ސައިޓޭޝަން ކޮޕީ ކުރުމަށް
[2024] SC 54
އަޙްމަދު އިބްރާހީމް ވ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، [2024] SC 54 (2024/SC-A/27)
Ahmed Ibrahim v. Maldives Airports Company Limited [2024] SC 54 (2024/SC-A/27, Supreme Court of the Maldives, 30 October 2024)
އަޙްމަދު އިބްރާހީމް ވ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މައްސަލައިގެ ޚުލާޞާ
ވަޒީފާއާބެހޭ ޓްރައިބިއުނަލުން (63/VTR/2020) ވަކިކުރުމުގައި މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ގާއިމުވެފައިވާތީ ދަޢުވާ ބާޠިލުކުރިއެވެ. ހައިކޯޓުން ޓްރައިބިއުނަލުގެ ނިންމުމަށް ތާއީދުކޮށް، އަސްފާޤު ވަޙީދު އާއި ވާޞިފް ޤަޟިއްޔާތަކުގެ ވާޤިޢާ ތަފާތު ކަމަށް ކަނޑައެޅިއެވެ.
އެމްއޭސީއެލްގެ ސީނިއަރ ސުޕަވައިޒަރެއް ކަމަށްވާ އަޙްމަދު އިބްރާހީމްއާ ޑިއުޓީ ފްރީ ފިހާރައަށް ގެންދަން ހަވާލުކުރި 5 ސެންޓުފުޅި ގެއްލުނު ހާދިސާއެއް ތަޙުޤީޤުކޮށް، އެތަކެތި އޭނާ ގެއަށް ގެންދިޔަކަން ސާބިތުވާ ކަމަށާއި އެއީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ފައިދާ ނެގުން ކަމަށް ބުނެ 09 މާރިޗު 2020 ގައި ނޯޓިސް ނުދީ ވަޒީފާއިން ވަކިކުރިއެވެ.
އިސްތިއުނާފުކުރާ ފަރާތުން ބުނީ ވީޑިއޯ ފުޓޭޖް ޓްރައިބިއުނަލަށް ހުށަނާޅާ ކަމަށާއި، އިވުނު ކަމަށް ބުނާ ދެ ހެކިވެރިންގެ ބަހުން ގެއަށް ގެންދިޔަކަން ސާބިތުނުވާ ކަމަށާއި، ހެކިވެރިންގެ ޢަދުލުވެރިކަން ގެއްލިފައިވާ ކަމަށާއި، ސުޕްރީމް ކޯޓުގެ ކުރީގެ އުސޫލު ތަޠްބީޤު ނުކުރީ ޤާނޫނުއަސާސީގެ 143 (ރ) އާ ޚިލާފަށް ކަމަށެވެ. އެމްއޭސީއެލްއިން ބުނީ ވަކިކުރީ މަޤާމުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރުމުން ކަމަށާއި، ފިހާރައަށް ގެންދަން ނެގި ތަކެތި ފިހާރައަށް ނުގެންދިޔަކަން ހެކިން ސާބިތުވާ ކަމަށެވެ.
މައިގަނޑު ސުވާލު
ވީޑިއޯ ފުޓޭޖާއި ޝަފަހީ ހެކިބަހުގެ މައްޗަށް ބިނާކޮށް، ސެންޓުފުޅި ގެއަށް ގެންދިޔަކަން މަދަނީ މިންގަނޑުން ސާބިތުވާކަމަށް ޓްރައިބިއުނަލާއި ހައިކޯޓުން ކަނޑައެޅުމުގައި ހެކި ވަޒަންކުރުމުގައި ގޯހެއް ހަދާފައިވޭތޯ އަދި ސުޕްރީމް ކޯޓުން ހެކި އަލުން ވަޒަންކުރަންޖެހޭތޯ؛ އަދި އަސްފާޤު ވަޙީދު އާއި އަޙްމަދު ވާޞިފް ޤަޟިއްޔާތަކުގެ އުސޫލު ތަޠްބީޤު ނުކޮށް ނޯޓިސް ނުދީ ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ގާއިމުވިކަމަށް ކަނޑައެޅުން ރަނގަޅުތޯ.
ނިންމި ގޮތް
ހައިކޯޓުގެ ޙުކުމް ޤާއިމް
ޖާބިރު ޢަބްދުއްރަޙްމާން ގައިވާ އިސްތިސްނާ ހާލަތެއް ނެތުމުން ސުޕްރީމް ކޯޓުން ހެކި އަލުން ވަޒަން ނުކުރެއެވެ. ހެކިވެރިންގެ ޢަދުލުވެރިކަން ގެއްލޭ ސަބަބެއް ނެތެވެ؛ ވީޑިއޯގައި ފެންނަ ކަންކަމަށް މުވައްޒަފު އިންކާރު ނުކުރާއިރު ޝަފަހީ ހެކިބަހުން ތަޙުޤީޤު ރިޕޯޓަށް ބާރުލިބޭތީ ބޮޑަށް ބުރަވެވެނީ ތަޙުޤީޤުގެ ދޭހައެވެ. އިތުބާރާމެދު ސުވާލު އުފެދޭ ޢަމަލަކަށްވާތީ ނޯޓިސް ނުދީ ވަކިކުރުން ޤާނޫނާ ޚިލާފެއް ނޫނެވެ.
ކަނޑައެޅުނު އުޞޫލުތައް
- މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ އެކަށީގެންވާ ސަބަބެއް އޮވެގެން ކަމުން، ވަކިކުރުމާ ގުޅޭ ޝަކުވާއެއް ނުވަތަ ދަޢުވާއެއްގައި ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެވެ؛ ނޯޓިސް ނުދީ ވަކިކުރުމުގައި ވަޒީފާދޭ ފަރާތުން ތަޠްބީޤުކުރި ހަމައަކީ އަދުލުވެރި ހަމައެއްކަން ކަށަވަރުކުރުމަށް މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ގާއިމުކުރުން ލާޒިމުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20–23)
- ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިސް ނުދީ ވަކިކުރެވޭނީ ފާޅުކަންބޮޑު ޣައިރުސުލޫކީ ޢަމަލެއް (gross misconduct) ނުވަތަ ޚިޔާނާތެއް ވެފައިވާ ހާލަތުގައެވެ؛ ކޮންމެ ޣައިރުސުލޫކީ ޢަމަލަކުން އެ ހުއްދަ ނުލިބެއެވެ. އެއީ ވަޒީފާގެ އެއްބަސްވުމުގެ ޖައުހަރީ ޝަރުޠަކާ ޚިލާފުވުން، ދެފަރާތުގެ ދެމެދުގެ އިތުބާރާއި އަމާނާތްތެރިކަން ގެއްލުން، ނުވަތަ ވަޒީފާގެ އިލްތިޒާމުތަކާ އަސާސީގޮތުން ޚިލާފުވުން ފަދަ ގުޅުން ކެނޑޭ މިންވަރުގެ ޢަމަލެކެވެ؛ ސީރިއަސްކަން ކަނޑައަޅަނީ ވިޔަފާރީގެ ބާވަތާއި މުވައްޒަފުގެ މަޤާމާއި އަމާނާތްތެރިކަމުގެ ޒިންމާއަށް ބަލައިގެންނެވެ (އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24–26)
- ހެކި ވަޒަންކުރާނީ ފުރަތަމަ މަރުޙަލާގައި ޝަރީޢަތްކުރާ ކޯޓު ނުވަތަ ޓްރައިބިއުނަލުންނެވެ. އިސްތިއުނާފީ ކޯޓަކުން ހެކި އަލުން ވަޒަންކުރެވޭނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ވ. ޖާބިރު ޢަބްދުއްރަޙްމާން ގައިވާ އިސްތިސްނާ ހާލަތްތަކުގައެވެ: (ހ) މައިގަނޑު ކަމަކާމެދު ގޮތެއް ކަނޑައަޅާފައި ނެތުން، (ށ) ހެކި ވަޒަންކޮށްފައިވަނީ ބުއްދީގެ ހަމަތަކާ ޚިލާފަށް ކަމުގައިވުން، (ނ) ހުރިހާ ހެއްކަށް ޝާމިލުކޮށް ބަލާއިރު ނެރެފައިވާ ދޭހަ ރަނގަޅު ނޫން ކަމަށް ފެނުން، (ރ) ސާބިތުވި ވާޤިޢާތަކަށް ނުބައި ޤާނޫނީ އުސޫލު ތަޠްބީޤުކުރުން. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 32، 33)
- ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލުން ހެކި ވަޒަންކޮށްފައިވަނީ ފަނޑިޔާރުންގެ ޤާނޫނުގެ 5 (ށ) (1) އާއި ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއާ ޚިލާފަށް ކަމަށް އިސްތިއުނާފު ފޯމުގައި ހަމައެކަނި ބުނުމަކީ ހެކި އަލުން ވަޒަންކުރަންޖެހޭ ސަބަބެއް ނޫނެވެ؛ އިސްތިސްނާ ހާލަތެއް ވުޖޫދުވެއްޖެކަން އިސްތިއުނާފީ ކޯޓަށް ޤަނާޢަތްވާ މިންވަރަށް އިސްތިއުނާފުކުރާ ފަރާތުން ވިސްނައިދޭންޖެހެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 33)
- ހެކިތަކަށް ދޭ ބުރަދަން ކަނޑައެޅުމަކީ އާންމުކޮށް ދަށު މަރުޙަލާގައި މައްސަލަބަލާ ފަރާތުގެ އިޚްތިޔާރެއް ނަމަވެސް، ހެކިތަކުން ނެރޭ ދޭހަތަކާމެދު ގޮތް ކަނޑައެޅުމުގެ އިޚްތިޔާރު އިސްތިއުނާފީ ކޯޓަށްވެސް ލިބިގެންވެއެވެ. އަދި ފުރަތަމަ މަރުޙަލާގައި ބަލައިގަތް ކޮންމެ ހެއްކަކަށް ދިން ބުރަދަނާއި އޭގެން ކުރެވުނު ދޭހަ ޙުކުމުގައި ނުވަތަ ނިންމުމުގައި ބަޔާންކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 35، 36)
- ޓްރައިބިއުނަލުން ތުހުމަތުކުރެވުނު ޣައިރުސުލޫކީ ޢަމަލު ހިނގިތޯ ކަނޑައަޅަންޖެހެނީ ހެކިބަހުގެ ބޮޑަށް ބުރަވެވޭ މިންގަނޑުން (ޖާބިރު ޢަބްދުއްރަޙްމާން)؛ ކަމެއް ނުވުމަށްވުރެ ވެފައިވާކަމަށް ބޮޑަށް ބެލެވޭނަމަ ސާބިތުކުރުމުގެ ޒިންމާ އަދާވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 38)
- ހެކިވެރިއެއްގެ ބަހުގައި މައިގަނޑު ވާޤިޢާއާ ނުގުޅޭ ކަމެއްގައި ފުށުއެރުމެއް ހުރުމަކުން، ނުވަތަ ހެކިވެރިޔާއަކީ ކުރިން މުވައްޒަފުގެ ފެންވަރު ވަޒަންކޮށް މާކްސް ދިން ސުޕަވައިޒަރަކަށް ވުމަކުން، ހެކިވެރިޔާގެ ޢަދުލުވެރިކަން ގެއްލުމެއް ނުވަތަ ތަޢައްޞުބެއް ސާބިތެއް ނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 41)
- ވީޑިއޯ ފުޓޭޖް ޓްރައިބިއުނަލަށް ހުށަނާޅާ ނަމަވެސް، އޭގައި ފެންނަ ކަންކަން މުވައްޒަފަށް އެނގޭކަން އޭނާގެ ބަޔާނުން އެނގި، އެކަންކަމަށް އޭނާ ތަޢުނުނުކޮށް، ޝަފަހީ ހެކިބަހުން ތަޙުޤީޤު ކޮމިޓީގެ ދޭހައަށް ބާރުލިބޭނަމަ، އެ ހެކިތަކުގެ މައްޗަށް ކުރި ނިންމުމަކީ ބުއްދީގެ ހަމަތަކާ ޚިލާފު ނިންމުމެއް ނޫނެވެ؛ އަސްފާޤު ވަޙީދު އާއި އަޙްމަދު ވާޞިފް ޤަޟިއްޔާތަކުގައި ވީޑިއޯއަށް ބުރަނުވެވުނީ އެއަށް ބާރުދޭ އިތުރު ހެއްކެއް ނެތުމުން ކަމުން، ވާޤިޢާ ތަފާތު މި މައްސަލައަށް އެ ޤަޟިއްޔާތަކުގެ ނިންމުން ތަޠްބީޤު ނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 42–45)
- ވަޒީފާދޭ ފަރާތުގެ މުދާ ނަހަމަގޮތުގައި ގެންދިއުމަކީ ވަޒީފާދޭ ފަރާތުގެ އަމާނާތްތެރިކަމާއި އިތުބާރާމެދު ސުވާލު އުފެދޭ ޢަމަލަކަށް ވާތީ، އެ ޢަމަލަކީ ނޯޓިސް ނުދީ ވަޒީފާއިން ވަކިކުރުން ހުއްދަވާ ފާޅުކަންބޮޑު ޣައިރުސުލޫކީ ޢަމަލެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 47)
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2024] SC 54 2024/SC-A/27 ޝަރީޢަތް ނިމުނުގޮތް އަޙްމަދު އިބްރާހީމް ވ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ފަނޑިޔާރުންގެ މަޖިލިސް ޙުސްނުއްސުޢޫދު ޑރ. އަޒްމިރާލްދާ ޒާހިރު ޢާއިޝާ ޝުޖޫން މުޙައްމަދު ނިމުނު ތާރީޚު 30 އޮކްޓޯބަރ 2024
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2021/HC-A/406
އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އަޙްމަދު އިބްރާހީމް، ވެނީލާގެ،
ޅ. ހިންނަވަރު ޤާނޫނީ ވަކީލު: ޙުސެއިން ސިރާޖު، އެސް އެންޑް އޭ ލޯޔަރސް އެލްއެލްޕީ ޤާނޫނީ ވަކީލު: ނަދީމް އިބްރާހީމް، ޝަފީގް އެންޑް މަސްތޫރު އެލްއެލްޕީ
މަދަނީ — ވަޒީފާއިން ވަކިކުރުން — އިސްތިއުނާފީ ކޯޓުން ހެކި އަލުން ވަޒަން ކުރުން — ބޮޑަށް ބުރަވެވޭ މިންގަނޑު— ނޯޓިސް ދިނުމެއް ނެތި މުވައްޒަފު ވަޒީފާއިން ވަކިކުރުން
ފިހުރިސްތު
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު 1
ތަޢާރުފު 1
މައްސަލައިގައި ކަން ހިނގާފައިވާ ގޮތް 1
ދިވެހިރާއްޖޭގެ ހައިކޯޓުގެ މަރުހަލާ 4
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުން 7
ފުރަތަމަ އިސްތިއުނާފީ ނުކުތާ 8
ދެވަނަ އިސްތިއުނާފީ ނުކުތާ 11
ވަޒީފާއިން ވަކިކުރުމުގައި ލާޒިމު އިޖުރާއަތު ހިންގިކަން ކަށަވަރުކުރުން 12
އިޖުރާއީ އަދުލުވެރިކަން 15
މައުލޫއީ އަދުލުވެރިކަން 16
ޓްރައިބިއުނަލުންނާއި ހައިކޯޓުން މި މައްސަލައިގައި ހެކި ވަޒަންކޮށްފައިވާ ގޮތް 21
ނިންމަން ފެންނަ ގޮތް 29
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު 29
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު 29
ޙުކުމް 30
` އަޙްމަދު އިބްރާހީމް ވ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް [2024] SC 54 ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު : (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ތާއީދު ކުރައްވާފައި) ތަޢާރުފު
1މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/406 ގަޒިއްޔާ ނިމިފައިވާ ގޮތާމެދު ހިތްހަމަނުޖެހޭތީވެ، އެގަޒިއްޔާގެ ހުކުމް އިސްތިއުނާފުކުރުމަށް ޅ. ހިންނަވަރު، ވެނީލާގެ، އަޙްމަދު އިބްރާހީމް (މީގެ ފަހުން "އަޙްމަދު އިބްރާހިމް" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް") ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ. މި ގަޒިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (މީގެ ފަހުން "އެމްއޭސީއެލް" ކަމަށް ބުނެފައިވާ) އެވެ.
މައްސަލައިގައި ކަން ހިނގާފައިވާ ގޮތް
2މި މައްސަލަ އިސްތިއުނާފުކުރާ ފަރާތްކަމަށްވާ އަޙްމަދު އިބްރާހީމް، އެމްއޭސީއެލްގެ ކޮމާރޝަލް ޑިޕާޓްމަންޓުގައި ސީނިއަރ ސުޕަވައިޒަރު، (ސޭލްސް) ގެ ވަޒީފާ އަދާކުރަމުން ދަނިކޮށް، އެމްއޭސީއެލްގެ ސްޓޮކްގައި ހުރި ސެންޓުފުޅިތަކެއްގެ ތެރެއިން ޑިއުޓީ ފްރީ ފްލޯއަށް ގެންދަން އޭނާއާ ހަވާލުކުރެވުނު 5 ސެންޓުފުޅި (10 އެމްއެލްގެ ގިވްއަވޭޒްތަކެއް) ގެއްލުނު ހާދިސާ އާއި ގުޅިގެން ހުށަހެޅުނު ޝަކުވާއެއް ތަހުގީގު ކުރުމުގެ ތެރެއިން، އެތަކެތި އަޙްމަދު އިބްރާހީމް ގެއަށް ގެންދިޔަކަން މަދަނީ މިންގަނޑުން ތަހުގީގަށް ސާބިތުވެފައިވާކަމަށް ބުނެ، އަދި ނޯޓިސް ދިނުމެއް ނެތި 09 މާރިޗު 2020 ގައި އަޙްމަދު އިބްރާހީމް ވަޒީފާއިން ވަކިކޮށްފައި ވެއެވެ.1
3އެމްއޭސީއެލް އިން އަޙްމަދު އިބްރާހީމް ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވަނީ، އިސްލާހީ ފިޔަވަޅެއް އެޅުމެއް ނެތި އަދި ވަޒީފާއާބެހޭ ޤާނޫނުގައި ބުނާފަދަ ނޯޓިސްއެއް ދިނުމެއްނެތި ކަމަށް ބުނެ
18 މާރިޗު 2020 ގައި އަޙްމަދު އިބްރާހީމްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ.2
4އަޙްމަދު އިބްރާހީމް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި އެދިފައިވަނީ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ގާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައި ދިނުމަށާއި، އަދި އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ ފަރާތެއްކަމަށް ނުބެލުމަށާއި، ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ވަޒީފާއަށް ރުޖޫއަ ކުރެވޭ ތާރީހުގެ ނިޔަލަށް ހައްގުވާ މުސާރައާއި އިނާޔަތްތައް އޭނާއަށް ދިނުމަށް އެމްއޭސީއެލްގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ.
5ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އަޙްމަދު އިބްރާހީމް ހުށަހެޅި މައްސަލައަށް ރައްދު ދިނުމުގެ ގޮތުން އެމްއޭސީއެލް އިން ޓްރައިބިއުނަލުގައި ބުނެފައިވަނީ، އޭނާއާ ހަވާލުކުރެވުނު 10 އެމްއެލްގެ 5 ސެންޓުފުޅި އަޙްމަދު އިބްރާހީމް ގެއަށް ގެންދިޔަކަން މަދަނީ މިންގަނޑުން ތަހުގީގަށް ސާބިތުވެފައިވާކަމަށެވެ. އަދި އަހްމަދު އިބްރާހީމްގެ މި އަމަލަކީ އެ ކުންފުނީގެ "ސުލޫކީ ކަންކަމުގައި އިދާރީ ފިޔަވަޅު އެޅުމާ ބެހޭ ސިޔާސަތު"3ގެ އެނެކްސް 2 ގެ 17 ވަނަ ނަންބަރުގައި ބުނާފަދަ "މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ފައިދާ" ނެގުމު އަމަލެއް ކަމަށެވެ.
6ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަޙްމަދު އިބްރާހީމް ހުށަހެޅި މައްސަލަ ބެލުމަށްފަހު އެ ޓްރައިބިއުނަލުން ނިންމާފައިވަނީ އަޙްމަދު އިބްރާހީމް އެދިފައިވާފަދަ އަމުރެއް އެމްއޭސީއެލްގެ މައްޗަށް ކުރާނެ ޤާނޫނީ ހަމައެއް ނެތްކަމަށެވެ.
7ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުމުގައި ބުނެފައިވަނީ، އަހްމަދު އިބްރާހީމް އާއި ހަވާލުކުރެވުނު 5 ސެންޓު ފުޅި ގެއްލުނު މައްސަލައިގައި އަޙްމަދު އިބްރާހީމްގެ މައްޗަށް ތުހުމަތުކުރެވުނު ކަންކަމާ ގުޅިގެން އެމްއޭސީއެލް އިން އިދާރީ ތަހުގީގެއް ހިންގައި، އެތަހުގީގަށް އަޙްމަދު އިބްރާހީމް ޖަވާބުދާރީވެފައިވާކަމަށެވެ. އަދި، އެ ތަހުގީގަށް ސާބިތުވީ ކަންކަމާ ގުޅިގެން އަޙްމަދު އިބްރާހީމް ވަޒީފާއިން ވަކިކުރި ސަބަބު ވަޒީފާއިން ވަކިކުރިކަމުގެ ލިޔުމުގައި4 ބަޔާންކޮށްފައިވާތީ އިޖުރާއީ އަދުލުވެރިކަން ގާއިމްކުރެވިފައިވާކަމަށެވެ.
8ވަޒީފާއާބެހޭ ޓްރައިބިއުނަލުން އިތުރަށް ފާހަގަކޮށްފައިވަނީ، އަޙްމަދު އިބްރާހީމް ހިންގިކަމަށް ސާބިތުވި އަމަލަކީ އެމްއޭސީއެލްގެ "ސުލޫކީ ކަންކަމުގައި އިދާރީ ފިޔަވަޅު އެޅުމާބެހޭ ސިޔާސަތު" ގެ އެންކްސް 2 ގެ 17 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެ ޢަމަލެއްކަމުގައިވާތީ، އަދި އޭނާ ވަޒީފާގައި ބަހައްޓައިފިނަމަ އެމްއޭސީއެލް އަށް ގެއްލުންތަކެއް ލިބިދާނެތީ، އަޙްމަދު އިބްރާހީމް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް މެދުވެރިވެގެން، އެކަށީގެންވާ ސަބަބެއް އޮވެގެންކަމަށް ފެންނަ ކަމަށެވެ. އެހެންކަމުން، އަޙްމަދު އިބްރާހީމް ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމަށް ވާސިލުވުމަށް އެމްއޭސީއެލް އިން ތަތުބީގު ކުރި ހަމައަކީ އެކަށީގެންވާ ހަމައެއް ކަމަށް ވާތީ އޭނާ ވަޒީފާއިން ވަކިކުރުމުގައި ފުރިހަމަވާންޖެހޭ މައުލޫއީ އަދުލުވެރިކަން ގާއިމު ކުރެވިފައިވާކަމަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ މަރުހަލާ
9ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމާމެދު ހިތްހަމަ ނުޖެހިގެން އަޙްމަދު އިބްރާހީމްގެ ފަރާތުން އެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. މި އިސްތިއުނާފުގައި އަޙްމަދު އިބްރާހީމްގެ ފަރާތުން ހައިކޯޓަށް 3 ނުކުތާއެއް ހުށަހަޅާފައިވެއެވެ. އެ ނުކުތާތަކަކީ:
(ހ) އަޙްމަދު އިބްރާހީމްއާ ހަވާލުކުރެވުނު 5 ފުޅި ސެންޓު ގެއަށް ގެންގޮސްފައިވާކަމަށް އެމްއޭސީއެލް އިން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި، އެމްއޭސީއެލްގެ އިދާރީ ތަހުގީގުން ސާބިތުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ ހެއްކާބެހެ ޤާނޫނުގެ 6 ވަނަ މާއްދާގައި ހެކިވަޒަންކުރުމަށް ކަނޑައަޅާފައިވާ މިންގަނޑާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ށ) އަޙްމަދު އިބްރާހީމް ވަޒީފާއިން ވަކިކުރުމުގައި ފުރިހަމަވާންޖެހޭ މައުލޫއީ ޢަދުލުވެރިކަން ގާއިމުވެފައިވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤު ވަޙީދު ގަޒިއްޔާ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ވ. އަޙްމަދު ވާޞިފް ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) އަޙްމަދު އިބްރާހީމް ވަޒީފާއިން ވަކިކުރުމަށް އެމްއޭސީއެލްއިން ނިންމި ނިންމުމަކީ އެ ކުންފުނީގެ "ސުލޫކީ ކަންކަމުގައި އިދާރީ ފިޔަވަޅު އެޅުމާ ބެހޭ ސިޔާސަތު" ގެ އެނެކްސް 2 ގެ 17 ވަނަ ނަންބަރާއި އެއްގޮތަށް ނިންމާފައިވާ ނިންމުމެއްކަމަށް ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގައި ކަނޑައެޅިފައިވާ މިންގަނޑާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
10އަޙްމަދު އިބްރާހީމް ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން އެކޯޓުން ނިންމާފައިވަނީ، އެ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށެވެ. ހައިކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވަނީ ހަމައެކަނި ދެ ހެކިވެރިން ކަމުގައިވާ އާމިނަތު ޝިޒްލީން އާއި އަޙްމަދު ސަމްއާންގެ ހެކިބަހަށް ބިނާކޮށް ނޫންކަމަށާއި، އެމްއޭސީއެލްގެ އިދާރީ ތަހުގީގަށާއި، އެ ތަހުގީގަށް 26 ފެބުރުއަރީ 2020 ގައި އަޙްމަދު އިބްރާހީމް ދިން ބަޔާނަށާއި، އެމްއޭސީއެލްގެ ސުލޫކީ ކޮމިޓީގެ ރިޕޯޓަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރިއާޔަތްކޮށްފައިވާ ކަމަށެވެ. އަދި އެމްއޭސީއެލް އިން ހުށަހެޅި ހެކިވެރިއެއް ކަމުގައިވާ އާމިނަތު ޝިޒްލީން، ކޯލް ރިކޯޑިންގ އަކާއި ގުޅޭގޮތުން އެމްއޭސީއެލްގެ ތަހުގީގުގައި ދިން ހެކިބަހާއި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ދިން ހެކިބަހުގައި ފުށުއެރުމެއް ހުރިނަމަވެސް، އެމްއޭސީއެލްގެ ތަހުގީގުން މި ރިކޯޑިންގ އަށް ރިއާޔަތްކޮށްފައިވާކަން އެންގެން ނެތަތީ، އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލުންވެސް މިރިކޯޑިންގ ބަލައިނުގަތުމަށް ނިންމާފައިވާތީ، އަދި ބުނެވުނު ރިކޯޑިންގ އަކީ ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި ރިއާޔަތްކުރި ހެއްކެއް ކަމުގައި ނުވާތީ، މި ފުށުއެރުމުގެ ސަބަބުން ހެކިވެރިޔާގެ ތެދުވެރިކަމާމެދު ސުވާލު އުފެދި ހެކިބަސް އެއްކައިރި ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމުގައި ބުނެފައި ވެއެވެ. މީގެ އިތުރުން އެމްއޭސީއެލްގެ ފަރާތުން ހުށަހެޅި ދެވަނަ ހެކި ކަމުގައިވާ އަޙްމަދު ސަމްޢާން އޭނާގެ ވަޒީފާގެ މަސްއޫލިއްޔަތުގެ ތެރެއިން މުވައްޒަފެއްގެ މަސައްކަތު ފެންވަރު އެކަށީގެންނުވާ ކަމަށް ފާހަގަ ކުރުމަކީ ނުވަތަ ރަގަޅުކުރަން ޖެހޭ ކަމެއް ހުރިކަމަށް ފާހަގަކުރުމަކީ ޒާތީ ތައައްސުބެއް އޮތް ކަމަށް މުތުލަގަށް ބަލައި ހެކިވެރިޔާގެ އަދުލުވެރިކަން ގެއްލިގެންދާ ކަމެއް ކަމަށް ނުވާތީ، އަޙްމަދު އިބްރާހީމްގެ މަސްއޫލިއްޔަތުތައް އެންމެ ރަގަޅަށް އަދާނުކުރާކަމަށާއި އެކަމާ ގުޅިގެން ފިޔަވަޅު އެޅުމާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވާކަމަށް އަޙްމަދު ސަމްޢާން ބުނެފައިވުމަކީ، މި ހެކިވެރިޔާގެ އަދުލުވެރިކަން ގެއްލިގެންދާ ކަމެއް ނޫންކަމަށް ވެސް ހައިކޯޓުން ފާހަގަކޮށްފައި ވެއެވެ.
11މީގެ އިތުރުން ހައިކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވަނީ، ގެއްލުނު 5 ސެންޓުފުޅި ގެއަށް ގެންދިޔަކަމަށް ހެކިވެރިންގާތު އަޙްމަދު އިބްރާހީމް ބުނެފައިވާކަމަށް ހެކިވެރިން ބުނާބަހުން މި ވާގިއާ ސީދާގޮތުން ސާބިތު ނުވިނަމަވެސް، މި ހެކިބަހުގެ އިތުރަށް ވީޑިއޯ ފުޓޭޖްގައި ވަގުތު ހިނގާފައިވާ ގޮތަށާއި، މަންޒަރު ފެންނަ ގަޑިއާއި، އަހްމަދު އިބްރާހީމްގެ އަމަލުތައް ހުރި ގޮތަށް އެމްއޭސީއެލް އިން ކުރި ތަހުގީގުން ރިއާޔަތްކޮށްފައި އޮތް ކަމަށާއި، އެ ހުރިހާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު، މަދަނީ މިންގަނޑުން ތަހުގީގަށް ބޮޑަށް ބުރަވެވުނު ގޮތަކީ ތަހުގީގަށް ބަޔާން ދިން ފަރާތްތަކުން ބުނާ ފަދައިން ގެއްލުނު 5 ސެންޓުފުޅި އަހްމަދު އިބްރާހީމް ގެއަށް ގެންދިޔުންކަމާއި، އަދި ވީޑިއޯ ފުޓޭޖުގައި ހުރި ކަންކަމުން ހެކިވެރިން ބުނާ ބުނުމަށް ބުރަދަން ދެވޭތީ މިމައްސަލައިގައި އެންމެ ވުން ގާތްގޮތަކީ އެއީ ކަމަށް އެމްއޭސީއެލްގެ ތަހުގީގަށް ބުރަވެވި ފައިވާ ކަމަށާއި، އެކަން ހިނގާފައިވަނީ ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތަށް ކަމަށް ޓްރައިބިއުނަލަށް ވެސް ފާހަގަކުރެވިފައިވާ ކަމަށް ހައިކޯޓުގެ ހުކުމުގައި ބުނެފައި ވެއެވެ.
12މީގެއިތުރުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވަނީ ވީޑިއޯ ފުޓޭޖްތައް ހުށަހެޅިފައި އޮތްކަން ނުވަތަ ނޫންކަން މައްސަލައިގެ ރެކޯޑުތަކުން ކަށަވަރު ނުކުރެވޭއިރު އެކަމާމެދު ޓްރައިބިއުނަލުން ސުވާލު އުފެއްދި ނަމަވެސް، ވީޑިއޯ ފުޓޭޖް ފެނިފައިވާކަން ހެކިވެރިންގެ ބަޔާންތަކުންނާއި ހެކިވެރިންގެ ހެކިބަހުގައި ވާހަކަ ދައްކާފައިވާތީއާއި، ވީޑިއޯ ފުޓޭޖް ފެނިފައިވާ ފަދަ މޭރުމަކުން އަހްމަދު އިބްރާހީމްވެސް ވާހަކަ ދައްކާފައިވާތީ ވީޑިއޯ ފުޓޭޖްތަކާ ގުޅިގެން ތަހުގިގު ރިޕޯޓުގައި ފާހަގަކޮށްފައި ހުރި ކަންތަކަށް އަޙްމަދު އިބްރާހިމް އެއްވެސް މަރުހަލާއެއްގައި ތައުނުކޮށްފައިނުވާ ކަމަށެވެ.
13އަޙްމަދު އިބްރާހީމް ވަޒީފާއިން ވަކިކުރުމުގައި ފުރިހަމަވާންޖެހޭ މައުލޫއީ އަދުލުވެރިކަން ގާއިމުވެފައިވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤު ވަޙީދު5 ގަޒިއްޔާގައި ކަނޑައެޅިފައިވާ އުސޫލާ ހިލާފަށް ކަމަށް އަހްމަދު އިބްރާހީމް ބުނިނަމަވެސް، އިސްވެބުނެވުނު ގަޒިއްޔާގައި ބަޔާންކުރާ ހާލަތާއި މި މައްސަލައިގެ ހާލަތު ތަފާތުކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމުގައި ފާހަގަކޮށްފައި ވެއެވެ. މީގެ އިތުރުން، އަޙްމަދު އިބްރާހީމް ވަޒީފާއިން ވަކިކުރުމުގައި ފުރިހަމަވާންޖެހޭ މައުލޫއީ ޢަދުލުވެރިކަން ގާއިމުވެފައިވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ވ. އަޙްމަދު ވާޞިފް6 ގަޒިއްޔާ ގައި ކަނޑައަޅާފައިވާ އުސޫލާ ހިލާފަށްކަމަށް އަހްމަދު އިބްރާހީމް ބުނިނަމަވެސް، އިސްވެބުނެވުނު ގަޒިއްޔާގައި ކަނޑައެޅިފައިވާ އުސޫލު މި މައްސަލައަށް ތަތުބީގުކުރެވިދާނެ ކަމުގައި ނުދެކޭކަމަށް ހައިކޯޓުގެ ހުކުމުގައި ބުނެފައި ވެއެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުން
14މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ނިންމުން އަޙްމަދު އިބްރާހިމްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައި ވެއެވެ. ހައިކޯޓުގެ ހުކުމް އިސްތިއުނާފުކުރުމަށް އަޙްމަދު އިބްރާހިމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އަންނަނިވި 2 ނުކުތާ އެވެ.
(ހ) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/406 ގަޒިއްޔާގައި، ވީޑިއޯ ފުޓޭޖްގައިވާ ކަންކަމަށް ރިއާޔަތްކުރާއިރު، އަޙްމަދު އިބްރާހިމް 5 ސެންޓްފުޅި ގެއަށް ގެންދިޔަކަން މަދަނީ މިންގަނޑުން ބުރަވެވޭ ކަމާއި، އަދި ވީޑިއޯ ފުޓޭޖްގައިވާ ކަންކަމުން ހެކިވެރިން ބުނާ ބުނުމަށް ބުރަދަން ދެވޭ ކަމަށް ކަނޑައަޅާފައިވަނީ ސުޕްރީމް ކޯޓުގެ ނަންބަރު2011/SC-A/36 ގަޒިއްޔާގައި ކަނޑައަޅާފައިވާ ހެކި ވަޒަންކުރުމުގެ އިޚްތިޔާރީ ބާރުގެ އުސޫލާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) އާއި ހެއްކާބެހޭ ގާނޫނުގެ 6 ވަނަ މާއްދާއާ ޚިލާފަށް ކަމަށްވުން.
(ށ) އަޙްމަދު އިބްރާހިމް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއިން ވަކިކުރުމުގައި ފުރިހަމަވާންޖެހޭ މައުލޫއީ ޢަދުލުވެރިކަން ގާއިމުވެފައިވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤު ވަޙީދު ގަޒިއްޔާ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ވ. އަޙްމަދު ވާޞިފް ގަޒިއްޔާ ގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ކަމަށް ބުނެ ހު ހުށަހެޅި ނުކުތާގައި، މި ދެ ގަޒިއްޔާއަކީ އިސްތިއުނާފުކުރާ ގަޒިއްޔާއާ ތަފާތު ގަޒިއްޔާތަކެއް ކަމަށް ބުނެ، ސުޕްރީމް ކޯޓުގެ ގަޒިއްޔާތަކުގައި ކަނޑައަޅާފައިވާ އުސޫލު، އިސްތިއުނާފުކުރެވޭ ގަޒިއްޔާއަށް ތަތުބީގު ނުކުރެވޭނެ ކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ، ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) އާއި ސުޕްރީމް ކޯޓުގެ ނަންބަރު [2021] SC 18 ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ކަމަށްވުން.
15މަތީގައި ބަޔާންކުރެވުނު ދެ އިސްތިއުނާފީ ނުކުތާ އަކީ ޓްރައިބިއުނަލުގެ ނިންމުމާ ބެހޭ ގޮތުން އިސްތިއުނާފުކުރާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށްވެސް ހުށަހެޅި ދެ ނުކުތާއެވެ. އެ ދެނުކުތާއަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމުގައި ގޮތް ކަނޑައެޅިފައި ވެއެވެ.
ފުރަތަމަ އިސްތިއުނާފީ ނުކުތާ
16ފުރަތަމަ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އޭނާ ވަޒީފާއިން ވަކިކުރުމުގައި މައުލޫއީ އަދުލުވެރިކަން ގާއިމުނުވާ ސަބަބަކީ ވީޑިއޯ ފުޓޭޖުން އަޙްމަދު އިބްރާހިމްގެ އަމަލުތައް ހުރި ގޮތާއި މަންޒަރު ފެންނަ ގަޑިއާއި ކަންކަމަށް ބަލާއިރު، އަޙްމަދު އިބްރާހިމް 5 ސެންޓުފުޅި ގެއަށް ގެންގޮސްފައިވާ ކަމަށް މަދަނީ މިންގަނޑުން ބުރަވެވޭކަމަށް ޓްރައިބިއުނަލުން ނިންމާފައިވަނީ އެތަކެތި ގެއަށް ގެންދިޔަކަމުގެ ވާގިއާ ސާބިތުކުރަން ވީޑިއޯ ފުޓޭޖުގައި ހުރި ކަންކަމަށް، ހެކިވެރިން ޓްރައިބިއުނަލުގައި ދިން ހެކިބަހުން ބާރުދޭތީ ކަމަށް ޓްރައިބިއުނަލުން ނިންމާފައިވަނީ އަދި އެ ނިންމުމަށް ހައިކޯޓުން ތާއީދުކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށެވެ. އިސްތިއުނާފުކުރާ އަޙްމަދު އިބްރާހިމްގެ ފަރާތުން ބުނެފައިވަނީ އެ 5 ސެންޓުފުޅި އޭނާ ގެއަށް ގެންދިޔަކަން އެމްއޭސީއެލްއަށް ސާބިތުކޮށް ނުދެވޭކަމަށާއި، އެ ތަކެތި އޭނާ ގެއަށް ގެންދިޔަކަން ސާބިތުކޮށްދީގެން މެނުވީ ނުފޫޒު ބޭނުންކޮށްގެން ފައިދާނެގިކަން ސާބިތުކޮށް ނުދެވޭނެ ކަމަށެވެ. މިގޮތުން 5 ސެންޓު ފުޅި ގެއަށް ގެންދިޔަކަން ސާބިތުވާކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ވީޑިއޯ ފުޓޭޖްއާއި އިވުނު ކަމަށް ބުނާ ދެހެކިންގެ ހެކިބަހަށް ބަލައިގެން ކަމަށެވެ. އަދި މި ދެހެކީންގެ ހެކިބަހުން އަޙްމަދު އިބްރާހިމްގެ މައްޗަށް ތުހުމަތުކުރެވުނު އަމަލު ސާބިތުނުވާ ކަމަށެވެ.
17އަޙްމަދު އިބްރާހިމް މައްޗަށް ތުހުމަތުކުރެވުނު ޣައިރު ސުލޫކީ އަމަލު ސާބިތުވާކަމަށް ޓްރައިބިއުނަލުންނާއި ހައިކޯޓުން ކަނޑައެޅީ ވީޑިއޯ ފުޓޭޖްގެ މައްޗަށް ބިނާކޮށް ކަމަށްވާއިރު، އެ ވީޑިއޯ ފުޓޭޖް ޓްރައިބިއުނަލަށް އަދި ހައިކޯޓަށް ހުށަހެޅިފައިނުވާއިރު، އެ ހެކި، ޓްރައިބިއުނަލުގެ މައްސަލަ ބެލި މެންބަރުންނާއި ހައިކޯޓުގެ ފަނޑިޔާރުން އަމިއްލައަށް ބަލައި ވަޒަންކޮށްފައި ނުވާ ކަމަށެވެ. އަދި އެ ވީޑިއޯގައިވާ ކަންކަމަކީ ތެދުކަމަށް ޓްރައިބިއުނަލުންނާއި ވީޑިއޯ ފުޓޭޖުން ފެންނަ ކަންކަން ކަށަވަރުކުރީ އެމްއޭސީއެލް އިން ތައްޔާރުކުރި ތަހުގީގު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަކީ ތެދުކަމަށް ބަލައިގެން ކަމަށެވެ. އަދި އެ ވީޑިއޯގައި ފެންނަކަންކަން ތައުނުކޮށް އެއްޗެއް ބުނުމުގެ ފުރުސަތު ޓްރައިބިއުނަލުންނާއި ހައިކޯޓުން އިސްތިއުނާފުކުރާ ފަރާތަށް ލިބިފައި ނުވާ ކަމަށެވެ. އެފުރުސަތު ނުދީ އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަކީ ތެދުކަމަށް ބަލާފައިވަނީ ރަނގަޅަކަށް ނޫން ކަމަށެވެ. އެހެންކަމުން މައްސަލަ ނިންމާފައިވަނީ އެ ވީޑިއޯ ފުޓޭޖްތަކުން ފެންނަ ކަންކަން އެމްއޭސީއެލްގެ ތަހުގީގަށް ދޭހަވި ގޮތަށް ބިނާކޮށްގެން ކަމަށެވެ. އަދި ހެކިބަސްދިން އަހްމަދު ސަމްޢާންގެ ހެކިބަހުގައި އޭނާ އެ ވީޑިއޯ ބެލިކަމަށާއި، އެ 5 ސެންޓުފުޅި އޭނާ ޖީބަށްލާތަން ވީޑިއޯ އިން ފެނުނުކަމަށް ބުނި ނަމަވެސް، އަޙްމަދު އިބްރާހިމްގެ އަމަލުތައް ހުރި ގޮތްކަމަށް ތަހުގީގު ރިޕޯޓުގައި ބުނާފަދަ އެއްވެސް ކަމެއް އެ ވީޑިއޯއިން ފެނުނުކަމަށް އޭނާ ބުނެފައި ނުވާ ކަމަށެވެ. އަދި ދެވަނަ ހެކިވެރިޔާ ކަމުގައިވާ އާމިނަތު ޝިޒްލީންގެ ހެކިބަހުގައި އެ ވީޑިއޯ ފުޓޭޖް ބެލިކަމަށް ބުނެފައިނުވާ ކަމަށެވެ. އަދި އެދެމީހުން ތަހުގީގަށް ދީފައިވާ ބަޔާނާއި، ޓްރައިބިއުނަލަށް ދީފައިވާ ބަޔާނުގައި އެތަކެތި އަނބުރާ ގެނައިތަން ފެންނަ ވީޑިއޯ ފުޓޭޖް ބެލިކަމަށް ބުނެފައިނުވާ ކަމަށެވެ.
18އަދި އިސްތިއުނާފުކުރެވޭ ގަޒިއްޔާގެ ހުކުމުގެ 41 ވަނަ ޕެރެގްރާފުގައި އެމްއޭސީއެލްގެ ތަހުގީގު ރިޕޯޓަށް ހަވާލާދީ، "ވީޑިއޯ ފުޓޭޖުން ފުޅި ނަގާއިރުގައާއި އަނބުރާ ގެންނަ އިރު، އޭނާގެ އަމަލުތަކާއި، އިޝާރާތްތައް ހުރި ގޮތް ސާފުކޮށް ފެންނަ ކަމަށާއި، ތަކެތި އަނބުރާ ގެނައި އިރު، ފޮރުވައިގެން ސިއްރުން އެކަންކުރަން މަސައްކަތްކޮށްފައިވާ" ކަމަށް ބުނެފައިވާ އިރު މި ފަދަ މަންޒަރުތައް ވީޑިއޯ ފުޓޭޖުން ފެންނަ ކަމަށް އެއްވެސް ހެކިވެރިއެއްގެ ބަޔާނުގައި ބުނެފައި ނުވާކަމަށެވެ. އަދި އެ ފުޅިތައް ގެއަށް ގެންދިޔަ މަންޒަރު އެ ވީޑިއޯ އިން ފެނިފައިވާ ކަމަށް ވެސް އެއްވެސް ހެއްކެއްގެ ބަޔާނުގައި ބުނެފައި ނުވާ ކަމަށެވެ. އަދި އެތަކެތި ގެއަށް ގެންދިޔަކަމަށް ހެކިން ބުނާ ބަހަކީ އިވުނުކަމަށް ބުނާ ހެކިން ކަމަށާއި، އެހެން ބުނިކަމަށް އަޙްމަދު އިބްރާހިމް އިންކާރުކޮށްފައިވާ ކަމަށެވެ. އަދި އެ ދެ ހެކީންނަކީ އަދުލުވެރިކަން ގެއްލިފައިވާ ދެ ހެކިން ކަމަށް އަޙްމަދު އިބްރާހިމްގެ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރިއަތުގެ މަޖިލީހުގައި ތަކުރާރުކޮށް ބުނެފައި ވެއެވެ.
ދެވަނަ އިސްތިއުނާފީ ނުކުތާ
19އިސްތިއުނާފީ ދެވަނަ ނުކުތާގައި އަޙްމަދު އިބްރާހިމްގެ ފަރާތުން ބުނެފައިވަނީ އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއިން ވަކިކުރުމުގައި ފުރިހަމަވާންޖެހޭ މައުލޫއީ އަދުލުވެރިކަން ގާއިމުވެފައިވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤު ވަޙީދު7 ގަޒިއްޔާ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ވ. އަޙްމަދު ވާޞިފް8 ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާގައި، މި ދެ ގަޒިއްޔާއަކީ އިސްތިއުނާފުކުރާ ގަޒިއްޔާއާ ތަފާތު ގަޒިއްޔާތަކެއް ކަމަށް ބުނެ، ސުޕްރީމް ކޯޓުގެ ގަޒިއްޔާތަކުގައި ކަނޑައަޅާފައިވާ އުސޫލު، އިސްތިއުނާފުކުރެވޭ ގަޒިއްޔާއަށް ތަތުބީގު ނުކުރެވޭނެ ކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ، ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު9ގެ 5 ވަނަ މާއްދާގެ (ށ) ގެ (2) އާއި ސުޕްރީމް ކޯޓުގެ ނަންބަރު 10[2021] SC 18 ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ކަމަށެވެ. އެހެނީ، މޯލްޑިވްސް އެއަރޕޯޓސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤު ވަޙީދު11 ގަޒިއްޔާގައި ވައްކަންކުރި ކަމުގެ ތުހުމަތު ކުރެވިގެން ވަޒީފާއިން ވަކިކުރި މައްސަލައިގައި މުވައްޒަފު ވައްކަންކުރިކަން ސާބިތުކުރުމަށް ހުށަހެޅި ވީޑިއޯއިން އޭނާ ވައްކަންކުރިކަން ސާބިތުނުވާތީ، އެ ވީޑިއޯ ފުޓޭޖަކީ ވައްކަމުގެ އަމަލު ސާބިތުކުރެވޭ ހެއްކެއް ނޫންކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށާއި، ހަމައެގޮތަށް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ވ. އަޙްމަދު ވާޞިފް12 މައްސަލައިގައި ގައިދީއަކު ދޫކޮށްލެވުނީ އޮޅުމަކުން ކަމަށް މުވައްޒަފަކު ކައިރީގައި ބުނި ބުނުމުން މުވައްޒަފުގެ މައްޗަށް ކުރެވުނު ތުހުމަތު ސާބިތުވެފައި ނުވާކަމަށެވެ. އެހެން ކަމުން އެކަން ސާބިތުވެފައި ނުވާތީ ސުޕްރީމް ކޯޓުގެ އެ ގަޒިއްޔާތަކުގައި މައުލޫއީ އަދުލުވެރިކަން ސާބިތު ނުވާކަމަށް ކަނޑައަޅާފައިވާ ކަމަށާއި، ސުޕްރީމް ކޯޓުގެ އެ ގަޒިއްޔާތަކުގައިވާ ހެކީގެ މިންގަނޑު މި މައްސަލައަށް ހައިކޯޓުން ތަތުބީގުކޮށްފައި ނުވާ ކަމަށެވެ. އެހެނީ މި މައްސަލައިގައި ވާހަކަ ދެކެވޭ ވީޑިއޯ ފުޓޭޖުން އޭނާ ނުވަތަ ހެކިންގެ ހެކިބަހުން އެތަކެތި އޭނާ ގެއަށް ގެންދިޔަކަން ސާބިތުނުވާ ކަމަށެވެ.
ވަޒީފާއިން ވަކިކުރުމުގައި ލާޒިމު އިޖުރާއަތު ހިންގިކަން ކަށަވަރުކުރުން
20ޕްރިސިޑެންސް 1މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަމަށް ވަޒީފާއާބެހޭ ގާނޫނުގައި ކަނޑައަޅާފައިވެއެވެ.13 މުވައްޒަފަކު ވަޒީފާއިން ވަކިކުރަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ކަށަވަރުކުރުމަށް ވަޒީފާއާބެހޭ ގާނޫނުގައި އެކަށައަޅާފައިވާ ނިޒާމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ލާޒިމް އިޖުރާއަތު ވަޒީފާދޭ ފަރާތުން ފުރިހަމަކުރިތޯ ނުވަތަ ނޫންތޯ ބެލުމެވެ. މިގޮތުން، ނޯޓިހެއް ދިނުމަކާ ނުލައި، މުވައްޒަފަކު އޭނާގެ ވަޒީފާއިން ވަކިކުރެވޭނެ ހާލަތްތައް ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.
21ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ "ނޯޓިހެއް ދިނުމަކާ ނުލައި، ވަޒީފާ އަދާކުރާ ފަރާތެއް އޭނާގެ ވަޒީފާއިން ވަކިކުރެވޭނީ، އޭނާގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވުމާއެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއް ކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ ހާލަތްތަކުގައެވެ." އެ މާއްދާގެ (ށ) ގައި ބުނެފައިވަނީ ވަޒީފާ އަދާކުރާ ފަރާތެއްގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވާކަމަށް ބެލޭނީ އަންނަނިވި ހާލަތްތަކުގައި ކަމަށެވެ.
(ހ) ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް ފެނުން.
(ށ) ޚިޔާނާތެއް ވެފައިވުން.
22މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން، އެ މުވައްޒަފަކު ހުށައަޅާ ޝަކުވާއެއް ނުވަތަ ދައުވާއެއްގައި، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށް ދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ.14
23ވަޒީފާއާބެހޭ ޤާނޫނުގެ15 23 ވަނަ މާއްދާގެ (ހ) ގެ ދަށުން ނޯޓިސް ދިނުމަކާ ނުލައި މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރު ފުރިހަމަކުރަންޖެހޭ ދެ ޝަރުތު ފުރިހަމަކުރުމުގައި ވަޒީފާދޭ ފަރާތުން ތަތުބީގު ކޮށްފައިވާ ހަމައަކީ އަދުލުވެރިކަމާއެކު ގާނޫނީ ގޮތުން ލާޒިމު އިޖުރާއަތާ އެއްގޮތަށް ތަތުބީގުކުރެވޭ ހަމައެއްކަން ކަށަވަރު ކުރުމަށްޓަކައި ވަޒީފާދޭ ފަރާތުން ފުރިހަމަކުރަންޖެހޭ ދެ ކަމެއް ދިވެހިރާއްޖޭގެ ކޯޓުތަކުން ކުރިން ނިންމާފައިވާ ގަޒިއްޔާތަކުގައި އެކަށައަޅައި، އެ ދެ ކަންތައް ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ އާންމު ގާނޫނުގެ މައިގަނޑު ދެ އުސޫލުކަމުގައި ގަބޫލުކުރެވި އިސްތިގުރާރު ވެފައިވެއެވެ.16 އެ ދެ ކަމަކީ؛ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫއީ އަދުލުވެރިކަން ގާއިމުވުން ލާޒިމުވުމާއި، އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުން ލާޒިމުވުމެވެ.
24ޕްރިސިޑެންސް 2ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް17 ގަޒިއްޔާގައި ބަޔާންކޮށްފައިވަނީ ނޯޓިސްނުދީ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، ވަޒީފާއާ ބެހޭ ގާނޫނުގެ18 23 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބުނެފައިވާ ފަދައިން އަދުލުވެރި ސަބަބެއް އޮވެގެންނެވެ. އަދުލުވެރި ސަބަބެއް އޮތްކަމަށް ބެލެވޭނީ ދެ ހާލަތެއްގައެވެ. އެއީ:
(i) ފާޅުކަންބޮޑު ޣައިރުސުލޫކީ އަމަލެއް ކުރުން.
(ii) ޚިޔާނާތެއް ވެފައިވުން.
25އިތުރަށް އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް19 ގަޒިއްޔާގައި ސުޕްރީމް ކޯޓުން ބަޔާންކޮށްފައިވަނީ، ކޮންމެކޮންމެ ޣައިރުސުލޫކީ އަމަލަކީ (misconduct) އެ އަމަލެއްގެ ސަބަބުން މުވައްޒަފަކު ނޯޓިސް ދިނުމެއްނެތި ވަޒީފާއިން ވަކިކުރުން ވަޒީފާއާބެހޭ ޤާނޫނުގެ20 23 ވަނަ މާއްދާގެ ދަށުން ހުއްދަކުރާ ކަމަކަށް ނުވެ ހިނގައިދާނެ ކަމަށާއި، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިސް ދިނުމެއްނެތި މުވައްޒަފަކު ވަޒީފާއިން ވަކިކުރުން ހުއްދަވާނީ މުވައްޒަފުކުރި އަމަލަކީ ފާޅުކަން ބޮޑު ޣައިރުސުލޫކީ އަމަލެއް (gross misconduct) ކަމަށް ވާނަމަ ކަމަށެވެ. އެގޮތުން، އެ އަމަލަކީ ނޯޓިސް ދިނުމެއްނެތި މުވައްޒަފަކު ވަޒީފާއިން ވަކިކުރުން ހުއްދަވާފަދަ ފާޅުކަން ބޮޑު ޣައިރުސުލޫކީ އަމަލެއްކަމަށް ބެލެވޭނީ، މުވައްޒަފުކުރި އަމަލަކީ ދެ ފަރާތުގެ ދެމެދުގައި އޮންނަންޖެހޭ ވަޒީފާގެ ގުޅުން އެއްކޮށް ކެނޑޭ މިންވަރުގެ ސީރިއަސް އަމަލެއް ކަމަށް ވާނަމައެވެ. މުވައްޒަފުގެ ޣައިރުސުލޫކީ އަމަލަކީ (1) ދެ ފަރާތުގެ ދެމެދުގައިވާ ވަޒީފާގެ އެއްބަސްވުމުގެ ޖައުހަރީ ޝަރުތަކާ ޚިލާފުކަމެއް ކަމަށް ވާނަމަ، ނުވަތަ (2) އެ ކަމަކީ ވަޒީފާދޭ ފަރާތާއި މުވައްޒަފާއި ދެމެދުގައި އޮންނަ ވަޒީފާގެ ގުޅުމުގައި ހިމެނޭ އެންމެ މައިގަނޑު ސިފަކަމަށްވާ ދެ ފަރާތުގެ ދެމެދުގައި އޮންނަންޖެހޭ އިތުބާރު އަދި އަމާނާތްތެރިކަން ގެއްލޭފަދަ ކަމެއްކަމަށް ވާނަމަ، ނުވަތަ (3) އެ ކަމަކީ އެ މުވައްޒަފަކު ވަޒީފާދޭ ފަރާތަށް އަދާކުރަންޖެހޭ ވަޒީފާގެ އިލްތިޒާމުތަކާ އަސާސީގޮތުން ނުވަތަ ސީދާގޮތެއްގައި ޚިލާފު ކަމެއް ކަމަށް ވާނަމަ، އެ އަމަލަކީ ނޯޓިސް ދިނުމެއްނެތި ވަޒީފާއިން ވަކިކުރުމަށް ހުއްދަވެދާނޭ ފާޅުކަންބޮޑު ޣައިރުސުލޫކީ އަމަލެއް ކަމަށް ބެލެވިދާނެ ކަމަށެވެ.
26އެ އަމަލަކީ ނޯޓިސް ދިނުމެއްނެތި ވަޒީފާއިން ވަކިކުރުމަށް ހުއްދަވެދާނޭ ފާޅުކަންބޮޑު ޣައިރުސުލޫކީ އަމަލެއްތޯ ނުވަތަ ނޫންތޯ ބެލުމުގައި، އެ މުވައްޒަފަކު ވަޒީފާއަދާކުރާ ތަނުން ކުރާ މަސައްކަތް ނުވަތަ ވިޔަފާރީގެ ބާވަތާއި، އެ މުވައްޒަފުގެ މަގާމާއި މަސްއޫލިއްޔަތާއި އަދި މުވައްޒަފުގެ ކިބައިގައި ހުންނަންޖެހޭ އަމާނާތްތެރިކަމުގެ ޒިންމާއާ ގުޅިގެން ޣައިރުސުލޫކީ އަމަލުގެ ސީރިއަސްކަން ތަފާތުވެގެން ދިއުމަކީ އެކަށީގެންވާކަމެކެވެ. އެހެންކަމުން ޣައިރުސުލޫކީ އަމަލުގެ ސަބަބުން ވަޒީފާދޭ ފަރާތާއި ވަޒީފާއަދާކުރާ ފަރާތާ ދެމެދު އޮންނަ ވަޒީފާގެ އިތުބާރު ގެއްލި، ވަޒީފާއަދާކުރާ ފަރާތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު ތެދުވެރިކަމާއެކު އަދާކުރުމަށް ހުރަސްއެޅިފައިވާ ނަމަ، ނޯޓިސް ނުދީ އެ މުވައްޒަފަކު ވަކިކުރުމުގެ އިޚްތިޔާރު ވަޒީފާދޭ ފަރާތަށް ލިބިގެންވާ ކަމަށް އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް21 ގަޒިއްޔާގެ ހުކުމުގައި ބުނެފައި ވެއެވެ.
އިޖުރާއީ އަދުލުވެރިކަން
27ޓްރައިބިއުނަލަށާއި، ދިވެހިރާއްޖޭގެ ހައިކޯޓަށާއި، ސުޕްރީމް ކޯޓަށް އަޙްމަދު އިބްރާހިމްގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކުގައި، އޭނާ ވަޒީފާއިން ވަކިކުރުމުގައި ވަޒީފާދޭ ފަރާތުން ގާއިމުކުރަންޖެހޭ އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައި ނުވާކަމަށް ބުނެފައި ނުވެއެވެ.
މައުލޫއީ އަދުލުވެރިކަން
28މި މައްސަލަ އިސްތާއުނާފުކުރަން ހުށަހެޅި އަޙްމަދު އިބްރާހިމްގެ ފަރާތުން ބުނެފައިވަނީ އޭނާ ވަޒީފާއިން ވަކިކުރުމުގައި މައުލޫއީ އަދުލުވެރިކަން ގާއިމުނުވާ ސަބަބަކީ އެ މައްސަލައިގައި ވާހަކަ ދެކެވޭ ވީޑިއޯ ފުޓޭޖާއި ހެކިވެރިން ޓްރައިބިއުނަލުގައި ދިން ހެކިބަހުން އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ޣައިރު ސުލޫކީ އަމަލު މަދަނީ މިންގަނޑުން ސާބިތުވާކަމަށް ޓްރައިބިއުނަލުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމުގައި ކަނޑައަޅާފައިވާ ކަނޑައެޅުމަށް އަޙްމަދު އިބްރާހިމް އަށް އެއްބަސް ނުވެވޭތީ ކަން އެފަރާތުން ސުޕްރީމް ކޯޓުގައި ދެއްކި ވާހަކައިން އެނގެއެވެ. އެގޮތުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އެމްއޭސީއެލްގެ ސުލޫކީ ކޮމިޓީއިން ރިޕޯޓު ނިންމާލަމުންވެސް ބުނަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވިގެން އައި ކަމަކީ އެ ސެންޓު ފުޅިތައް އޭނާ ގެއަށް ގެންދިޔަކަމުގެ ތުހުމަތު ކަމަށް ވެފައި، އެތަކެތި އޭނާ ގެއަށް ގެންދިޔަކަމަށް ބާރުދޭ ގޮތަށް ހުށަހެޅުނު ހެކިތަކުގެ ތެރެއިން އެތަކެތި ގެއަށް ގެންދިއުމުގެ މައްޗަށް އޮތީ ޓްރައިބިއުނަލުގައި ހެކި ދިން ދެހެކިވެރިން ބުނާ ބުނުން އެކަނި ކަމަށާއި އެ ދެމީހުންގެ ހެކިބަހުން އެކަން ސާބިތުނުވާ ކަމަށާއި، އަދި ވީޑިއޯ ފުޓޭޖުން އޭނާ އެތަކެތި ގެއަށް ގެންދިޔަތަން ފެންނަ ކަމަށް ހެކިންގެ ހެކިބަހުގައި އަދި ތަހުގީގު ރިޕޯޓުގައި ވެސް ބުނެފައި ނެތް ކަމަށެވެ.
29އެމްއޭސީއެލްގެ ފަރާތުން ބުނެފައިވަނީ ވަޒީފާއިން ވަކިކުރިކަމަށް ބުނެފައި އޮތް ސަބަބާއި ތަހުގީގު ރިޕޯޓުގައި ބަޔާންވެފައި އޮތް ސަބަބާ ދިމާވާ ކަމަށާއި، އެއީ ވަޒީފާއިން ވަކިކުރީ ސެންޓުފުޅި ގެއަށް ގެންގޮސްގެން ނޫން ކަމަށާއި، ވަޒީފާއިން ވަކިކުރި ސަބަބަކީ ވަޒީފާގެ ޕޮލިސީގައި އޮންނަ ގޮތުން، މަގާމުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރުމުން ކަމަށާއި އެކަން ސާބިތުވާ މިންވަރަށް ހެކި ހުށަހެޅިފައިވާ ކަމަށެވެ. އެމްއޭސީއެލްގެ ފަރާތުން ބުނެފައިވަނީ މި މައްސަލައިގައި ވާހަކަ ދެކެވެނީ އެ މުދާ ފިހާރައަށް ގެންދިއުމަށް ސްޓޮކުން ނެގުމަށްފަހު ގެންދެވުނީ ފިހާރައަށް ނޫން ކަމަށާއި، އެތަކެތި ގެންދިއުމަށްފަހު، އެ ފުޅިތަކުގެ ވާހަކަ ދެކެވުމުން އޭގެ ފަހު ދުވަހު އެތަކެތި އަނބުރާ ގެންދިޔައީ ފިހާރައަށް ނޫން ކަމަށާއި، އެތަކެތީގެ ވާހަކަ ދެކެވުމުން އެތަކެތި އޭގެ އަނެއް ދުވަހު އަނބުރާ ގެންގޮސްފައިވަނީ ސްޓޮކަށް ކަމަށެވެ. އަދި ފިހާރައަށް ގެންދަން ސްޓޮކުން ނެގިނަމަ، އެ ގެންދާނީ ފިހާރައަށް ކަމަށާއި، އެތަކެތި އެހެންތަނަކަށް ގެންދަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
30އަޙްމަދު އިބްރާހިމްގެ ފަރާތުން ބުނެފައިވަނީ އެދުވަހު ކަންވީ ގޮތަކީ އެ ތަކެތި ސްޓޮކުން ނަގާފައި އޭނާއަށް އެހެން ތަނެއްގައި ބަހައްޓާފައި ގެއަށް ދެވުނީ ކަމަށާއި، ފިހާރަށް ގެންނަ ތަކެތި އެއޭރިއާއިން ނެރެފަ ތަނެއްގައި ބަހައްޓާފައި ދެވުނީ ކަމަށާއި، ދެން އޭތި ގެއްލިގެން އެވާހަކަ ދެކެވުމުން، އޭތި އޮތްތަން ފެނިގެން އަނބުރާ އެތަކެތި ރިޓާންކުރީ ކަމަށެވެ. އެއްވެސް ވަރަކަށް އެތަކެތި ގެއަށް ގެންދިޔައީ ނޫން ކަމަށެވެ.
31އެހެންކަމުން، އިސްތިއުނާފީ ފުރަތަމަ ނުކުތާގައި އަޙްމަދު އިބްރާހީމް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ، ޓްރައިބިއުނަލުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުން ހެކި (ދެހެކީންގެ ހެކިބަހާއި، ވީޑިއޯ ފުޓޭޖްއާއި، ތަހުގީގު ރިޕޯޓު) ވަޒަންކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށާއި، ސުޕްރީމް ކޯޓުން އެ ހެކިތައް އަލުން ވަޒަންކޮށްދިނުމަށެވެ.
32ޕްރިސިޑެންސް 3އިސްތިއުނާފީ ކޯޓުގެ މަރުހަލާގައި ހެކި ވަޒަންކުރުމާބެހޭ އުސޫލުތަކެއް ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން 22ގަޒިއްޔާގެ ހުކުމުގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވެއެވެ. އެ ގަޒިއްޔާގެ ހުކުމުގައި ސުޕްރީމް ކޯޓުން ބުނެފައިވަނީ ވާގިއާތައް ސާބިތުވޭތޯ ނުވަތަ ނޫންތޯ ބެލުމަށް ހެކި ވަޒަންކުރާނީ ފުރަތަމަ މަރުހަލާގައި ޝަރިއަތްކުރާ ކޯޓުން ނުވަތަ މައްސަލަބަލާ ޓްރައިބިއުނަލުން ކަމަށާއި، ނަމަވެސް އަންނަނިވި އިސްތިސްނާއީ ހާލަތްތަކުގައި އިސްތިއުނާފީ ކޯޓުތަކަށް ހެކި ވަޒަންކުރެވިދާނެ ކަމަށެވެ. އެ އިސްތިސްނާއީ ހާލަތުތަކަކީ:
(ހ) މައްސަލައިގައި ޝަރީއަތްކުރާ ކޯޓުން ނުވަތަ ޓްރައިބިއުނަލުން ގޮތެއް ކަނޑައަޅަންޖެހޭ މައިގަނޑު ކަމަކާމެދު އެ ކޯޓުން ނުވަތަ ޓްރައިބިއުނަލުން ގޮތެއް ކަނޑައަޅާފައި ނެތުން.
(ށ) ޝަރީއަތްކުރާ ކޯޓުން ނުވަތަ ޓްރައިބިއުނަލުން ހެކި ވަޒަންކޮށްފައިވަނީ ބުއްދީގެ ހަމަތަކާ ޚިލާފަށް ކަމުގައިވުން.
(ނ) ޝަރީއަތްކުރާ ކޯޓުގެ ނުވަތަ ޓްރަބިއުނަލުގެ ކުރިމަތީގައި ހުރި ހުރިހާ ހެކިތަކަށް ޝާމިލުގޮތެއްގައި ބަލާއިރު، ހުށަހެޅިފައިވާ ހެއްކަކުން ނުވަތަ ހެކިތަކުން ޝަރީއަތްކުރާ ކޯޓުން ނުވަތަ ޓްރައިބިއުނަލުން ނެރެފައިވާ ދޭހައަކީ ރަނގަޅުނޫން ދޭހަތަކެއް ކަމަށް ފެނުން.
(ރ) އެ މައްސަލައިގައި ސާބިތުވެފައިވާ ވާގިއާތަކުގެ މައްޗަށް ތަތުބީގުކޮށްފައިވަނީ ނުބައި ގާނޫނީ އުސޫލުތަކެއް ކަމުގައިވުން.
33ޕްރިސިޑެންސް 4އެހެންކަމުން، އިސްތިއުނާފީ ކޯޓުތަކުން އަލުން ހެކި ވަޒަންކުރާނީ އިސްވެދިޔަ ޕެރެގްރާފުގައިވާ ބުނެފައިވާ ގޮތަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން23 މައްސަލައިގައި ކަނޑައެޅިފައިވާ އުސޫލުތަކުގައިވާ އިސްތިސްނާ އުސޫލުތަކުން ކަމަށްވާއިރު، އިސްތިއުނާފަށް މައްސަލަ ހުށަހަޅާ ފޯމުގައި، ދަށުކޯޓުން ނުވަތަ ޓްރައިބިއުނަލުން ހެކި ވަޒަންކޮށްފައިވަނީ ފަނޑިޔާރުންގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) އާއި ހެއްކާބެހޭ ގާނޫނުގެ 6 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ހަމައެކަނި ބުނާ ބުނުމަކީ އިސްތިއުނާފީ ކޯޓުން އަލުން ހެކިވަޒަންކުރަންޖެހޭ ސަބަބެއް ނޫނެވެ. އިސްތިއުނާފީ މަރުހަލާގައި ހެކި ވަޒަންކުރެވޭނީ އިސްތިއުނާފީ ކޯޓުގައި ހެކި ވަޒަންކުރަންޖެހޭ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން24 ގަޒިއްޔާގެ ހުކުމުގައި ބުނެފައިވާ އިސްތިސްނާ ހާލަތެއް ވުޖޫދުވެގެންވާކަން އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ކޯޓުގެ ފަނޑިޔާރުންނަށް އިގްތިނާއުވެވޭ މިންވަރަށް ވިސްނައިދެވިގެންނެވެ. އެގޮތަށް އިސްތިއުނާފީ ކޯޓަށް ވިސްނައިނުދެވޭނަމަ، ހެކި ވަޒަންކޮށްފައިވަނީ ފަނޑިޔާރުންގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) އާއި ހެއްކާބެހޭ ގާނޫނުގެ 6 ވަނަ މާއްދާއާ ޚިލާފަށް ކަމަށް އިސްތިއުނާފު ފޯމުގައި ހަމައެކަނި ބުނާ ބުނުމަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރެވޭ ސަބަބެއް ކަމަށް ނުވާނެއެވެ.
