމަވެސް ދައުވާލިބޭ ފަރާތުން ކޯޓަށް ހާޒިރުވެފައި ނުވާތީ މައްސަލަ ކުރިއަށް ގެންދެވިފައިވަނީ ދައުވާލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި ދައުވާއަށް އިންކާރުކުރީ ކަމަށް ބަލައިގެން ކަމަށެވެ.
[40]ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ގަލްފް ކްރާފްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގަޒިއްޔާގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ވިދާޅުވެފައިވަނީ:
[41]"ދިވެހިރާއްޖޭގައި ޣައިރު ހާޒިރުގައި ޙުކުމެއް ކުރުމުގެ ނަތީޖާއަކީ، އެ ޙުކުމް ކޮށްފައިވަނީ ގަވާއިދުގައި ޣައިރު ހާޒިރުގައި ޙުކުމް ކުރުމަށް އޮންނަ އިޖުރާއާތު ފުރިހަމަކުރުމަށްފަހު ކަމުގައިވާނަމަ، އަދި އެފަދަ މައްސަލައެއް ދަށު ކޯޓުގައި ނުވަތަ ހައިކޯޓުގައި ހިނގަމުންދިޔަ އިރު، މައްސަލަ ރައްދުވާ ފަރާތުން ޝަރީޢަތަށް ހާޒިރުވެފައިނުވަނީ، އިސްތިއުނާފުގެ ބޭނުމަށްޓަކައި، މަޤުބޫލު އުޒުރެއް އޮވެގެން ނޫންކަމުގައިވާނަމަ، އެ މީހެއްގެ ޣައިރު ހާޒިރުގައި ކޮށްފައިވާ ޙުކުމަކީ އެ މީހެއްގެ މައްޗަށް ޤާނޫނީ ގޮތުން ބަނދެވޭ، ޢަމަލުކުރުން ލާޒިމު ޙުކުމަކަށް ވެގެންދިއުމެވެ. އެހެންކަމުން، ދަށު މަރުޙަލާއިންވެސް ދަޢުވާ ރައްދުވާ މީހެއްގެ ޣައިރު ހާޒިރުގައި ޝަރީޢަތްކުރާނަމަ، އެންމެ ކުޑަ މިނުން ހުށަހެޅިފައި އޮތް ދަޢުވާ ސާބިތުވާކަން ނުވަތަ ނޫންކަން، ސާބިތުވާނަމަ ހުރި ހެކި، އަދި އެ ހެކި ވަޒަންކުރި ގޮތާއި ދިން ބުރަދަން ބަޔާންކުރުމަކީ މައްސަލައިގައި ހިމެނޭ ދެ ފަރާތުގެވެސް ޙައްޤެކެވެ. ދަޢުވާ ލިބޭ ފަރާތުން ޝަރީޢަތަށް ހާޒިރުނުވުމަކީ އޭނާގެ ފަރާތުން ދިފާޢުވުމަށް އޮތް ފުރުޞަތު އަމިއްލައަށް ދޫކޮށްލުމެވެ. މި ޢަމަލަކީ އެއްވެސް ހާލެއްގައި ކަމުގެ ޙަޤީޤަތް ކަށަވަރުނުކޮށް ޙުކުމް ކުރުމަށް ހުޅުވާލެވިގެން ދިޔަ ދޮރެއް ކަމުގައި ބަލައިގެންނުވާނެއެވެ. "ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެގޮތުގެ ޤަވާޢިދު" ގައި ޣައިރު ހާޒިރުގައި ކުރާ ޙުކުމްތަކުގައިވެސް ޝަރީޢަތަށް