ސައިޓޭޝަން ކޮޕީ ކުރުމަށް
2023/HC-A/138
ނަން ސިއްރު ކުރެވިފައި ވ. ނަން ސިއްރުކުރެވިފައި، 2023/HC-A/138
Name withheld v. Name withheld 2023/HC-A/138 (2023/HC-A/138, High Court of the Maldives, 24 December 2023)
ނަން ސިއްރު ކުރެވިފައި ވ. ނަން ސިއްރުކުރެވިފައި
މައްސަލައިގެ ޚުލާޞާ
ފެމިލީ ކޯޓުން ބޮޑު ކުއްޖާގެ ޙަޟާނަތުގެ ޢުމުރު ހަމަވެފައިވާކަމަށާއި، ކުޑަ ކުއްޖާގެ ޙަޟާނަތު ބައްޕައާ ޙަވާލުކުރުމަކީ ކުއްޖާގެ މަޞްލަޙަތަށް އެންމެ ރަނގަޅު ގޮތްކަމަށް ބުރަނުވާތީ ޙަވާލުކުރާނެ ތަނެއް ނެތްކަމަށް ނިންމައި، ބައްޕައަށް ކުދިންނާ ބައްދަލުކުރުމާއި ފޯނުން ގުޅުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް މަންމައަށް އެންގިއެވެ.
ވަރިވި ދެމަފިރިންގެ ދެކުދިންގެ ޙަޟާނަތު ކުރިން މެޖިސްޓްރޭޓް ކޯޓަކުން މަންމައާ ޙަވާލުކޮށްފައިވާއިރު، މަންމަ ކުދިންގެ ތަޢުލީމާއި ޞިއްޙަތަށް އިހުމާލުވާކަމަށް ބުނެ ބައްޕަ ދެވަނަ ފަހަރަށް ފެމިލީ ކޯޓުގައި ޙަޟާނަތަށް އެދުނެވެ. މައްސަލަ ހުށަހެޅިތާ ކުޑަދުވަހަކުން ބޮޑު ކުއްޖާގެ، އަދި އިސްތިއުނާފު ހުށަހެޅިއިރު ކުޑަ ކުއްޖާގެ ޙަޟާނަތުގެ ޢުމުރު ހަމަވެއްޖެއެވެ.
ބައްޕަ ބުނީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ އެސެސްމަންޓް ރިޕޯޓުތަކުގައިވާ ތަޢުލީމާއި ޞިއްޙަތަށް ވި އިހުމާލަށް ރިޢާޔަތް ނުކުރިކަމަށެވެ. ފަހުން ޙަޟާނަތުގެ ޢުމުރު ހަމަވެފައިވާތީ އެދޭގޮތް ބަދަލުކޮށް، މަންމަ އިހުމާލުވިކަމަށް ކަނޑައެޅުމަށް އެދުނެވެ. މަންމަ ބުނީ އެ ދަތިތައް ދިމާވީ ކޮވިޑްގެ ޙާލަތާއި ބޮޑު ކުއްޖާގެ ޞިއްޙީ ޙާލަތާ ގުޅިގެން ކަމަށެވެ.
މައިގަނޑު ސުވާލު
ކުދިންގެ ޙަޟާނަތުގެ ޢުމުރު ހަމަވެފައިވާއިރު ޙަޟާނަތު ބަދަލުކުރުމަށް އެދޭ އިސްތިއުނާފަކުން ދެވެން ހުރި ފަރުވާއެއް އޮތްތޯ، އަދި ދަށުކޯޓުގައި ބަލާފައި ނުވާ މައުޟޫޢެއް (މަންމަ ކުދިންގެ ތަޢުލީމާއި ޞިއްޙަތަށް އިހުމާލުވިކަން) ހައިކޯޓަށް ފުރަތަމަ މަރުޙަލާގެ ކޯޓެއްގެ ގޮތުގައި ބެލޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ދެކުދިންގެ ޙަޟާނަތުގެ ޢުމުރު ހަމަވެފައިވާތީ ޙަޟާނަތު ޙަވާލުކުރުމަކީ ދެވެން ހުރި ފަރުވާއެއް ނޫނެވެ. މަންމަ އިހުމާލުވިކަމުގެ މައުޟޫޢު ދަށުކޯޓުގައި ބަލާފައި ނުވާތީ ހައިކޯޓަށް އައު ޝަރީޢަތެއް ނުހިންގޭނެއެވެ. އެކަމަށް އައު މައްސަލައެއް ދަށުކޯޓަށް ހުށަހެޅުމުގެ ފުރުޞަތު އޮވެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- އާއިލާއާބެހޭ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) އާއި އާއިލާއާބެހޭ ގަވާއިދުގެ 65 ވަނަ މާއްދާގެ ދަށުން ޙަޟާނަތުގެ ޢުމުރަކީ ކުއްޖާއަށް ހިޖުރީ ގޮތުން 7 އަހަރު ވުމެވެ. ޙަޟާނަތުގެ ޢުމުރު ގުނަނީ ހިޖުރީ ސަނަތުންނެވެ. ޢުމުރު ހަމަވުމުން ކޯޓުން އެހެން ގޮތަކަށް އަމުރު ނުކުރާނަމަ ކުއްޖާ އިޚްތިޔާރުކުރާ މައިންބަފައިންކުރެ މީހަކާއެކު ދިރިއުޅުމުގެ ޙައްޤު ކުއްޖާއަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 18)
