ސައިޓޭޝަން ކޮޕީ ކުރުމަށް
[2024] SC 52
އަޙްމަދު ރީހާން ވ. ވިންޖިނީރިންގ ޕްރައިވެޓް ލިމިޓެޑް، [2024] SC 52 (2022/SC-A/95)
Ahmed Reehaan v. Vinjineering Private Limited [2024] SC 52 (2022/SC-A/95, Supreme Court of the Maldives, 27 October 2024)
އަޙްމަދު ރީހާން ވ. ވިންޖިނީރިންގ ޕްރައިވެޓް ލިމިޓެޑް
މައްސަލައިގެ ޚުލާޞާ
ދަޢުވާކުރާ މިންވަރަށް މަސައްކަތް ފުރިހަމަކުރިކަމުގެ ހެއްކެއް ނެތީތީ ސިވިލް ކޯޓުން ދަޢުވާ ސާބިތުނުވާކަމަށް ނިންމިއެވެ. ފައިސާ ދައްކާ ޚަލާޞްކުރިކަން ސާބިތުކުރުމުގެ ބުރަ އޮތީ އަޙްމަދު ރީޙާންގެ މައްޗަށް ކަމަށާއި، ޗެކްތަކަށް ބާރުލިބޭ ގޮތަށް މުޢާމަލާތް ހިނގާފައިވާކަމަށް ބުނެ ހައިކޯޓުން އަޣުލަބިއްޔަތުން ދަޢުވާ ސާބިތުވާކަމަށް ނިންމިއެވެ.
އދ. ދިގުރަށުގައި 25 އެނދުގެ ގެސްޓްހައުސްއެއް ޢިމާރާތްކުރުމަށް 25 އެޕްރީލް 2016 ގައި ވިންޖިނީރިންގ އާއި އަޙްމަދު ރީޙާން އެއްބަސްވިއެވެ. މަސައްކަތް ފުރިހަމަ ނުކުރެވުނުކަން ވިންޖިނީރިންގ އިން ވެސް ޤަބޫލުކުރެއެވެ. ނުލިބިވާ US$104,850.84 ދެއްކުމަށް ދޫކުރި 3 ޗެކަށް ފައިސާ ނުލިބުނު ކަމަށް ބުނެ ވިންޖިނީރިންގ އިން ދަޢުވާކުރިއެވެ؛ އެ ޗެކްތައް ދޫކޮށްފައިވަނީ އަޙްމަދު ރީޙާން މެޖޯރިޓީ ހިއްސާދާރުކަމުގައިވާ ވައިޓްސޭންޑް ކުންފުނީގެ ނަމުގައެވެ.
ހައިކޯޓުން ދަޢުވާއާއި ރައްދު ދޭހަކޮށްފައިވަނީ ޚިލާފަށް ކަމަށާއި، ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާއާއި ނާޝިދު ޤަޟިއްޔާގެ ސާބިތުކުރުމުގެ ބުރައާ ޚިލާފަށް ކަމަށާއި، ޗެކެއް އޮތުމުން ހާދިސާ ސާބިތު ނުވާނެ ކަމަށް އަޙްމަދު ރީޙާން ބުންޏެވެ. ހައިކޯޓުން ދެފަރާތުގެ ވާހަކައަށް ރިޢާޔަތްކޮށްފައިވާ ކަމަށާއި، އަޙްމަދު ރީޙާން ރައްދުގައި ހެކި ހުށަނާޅާ ކަމަށް ވިންޖިނީރިންގ އިން ބުންޏެވެ.
މައިގަނޑު ސުވާލު
ކުންފުންޏެއްގެ ނަމުގައި ދޫކުރި ޗެކްތަކަށް، އެ ކުންފުންޏާ ދެކޮޅަށް ދަޢުވާ ނުކޮށް، އެ ކުންފުނީގެ މެޖޯރިޓީ ހިއްސާދާރަކު ޒިންމާކުރުވައި، ޗެކްތަކަށް ފައިސާ ދެއްކިކަން ސާބިތުކުރުމުގެ ބުރަ ދަޢުވާ ލިބޭ ފަރާތާ މަތިކޮށް ހައިކޯޓުން ނިންމުމަކީ ޤާނޫނީ އުޞޫލުތަކާ އެއްގޮތް ނިންމުމެއްތޯ، އަދި ހައިކޯޓުން ދަށުކޯޓަށް ހުށަހެޅުނު އަސާސްތަކަށް ރިޢާޔަތްކޮށްފައިވޭތޯ.
ނިންމި ގޮތް
ހައިކޯޓުގެ ޙުކުމް ބާޠިލު
ވައިޓްސޭންޑަކީ ވަކި ޤާނޫނީ ޝަޚްޞެއް ކަމަށްވާއިރު، އޭގެ ޗެކްތަކަށް އަޙްމަދު ރީޙާން ޒިންމާކުރުވުމަކީ ކުންފުންޏާބެހޭ ޤާނޫނާ ޚިލާފެވެ. މަސައްކަތާއި ނުލިބިވާ އަގު ސާބިތުކުރުމުގެ ބުރަ އޮތީ ވިންޖިނީރިންގ ގައި ކަމަށާއި އެކަން ސާބިތުކޮށްފައި ނުވާއިރު، ހައިކޯޓުން ދަށުކޯޓުގެ މައުޟޫޢު ދޫކޮށް ޗެކްތަކުގެ މައުޟޫޢުގައި ނިންމުމަކީ ކުށެކެވެ.
ކަނޑައެޅުނު އުޞޫލުތައް
- ކުންފުންޏަކީ އެ ކުންފުނީގެ މެންބަރުންނާ ވަކިން އުފެދިފައިވާ، އަމިއްލައަށް ދަޢުވާކުރުމާއި ދަޢުވާ ލިބިގަތުމުގެ ޙައްޤު ލިބިފައިވާ ވަކި ޤާނޫނީ ޝަޚްޞެކެވެ؛ މެންބަރުން ކުންފުނީގެ ދަރަންޏަށް ޒިންމާވަނީ ހިއްސާގެ އަގުން ނުދައްކާ ބާކީ އޮތް މިންވަރަކަށެވެ. އެހެންކަމުން، ކުންފުނި ދޫކުރި ޗެކްތަކަށް ކުންފުންޏާ ދެކޮޅަށް ދަޢުވާ ނުކޮށް، އިތުރު ވާޤިޢާއަކަށް ބުރަނުވެ، ކުންފުނީގެ މެޖޯރިޓީ ހިއްސާދާރަކު ޒިންމާކުރުވުމަކީ ކުންފުންޏާބެހޭ ޤާނޫނާ ޚިލާފު ކަމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 29-33، 45)
- ޢާންމު އުޞޫލެއްގެ ގޮތުގައި މަދަނީ ޚުޞޫމާތްތަކުގައި ސާބިތުކުރުމުގެ ބުރަ (onus probandi) އުފުލަންޖެހެނީ ދަޢުވާކުރާ ފަރާތެވެ؛ ދަޢުވާ ލިބޭ ފަރާތުން ދިފާޢުގައި ކުރާ ދިފާޢީ ދަޢުވާއެއް ނުވަތަ "ދަފްޢެއް" (plea) ސާބިތުކުރުމުގެ ބުރަ އުފުލަންޖެހެނީ އެ ދަފްޢެއް ކުރާ ފަރާތެވެ (އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 36)
- ކޯޓަށް ބޭނުންވާ މަޢުލޫމާތު ސާފުކުރުމަށް ކޯޓުގެ އަމިއްލަ އިސްނެގުމުން ތަދައްޚުލްކުރުވާ ފަރާތަކީ ޚުޞޫމާތުގެ ޚަޞްމެއް ނޫނެވެ؛ އެއީ ދަޢުވާއަށް ޖަވާބުދާރީވުމަށް ޙާޟިރުކުރެވޭ ފަރާތެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 35-37)
- މަސައްކަތްކޮށްދިން ކަމަށް ބުނެ މަސައްކަތުގެ އަގު ހޯދުމަށް ކުރާ ދަޢުވާއެއްގައި ޝަރީޢަތުން ބަލަންޖެހޭނީ މަސައްކަތް ކުރިތޯއާއި އެ ކުރި މަސައްކަތަށް ކަނޑައެޅުނު މިންވަރަށް ފައިސާ އަދާކޮށްފައިވޭތޯއެވެ؛ ކުރި މަސައްކަތުގެ މިންވަރާއި، ފައިސާ ނުލިބިވާ މަސައްކަތާއި، ލިބެންޖެހޭ ޢަދަދު ހެއްކާއެކު މަދަނީ މިންގަނޑުން ސާބިތުކުރުމުގެ ބުރަ އުފުލަންޖެހެނީ ދަޢުވާކުރާ ފަރާތެވެ. ދަޢުވާ ސާބިތުކުރުމުގެ ބުރަ އެއްފަރާތްކޮށް، ޗެކްތަކުގެ ފައިސާ ދައްކާ ޚަލާޞްކުރިކަން ސާބިތުކުރުމުގެ ބުރަ ދަޢުވާ ލިބޭ ފަރާތާ މަތިކުރުމަކީ ރަނގަޅު ނިންމުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 38-39، 47-48)
- ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ ދަށުން ހައިކޯޓުން މައްސަލަ ބަލަންވާނީ ދަށުކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތައް އަސާސްކޮށްގެންނެވެ؛ (ށ) ގައިވާ އިސްތިސްނާއަކީ ދަށުކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު ނުލިބޭ ހެކި އިސްތިއުނާފުގައި ހުށަހެޅުމުގެ ފުރުޞަތެވެ. ދަށުކޯޓުގައި ބެލި މައުޟޫޢު (މަސައްކަތުގެ އަގު) ދޫކޮށް އެހެން މައުޟޫޢެއްގައި (ޗެކްތަކުގެ ފައިސާ) ހައިކޯޓުން ގޮތް ނިންމުމަކީ ދަށުކޯޓަށް ހުށަހެޅުނު ކަންކަމަށް ފުރިހަމައަށް ރިޢާޔަތްކުރުމެއް ނޫނެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 43-46)
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