ހުށަހެޅިފައިހުރި ހެކި ވަޒަންކުރަންޖެހެއެވެ. ޙަވާލާދެވިފައިވާ ގަވާއިދުގެ 28 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދަޢުވާ ލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި ޙުކުމެއްކުރާނަމަ، އެފަދަ ޙުކުމެއް ކުރެވޭނީ ހުށަހެޅިފައިހުރި ހެއްކާއި ޤަރީނާއަށް ރިޢާޔަތްކުރުމަށް ފަހުގައިކަމަށް ބަޔާންކޮށްފައިވެއެވެ. މި މައްސަލައިގައި ސިވިލް ކޯޓުން އަކުއާ ސަން މޯލްޑިވްސްއަށް ލިބުނު ގެއްލުމުގެ ބަދަލު ކަނޑައެޅިއިރު، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ހެކި ވަޒަންކޮށްފައިވާގޮތް އެނގޭކަށްނެތެވެ. އަދި އަކުއާ ސަން މޯލްޑިވްސްއަށް ލިބުނު ގެއްލުން ދުވާލެއްގެ މައްޗަށް ހިސާބުކޮށްފައިވާ ގޮތަށް ވާސިލުވެވުނު ގޮތްވެސް ސިވިލް ކޯޓުގެ ނަންބަރު 1295/Cv-C/2013 ގަޒިއްޔާގައި ބަޔާންކޮށްފައިނުވެއެވެ. "ޑްރީމް ވޮޔޭޖަރ" ޔޮޓުގެ ބުކިންގ ސްޓޭޓްމަންޓު ހުށަހަޅާފައިވާއިރު، އެ ސްޓޭޓްމަންޓުގައި ހިމެނޭ އަދަދުތަކަކީ ހަމަ ޙަޤީޤަތުގައިވެސް އަކުއާ ސަން މޯލްޑިވްސްއަށް ލިބުނު ގެއްލުމެއްކަން ކަނޑައެޅީ ކިހިނެތްކަން އެނގޭކަށްނެތެވެ. "
[42]މަތީގައި މި ބަޔާންކުރި ޕެރެގްރާފުން އެނގެނީ ކޯޓުތަކަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު ހުއްދަކުރާ ގޮތެއްގެމަތިން ދައުވާ ރައްދުވާ މީހެއްގެ ޣައިރު ހާޒިރުގައި ޝަރީއަތްކުރި ނަމަވެސް، އެންމެ ކުޑަ މިނުން ހުށަހެޅިފައި އޮތް ދައުވާ ސާބިތުވާކަން ނުވަތަ ނޫންކަން، ދައުވާ ސާބިތުވާނަމަ ހުރި ހެކި، އަދި އެ ހެކި ވަޒަންކުރި ގޮތާއި ދިން ބުރަދަން ބަޔާންކުރުމަކީ މައްސަލައިގައި ހިމެނޭ ދެ ފަރާތުގެވެސް ހައްގެއް ކަމަށެވެ. އަދި ދައުވާ ލިބޭ ފަރާތުން ޝަރީއަތަށް ހާޒިރުނުވާ ހާލަތުގައި ދައުވާލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި ޝަރީއަތްކޮށް ހުކުމްކުރުމަށް ޝަރީއަތްކުރުމާބެހޭ ގަވާއިދު ތަންދިން ނަމަވެސް، އެއްވެސް ހާލެއްގައި ކަމުގެ ހަގީގަތް ކަށަވަރުނުކޮށް ހުކުމް ކޮށްފިނަމަ އެ ހުކުމެއް ސައްހަނުވާނެއެވެ.
