ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/562
މުޙައްމަދު ފަޞީހު ވ. ޕްރޮސިކިއުޓަރ ޖެނެރަލް، 2016/HC-A/562
Mohamed Faseehu v. Prosecutor General 2016/HC-A/562 (2016/HC-A/562, High Court of the Maldives, 20 May 2018)
މުޙައްމަދު ފަޞީހު ވ. ޕްރޮސިކިއުޓަރ ޖެނެރަލް
މައްސަލައިގެ ޚުލާޞާ
އަލިފުށީ މެޖިސްޓްރޭޓް ކޯޓުން ހަށިގަނޑަށް ގެއްލުން ދިނުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، 17/2010 ގެ 2 ވަނަ މާއްދާގެ (ބ) ގެ ދަށުން 3 އަހަރު ޖަލަށްލުމަށް ޙުކުމްކުރިއެވެ.
ތުހުމަތުކުރެވޭ ފަރާތް މީހަކަށް މަރުގެ އިންޒާރުދީ، ފަހުން އޭނާގެ ބަނޑުގައި ފައިން ޖަހައި ވަޅިއަކުން ޙަމަލާދިންކަމަށް ބުނެ ދައުލަތުން ދަޢުވާކުރިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ހެކިވެރިންނާ ސުވާލުކުރުމާއި ދިފާޢީ ހެކިން ހާޒިރުކުރުމުގެ ފުރުޞަތު ނުދީ، މެޑިކަލް ރިޕޯޓު ނުދީ، ދަޢުވާގެ އުންޞުރުތައް ސާބިތުނުވެ ކުށް ސާބިތުކުރި ކަމަށެވެ.
މައިގަނޑު ސުވާލު
ތޫނު އެއްޗަކުން މީހެއްގެ ހަށިގަނޑަށް ގެއްލުން ދިނުމުގެ ކުށުގެ މައްސަލައިގައި، ދަށު ކޯޓުގައި ޝަރީޢަތް ހިންގީ ތުހުމަތުކުރެވޭ ފަރާތުގެ ޤާނޫނުއަސާސީގެ 42 އަދި 51 ވަނަ މާއްދާގެ ޙައްޤުތަކާ ޚިލާފަށްތޯއާއި، ދަޢުވާ ސާބިތުކުރުމަށް ފުދޭ ހެކި ހުށަހެޅިތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ވަކީލަކު ޢައްޔަންކުރުމާއި ލިޔުންތައް ހޯދުމުގެ ފުރުޞަތު ދީފައިވާއިރު ތުހުމަތުކުރެވޭ ފަރާތް ހެކިބަހަށް އިޢުތިރާޟެއް ނުކޮށް ދިފާޢީ ހެކިން ހުށަހަޅަން ނޭދުނެވެ. ހެކިންގެ ހެކިބަހާއި ޤަރީނާއިން ދަޢުވާ ސާބިތުވާތީ ޙުކުމަށް ބަދަލު ނުގެނެވުނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) ގައި މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ، ޢާއިލާގެ މެންބަރަކަށް ނުވަތަ ތިމާގެ ބެލެނިވެރިކަމުގެ ދަށުގައިވާ މީހަކަށް ގެއްލުމެއް ދީފާނެކަމާމެދު ބިރުދެއްކުމަކީ ނުވަތަ އިންޒާރުދިނުމަކީ ކުށެކެވެ. އެމާއްދާގެ (ނ) ގައި، އެފަދަ ކަމެއް ހިންގާނެކަމުގެ އިންޒާރުދިނުމަށްފަހު، ނުވަތަ އިންޒާރެއް ދިނުމަކާނުލައި ވިޔަސް އެފަދަ ކަމެއް ޢަމަލީ ގޮތުން ކުރުމަކީ ނުވަތަ ކުރަން އުޅުމަކީ ކުށެއްކަމަށް ބަޔާންވެގެން އޮންނައިރު، މިފަދަ ކުށެއްގެ އަދަބަކީ 3 އަހަރާއި 7 އަހަރާއި ދެ މެދުގެ މުއްދަތަށް ޖަލަށްލުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ށ))
- ތުހުމަތުކުރެވޭ ފަރާތަށް ވަކީލަކު ޢައްޔަންކުރުމަށް ފުރުޞަތު ދީ، ދައުލަތުން ހުށަހެޅި ލިޔުންތައް ދީ، ހެކިންގެ ހެކިބަހާ ގުޅޭގޮތުން ބުނާ އެއްޗެއް ކޯޓުން ސާފުކޮށްފައިވާއިރު، ދިފާޢީ ހެކިން ހުށަހަޅަން އެދިފައިނުވާނަމަ، އަދި ލިބެންޖެހޭ ލިޔުމެއް ނުލިބިގެން ނުވަތަ އިޖުރާއާތުގެ މައްޗަށް ނުވަތަ ލިޔުންތަކުގެ ޞައްޙަކަމާމެދު ޝައްކު އުފެދޭ ކަމެއް ފާހަގަކޮށްފައި ނެތްނަމަ، އެ މައްސަލަ ބައްލަވާފައިވަނީ ޖިނާއީ މައްސަލަތަކުގައި ޝަރީޢަތް ހިންގުމާއިބެހޭ ޤަވާޢިދާއި އުޞޫލުތަކާއި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) އާއި 42 ވަނަ މާއްދާގެ (ށ) އާއި ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/31 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކާއި ޚިލާފަށްކަމުގައި ބެލެވެން ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ހ))
- ހެކިންގެ ހެކިބަސް ނަފީކުރުމުގެ ގޮތުން ތުހުމަތުކުރެވޭ ފަރާތުން އެއްވެސް ކަމެއް ޝަރީޢަތުގެ މަޖިލީހުގައި ފާހަގަކޮށްފައިނުވާއިރު، ވާހަކަ ދައްކަން ދެވުނު ފުރުޞަތުގައި ހެކިންގެ ހެކިބަހާ ގުޅިގެން ބުނާނެ އެއްޗެއް ނެތްކަމަށް ބުނެފައިވާނަމަ، ހެކިންގެ ހެކިބަސްތަކާއި ގުޅިފައިވާ ޤަރީނާތަކުގެ މައްޗަށް ބެލުމުން ދަޢުވާ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިވާ މިންގަނޑުން ސާބިތުކުރުމަށް ފުދޭ ހެކި ޤަރީނާ ހުށަހަޅާފައިވާކަމަށް ބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ނ))
- ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ)
- ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ކ) އަދި (އ)
- ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ)، (ނ)، (ބ) އަދި (ޅ)
- ޖިނާއީ މައްސަލަތަކުގައި ޝަރީޢަތް ހިންގުމާއިބެހޭ ޤަވާޢިދު
- ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/31 ޤަޟިއްޔާ
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަލީ ސަމީރު، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް