ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-A/552
2016/HC-A/552، 2016/HC-A/552
2016/HC-A/552 (2016/HC-A/552, High Court of the Maldives, 12 October 2017)
2016/HC-A/552
މައްސަލައިގެ ޚުލާޞާ
މަސައްކަތް ނުހުއްޓުވައިފިނަމަ ކުންފުންޏަށް މާލީ ގެއްލުން ލިބިދާނެތީ، މޯލްޑަށް އިތުރު ލޯންޗެއް އެޅުމުގެ މަސައްކަތް ހުއްޓާލުމަށް އިސްތިއުނާފުކުރި ފަރާތަށާއި، ރަށު ކައުންސިލާއި ފުލުހުންނަށް އަމުރުކުރިއެވެ.
ކުންފުންޏަކާ ފަރުދަކާ ދެމެދު ވި އެއްބަސްވުމެއްގެ ދަށުން ހަދައިދިން ލޯންޗެއްގެ މޯލްޑް ވިޔަފާރީގެ އުޞޫލުން ބޭނުންކުރާކަމަށް ބުނެ، އެކަން ހުއްޓުވުމަށް ވަގުތީ އަމުރަކަށް އެހެން ފަރުދަކު އަމިއްލަ ނަމުގައި މެޖިސްޓްރޭޓް ކޯޓަށް އެދުނެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ އަމުރަށް އެދުނީ އެކަމަށް އިޚްތިޞާޞް ލިބިގެންވާ ފަރާތެއް ނޫންކަމަށާއި، އެއްބަސްވުމުގެ 2.0 ވަނަ މާއްދާ މާނަކުރީ އޭގެ މަޤްޞަދާ ޚިލާފަށް ކަމަށެވެ.
މައިގަނޑު ސުވާލު
ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ނުގުޅޭގޮތަށް، އަދި ކުންފުނީގެ ފަރާތުން ހުށަހެޅުމުގެ ހައިސިއްޔަތު ސާބިތުނުކުރާ ފަރުދަކު އަމިއްލަ ނަމުގައި އެދުމުން ނެރުނު ވަގުތީ އަމުރު ޞައްޙަތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ވަގުތީ އަމުރު ބާޠިލު
އަމުރު ނެރުނީ ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ނޫންކަމުން ވަގުތީ އަމުރުގެ އުޞޫލާ ޚިލާފުކަމަށާއި، ކުންފުންޏަކީ ވަކި ޝަޚްޞެއް ކަމުން ކުންފުނީގެ ފަރާތުން ހުށަހެޅުމުގެ ހައިސިއްޔަތު ސާބިތުނުކުރާ ފަރުދަކަށް އެ އަމުރަށް އެދުމުގެ ހައިސިއްޔަތު ނެތްކަމަށް ކަނޑައަޅައި އަމުރު ބާޠިލުކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ވަގުތީ އަމުރެއް ކޯޓުން ނެރެދެވޭނީ ކޯޓަކަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން އެމައްސަލައެއްގެ ޝަރީޢަތް ނިމުމުގެ ކުރިން ކޯޓުން ވަގުތީ ފިޔަވަޅެއް ނާޅައިފިނަމަ މައްސަލައިގައި ހިމެނޭ ފަރާތަކަށް ގެއްލުން ލިބިދާނެ ކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރަށް ޤަބޫލުކުރެވޭ ޙާލަތެއްގައިކަމަށް "ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ގަވާއިދު" ގެ 295 ވަނަ މާއްދާގައި ބަޔާންކުރެވިފައިވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ހ))
- ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން ނެރުއްވާފައިވާ އަމުރެއް ނޫން ވަގުތީ އަމުރަކީ، ވަގުތީ އަމުރު ނެރުއްވުމުގައި ޢަމަލުކުރަންޖެހޭ އުޞޫލާއި ޚިލާފަށް ނެރުއްވާފައިވާ އަމުރެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ހ))
- ވަގުތީ އަމުރަކަށް އެދި ހުށަހަޅާ ފަރާތަކީ، އެފަދަ އަމުރަކަށް އެދުމުގެ ހައިސިއްޔަތު ޤާނޫނީ ގޮތުން ލިބިގެންވާ ފަރާތަކަށް ވާންޖެހޭނެއެވެ. (ސުޕްރީމް ކޯޓުގެ 2012/SC-A/21 ޤަޟިއްޔާ) (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ށ))
- ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން، ކުންފުންޏަކީ ކުންފުނީގެ ނަމުގައި ދަޢުވާ ކުރުމާއި ދަޢުވާ ލިބިގަތުމުގެ ޙައްޤު ލިބިގެންވާ، މެންބަރުންނާ ވަކިން އުފެދިފައިވާ، ޤާނޫނީ ގޮތުން އަމިއްލަ ޝަޚްޞެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ށ))
- ކުންފުންޏެއްގެ މުޢާމަލާތަކާ ގުޅޭ ވަގުތީ އަމުރަކަށް ކުންފުނީގެ ބަދަލުގައި ފަރުދަކު އޭނާގެ އަމިއްލަ ނަމުގައި އެދި ހުށަހަޅައި، ކުންފުނީގެ ފަރާތުން އެ މައްސަލަ ހުށަހެޅުމުގެ ހައިސިއްޔަތު އޭނާއަށް ލިބިގެންކަން ސާބިތުކޮށްދޭ އެއްވެސް ލިޔުމެއް ހުށަހެޅިފައިނުވާނަމަ، އެ އަމުރަށް އެދި ހުށަހެޅި ފަރާތަކީ އެކަމުގެ ހައިސިއްޔަތު ލިބިފައިނުވާ ފަރާތެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3 (ށ)، 3 (ނ))
- ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ގަވާއިދުގެ 295 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ)
- 2012/SC-A/21
- ބެންޗު
- ޢަބްދުލްޣަނީ މުޙައްމަދު، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޝުޖާޢު ޢުޘްމާން
- ޚިލާފު ރައުޔު
- ނެތް