2022/SC-A/95 ޝަރީޢަތް ނިމުނުގޮތް އަޙްމަދު ރީޙާން ވ. ވިންޖިނީރިންގ ޕްރައިވެޓް ލިމިޓެޑް ފަނޑިޔާރުންގެ މަޖިލިސް އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން
ނިމުނު ތާރީޚު 27 އޮކްޓޯބަރ 2024 އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2019/HC-A/09
އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް ވިންޖިނީރިންގ ޕްރައިވެޓް ލިމިޓެޑް
އަޙްމަދު ރީޙާން
މުޙައްމަދު ޝާކިރު
ޤާނޫނީ ވަކީލު:
ޢަބްދުﷲ ނަޞީރު މުޙައްމަދު
މަދަނީ– އެއްބަސްވުމާމެދު ޚިލާފު އުފެދިގެން ހުށަހެޅޭ މައްސަލަ – ޗެކްގައިވާ ފައިސާއަށް ޒިންމާވުން – ޚުސޫމާތް ސާބިތު ކުރުމުގެ ބުރަ – ހައިކޯޓަށް މައްސަލަ ހުށަހެޅުމުގެ އަސާސް
ފިހުރިސްތު
އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު 1
ތަޢާރުފު 1
ވިންޖިނީރިންގ ގެ ފަރާތުން ސިވިލް ކޯޓުގައި ކުރި ދަޢުވާގެ ޚުލާޞާ 1
ވިންޖިނީރިންގ ގެ ފަރާތުން ސިވިލް ކޯޓުގައި ކުރި ދަޢުވާއަށް އަޙްމަދު ރީހާން ދިން ޖަވާބު 2
ސިވިލް ކޯޓުން ނިންމި ގޮތް 2
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތަށް 3
ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ގޮތް 4
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް 5
އިސްތިއުނާފީ ނުކުތާތަކުގެ ރައްދު 6
ގޮތް ކަނޑައަޅަންޖެހޭ ކަންކަން 7
ވިންޖިނީރިންގގެ ފަރާތުން ކުރި މަސައްކަތް 8
ވައިޓްސޭންޑް އިން ދޫކުރި 3 ޗެކް 10
ޗެކްގައިވާ ފައިސާ އަށް ޒިންމާވުން 11
ޚުޞޫމާތް ސާބިތުކުރުމުގެ ޒިންމާ 15
ހައިކޯޓަށް މައްސަލަ ހުށަހެޅުމުގެ އަސާސް 17
މައްސަލަ ނިންމަން ފެންނަގޮތް 19
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު 20
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު 20
ޙުކުމް 20
` އަޙްމަދު ރީޙާން ވ. ވިންޖިނީރިންގ ޕްރައިވެޓް ލިމިޓެޑް [2024] SC 52 އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)
ތަޢާރުފު
1މިއީ، ކަރިޝްމާގެ، އަޙްމަދު ރީޙާން1 (މީގެ ފަހުން: އަޙްމަދު ރީޙާން ނުވަތަ އިސްތިއުނާފު ކުރާ ފަރާތް) މި ކޯޓަށް ހުށަހެޅުމުން، ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ވިންޖިނީރިންގ ޕްރައިވެޓް ލިމިޓެޑް2 (މީގެ ފަހުން: ވިންޖިނީރިންގް ނުވަތަ އިސްތިއުނާފު ރައްދުވާ ފަރާތް) އެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވިފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/09 ޤަޟިއްޔާ އެވެ. ސިވިލް ކޯޓުން މި މައްސަލަ ބަލާފައިވަނީ އެ ކޯޓުން ނަންބަރު 1040/Cv-C/2018 ޤަޟިއްޔާއިންނެވެ.
ވިންޖިނީރިންގ ގެ ފަރާތުން ސިވިލް ކޯޓުގައި ކުރި ދަޢުވާގެ ޚުލާޞާ
2އދ. ދިގުރަށު "އައިރިސް" އެވެކިޔާ ގޯއްޗާއި، "ކުރި" އެވެ ކިޔާ ގޯއްޗާއި، "އިތާ" އެވެ ކިޔާ ގޯތީގައި 25 އެނދުގެ ގެސްޓްހައުސްއެއް ޢިމާރާތްކުރުމުގެ މަސައްކަތް ކުރުމާގުޅޭގޮތުން އަޙްމަދު ރީޙާން އާއި ވިންޖިނީރިންގ އާ ދެމެދު 25 އެޕްރީލް 2016 ގައި އެއްބަސްވުމެއް ވިއެވެ.
3އެއްބަސްވުމުގެ ދަށުން އަޙްމަދު ރީޙާންގެ އަތުން ވިންޖީނީރިންގއަށް ނުލިބިވާ ޖުމްލަ US$104,850.84 (އެއްލައްކަ ހަތަރުހާސް އަށްސަތޭކަ ފަންސާސް އެމެރިކާ ޑޮލަރު އަށްޑިހަ ހަތަރެއް ސެންޓް) ވިންޖިނީރިންގއަށް ދެއްކުމުގެ ގޮތުން، އަޙްމަދު ރީޙާން ވިންޖިނީރިންގ އަށް ދޫކުރި 03 ޗެކަށް ފައިސާ ލިބިފައިނުވާކަމަށް ވިންޖިނީރިންގ އިން ބުނެއެވެ.
403 ޗެކަށް ލިބިފައިނުވާ ފައިސާއާއި އެ ފައިސާގެ ޖީއެސްޓީއަށްވާ ޖުމްލަ US$ 6,291.05 (ހަހާސް ދުއިސައްތަ ނުވަދިހަ އެކެއް އެމެރިކާ ޑޮލަރު ފަހެއް ސެންޓް) އާއި، އަޙްމަދު ރީޙާން ފައިސާ ނުދެއްކުމުގެ ސަބަބުން ޤާނޫނީ ވަކީލުގެ ފީއަށް ޚަރަދު ކުރަންޖެހުނު ޖުމްލަ US$ 5,242.52 (ފަސްހާސް ދުއިސައްތަ ސާޅީސް ދޭއް އެމެރިކާ ޑޮލަރު ފަސްސާސް ދޭއް ސެންޓް) އާއި، މި މައްސަލަ ކޯޓުގައި ރަޖިސްޓްރީ ކުރުމަށް ކޯޓަށް ދައްކަން ޖެހުނު -/25ރ. (ފަންސަވީސް ރުފިޔާ) އެއްފަހަރާ އަޙްމަދު ރީޙާންގެ އަތުން ހޯދުމަށް ވިންޖިނީރިންގ ގެ ފަރާތުން އެދެއެވެ.
ވިންޖިނީރިންގ ގެ ފަރާތުން ސިވިލް ކޯޓުގައި ކުރި ދަޢުވާއަށް އަޙްމަދު ރީހާން ދިން ޖަވާބު
5ވިންޖިނީރިންގގެ ފަރާތުން ސިވިލް ކޯޓުގައި ކުރި ދަޢުވާއަށް އަޙްމަދު ރީޙާން އިންކާރުކޮށް، ވިންޖިނީރިންގ އާއި ރީޙާން އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ވިންޖިނީރިންގ އާ ހަވާލުކުރެވުނު މަސައްކަތް އެއްކޮށް ފުރިހަމަކޮށްފައި ނުވާކަމަށާއި ވިންޖިނީރިންގ ގެ ފަރާތުން ފުރިހަމަކުރި މަސައްކަތްތަކުގެ އަގު އަދާކޮށްފައިވާނެ ކަމަށް އަޙްމަދު ރީޙާން ބުނެއެވެ. އަދި މައްސަލައަކީ މަސައްކަތާއި މުދަލާއި އަގު ހޯދުމަށް އެދި އެ ޠަބީޢަތުގައި ހުށަހެޅި މައްސަލައަކަށްވާތީ ޝަރީޢަތުން ބަލަންޖެހޭނީ މަސައްކަތް ކުރިތޯއާއި، އަދި އެ ކުރި މައްސައްކަތަށް ކަނޑައެޅުނު މިންވަރަށް ފައިސާ އަދާކުރަންޖެހޭ ފަރާތުން މަސައްކަތްކުރި ފަރާތަށް ފައިސާ އަދާކޮށްފައިވޭތޯ ކަމުގައިވެސް އަޙްމަދު ރީޙާން ބުނެފައިވެއެވެ.
ސިވިލް ކޯޓުން ނިންމި ގޮތް
6ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ ވިންޖިނީރިންގ ގެ ފަރާތުން ފުރިހަމަ ކުރަންޖެހޭ އެންމެހާ މަސައްކަތް ވިންޖިނީރިންގ ގެ ފަރާތުން ފުރިހަމަ ކޮށްފައިނުވާކަން ވިންޖިނީރިންގ ގެ އިޢުތިރާފުން އެނގެން އޮންނައިރު، ވިންޖިނީރިންގ ގެ ފަރާތުން ހޯދުމަށް އެދިފައިވާ ޖުމްލަ US$104,850.84 (އެއްލައްކަ ހަތަރުހާސް އަށްސަތޭކަ ފަންސާސް އެމެރިކާ ޑޮލަރު އަށްޑިހަ ހަތަރެއް ސެންޓް) އަށްވާ މަސައްކަތް އެ ފަރާތުން ފުރިހަމަކޮށްފައިވާކަން އެނގޭފަދަ އެއްވެސް ހެއްކެއް ވިންޖިނީރިންގ ގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިނުވާތީ، ދަޢުވާ ސާބިތުނުވާކަމަށް ކަނޑައަޅައެވެ.
