ސައިޓޭޝަން ކޮޕީ ކުރުމަށް
2022/HC-A/54
ކެޕިޓަލް ޓްރެވަލް ޓުއަރސް ޕްރައިވެޓް ލިމިޓެޑް ވ. މުޙްސިނާ އާދަމްފުޅު، 2022/HC-A/54
Kepital Travel Tours Private Limited v. Muhsinaa Aadhamfulhu 2022/HC-A/54 (2022/HC-A/54, High Court of the Maldives, 16 August 2023)
ކެޕިޓަލް ޓްރެވަލް ޓުއަރސް ޕްރައިވެޓް ލިމިޓެޑް ވ. މުޙްސިނާ އާދަމްފުޅު
މައްސަލައިގެ ޚުލާޞާ
ޓްރައިބިއުނަލުން ބަދަލު ނުދީ، ފަހު އަހަރުގެ ބޭނުންނުކުރާ 30 ދުވަހުގެ ޗުއްޓީއަށް 17,500 ރުފިޔާ ދިނުމަށް ނިންމިއެވެ.
ކުންފުނީގެ މުވައްޒަފަކު މެނޭޖްމަންޓާ ޚިޔާލު ތަފާތުވުމުން ނޯޓިސް ނުދީ އިސްތިޢުފާދީ، ކުންފުނީގެ މޯބައިލް ފޯނާއި ސިމްކާޑާއެކު ދިޔައެވެ. އޭނާ ބަދަލާއި ނުލިބިވާ އަހަރީ ޗުއްޓީގެ ފައިސާއަށް ޓްރައިބިއުނަލަށް ދިޔައެވެ.
ކުންފުނި ބުނީ ފޯނާއި ސިމްކާޑުގެ އަގާއި ނޯޓިސް ނުދީ ދިއުމުގެ ގެއްލުމާމެދު ޓްރައިބިއުނަލުން ގޮތެއް ނުނިންމާ ފައިސާ ދިނީ އިންޞާފާ ޚިލާފަށް ކަމަށެވެ. މުވައްޒަފު ބުނީ ފޯނަކީ ހަދިޔާއެއް ކަމަށާއި ޗުއްޓީގެ ފައިސާ ދިނުމުން ފޯނު ދޭނެކަމަށެވެ.
މައިގަނޑު ސުވާލު
ވަޒީފާދޭ ފަރާތުން ޓްރައިބިއުނަލުގައި ހުށަހެޅި (މުވައްޒަފު ގެންދިޔަ ފޯނާއި ސިމްކާޑުގެ އަގު އުނިކުރުމާއި ނޯޓިސް ނުދީ ވަޒީފާ ދޫކުރުމުގެ ގެއްލުމުގެ ބަދަލު) އެދުންތަކާމެދު ޓްރައިބިއުނަލުން ގޮތެއް ނުނިންމާ ހުރުމުން، އެ ކަންކަމާމެދު ހައިކޯޓުން އިސްތިއުނާފީ މަރުޙަލާގައި ގޮތެއް ކަނޑައެޅޭނެތޯ.
ނިންމި ގޮތް
އަލުން ބެލުމަށް ފޮނުވި
އެ އެދުންތައް ޓްރައިބިއުނަލުގައި ހުށަހެޅި ނަމަވެސް ޓްރައިބިއުނަލުން ގޮތެއް ނުނިންމާތީ، އެއީ ޓްރައިބިއުނަލުން ނިންމަންޖެހޭ ކަންކަމެވެ؛ އިސްތިއުނާފީ މަރުޙަލާގައި ހައިކޯޓުން ނުނިންމޭނެއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ހައިކޯޓުން މައްސަލަތައް ބަލަނީ ދަށުކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތައް އަސާސްކޮށް ކަމާއި، ދަށުކޯޓުގައި ނުބެލި ކަންކަން ހުރިކަން ފާހަގަކުރެވި އަލުން ބެލުމުގެ މަޞްލަޙަތު ބޮޑުނަމަ، ބަލަންޖެހޭ ޤާނޫނީ އުޞޫލުތައް ކަނޑައަޅައި މައްސަލަ ދަށުކޯޓަށް ނުވަތަ ޓްރައިބިއުނަލަށް ތަޙުވީލުކުރެވިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 13-14)
- ތަޙުވީލުކުރާ މައްސަލައެއް ދަށުކޯޓުން ބަލަންވާނީ ހައިކޯޓުން ޙުކުމްކުރި ނުކުތާގެ ތަރަހައިގެ ތެރެއިން ކަމާއި، މައްސަލައިގެ ބައެއް ތަޙުވީލުކުރެވިއްޖެނަމަ ތަޙުވީލުނުކުރާ ބައިގެ ޙުކުމް ދެމިއޮންނާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 14)
- ފުރަތަމަ މަރުޙަލާގެ ކޯޓުން ފައިޞަލާކުރަންވާނީ ޚަޞްމުން ހުށަހަޅާ ވާޤިޢާތަކަށް ބިނާކޮށް ފައިޞަލާކުރުމަށް އެދިފައިވާ ކަންތައްތަކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 15)
- ފަރާތެއް ޓްރައިބިއުނަލުގައި ހުށަހަޅައި ވާހަކަ ދެކެވުނު ނަމަވެސް ޓްރައިބިއުނަލުން ގޮތެއް ނުނިންމާ ހުރި އެދުންތަކަކީ ޓްރައިބިއުނަލުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން ކަމުން، އިސްތިއުނާފީ މަރުޙަލާގައި ހައިކޯޓުން އެކަންކަމާމެދު ފުރަތަމަ ފަހަރަށް ގޮތެއް ނުކަނޑައެޅޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 16-17)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާ (ހ)، (ށ)
- ޤާނޫނު ނަންބަރު 22/2010 ގެ 32 ވަނަ މާއްދާ (ހ)، (ނ) އަދި 47 ވަނަ މާއްދާ (ހ)، (ށ) (ފުޓްނޯޓުގައި)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 268 ވަނަ މާއްދާ އަދި 284 ވަނަ މާއްދާ (ހ)، (ށ)، (ނ)، (ރ)
- ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަން SCPD-11/2021
- 2013/SC-A/44
- 2022/SC-A/54
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ޢަބްދުﷲ ސަޢީދު
- ބެންޗު
- ޙުޒައިފާ މުޙައްމަދު، ޙަސަން ޝަފީޢު، ފާޠިމަތު ފަރްހީޒާ
- ޚިލާފު ރައުޔު
- ނެތް