34އަހުރެންވެސް އެއްބަހެވެ. ޝަރިއަތްކުރާ ކޯޓުން ނުވަތަ މައްސަލަ ފުރަތަމަ މަރުހަލާގައި ބަލާ ފަރާތުން ހެކި ވަޒަންކުރުމުގައި ކުށެއް ހަދާފައިވާކަން ނުވަތަ ކުށެއް ހެދިފައިވާ ކަން އިސްތިއުނާފީ ކޯޓަށް ވިސްނައި ދިނުމަކީ އެހާ ފަސޭހަކަމަކަށް ނުވެ ހިނގައިދާނެއެވެ. ޚާއްސަކޮށް ހެކިވަޒަންކޮށް ނިންމާފައިވާ ނިންމުމުގައި ހެކީގެ ސައްހަކަމާމެދު ގޮތެއް ނިންމުމުގެ އިތުރުން، އެ ވާގިއާއެއްގައި ތަފާތު ގިނަ އުންސުރުތައް ހިމެނުމާއި، އޭގައި ހެކީގެ އެކި ދަރަޖައާއި، ރައުޔާއި، ދޭހައާއި، ނިންމާފައިވާ އިތުރު ނިންމުންތައް ހިމެނޭ ހާލަތްތަކުގައެވެ. އަދި ބައެއް ހެކިތަކާމެދު ގޮތެއް ކަނޑައެޅުމުގައި ދަށު މަރުހަލާގައި މައްސަލަބަލާ ފަރާތަކީ ވާގިއާ އާމެދު ގޮތެއް ނިންމުމަށް މާއައުލާކަން ބޮޑު މަގާމެއްގައި ހުރި ފަރާތެއް ކަމަށް ބެލެވޭ ހާލަތުގައެވެ. ވަރަށް ގިނަފަހަރަށް ވާގިއާއަކާބެހޭ ގޮތުން ގޮތެއް ކަނޑައެޅުމަށް ފުރަތަމަ މަރުހަލާގައި މައްސަލަބަލާ ފަރާތަށް މާފަސޭހަ ވާނެއެވެ. އަދި ބައެއް ފަހަރު ދަށު މަރުހަލާގައި މައްސަލަ ބެލިފަރާތަށް ހެކި ވަޒަންކުރުމުގައި ގޯހެއް ހެދިފައިވާ ކަމާއި، އިސްތިއުނާފީ ކޯޓުން އަލުން ހެކި ވަޒަންކުރަންޖެހޭ ކަމަށް އިސްތިއުނާފީ ކޯޓަށް ވިސްނައި ދިނުން އެހާ ފަސޭހަކަމަކަށް ނުވަނީ ދަށު މަރުހަލާގައި މައްސަލަބެލި ފަރާތުން ހެކި ވަޒަންކުރުމަށް ހުރި މަގާމާ އެއްހަމަ ހާލަތެއްގައި ހެކިވަޒަންކުރުމަށް އިސްތިއުނާފީ ކޯޓު އޮތްކަމަށް އިސްތިއުނާފީ ކޯޓުން ނުދެކޭ މައްސަލަތަކުގައެވެ. އަދި ހެކި ވަޒަންކުރުމުގައި އެ ހެކިތަކުން ދޭހަކުރެވޭ ދޭހަކުރުމުގައި އޮތީ ރަނގަޅު އެންމެ ގޮތެއް ކަމަށް އިސްތިއުނާފީ ކޯޓަށް އިގްތިނާއު ނުވެވޭ ހާލަތުގައެވެ. ހެކިތަކުން ރަނގަޅު އެއް ދޭހައެއް ނުނެރެވޭނޭ ހާލަތްތަކުގައި އެ ހެކިތަކާމެދު އިސްތިއުނާފީ ކޯޓުގެ ރައުޔަކީ ކޮބައިތޯ ބެލުމަކީވެސް އެންމެ ރަނގަޅު ގޮތް ކަމަށް ނުވެ ހިނގައިދާނެއެވެ. އެއާ ދިމާ އިދިކޮޅު ގޮތަކަށްވާނީ، އެ ހެކިތަކުން ދޭހަކުރެވޭން އޮތީ އެންމެ ގޮތެއް ކަމަށްވާނަމަ، އިސްތިއުނާފީ ކޯޓުން އެ ހެކިތައް އަލުން ވަޒަންކުރުމަކީވެސް ބޭނުންތެރި ކަމަކަށް ނުވުމެވެ. ހަމައެކަނި ދޭހަކުރުމުގައި އެއްގޮތަށްވުރެ ގިނަގޮތްތަކަށް ހެކިތަކުން ދޭހަކުރެވެން އޮންނަ ހާލަތްތަކުގައި އިސްތިއުނާފީ ކޯޓުން ކުރާ ދޭހައަކީ ބައެއް ފަހަރަށް އޭގެ ސަބަބުން ހެކިތަކުން ކުރެވޭ ދޭހައާމެދު އިތުރަށް ޚިޔާލު ތަފާތުވުންތަކެއް އުފަންވެދާނެ ގޮތެކެވެ.
35ޕްރިސިޑެންސް 5އެއްވެސް ފަރާތަކުން ދެބަސްނުވާ ވާގިއާތަކަށް ދޭނެ ބުރަދަނާއި، އެފަދަ ހެކިތަކުން ނެރޭ ދޭހަތަކުގެ ބަހުސަކީ މުޅީން ތަފާތު ބަހުސެކެވެ. އެއްވެސް ޚަސްމަކު ދެބަސްނުވާ ވާގިއާތަކަށް ދޭނެ ބުރަދަނާއި، އެ ފަދަ ހެކިތަކުން ނެރޭ ދޭހަތަކާބެހޭ ގޮތުން ދަށު މަރުހަލާގައި ޝަރިއަތްކުރި ފަރާތުން ހެކި ވަޒަންކުރުމުގައި ގޯހެއް ހަދާފަ އޮތްކަމަށް އިސްތިއުނާފީ ކޯޓުގައި ވިސްނައިދިނުމަކީ ވުން ވަރަށް ދުރުގޮތެކެވެ. އާއްމު ގޮތެއްގައި ހެކިތަކަށް ދޭނެ ބުރަދަނަކީ ކޮބައިކަން ކަނޑައެޅުމަކީ ދަށު މަރުހަލާގައި މައްސަލަބަލާ ފަރާތުގެ ފުރިހަމަ އިޚްތިޔާރުގައި އޮންނަ ކަމަކަށްވާއިރު، ހެކިތަކުން ކުރެވޭ ދޭހަތަކާމެދު ގޮތް ކަނޑައެޅުމުގެ އިޚްތިޔާރު އިސްތިއުނާފީ ކޯޓަށްވެސް ލިބިގެންވެއެވެ. މިސާލަކަށް ހެއްކެއްގެ އިތުބާރާމެދު ފުރަތަމަ މަރުހަލާގައި މައްސަލަ ބެލި ފަނޑިޔާރުން ނިންމި ނިންމުމަކީ އެނިންމުމާ ތައާރަޒުވާ އަދި ދެކޮޅުހެދެން ނެތް ވާގިއާތަކެއް ހުރި ނިންމުމެއް ކަމަށް އިސްތިއުނާފުކުރާ ފަރާތަށް ދައްކައި ދެވިއްޖެ ނަމަ، އެއީ އިސްތިއުނާފީ ކޯޓުގައި އެ ހެކި ތައުނުކުރެވިދާނެ ހާލަތެކެވެ. ހެކި ވަޒަންކުރުމުގައި އެފަދަ ގޯހެއް ހެދިފައި އޮތްނަމަ އެ ނުކުތާއެއް އިސްތިއުނާފީ ކޯޓަށް ހުށަހެޅިދާނެއެވެ. ނުވަތަ ހެކި ވަޒަންކުރުމަށް ފުރަތަމަ މަރުހަލާގައި މައްސަލަބެލި ފަރާތަށް ވުރެ އައުލާ މަގާމެއްގައި އިސްތިއުނާފީ ކޯޓު އޮތްކަމަށް ވިސްނައިދެވިއްޖެ ނަމަ އެއީވެސް ހެކި އަލުން ވަޒަންކޮށްދިނުމަށް އިސްތިއުނާފީ ކޯޓުގައި އެދެވިދާނެ ސަބަބެކެވެ. އިސްތިއުނާފީ ކޯޓުގައި ހެކި ވަޒަންކޮށް ދިނުމަށް އެދެވިދާނެ މިނޫންވެސް އެތައް ހާލަތްތަކެއް ހުންނާނެއެވެ. އެފަދަ ހާލަތެއް އޮތްކަމަށް ބުނެދެވިގެން ނޫނީ ހެކި އަލުން ވަޒަންކުރުމަކީ އިސްތިއުނާފީ ކޯޓުން ކުރަން ފަސްޖެހޭނެ ކަމެކެވެ.
36ފުރަތަމަ މަރުހަލާގައި ޝަރިއަތްކުރާ ފަނޑިޔާރުން ނުވަތަ ފުރަތަމަ މަރުހަލާގައި މައްސަލަބަލާ ޓްރައިބިއުނަލުތަކުގެ މެންބަރުން، އެ ދައުވާއެއްގައި ގޮތެއް ނިންމަންޖެހޭ މައިގަނޑު ވާގިއާ ވުޖޫދުވެފައި އޮތްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށްޓަކައި،ޝަރިއަތަށް ބަލައިގަނެފައިވާ ކޮންމެ ހެއްކަކަށް އެފަރާތުން ދޭ ބުރަދަނާއި އެއިން ކޮންމެ ހެއްކަކުން އެފަރާތަށް ކުރެވޭ ދޭހައަކީ ކޮބައިކަން ހުކުމުގައި ނުވަތަ ނިންމުމުގައި ބަޔާންކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. އެގޮތަށް ބަޔާންކޮށްފައި ނެތްނަމަ، ފުރަތަމަ މަރުހަލާގައި ހެކި ވަޒަންކޮށްފައި އޮތީ ރަނގަޅަށްކަން ނުވަތަ ނޫންކަން އިސްތިއުނާފީ ކޯޓުތަކުގެ ފަނޑިޔާރުންނަށް ދެނެގަނެވޭނެ ގޮތެއް ނޯންނާނެއެވެ. އަދި މައްސަލަ އިސްތިއުނާފުކުރަން އުނދަގޫވެސް ވާނެއެވެ.
ޓްރައިބިއުނަލުންނާއި ހައިކޯޓުން މި މައްސަލައިގައި ހެކި ވަޒަންކޮށްފައިވާ ގޮތް
37މި މައްސަލަ އިސްތިއުނާފުކޮށްފައިވާ އަޙްމަދު އިބްރާހިމް ވަޒީފާއިން ވަކިކުރުމަށް އޭނާގެ މައްޗަށް ތުހުމަތުކުރި އަމަލު ވުޖޫދުވިތޯ ނުވަތަ ނޫންތޯ ނުވަތަ އެކަން ހަގީގަތުގައިވެސް ހިނގާފައިވަނީ ތުހުމަތުކުރެވުނު ގޮތަށްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށާއި ނޯޓިސްނުދީ އޭނާ ވަޒީފާއިން ވަކިކުރުމަށް ނިންމުމަށް އެމްއޭސީއެލްގެ ތަހުގީގު ކޮމިޓީގެ ކުރިމަތީގައި ހުރީ ދެ ޝަފަހީ ހެކިންގެ ދީފައިވާ ހެކި ބަހާއި، ސީސީޓީވީ ފުޓޭޖުތަކެކެވެ. އެކަން ތަހުގީގު ކޮމިޓީގެ ރިޕޯޓުން އެނގެއެވެ.
38ޕްރިސިޑެންސް 6ނޯޓިސް ދިނުމެއް ނެތި އެމްއޭސީއެލްއިން އަޙްމަދު އިބްރާހިމް ވަޒީފާއިން ވަކިކުރުމުގައި މައުލޫއީ އަދުލުވެރިކަން ގާއިމުކޮށްފައިވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް ޓްރައިބިއުނަލުގެ ކުރިމަތީގައި އޮތީ ޝަފަހީ ދެ ހެކިން ޓްރައިބިއުނަލުގައި ދިން ޝަފަހީ ހެކި ބަހާއި އެމްއޭސީއެލްއިން މި ހާދިސާ ތަހުގީގުކުރި ތަހުގީގު ކޮމިޓީއިން އެކުލަވާލާފައިވާ ރިޕޯޓެވެ. މި ހެކިތައް ވަޒަންކޮށް އަޙްމަދު އިބްރާހިމްގެ މައްޗަށް ތުހުމަތުކުރެވުނު ޢަމަލު ހަގީގަތުގައިވެސް ހިނގިތޯ ނުވަތަ ނޫންތޯ ޓްރައިބިއުނަލުން ކަނޑައަޅަންޖެހެނީ ހެކިބަހުގެ ބޮޑަށް ބުރަވެވޭ މިންގަނޑުންނެވެ. ހެކިބަހުގެ ބޮޑަށް ބުރަވެވޭ މިންގަނޑު ތަތުބީގުކުރާނެ ގޮތް މިކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން25 ގަޒިއްޔާގައި އަންނަނިވި ގޮތަށް ބަޔާންކޮށްފައި ވެއެވެ.
". . . ކަން ހިނގާފައިވާ ގޮތްކަމަށް ބުނާ ދެ ގޮތެއް ފަނޑިޔާރެއްގެ ކުރިމަތީގައި އޮވެފައި އެއިން އެއްވެސް ގޮތަކީ މުސްތަހީލު ގޮތެއް ކަމަށް ނުބެލެވޭނަމަ، އެ ތަނުން އެއްގޮތަކީ ވުން މާ ދުރު ގޮތެއް ކަމަށް ފަނޑިޔާރު ކަނޑައަޅައިފިނަމަ، ދެން ބާކީ އޮންނަ ގޮތަކީ ބޮޑަށް ގަބޫލުކުރެވޭ މިންގަނޑުން އެކަމެއް ވެފައިވާ ގޮތް ކަމަށް ބެލެވިދާނެއެވެ. ހަމައެގޮތަށް، ހުށަހެޅިފައިވާ ހެކިތައް ވަޒަންކުރާއިރު، ކަންވެފައިވާ ގޮތް ކަމަށް ވެދާނޭ ތިންގޮތެއް ނުވަތަ އެއަށްވުރެ ގިނަ ގޮތްތަކެއް ފަނޑިޔާރުގެ ކުރިމަތީގައި ހުރެއްޖެނަމަ، އެ ހުރިހާ ގޮތްތަކެއް ފަނޑިޔާރު ވަޒަންކޮށް، ކަންވެފައިވާ ގޮތާ އެންމެ ގާތްކުރާ ގޮތްތަކުގެ ތަރުތީބުން އެ ގޮތްތައް އަތުރާލުމުން، އެ ތަނުން ކަންވުމާ އެންމެ ގާތްގޮތް ނުވަތަ ކަންވެފައިވާ ކަމަށް ފަނޑިޔާރަށް ބުރަވެވޭ ގޮތް އޮންނާނީ ހޯދިފައެވެ . . . ހުށަހެޅިފައިވާ ހެކިތަކަށް ބަލާއިރު، އެކަން ނުވުމަށްވުރެ ބޮޑަށް އެކަން ވެފައިވާކަމަށް ބެލެވޭކަމަށް ފަނޑިޔާރަށް ބުނެވޭވަރުވެއްޖެ ނަމަ ސާބިތުކޮށްދިނުމުގެ މަސްއޫލިއްޔަތު އަދާކުރެވުނީއެވެ. ނަމަވެސް ދެ ގޮތްވެސް އެއީ ކަންވެފައި އޮވެދާނެ ގޮތްކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭނަމަ، ސާބިތުކޮށްދިނުމުގެ މަސްއޫލިއްޔަތު އަދާކުރެވިފައި ނުވަނީއެވެ . . . ޕަސެންޓޭޖުގެ އުސޫލުން ބަޔާންކުރާ ކަމަށް ވެއްޖިއްޔާ، ކަމެއް ވެފައިވާ ކަމަށް %50 އަށް ފަނޑިޔާރަށް ގަބޫލުކުރެވޭނަމަ ދައުވާކުރާ ފަރާތަށް މައްސަލަ ގެއްލުނީއެވެ. އެއާ ޚިލާފަށް ކަންވެފައިވާ ކަމަށް %51 އަށް ފަނޑިޔާރަށް ގަބޫލުކުރެވޭނަމަ އެ ދައުވާ ދައުވާކުރާ ފަރާތަށް ކާމިޔާބު ވާނެއެވެ. އެހެންކަމުން ބޮޑަށް ގަބޫލުކުރެވޭ ގޮތުގެ މިންވަރަކީ %1 ގެ ތަފާތެއް ކަމަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ."
39އެމްއޭސީއެލްގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅި ޝަފަހީ ހެކިވެރިން ކަމަށްވާ އާމިނަތު ޝިޒްލީން އާއި އަޙްމަދު ސަމްޢާން ބުނެފައިވަނީ އެ ސެންޓު ފުޅިތައް އަޙްމަދު އިބްރާހީމް ގެންދިޔަކަމަށް އެމީހުންގެ ގާތުގައި އަޙްމަދު އިބްރާހިމް ބުނެފައިވާކަމަށެވެ.
40އިސްތިއުނާފުކުރާ ފަރާތުން ދެ ހެކީންގެ ހެކިބަހާ ބެހޭ ގޮތުން އަޙްމަދު އިބްރާހިމްގެ ފަރާތުން ފާހަގަކޮށްފައިވަނީ އަންނަނިވި ކަންކަމެވެ.
(ހ) ޝަފަހީ ހެކީންގެ ހެކިބަހުގައި އަދުލުވެރިކަން ގެއްލިފައިވާ ކަމަށް ޓްރައިބިއުނަލް އާއި ހައިކޯޓާއި ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ. މި ގޮތުން އެމްއޭސީއެލްގެ ފަރާތުން ހުށަހެޅި ޝަފަހީ ހެކިވެރިއެއް ކަމަށްވާ އާމިނަތު ޝިޒްލީން، ކޯލް ރިކޯޑިންގ އަކާއި ގުޅޭގޮތުން އެމްއޭސީއެލްގެ ތަހުގީގުގައި ދިން ހެކިބަހާއި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ދިން ހެކިބަހުގައި ފުށުއެރުމެއް ހުރުމުން އޭނާގެ ހެކިބަހުގައި އަދުލުވެރިކަމެއް ނެތް ކަމަށާއި، އެމްއޭސީއެލް އިން ހުށަހެޅި އަނެއް ޝަފަހީ ހެކިވެރިޔާ ކަމުގައިވާ އަޙްމަދު ސަމްޢާން އޭނާގެ ވަޒީފާގެ މަސްއޫލިއްޔަތުގެ ތެރެއިން މުވައްޒަފެއްގެ މަސައްކަތު ފެންވަރު އެކަށީގެންނުވާ ކަމަށް ފާހަގަކޮށްފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ޒާތީ ތައައްސުބެއް އޮތުމުން އެ ހެކިބަހުގައި އަދުލުވެރިކަން ގެއްލިފައިވާ ކަމަށް ބުނެފައިވެއެވެ.
(ށ) އެ ތަކެތި ގެއަށް ގެންދިޔަތަން އެ ވީޑިއޯ ތަކުން ދުށްކަމަށް ޝަފަހީ ހެކިންގެ ހެކިބަހުގައި ބުނެފައި ނެތް ކަމަށާއި، ހެކީންގެ ހެކިބަހުގައި ބުނެފައިވަނީ، އަޙްމަދު އިބްރާހިމް އެތަކެތި ގެއަށް ގެންދިޔަކަމަށް އެމީހުންގާތު އަޙްމަދު އިބްރާހިމް ބުނިކަމަށް ކަމަށާއި، އެއީ އިވުނު ކަމަށް ބުނާ ދެހެކިންގެ ހެކިބަސް ކަމަށްވުމުން އެއީ ކާފީ ހެއްކިބަސްތަކެއް ނޫންކަމަށް އަޙްމަދު އިބްރާހިމްގެ ފަރާތުން ބުނެފައި ވެއެވެ.
(ނ) އިތުރަށް އަޙްމަދު އިބްރާހިމްގެ ފަރާތުން ބުނެފައިވަނީ މި ޝަފަހީ ހެކިންގެ ހެކިބަހުގައި އެ ވީޑިއޯ ފުޓޭޖުތަކުން އޭނާ އެތަކެތި ގެއަށް ގެންދިޔަތަން ފެނިފައިވާ ކަމަށް ބުނެފައި ނުވާކަމަށެވެ. އަދި އަޙްމަދު އިބްރާހިމްގެ އަމަލުތައް ވީޑިއޯ ފުޓޭޖުން ފެނުމުގައި އޭނާގެ އަމަލުތައް ހުރިގޮތުގެ ތަފްސީލުތަކާއި އެ ހެކީންނަށް އެ ވީޑިއޯ ފުޓޭޖުން ދޭހަވި ކަންކަން ތަފްސީލުކޮށް ކިޔައިދީފައި ނުވާ ކަމަށެވެ.
41ޕްރިސިޑެންސް 7ހެކިވެރިންގެ އަދުލުވެރިކަން ނެތް ކަމަށް އަޙްމަދު އިބްރާހިމް ހުށަހަޅާފައިވާ ސަބަބުތަކަށް ބަލާއިރު، އެ ހެކީންގެ އަދުލުވެރިކަން ގެއްލޭނޭ މަގުބޫލު ސަބަބެއް އަދި ތައައްސުބެއް އުފެދޭނެ ހާލަތެއް ބުނެދެވިފައި އޮތް ކަމަށް ނުދެކެމެވެ. ހައިކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވާ ފަދައިން އާމިނަތު ޝިޒްލީން އަކީ ސްޓޮކް ބެލެހެއްޓުމާ ހަވާލުވެ ހުރި މުވައްޒަފު ކަމަށްވެފައި ކަން ހިނގިގޮތް އެންމެ ބޮޑަށް އެނގޭނެ އެއް މުވައްޒަފަކީ އޭނާ ކަމަށްވެފައި، އާމިނަތު ޝިޒްލީންގެ ހެކިބަހުގައި ހަވާލާދޭ ރެކޯޑިންގ އާ ބެހޭ ގޮތުން ބުނެފައިވާ ބުނުން ފުށުއެރިނަމަވެސް މައިގަނޑު ވާގިއާއާ ބެހޭ ގޮތުން، މާނައަކީ އެ ތަކެތި ގެއަށް ގެންދިޔަކަމަށް އަހްމަދު އިބްރާހިމް އޭނާ ގާތުގައި ބުނިކަމަށް ބުނާ ބުނުމަށް އެކަމުން ހިޔަނި އެޅިފައި ނުވެއެވެ. އެހެނީ އެ ބަޔާނުގައި ދެން ދައްކާފައިވާ ވާހަކަތަކުގައި އަޙްމަދު އިބްރާހިމް އޭނާ ގާތުގައި އެގޮތަށް ބުނި ސަބަބާއި ހާލަތާއި އޭގެ އިތުރު ތަފްސީލު ދީފައި އޮތުމުން ހެކިވެރިޔާ ދެއްކި ވާހަކައަކީ ހަގީގަތް ކަމަށް ބާރު ލިބޭތީއެވެ. ހަމައެގޮތަށް ހެކިބަސް ދިން އަޙްމަދު ސަމްޢާން އަކީ އަޙްމަދު އިބްރާހިމް ޖަވާބުދާރީވާންޖެހޭ ފަރާތަކަށްވާއިރު، ގެއްލުނުކަން ރިޕޯޓުކޮށް ތަކެތި ހޯދުމުގެ ޒިއްމާއޮތީ އަޙްމަދު ސަމްޢާންގެ ކިބައިގައި ކަމަށްވުމުން، ކަން ހިނގި ގޮތް އެންމެ ރަނގަޅަށް އެނގޭނެ މުވައްޒަފަކީ އޭނާ ކަމަށް ވެފައި، އެތަކެއްޗާބެހޭ ގޮތުން އޭނާ އަޙްމަދު އިބްރާހިމް އާ ސުވާލުކުރުމުން އޭނާ ދީފައިވާ ޖަވާބުތަކަކީ ކަންހިނގާފައިވާ ގޮތުގެ ހަގީގަތް ދެނެގަތުމުގެ ވަސީލަތަކަށްވާއިރު، ހައިކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވާ ފަދައިން އޭނާ އޭގެ ކުރިން މުވައްޒަފުގެ އިވެލުއޭޝަންގައި މާކްސް ދީފައިވާ ގޮތަކީ އޭނާގެ ހެކިބަހުގެ އަދުލުވެރިކަން ގެއްލޭނޭ ސަބަބެއް ކަމަށް ނުބެލެވެއެވެ.
42ޕްރިސިޑެންސް 8ވީޑިއޯ ފުޓޭޖުތަކާބެހޭ ގޮތުން އަޙްމަދު އިބްރާހީމްގެ ފަރާތުން ބުނެފައިވަނީ ޓްރައިބިއުނަލަށާއި، ދިވެހިރާއްޖޭގެ ހައިކޯޓަށް ވީޑިއޯ ފުޓޭޖް ހުށަހަޅާފައި ނެތުމުން، އެ ވީޑިއޯތަކުން ފެންނަ އެއްޗެއް ޓްރައިބިއުނަލުގެ މެންބަރުންނާއި ފަނޑިޔާރުން ބަލާފައި ނެތް ކަމަށެވެ. ނަމަވެސް މި ވީޑިއޯ ފުޓޭޖް އޮތްކަމާއި އެއިން ފެންނަ ކަންކަން އަޙްމަދު އިބްރާހިމްއަށް އެނގޭކަން އޭނާ ތަހުގީގަށް ދީފައިވާ ބަޔާނުންނާއި ޝަރިއަތުގައި ދައްކާފައިވާ ވާހަކައިން އެނގެއެވެ. އަދި ހައިކޯޓުގެ ހުކުމުގެ 38 ވަނަ ޕެރެގްރާފުގައި ހައިކޯޓުން ފާހަގަކޮށްފައިވަނީ އެ ވީޑިއޯއިން ފެންނަކަންކަމަށް އެއްވެސް މަރުހަލާއެއްގައި އަޙްމަދު އިބްރާހިމް އިންކާރުކޮށް، ސުވާލު އުފައްދާފައި ނުވާ ކަމަށެވެ. ހަމައެކަނި އެ ވީޑިއޯ ފުޓޭޖާމެދު އަޙްމަދު އިބްރާހިމް ސުވާލު އުފައްދާ ނުކުތާއަކީ އެ ވީޑިއޯ ފުޓޭޖުތަކުން އެ ސެންޓު ފުޅިތައް އޭނާ ގެއަށް ގެންދާތަން އެއްވެސް ގޮތަކަށް ނުފެންނަ ކަމަށްބުނެ ފާހަގަކުރާ ނުކުތާއެވެ. އެގޮތަށް ސުވާލު އުފައްދައި ކުރާ ސުވާލުތަކުން އަޙްމަދު އިބްރާހިމްއަށް އެ ވީޑިއޯ ފުޓޭޖުތައް ފެނިފައިވާ ކަމަށް ދޭހަވާ މޭރުމަކުން އަޙްމަދު އިބްރާހިމް ޝަރިއަތުގައާއި ތަހުގީގުގައި ވާހަކަދައްކާފައިވާ ކަން ފާހަގަކުރެވެއެވެ.
43ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި އެމްއޭސީއެލްގެ ތަހުގީގު ރިޕޯޓަށް ރިއާޔަތްކޮށްފައި ވާކަން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގެއެވެ. އެގޮތުން އެ ރިޕޯޓުގައި އަންނަނިވި ވާގިއާތައް ނަކަލުކޮށްފައި ވެއެވެ. އެގޮތުން 14 ފެބްރުއަރީ 2020 ދުވަހު އެ ސެންޓު ފުޅިތައް ފިހާރައަށް ގެންދަން އޭނާއާ ހަވާލުކުރެވުނެވެ. އަދި 15 ފެބްރުއަރީ ދުވަހު ހެނދުނު އެ ސެންޓު ފުޅިތަކާ ގުޅިގެން މުވައްޒަފުންނާ ސުވާލުކުރުމުން ސެންޓުފުޅިތައް ނުގެންނަ ކަމަށް އަޙްމަދު އިބްރާހިމް ބުނެފައި ވެއެވެ. އަދި 15 ފެބްރުއަރީގައި އަޙްމަދު ޝަމްއާން ސުވާލުކުރުމުން އެ ސެންޓު ފުޅިތައް ގެއަށް ގެންދެވުނީ ކަމަށް އަޙްމަދު އިބްރާހިމް ބުނެފައި ވެއެވެ. އަދި ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި 15 ވަނަ ދުވަހު ހަވީރު އެ ސެންޓުފުޅިތައް އަހްމަދު އިބްރާހިމް ބެކްސްޓޯރރުގައި އިންނަ ވަތްގަނޑަށް ލާތަން ފެނެއެވެ. އަދި ފަހުން އެ ސެންޓު ފުޅިތައް އެތަނުން ނަގައި ސުޕަވައިޒަރަށް ދައްކައި އެތަނަށް އެ ގެނައީ އެހެން މުވައްޒަފަކު ކަން ދޭހަވާ ގޮތަށް ވާހަކަ ދައްކައެވެ. އަދި ވީޑިއޯ ފުޓޭޖުން ފެންނަ ގޮތާއި ތަހުގީގުގައި ނެގިފައިވާ ބަޔާންތަކާއި ކަން ހިނގާފައިވާ ގޮތް ދިމާވެއެވެ. މި ގޮތުން 14 ފެބްރުއަރީގައި ސެންޓުފުޅި ނެގުމަށްފަހު ކަނާތު ޖީބަށް އެ ސެންޓުފުޅިތައް ލާ މަންޒަރު ފެނެއެވެ. ސެންޓު ފުޅިތައް ގެއަށް ގެންދިޔަކަމަށް ސަމްޢާން ކައިރީގައި ބުނީ 13:30 ގައެވެ. ފުޅިތައް އަނބުރާ ގެނެސްފައިވަނީ 14:50 ގައެވެ. އެދޭތެރޭގައި ހިނގި ވަގުތައް ބަލާއިރުގައި އެ ފުޅިތައް އޭނާ ހޯދާފައިވަނީ އެ ފިހާރައިގެ ތެރެއިން ނޫންކަމާއި، ސަމްޢާނު ކައިރީގައި އެތަކެތި ގެއަށް ގެނދެވުނީ ކަމަށް ބުނުމަށްފަހު، ގެއިން އެތަކެތި ގެނެވުނީކަމަށް ބުނެފައި އޭނާ ގެއަށް ގޮސް އެތަކެތި ހިފައިގެން އައިސް އަނބުރާ އެތަނުގައި ބެހެއްޓީކަމަށް ބުރަވެވޭ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައި އޮތް އޮތުން ގަބޫލުކުރެވެއެވެ. މި ރިޕޯޓުގައިވާ ކަންކަން ޓްރައިބިއުނަލުން ކަށަވަރުކޮށްފައިވަނީ ޓްރައިބިއުނަލުގައި ނެގުނު ހެކިބަސްތަކުންނެވެ.
44މަތީގައިވާ ކަންތައްތަކަށް ބަލާއިރު، މި މައްސަލައިގައި ހުށަހެޅިފައިވާ ހެކިތަކުން ޓްރައިބިއުނަލުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުން ނެރެފައިވާ ދޭހަތަކަކީ ބުއްދީގެ ހަމަތަކާ ޚިލާފަށް ނެރެފައިވާ ދޭހަތަކެއް ކަމަށް ނުވާތީވެ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން26 ގަޒިއްޔާގެ ހުކުމުގައި ބުނެފައިވާ ފަދައިން މި މައްސަލައިގައި ސުޕްރީމް ކޯޓުން އެ ހެކިތައް އަލުން ވަޒަންކުރަންޖެހޭ އިސްތިސްނާ ހާލަތެއް ނެތެވެ.
45ދެވަނަ އިސްތިއުނާފީ ނުކުތާގައި މި މައްސަލަ އިސްތިއުނާފުކުރާ އަހްމަދު އިބްރާހިމްގެ ފަރާތުން ބުނެފައިވަނީ އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ހުކުމުގައި ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުންތައް ކަމަށްވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤު ވަޙީދު27 ގަޒިއްޔާ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ވ. އަޙްމަދު ވާޞިފް28 ގަޒިއްޔާގައި ވީޑިއޯ ހެއްކާ ބެހޭގޮތުން ނިންމާފައިވާ ނިންމުން ތަތުބީގުކޮށްފައި ނުވަނީ ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ކަމަށެވެ. ހައިކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވަނީ ސުޕްރީމް ކޯޓުގެ އެ ގަޒިއްޔާތަކުގައި ކަން ހިނގާފައިވާ ގޮތާއި އިސްތިއުނާފުކުރެވޭ ގަޒިއްޔާ ވާގިއީ ގޮތުން ތަފާތު ކަމަށެވެ. ހައިކޯޓުގެ މިނިންމުމާ އަހުރެންވެސް އެއްބަހެވެ. ސަބަބަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤު ވަޙީދު29 ގަޒިއްޔާ އާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ވ. އަޙްމަދު ވާޞިފް30 ގަޒިއްޔާގައި ހަވާލާދޭ ވީޑިއޯ ގެ މައްޗަށް ބުރަވެވިފައި ނުވަނީ އެ ވީޑިއޯ އަށް ބާރުދޭ އެހެން އިތުރު ހެއްކެއް ނެތުމުންނެވެ. މި މައްސަލައިގައި ޓްރައިބިއުނަލުގައި ހެކިބަސްދީފައިވާ ޝަފަހީ ހެކީންގެ ހެކިބަހުން ކަންހިނގާފައިވާ ގޮތް ކަމަށް އެ ވީޑިއޯ އިން ފެންނަގޮތްކަމަށް ތަހުގީގުކޮމިޓީއިން ބުނާގޮތުގެ މައްޗަށް ބާރު ލިބެއެވެ.
46މި މައްސަލައިގައި ލިބިފައިވާ ހެކިތަކަށް ބަލާއިރު، 14 ފެބްރުއަރީ 2020 ގައި ޑިއުޓީ ފްރީ ސްޓޯރަށް ގެންދަން އަޙްމަދު އިބްރާހިމްއާ ހަވާލުކުރި ސެންޓު ފުޅިތައް ޖީބަށް ލީތަން ވީޑިއޯއިން ފެންނަކަމަށް ތަހުގީގު ކޮމިޓީއިން ބުނި ބުނުމަށް އަޙްމަދު އިބްރާހިމް އިންކާރެއް ނުކުރެއެވެ. ޖެހިގެން އައި (ފެބްރުއަރީ 15) ދުވަހު މެންދުރު ފަހުގެ ގަޑިއެއްގައި އެތަކެތި އަނބުރާ ގެނެސް އެތަކެތި ބެހެއްޓިތަން ވީޑިއޯ އިން ފެންނަކަމަށް ތަހުގީގު ކޮމިޓީގެ ރިޕޯޓުގައި ފާހަގަކުރިކުރުމަށް އަޙްމަދު އިބްރާހިމް އިންކާރެއް ނުކުރެއެވެ. ޖެހިގެން އައިދުވަހު އެތަކެތި ގެއްލިގެން އުޅުމުން އެ ސެންޓު ފުޅިތަކާ ގުޅިގެން މުވައްޒަފުންނާ ސުވާލުކުރުމުން ސެންޓުފުޅިތައް ނުގެންނަ ކަމަށް އަޙްމަދު އިބްރާހިމް ބުނެފައި ވެއެވެ. އަދި 15 ފެބްރުއަރީގައި އަޙްމަދު ޝަމްއާން ސުވާލުކުރުމުން އެ ސެންޓު ފުޅިތައް ގެއަށް ގެންދެވުނީ ކަމަށް އަޙްމަދު އިބްރާހިމް ބުނެފައި ވެއެވެ. އަދި ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި 15 ވަނަ ދުވަހު ހަވީރު އެ ސެންޓުފުޅިތައް އަހްމަދު އިބްރާހިމް ބެކްސްޓޯރުގައި އިންނަ ވަތްގަނޑަށް ލާތަން ފެނެއެވެ. އަދި ފަހުން އެ ސެންޓު ފުޅިތައް އެތަނުން ނަގައި ސުޕަވައިޒަރަށް ދައްކައި އެތަނަށް އެ ގެނައީ އެހެން މުވައްޒަފަކު ކަން ދޭހަވާ ގޮތަށް ވާހަކަ ދައްކާފައި ވެއެވެ. މި ހެކިތަކުގެ މައްޗަށް ބަލާއިރު ކަންހިނގާފައިވާ ގޮތް ކަމަށް ބޮޑަށް ބުރެވެވެނީ އެމްއޭސީއެލްގެ ތަހުގީގު ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތެވެ.
47ޕްރިސިޑެންސް 9މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލައި، ވަޒީފާދޭ ފަރާތުން އަޅާފައިވާ ފިޔަވަޅަކީ ވަޒީފާދޭ ފަރާތަށް އެޅެން އޮތް އެންމެ ބޮޑު ފިޔަވަޅުކަމަށްވާ ނޯޓިސް ދިނުމެއް ނެތި މުވައްޒަފު ވަޒީފާއިން ވަކިކުރުން ކަމަށްވާއިރު، އެ ފިޔަވަޅަކީ މި ކޯޓުން ކުރިން ނިންމާފައިވާ އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް31 ގަޒިއްޔާގެ ހުކުމުގައި ބަޔާންކޮށްފައިވާ ފަދަ ވަޒީފާދޭ ފަރާތާއި މުވައްޒަފާ ދެމެދު އޮތް ގުޅުން އިއާދަނުކުރެވޭ މިންވަރަށް ވަކިވާފަދަ ޣައިރު ސުލޫކީ އަމަލެއްތޯ ބަލާއިރު، މި މައްސަލައިގައި ތުހުމަތުކުރެވުނު އަމަލަކީ ވަޒީފާދޭ ފަރާތުގެ އަމާނާތްތެރިކަމާއި އިތުބާރާމެދު ސުވާލު އުފެދޭ އަމަލަކަށް ވުމުން، މި މައްސަލައިގައި ނޯޓިސް ދިނުމެއްނެތި އެމްއޭސީއެލްގެ ވަޒީފާއިން އަޙްމަދު އިބްރާހިމް ވަކިކުރަން ނިންމި ނިންމުމަކީ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށް ނުދެކެމެވެ.
ނިންމަން ފެންނަ ގޮތް
48މަތީގައި ފާހަގަކުރި ސަބަބުތައް އެހެންހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/406 ގަޒިއްޔާގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް އޮތް ކަމަށް ނުފެނެއެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު
49މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
50މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
މި ގަޒިއްޔާ ބަލައި ޙުކުމް ކުރީ:
އަޒްމިރާލްދާ ޒާހިރު ޙުސްނުއްސުޢޫދު ޢާއިޝާ ޝުޖޫން މުޙައްމަދު (ރިޔާސަތު) ދެންފަހެ، މަތީގައި ފާހަގަކުރި ސަބަބުތައް އެހެންހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/406 ގަޒިއްޔާގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް މި މައްސަލަ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާގުން ނިންމައިފީމެވެ.
1 ނަންބަރު (T)HR/2020/33 (9 މާރިޗު 2020) "ޓާރމިނޭޝަން ސްލިޕް"
2 ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 63/VTR/2020 މައްސަލަ
3 އެމްއޭސީއެލްގެ ޕޮލިސީ ނަންބަރު MACL-HR/PLC/2016/012
4 އބމ 1
9 ޤާނޫނު ނަންބަރު 2010/13
10 ސުޕްރީމް ކޯޓުގެ އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް ގަޒިއްޔާ
11 2019/SC-A/36
12 2014/SC-A/08
13 ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2008/02)، 21 ވަނަ މާއްދާ.
14 އބމ، 27 ވަނަ މާއްދާ.
15 ޤާނޫނު ނަންބަރު 2008/02
16 ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަހްމާން ގަޒިއްޔާ، 2018/SC-A/49
17 2014/SC-A/27
18 އބމ 15
19 އބމ 17
20 އބމ 15
21 އބމ 17
22 2018/SC-A/49 ، 26 ވަނަ ޕެރެގްރާފް
23 2018/SC-A/49
24 އބމ
25 އބމ 23 ، 40 ވަނަ ޕެރެގްރާފް އިން 41 ވަނަ ޕެރެގްރާފަށް
26 އބމ 23
27 އބމ 8
28 އބމ 6
29 އބމ 8
30 އބމ 6
31 އބމ 17
2019/SC-A/300 [2021] SC 778
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާ، 23 ވަނަ މާއްދާގެ (ހ) އަދި (ށ)، 27 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) އަދި (2)
- ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- އެމްއޭސީއެލްގެ 'ސުލޫކީ ކަންކަމުގައި އިދާރީ ފިޔަވަޅު އެޅުމާބެހޭ ސިޔާސަތު' (HR/PLC/2016/012-MACL) ގެ އެނެކްސް 2 ގެ 17 ވަނަ ނަންބަރު
- 2018/SC-A/49 މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން
- 2014/SC-A/27 އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް
- 2019/SC-A/36 މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤު ވަޙީދު
- 2014/SC-A/08 މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ވ. އަޙްމަދު ވާޞިފް
- 2011/SC-A/36
- [2021] SC 18 އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް
- ބެންޗު
- ޑރ. އަޒްމިރާލްދާ ޒާހިރު (ރިޔާސަތު)، ޙުސްނުއްސުޢޫދު، ޢާއިޝާ ޝުޖޫން މުޙައްމަދު
- ރިޔާސަތު
- ޑރ. އަޒްމިރާލްދާ ޒާހިރު
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 14 ޖުލައި 2024 · ރަޖިސްޓްރީކުރީ 4 އޮގަސްޓް 2024 · ނިމުނީ 30 އޮކްޓޫބަރު 2024 (2.9 މަސް)