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތަށް
7ސިވިލް ކޯޓުގެ ނަންބަރު 1040/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ވިންޖިނީރިންގ އިން ހައިކޯޓަށް 04 ނުކުތާއެއް ހުށަހެޅިއެވެ. އެ ނުކުތާތަކަކީ؛
7.1- ދަޢުވާގެ ދަށުން ހޯދުމަށް އެދިފައިވާ ފައިސާ ވިންޖިނީރިންގ އަށް ދައްކައި ޚަލާޞްކޮށްފައިވާ ކަމުގެ ހެކި ހުށަހެޅުމަށް ވިންޖިނީރިންގ ގެ ފަރާތުން އެދުމުންވެސް އަޙްމަދު ރީޙާންގެ ފަރާތުން ހެކި ހުށަހަޅާފައި ނުވާއިރުވެސް އަޙްމަދު ރީޙާން އާ އެއްކޮޅަށް މައްސަލަ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ3 ޤަޟިއްޔާގެ ދަށުން ކަނޑައަޅުއްވާފައިވާ މަދަނީ ޚުޞޫމާތު ސާބިތުކުރުމުގެ ޒިންމާ އުފުލުމުގެ އުޞޫލާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ؛ އާއި
7.2- ދަޢުވާ ހުށަހަޅާފައިވަނީ ނުނިމިވާ މަސައްކަތުގެ އަގަށްވާ ފައިސާގެ ޢަދަދާއި، އަޙްމަދު ރީޙާންގެ އަތުން ނެގި ޕައިޕްތަކެއްގެ އަގު ކެނޑުމުން އަޙްމަދު ރީޙާން ދައްކަންޖެހޭނެކަމަށް އަޙްމަދު ރީޙާން ޤަބޫލުކޮށް ދޫކުރި ޗެކުތަކެއްގެ މައްޗަށް ކަމަށްވީހިނދު، ޤާނޫނު ނަންބަރު 2010/13 )ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާ ޚިލާފަށް މަސައްކަތް އެއްކޮށް ފުރިހަމަކޮށްފައި ނުވާކަމަށް ބުނެ ދަޢުވާގެ ދަށުން ހޯދުމަށް އެދުނު ޢަދަދު ނަގާދީފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ: އާއި
7.3- މި މައްސަލާގައި ޝަރީޢަތަށް ޙާޟިރުކުރުމަށް އެދިފައިވާ ހެކީން، ޤާނޫނު އަސާސީގެ 51 ވަނަ މާއްދާއާ ޚިލާފަށް ޙާޟިރުކޮށްނުދީ މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ؛ އާއި
7.4- ދަޢުވާ ބިނާކޮށްފައިވާ ޗެކުތަކަކީ ވަކި ޢަދަދެއް ނުޖަހައި ދޫކޮށްފައިވާ ހުސް ޗެކުތަކެއްކަމަށް ޝަރީޢަތުން އަމިއްލައަށް ކަނޑައަޅުއްވައި އެ ވާހަކައަށް ބުރަދަން ދެއްވާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް4 ޤަޟިއްޔާއާއި އޭޑީކޭ ޕްރައިވެޓް ލިމިޓެޑް ވ. އެޑިޔުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް5 ޤަޟިއްޔާގައި ޗެކުގެ ޤާނޫނީ ބުރަދަނާއިމެދު ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުމާއި ފުށުއަރާގޮތަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ގޮތް
8ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ވިންޖިނީރިންގ އިން ހޯދުމަށް އެދުނު ފައިސާއަކީ އަޙްމަދު ރީޙާން ދައްކަންޖެހޭ ފައިސާއެއް ކަމަށް މަދަނީ މިންގަނޑުން ސާބިތުވާކަމަށް މައްސަލަ ބެއްލެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކަނޑައަޅައެވެ.
9ހައިކޯޓުގެ ނިންމުން މައިގަނޑުގޮތެއްގައި ބިނާކޮށްފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށެވެ.
9.1- އަޙްމަދު ރީޙާންގެ ފަރާތުން ދަށު ކޯޓުގައި ފާހަގަކުރި ދިފާޢުއަކީ ދަޢުވާގައި ހޯދުމަށް އެދޭ ފައިސާ ދައްކައި ޚަލާޞްކޮށްފައިވާނެކަމަށް ބުނެ ނަގާފައިވާ ދިފާޢުކަމަށްވާތީ ހައިކޯޓުގެ އިސްތިއުނާފީ މައްސަލަ ބެލިފައި ވަނީ ކޯޓުތަކުގެ ޤާނޫނުގެ 32 ގައި ބަޔާންކުރާ ފަދައިން ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންކަން؛
9.2- ފައިސާ ދައްކާ ޚަލާޞްކުރިކަން ސާބިތުކޮށްދިނުމަކީ މަދަނީ މައްސަލަތަކުގައި ސާބިތުކުރުމުގެ ބުރަ އުފުލުމުގެ އުޞޫލުން އަޙްމަދު ރީޙާންގެ ޒިންމާއެއްކަމުގައި ބެލެވުނު ނަމަވެސް، ސިވިލް ކޯޓުގެ ޝަރީޢަތަށް އެކަން އެގޮތަށް އަޙްމަދު ރީޙާންގެ ފަރާތުން ސާބިތުކޮށްދީފައިވާކަން އެނގެން ނެތް ކަން؛
9.3- އަޙްމަދު ރީޙާންއާ އެއްކޮޅަށް ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ6 ޤަޟިއްޔާގެ ދަށުން ކަނޑައަޅާފައިވާ މަދަނީ ޚުޞޫމާތު ސާބިތުކުރުމުގެ ޒިންމާ އުފުލުމުގެ އުޞޫލާ ޚިލާފަށްކަން؛
9.4- ދަޢުވާގެ ދަށުން ހޯދުމަށް އެދުނު ޢަދަދު ނަގައިދީފައިނުވަނީ ސިވިލް ކޯޓަށް ހުށަހެޅުނު ހެއްކާއި ޤަރީނާއަށް ރިޢާޔަތްކޮށްގެންކަމުގައި މި ޙާލަތުގައި ބެލެވިދާނެކަމަކަށް ނުދެކޭކަން.7 މި ސަބަބުތަކެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް
10ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/09 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އަޙްމަދު ރީހާންގެ ފަރާތުން ސުޕްރީމް ކޯޓަށް 03 (ތިނެއް) ނުކުތާއެއް ހުށަހަޅާފައިވެއެވެ.
10.1- ފުރަތަމަ ނުކުތާއަކީ، ކޯޓަށް ހުށަހެޅި ދަޢުވާއާއި އެ ދަޢުވާއަށް ދިން ރައްދު ދިވެހިރާއްޖޭގެ ހައިކޯޓުން ބަޔާންކޮށްފައިވަނީ ހަގީގަތާ ޚިލާފަށް ކަމަށާއި، ހުށަހެޅުނު ދަޢުވާ ހައިކޯޓުން ދޭހަކޮށްފައި ވަނީ ދަޢުވާ ފޯމުގައި އޮތްގޮތަކަށް ނޫންކަމަށާއި، އަދި ދަޢުވާއަށް އަޙްމަދު ރީޙާންގެ ފަރާތުން ދިން ރައްދު ބަޔާންކޮށްފައި ވަނީ އެރައްދު ދިންގޮތަކަށް ނޫންކަމަށާއި މި ކަމުގައި ހައިކޯޓުން ޢަމަލުކޮށްފައިވަނީ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާއި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ) އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
10.2- ދެވަނަ ނުކުތާއަކީ، ހުށަހެޅި ދަޢުވާ ސާބިތުވާކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ދަޢުވާ ކުރި ފަރާތުގެ ހައިސިއްޔަތުން ވިންޖިނީރިންގ ގެ ފަރާތުން ދަޢުވާ ސާބިތުކުރުމަށް އެއްވެސް ހެއްކެއް ދެއްކުމަކާ ނުލާ ކަމަށާއި ސާބިތުކުރުމުގެ އުސޫލު ހައިކޯޓުން ތަޠުބީޤުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ8 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ނ) އާއި ސާބިތުކުރުމުގެ ބުރަ އުފުލުމާ ގުޅޭ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
10.3- ތިންވަނަ ނުކުތާއަކީ، ޗެކްގައިވާ ފައިސާގެ ޒިންމާ އުފުލުމާ ގުޅޭގޮތުން ހައިކޯޓުން ޢަމަލުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް9 ޤަޟިއްޔާގެ 56 ވަނަ ނަންބަރާ ޚިލާފަށް ކަމަށާއި، ޗެކެއް އޮންނަ އޮތުމަކުން ހާދިސާ ސާބިތު ނުވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
އިސްތިއުނާފީ ނުކުތާތަކުގެ ރައްދު
11އިސްތިއުނާފީ ނުކުތާތަކަށް ޖަވާބު ދިނުމުގެ ކުރިން ވިންޖިނީރިންގ ފަރާތުން ހުށަހެޅި ޖަވާބު ފޯމުގައި އިޖުރާއީ ނުކުތާއެއް ހުށަހަޅާފައިވެއެވެ. ނަމަވެސް އިސްތިއުނާފު ޖަވާބު ފޯމް އިސްލާހުކޮށް ހުށަހެޅި އިރު އެ އިޖުރާއީ ނުކުތާ ނުލައި ކުރިއަށް ގެންދިއުމަށް ހުށަހަޅާފައިވާ ކަމަށް ވިންޖިނީރިންގ ގެ ފަރާތުން ފާހަގަކުރިއެވެ.
12ވިންޖިނީރިންގ އިން އިސްތިއުނާފުގެ ރައްދުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ،
12.1- ދެފަރާތުން ދެއްކި ވާހަކަތަކަށް ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތް ކޮށްފައިވާކަމަށާއި ހައިކޯޓުގެ ނިންމުން ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އަދި (ށ) އާ ޚިލާފުކަމަކަށް ނުބުނެވޭނެކަމަށެވެ. އަދި ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން ފަދައިން ހުށަހެޅުނު ހެކިތަކާއި ދިފާޢުތަކާއި އަސާސްތަކުގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައިވާކަމަށެވެ.
12.2- ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުސްޠަފާ10 ޤަޟިއްޔާގައި ބަޔާންކުރާ ދަޢުވާ ސާބިތުކުރުމުގެ އުސޫލާއި އެއްގޮތަށް ވިންޖިނީރިންގ އިން ކުރި ދަޢުވާގައި ބަޔާންކޮށްފައިވާ ކޮންމެ ކަމެއް ސާބިތުކުރުމަށް ވިންޖިނީރިންގ ހެކި ހުށަހާފައިވީ ނަމަވެސް އަޙްމަދު ރީޙާންގެ ފަރާތުން ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުސްޠަފާ11 ޤަޟިއްޔާގައި ބަޔާންކުރާ އުޞޫލުގެ މަތިން ވިންޖިނީރިންގ އިން ކުރި ދަޢުވާއަށް ރައްދު ދިނުމުގެ ގޮތުން ހެކި ހުށަހަޅާފައި ނުވާކަމަށެވެ.
12.3- މި މައްސަލައިގައި ހުށަހަޅާފައިވާ ޗެކުތަކަކީ ވިންޖިނީރިންގގެ އަތުން އަޙްމަދު ރީޙާން ނަގާފައިވާ ޕައިޕްތަކެއްގެ އަގާއި ކުރި މަސައްކަތުގެ އަގު އަދާކުރުމުގެ ގޮތުން ދޫކުރެވުނު ޗެކްތަކެއްކަން އަޙްމަދު ރީޙާންގެ ބަހުން އެނގޭ ކަމަށާއި، ވިންޖީނީރިންގ އިން އަޙްމަދު ރީޙާން އަށް ކޮށްދިން މަސައްކަތަށް ފައިސާ ދައްކަމުން ދިޔައީ އަޙްމަދު ރީޙާން މެނޭޖިންގ ޑިރެކްޓަރުކަންކުރާ ވައިޓްސޭންޑް ދިގުރަށް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން: "ވައިޓްސޭންޑް) ގެ ޗެކުން ކަމަށާއި، މި މައްސަލައިގައި ހަވާލާދީފައިވާ ޗެކުތަކަކީ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް12 ޤަޟިއްޔާގެ ދަށުން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ބަލައިގެންފައިވާ ޗެކްތަކެއް ކަމަށްބެލެވޭނެ ޤާނޫނީ ބިނާއެއް އަޙްމަދު ރީޙާނަށް ހުށަހެޅިފައި ނުވާކަމަށެވެ.
