ސައިޓޭޝަން ކޮޕީ ކުރުމަށް
[2026] SC 07
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު، [2026] SC 07 (2026/SC-A/09)
Prosecutor General's Office v. Mohamed [2026] SC 07 (2026/SC-A/09, Supreme Court of the Maldives, 16 March 2026)
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން (އަމުރު ނަންބަރު B8/HRA/2025/12-145) ރައްކާތެރިކުރުމުގެ އަމުރު ނެރުނު ނަމަވެސް، ކޯޓުގެ ވަގުތާއި ވަސީލަތް ސަލާމަތްކުރުމަށް، އެކްސެސް ކޮންޓްރޯލްކުރެވި ލޮގް ބެލެހެއްޓޭ އިލެކްޓްރޯނިކް ނިޒާމަކުން ދިފާޢީ ވަކީލަށް ކޯޓުން ބޭރުގައި ވީޑިއޯތައް ބެލުމުގެ ފުރުޞަތު ދިނެވެ. ހައިކޯޓުން، ޒާއިފް ޤަޟިއްޔާގެ ބެލެންސްކުރުމުގެ އުޞޫލާ ޚިލާފެއް ނެތްކަމަށާއި އެއީ ފަނޑިޔާރުގެ އިޚްތިޔާރުގެ ތެރޭގެ ކަމެއްކަމަށް ބުނެ އެ އަމުރު ދެމެހެއްޓިއެވެ.
މުޙައްމަދުގެ މައްޗަށް ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރެ ޖިންސީ ޢަމަލެއް ހިންގުމުގެ ދަޢުވާ އުފުލުމާއެކު، އަނިޔާލިބުނު ކުއްޖާއާއި ހެކިބަސްދޭ އެހެން ކުއްޖެއްގެ ބަޔާނާއި އިންޓަވިއު ވީޑިއޯ ރެކޯޑިން ކޯޓުގައި ޝަރުޠުތަކާއެކު ބެލުމަށް ރައްކާތެރިކުރުމުގެ އަމުރަކަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އެދުނެވެ.
ދައުލަތުން ބުނީ ހައިކޯޓުގެ ނިންމުމަކީ ޤާނޫނުއަސާސީގެ 35، 68، 143 (ރ)، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 2 އާއި 33، އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 84 އާއި 107 އާ ޚިލާފު ނިންމުމެއް ކަމަށާއި، ގޫގަލް ޑްރައިވް ފަދަ ވަސީލަތަކުން ބޭރުގައި ބެލުމުން ހެކި ނަކަލުވެ ހާމަވެ ކުދިންގެ ކަރާމަތަށް އުނިކަން އަންނާނެކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުގެ ދިފާޢެއް ލިޔުމުގައި ނުފެނެއެވެ.
މައިގަނޑު ސުވާލު
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެއްގައި ހެކި ރައްކާތެރިކުރުމުގެ އަމުރެއްގެ ދަށުން ރައްކާތެރިކުރެވިފައިވާ ކުދިންގެ ބަޔާނާއި އިންޓަވިއު ވީޑިއޯ ރެކޯޑިންތައް، ދިފާޢުގެ ބޭނުމަށް އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް ކޯޓުން ބޭރުގައި ދިފާޢީ ވަކީލަށް ބަލައި ދިރާސާކުރުމުގެ ފުރުޞަތު ދެވިދާނެތޯ.
ނިންމި ގޮތް
ހައިކޯޓުގެ ޙުކުމް ބާޠިލު؛ ކްރިމިނަލް ކޯޓުގެ އަމުރުގައި ކޯޓުން ބޭރުގައި ހެކި ދިރާސާކުރުމުގެ ފުރުޞަތު ދިން ބައި ބާޠިލުކޮށް އަމުރުގެ ބާކީ ބައި ދެމެހެއްޓި
ރައްކާތެރިކުރެވުނު ހެކި ކޯޓުން ބޭރުގައި ބެލުމުގެ ފުރުޞަތު ދީފިނަމަ ކޯޓުގެ ފާރަވެރިކަން ނެތި، ހެކި ނަކަލުވެ ޢާއްމުވުމުގެ ފުރުޞަތު ވަރަށް ބޮޑުވާތީ، އެއީ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 131 ވަނަ މާއްދާގެ އަމުރުގެ މަޤުޞަދު ގެއްލޭ ކަމެކެވެ. ކޯޓުގައި ދަތިތައް ހުރިނަމަ ދައުލަތުގެ އިދާރާއެއްގައި ޝަރުޠުތަކާއެކު ބެލުމަށް އެންގިދާނެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޖިނާއީ ކުށެއްގެ ދަޢުވާ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި އުފުލިއްޖެނަމަ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ޙާލަތުގައި ދަޢުވާއާއި ދަޢުވާއާ ގުޅޭ އެންމެހައި ލިޔެކިޔުމުގެ ކޮޕީއެއް ދަޢުވާ ލިބޭ ފަރާތަށް ކޯޓުން ފޯރުކޮށްދިނުން ލާޒިމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17)
- ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ހެކި ހާމަނުކުރުމަށް، ހާމަކުރުން ފަސްކުރުމަށް، ނުވަތަ ވަކި ޝަރުޠުތަކެއްގެ މަތިން ހާމަކުރުމަށް ރައްކާތެރިކުރުމުގެ އަމުރަކަށް އެދުމުގެ އިޚްތިޔާރު ދައުލަތަށް ލިބިގެންވެއެވެ؛ އަދި ވަގުތީ އަމުރެއް ނެރުމުގެ ފުރުޞަތުވެސް ކޯޓަށް ލިބިގެންވެއެވެ. އެފަދަ އަމުރެއް ނެރުމުގައި ބަލާ އަސާސީ ހަމައަކީ ހެކި ހާމަކުރުމަކީ އިންޞާފުވެރި ގޮތެއް ނޫންކަމަށް ކޯޓަށް ޤަބޫލުކުރެވުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18–19)
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި ކުއްޖާގެ ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ޙައްޤާއި ދަޢުވާ ލިބޭ ފަރާތަށް އިންޞާފުވެރި ޝަރީޢަތެއް ލިބުމުގެ ޙައްޤު ބެލެންސްކުރުމުގައި، ހެކީގެ ބާވަތާއި ޝާއިޢުވުމުގެ އިޙްތިމާލާއި ވަށައިގެންވާ ކަންތައްތަކަށް ބަލައި، ހެކި ރައްކާތެރިކުރަންވާނީ އެ ހިނދަށް ޟަރޫރަތްތެރިވާ އެންމެ ކުޑަ މިންވަރަށެވެ؛ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހީމް ޒާއިފް ޤަޟިއްޔާގެ މި ޢާއްމު އުޞޫލުތަކަކީ އެހެން ގޮތަކަށް ކަނޑައެޅިފައި ނުވާހާ ހިނދަކު ޢަމަލުކުރެވިދާނެ ރަނގަޅު ހަމަތަކެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 20)
- ރައްކާތެރިކުރުމުގެ އަމުރުތަކުގައި އަޅާ ކޮންމެ ފިޔަވަޅަކާއެކު ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ދައުލަތަށް އޮންނަ ޒިންމާ ކޯޓުތަކުން ދަމަހައްޓަންވާނެއެވެ؛ ރައްކާތެރިކުރުމަށް ހުށަހެޅިފައިވާ ހެއްކެއް ކޮޕީކުރުމާއި ރެކޯޑުކޮށް ނަކަލުކުރުމާއި ކަމާނުގުޅޭ ފަރާތަކަށް ފެނުމަކީ ހުއްދަކުރެވޭނެ ކަންކަމެއް ނޫނެވެ. ރައްކާތެރިކުރެވޭ ހެކި ކޯޓުން ބޭރުގައި ބަލައި ދިރާސާކުރުމުގެ ފުރުޞަތު ދީފިނަމަ އެ ތަކެތީގެ މައްޗަށް ކޯޓަށް އޮތް ފާރަވެރިވުން ނެތިގެންދެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 21–22)
- ކޮންމެ ބާވަތެއްގެ ވަސީލަތަކުން ވިޔަސް ރައްކާތެރިކުރެވުނު ހެކި ކޯޓުން ބޭރުގައި ބެލުމުގެ ފުރުޞަތު ދީފިނަމަ، ހެކި ހާމަވުމާއި ނަކަލުކުރުމާއި ޢާއްމުވުމުގެ ފުރުޞަތު ވަރަށް ބޮޑުވާތީ، ކުދިންގެ އިންޓަވިއު ވީޑިއޯ ރެކޯޑިން ދިފާޢުގެ ބޭނުމަށް ކޯޓުން ބޭރުގައި ބެލުމުގެ ފުރުޞަތު ދިނުމަކީ އުޞޫލުތަކާ އެއްގޮތް ކަމެއް ނޫނެވެ؛ އެއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 131 ވަނަ މާއްދާގެ ދަށުން ރައްކާތެރިކުރުމުގެ އަމުރަށް އެދުމުގެ ބޭނުން ކެނޑުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 26–27)
- ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޒިންމާއަކީ ކޯޓުތައް ހިމެނޭގޮތަށް ދައުލަތުގެ ހުރިހާ އިދާރާއެއްގެ ޒިންމާއެވެ. ކޯޓުތަކުގައި ހެކި ދިރާސާކުރުމުގެ ވަސީލަތާއި އިންތިޒާމަށް ދަތިތައް ހުރިނަމަ، ކަނޑައެޅޭ ހަރުދަނާ އުޞޫލުތަކާއި ޝަރުޠުތަކާއެކު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ނުވަތަ ކޯޓަށް ޤަބޫލުކުރެވޭ ދައުލަތުގެ އިދާރާއެއްގައި ދިފާޢުގެ ބޭނުމަށް ހެކި ދިރާސާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް އެންގުމުގެ އިޚްތިޔާރު މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 28–29)
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2026] SC 07 2026/SC-A/09 ޝަރީޢަތް ނިމުނުގޮތް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ފަނޑިޔާރު ޢަބްދުﷲ ޙަމީދު ނިމުނު ތާރީޚު 16 މާރޗް 2026
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2026/HC-B12/5 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް މުޙައްމަދު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤާނޫނީ ވަކީލު: ޕަބްލިކް ޕްރޮސިކިއުޓަރ ފާޠިމަތު މީޝާ، ޕަބްލިކް ޕްރޮސިކިއުޓަރ އަލްމާސް މުބާރިކް
ޖިނާއީ – ހެކި ރައްކާތެރިކުރުމުގެ އަމުރު –
ފިހުރިސްތު
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދު ތާއީދުކުރައްވާފައި) 1
ތަޢާރަފް 1
ދަށު ކޯޓުގެ މަރުޙަލާ 2
ދިވެހިރާއްޖޭގެ ހައިކޯޓުގެ މަރުޙަލާ 4
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު 6
އިސްތިއުނާފީ ނުކުތާތަކުގެ ޚުލާސާ 7
ރައްކާތެރިކުރުމުގެ އަމުރު 9
ރައްކާތެރިކުރެވޭ ހެކިބަލައި ދިރާސާކުރުމުގެ ފުރުސަތު ކޯޓުން ބޭރުގައި ދެވިދާނެތޯ 10
މައްސަލަ ނިންމަން ފެންނަ ގޮތާއި ނަތީޖާ 13
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު 13
ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު 14
ޙުކުމް 14
` ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު [2026] SC 07 ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދު ތާއީދުކުރައްވާފައި) ތަޢާރަފް
1މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-B12/5 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (މީގެފަހުން "ދައުލަތް" ކަމަށް ބުނެފައިވާ) ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލުނު މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، މުޙައްމަދު1 (މީގެ ފަހުން " މުޙައްމަދު" ކަމަށް ބުނެފައިވާ ފަރާތް) އެވެ.
2މުޙައްމަދުގެ މައްޗަށް ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު2ގެ ދަށުން ކުޑަކުއްޖަކު އިތުބާރު ކުރަންޖެހޭ މަޤާމެއްގައިހުރި މީހަކު އެ ކުއްޖާއާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ދައުލަތުން އުފުލާފައެވެ. މިއާއެކު މި މައްސަލައިގައި ހިމެނޭ ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އެދުނެވެ. މިގޮތުން، މި އަމުރުގައި މުޙައްމަދު ("ދަޢުވާ ރައްދުވާ ފަރާތް") ދިފާޢުވުމަށްޓަކައި ޝަރުޠުތަކާއެކު ބަލައި ދިރާސާކުރުމަށް އެދޭ ހެކިތަކާއި އަދި މުޖުތަމަޢުގެ ތެރެއަށް ހެކި ހާމަނުވާނެ ގޮތެއްގެ މަތިން، ޝަރުޠުކުރެވި ދިފާޢުވުމަށްޓަކައި މުޙައްމަދަށް ދޫކުރެވޭ ހެކިތަކެއް ބަޔާންކޮށްފައިވެއެވެ. މި ބުނެވުނު ހެކިތަކުގެ ތެރެއިން މި އިސްތިއުނާފުގައި ޙަވާލާދެނީ ޝަރުޠުތަކާއެކު ދަޢުވާ ރައްދުވާ ފަރާތުގެ ދިފާޢުގެ ބޭނުމަށްޓަކައި ކޯޓުގައި ބެލުމަށް ފަހިކޮށްދީފައިވާ ހެކިތަކާގުޅޭގޮތުންނެވެ. ސުވާލު އުފެދިފައިވަނީ ކޯޓުގައި ޝަރުޠުތަކާއެކު ބެލުމަށް ފުރުޞަތު ދެވޭ ހެކިތަކެއް، ކޯޓުން ބޭރުގައި ހުރެ ވަޞީލަތެއް ނުވަތަ އާލަތެއް މެދުވެރިކޮށް ދިފާޢީ ވަކީލަށް ބެލުމުގެ ފުރުޞަތު ދަށު ކޯޓުން ފޯރުކޮށްދީފައި އޮންނަ އޮތުމުގެ މައްޗަށެވެ. މި ނިންމުމާމެދު ދައުލަތުން ހިތްހަމަ ނުޖެހިގެން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ.3
3ދިވެހިރާއްޖޭގެ ހައިކޯޓުންވަނީ ދަށު ކޯޓުގެ މި ނިންމުމަށް ތާއީދުކޮށްފައެވެ. ކުރިމަތީގައި މިއޮތީ ދިވެހިރާއްޖޭގެ ހައިކޯޓުގެ އެ ނިންމުން ދައުލަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ބެލެމުންދާ މައްސަލައެވެ.
ދަށު ކޯޓުގެ މަރުޙަލާ
4ދައުލަތުން ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދުނެވެ.4 މިގޮތުން ހެކި ރައްކާތެރިކޮށް ދިނުމަށް އެދި ހުށަހަޅާފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
(ހ) ޝަރީޢަތުގެ މަރުޙަލާގައި މައްސަލަ ބަލާ ފަނޑިޔާރު ކަނޑައަޅާ ޝަރުޠަކާ އެއްގޮތަށް އެ ތަކެތި ބަލައި ދިރާސާކުރުމުގެ އިންތިޒާމު ކޯޓުގައި ހަމަޖައްސައިދިނުމަށް އެދޭ ހެކި.
(ށ) މުޖުތަމަޢުގެ ތެރެއަށް ހެކި ޢާންމު ނުވާނެ ގޮތެއްގެ މަތިން ޢަމަލުކުރުމަށް ދަޢުވާލިބޭ މީހާ އާއި ދިފާޢީ ވަކީލުގެ މައްޗަށް ޝަރީޢަތުން ޝަރުޠުކުރުމަށްފަހު ހާމަކުރަން އެދޭ ހެކި.
5މި ބުނެވުނު ހެކިތަކުގެ ތެރެއިން ކޯޓުގައި ދިރާސާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް އެދިފައިވަނީ މި މައްސަލައިގައި އަނިޔާ ލިބުނު ކުއްޖާގެ ބަޔާނާއި އިންޓަވިއު ވީޑިއޯ ރެކޯޑިން އާއި ހަމަ މި މައްސަލައިގައި ހެކިބަސްދޭ އެހެން ކުޑަކުއްޖެއް ތަޙްޤީޤަށް ދީފައިވާ ބަޔާނާއި އިންޓަވިއު ވީޑިއޯ ރެކޯޑިންއެވެ ("ކުދިންގެ އިންޓަވިއު ވީޑިއޯ ރެކޯޑިން"). އަދި ޝަރުޠުތަކާއެކު ހާމަކުރުމަށް އެދޭ ހެކީގެ ގޮތުގައި ބަޔާންކޮށްފައިވަނީ މެޑިކޯ- ލީގަލް ރިޕޯޓާއި، ސައިކޮލޮޖިކަލް އެސެސްމެންޓް ރިޕޯޓާއި، އިޖްތިމާޢީ ޙާލަތު ދެނެގަތުމާއި ބެހޭ ރިޕޯޓާއި އަދި ފުލުހުންގެ މޯބައިލް ފޮރެންސިކް ރިޕޯޓާއި އެ ރިޕޯޓުގެ ސީޑީ އެވެ.
6ކްރިމިނަލް ކޯޓުން ވަނީ ހެކި ރައްކާތެރިކުރުމުގެ އަމުރެއް ނެރެދީފައެވެ.5 މި އަމުރުގައި ދައުލަތުން ސުވާލު އުފައްދަނީ ކުދިންގެ ވީޑީއޯ ރެކޯޑިން ބަލައި ދިރާސާކުރުމަށް ކްރިމިނަލް ކޯޓުން ނިންމިގޮތުގެ މައްޗަށެވެ. ކްރިމިނަލް ކޯޓުން މި އަމުރު ނެރުމުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
(ހ) ފުރަތަމަ ކަމަކީ، މި އަމުރުގައި ހެކި ރައްކާތެރިކޮށްދޭ ސަބަބެއް ކަމުގައި ބަޔާންކޮށްފައިވަނީ، މި ހެކިތަކަކީ ކުޑަކުދިންގެ ވީޑިއޯ ހިމެނޭ ހެކި ކަމަށްވާތީ، މި ހެކިތަކަކީ ހެކި ހާމަކޮށްފިނަމަ ކުދިންގެ ކަރާމަތަށް އުނިކަމެއް އަތުވެދާނެފަދަ ޒާތީ މަޢުލޫމާތު ޢާންމުވުމުގެ ދޮރު ހުޅުވިގެންދާނެ ހެކިތަކެއް ކަމަށް ދެކޭކަން،
(ށ) ދެވަނަ ކަމަކީ، މި ހެކިތަކުން ސާބިތުކުރުމަށް ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު، ދިފާޢު ބިނާކުރުމަށް މުހިންމު ހެކިތަކެއް ކަމަށްވެސް ބުރަވެވޭތީ، ކުޑަކުދިންގެ ކަރާމަތާއި ޒާތީ ދިރިއުޅުމުގެ ޙައްޤާއި ޢާންމު ސިޔާސަތު ނެގެހެއްޓުމުގެ މަޞްލަޙަތު ބެލެންސްކުރެވޭނެ މިންގަނޑަކުން ނިންމުމެއް ނިންމާކަމަށްވާނަމަ، އެ ނިންމުމަކަށްވާނީ، ކޯޓުގައި މި ހެކިތައް (ކުއްޖާގެ ވީޑިއޯ ހިމެނޭ ސީޑީތައް) ބަލައި ދިރާސާކުރުމަށް ފުރުޞަތު ލިބޭގޮތަށް އެ މިންވަރަށް ރައްކާތެރިކޮށް ޙިމާޔަތްކުރުން ކަމުގައި ބުރަވެވޭ ކަން، އަދި
(ނ) ތިންވަނަ ކަމަކީ، ހެކިތައް ދިރާސާކުރުމަށް ގިނަ ވަގުތު ހޭދަވާނެތީއާއި، ކޯޓުގެ ވަގުތާއި ވަޞީލަތްތައް ސަލާމަތްކުރުމަށްޓަކައި، ކޯޓުގައި ހެކި ދިރާސާކުރުމުގެ ބަދަލުގައި އެހެން އިންތިޒާމެއް ހަމަޖެއްސުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭތީ، އެގޮތުން ޝަރީޢަތް ދިގުލައިގެން ދިޔަ ނުދިނުމަށްޓަކައި، ދިފާޢީ ވަކީލަށް އެކަނި ވަދެވޭގޮތަށް، ކޯޓުން ކަނޑައަޅާ ވަކި ވަގުތުތަކެއްގައި އެކްސެސް ކޮންޓްރޯލްކުރެވި، ލޮގް ބެލެހެއްޓޭނެ ނިޒާމެއްގެ ތެރެއިން، އިލެކްޓްރޯނިކް ވަޞީލަތެއް މެދުވެރިކޮށް ކޯޓުން ބޭރުގައި ހުރެގެން ލިޔުންތައް ބެލުމުގެ ފުރުޞަތު ފަހިކޮށް ދެވިދާނެކަން.
7ކްރިމިނަލް ކޯޓުގެ މި ނިންމުން ދައުލަތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ މަރުޙަލާ
8ކްރިމިނަލް ކޯޓުގެ މި ނިންމުން އިސްތިއުނާފު ކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2026/HC-B12/5 ޤަޟިއްޔާއިންނެވެ.
9މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކޮށްފައިވަނީ، ކްރިމިނަލް ކޯޓުގެ އަމުރަށް ބަދަލު ގެންނަންޖެހޭފަދަ ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައެވެ.
10ދިވެހިރާއްޖޭގެ ހައިކޯޓުން އިސްވެ ބުނެވުނު ނިންމުމަށް ވާޞިލުވުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށްފައިވާކަން އެނގެއެވެ.
(ހ) މި ބާވަތުގެ މައްސަލަތަކުގައި ކުއްޖާގެ ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ޙައްޤާއި، ދަޢުވާލިބޭ ފަރާތަށް އިންސާފުވެރި ޝަރީޢަތެއް ލިބުމުގެ ޙައްޤު ބެލެންސްކުރުމުގައި، ހެކީގެ ބާވަތާއި، އެ ހެކިތައް ޢާންމުވެ ޝާއިޢުވުމުގެ އިޙްތިމާލު އޮތް މިންވަރާއި، ވަށައިގެންވާ އެންމެހައި ކަންތައްތަކަށް ބަލައި، ހެކި ރައްކާތެރި ކުރަންވާނީ އެ ހިނދަށް ޟަރޫރަތްތެރިވެގެންވާ އެންމެކުޑަ މިންވަރަށް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހީމް ޒާއިފް6، މައްސަލައިގައި ކަނޑައަޅާފައިވާއިރު، ކްރިމިނަލް ކޯޓުގެ އަމުރަކީ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހީމް ޒާއިފް7 މައްސަލައިގައި ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލާ ޚިލާފު ނިންމުމެއް ކަމަށް ނުދެކޭކަން،
(ށ) މި މައްސަލައިގައި ދަށުކޯޓުން ވަކި ޤައިދުތަކަކާއެކު ދިފާޢީ ވަކީލުން ކޯޓުން ބޭރުގައި ހުރެ ލިޔެކިއުން ބެލުމުގެ އިންތިޒާމު ހަމަޖެއްސުމަށް ދަށު ކޯޓުގެ ފަނޑިޔާރަށް އިޚްތިޔާރު ލިބިފައިވާކަމާއި، ދަށު ކޯޓުގެ ފަނޑިޔާރުގެ އިޚްތިޔާރީ ބާރުގެ ތެރެއަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ8 މި ޤަޟިއްޔާގެ ތަރަހައިގެ ތެރެއިން އިސްތިއުނާފީ މަރުޙަލާގައި ވަންނަންޖެހޭފަދަ ޤާނޫނީ ސަބަބެއް އޮތްކަމަށް ނުދެކޭކަން؛ އަދި
(ނ) ކްރިމިނަލް ކޯޓުގެ ހެކި ރައްކާތެރިކުރުމުގެ އަމުރުގައި މި މައްސަލައިގައި ހިމެނޭ ކުޑަކުދިންގެ ވީޑިއޯ ރެކޯޑިން ކޯޓުގައި ބެލުމުގެ އިތުރަށް، ރައްކާތެރި އިލެކްޓްރޯނިކް ނިޒާމުގެ ތެރެއިން ދިފާޢީ ވަކީލުންނަށް ކޯޓުން ބޭރުގައި ބެލޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ދަށު ކޯޓުން ނިންމާފައިވާ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމަށް ދައުލަތުން ޙަވާލާދީފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއާއި9 ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ10 2 ވަނަ މާއްދާގެ (ހ) އާއި (ށ)11 އާއި، އެ ޤާނޫނުގެ 33 ވަނަ މާއްދާ12 އާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާ13 އާއި 143 ވަނަ މާއްދާގެ (ރ)14 އާ ޚިލާފަށްކަމަށް ބަލަންޖެހޭ ޤާނޫނީ ނުވަތަ ޝަރުޢީ ސަބަބެއް ނެތްކަން.
11މި ބުނެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ދައުލަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު
12ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-B12/5 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫން ކަމަށް ދެކި އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވަނީ 02 (ދޭއް) ނުކުތާއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2026/HC-B12/5 ޤަޟިއްޔާއިން ނިންމަވާފައިވާ ނިންމެވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާ15 އާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ހ) އާއި (ށ)16 އާއި، 33 ވަނަ މާއްދާ17 އާއި، ޤާނޫނުއަސާސީގެ 68 ވަނަ މާއްދާ18 އާއި 143 ވަނަ މާއްދާގެ (ރ)19 އާ ޚިލާފަށް ނިންމަވާފައިވާ ނިންމުމެއް ކަމުގައިވުން؛
(ށ) ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2026/HC-B12/5ޤަޟިއްޔާއިން ނިންމަވާފައިވާ ނިންމެވުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ20 84 ވަނަ މާއްދާ އާއި21 107 ވަނަ މާއްދާއާ22 ޚިލާފަށް ނިންމަވާފައިވާ ނިންމުމެއް ކަމުގައިވުން.
އިސްތިއުނާފީ ނުކުތާތަކުގެ ޚުލާސާ
13މި އިސްތިއުނާފުގައި ދައުލަތުން ހުށަހަޅާފައިވަނީ އިސްތިއުނާފީ ދެ ނުކުތާއެވެ. މި ދެ ނުކުތާގެ ތަފްޞީލުގައި ހުށަހަޅާފައިވާ ކަންކަމަށް ނަޒަރު ކުރާއިރު، ދައުލަތުގެ މި އިސްތިއުނާފު ބިނާކުރާ ސަބަބަކީ، ޖިނާއީ މައްސަލަތަކުގައި ހެކި ރައްކާތެރިކުރުމުގެ މަޤްޞަދަކީ އެ ހެކި ހާމަވުމުގެ ސަބަބުން މައްސަލައިގައި ހިމެނޭ އަނިޔާލިބޭ ފަރާތްތަކަށް އެކަމުގެ ސަބަބުން ރައްކާތެރިކަން ދިނުމެވެ.
14އެގޮތުން މި މައްސަލައަށް ބަލައިފިނަމަ، އެ ކަން އެގޮތުގެ މަތިން ޢަމަލުކޮށްފައި ނުވާކަމަށް ދައުލަތުން ދެކެއެވެ. މިހެން ދައުލަތުން ފާހަގަކުރާ ސަބަބަކީ، ކޯޓުން ކަނޑައަޅާ ވަކި ވަގުތުތަކެއްގައި އެކްސެސް ކޮންޓްރޯލްކުރެވި، ލޮގް ބެލެހެއްޓޭނެ ނިޒާމެއްގެ ތެރެއިން، ވަޞީލަތެއް ނުވަތަ އާލަތެއް މެދުވެރިކޮށް ކޯޓުން ބޭރުގައި ހުރެގެން ލިޔުންތައް ބެލުމުގެ ފުރުޞަތު ފަހިކޮށް ދެވިދާނެކަމަށް ކްރިމިނަލް ކޯޓުން ނިންމާފައި އޮންނަ ނިންމުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއީދުކޮށްފައިވާތީއެވެ.
15ނަތީޖާއަކީ، މި މައްސަލައިގައި ރައްކާތެރިކުރުމަށް އެދިފައިވާ ކުދިންގެ އިންޓަވިއު ރެކޯޑިންއަކީ މައްސަލައިގައި އަނިޔާ ލިބުނު ކުއްޖާގެ އިތުރަށް އެހެން ކުޑަކުއްޖަކު ގާތުގައި އަނިޔާ ލިބުނު ކުއްޖާއާމެދު ކަންހިނގާދިޔަގޮތް ކިޔައިދިނުމުން އެ ކަންކަން ބަޔާންކޮށް އެ ކުއްޖާ ދީފައިވާ ބަޔާނުގެ ވީޑިއޯ ރިކޯޑިން ކަމަށްވެފައި އެ ތަކެތީގެ ރައްކާތެރިކަން ގެއްލި ހާމަވުމެވެ. މި ކަމުގެ ސަބަބުން މި މައްސަލައިގައި ހިމެނޭ ކުޑަ ދެ ކުދިންގެ ކަރާމަތަށް އުނިކަމެއް އައުމާއި ޒާތީ މަޢުލޫމާތެއް ހާމަވުމަށް ދޮރު ހުޅުވިދާނެކަމަށް ދެކި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ޙަވާލާދެވި ކުއްޖާގެ އެންމެ މަތީ މަޞްލަޙަތު ޙިމާޔަތްކުރުމަށް ކޯޓަށް އޮންނަ ޒިންމާއިން އެއްކިބާވެފައިވާކަމަށް ދައުލަތުން މި އިސްތިއުނާފުގައި ފާހަގަކޮށްފައިވާ މައިގަނޑު ކަންކަމުގެ ތެރޭގައި ހިމެނެއެވެ.
16އެހެންކަމުން، ދަށު ކޯޓުން ފެށިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްތިއުނާފީ މި މަރުޙަލާއާ ހަމައަށް ފުރޮޅެމުން އައިސްފައިވާ ބަހުސަކީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ފަދަ ޙައްސާސީ މައްސަލަތަކުގައި ދަޢުވާ ލިބޭ ފަރާތުގެ ދިފާޢުގެ ބޭނުމަށްޓަކައި ރައްކާތެރިކުރުމަށް ހުށަހެޅިފައިވާ ހެކި ކޯޓުން ބޭރުގައި ބެލުމުގެ ފުރުސަތު ދެވިދާނެތޯ ކުރެވޭ ސުވާލާ ގުޅޭގޮތުންނެވެ. އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޖަވާބެއް ލިބެންޖެހެނީ މި ކަމުގެ މައްޗަށެވެ.
ރައްކާތެރިކުރުމުގެ އަމުރު
17ޕްރިސިޑެންސް 1ޖިނާއީ ކުށެއްގެ ދަޢުވާ، އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި އުފުލިއްޖެނަމަ އެ ދަޢުވާ އާއި ދަޢުވާއާ ގުޅޭ އެންމެހައި ލިޔެކިއުމުގެ ކޮޕީއެއް ދަޢުވާލިބޭ ފަރާތަށް އެހެންގޮތަކަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައި ނުވާ ޙާލަތުގައި ކޯޓުން ފޯރުކޮށްދިނުން ލާޒިމެވެ.23
18ޕްރިސިޑެންސް 2ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައިވާ ގޮތުގެ މަތިން24 ބައެއް ޙާލަތްތަކުގައި ހެކި ހާމަ ނުކުރުމަށް ނުވަތަ ވަކި މިންވަރަކަށް އެކަނި ހާމަކުރުމަށް، ނުވަތަ ހެކި ހާމަކުރުން ފަސްކުރުމުގެ ރައްކާތެރި އަމުރަކަށް ހުށަހެޅުމުގެ އިޚްތިޔާރު ދައުލަތަށް ލިބިފައިވާކަން އެނގެއެވެ. މިގޮތުން، ހުށަހަޅައިފި ހިނދަކު،
(ހ) ކޯޓުން ހެކި ހާމަނުކުރުމަށް އަމުރު ނެރުން ނުވަތަ،
(ށ) ހާމަކުރުން ފަސްކުރުމުގެ އަމުރު ނެރުން، އަދި
(ނ) ކަނޑައެޅޭ ވަކި ޝަރުޠުތަކެއްގެ މަތިން ހެކި ހާމަކުރުމުގެ އަމުރު ކޯޓުން ނެރުން، ހިމެނެއެވެ.
19މި ބުނެވުނު ފަދަ އަމުރަކާ މެދު ކޯޓުން ގޮތެއް ނިންމުމުގެ ކުރިއަށް، ހެކި ރައްކާތެރިކޮށްދިނުމަށް އެދި ނުވަތަ މަޢުމޫލާތު ލިބުން މަނާކުރުމުގެ ވަގުތީ އަމުރެއް ނެރުމުގެ ފުރުޞަތުވެސް ކޯޓަށް ލިބިގެން ވެއެވެ. މި އަމުރު/ތައް ނެރުމުގައި ބަލާ އަސާސީ ހަމައަކީ ހެކި ހާމަކުރުމަކީ އިންޞާފުވެރިގޮތް ނޫންކަމަށް ކޯޓަށް ޤަބޫލުކުރެވުމެވެ.25
20ޕްރިސިޑެންސް 3މި މަގުން ކަންކަން ވަޒަންކުރުމުގައި މި ބާވަތުގެ މައްސަލަތަކުތައި މިހާތަނަށް ދިވެހިރާއްޖޭގައި ޙަވާލާދެވޭ މަރުޖިޢަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް ވ. އިބްރާހީމް ޒާއިފް މުޙައްމަދު26 ޤަޟިއްޔާގައި ބަޔާންކުރާ ޢާންމު އުސޫލުތަކެވެ. މި ޤަޟިއްޔާގައި އެކަށައަޅާފައިވާ ކަންކަމަށް ބަލާއިރު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި ކުއްޖާގެ ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ޙައްޤާއި ދަޢުވާ ލިބޭ ފަރާތަށް އިންޞާފުވެރި ޝަރީޢަތެއް ލިބުމުގެ ޙައްޤު ބެލެންސްކުރުމުގައި ހެކީގެ ބާވަތާއި، އެ ހެކިތައް ޢާންމުވެ ޝާއިޢުވުމުގެ އިޙްތިމާލު އޮތް މިންވަރާއި، ވަށައިގެންވާ އެންމެހައި ކަންތައްތަކަށް ބަލައި ހެކިރައްކާތެރި ކުރަންވާނީ އެހިނދަށް ޟަރޫރަތްތެރިވެގެންވާ އެންމެ ކުޑަ މިންވަރަށް ކަމަށް ބަޔާންކޮށްފައެވެ. މި ދެންނެވި ކަންކަމަކީ އެހެން ގޮތަށް ކަނޑައެޅި ބަޔާންކުރެވިފައި ނުވާ ހިނދަކު، މިހާރުވެސް ޢަމަލުކުރެވިދާނެ ރަނގަޅު ހަމަތަކެވެ.
21ޕްރިސިޑެންސް 4މި ބާވަތުގެ އަމުރުތަކުގައި އަޅާ ކޮންމެ ފިޔަވަޅަކާ އެކީގައި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދީ ޙިމާޔަތްކޮށްދިނުމަށް ދައުލަތުގެ މައްޗަށް މަތިކޮށްފައި އޮންނަ ޒިންމާ ކޯޓުތަކުން ދަމަހައްޓަންވާނެއެވެ. ކަން މިހެން އޮތްއިރު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި ހުށަހެޅޭ ހެކިތަކަކީ ހާމަވެއްޖެނަމަ އަނިޔާލިބޭ ކުދިންގެ ކަރާމަތާއި ޒާތީ ދިރިއުޅުމުގެ ޙައްޤަށް އުނިކަން ލިބި އިންސާފު ޤާއިމުކުރުމަށް ހުރަސްތަކެއް ކުރިމަތިވުން ވަރަށް ބޮޑެވެ. ރައްކާތެރިކުރުމަށް ހުށަހެޅިފައި އޮންނަ ހެއްކެއް ކޮޕީ ހެއްދުމާއި، ރެކޯޑުކޮށް ނަކަލު ކުރުމަކީ ހުއްދަކުރެވިދާނެ ކަންކަމެއް ނޫނެވެ. ކަމާނުގުޅޭ އެއްވެސް ފަރާތަކަށް މި ތަކެތި ފެނުމަކީ އެއްވެސް މިންވަރަކަށް ހުއްދަކުރެވޭނެ ކަންކަމެއް ނޫނެވެ.
22އެހެންކަމުން، މި މަގުން ރައްކާތެރިކުރުމަށް ހުށަހެޅޭ ހެކިތަކެއް ބަލައި ދިރާސާކުރުމުގެ ފުރުސަތު ކޯޓުން ބޭރުގައި ދެވިއްޖެނަމަ، ކޯޓަށް އެ ތަކެތީގެ މައްޗަށް އޮތް ފާރަވެރިވުން ނެތުނީއެވެ.
ރައްކާތެރިކުރެވޭ ހެކިބަލައި ދިރާސާކުރުމުގެ ފުރުޞަތު ކޯޓުން ބޭރުގައި ދެވިދާނެތޯ
23މި މައްސަލައިގައި ކަންހިނގައިވާގޮތަށް ބަލައި، ކުދިންގެ އިންޓަވިއު ވީޑިއޯ ރެކޯޑިން ކޯޓުން ބޭރުގައި ބަލައި ދިރާސާކުރުމުގެ ފުރުޞަތުވަނީ ދަޢުވާ ރައްދުވާ ފަރާތުގެ ދިފާޢަށް ފަހިކޮށްދިނުމަށް ނިންމާފައެވެ.
24އެ ގޮތުން ކްރިމިނަލް ކޯޓުން މި ކަމުގައި ނިންމާފައިވަނީ ތަކެތި ބަލައި ދިރާސާކުރުމަށް ކޯޓުގައި ފުރުޞަތު ދިނުމުގައި ގިނަ ދުވަސްތަކާއި ވަޞީލަތްތަކެއް ބޭނުންވާނެތީވެ ދިފާޢީ ވަކީލަށް އެކަނި އެކްސެސް އޮންނާނެ ގޮތަށް ކޯޓުން ކަނޑައަޅާ ވަކި ވަގުތެއްގައި އެ ތަކެތި ބެލޭނެގޮތަށް އެކްސެސް ކޮންޓްރޯލްކޮށް ލޮގް ބެލެއްޓޭނެ ނިޒާމެއް ހަމަޖެހޭނަމަ، އެ ވަޞީލަތެއް މެދުވެރިކޮށް ދިފާޢީ ވަކީލަށް ކޯޓުން ބޭރުގައި ހުރެގެން ޙަވާލާދެވޭ ހެކިތައް ބަލައި ދިރާސާކުރެވޭނެ އިންތިޒާމް ހަމަ ޖެއްސުމަށް ފުރުސަތު ދިނުމަށެވެ.
25ދަށު ކޯޓުގެ މި ނިންމުމަށް ދައުލަތުން ޠަޢުނުކުރެއެވެ. އަދި މި ނިންމުމަށް ޠަޢުނުކުރަމުން ބަޔާންކޮށްފައި ކަންކަމުގެ ތެރޭގައި ކޯޓުން ބޭރުގައި ގޫގަލް ޑްރައިވް ފަދަ ވަޞީލަތެއް މެދުވެރިކޮށް ހެކި ބަލައި ދިރާސާކުރުމުގެ ފުރުސަތު ފަހިކޮށްދީފިނަމަ، ހެކީގެ ރައްކާތެރިކަން ގެއްލި ހާމަވާނެއެވެ. އެ ތަކެތި ރެކޯޑުކުރުމާއި ކޮޕީ ހެދުމާއި އިތުރު ފަރާތްތަކަށް ފެނުމުގެ ފުރުޞަތު އޮންނާނެތީވެ މިކަމުގެ ސަބަބުން ކުދިންގެ ކަރާމަތާއި ޒާތީ ދިރިއުޅުމުގެ ޙައްޤަށް އުނިކަން އައުމާއި، އަދި އިންސާފު ޤާއިމުކުރުމަށް ގޮންޖެހުންތަކެއް ދިމާވުން ހިމެނޭކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މި ބާވަތު ޙައްސާސީ މައްސަލަތަކުގައި ރައްކާތެރިކުރުމަށް އެދިފައިވާ ހެކި ބަލައި ދިރާސާކުރުމުގެ ފުރުޞަތު ކޯޓުން ބޭރުގައި، އެހެން ޤާނޫނީ ނިޒާމުތަކުގައި ދޭކަން ފާހަގަ ނުވާކަމާއި، ކޯޓުން ބޭރުގައި ރައްކާތެރިކުރުމަށް ހުށަހެޅިފައިވާ ހެއްކެއް ބަލައި ދިރާސާކުރުމުގެ ފުރުޞަތު ދެވޭނަމަ، އެ ފުރުޞަތު ފަހިކޮށްދީފައިވަނީ ކަނޑައެޅިފައިވާ އުޞޫލުތަކެއްގެ މަތިން ޖިނާއީ ދަޢުވާ އުފުލާ އިދާރާ ނުވަތަ ފުލުހުންގެ އިދާރާ ފަދަ މުއައްސަސާއެއް ކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުން ފާހަގަކޮށްފައިވެއެވެ27.
26ޕްރިސިޑެންސް 5ރައްކާތެރިކުރުމަށް ހުށަހަޅާފައިވާ ހެއްކެއް ކޯޓުން ބޭރުގައި ކޮންމެ ބާވަތެއްގެ ވަޞީލަތެއް މެދުވެރިކޮށް ބެލުމުގެ ފުރުޞަތު ފަހިކޮށް ދިންކަމުގައި ވިޔަސް އެ ކަމުގެ ސަބަބުން ހެކި ހާމަވުމުގެ ފުރުޞަތު ވަރަށް ބޮޑެވެ. އެ ތަކެތި ރެކޯޑުކޮށް ނަކަލުކުރުމުގެ ފުރުޞަތުވެސް ނުހަނު ބޮޑެވެ. ކޮޕީ ހެއްދުމުގެ ފުރުޞަތުވެސް އޮތް އިޙްތިމާލެކެވެ. ފެންނަންނުޖެހޭ އެތައް ބަޔަކަށް ޢާންމުވުންވެސް ވަރަށް ގާތެއެވެ.
27އެހެންކަމުން، ކޯޓުން ބޭރުގައި ކުދިންގެ އިންޓަވިއު ވީޑިއޯ ރެކޯޑިން ދަޢުވާ ލިބޭ ފަރާތުގެ ދިފާޢުގެ ބޭނުމަށްޓަކައި އެ ތަކެތި ދިރާސާކޮށް ބެލުމުގެ ފުރުޞަތު ދަށު ކޯޓުން ދީފައިވަނީ އުޞޫލުތަކާ އެއްގޮތަށްކަމަށް ބުނެވިދާނެކަމަކަށް ނުދެކެވެ. އެހެނީ، މި ކަމުގެ ސަބަބުން، ހެކި ނަކަލުކުރުމާއި، އެ ތަކެތި ގިނަ ބަޔަކަށް ފެނި ޢާންމުވެ އަނިޔާ ލިބުނު ކުއްޖާގެ ކަރާމަތާއި ޙިމާޔަތާއި ރައްކާތެރިކަމާއި މަޞްލަޙަތަށް އުނިކަން އައުމުގެ ފުރަސަތު ވަރަށް ބޮޑެވެ. ހަމަ އެކަނި މި އަނިޔާ ލިބުނު ކުއްޖާއަކަށް ނޫނެވެ. މި މައްސަލައިގައި ބަޔާންދީފައިވާ އިތުރު ކުއްޖެއްގެ މަޞްލަޙަތުމެއެވެ. އަދި މިއީ ހެކި ރައްކާތެރިކުރުމަށް ނެރުނު އަމުރުގެ މަޤްޞަދު ޙާޞިލުނުވެ މިފަދަ އަމުރުތަކަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 131 ވަނަ މާއްދާގެ ދަށުން އެދުމުގެ ބޭނުން ކެނޑުމެވެ.
28ޕްރިސިޑެންސް 6ވުމާއެކު، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދީ އެ ކަން ކަށަވަރުކޮށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ ޒިންމާއަކީ، ދައުލަތުގެ ހުރިހާ އިދާރާއެއްގެ ޒިންމާއެކެވެ. މަސައްކަތްކުރެވެން ޖެހޭނީ މި މުޤައްދަސް ޒިންމާ އުފުލުމުގައި އެންމެހައި ފަރާތްތަކާއި ދައުލަތުގެ އިދާރާތައް ގުޅިގެނެވެ. މިކަމުގައި ކޯޓުތައް އިސްތިސްނާ ނުވެއެވެ. ކޯޓަކުން އިދާރީގޮތުން އަޅާކޮންމެ ފިޔަވަޅެއްވެސް އެ ފަދަ ފިޔަވަޅެއް އެޅުމުގައި ކުޑަކުދިން މަސްލަޙަތަށް އިސްކަންދީ ޤާނޫނުގައި ބުނާ އެންމެހައި ޙައްޤުތައް އެންމެ މަތީދަރަޖައަށް ޙިމާޔަތްކުރަންޖެހޭނެއެވެ.
29ވީމާ، މި ބާވަތުގެ މައްސަލަތަކުގައި ހެކިބަލައި ދިރާސާކުރުމުގެ ފުރުޞަތު ދިނުމުގައި ކޯޓުތަކުގައި ވަޞީލަތާއި އިންތިޒާމު ހަމަޖެއްސުމަށް ދަތިތަކެއް ހުރިކަމަށް ކޯޓަށް ފާހަގަކުރެވޭނަމަ، ކަނޑައެޅޭ ހަރުދަނާ އުޞޫލުތަކަކާއި ޝަރުޠުތަކަކާ އެކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ނުވަތަ ކޯޓަށް ޤަބޫލުކުރެވޭ ދައުލަތުގެ އިދާރާއެއްގައި ދަޢުވާ ލިބޭ ފަރާތުގެ ދިފާޢުގެ ބޭނުމަށް ހެކި ދިރާސާކޮށް ހެދުމަށް ފުރުޞަތު ފަހިކޮށްދިނުމަށް އެންގުމުގެ އިޚްތިޔާރު މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވެއެވެ.
މައްސަލަ ނިންމަން ފެންނަ ގޮތާއި ނަތީޖާ
30ބަޔާންވެދިޔަ ކަންކަމަށް ރިޢާޔަތްކޮށް އަނިޔާ ލިބުނު ކުއްޖާގެ ބަޔާނާއި އިންޓަވިއު ވީޑިއޯ ރެކޯޑިން އާއި، ހަމަ މި މައްސަލައިގައި ހެކިބަސްދޭ އެހެން ކުޑަކުއްޖެއް ތަޙްޤީޤަށް ދީފައިވާ ބަޔާނާއި އިންޓަވިއު ވީޑިއޯ ރެކޯޑިން ދަޢުވާ ލިބޭ ފަރާތުގެ ދިފާޢުގެ ބޭނުމަށްޓަކައި، އެ ތަކެތި ކޯޓުން ބޭރުގައި ދިރާސާކޮށް ބެލުމުގެ ފުރުޞަތު ދަށު ކޯޓުން ދީފައި އޮތުމާއި އަދި އެ ނިންމުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއީދުކޮށްފައިވަނީ ކަނޑައެޅިފައިވާ ހަމަތާ އެއްގޮތަށްކަމުގައި ނުވާތީ، ކްރިމިނަލް ކޯޓުގެ އަމުރުގައި ކޯޓުން ބޭރުގައި ހެކިބަލައި ދިރާސާކުރުމަށް ފުރުޞަތު ދިނުމަށް ކަނޑައަޅާފައިވާ ބައި ބާޠިލުކޮށް، ދެން އެ އަމުރުގައިވާ އެހެނިހެން ބައިތައް ދެމެހެއްޓުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ބާޠިލުކުރަންޖެހޭކަމަށް އަހުރެންނަށް ބުރަވެއެވެ.
31މި ނަތީޖާއަށް ވާޞިލުވުމާއެކު، މި މައްސަލައިގައި ރައްކާތެރިކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ހެކިތައް ރައްކާތެރިކޮށްދިނުމަށް އެދި ދައުލަތުން އަލުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިނަމަ، މި ޤަޟިއްޔާގައިވާ ގޮތުގެ މަތިން އެކަށީގެންވާ އަވަސްމިނެއްގައި ކްރިމިނަލް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭކަމަށް ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
32މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު
33މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު،
(ހ) އަނިޔާ ލިބުނު ކުއްޖާގެ ބަޔާނާއި އިންޓަވިއު ވީޑިއޯ ރެކޯޑިން އާއި ހަމަ މި މައްސަލައިގައި ހެކިބަސްދޭ އެހެން ކުޑަކުއްޖެއް ތަހްޤީގަށް ދީފައިވާ ބަޔާނާއި އިންޓަވިއު ވީޑިއޯ ރެކޯޑިން ދަޢުވާ ލިބޭ ފަރާތުގެ ދިފާޢުގެ ބޭނުމަށްޓަކައި، ކޯޓުން ބޭރުގައި އެ ތަކެތި ދިރާސާކޮށް ބެލުމުގެ ފުރުޞަތު ކްރިމިނަލް ކޯޓުގެ ނަންބަރު 145-B8/HRA/2025/12 އަމުރުން ދީފައި އޮތުމާއި، އަދި އެ އަމުރަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއީދުކޮށްފައިވަނީ ކަނޑައެޅިފައިވާ ހަމަތަކާ އެއްގޮތަށް ކަމުގައި ނުވާތީ، ކްރިމިނަލް ކޯޓުގެ އެ އަމުރުގައި ކޯޓުން ބޭރުގައި ހެކިބަލައި ދިރާސާކުރުމަށް ފުރުޞަތު ދިނުމަށް ކަނޑައަޅާފައިވާ ބައި ބާޠިލުކޮށް، ދެން އެ އަމުރުގައިވާ އެހެނިހެން ބައިތައް ދެމެހެއްޓުމާއެކު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
2026/HC-B12/5 ޤަޟިއްޔާ ބާޠިލުކަމަށް ކަނޑައަޅައި،
(ށ) އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ހެކި ރައްކާތެރިކޮށްދިނުމަށް އެދި ދައުލަތުން މި މައްސަލައިގައި ކްރިމިނަލް ކޯޓަށް އަލުން ހުށަހަޅައިފިނަމަ، މި ޤަޟިއްޔާގައިވާ ގޮތުގެ މަތިން އެކަށީގެންވާ އަވަސް މިނެއްގައި ކްރިމިނަލް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭކަމަށް،
މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: ޢަލީ ރަޝީދު ޙުސައިން މުޙައްމަދު އިބްރާހީމް ޢަބްދުﷲ ޙަމީދު (ރިޔާސަތު)
1 ގދ. ވާދޫ، ސަދަންވިލާ، ޞަފްވަތު މުޙައްމަދު
2 ޤާނޫނު ނަންބަރު 2009/12
3 ހައިކޯޓުގެ ނަންބަރު 2026/HC-B12/5 މައްސަލައިގެ ޝަރީޢަތް ނިމުނުގޮތް
4 10 ސެޕްޓެންބަރު 2025 ގައި ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް އެދި ހުށަހަޅާ ފޯމު
5 ކްރިމިނަލް ކޯޓުގެ އަމުރު ނަންބަރު 145-B8/HRA/2025/12 (10 ޑިސެންބަރު 2025)
6 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/142 ޤަޟިއްޔާ
7 އބމ
8 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/51 ޤަޟިއްޔާ
9 ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީގެ 35 ވަނަ މާއްދާގެ ނަކަލެއް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.
ކުޑަކުދީންނާއި ޅަފުރާގެ ކުދީންނާއި އުމުރުން ދުވަސްވީ މީހުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ލިބޭ ޚާއްޞަ ރައްކާތެރިކަން؛
(ހ) ޢާއިލާގެ ފަރާތުންނާއި ޖަމާޢަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ޚާއްޞަ އެހީތެރިކަމާއި ޚާއްޞަ ރައްކާތެރިކަން ލިބުމަކީ ކުޑަކުދީންނާއި ޅަފުރައިގެ ކުދީންނަށް ލިބިގެންވާ ހައްގެކެވެ. އަދި ކުޑަކުދީންނާއި ޅަފުރައިގެ ކުދީންނަށް އެއްވެސް ގޮތަކުން ހާނީއްކަކޮށް، ޖިންސީ ގޮތުން އަނިޔާކޮށް އެއްވެސް ގޮތަކުން ތަފާތުކޮށް އެކަށީގެންނުވާ އިޤްތިޞާދީ، އިޖްތިމާޢީ ކަންތައްތަކުގައި ބައިވެރިކޮށް އެ މީހުންގެ ފުށުން ނާޖާއިޒް މަންފާތައް ޙާޞިލްކުރުމަށް ހަމަ އެކަކުވެސް މަސައްކަތްކޮށްގެނެއް ނުވާނެއެވެ.
(ށ) ޢާއިލާގެ ފަރާތުންނާއި ޖަމާޢަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ޚާއްޞަ އެހީތެރިކަމާއި ރައްކާތެރިކަން ލިބުމަކީ އުމުރުން ދުވަސްވީ މީހުންނާއި، ޚާއްޞައެހީއަށް ބޭނުންވާ މީހުންނަށް ލިބިގެންވާ ޙައްޤެކެވެ.
10 ޤާނޫނު ނަންބަރު 2019/19
11 ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ނަކަލެއް ބަޔާންކުރެވިފައި އެވަނީއެވެ. އަދި އިޝާރަތްކުރެވިފައިވަނީ ޤާނޫނުގެ މަޤުސަދުތަކާގުޅޭގޮތުން ނެވެ.
(ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދީ، ކަށަވަރުކޮށްދިނުން،
(ށ) ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ޢާއިލާ އާއި، މައިންބަފައިންނާއި، ބެލެނިވެރިންނާއި، މުޖުތަމަޢާއި، ދައުލަތާއި، އެހެނިހެން ފަރާތްތަކުގެ ޒިންމާ ކަނޑައެޅުން
12 ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ ނަކަލެއް ބަޔާންކުރެވިފައި އެވަނީއެވެ.
ކުޑަކުދިންގެ ކަރާމަތަށް އުނިކަން އަންނަ މަޢުލޫމާތު ޢާންމުނުކުރުން.
(ހ) ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަކަށް، ކުޑަކުދިންގެ ޒާތީ މަޢުލޫމާތު އެއްވެސް ފަރާތަކުން ޢާންމުކޮށްގެން ނުވާނެއެވެ.
(ށ) ކުށުގެ ތުހުމަތުގައިވާ ކުދިންނާއި، ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންނާއި، އެ ނޫންވެސް ސަބަބަކަށްޓަކައި އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންގެ ނަމާއި، އެޑްރެހާއި، ތަޢުލީމު ޙާޞިލްކުރާ ތަނުގެ މަޢުލޫމާތު ފަދަ ޒާތީ މަޢުލޫމާތެއް ނުވަތަ ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ ފަދަ އެއްވެސް މަޢުލޫމާތެއް ނުވަތަ އެ ކުދިންގެ ތަސްވީރެއް، އެއްވެސް މީޑިއާގެ ނުވަތަ އެ ނޫންވެސް ވަސީލަތެއްގައި ޝާއިޢުކޮށްގެން ނުވާނެއެވެ.
(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ކުއްޖާގެ މަޞްލަޙަތަށްޓަކައި، ހުއްދަކުރެވިގެންވާ ޙާލަތްތަކެއްގައި އަދި ލިޔުމުން ރެކޯޑުކުރެވޭ ސަބަބުތަކަށްޓަކައި، ޝަރުޢީ ކޯޓަކުން ނުވަތަ ޗިލްޑްރެންސް އޮމްބަޑްސްޕަރސަން ހުއްދަކުރާ މިންވަރެއް ޢާންމުކުރެވިދާނެއެވެ.
13 ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 68 ވަނަ މާއްދާހެ ނަކަލެއް ތިރީގައި އެވަނީއެވެ.
"ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން މި ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން މާނަކުރުމުގައްޔާއި ލިބިދިނުމުގައި، އިންސާނީ ޝަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށްއުފެދިފައިވާ، ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމަޢުތަކުން ގަބޫލުކުރާ އުޞޫލުތަކަށް ރިޢާޔަތްކޮށް އެ އުޞޫލުތައް ނަގަހައްޓާންވާނެއެވެ. އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ރިޢާޔަތްކުރާންވާނެއެވެ." މިފަދައިންނެވެ.
14 ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 143 ވަނަ މާއްދާގެ (ރ) ގެ ނަކަލެއް ބަޔާންކުރެވިފައި އެވަނީއެވެ.
(ރ) މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެއެވެ.
15 އބމ ފުޓްނޯޓު 9
16 އބމ ފުޓްނޯޓު 11
17 އބމ ފުޓްނޯޓު 12
18 އބމ ފުޓްނޯޓު 13
19 އބމ ފުޓްނޯޓު 14
20 ޤާނޫނު ނަންބަރު 12/2016
21 ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 84 ވަނަ މާއްދާގައި އިޝާރަތްކުރެވިފައިވަނީ ދަޢުވާ ލިބޭ ފަރާތަށް ދަޢުވާގެ ލިޔެކިއުން ދިނުމާގުޅޭ ގޮތުންނެވެ. އަދި މި މާއްދާގެ ނަކަލެއް ތިރީގައި އެވަނީއެވެ.
"ޖިނާއީ ކުށެއްގެ ދަޢުވާ، ކަމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަށް ބަލައިގެންފިނަމަ، އެ ތާރީޚުން ފެށިގެން ލަސްވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި ދަޢުވާ ލިބޭ ފަރާތަށް އެކަން އަންގައި، އެ ދަޢުވާއާއި ދަޢުވާއާގުޅޭ އެންމެހައި ލިޔެކިޔުމުގެ ކޮޕީ، ދަޢުވާ ލިބޭ ފަރާތަށް ކޯޓުން ފޮނުވަންވާނެއެވެ.
22 މި މާއްދާގައި ދައުލަތުން ޙަވާލާދީފައިވަނީ (ނ) އަށެވެ. އެއީ،ދަޢުވާއަށް ޖަވާބުދާރީވުމަށް އެންގުމުގެ ކުރިން ދަޢުވާ އާއި ދަޢުވާއާގުޅޭ އެންމެހައި ލިޔެކިޔުމުގެ ކޮޕީ ދަޢުވާ ލިބޭ ފަރާތަށް ލިބިފައިވާކަން ކަށަވަރުކުރުން ލާޒިމުކޮށްފައި އޮންނަ އަކުރެކެވެ.
ެ.
23 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ (ނ)
24 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 131 ވަނަ މާއްދާ.
25 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 131 (ނ) ވަނަ މާއްދާ
26 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/142
27ދައުލަތުގެ ފަރާތުން 09 މާރިޗު 2026 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައިގެ މަޙްޟަރު ބަޔާން، ޞަފްޙާ 17
2019/SC-A/300 [2021] SC 778
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާ، 68 ވަނަ މާއްދާ، 143 ވަނަ މާއްދާގެ (ރ)
- ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އަދި (ށ)، 33 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 84 ވަނަ މާއްދާ، 107 ވަނަ މާއްދާގެ (ނ)، 131 ވަނަ މާއްދާ އަދި 131 ވަނަ މާއްދާގެ (ނ)
- ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު)
- 2021/HC-A/142 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. އިބްރާހީމް ޒާއިފް މުޙައްމަދު)
- 2022/SC-A/51 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ)
- ބެންޗު
- ޑރ. މުޙައްމަދު އިބްރާހީމް، ޢަލީ ރަޝީދު ޙުސައިން، ޢަބްދުﷲ ޙަމީދު
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 4 މާރިޗު 2026 · ރަޖިސްޓްރީކުރީ 6 މާރިޗު 2026 · ނިމުނީ 16 މާރިޗު 2026 (10 ދުވަސް)