ސައިޓޭޝަން ކޮޕީ ކުރުމަށް
[2024] SC 36
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ނަން ފޮރުވާފައި، [2024] SC 36 (2023/SC-A/04)
Prosecutor General's Office v. Name withheld [2024] SC 36 (2023/SC-A/04, Supreme Court of the Maldives, 14 July 2024)
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ނަން ފޮރުވާފައި
މައްސަލައިގެ ޚުލާޞާ
ޖުވެނައިލް ކޯޓުން ނިންމީ ސައިކަލުގައި އިނީ އެ ކުއްޖާކަން ޝަފަހީ ހެކިބަހުން ޔަޤީން ނުވާތީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގެ މިންގަނޑުން ދަޢުވާ ސާބިތުނުވާ ކަމަށެވެ. ހައިކޯޓުން އެ ނިންމުމަށް ތާއީދުކޮށް، ހަމައެކަނި ޤަރީނާއަކުން ޖިނާއީ މައްސަލައެއް ސާބިތު ނުވާނެ ކަމަށް ބުނެ، ފޮޓޯ ސެޓަކީ ވަކި ހެއްކެއްގެ ގޮތުގައި ބަލައިނުގަނެވޭނެ އެއްޗެއް ކަމަށް ނިންމިއެވެ.
ތޫނު އެއްޗަކުން ހަމަލާދިން ކުއްޖަކު ސައިކަލުގެ ފަހަތަށް އަރުވައިގެން ހާދިސާ ހިނގި ސަރަހައްދު ދޫކޮށް ދިޔަ ކަމަށް ބުނެ، ޤާނޫނު ނަންބަރު 2010/17 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 08 ވަނަ މާއްދާގެ (ރ) ގެ ދަށުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ދަޢުވާ ކުޑަކުއްޖެއްގެ މައްޗަށް ޖުވެނައިލް ކޯޓުގައި އުފުލިއެވެ. ދައުލަތުން ހުށަހެޅީ ސިއްރު ޝަފަހީ ހެއްކަކާއި، ފޮޓޯ ސެޓަކުން ކުރި ފާހަގަކުރުމާއި، ސީސީޓީވީ ފުޓޭޖާއި ވީޑިއޯ އެނަލިސިސް ރިޕޯޓެވެ.
ދައުލަތުން ބުނީ ދަށު ކޯޓުތަކުން ހެކިތަކަށް އެކަށީގެންވާ ބުރަދަނެއް ނުދީ، ހެކިތަކުގެ ޖުމުލަ ނަތީޖާއަށް ނުބަލާ ކަމަށާއި، ޖުމުލަ ގޮތެއްގައި ބަލާއިރު ކުށް ސާބިތުވާ ކަމަށެވެ. ކުއްޖާގެ ފަރާތުން ބުނީ ޝަފަހީ ހެކިވެރިޔާއަށް ކަނޑައެޅިގެން ކުއްޖާ ފާހަގަނުކުރެވޭތީ، ޤަރީނާތައް ގުޅުވައިގެން ނަތީޖާއެއް ނުނެރެވޭނެ ކަމަށެވެ.
މައިގަނޑު ސުވާލު
ޝަފަހީ އެންމެ ހެއްކެއްގެ ހެކިބަހާއި އޭގެ ބާރުދޭ ޤަރީނާތަކުގެ ޖުމުލަ ނަތީޖާއިން އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވޭތޯއާއި، ހެކި ވަޒަންކުރުމުގައި ދަށު ކޯޓުތަކަށް ކުށްހެދިފައިވާތީ ސުޕްރީމް ކޯޓަށް އަލުން ހެކި ވަޒަންކުރެވޭތޯ.
ނިންމި ގޮތް
ދަށު ކޯޓުތަކުގެ ޙުކުމް ބާޠިލު؛ ކުށް ސާބިތު؛ އަދަބަށް ތަޙުވީލު
ހައިކޯޓުން ބައެއް ހެކިތަކާމެދު ގޮތެއް ނުނިންމާތީއާއި، ހެކިތަކުން ނެރެފައިވާ ދޭހަ ރަނގަޅު ނޫންތީ، 2018/SC-A/49 ގައިވާ ހާލަތްތަކުގެ ދަށުން ސުޕްރީމް ކޯޓުން އަލުން ހެކި ވަޒަންކުރިއެވެ. ސިއްރު ހެކިވެރިޔާ ކުއްޖާ ފާހަގަކުރުމުގައި ޝައްކެއް ނެތް ކަމާއި، ފޮޓޯ ސެޓާއި ސީސީޓީވީ ފުޓޭޖާއި އެނަލިސިސް ރިޕޯޓުން އެތެރެފުށާއި ބޭރުފުށުގެ ހެކި އެއްގޮތް ވާތީ، ހެކިތަކުގެ ޖުމުލަ ނަތީޖާއިން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅިއެވެ. ދަށު ކޯޓުތަކުގެ ޙުކުމް ބާޠިލުކޮށް، އަދަބު ކަނޑައެޅުމަށް މައްސަލަ ޖުވެނައިލް ކޯޓަށް ތަޙުވީލުކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ދަށު މަރުޙަލާގެ ކޯޓަކަށް ނުވަތަ ޓްރައިބިއުނަލަކަށް ހުށަހެޅުނު ހެކިތައް އެ މަރުޙަލާގައި ވަޒަންކޮށްފައިވަނީ ރަނގަޅަށް ކަން ނުވަތަ ނޫންކަން އިސްތިއުނާފީ ކޯޓުތަކުން ބެލޭނެ ހާލަތްތައް ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާނު މައްސަލައިގައި ކަނޑައަޅާފައިވެއެވެ. އިސްތިއުނާފީ މަރުޙަލާއިން ހެކި އަލުން ވަޒަން ކުރުމުގައި މި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވެފައި އޮތުން ފުދެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19)
- ޖިނާއީ ކުށެއް ސާބިތުވާންޖެހޭ މިންގަނޑަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންވެފައިވާ "އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތް" މިންގަނޑެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22)
- އެކަށީގެންވާ މިންވަރެއްގެ ޝައްކަކަށް، ޝައްކު ވުމަށްޓަކައި، ދެ އުންސުރެއް އެ ޝައްކުގައި އެކުއެކީގައި ފުރިހަމަ ވާންޖެހެއެވެ. ފުރަތަމަ ޢުންޞުރަކީ ބުއްދީގެ ހަމަތަކުން އެ ޝައްކު އޮތްކަމަށް ބާރުދިނުމެވެ. ދެވަނަ ޢުންޞުރަކީ އެ ޝައްކު ހެއްކާ ގުޅިފައިވުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 27)
- އެކަށީގެންވާ މިންވަރުގެ ޝައްކަކީ އަބަދުވެސް ބުއްދީގެ ހަމަތަކުން ޤަބޫލު ކުރެވޭ، މައްސަލައިގެ ހެއްކާ ގުޅިފައިވާ ޝައްކަކަށްވުމުން، އެ ފަދަ ޝައްކެއް މައްސަލަ ބަލާ ފަނޑިޔާރަށް ފާހަގަ ކުރެވޭ ހާލަތުގައި އެ ޝައްކު އުފެދިފައިވަނީ، ކޮން ހެއްކަކާ ގުޅިގެން ކިހިނަކުންކަން ބުނެދެވެން ވާނެއެވެ. ބުއްދީގެ ހަމަތަކުން ސަބަބުތައް ބަޔާންކުރެވެން ވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 30)
- އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތް މިންގަނޑުން ކުށެއް ސާބިތުވުމާ ހަމައަށް ދިއުމަށްޓަކައި ކުށުގެ ރުކުންތަކާއި، އެ ރުކުންތަކާ ގުޅޭ ވާޤިޢާތައް ޝަރީޢަތަށް ސާބިތު ވާންޖެހެއެވެ. ކުށުގެ ރުކުންތައް ސާބިތުވާންޖެހޭ މިންގަނޑަކީ އެކަށީގެންވާ ޝައްކެއް ނެތް މިންވަރެވެ. އަދި ކުށުގެ ވާޤިޢާތަށް ސާބިތުވާންޖެހޭ މިންގަނޑަކީ، އެކަށީގެންވާ މިންވަރަށް ޝަރީޢަތަށް ޤަބޫލު ކުރެވޭ މިންވަރު ނުވަތަ (Reasonable satisfaction) އެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 31)
- އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި ޖިނާއީ ކުށެއް ސާބިތުވުމަށްޓަކައި ހެކީގެ ވަކި ޢަދަދެއް ހަމަވާންޖެހޭނެ ކަމުގައި، ނުވަތަ ވަކި ބާވަތެއްގެ ހެކި ހުރުން ލާޒިމުކޮށްފައިނުވާ ކޮންމެ ޖިނާއީ ކުށެއް، އެ ކުށް ސާބިތުކުރުމަށްޓަކައި ހުށަހަޅާފައިވާ ހެކިތަކުގެ ޖުމުލަ ނަތީޖާއިން އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތް މިންވަރަށް ތުހުމަތު ކުރެވޭ މީހާ އެ ކުށް ކޮށްފިކަމުގައި ބެލެވޭނަމަ، އެ ކުށް ސާބިތުވާ ކަމުގައި ނިންމިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 33)
- ހަމައެކަނި ޤަރީނާއިން ޖިނާއީ މައްސަލައެއް ސާބިތުނުވާނެ ކަމުގައި ބަޔާންކޮށްފައިވާއިރު، އެއީ ޝަރުޢީ ގޮތުންނާއި ޤާނޫނީ ގޮތުން އެއްވެސް އަސާސެއް އޮތް ވާހަކައެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 72)
- ހެކިތަކުން ނުކުންނަ ޖުމުލަ ނަތީޖާ، ނުވަތަ ދޭހަވާ ޖުމުލަ ދޭހަވުމަށް ފަނޑިޔާރު ބުރަދަނެއް ދިނުމުގައި، އެއް ހެކި އަނެއް ހެއްކަށް ބުރަދަންދޭ ނަމަ، ނުވަތަ އެ ބުރަދަން ދަށްކޮށްދޭ ނަމަ، އެކަން ބަޔާން ކުރަންވާނެއެވެ. އެއީ މުސްތަގިއްލު ހެކިތަކެއް ކަމުގައިވި ނަމަވެސް، ނުވަތަ ވަކިވަކި ހެކިތަކެއް ކަމުގައިވީ ނަމަވެސް، އެއިން ކޮންމެ ހެއްކަކާމެދު ފަނޑިޔާރު ދެކޭ ގޮތް ބަޔާންކުރުން ލާޒިމުވާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 34، 72)
- އެތެރެފުށުގެ ހެއްކާއި ބޭރުފުށުގެ ހެކި އެއްގޮތްކަން ބެލުމަކީ ހަމައެކަނި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކަށް ޚާއްޞަ ހެކީގެ އުސޫލެއް ނޫނެވެ. މި އުސޫލަކީ ޝަފަހީ އެންމެ ހެއްކެއްގެ ހެކިބަހުގެ މައްޗަށް ބުރަވެ މައްސަލަ ނިންމުމުގައި އެ ހެކިވެރިޔާގެ ހެކިބަހުގެ އެތެރެފުށާއި ބޭރުފުށުގެ އެއްގޮތްކަން ދެނެގަތުމަށް ބޭނުންކުރާ އުސޫލެއް ވެސް މެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 36)
- ޝަރީޢަތުގައި ހެއްކަކު ދީފައިވާ ހެކިބަސް ވަޒަން ކުރުމުގައި އެ ހެއްކެއްގެ ހެކިބަހުން ސާބިތު ކުރުމަށް ހެކި ހުށަހެޅި ފަރާތުން ބޭނުންވި ކަންކަން ހާސިލުވެފައިވޭތޯ ބެލުމުގައި ޝަރީޢަތަށް ހެކިވެރިޔާ ދީފައިވާ މުޅި ހެކިބަހަށް ބަލަންޖެހޭނެ ކަމުގައި ދެކެމެވެ. ސުވާލުތަކަށް ޖަވާބުދީފައިވާ ގޮތާއި، އެ ޖަވާބުދީފައިވާ ސުވާލުތައް އެތުރިފައިހުރި ނެތް ގޮސްވެސް ބެލުން މުހިންމު ކަމުގައި ދެކެމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 47)