ގޮތް ކަނޑައަޅަންޖެހޭ ކަންކަން
13އަޙްމަދު ރީޙާންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ މައިގަނޑު ޚުލާސާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދައިން ދަށުކޯޓަށް ހުށަހެޅުނު އަސާސްތަކުގެ މައްޗަށް ނޫންކަމަށާއި ސިވިލް ކޯޓުން މައްސަލަ ބައްލަވާފައިވަނީ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ13 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ސާބިތުކުރުމުގެ ބުރަ އުފުލުމާ ގުޅޭ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށެވެ. އަދި ޗެކްގައިވާ ފައިސާގެ ޒިންމާ އުފުލުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށެވެ.
14މި މައްސަލައިގައި ސިވިލް ކޯޓުން މައްސަލަ ބައްލަވާފައިވާ އަސާސަކީ މަސައްކަތް ކުރިތޯ؟ އަދި އެކުރި މަސައްކަތަށް ކަނޑައެޅުނު މިންވަރަށް ފައިސާ އަދާކުރަންޖެހޭ ފަރާތުން މަސައްކަތްކުރި ފަރާތަށް ފައިސާ އަދާކޮށްފައިވޭތޯ؟ ކަން ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.
15ހައިކޯޓުން މި މައްސަލައިގައި ގޮތްކަނޑައަޅުއްވާފައިވަނީ ސިވިލް ކޯޓުން ގޮތް ކަނޑައެޅުއްވި މައުޟޫޢުގައި ނޫންކަން ހައިކޯޓުގެ ނިންމުން ބިނާކުރެއްވި ރައުޔަށް ބެލުމުން އެނގެއެވެ. އެގޮތުން ހައިކޯޓުން މައްސަލަ ބިނާކުރެއްވި އަސާސަކީ، ސިވިލް ކޯޓަށް ހުށަހެޅުނު ދަޢުވާގައި ބަޔާންކުރާ 03 ޗެކުގައިވާ ފައިސާއަކީ ދައްކާ ޚަލާސްކޮށްފައިވާ ފައިސާކަމަށް އަޙްމަދު ރީޙާންގެ ފަރާތުން ފާހަގަކޮށް ނެގި ދަފްޢު ސާބިތުކޮށްދިނުމުގެ ބުރަ އަޙްމަދު ރީޙާންގެ ފަރާތުން އުފުލާފައިވޭތޯ؟ ނުވަތަ ނޫންތޯ؟ ކަން ހައިކޯޓުގެ ނިންމުން ބިނާވި އަޣުލަބިއްޔަތު ރައުޔަށް ބެލުމުން އެނގެއެވެ.
16އެހެންކަމުން މި މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ މައިގަނޑު ނުކުތާއަކީ، ވިންޖީނިއަރިންގ އަށް ދޫކުރި 03 ޗެކަށް ފައިސާ ނަގައިނުދީ ސިވިލް ކޯޓުން މި މައްސަލަ ނިންމާފައިވަނީ މައްސަލަ ސާބިތު ކުރުމަށް ސިވިލް ކޯޓަށް ހުށަހެޅި އަސާސްތަކުގެ މައްޗަށް ސިވިލް ކޯޓުން ރިޢާޔަތް ނުކޮށް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅުއްވާފައިވަނީ ރަނގަޅަކަން ނުވަތަ ނޫންކަމުގެ މައްޗަށެވެ.
ވިންޖިނީރިންގގެ ފަރާތުން ކުރި މަސައްކަތް
17މި މައްސަލައިގައި ހުށަހަޅާފައިވާ އެއްބަސްވުމަކީ 25 އެޕްރީލް 2016 ގައި ވިންޖިނީރިންގ އާއި އަޙްމަދު ރީހާން އާ ދެމެދު ވެފައިވާ އެއްބަސްވުމެކެވެ. އެއްބަސްވުމުގައި މަސައްކަތް ކުރާ ފަރާތް ނުވަތަ ކޮންޓްރެކްޓަރ ގެ ގޮތުގައި ބަޔާންކޮށްފައިވަނީ ވިންޖީނިއަރިންގއެވެ. އަދި މަސައްކަތް ހަވާލުކުރި ފަރާތުގެ ގޮތުގައި ބަޔާންކޮށްފައި ވަނީ އަޙްމަދު ރީހާންއެވެ. އެއްބަސްވުމުގެ ދަށުން ކުރަން ހަވާލުކޮށްފައިވާ މަސައްކަތަކީ އދ. ދިގުރަށު "އައިރިސް"، "ކުރި" އަދި "އިތާ" އެވެ ކިޔާ 3 (ތިނެއް) ގޯތި އެއްކޮށްލައިގެން އެ ބިމުގައި 25 ކޮޓަރީގެ ގެސްޓް ހައުސްއެއް އިމާރާތްކުރުމުގެ މަސައްކަތެވެ. އަމިއްލަ ބާރު ނުފޯރާ ފަދަ ސަބަބެއް މެދުވެރި ނުވާނަމަ، އެއްބަސްވުމުގައި ސޮއި ކުރާތާ 05 (ފަހެއް) މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ވާނެ ކަމަށް އެއްބަސްވުމުގައި ބަޔާންކުރެއެވެ. މި އެއްބަސްވުމާއެކު ހިމަނާފައިވާ ޕޭމަންޓް ޝެޑިއުލްގައި ފައިނަލް ޕޭމަންޓް ހޯދުމަށް އެދެވޭނީ މަސައްކަތް ފުރިހަމަ ކުރުމުން ކަމަށް ބަޔާންކުރެއެވެ. އެއްބަސްވުމުގެ 3.5 ވަނަ މާއްދާގައި މަސައްކަތުގެ އަގު ދައްކާނެ ގޮތުގެ ތަފްޞީލް ހިމަނާފައިވެއެވެ. މި ގޮތުން އެޑްވާންސް ޕޭމަންޓެއްގެ ގޮތުގައި މަސައްކަތުގެ އަގުގެ %20 ދެއްކުމާއި މަސައްކަތުގެ ޖުމްލަ އަގު އަދާކުރާނީ މަސައްކަތް ނިމުމަށް ފަހު އިންވޮއިސް ހަދާ އެ އިންވޮއިސް ސައިޓް އިންޖިނޭރު ސެޓިފައިކުރުމުން ކަމަށް ބަޔާން ކުރެއެވެ. އަދި އިންވޮއިސަށް ފައިސާ ދައްކާނީ އޯނަރު (އަޙްމަދު ރީޙާން) ތަމްސީލުކުރާ ފަރާތެއް ސެޓިފައި ކުރުމުން ކަމަށާއި މަސައްކަތްކުރާ 7 ދުވަހުގެ ތެރޭގައި އިންވޮއިސް ސެޓްލް ކުރާނީ ކޮންޓްރެކްޓަރު (ވިންޖިނީރިންގ) ގެ ނަމުގައި މާލޭގައި އޮންނަ ބޭންކް އެކައުންޓަކަށް ޔޫއެސް ޑޮލަރުން ކަމަށް ބަޔާންކޮށްފައިވެއެވެ.
18އެއްބަސްވުމުގެ ދަށުން މަސައްކަތް ކުރަން ފެށިކަން ދެފަރާތުގެ ބަހުން ސާފުވެއެވެ. އަދި ވިންޖީނިއަރިންގ އާ ޙަވާލުކުރެވުނު މަސައްކަތް އެއްކޮށް ނުނިންމޭކަން ސިވިލް ކޯޓާއި ހައިކޯޓު އަދި ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދެއްކި ވާހަކަތަކުން އެނގެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ވިންޖިނީރިންގ ގެ ފަރާތުން ބުނެފައިވަނީ: "މަސައްކަތް އެއްކޮށް ނުނިންމާކަމަށް އަޅުގަނޑުމެން ވާނެ ސިވިލް ކޯޓުގައިވެސް ބުނެފަ މަސައްކަތް ނުނިންމާ. އެއްކޮށް ނުނިންމާ ..." މިގޮތަށެވެ.14
ވައިޓްސޭންޑް އިން ދޫކުރި 3 ޗެކް
19ވިންޖިނީރިންގ ގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާކޮށްފައިވަނީ އދ. ދިގުރަށުގައި 25 އެނދުގެ ގެސްޓްހައުސްއެއް ޢިމާރާތްކުރުމާގުޅޭގޮތުން 25 އެޕްރީލް 2016 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އަޙްމަދު ރީޙާންގެ އަތުން ވިންޖިނީރިންގ އަށް ނުލިބިވާ ފައިސާ އެ ކުންފުންޏަށް ދެއްކުމުގެ ގޮތުން އަޙްމަދު ރީޙާން ދޫކުރި 03 ޗެކަށް ފައިސާ ލިބިފައިނުވާތީ، މި ފައިސާއާއި، ޖީއެސްޓީއަށްވާ ފައިސާއާއި، ޤާނޫނީ ވަކީލުގެ ޚަރަދު އަދި ކޯޓުގައި މައްސަލަ ރަޖިސްޓްރީ ކުރުމަށް ދައްކަންޖެހުނު ފައިސާ ނަގައިދިނުމަށެވެ. ވިންޖިނީރިންގ ގެ ފަރާތުން ހޯދުމަށް އެދުނު ފައިސާގެ ޢަދަދުތައް މި ރައުޔުގެ ޕެރެގްރާފް 3 އަދި 4 ގައި ތަފްސީލު ކޮށްފައި އެވަނީއެވެ.
20މި މައްސަލައިގެ ދަޢުވާގައި އިސްވެ ހަވާލާދެވުނު 03 ޗެކް ދޫކޮށްފައިވަނީ އަޙްމަދު ރީޙާންގެ ފަރާތުން ކަމަށް ވިންޖިނީރިންގެ ފަރާތުން ފާހަގަކޮށްފައިވީ ނަމަވެސް ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ހިމަނާފައިވާ ޗެކްތަކުން، އެ ޗެކްތަކަކީ ވައިޓްސޭންޑްގެ ޗެކުތަކެއްކަން އެނގެން އޮވެއެވެ. އެހެންނަމަވެސް، މި މައްސަލައިގައި ދައުވާކުރިއިރު ވިންޖިނީރިންގގެ ފަރާތުން ވައިޓްސޭންޑްގެ މައްޗަށް ދަޢުވާކޮށްފައެއް ނުވެއެވެ.
21އެހެންކަމުން، މި މައްސަލައިގެ ތެރެއިން ވައިޓްސޭންޑްގެ ބަހެއް ހޯދަންޖެހޭކަމަށް ޝަރީޢަތަށް ބުރަވެވުމުން ސިވިލް ކޯޓުން މި މައްސަލައިގެ ތެރެއަށް ވައިޓްސޭންޑް ތަދައްޚުލް ކުރުވާފައިވެއެވެ. އަދި ވައިޓްސޭންޑް ސިވިލް ކޯޓުގެ މައްސަލައަށް ތަދައްޚުލް ކުރުވުމާ ގުޅޭގޮތުން ވިންޖިނީއަރިންގ ފަރާތުން 10 މޭ 2018 ގައި ސިވިލް ކޯޓަށް ފޮނުވި ސިޓީގައި، މި މައްސަލައިގައި ހަވާލާދޭ ޗެކްތަކަކީ އިޝާރާތްކޮށްފައިވާ ވިޔަފާރީގެ މުޢާމަލާތަށް ދޫކުރި ޗެކްތަކެއްކަން ޝަރީޢަތުން އިތުރަށް ވަޒަންކުރަން ބޭނުންފުޅުނަމަ ޝަރީޢަތުން އިސްނަންގަވައިގެން ވައިޓްސޭންޑް މި މައްސަލައިގެ ތެރެއަށް ތަދައްޚުލް ކުރުވުމަށް އިޢުތިރާޟް ނުކުރާކަން ފާހަގަކޮށްފައިވެއެވެ.
22މި މައްސަލައިގެ ތެރެއިން ސިވިލް ކޯޓުން ޗެކްތަކާގުޅޭ ކަންކަން ވައިޓްސޭންޑްގެ ފަރާތުން ސާފުކުރުމަށް ތަދައްޚުލްކުރުވި ނަމަވެސް، ވައިޓްސޭންޑުން ދޫކުރި ޗެކްތަކުގައިވާ ފައިސާ ހޯދުމަށް ވައިޓްސޭންޑްގެ މައްޗަށް ދަޢުވާކުރުމުގެ ނިޔަތް ވިންޖިނީރިންގގެ ފަރާތުން ފާޅުކޮށްފައެއް ނުވެއެވެ. ވިންޖިނީރިންގ ގެ ފަރާތުން ޗެކްތަކުގައިވާ ފައިސާ ހޯދުމަށް ވައިޓްސޭންޑްގެ މައްޗަށް ދަޢުވާ ނުކޮށް އަޙްމަދު ރީޙާންގެ މައްޗަށް ދަޢުވާކޮށްފައިވަނީ، މި މައްސަލައިގައި ހަވާލާދޭ އެއްބަސްވުން ހަދާފައިވަނީ އަޙްމަދު ރީޙާން އާއި ވިންޖިނީރިންގ އާ ދެމެދު ކަމަށްވެފައި ވައިޓްސޭންޑްއަކީ އަޙްމަދު ރީޙާންގެ މެޖޯރިޓީ އޮންނަ ކުންފުންޏަކަށްވާތީކަން މި މައްސަލައިގައި ފެންނަން ހުރި ލިޔެކިޔުމުންނާއި ދައްކާފައިހުރި ވާހަކަތަކުން އެނގެއެވެ. މި މައްސަލަ ސިވިލް ކޯޓުގައި ހިނގަމުން ދަނިކޮށް 10 މޭ 2018 ގައި ސިވިލް ކޯޓަށް ފޮނުވި ސިޓީގައިވެސް ވައިޓްސޭންޑް އަކީ އަޙްމަދު ރީޙާންގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏަކުން އަޙްމަދު ރީޙާން ދޫކުރި ޗެކްތަކެއްކަމަށް ވިންޖިނީރިންގގެ ފަރާތުން ބުނެފައިވެއެވެ.
ޗެކްގައިވާ ފައިސާ އަށް ޒިންމާވުން
23މި މައްސަލައިގައި ހިމެނޭ 3 ޗެކުގައިވާ ފައިސާ އަކީ އަޙްމަދު ރީހާންގެ ފަރާތުން ވިންޖިނީރިންގ އަށް ދައްކަންޖެހޭ ފައިސާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ ދެފަރާތުގެ ދެމެދު އެއްބަސްވުމެއް އޮތްކަމާއި، މުޢާމަލާތްކުރެވުނު ކަމާއި، މުޢާމަލާތްކުރެވިފައިވާ ގޮތަށް ބަލާއިރު، ޗެކު ދޫކޮށްފައިވާކަން އަޙްމަދު ރީޙާންގެ ބަހުންނާއި ޗެކު ދޫކޮށްފައިވާ ކުންފުނީގެ ބަހުންވެސް އެނގެން އޮތުމާއެކު ހާދިސާ ސާބިތުވާކަމަށްޓަކައި ކަމުގައި ހައިކޯޓުގެ ޙުކުމް ބިނާކޮށްފައިވާ އަޣުލަބިއްޔަތު ރައުޔުގައި ބަޔާންކޮށްފައިވެއެވެ.
24އިސްވެ ބަޔާންކުރެވުނު ހައިކޯޓުގެ ޝަރީޢަތް ނިމުނުގޮތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް15 ޤަޟިއްޔާ އާއި އޭ.ޑީ.ކޭ ޕްރައިވެޓް ލިމިޓެޑް ވ. އެޑިޔުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް16 ޤަޟިއްޔާ އާއި މުޙައްމަދު މަނިކު ވ. މުޙައްމަދު ޢަލީ ޖަނާހް17 ޤަޟިއްޔާ އާއި އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް18 އަދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް19 ޤަޟިއްޔާގައި ޗެކްގައި ބަޔާންވެފައިވާ ފައިސާ ލިބިދިނުމުގައި ޢަމަލުކުރުމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުޞޫލުތައް ހައިކޯޓަށް އިސްތިއުނާފީ ނުކުތާއެއް ގޮތުގައި ވިންޖީނީރިންގގެ ފަރާތުން ހުށަހެޅިނަމަވެސް، ސިވިލް ކޯޓުން އެ ޤަޟިއްޔާގައި ޙުކުމްކުރި އިރުވެސް ފައިސާ ނަގައިދިނުމުގައި ޗެކުގެ ޤާނޫނީ ބުރަދަނާމެދު ޢަމަލުކުރަމުން އަންނަ އުޞޫލަކީ ވިންޖިނީރިންގ ގެ ފަރާތުން [ސިވިލް ކޯޓުގައި] ހަވާލާދީފައިވާ އުޞޫލެއް ނޫންކަން ސާފުކޮށް އެނގެން އޮންނާތީ ވިންޖިނީރިންގ ގެ ފަރާތުން ފާހަގަކޮށްފައިވާ އުޞޫލަކީ މި ޤަޟިއްޔާއަށް ތަޠުބީޤުކުރެވިދާނެ އުޞޫލެއްކަމަށް ނުފެންނަ ކަމަށް ހައިކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވެއެވެ.
25ހައިކޯޓުން މިފަދައިން ނިންމަވާފައިވާއިރު، މި މައްސަލައިގައި ހަވާލާދޭ ތިން ޗެކަކީ ވިންޖިނީރިންގ އާއި އަޙްމަދު ރީޙާން އާދެމެދު އެއްބަސްވުމުގައި ސޮއިކުރިއިރު، ޔަގީން ކަމެއްގެ ގޮތުން ވައިޓްސޭޑްގެ ފަރާތުން ދީފައިވާ ތިން ޗެކް ކަމަށާއި މިއީ ވިންޖިނީރިންގ އިން ފުރިހަމަކޮށްފައިވާ މަސައްކަތަށް އަގުދެއްކުމުގެ ގޮތުން ދީފައިވާ ޗެކްތަކެއް ނޫން ކަމުގައި ވައިޓްސޭންޑްގެ ފަރާތުން ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވެއެވެ.
26މީގެ އިތުރުން، ވިންޖިނީރިންގ ގެ ފަރާތުން ކުރި މަސައްކަތްތަކުގެ ތެރެއިން އެފަރާތަށް ފައިސާ ނުލިބިވާ މަސައްކަތްތަކަކީ ކޮބައިކަމާއި އެ މަސައްކަތްތަކުގެ އަގުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދަކީ ކޮބައިކަން ސާބިތުކޮށްދިނުމަށް ވިންޖިނީރިންގ ގެ ފަރާތުން ސިވިލް ކޯޓަށް ހެކި ހުށަހަޅާފައި ނުވާކަން ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވެއެވެ.
27އެހެންކަމުން މި މައްސަލައިގައި ހައިކޯޓުން ނިންމަވާފައިވާ ނިންމުމަށް ބެލުމުން އުފެދޭ ސުވާލަކީ، ކުންފުންޏެއްގެ ނަމުގައި ދޫކޮށްފައިވާ ޗެކްތަކަކަށް ވަކި ފަރުދަކު ޒިންމާކުރުވައި ހައިކޯޓުން ނިންމި ނިންމުމަކީ ޤާނޫނީ އުޞޫލުތަކާ އެއްގޮތް ނިންމުމެއް ހެއްޔެވެ؟
28ވައިޓްސޭންޑްގެ މައްޗަށް ދަޢުވާ ކޮށްފައި ނުވާއިރު، އެ ކުންފުނިން ދޫކުރި ޗެކްތަކަށް އަޙްމަދު ރީޙާން ޒިންމާވާންޖެހެނީ ކީއްވެ ކަމާމެދު އުފެދޭ މި ސުވާލަކީ، ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައިވެސް ވިންޖިނީރިންގ އާ ކުރިމަތި ކުރެވުނު ސުވާލެކެވެ. މި ސުވާލުގެ ޖަވާބުގައި ވިންޖިނީރިންގ ގެ ފަރާތުން ބުނެފައިވަނީ ކުންފުންޏާއި މީހާ އަކީ ވަކި ޤާނޫނީ ދެ ޝަޚްސެއްކަމަށާއި ސިވިލް ކޯޓުގެ ދަޢުވާއަށް ވައިޓްސޭންޑް ތަދައްޚުލް ކުރުވައި ޗެކުތަކާ ގުޅޭގޮތުން އެފަރާތުން ސިވިލް ކޯޓުގައި ޖަވާބުދާރީވެސް ވެފައި ވާކަމަށެވެ.
29ޕްރިސިޑެންސް 1މި މައްސަލަ ހައިކޯޓުގައި ހިނގަމުންދިޔައިރު ކުންފުންޏާ ގުޅޭ ގޮތުން ޢަމަލުކުރެވެމުން ދިޔައީ ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާ ބެހޭ ޤާނޫނު) އަށެވެ. މިޤާނޫނު ވަނީ 01 ޖެނުއަރީ 2024 ގައި އުވާލެވިފައެވެ. ބުނެވުނު ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެފައިވަނީ "މި ޤާނޫނުގައިވާ ގޮތުގެމަތިން، ކޮންމެ ކުންފުންޏެއް ރަޖިސްޓަރީ ވުމުން، އެ ކުންފުންޏަކީ، ކުންފުނީގެ ނަންކަމުގައި އެ ކުންފުންޏެއްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގައި ބުނެފައިވާ ނަމުގައި، މި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އެ ކުންފުންޏެއްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު ގައިވާ ކަންތައްތައް ހިންގުމާއި، ދަޢުވާ ކުރުމާއި، ދަޢުވާ ލިބިގަތުމާއި، އުފުލޭ މުދަލާއި ނުއުފުލޭ މުދާ ޤާނޫނު ހުއްދަ ކުރާ ގޮތުގެ މަތިން ހޯދުމާއި ލިބިގަތުމާއި، ދެމިގެންވާ ގޮތަށް މުދާ ލިބިގަތުމާއި، މިކަންކަމުގެ ޙައްޤު ލިބިގެންވާ، އަދި ވަކި ސިއްކައެއް އޮންނަ، މެންބަރުންނާ ވަކިން އުފެދިފައިވާ، ޤާނޫނީ ގޮތުން އަމިއްލަ ޝަޚްޞެކެވެ". މިފަދައިންނެވެ.
30އަދި ބުނެވުނު ޤާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގައިވަނީ "ކޮންމެ ކުންފުންޏެއްގައި ވެސް އެ ކުންފުންޏެއްގެ ޙިއްޞާ އެކަށައަޅާފައިވާ ފަރާތްތަކުގެ ނަމާއި، އެޑްރެހާއި، ކޮންމެ ފަރާތަކަށް އެކަށައަޅާފައިވާ ޙިއްޞާގެ އަދަދާއި، ޙިއްޞާ ގަތުމަށް ދައްކާފައިވާ ފައިސާގެ އަދަދު އެނގޭ ގޮތަށް މެންބަރުންގެ ރަޖިސްޓަރީއެއް އޮންނަން ވާނެއެވެ." މިފަދައިންނެވެ. އަދި މި މާއްދާގެ (ށ) ގައި "މިމާއްދާގެ (ހ) ގައި ބުނެފައިވާ މެންބަރުންގެ ރަޖިސްޓަރީގައި، އެމީހެއްގެ ނަން ލިޔެފައިވާ ކޮންމެ މީހަކީ އެކުންފުންޏެއްގެ މެންބަރެކެވެ." މިފަދައިން ބަޔާންކޮށްފައިވެއެވެ.
31އަދި ދިވެހިރާއްޖޭގެ ކުންފުންޏާ ބެހޭ ޤާނޫނު20 18 ވަނަ މާއްދާގެ (ހ) ގައި މެންބަރުން ދަރަންޏަށް ޒިންމާވުމާ ގުޅޭގޮތުން ބަޔާންކޮށްފައިވަނީ "ކުންފުންޏެއްގެ މެންބަރުން، އެކުންފުންޏެއްގެ ދަރަންޏަށް ޒިންމާވާން ޖެހޭ މިންވަރު ކަނޑައަޅާފައިވާ ކަމަށް، ކުންފުނީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައި އޮތުމުން، އެ ކުންފުންޏެއްގެ މެންބަރުން އެ ކުންފުންޏެއްގެ ދަރަންޏަށް ހުރިހާ ޙާލަތެއްގައިވެސް އަދި ހުރިހާ ޝަރްޢީ ބޭނުމަކަށްވެސް ޒިންމާވާނީ، އަދި ޒިންމާވާކަމަށް ބެލޭނީ، އެ މެންބަރަކު ގަނެފައިވާ ނުވަތަ ގަތުމަށް އެއްބަސްވެފައިވާ ޙިއްޞާ ގެ އަގުގެ ތެރެއިން އެއްވެސް މިންވަރެއް ކުންފުންޏަށް ނުދީ އޮތްކަމުގައިވާނަމަ، އެ މިންވަރަކަށެވެ." މިފަދައިންނެވެ.
32ބަޔާންކުރެވުނު ނައްސުތަކުންވެސް ކުންފުންޏަކީ އެ ކުންފުނީގެ މެންބަރުންނާ ވަކިން އުފެދިފައިވާ، އަމިއްލަ އަށް ދަޢުވާ ކުރުމާއި ދަޢުވާލިބިގަތުމުގެ ޙައްޤު ލިބިފައިވާ ޤާނޫނީ ވަކި ޝަޚުސެއްކަން އެނގެން އޮވެއެވެ. ދިވެހިރާއްޖޭގެ ކުންފުންޏާ ބެހޭ ޤާނޫނު21 އަކީ ހައިކޯޓުގައި މައްސަލަ ހިނގަމުންދިޔައިރު ޢަމަލުކުރެވެމުން ދިޔަ ޤާނޫނު ކަމަށްވީނަމަވެސް ވައިޓްސޭންޑް އިން ދޫކުރި ޗެކްތަކަށް އަޙްމަދު ރީޙާން ޒިންމާކުރުވައި ހައިކޯޓުން މައްސަލަ ނިންމާފައިވެއެވެ.
33އެހެންކަމުން، ވައިޓްސޭންޑްގެ މައްޗަށް ދަޢުވާ ކޮށްފައިނެތްއިރު، އެ ކުންފުނީގެ ނަމުގައި ދޫކުރި ޗެކްތަކަށް އަޙްމަދު ރީޙާން ޒިންމާ ކުރުވައި މި މައްސަލައިގައި ހަވާލާދޭ ފައިސާއަކީ އަޙްމަދު ރީހާންގެ ފަރާތުން ވިންޖިނީރިންގއަށް ދައްކަންޖެހޭ ފައިސާ ކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުން އިތުރު ވާޤިޔާއަކަށް ބުރަނުވެ، ނިންމާފައިވާ ނިންމުން ބުނެވުނު ކުންފުންޏާބެހޭ ޤާނޫނުގެ މާއްދާތަކާވެސް ޚިލާފްކަމުގައި އަހުރެން ދެކެމެވެ.
ޚުޞޫމާތް ސާބިތުކުރުމުގެ ޒިންމާ
34ޗެކްތަކާ ގުޅިގެން ވައިޓްސޭންޑް އިން ސިވިލް ކޯޓުގައި ދިން ޖަވާބު މި ރައުޔުގެ 23 ވަނަ ޕެރެގްރާފްގައި ބަޔާންކުރެވިފައިއެވަނީއެވެ. ތިން ޗެކްގައިވާ ފައިސާއަކީ އަޙްމަދު ރީޙާންގެ ފަރާތުން ވިންޖިނީރިންގ އަށް ލިބިދޭންޖެހޭ ފައިސާކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ޗެކް ދޫކޮށްފައިވާކަން ކުންފުނީގެ ބަހުންވެސް އެނގެން އޮތުމުން ކަމަށް ހައިކޯޓުގެ ޙުކުމް ބިނާކުރި ރައުޔުގައި ވެއެވެ. މީގެ އިތުރުން ހައިކޯޓުގެ ޙުކުމުގައި ފާހަގަކޮށްފައިވަނީ ޗެކުގައިވާ ޢަދަދަށް ފައިސާ ދައްކާ ޚަލާޞްކޮށްފައިވާކަން އެނގެން ނެތަތީއާއި މި މައްސަލައިގައި ހުށަހަޅާފައިވަނީ ހަމައެކަނި ތިން ޗެކު އެކަނި ނޫންކަން އެނގޭ ކަމަށެވެ. އަދި އެ ތިން ޗެކަށް ބާރުލިބޭ ގޮތަށް މުޢާމަލާތް ހިނގާފައިވާކަން މަދަނީ މިންގަނޑުން ސާބިތުވާން އޮތަތީއާއި ޗެކަކީ އަޙްމަދު ރީޙާން އޭނާއާ ގުޅުން އޮންނަ ވައިޓްސޭންޑް ނަމަކަށް ކިޔާ ކުންފުންޏަކުން ދޫކޮށްފައިވާ ތިން ޗެކުކަމަށް އަޙްމަދު ރީޙާންގެ އަމިއްލަ އިޢުތިރާފުން އެނގެން އޮތް ކަމަށެވެ. އަދި އެ ފައިސާ ދައްކާ ޚަލާޞްކުރިކަން ސާބިތުކޮށްދިނުމަކީ މަދަނީ މައްސަލަތަކުގައި ސާބިތުކުރުމުގެ ބުރަ އުފުލުމުގެ އުޞޫލުން އަޙްމަދު ރީޙާންގެ ޒިންމާއެއްކަމުގައި ބެލެވޭކަމަށެވެ.
35ޕްރިސިޑެންސް 3ބުނެވުނު ޗެކްތައް ދޫކޮށްފައިވަނީ ވައިޓްސޭންޑްގެ ނަމުގައެވެ. ސުވާލަކީ، މި މައްސަލައިގައި ވައިޓްސޭންޑް އަކީ ކޯޓުން ތަދައްޚުލް ކުރުވި ފަރާތަކަށްވެފައި އެފަރާތަކީ ކޯޓަށް ހުށަހެޅިފައިވާ ޚުޞޫމާތުގައި ނުވަތަ މައްސަލައިގައި ހިމެނޭ ޚަޞްމަކަށްނުވާތީ ޚުޞޫމާތް ސާބިތުކުރުމުގެ ޒިންމާ އެފަދަ ފަރާތްތަކާ މަތި ކުރެވިދާނެ ތޯއެވެ؟
36ޕްރިސިޑެންސް 2ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ22 ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ ޢާންމު އުޞޫލެއްގެ ގޮތުގައި މަދަނީ ޚުޞޫމަތްތަކުގައި ސާބިތުކުރުމުގެ ބުރަ (onus probandi) އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެއްކަމާއި، މި މާނާގައި ދަޢުވާކުރާ ފަރާތަކީ ހަމައެކަނި ދަޢުވާ ކޯޓަށް އުފުލާ ފަރާތް ނޫންކަމާއި، އޭގެ އިތުރުން ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢުގައި ކުރާ ދިފާޢީ ދަޢުވާ ސާބިތު ކުރުމަކީ އެ ފަރާތުގެ މަސްއޫލިއްޔަތެއްކަމާއި، އެހެންކަމުން ދަޢުވާއެއްގައި އެއް ޚަޞްމު އަނެއް ޚަޞްމާ ކުރިމަތިކުރާ "ދަފްޢު" (plea) ސާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އެ 'ދަފްޢެއް' ކުރާ ފަރާތްކަން އެނގެން އޮންނަކަމަށެވެ.
