ސައިޓޭޝަން ކޮޕީ ކުރުމަށް
2018/HC-A/44
މުޙައްމަދު އަޙްމަދު ދީދީ ވ. ނިޒާރު އަޙްމަދު، 2018/HC-A/44
Mohamed Ahmed Didi v. Nizar Ahmed 2018/HC-A/44 (2018/HC-A/44, High Court of the Maldives, 22 November 2020)
މުޙައްމަދު އަޙްމަދު ދީދީ ވ. ނިޒާރު އަޙްމަދު
މައްސަލައިގެ ޚުލާޞާ
ދަޢުވާލިބޭ ފަރާތްތަކުން އިންކާރުކޮށްފައިވާއިރު، އެ ފައިސާއަކީ އެ ފަރާތްތަކުން ދޭންޖެހޭ ފައިސާއެއްކަން ސާބިތުވާނެ ކާފީ ހެއްކެއް ދަޢުވާކުރި ފަރާތަށް ދެއްކިފައިނުވާތީ ފައިސާ ނަގައިނުދެވޭނެކަމަށް ސިވިލް ކޯޓުން ޙުކުމްކުރިއެވެ.
އިސްތިއުނާފުކުރި ފަރާތުގެ ނަމުގައި ޏ. ފުވައްމުލަކުގައި ހިންގި ފިހާރައެއް އޮޑިޓްކުރިއިރު 23,173,947 ރުފިޔާ ފިހާރައިގެ އެކައުންޓަށް ޖަމާނުކުރާކަމަށް ފާހަގަވުމުން، ފިހާރަ ހިންގަން ޙަވާލުކުރި ތިން މީހުންގެ އަތުން އެ ފައިސާއާއި ގެއްލުމުގެ ބަދަލާއި ވަކީލުގެ ފީ ހޯދުމަށް ދަޢުވާކުރިއެވެ.
އިންޓަނޭޝަނަލް އޮޑިޓް ފާމެއް ކަމަށްވާ އާނަސްޓް އެންޑް ޔަންގުން ތައްޔާރުކުރި އޮޑިޓް ރިޕޯޓުގެ ޞައްޙަކަމާމެދު ސުވާލު އުފެދޭކަށް ނެތްކަމަށާއި، ދަޢުވާ ފޯމާއެކު ހުށަހެޅި ލިޔެކިޔުންތަކުގައިވާ ފައިސާއާ މެދު ޢަމަލުކުރި ގޮތް ކޯޓުން ސާފުކޮށްފައިނުވާކަމަށާއި، ފިހާރައިގެ ކަންތައް ބަލަހައްޓަމުންދިޔައީ ކުންފުންޏުން ކަމަށް ހުށަހެޅި ލިޔުންތަކަށް ރިޢާޔަތްނުކުރިކަމަށް އިސްތިއުނާފުކުރި ފަރާތުން ބުންޏެވެ.
މައިގަނޑު ސުވާލު
ފަރުދީ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ފިހާރައެއްގެ ފައިސާ ޖަމާނުކުރި ކަމަށް ބުނެ ވެރިފަރާތުން އަމިއްލަ ޙައިޘިއްޔަތުން ކުރި ދަޢުވާގައި، ކުންފުންޏެއްގެ މުޢާމަލާތްތަކާ އެއްކޮށް މަސްހުނިވެފައިވާ އޮޑިޓް ރިޕޯޓަކާއި ލިޔެކިޔުންތަކުން ދަޢުވާ ސާބިތުވޭތޯއާއި، ދަޢުވާ ހުށަހަޅަންޖެހޭނީ ކޮން ފަރާތަކުންތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު؛ ހިސާބުތައް ވަކިކޮށް ދަޢުވާ އަލުން ހުށަހެޅުމުގެ ފުރުޞަތު އޮތްކަމަށް ކަނޑައެޅި
އޮޑިޓް ރިޕޯޓާއި ލިޔެކިޔުންތަކުގައި ފަރުދީ ވިޔަފާރިއާއި ކުންފުނީގެ މުޢާމަލާތްތައް މަސްހުނިވެފައިވާތީ ދަޢުވާ އެގޮތަށް ސާބިތުނުވާނެ ނަމަވެސް، އެ ހެކިތަކަކީ ބަލައިގަނެވޭނެ ހެކިތަކެއް ކަމަށްވާތީ ފަރުދީ ފިހާރައިގެ ހިސާބުތައް ވަކިކޮށް އަލުން ދަޢުވާ ހުށަހެޅުމުގެ ފުރުޞަތު ދީ ދަށުކޯޓުގެ ޙުކުމް ބާޠިލުކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކުންފުންޏަކީ ކުންފުނި އުފައްދާ މެންބަރުންނާ ވަކިން އޮންނަ ޤާނޫނީ ޝަޚްޞެކެވެ. ކުންފުނީގެ މުދަލަކީ ކުންފުނި އުފައްދާ މީހުންގެ މުދަލެއް ނޫން، ކުންފުނީގެ މުދަލެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 9)
