ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/225
2016/HC-A/225، 2016/HC-A/225
2016/HC-A/225 (2016/HC-A/225, High Court of the Maldives, 25 October 2017)
2016/HC-A/225
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި، ކޮންމެ މީހަކު 3 މަސްދުވަހަށް ޖަލަށްލުމަށް ޙުކުމްކޮށް، ޙުކުމް 3 އަހަރަށް ފަސްކުރި.
ވައިގެ ބަނދަރުގެ އިންޓަރނޭޝަނަލް ޓަރމިނަލްގެ ޑިޕާޗަރ ހޯލް ކުރިމަތީގައި 15 މީހަކު އެއްވެ، ރައީސް މުޙައްމަދު ނަޝީދު ދޫކޮށްލުމަށް އެދި ޕޯސްޓަރުތައް ހިފައިގެން އަޑުއުފުލައި މުޒާހަރާކުރުމުން، އަމުރަށް ނުކިޔަމަންތެރިވުމުގެ ދަޢުވާ ދައުލަތުން އުފުލި.
އިސްތިއުނާފުކުރި ފަރާތުން ބުނީ މަނާ ސަރަޙައްދެއްގައި "އެއްވުމެއް" ބޭއްވިކަމުގެ ކާފީ ހެއްކާއި ޤަރީނާ ނެތި މައްސަލަ ނިންމާފައިވާކަމަށާއި، ޙުކުމަކީ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާއާ ޚިލާފު ޙުކުމެއްކަމަށެވެ.
މައިގަނޑު ސުވާލު
ވައިގެ ބަނދަރުގައި ހުއްދަނެތި ބޭއްވުނު އެއްވުމެއްގައި ބައިވެރިވެ މުޒާހަރާކުރުމުން އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާ ކާފީ ހެކިން ސާބިތުވޭތޯއާއި، ކަނޑައެޅި އަދަބަކީ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާއާ ޚިލާފު އަދަބެއްތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ދަޢުވާއަކީ މަނާ ސަރަޙައްދެއްގައި އޮތް އެއްވުމެއްގައި ބައިވެރިވުމުގެ މައްޗަށް އުފުލި ދަޢުވާއެއްކަމާއި، ދައުލަތުގެ ހެކިންނާއި ޤަރީނާތަކުން އެކަށީގެންވާ ޝައްކެތްނެތް މިންވަރަށް ދަޢުވާ ސާބިތުވާކަމާއި، ކަނޑައެޅި އަދަބަކީ ކުރީގެ އަދި މިހާރުގެ ޤާނޫނުލްޢުޤޫބާތުގެ އަދަބުގެ ތެރޭގައިވާ ފަނޑިޔާރުގެ ތަޤްދީރީ ބާރުގެ ދަށުން ކަނޑައެޅިދާނެ އަދަބެއްކަމާއި، ޤާނޫނުއަސާސީގެ 59 ވަނަ މާއްދާއާ ޚިލާފެއް ނޫންކަން.
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ ކުރާ އަމުރަށް ނުކިޔަމަންތެރިވުމުގެ ދަޢުވާގައި، ޤާނޫނު ނަންބަރު 2013/1 (ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު) ގެ 24 ވަނަ މާއްދާގެ 7 ވަނަ ނަންބަރުގައި ދިވެހިރާއްޖޭގެ އެއްވެސް ވައިގެ ބަނދަރަކަށް ހުއްދަނެތި އެއްވުމަކީ މަނާކަމެއްކަމަށް ބަޔާންވެގެން އޮންނައިރު، އެޤާނޫނުގެ 7 ވަނަ މާއްދާގައި އެފަދަ އެއްވުމަކީ "އެކަކަށްވުރެ ގިނަ މީހުން އެއް މަޤްސަދެއްގެ ޤަސްދުގައި ޢާއްމުތަނަކަށް ނުވަތަ އަމިއްލަ ތަނަކަށް ވަގުތީ ގޮތުން ޙާޟިރުވެ ނުވަތަ ޖަމާވެތިބެ ސުލްޙަވެރިކަމާއިއެކު ޝުޢޫރު ފާޅުކުރުން" ކަމަށް މާނަކޮށްފައިވާތީ، ދަޢުވާ އުފުލާފައިވަނީ މުޒާހަރާކޮށްގެން އެސަބަބުގެ މައްޗަށް އެކަނި ނޫން، އެއް މަޤްސަދެއް ޙާސިލުކުރުމުގެ ޤަސްދުގައި އެއްވުން މަނާ ސަރަޙައްދެއްގައި އޮތް އެއްވުމެއްގައި ބައިވެރިވެ އަޑު އުފުލާ މުޒާހަރާކޮށްފައިވާތީއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ހ))