37ކުރިންވެސް ފާހަގަކުރި ފަދައިން، ވައިޓްސޭންޑްއަކީ މި މައްސަލައިގެ ދަޢުވާގައި ހިމެނޭ ފަރާތެއް ނޫނެވެ. ވައިޓްސޭންޑްއަކީ ސިވިލް ކޯޓުން ސާފުކުރަން ބޭނުންވާ މަޢުލޫމާތު ހުރުމުން ކޯޓުން އަމިއްލަ އިސްނެގުމަށް މައްސަލައަށް ތަދައްޚުލް ކުރުވި ފަރާތެކެވެ. ވައިޓްސޭންޑްގެ ފަރާތުން ސިވިލް ކޯޓުގައި ބުނެފައިވަނީ ޗެކްތަކަކީ ނުނިމި ހުރި މަސައްކަތަށް ފައިސާ ދެއްކުމުގެ ގޮތުން ދޫކުރި ޗެކްތަކެއް ނޫންކަމަށެވެ. ކޯޓުގެ އަމިއްލަ ބޭނުމަށް ކޯޓުން ބޭނުންވާ މަޢުލޫމާތު ސާފުކުރުމުގެ ގޮތުން ތަދައްޚުލްކުރުވާ ފަރާތުގެ ކިބައިން ކޯޓުން ސާފުކުރާނީ ޝަރީޢަތުގެ ބޭނުމަށްޓަކައި ކޯޓަށް ބޭނުންވާ ކަންކަމެވެ. ތަދައްޚުލް ކުރުވާ ފަރާތްތަކަކީ ދަޢުވާކުރާ ފަރާތް ނުވަތަ ދަޢުވާލިބޭ ފަރާތުގެ ދަޢުވާއަށް ޖަވާބުދާރީވުމުގެ ގޮތުން ކޯޓަށް ޙާޟިރުކުރެވޭ ފަރާތްތަކެއް ނޫނެވެ.
38ޕްރިސިޑެންސް 4މީގެ އިތުރުން، މި މައްސަލައަކީ ޗެކްތަކަށް ދައްކަންޖެހޭ ފައިސާއާ ބެހޭ މައްސަލައެއް ނޫނެވެ. ސިވިލް ކޯޓުން ފާހަގަކުރައްވާފައިވާ ފަދައިން މި ދަޢުވާއަކީ ކޮށްފައިވާ މަސައްކަތަށް ފައިސާ ހޯދުމާގުޅޭ ދަޢުވާއެކެވެ. ވިންޖިނީރިންގ ގެ ފަރާތުން ސިވިލް ކޯޓުގައި ކުރި ދައުވާގެ ތެރެއިން އެ ކުންފުނިން ކުރި މަސައްކަތާއި އެ މަސައްކަތުގެ އަގުގެ ގޮތުގައި ލިބެންޖެހޭ ފައިސާގެ މިންވަރަކީ ކޮބައިކަން ކޯޓަށް ސާބިތުކޮށްދިނުމުގެ ޒިންމާ އުފުލަންޖެހޭނީ ދަޢުވާކުރާ ފަރާތުގެ ހައިސިއްޔަތުން ވިންޖިނީރިންގ އިންނެވެ.
39އެހެންކަމުން، ދަޢުވާ ސާބިތުކުރުމުގެ ބުރަ އެއްފަރާތްކޮށް، މި މައްސަލައިގައި ހިމެނޭ ޗެކްތަކުގައިވާ ފައިސާ އަކީ ދައްކާ ޚަލާސްކޮށްފައިވާ ފައިސާއެއްކަން ސާބިތުކޮށްދިނުމުގެ ބުރަ އަޙްމަދު ރީޙާންގެ ފަރާތުން އުފުލަންޖެހޭކަމަށް ކަނޑައަޅައި ހައިކޯޓުން ނިންމާފައިވާ ނިންމުން ރަނގަޅު ކަމުގައި އަހުރެން ނުދެކެމެވެ.
ހައިކޯޓަށް މައްސަލަ ހުށަހެޅުމުގެ އަސާސް
40މި މައްސަލައިގައި އަޙްމަދު ރީހާންގެ ފަރާތުން ބުނެފައިވަނީ ހަވާލުކުރި މަސައްކަތް އެއްކޮށް ނުނިމޭ ކަމަށާއި ވިންޖިނީރިންގ ގެ ފަރާތުން ކޮށް ނިންމާފައިވާ މަސައްކަތްތަކަށް އަގު އަދާކޮށްފައިވާކަމަށެވެ. އަދި މިކަން ސާބިތުކޮށްދިނުމުގެ ގޮތުން ފައިސާ ދެއްކި ކަމުގެ ރަސީދުތަކެއް އަޙްމަދު ރީހާންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާކަން ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ. ބުނެވުނު ރަސީދުތަކުގައިވާ ފައިސާ އަކީ އަޙްމަދު ރީހާން ގެ ފަރާތުން ދެއްކި ފައިސާއެއް ކަމާމެދު ވިންޖިނީރިންގގެ ފަރާތުން އިންކާރުކޮށްފައެއް ނުވެއެވެ.
41ވިންޖިނީރިންގގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާއަކީ، ވިންޖިނީރިންގ ގެ ފަރާތުން ކުރި މަސައްކަތެއްގެ އަގު އަދާނުކޮށް އޮތްކަމުގައި ބުނެ އެ ޠަބީޢަތުގައި ސިވިލް ކޯޓުގައި ކުރިއަށްދިޔަ މައްސަލައެއްކަމަށާއި މި މައްސަލައަކީ ޗެކުން ލިބެންޖެހޭ ފައިސާ ނުލިބިގެން އެ ޠަބީޢަތުގައި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއް ނޫންކަމުގައި ސިވިލް ކޯޓުން ފާހަގަކޮށްފައިވެއެވެ.
42މިގޮތުން ވިންޖިނީރިންގ ގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގައިވެސް ބުނަނީ އދ. ދިގުރަށުގައި 25 އެނދުގެ ގެސްޓްހައުސްއެއް ޢިމާރާތްކުރުމުގެ މަސައްކަތާގުޅިގެން ވިންޖިނީރިންގ އާއި އަޙްމަދު ރީޙާންއާ ދެމެދުވެފައިވާ އެއްބަސްވުމުގެ ދަށުން އަޙްމަދު ރީޙާން އަތުން ވިންޖިނީރިންގ ޕްރައިވެޓް ލިމިޓެޑްއަށް ނުލިބިވާ ޖުމްލަ US$ 104,850.84 (އެއްލައްކަ ހަތަރުހާސް އަށްސަތޭކަ ފަންސާސް އެމެރިކާ ޑޮލަރު އަށްޑިހަ ހަތަރެއް ސެންޓް) ވިންޖިނީރިންގ ޕްރައިވެޓް ލިމިޓެޑްއަށް ދެއްކުމުގެ ގޮތުން، އަޙްމަދު ރީޙާން ވިންޖިނީރިންގ އަށް ދޫކުރި 03 ޗެކުގައިވާ ފައިސާ ނުލިބޭކަމަށެވެ. އަދި 10 މޭ 2018 ގައި ސިވިލް ކޯޓަށް ފޮނުވި ސިޓީގައި އެ ތިން ޗެކަކީ ވައިޓްސޭންޑް ގެ މެޖޯރިޓީ ހިއްސާދާރުކަމުގައިވާ އަޙްމަދު ރީޙާން ދޫކުރި ޗެކްތަކެއް ކަމަށް ވިންޖިނީރިންގ ގެ ފަރާތުން ބުނެފައިވެއެވެ.
43ޕްރިސިޑެންސް 5ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު23 ގެ 32 ވަނަ މާއްދާގެ (ހ) ގައި ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންކަމަށް ބަޔާންކޮށްފައިވެވެ. މިއީ ހައިކޯޓުން ދަށުކޯޓުތަކުގެ މައްސަލަތައް ބެލުމަށް ޤާނޫނުން ކަނޑައަޅަފައިވާ ޢާއްމު އުޞޫލެވެ. މި އުޞޫލަށް އޮންނަ އިސްތިސްނާ ޙާލަތެއް ބުނެވުނު މާއްދާގެ (ށ) ގައި ބަޔާންކުރެއެވެ. އެއީ، ދަށު ކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ހެކި، އިސްތިއުނާފުގެ މަރުޙަލާގައި ހުށަހެޅުމަށް ހުރަސްނޭޅުމެވެ. ނަމަވެސް މި މައްސަލައިގެ ތެރެއިން މިފަދަ އައު ހެކި ނުވަތަ ހުށަހެޅުމެއް ހުށަހެޅުމުގެ ޙާލަތެއްމެދުވެރި ވެފައެއް ނުވެއެވެ.
44ހައިކޯޓުން ހައިކޯޓުން މައްސަލަ ބެލުމުގެ އަސާސްއާ ގުޅިގެން ފާހަގަ ކުރި ނުކުތާގައި ފާހަގަކުރައްވާފައިވަނީ އަޙްމަދު ރީޙާން ދަޢުވާއަށް އިންކާރުކޮށް ދަށު ކޯޓުގައި ފާހަގަކުރި ދިފާޢުއަކީ ދަޢުވާގައި ހޯދުމަށް އެދޭ ފައިސާ ދައްކައި ޚަލާޞްކޮށްފައިވާނެކަމަށް ބުނާ ބުނުންކަމަށެވެ.