- ޙަޟާނަތު ޙަވާލުކުރުމުގެ ޢުމުރު ހަމަވެފައިވާ ޙާލަތުގައި ޙަޟާނަތު ޙަވާލުކުރުމަށް އެންގުމަކީ އިސްތިއުނާފުން ދެވެން ހުރި ފަރުވާއެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 19، 25)
- ފުރަތަމަ މަރުޙަލާގެ ކޯޓެއްގެ ގޮތުގައި ހައިކޯޓަށް މައްސަލައެއް ބެލޭނީ ޤާނޫނުން އެގޮތަށް ކަނޑައަޅާފައިވާ މައްސަލަތަކުގައެވެ. ކުޑަކުދިންގެ ޙަޟާނަތާއި ބެލެނިވެރިކަމާއި ޚަރަދުފަދަ އަލްއަޙްވާލުއްޝަޚްޞިއްޔާގެ މައްސަލަތައް ފުރަތަމަ މަރުޙަލާގެ ކޯޓެއްގެ ގޮތުގައި ހައިކޯޓަށް ނުބެލޭނެއެވެ. ދަށުކޯޓުގައި ޝަރީޢަތް ހިންގާފައި ނުވާ މައުޟޫޢެއްގައި ހައިކޯޓަށް އައު ޝަރީޢަތެއް ނުހިންގޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 22، 25)
- ކުއްޖާގެ މަޞްލަޙަތަށް ބަލައި ނިންމާ ނިންމުމަކަށްފަހު ކުއްޖާގެ މަޞްލަޙަތު ބަދަލުވެއްޖެނަމަ، ބަދަލުވި ޙާލަތު ބަޔާންކޮށް ސާބިތުކުރެވޭ ގޮތަށް ހަމަ އެ މައުޟޫޢުގައި އައު ދަޢުވާއެއް ދަށުކޯޓަށް ހުށަހެޅޭނެއެވެ. ބަދަލުވި ޙާލަތާއެކު ހައިކޯޓުން އަލުން ބެލުމަކީ އިސްތިއުނާފުކުރުމުގެ ޙައްޤު ހަނިވެގެންދާނެ ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 23-24)
- ޙަޟާނަތުގެ ޢުމުރު ފަހަނައަޅައި ދިޔަފަހުން ކުއްޖާގެ މަޞްލަޙަތު ޙަޟާނަތު ޙަވާލުކޮށްފައިވާ ފަރާތަށް ނުނެގެހެއްޓޭކަމަށް ބުރަވާ ޙާލަތުގައި، ކުދިން ބެލުން އެ ފަރާތުން ވަކިކޮށްދިނުމަށް 2013/HC-A/368 ގެ އުޞޫލަށް ޤިޔާސްކޮށް އައު މައްސަލައެއް ދަށުކޯޓަށް ހުށަހެޅޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 24، 26)
- ޤާނޫނު ނަންބަރު 4/2000 (އާއިލާއާބެހޭ ޤާނޫނު) ގެ 40 ވަނަ މާއްދާގެ (ބ)، 42 ވަނަ މާއްދާގެ (ނ)، 44 ވަނަ މާއްދާގެ (ހ) އަދި (ށ)
- ގަވާއިދު ނަންބަރު 2022/R-99 (އާއިލާއާބެހޭ ގަވާއިދު) ގެ 46 ވަނަ މާއްދާ އަދި 65 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 8 ވަނަ މާއްދާ، 19 ވަނަ މާއްދާ، 21 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާ (ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމުގެ މުއްދަތު)
- ހައިކޯޓުގެ 2013/HC-A/368
- ސުޕްރީމް ކޯޓުގެ 2014/SC-A/32
- ހައިކޯޓުގެ 2008/HC-A/146
- ބެންޗު
- މުޙައްމަދު ނިޔާޒް، ޙުސައިން ޝަހީދު، ޙަސަން ޝަފީޢު
- ޚިލާފު ރައުޔު
- ނެތް