ހުކުމަށް ވާސިލުވި ސަބަބު ބަޔާންކުރުމުގެ ވާޖިބު
[43]ގާނޫނުއަސާސީ ގެ 42 ވަނަ މާއްދާގެ (ހ) އިން ކޮންމެ މީހަކަށް ކަށަވަރުކޮށްދީފައިވާ އެއް އަސާސީ ހައްގަކީ މީހެއްގެ މައްޗަށް އުފުލޭ ޖިނާއީ ދައުވާތަކުގައާއި މަދަނީ ހައްގުތަކާއި ވާޖިބުތައް ކަނޑައެޅުމުގެ މައްސަލަތަކުގައި އިންސާފުވެރި ޝަރީއަތެއް ކުރެވުމުގެ ހައްގެވެ. މި އަސާސީ ހައްގު ލިބުނުކަން ކަށަވަރުކުރެވޭނީ ގާނޫނުއަސާސީ ގެ 42 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރެވިފައިވާ ގޮތަށް ހާމަކަމާއެކު އެ ޝަރީއަތެއް ކުރެވިގެންނެވެ. ޝަރީއަތަކީ ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅޭ ދައުވާއެއްގައި ޚަސްމުން ހުށަހަޅާ ހެކިތައް ވަޒަންކޮށް އެ ހެކިތަކުގެ މައްޗަށް ފަނޑިޔާރު ބަލައި ވިސްނުމަށްފަހު އޭނާއަށް ބުރަވެވޭ ގޮތަކަށް އެ ދައުވާއާމެދު ގޮތެއް ނިންމުމެވެ. ފަނޑިޔާރު ނިންމާ ނިންމުމަކީ ހެއްކާ ގަރީނާއަށް ބިނާކޮށް އިންސާފުވެރިކަމާއި އެކުގައި ކުރި ހުކުމެއް ކަން ކަށަވަރުކުރެވޭނެ ހަމައެކަނި ގޮތަކީ ޝަރީއަތުގެ ކުރިމައްޗަށް ހުށަހެޅުނު ހެކިތަކަކީ ކޮބައިކަމާއި، އެ ހެކިތައް ވަޒަންކުރި ގޮތާއި، އެ ހުކުމަށް ފަނޑިޔާރު ވާސިލުވި ސަބަބުތައް ލިޔެ ބަޔާންކުރުމެވެ. ހުކުމަށް ފަނޑިޔާރު ވާސިލުވި ސަބަބުތައް ލިޔެ ބަޔާންކޮށްފައި އޮތުމަކީ ގާނޫނުއަސާސީ ގެ 42 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދީފައިވާ އިންސާފުވެރި ޝަރީއަތެއް ކުރެވުމުގެ ހައްގުގެ މައިގަނޑު އުންސުރެކެވެ.
[44]ހުކުމަށް ވާސިލުވި ސަބަބުތައް ބަޔާންކުރުން ފަނޑިޔާރުންގެ މައްޗަށް ލާޒިމުވާ ސަބަބަކީ، އެ މައްސަލައެއް އެކަށީގެންވާ މިންވަރަކަށް އެ ފަނޑިޔާރު ބަލައިފިކަން ކަށަވަރުކުރެވޭނެ ވަސީލަތަކީ އެއީ ކަމުގައިވާތީއެވެ.
[45]މައްސަލައިގެ ނިންމުމަށް ފަނޑިޔާރު ވާސިލުވި ސަބަބުތައް ބަޔާންކުރުމުގައި، މައްސަލައިގައި ހިމެނޭ ދައުވާގެ ކޮންމެ ބަޔަކާމެދު ދެފަރާތުން ދެއްކި ވާހަކަތަކުގެ މައިގަނޑު ނުކުތާތައް ބަޔާންކޮށް، އެ ނުކުތާތަކުގެ ތެރެއިން އެ މައްސަލައިގައި ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާތަކަކީ ކޮބައިކަން ފާހަގަކޮށް، އެ ނުކުތާތަކާބެހޭ ގޮތުން ހުރި ހެކިތަކާއި، އެ ހެކިތައް ވަޒަންކުރިގޮތާއި އެ ހެކިތަކަށް ބުރަދަން ދެވުނު ގޮތް އަދި މައްސަލަ ސާބިތުނުވިނަމަ އެ މައްސަލަ ސާބިތުނުވި ސަބަބު އެ މައްސަލައިގައި ހިމެނޭ ޚަސްމުންނަށް ސާފުކޮށް އޮޅުންފިލާނޭ ގޮތަށް ތިލަބަހުން ފަނޑިޔާރު ބަޔާންކުރަންވާނެއެވެ. ޚަސްމަކު ހުށަހެޅި ހެއްކެއް ބަލައި ނުގަތުމަށް ފަނޑިޔާރު ނިންމައިފިނަމަ އެކަމުގެ ސަބަބުތައް ސާފުކޮށް ލިޔަންވާނެއެވެ. ފައިސާގެ އަދަދެއް ދައްކަން ހުކުމްކުރާނަމަ އެ އަދަދަކަށް ވާސިލުވި ގޮތް ސަބަބާއެކު ބަޔާންކުރަންވާނެއެވެ. ހުކުމަށް ވާސިލުވި ސަބަބުތައް، ޝަރީއަތް ކުރާ ފަނޑިޔާރު ބަޔާންކޮށްފައި ނުވާނަމަ، އެ މައްސަލަ އިސްތިއުނާފުކުރަން ބޭނުންވާ ޚަސްމަށް އޭނާ ތައުނުކުރަން ބޭނުންވާ ނުކުތާތައް ފާހަގަކުރެވޭނެ ގޮތެއް ނޯންނާނެއެވެ. އެހެންކަމުން އެކަމަކީ ގާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ޚަސްމުންނަށް ކަށަވަރުކޮށްދީފައިވާ އިސްތިއުނާފުކުރުމުގެ ހައްގަށް ވެސް އުނިކަން ލިބޭނެ ކަމެކެވެ.
[46]ވީމާ، ފަނޑިޔާރު ހުކުމަށް ވާސިލުވި ސަބަބުތައް ލިޔެ ބަޔާންކޮށްފައި ނެތް ނަމަ އެ ޝަރީއަތަކީ ސައްހަ ޝަރީއަތެއް ކަމަށް ނުބެލެވޭނެއެވެ. ޣައިރު ހާޒިރުގައި ޝަރީއަތް ކުރެވޭ މަދަނީ މައްސަލަތަކުގައި ވެސް މިކަން އޮންނަންވާނީ މި މަގަށެވެ. ގަލްފް ކްރާފްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގަޒިއްޔާގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ވިދާޅުވެފައިވާ ފަދައިން މަދަނީ މައްސަލަތަކުގައި ވަކި ހާލަތްތަކެއްގައި ޣައިރު ހާޒިރުގައި ހުކުމްކުރުމަށް ހުއްދަވެފައި އޮންނަ އޮތުމަކީ، އެއްވެސް ހާލެއްގައި ކަމުގެ ހަގީގަތް ކަށަވަރުނުކޮށް ހިތަށްއެރިގޮތަކަށް ހުކުމް ކުރުމަށް ލިބިފައި އޮންނަ ފާހެއް ނޫނެވެ. ޚަސްމުންގެ މައްޗަށް އަނިޔާވެރިވެ، ހިތުހުރި ގޮތަކަށް ހުކުމްކުރުމުގެ މިނިވަންކަން ފަނޑިޔާރުންނަށް ލިބިގެންނުވެއެވެ. ޝަރީއަތްކުރުމުގައި އަނިޔާވެރިކަމުގެ މަގަށް ނިކުމެވޭނެ ހަމަ އެންމެ ދޮރެއްވެސް ހުޅުވިފައި ހުރެގެން ނުވާނެއެވެ. ހުކުމްކުރަނީ ބޭއިންސާފުގެ މަގުން ކަމުގެ ޝައްކާއި ވަހުމްތައް ނެތިކޮށްލައި އެކަމުން ދުރުވެގަންނަން އޮތް އެންމެ ރަނގަޅު ގޮތަކީ ހުކުމަށް ވާސިލުވި ސަބަބުތައް ސާފުކޮށް ލިޔެ ބަޔާންކުރުމެވެ.
[47]ސިވިލް ކޯޓުގެ ނަންބަރު 984/Cv-C/2016 ގަޒިއްޔާ ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު އެ ގަޒިއްޔާގައި ސިވިލް ކޯޓުގެ ގާޒީ ހުކުމްކޮށްފައިވަނީ، ދެފަރާތުގެ ދެމެދުގައި ސޮއިކޮށް ކޯޓު ނަންބަރު 8 ގައި 1980 ވަނަ އަހަރު ރަޖިސްޓަރީ ކޮށްފައިވާ C-8/C-16/80ބެލުން ޝަރުތުކުރުމުގެ އެއްބަސްވުމަކީ ބާތިލުވެފައިވާ އެއްބަސްވުމެއް ކަމަށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ. ނަމަވެސް ގަޒިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ އެއްވެސް ތަނެއްގައި ނުވަތަ އެ ގަޒިއްޔާގެ ހުކުމުގެ އެއްވެސް ތަނެއްގައި އަޙްމަދު އިސްމާއީލް އެއްބަސްވުމާ ޚިލާފަށް ކުރީ ކޮން ކަމެއްކަން ނުވަތަ ނުކުރީ ކޮން ކަމެއްކަން އަދި އެކަން ސާބިތުވީ ކިހިނެތްކަން ގާޒީ ބަޔާންކޮށްފައި ނެތެވެ. މި މައްސަލައިގެ ހުކުމަށް ގާޒީ ވާސިލުވި އެއްވެސް ސަބަބެއް ގަޒިއްޔާ ނިމުނުގޮތުގެ ރިޕޯޓުގައި ލިޔެފައި ނެތުމުން، މި މައްސަލައިގައި ކޮށްފައިވާ ހުކުމަކީ ގާނޫނާ އެއްގޮތަށް އިންސާފުވެރި ޝަރީއަތެއް ކުރުމަށްފަހު ކޮށްފައިވާ ހުކުމެއް ކަމަށް ބެލެވޭނެ ގޮތެއް ނެތެވެ.
[48]ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ފާޠިމަތު ވ. އާމިނަތު ޙުސައިން ގަޒިއްޔާގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ފުރަތަމަ މަރުހަލާގެ ކޯޓުގެ ހުކުމް ނުވަތަ ޓްރައިބިއުނަލުގެ ނިންމުން ބިނާވެގެންވަނީ ފާޅުކަން ބޮޑު ގޮތެއްގައި އަދުލުއިންސާފަށް ހުރަސްއެޅޭގޮތަށް ކަމަށްވާ ނަމަ އެ މައްސަލައެއް އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވެފައިވީ ނަމަވެސް، އެ މައްސަލައަކީ އިސްތިއުނާފުކުރުމުގެ ހުއްދަ ދޭންޖެހޭ މައްސަލައެކެވެ. ސުޕްރީމް ކޯޓުގެ ޝަރީއަތުގެ ކުރިމަތީގައި މިއޮތް ސިވިލް ކޯޓުގެ ނަންބަރު 984/Cv-C/2016 ގަޒިއްޔާގެ ހުކުމަށް ފަނޑިޔާރު ވާސިލުވި އެއްވެސް ސަބަބެއް ބަޔާންކޮށްފައި ނެތުމުން، މި މައްސަލައަކީ އަދުލު އިންސާފުގައިމުވެފައިވާ މައްސަލައެއް ކަމަށް ބެލެވޭނެ ގޮތެއް ނެތެވެ.
[49]ސިވިލް ކޯޓުގެ ނަންބަރު 984/Cv-C/2016 ގަޒިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް އަޙްމަދު އިސްމާއީލްގެ ފަރާތުން ހުށަހަޅާފައިވަނީ އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވީ ފަހުން ކަމަށް ވީނަމަވެސް، އަދާލަތުގެ ހަމަތައް ލާޒިމުކުރަނީ، ސިވިލް ކޯޓުގެ ނަންބަރު 984/Cv-C/2016 ގަޒިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވި އެ ކޯޓުން ގޮތެއް ކަނޑައެޅުމަށެވެ. ސަބަބަކީ ގާނޫނުއަސާސީ ގެ 42 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދީފައިވާ އިންސާފުވެރި ޝަރިއަތެއް ކުރެވުމުގެ ހައްގުން އަޙްމަދު އިސްމާއީލް މަހުރޫމުވެފައިވާ ކަން ދަށުކޯޓުން މައްސަލަ ނިންމާފައިވާ ގޮތުން ސާފުކޮށް އެނގެން އޮތުމެވެ.