45އެހެން ނަމަވެސް ސިވިލް ކޯޓުގެ މުޅި މައްސަލަ ބިނާވެފައިވާ މައުޟޫޢަކީ ވިންޖިނީރިންގ އިން ކުރި މަސައްކަތަށް އަޙްމަދު ރީހާންގެ ފަރާތުން ދައްކަންޖެހޭ ފައިސާ ހޯދުމުގެ މައުޟޫޢުއެވެ. ސިވިލް ކޯޓުންވެސް ފާހަގަކޮށްފައިވާ ފަދައިން މި މައްސަލައިގެ މައުޟޫޢަކީ ޗެކްތަކުން ލިބެންޖެހޭ ފައިސާއެއް ނުދެއްކުމުގެ މައުޟޫއެއް ނޫނެވެ. ހައިކޯޓުގެ ނިންމުމުން އަހުރެންނަށް ދޭހަވަނީ، ހައިކޯޓުން މި ނުކުތާގައި ގޮތް ނިންމެވީ، ދަޢުވާގައި ހޯދުމަށް އެދޭ ފައިސާ ދައްކައި ޚަލާޞްކޮށްފައިވާނެ ކަމަށް އަޙްމަދު ރީޙާން ބުނާ ބުނުމަކީ، ޗެކްތަކަށް އަޙްމަދު ރީޙާންގެ ފަރާތުން ފައިސާ ދެއްކި ކަމަށް އަޙްމަދު ރީޙާން ބުނާ ބުނުމެއް ކަމަށް ބައްލަވައިގެން ކަމެވެ. ކުންފުންޏަކުން ދޫކުރި ޗެކްތަކަކަށް އެކުންފުނީގެ މައްޗަށް ދަޢުވާ ނުކޮށް، ކުންފުނީގެ ނަމުގައި ދޫކުރި ޗެކްތަކަކަށް ވަކި ފަރުދަކު ޒިންމާ ކުރުވުމަކީ ޤާނޫނީ ގޮތުން އެޅިދާނެ ފިޔަވަޅެއް ތޯ ނުވަތަ ނޫންތޯ ބެލުމެއްނެތި ހައިކޯޓުން ކަނޑައެޅިކަނޑަ އެޅުން މަތީގައި ބަޔާންކުރެވުނު ޤާނޫނީ އުޞޫލުތަކާ ފުށުއަރާކަމުގައި އަހުރެން ދެކެމެވެ.
46އެހެން ކަމުން މި ނުކުތާގައި ހައިކޯޓުން ނިންމެވި ނިންމެވުން ނިންމަވާފައިވަނީ ދަށު ކޯޓަށް ހުށަހެޅިކަންކަމަށް ފުރިހަމައަށް ރިޢާޔަތް ކުރެވިގެން ކަމުގައި އަހުރެން ނުދެކެމެވެ.
މައްސަލަ ނިންމަން ފެންނަގޮތް
47ސިވިލް ކޯޓުގެ ނަންބަރު 1040/Cv-C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކުރައްވާފައި ވާފަދައިން، މި މައްސަލައަކީ މުދަލާއި ޚިދުމަތުގެ އަގު ހޯދުމަށް އެދި އެ ޠަބީޢަތުގައި ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައެކެވެ. މިފަދަ މައްސަލަތަކުގައި ޝަރީޢަތުން ބަލަންޖެހޭނީ މަސައްކަތް ކުރިތޯއާއި އެ ކުރި މަސައްކަތަށް ކަނޑައެޅުނު މިންވަރަށް ފައިސާ އަދާކުރަންޖެހޭ ފަރާތުން މަސައްކަތް ކުރި ފަރާތަށް ފައިސާ އަދާކޮށްފައިވޭތޯއެވެ. މި މައްސަލައިގައި ވިންޖިނީރިންގ އާ ހަވާލުކުރެވުނު މަސައްކަތް މުޅިން ފުރިހަމަ ކުރެވިފައިނުވާކަމަށް ވިންޖިނީރިންގ ފަރާތުންވެސް އިޢުތިރާފުވެއެވެ.
48މި މައްސަލައިގައި ކުރި މަސައްކަތަށް އަގު ނުލިބިގެން މަސައްކަތުގެ އަގު ހޯދުމަށް ދަޢުވާ ކޮށްފައިވަނީ ވިންޖިނީރިންގ ގެ ފަރާތުންނެވެ. މަސައްކަތްކުރި މިންވަރާއި އޭގެ ތެރެއިން ފައިސާ ނުލިބިވަނީ ކޮން މަސައްކަތްތަކަކަށްކަން އަދި އެ މަސައްކަތް ފުރިހަމަ ކޮށްފައިވާކަން ހެއްކާއެކު މަދަނީ މިންގަނޑުން ސާބިތުކޮށްދިނުމުގެ ޒިންމާ އަދާކުރަންޖެހޭ ފަރާތަކީ ވިންޖިނީރިންގ ކަމަށްވާއިރު، މިކަންކަން ހެއްކާއެކު މަދަނީ މިންގަނޑުން ވިންޖިނީރިންގ އަށް ޝަރީޢަތަށް ސާބިތުކޮށްދެވިފައިވާ ކަމަކަށް އަހުރެން ނުދެކެވެ.
49އެހެންކަމުން، ހައިކޯޓުގެ ނަންބަރު 2019/HC-A/09 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ބާޠިލް ޙުކުމެއްކަމަށް ކަނޑައަޅައި މި މައްސަލައިގައި ސިވިލް ކޯޓުގެ ނަންބަރު 1040/Cv-C/2018 ޤަޟިއްޔާއިން ކުރި ޙުކުމަކީ ޤާނޫނީ އަދި ޝަރުޢީ އުސޫލުތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއްކަމަށް ކަނޑައަޅައި މައްސަލަ ނިންމަން އަހުރެންނަށް ފެނެއެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
50މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
51މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމުން، ހައިކޯޓުގެ ނަންބަރު 2019/HC-A/09 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ބާޠިލް ޙުކުމެއްކަމަށް ކަނޑައަޅައި މި މައްސަލައިގައި ސިވިލް ކޯޓުގެ ނަންބަރު 1040/Cv-C/2018 ޤަޟިއްޔާއިން ކުރި ޙުކުމަކީ ޤާނޫނީ އަދި ޝަރުޢީ އުސޫލުތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއްކަމަށް ކަނޑައަޅައި މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޢާއިޝާ ޝުޖޫން މުޙައްމަދު އަޙްމަދު މުޢުތަޞިމް ޢަދުނާން ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)
1
2 ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު C-0076/2015
3 ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާ
4 ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/22 ޤަޟިއްޔާ
5 ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/29 ޤަޟިއްޔާ
6 ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާ
7 ސަބަބަކީ، ވިންޖިނީރިންގ ގެ ފަރާތުން ފައިސާ ހޯދުމަށް އެދުނު 03 (ތިނެއް) ޗެކުގައިވާ ޢަދަދަށް ފައިސާ ދައްކާ ޚަލާޞްކޮށްފައިވާކަން އެނގެން ނެތަތީއާއި، މި މައްސަލާގައި ހުށަހަޅާފައިވަނީ ހަމައެކަނި ބުނެވިދިޔަ 03 (ތިނެއް) ޗެކު އެކަނި ނޫންކަން އެނގެން އޮތަތީއާއި، އެ 03 (ތިނެއް) ޗެކަށް ބާރުލިބޭ ގޮތަށް މުޢާމަލާތް ހިނގާފައިވާކަން މަދަނީ މިންގަނޑުން ސާބިތުވާން އޮތަތީއާއި، އެ 03 (ތިނެއް) ޗެކަކީ އަޙްމަދު ރީޙާން އޭނާއާ ގުޅުން އޮންނަ ވައިޓްސޭންޑް ނަމަކަށް ކިޔާ ކުންފުންޏަކުން ދޫކޮށްފައިވާ 03 (ތިނެއް) ޗެކުކަމަށް އަޙްމަދު ރީޙާންގެ އަމިއްލަ އިޢުތިރާފުން އެނގެން އޮތަތީއާއި، އެ 03 (ތިނެއް) ޗެކަކީ ގެރެންޓީއެއްގެ ގޮތުން، ތާރީޚާއި ޢަދަދުވެސް ބަޔާންކުރުމެއް ނެތި އަޙްމަދު ރީޙާންއާ ގުޅުންއޮންނަ ވައިޓްސޭންޑް ނަކަމަށް ކިޔާ ކުންފުނިން ދޫކުރި ޗެކުތަކެއް ކަމަށް އަޙްމަދު ރީޙާން ބުނެފައިވީނަމަވެސް، ވިޔަފާރި ކުންފުންޏަކުން އެފަދަ ގޮތަކަށް ބްލޭންކް ޗެކުތަކެއް ދޫކުރުމަށް ވުރެ ނުކުރާނެކަމަށް ބޮޑަށް ބުރަވެވޭކަން.
8 ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާ
9 ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/18 ޤަޟިއްޔާ
10 ސުޕްރީމް ނަންބަރު 2010/SC-A/02 ޤަޟިއްޔާ
11 ސުޕްރީމް ނަންބަރު 2010/SC-A/02 ޤަޟިއްޔާ
12 ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/18) ޤަޟިއްޔާ
13 ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާ
14 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބޭއްވުނު ފުރަތަމަ އަޑުއެހުގެ ޓްރާންސްކްރިޕްޓް ގެ 18 ވަނަ ޞަފްހާ ގެ 23 – 24 ފޮޅުވަތުގައި.
15 ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/22 ޤަޟިއްޔާ
16 ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/29 ޤަޟިއްޔާ
17 ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/48 ޤަޟިއްޔާ
18 ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/28 ޤަޟިއްޔާ
19 ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/18 ޤަޟިއްޔާ
20 ޤާނޫނު ނަންބަރު 96/10
21 އބމ
22 ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާ
23 ޤާނޫނު ނަންބަރު 2010/22
2019/SC-A/300 [2021] SC 778
- ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 16 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) އަދި (ށ)
- 2010/SC-A/02 (އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްޠަފާ)
- 2012/SC-A/22 (އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- 2013/SC-A/29 (އޭޑީކޭ ޕްރައިވެޓް ލިމިޓެޑް ވ. އެޑިޔުކޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް)
- 2011/SC-A/48 (މުޙައްމަދު މަނިކު ވ. މުޙައްމަދު ޢަލީ ޖަނާހް)
- 2013/SC-A/28 (އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް)
- 2016/SC-A/18 (މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް)
- ބެންޗު
- އަޙްމަދު މުޢުތަޞިމް ޢަދުނާން، ޢާއިޝާ ޝުޖޫން މުޙައްމަދު، ޢަލީ ރަޝީދު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 31 އޮކްޓޫބަރު 2022 · ރަޖިސްޓްރީކުރީ 23 ނޮވެމްބަރު 2022 · ނިމުނީ 27 އޮކްޓޫބަރު 2024 (23.1 މަސް)