ސައިޓޭޝަން ކޮޕީ ކުރުމަށް
2019/HC-A/206
ޕްރޮސިކިއުޓަރ ޖެނެރަލް ވ. -، 2019/HC-A/206
Prosecutor General v. - 2019/HC-A/206 (2019/HC-A/206, High Court of the Maldives, 18 April 2019)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. -
މައްސަލައިގެ ޚުލާޞާ
އިންޓެލިޖެންސް މަޢުލޫމާތު އެކަނި އޮވެ، އެއަށް ބާރުދޭނެ އިތުރު ހެއްކެއް ނެތުމުން އެކަށީގެންވާ ސަބަބެއް އޮތްކަމަށް ބުރަނުވެވޭތީ، ބަލާފާސްކުރުމުގެ އަމުރު ނުދެވޭނެކަމަށް ކްރިމިނަލް ކޯޓުން ނިންމިއެވެ.
މަސްތުވާތަކެތި އެތެރެކުރާ ފަރާތްތަކާ ގުޅިގެން މަސްތުވާތަކެތި ހޯދާކަމަށް ޝައްކުކުރެވޭ ފަރާތަކުން ހިންގާ ފިހާރައެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބުމުން، އެތަން ބަލާފާސްކުރުމުގެ އަމުރަކަށް ފުލުހުން ކްރިމިނަލް ކޯޓަށް އެދުނެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް ބުނީ، އަމުރަކީ ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ށ) ގެ މަޤްޞަދު ގެއްލޭގޮތަށް ނެރުނު އަމުރެއް ކަމަށެވެ.
މައިގަނޑު ސުވާލު
މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތު އެކަނި އޮތުމަކީ، ތަނެއް ބަލާފާސްކުރުމުގެ ކޯޓު އަމުރު ދިނުމަށް ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ށ) ގައިވާ 'އެކަށީގެންވާ ސަބަބެއް' ކަމުގައި ބެލެވިދާނެތޯ.
ނިންމި ގޮތް
ކްރިމިނަލް ކޯޓުގެ އަމުރު ބާޠިލު
މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 147 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 212(ނ) އަށް ބަލާއިރު، ތަޙްޤީޤީ މަރުޙަލާގައި ބަލަންޖެހޭނީ probable cause އޮތްތޯ ކަމާއި، ދައުލަތުގެ މުވައްސަސާއަކުން ހުށަހަޅާ އިންޓެލިޖެންސް ރިޕޯޓަކީ ބަލާފާސްކުރުމަށް އެކަށީގެންވާ ސަބަބަކަށް ފުދޭ ކަމެއްކަމަށް ހައިކޯޓުން ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޖިނާއީ ކުށެއް ކަނޑައަޅާ ޚާއްޞަ ޤާނޫނެއްގައި ވަކިކަމެއް ކުރުމުގެ ޚާއްޞަ އުޞޫލުތަކެއް ކަނޑައަޅާފައިވާނަމަ ޢަމަލުކުރަންޖެހޭނީ އެ ޚާއްޞަ ޤާނޫނުގައިވާ ގޮތަށް ކަމަށް ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 212 ވަނަ މާއްދާގެ (ނ) އިން އެނގެއެވެ.
- މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 147 ވަނަ މާއްދާއިން، އެ ޤާނޫނުގައިވާ ކުށެއް ކުރާކަމަށް ފުލުހުންނަށް ޤަބޫލުކުރެވޭނަމަ، އެހިނދަށް އެކަށީގެންވާ ހެކި ޤަރީނާ ނެތްނަމަވެސް، އެ ސަބަބުތައް ފާހަގަކޮށް ތަނެއް ބަލާފާސްކުރުމުގެ ކޯޓު އަމުރަކަށް އެދި ހުށަހެޅުމުގެ ބާރު ފުލުހުންނަށް ލިބިދެއެވެ.
- ބަލާފާސްކުރުމުގެ އަމުރަށް އެދޭ މަރުޙަލާއަކީ ތުހުމަތުކުރެވޭ / ތަޙްޤީޤުގެ މަރުޙަލާ ކަމުން، އެ މަރުޙަލާގައި ހެކި ވަޒަންކުރަންޖެހޭނީ ޝައްކެއްނެތް މިންވަރަށް ނުވަތަ މަދަނީ މިންގަނޑަށް ނޫނެވެ. ފަނޑިޔާރު ބަލަންޖެހޭ މިންގަނޑަކީ 'އެކަށީގެންވާ ސަބަބެއް' (probable cause) އޮތްތޯ ކަމެވެ. އެއީ ފުލުހުން ހުށަހަޅާ ސަބަބުތައް ބުއްދި ސަލާމަތުން ހުރި އިންސާނަކަށް އަޑުއިވުމުން ދޮގަށްވުރެ ތެދަށް ބޮޑަށް ޤަބޫލުކުރެވޭ މިންވަރެވެ.
- ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަކީ އޭގެ ޒާތުގައި ބަލައި ނުގަނެވޭނެ އެއްޗެއް ނޫނެވެ. އޭގެ ބުރަދަން ކަނޑައަޅަންވާނީ ޚަބަރު ގެނެސްދިން ފަރާތުގެ ޙައިޞިއްޔަތާއި ޚަބަރު ގެނެސްދޭ މަރުޙަލާއަށް ރިޢާޔަތްކޮށްގެންނެވެ. ޢާންމު ފަރުދަކު ގެނެސްދޭ ޚަބަރަށްވުރެ ދައުލަތުގެ މުވައްސަސާއަކުން ގެނެސްދޭ ޚަބަރުގެ ބުރަދަން އިތުރުވެއެވެ.
- ކުށް ސާބިތުކުރުމުގައި ހެއްކެއްގެ ގޮތުގައި ބަލައިނުގަނެވުނަސް، މަސްތުވާތަކެތީގެ މައްސަލަތަކުގައި ފުލުހުން ހުށަހަޅާ އިންޓެލިޖެންސް ރިޕޯޓަކީ ހެކި ހޯދުމަށް ތަނެއް ބަލާފާސްކުރުމަށް އެކަށީގެންވާ ސަބަބެއް އޮތްކަމަށް ފުދޭ ކަމެކެވެ. އިންޓެލިޖެންސް މަޢުލޫމާތު އެކަނި ކަމުގެ ސަބަބުން އަމުރު ނުދިނުމަކީ ޚަބަރަށް ބުރަދަން ދިނުމުގައި ރިޢާޔަތްކުރަންޖެހޭ ކަންކަމަށް ރިޢާޔަތް ނުކުރުމެވެ.
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއާތުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއާތުގެ ޤާނޫނު) ގެ 212 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 147 ވަނަ މާއްދާ
- ބެންޗު
- ޝުޖާޢު ޢުޘްމާން، މުޙައްމަދު ނިޔާޒް، ޢަބްދުﷲ ޙަމީދު
- ޚިލާފު ރައުޔު
- ނެތް