[50]ޝަރީއަތުގެ ބައެއް މަރުހަލާތަކަށް ގާނޫނުން މުއްދަތުތަކެއް ކަނޑައަޅާފައިވަނީ އެންމެންގެ ހެވާއި ލާބައަށެވެ. ގާނޫނުގައި ބަޔާންކުރާ ހައްގުތައް ލިބިގަތުމުގައި، ޚާއްސަކޮށް އިސްތިއުނާފުކުރުމަށް ހުށަހެޅުން ފަދަ އިޖުރާއީ ކަންކަމުގައި ގާނޫނުގައި ބަޔާންކުރާ މުއްދަތުތަކަށް ފަރުވާބަހައްޓަން ޖެހެއެވެ. ފަރުވާ ނުބަހައްޓާ ފަރާތްތަކަށް ހިމާޔަތެއް ނުލިބެއެވެ. އިސްތިއުނާފުކުރަން އޮންނަ މުއްދަތު ފަހަނައަޅައި ހިނގައްޖެނަމަ އެ މައްސަލައެއް ކޯޓުން ބަލައެއް ނުގަންނާނެއެވެ. ގާނޫނުއަސާސީއިން ލިބިދީފައިވާ އިސްތިއުނާފުކުރުމުގެ ހައްގު ލިބިގަތުން ވަކި ހަމަތަކެއްގެ ތެރެއިން ގާނޫނަކުން ތަންޒީމުކުރެވިފައެވެ. އެގޮތުން، ކަނޑައެޅިފައިވާ އެއްކަމަކީ އިސްތިއުނާފުކުރުމުގެ ހައްގު ބޭނުންކުރުމަށް މުއްދަތެއް ކަނޑައެޅުމެވެ. އެ މުއްދަތަށް ފަހު އެ ހައްގު ގެއްލޭނެއެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި މައްސަލަ ގެއްލޭ ފަރާތަށް އިންސާފުގެ ދޮރު މުޅީން ބަންދުކުރުމުގެ ކުރީން، އޭނާގެ ވާހަކަ އަޑުއަހައި އޭނާއަށް ދިމާވެފައިވާ ހާލަތަކީ ކޮބައިތޯ ބަލައި ހުށަހެޅުން ލަސްވީ ކީއްވެގެންތޯ އަޑު އެހުމުގެ ފުރުސަތު އޭނާއަށް ދޭން ޖެހެއެވެ. މިއީ ކޮންމެހެން ލަސްވުން ގަބޫލުކުރާތީ ނުވަތަ ލަސްވި ލަސްވުން މައާފުކުރުމުގެ ބޭނުމުގައި ކުރާ ކަމެއް ނޫނެވެ. އެއީ އިންސާފުގެ ދޮރު ބަންދުކުރުމުގެ ކުރީން އަދާލަތުގެ ޒަމީރަށް އުނދަގޫކުރާ ކަމެއް އޮތްތޯ ބެލުމުގެ ގޮތުން ކުރާ ކަމަކެވެ. އަދާލަތުގެ ޒަމީރާ ފުށުއަރާ ހާލަތެއް އޮތްތޯ ބެލުމަށް ކުރާ ކަމެކެވެ. އެފަދަ ކަމެއް އޮތްނަމަ އެމަގުން އެ މީހަކަށް ފުރުސަތު ދިނުމަކީ އެންމެ މަސްލަހަތު ހުރި ގޮތެވެ. އިންސާފާ އެންމެ ގާތްކުރާ ގޮތެވެ.
[51]ސިވިލް ކޯޓުގެ ނަންބަރު 984/Cv-C/2016 ގަޒިއްޔާގެ މައުލޫގައި ހިމެނޭ މައްސަލައަކީ ސައްހަ ޝަރީއަތެއް ކުރެވިފައިވާ މައްސަލައެއް ކަމަށް ނުވާތީ، އެ މައްސަލައަކީ ހަގީގަތުގައި އަލުން ސިވިލް ކޯޓުން ބަލަންޖެހޭ މައްސަލައެކެވެ. ނަމަވެސް، މި ފަދަ މައްސަލައެއް އަލުން ބެލުމަށް ސިވިލް ކޯޓަށް ތަހުވީލުކުރުމުގެ ބާރު ކޯޓުތަކާބެހޭ ގާނޫނުގެ ދަށުން ސުޕްރީމް ކޯޓަށް ލިބިގެންނުވެއެވެ. ވީމާ، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ 18 އަދި 19 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ސިވިލް ކޯޓުގެ ނަންބަރު 984/Cv-C/2016 ގަޒިއްޔާގައި ހިމެނޭ މައްސަލަ މައުލޫއީ ގޮތުން ބަލައި، އެ މައްސަލައިގައި ގޮތެއް ކަނޑައެޅުމަށް މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަހުވީލުކުރަންޖެހެއެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
[52]ދެންފަހެ، އިސްވެ ބަޔާން ވެދިޔަ ކަންކަން އެގޮތުގެމަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/355 ގަޒިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ހުކުމަކީ ގާނޫނީ އުސޫލުތަކާ ޚިލާފަށްކޮށްފައިވާ ހުކުމެއްކަމުގައި ކަނޑައަޅައި، އެ ހުކުމް ބާތިލުކުރުމާއެކު، ގާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ 18 އަދި 19 ވަނަ މާއްދާއަށް ހަވާލާދީ ސިވިލް ކޯޓުގެ ނަންބަރު 984/Cv-C/2016 ގަޒިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައ އިސްތިއުނާފު ކުރުމުގެ ގޮތުން އެ ކޯޓުގެ ނަންބަރު 2019/HC-A/355 މައްސަލަ މައުލޫއީ ގޮތުން ބެލުމަށްޓަކައި ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ ތަހުވީލުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
މަޙާޒު ޢަލީ ޒާހިރުޙުސްނުއްސުޢޫދުމުޙައްމަދު އިބްރާހީމް(ރިޔާސަތު)
- ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ)
- ގާނޫނުއަސާސީގެ 56 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ 15 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ 42 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގެ 18 އަދި 19 ވަނަ މާއްދާ
- ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ)
- ކޯޓުތަކަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 28 ވަނަ މާއްދާގެ (ހ)
- ސުޕްރީމް ކޯޓުގެ ނަންބަރު 2015/06/SC ސަރކިއުލަރ
- ސުޕްރީމް ކޯޓުގެ ނަންބަރު 2015/05 އާއްމު ސިޓީ
- ފާޠިމަތު ވ. އާމިނަތު ޙުސައިން
- ގަލްފް ކްރާފްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އަކުއާ ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޢަބްދުﷲ ނަޞީރު މުޙައްމަދު
- ބެންޗު
- ޙުސްނުއްސުޢޫދު (ރިޔާސަތު)، މަޙާޒު ޢަލީ ޒާހިރު، ޑރ. މުޙައްމަދު އިބްރާހީމް
- ރިޔާސަތު
- ޙުސްނުއްސުޢޫދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސްނުއްސުޢޫދު · ތާއީދުކުރެއްވީ: މަޙާޒު ޢަލީ ޒާހިރު، ޑރ. މުޙައްމަދު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 16 ނޮވެމްބަރު 2020 · ރަޖިސްޓްރީކުރީ 15 ޑިސެމްބަރު 2020 · ނިމުނީ 18 މާރިޗު 2021 (3.1 މަސް)