- ސިއްރު ހެކިވެރިޔާ އެއް ހާދިސާއެއްގެ މައްޗަށް ދެ މަޙައްލެއްގައި (ތަޙްޤީޤުގައްޔާއި ޝަރީޢަތުގައި) އެއްގޮތަކަށް އިސްތިއުނާފު ރައްދުވާ ކުއްޖާ ފާހަގަކޮށްދީފައިވާ ފާހަކަ ކޮށްދިނުމަކީ އެކަމަށް ޝަރީޢަތުން ބުރަދަނެއް ދޭންޖެހޭނެ ކަމެއް ކަމުގައި ދެކެމެވެ. އެހެނީ އެއީ ދެ ޤަރީނާއެކެވެ. އެ ދެ ޤަރީނާއިން ކުރެވޭ ދޭހަ ތަފާތުވި ނަމަ، ނުވަތަ އެ ދޭހަތަކުގައި ފުށުއެރުންތަކެއް ހުރި ނަމަ، ނުވަތަ ދެ މަޙައްލުގައި ދެ ގޮތަކަށް ހެކިވެރިޔާ އެއްކަމަކާ ގުޅިގެން ކަންތައްތަކެއް ފާހަގަކުރި ނަމަ އެއަށް ލިބޭ ބުރަދަން ދަށްވެގެން ދިއުމުގެ ފުރުސަތު އޮންނާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 60)
- ޤާނޫނު ނަންބަރު 2010/17 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 08 ވަނަ މާއްދާގެ (ނ) އާއި (ރ)
- ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
- ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 05 ވަނަ މާއްދާގެ (ށ) ގެ 01 ވަނަ ނަންބަރު
- ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)
- ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 15 ވަނަ މާއްދާގެ (ށ) ގެ 02 ނަންބަރު
- 2018/SC-A/49 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާނު)
- 2011/SC-A/34 (އާމިނަތު ޞައްފަތު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- 2018/SC-A/51 (ޢިމްރާން ޢަބްދުﷲ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- 2014/SC-A/19 (ޝަރުމީލާ ޝަރީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- 2020/SC-A/72 (ޢަބްދުﷲ ނަޡީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް [2023] SC 24)
- 2019/SC-A/77 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު)
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ނަޞީރު
- [2022] SC 18 (މުޙައްމަދު ނަޖާޙު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- [2021] SC 30 (އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން)
- [2024] SC 35 (އއރ ވ. ޕްރޮސިކިއުޓަރ ޖެނެރަލް)
- 2012/SC-A/01 (ޢަބްދުﷲ ޙުސައިން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- Jagatheesan s/o Krishnasamy v Public Prosecutor [2006] SGHC 129
- Public Prosecutor v GCK [2020] SGCA 2
- ބެންޗު
- މަޙާޒު ޢަލީ ޒާހިރު (ރިޔާސަތު)، ޑރ. އަޒްމިރާލްދާ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު
- ރިޔާސަތު
- މަޙާޒު ޢަލީ ޒާހިރު
- ރައުޔު ލިޔުނު ފަނޑިޔާރު
- މަޙާޒު ޢަލީ ޒާހިރު · ތާއީދުކުރެއްވީ: ޑރ. އަޒްމިރާލްދާ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 2 ޖަނަވަރީ 2023 · ރަޖިސްޓްރީކުރީ 19 ޖަނަވަރީ 2023 · ނިމުނީ 14 ޖުލައި 2024 (17.8 މަސް)