- ތުހުމަތުކުރެވޭ ފަރާތުން ދަޢުވާއަށް އިންކާރުކުރުމުން ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހެކި އަދި ޤަރީނާ ހުށަހަޅައި، ދިފާޢީ ހެކިން ހުށަހަޅަން ފުރުސަތު ދީފައިވާއިރު، ދައުލަތުން ހުށަހެޅި ހެކިންނާއި އެހެކިބަސްތަކާ ގުޅުވައިދޭގޮތަށް ލިބެން ހުރި ޤަރީނާތަކުން ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ ޝައްކެތްނެތް މިންވަރަށް ދަޢުވާ ސާބިތުވެ، އެކަންކަން ނަފީކުރެވޭ ވަރުގެ އެއްވެސް ކަމެއް ދިފާޢީ ހެކިންގެ ހެކިބަހުން ސާބިތުނުވާނަމަ، ދައުލަތުން ކާފީ ހެކި ހުށަހަޅާފައިވާކަމަށް ބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ށ))
- ކުރިން ޢަމަލުކުރެވުމުން ދިޔަ ޤާނޫނުލްޢުޤޫބާތަށާއި މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނުލްޢުޤޫބާތަށް ބަލާއިރު، ކުށަކާ ގުޅިގެން ކަނޑައަޅަން އޮންނަ އަދަބެއްގައި ތަފާތު ބާވަތްތަކުގެ އަދަބު ކަނޑައެޅިފައިވާނަމަ އަދި އެ އަދަބުގެ ބާވަތްތަކުގެ ތެރެއިން ބާވަތެއް އިޚުތިޔާރުކުރުމުގެ ތަޤްދީރީ ބާރު ފަނޑިޔާރަށް ލިބިގެންވާނަމަ، އެކުށަކާ ގުޅޭ ގޮތުން އޮންނަ އަދަބުގެ ބާވަތްތަކުގެ ތެރެއިން ފަނޑިޔާރު އިޚުތިޔާރުކުރާ އަދަބެއް ކަނޑައެޅިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ނ))
- ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުން ކުރާ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށަށް ކުރިން ޢަމަލުކުރެވެމުންދިޔަ ޤާނޫނުލްޢުޤޫބާތުގައި ކަނޑައަޅާފައިވާ އަދަބަކީ ގިނަވެގެން 6 މަސްދުވަހަށް ޖަލަށްލުން، ނުވަތަ އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުން ނުވަތަ 150 ރުފިޔާއިން ޖޫރިމަނާކުރުންކަމަށްވެ، މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނުލްޢުޤޫބާތުގެ 1002 ވަނަ މާއްދާއަށް ބެލުމުން މިފަދަ ކުށަކަށް ދެވޭ އަދަބުގެ އަސާސީ މިންގަނޑަކީ 04 މަހާއި 24 ދުވަހު ޖަލަށްލުންކަމަށްވާއިރު، 3 މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށް 3 އަހަރުދުވަހުގެ މުއްދަތަށް ޙުކުމް ފަސްކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާއާ ޚިލާފަށް ކުރެވުނު ޙުކުމެއް ކަމުގައި ނުބެލެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 03 (ނ))
- ޤާނޫނު ނަންބަރު 2013/1 (ސުލްޙަވެރިކަމާއިއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު) ގެ 7 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2013/1 (ސުލްޙަވެރިކަމާއިއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު) ގެ 24 ވަނަ މާއްދާގެ (ށ) ގެ 7 ވަނަ ނަންބަރު
- ޤާނޫނު ނަންބަރު 1/66 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 88 ވަނަ މާއްދާގެ (ހ)
- ޤާނޫނުލްޢުޤޫބާތު (މިހާރު ޢަމަލުކުރެވެމުންދާ) ގެ 1002 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާ
- ޝަރީޢަތްކުރުމާއިބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދު 06 ގެ 292 ވަނަ މާއްދާގެ 03 ވަނަ ނަންބަރު
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަލީ ސަމީރު، ޢަބްދުއްރައޫފު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް