ސައިޓޭޝަން ކޮޕީ ކުރުމަށް
2020/HC-S-A/26
ނަން ފޮރުވާފައި ވ. ނަން ފޮރުވާފައި، 2020/HC-S-A/26
Name withheld v. Name withheld 2020/HC-S-A/26 (2020/HC-S-A/26, High Court of the Maldives, 23 December 2021)
ނަން ފޮރުވާފައި ވ. ނަން ފޮރުވާފައި
މައްސަލައިގެ ޚުލާޞާ
ހއ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ އެސެސްމަންޓް ރިޕޯޓަށް ބަލައި، ތިނަދޫ މެޖިސްޓްރޭޓް ކޯޓުން އާއިލާއާބެހޭ ޤާނޫނުގެ 44 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ކުއްޖާގެ ޙަޟާނަތު މަންމައަށް ލިބިގެންވާކަމަށް ކަނޑައަޅައި ކުއްޖާ ޙަވާލުކުރުމަށް އަންގައިފިއެވެ.
ކުއްޖާގެ ޙަޟާނަތު ކުރީގެ ޤަޟިއްޔާއަކުން ބައްޕަގެ މަންމައާ ޙަވާލުކޮށްފައިވަނިކޮށް، މާމަ ކުއްޖާއާމެދު އިހުމާލުވާކަމަށް ބުނެ މަންމަ ޙަޟާނަތަށް އެދި މައްސަލަ ހުށަހެޅިއެވެ. މައްސަލަ ހުށަހެޅުމަށްފަހު ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވުނެވެ.
މާމަ ބުނީ ޖަވާބުދާރީވުމާއި ހެކި ހުށަހެޅުމާއި ކުއްޖާއާ ސުވާލުކުރުމާއި ރިޕޯޓާމެދު ވާހަކަދެއްކުމުގެ ފުރުޞަތު ނުލިބޭ ކަމަށާއި، މަންމަ މަޙްރަމެއް ނޫން މީހަކާ ކައިވެނިކޮށްފައިވާތީ 42 (ހ) ގެ ދަށުން ޙަޟާނަތު ގެއްލިފައިވާ ކަމަށެވެ. މަންމަ ބުނީ ކުއްޖާ ބޭނުންވަނީ މަންމައާއެކު އުޅެން ކަމަށާއި، ކުއްޖާގެ އިޚްތިޔާރު އޮންނަންޖެހޭނެ ކަމަށެވެ.
މައިގަނޑު ސުވާލު
ކުއްޖާގެ ޙަޟާނަތު މަންމައަށް ދިން ނިންމުމުގައި ޖަވާބުދާރީވުމާއި ހެކި ހުށަހެޅުމުގެ ފުރުޞަތު ދީފައިވޭތޯ، ކުއްޖާއާބެހޭ އިޖްތިމާޢީ އެސެސްމަންޓް ރިޕޯޓާމެދު ފަރާތްތަކަށް ވާހަކަދެއްކުމުގެ ފުރުޞަތު ދޭންޖެހޭތޯ، އަދި ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވުނު ކުއްޖެއްގެ ޙަޟާނަތުގެ މައްސަލައިގައި އާއިލާއާބެހޭ ޤާނޫނުގެ 44 (ށ) ނުވަތަ ރީ-އިންޓެގްރޭޝަންގެ ގަވާއިދު ތަޠުބީޤުކުރަންޖެހޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް (ގިނަ ރައުޔުން)
ވަކީލެއްގެ އެހީގައި ޖަވާބުދާރީވުމުގެ ފުރުޞަތު ލިބިފައިވާތީއާއި، ކުއްޖާ ޙަޟާނަތުގެ ޢުމުރު ހަމަވެފައިވާތީ 42 (ހ) ތަޠުބީޤު ނުވާތީއާއި، އެސެސްމަންޓް ރިޕޯޓަކީ ޝަރީޢަތުން ހޯދާ ޚަބީރުގެ ރައުޔަކަށްވާތީއާއި، ކުއްޖާގެ ބަސްތަކަށް ކުއްޖާ ދައުލަތުގެ ބެލުމަށް ގެނެވުމުން ތާއީދު ލިބޭތީ، ދަށުކޯޓުގެ ނިންމުމަށް ބަދަލު ގެނެވޭނެ ހަމައެއް ނެތެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނީ ވަކީލަކު ޢައްޔަނުކޮށް އެ ވަކީލުގެ އެހީގައި ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކައި، ލިޔުމުން ބަޔާނެއް ހުށަހެޅުމަށް އެދިފައިނުވާ ޙާލަތުގައި، އެ ފަރާތަށް ދަޢުވާއަށް ޖަވާބުދާރީވުމުގެ ފުރުޞަތު ދީފައިވާކަމަށް ބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 10، 16)
- ކުއްޖާ ޙަޟާނަތުގެ ޢުމުރު ހަމަވެފައިވާ ޙާލަތުގައި، މަޙްރަމެއް ނޫން މީހަކާ މަންމަ ކައިވެނިކުރުމުން ޙަޟާނަތު ގެއްލޭ ކަމުގެ ޙުކުމް ހިމެނޭ އާއިލާއާބެހޭ ޤާނޫނުގެ 42 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްނުކޮށް، 44 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކުރުމަކީ ރަނގަޅު ނިންމުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 12، 16)
- ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވުމުގެ ކުރިން ހުށަހެޅި ޙަޟާނަތު ލިބިގަތުމުގެ މައްސަލައަކީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުއްޖަކު ޢާއިލާއާ ޙަވާލުކުރުމަށް އެދޭ މައްސަލައެއް ނޫންކަމުން، އެ މައްސަލަ ބަލަންވާނީ ޙަޟާނަތުގެ މައްސަލަތަކުގައި ޢަމަލުކުރަންޖެހޭ ޤާނޫނާއި ޤަވާޢިދާއި އުޞޫލުތަކާއި އިޖުރާއަތުގެ ދަށުންނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 17)
- ޙަޟާނަތުގެ މައްސަލަތަކުގައި އެންމެ އިސްކަން ދޭންޖެހޭނީ ކުއްޖާގެ މަޞްލަޙަތު އެންމެ ބޮޑުވާ ގޮތަކަށް މައްސަލަ ނިންމުމަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18)
- ކުއްޖާގެ އިޖްތިމާޢީ ޙާލަތާބެހޭ ރިޕޯޓަކީ ޝަރީޢަތުގެ ބޭނުމަށް ޝަރީޢަތުން ހޯދާ، ތަޖުރިބާކާރު ފަރާތެއްގެ ރައުޔު (expert opinion) ކަމުން، އެއީ ފަރާތްތަކަށް ދީ ޖަވާބުދާރީވުމުގެ ނުވަތަ ދިފާޢުވުމުގެ ފުރުޞަތު ދޭންޖެހޭ ރިޕޯޓެއް ނޫނެވެ. ނަމަވެސް ރިޕޯޓު ތައްޔާރުކުރި ގޮތާ ގުޅޭ ސުވާލު އުފެދޭނަމަ، ތައްޔާރުކުރި ފަރާތް ޙާޟިރުކޮށް ސުވާލުކުރުމުގެ ފުރުޞަތު ދިނުމަކީ ބޭނުންތެރި ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18)
- ކުއްޖާގެ ބަސް ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންކަމަށް އެހެން ވާޤިޢާތަކުން ތާއީދު ލިބޭނަމަ، އެ ރިޕޯޓަށް ބިނާކޮށް ނިންމި ޙަޟާނަތުގެ ނިންމުމަށް ބަދަލު ގެނައުމުގެ ސަބަބެއް ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19-21)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ)
- ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ގަވާއިދުގެ 32 ވަނަ މާއްދާ އަދި 57 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/2000 (އާއިލާއާބެހޭ ޤާނޫނު) ގެ 42 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 4/2000 (އާއިލާއާބެހޭ ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ށ)
- ޤަވާޢިދު ނަންބަރު 2020/R-30 (ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ރީ-އިންޓެގްރޭޓް ކުރުމާބެހޭ ގަވާއިދު) ގެ 2 ވަނަ މާއްދާގެ (ހ)
- ޤަވާޢިދު ނަންބަރު 2021/R-103 (ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުޑަކުދިން އަލުން އެ ކުދިންގެ ޢާއިލާއާ ހަވާލުކުރުމާބެހޭ ގަވާއިދު)
- ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 34 ވަނަ މާއްދާގެ (ހ)
- ބެންޗު
- ހާތިފް ޙިލްމީ، ޢަބްދުއްރައޫފު އިބްރާހީމް، މުޙައްމަދު ފައިޞަލް
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުއްރައޫފު އިބްރާހީމް · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް
- ޚިލާފު ރައުޔު
- ހާތިފް ޙިލްމީ