ސައިޓޭޝަން ކޮޕީ ކުރުމަށް
2018/HC-S-A/06
ޕްރޮސިކިއުޓަރ ޖެނެރަލް ވ. -، 2018/HC-S-A/06
Prosecutor General v. - 2018/HC-S-A/06 (2018/HC-S-A/06, High Court of the Maldives, 6 August 2018)
ޕްރޮސިކިއުޓަރ ޖެނެރަލް ވ. -
މައްސަލައިގެ ޚުލާޞާ
ހުށަހެޅުނު ހެކިތަކަށް ބަލާއިރު ދަޢުވާއަކީ ކުރެވޭނެ ދަޢުވާއެއްކަމަށް މަދަނީ މިންގަނޑުން ޤަބޫލުނުކުރެވޭތީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 107 އާއި 115(ހ) ގެ ދަށުން މައްސަލަ ބަލައިނުގަނެ ދަޢުވާ ބާޠިލުކޮށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ނިންމި.
ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ތުހުމަތުގައި ދައުލަތުން ކުރި ދަޢުވާއަށް، އިބްތިދާއީ އަޑުއެހުމުގައި ތުހުމަތުކުރެވޭ ފަރާތް އިންކާރުކުރި. ދައުލަތުން 8 ޝަފަހީ ހެއްކާއި 4 ޤަރީނާ ހުށަހަޅާފައިވެއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް ބުނީ ނިންމުމަކީ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާގެ (ހ) އާ ޚިލާފު ނިންމުމެއް ކަމަށެވެ.
މައިގަނޑު ސުވާލު
ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ދަޢުވާއަށް ތުހުމަތުކުރެވޭ ފަރާތް އިންކާރުކުރުމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާގެ (ހ) ގެ ދަށުން މަދަނީ މިންގަނޑުން ދަޢުވާ ބާޠިލުކުރުމުގައި ދަށު ކޯޓުން ހެކި ވަޒަންކުރީ ޤާނޫނާ އެއްގޮތަށްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ނިންމުން ބާޠިލު؛ މައުޟޫޢަށް ބަލައި ފައިޞަލާކުރުމަށް މައްސަލަ އަލުން ބެލުމަށް ފޮނުވި
115(ހ) ގެ ދަށުން ބަލަންޖެހޭނީ ތުހުމަތު ކުރެވޭވަރުގެ އެކަށީގެންވާ ހެކި ހުށަހަޅާފައިވޭތޯ ކަމަށާއި، ދަޢުވާ ސާބިތުވޭތޯ ބަލަން ނުޖެހޭ ކަމަށާއި، ދަޢުވާގެ ބާވަތާއި ހުށަހެޅުނު ހެކި ޤަރީނާއަށް ބަލާއިރު ތުހުމަތުކުރުމަށް އެކަށީގެންވާ ހެކި ހުރިކަމަށް ފެންނާތީ، ނިންމުން ބާޠިލުކޮށް ކޯޓުތަކުގެ ޤާނޫނުގެ 46(ށ) ގެ ދަށުން މައްސަލަ މެޖިސްޓްރޭޓް ކޯޓަށް ތަޙްވީލުކުރި.
ކަނޑައެޅުނު އުޞޫލުތައް
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 107 ވަނަ މާއްދާއަށް ބަލާއިރު، ކުށުގެ ތުހުމަތު ކުރެވިފައިވާ މީހާގެ މައްޗަށް ކުރެވިފައިވާ ދަޢުވާއަށް އޭނާ ޖަވާބުދާރީވާ ގޮތް ބެލުމަށްޓަކައި ބާއްވާ އިބްތިދާއީ އަޑުއެހުމުގައި، ކުށަށް އިޢުތިރާފުވުމާއި ކުށަށް އިންކާރުކުރުމުގެ ދެގޮތުން ކުރެ ގޮތަކަށް ދަޢުވާއަށް ޖަވާބުދާރީވާންވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.3)
- 115 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މަދަނީ މިންގަނޑުން ދަޢުވާ ކުރިއަށް ގެންދެވޭނެތޯ ކަނޑައެޅުމުގައި، ހުށަހެޅިފައިވާ ދަޢުވާއާއި އެ ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ އެންމެހައި ހެކިތަކަށް ރިޢާޔަތްކުރަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.3)
- ހުށަހެޅިފައިވާ ދަޢުވާއަށާއި، އެ ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ އެންމެހައި ހެއްކަށް ރިޢާޔަތްކޮށް، ދަޢުވާލިބޭ ފަރާތުގެ މައްޗަށް އެކަމުގައި ތުހުމަތު ކުރެވޭނެ އެކަށީގެންވާ ސަބަބުތަކެއް ނެތްކަމަށް މަދަނީ މިންގަނޑުން ފަނޑިޔާރަށް ބުރަވެވޭ ހާލަތުގައި، އެ ދަޢުވާއިގެން ކުރިއަށް ދެވޭނެ ތަނެއް ނެތްކަމަށް ކަނޑައެޅިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.3)
- މިފަދައިން ބަލާބެލުމުގައި، އެކަމުގައި ތުހުމަތެއް ކުރެވޭވަރުގެ އެކަށީގެންވާ ވަރުގެ ހެކި ހުށަހަޅާފައިވޭތޯ ބަލައި އެ ހެކިތަކުގެ މައްޗަށް ރިޢާޔަތްކުރަންވާނެއެވެ. އެ ދަޢުވާއަކީ ކުރިއަށް ގެންދެވިދާނެ ދަޢުވާއެއްތޯ ނުވަތަ ނޫންތޯ ނިންމުމުގައި، ހުށަހެޅިފައިވާ ހެކިތަކުން އެ ދަޢުވާ ސާބިތުވޭތޯ ނުވަތަ ނޫންތޯ ބަލަން ނުޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.3)
- މައްސަލައިގެ ބާވަތަށާއި، މިފަދަ މައްސަލަތައް ސާބިތުކުރުމަށް ކަމާބެހޭ ޤާނޫނުގައި ކަނޑައެޅި ބަޔާންކުރެވިފައިވާ ހެކިތަކާއި ޤަރީނާތަކުގެ ބާވަތާއި މިންވަރުގެ މައްޗަށް ނަޒަރުކޮށް، ހުށަހެޅުނު ހެކިތަކުގެ މައްޗަށް ރިޢާޔަތްކުރާއިރު، ދަޢުވާލިބޭ ފަރާތުގެ މައްޗަށް އެ ދަޢުވާ ކުރެވެން އޮތްކަން މަދަނީ މިންގަނޑުން ބަލާއިރު ޤަބޫލުކުރެވޭނަމަ، އެ މައްސަލަ ބަލައިގަނެ ކުރިއަށް ގެންދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ނިންމާފައިވާ ނިންމުމަށް ބަދަލުގެންނަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.3)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 107 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 115 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއި މެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އާއި (ނ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާ (ނުކުތާގައި ހަވާލާދީފައި)
- ބެންޗު
- ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޝުޖާޢު ޢުޘްމާން
- ޚިލާފު ރައުޔު
- ނެތް