- ކުންފުންޏެއްގެ މުދަލާއި ފައިސާއަށް ގެއްލުން ލިބިފައިވާނަމަ އެކަމުގެ މައްޗަށް ދަޢުވާ ކުރާނީ އެ ކުންފުންޏެވެ. ޙިއްޞާދާރަކަށް އަމިއްލަ ޙައިޘިއްޔަތުން ދަޢުވާ ކުރެވޭނީ އޭނާގެ އަމިއްލަ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މުދަލުން ގެއްލުންވި މިންވަރު ހޯދުމަށެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 9)
- ދަޢުވާގައި ހިމެނޭ މުޢާމަލާތްތައް ކުރީ ދަޢުވާކުރާ ފަރާތުގެ ފަރުދީ ވިޔަފާރީގެ އެކައުންޓުން ނުވަތަ މުދަލުން ކަމެއް، ނުވަތަ ކުންފުނީގެ އެކައުންޓުން ނުވަތަ މުދަލުން ކަމެއް ވަކިކޮށް ބެލުމަކީ ކޯޓުން ކުރާނެ ކަމެއް ނޫން، މައްސަލަ ހުށަހަޅާ ފަރާތުން ހުށަހެޅުމުގެ ކުރިން ކުރަންޖެހޭ ކަމެކެވެ. ހަޤީޤަތެއް ސާބިތުކުރުމަށް ހުށަހަޅާ ކިތާބީ ހެކިތައް ތަރުތީބުކުރެވި ސުމާރުކުރެވި، ސާބިތުކުރުމަށް ބޭނުންވާ ހެއްކަށް ޙަވާލާދެވިފައި ހުންނަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 10)
- ކުންފުންޏެއްގެ މުދަލާއި ފައިސާއާއި ފަރުދެއްގެ މުދަލާއި ފައިސާ އެއްކޮށް މަސްހުނިވެފައިވާ ލިޔެކިޔުންތަކެއް ހުށަހަޅައި އެއަށް ޙަވާލާދިނުމަކުން މައްސަލަ ހުށަހަޅާ ފަރާތުގެ ޒިންމާ އަދާއެއް ނުކުރެވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 10)
- ދަޢުވާގައި ހޯދުމަށް އެދޭ ފައިސާއަކީ ކާކުގެ ފައިސާއެއް ނުވަތަ މުދަލެއްކަން އެނގޭގޮތަށް ލިޔެކިޔުންތައް ވަކިކޮށް، ދެ ޤަޟިއްޔާއެއްގައި އެއް ފައިސާއެއް ނުހިމެނޭނެހެން އަދި އެހެން ޤަޟިއްޔާއަކުން އެ ފައިސާ ނަގައިދިނުމަށް ޙުކުމްކޮށްފައިވާނަމަ އެކަން އެނގޭނެހެން ހުށަހަޅައިގެން ނޫނީ ފައިޞަލާކުރަނިވި ޙުކުމެއް ކަނޑައެޅޭނެކަމަށް ބުރައެއް ނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 11)
- ޤާނޫނު ނަންބަރު 25/82 (ކުންފުނި، އޭޖެންސީ ފަދަ ޖަމާޢަތްތައް ރަޖިސްޓްރީ ކުރުމުގެ ޤާނޫނު)
- ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 100 ވަނަ މާއްދާގެ (ހ)
- ހައިކޯޓުގެ ނަންބަރު 2018/HC-A/43 ޤަޟިއްޔާ
- ބެންޗު
- މުޙައްމަދު ނިޔާޒް، ޢަބްދުއްރައޫފު އިބްރާހީމް، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް