ސައިޓޭޝަން ކޮޕީ ކުރުމަށް
2017/HC-A/225
ޖޯން ޗާލްސް ސީފާޓް ވ. ވަކީލް ޗެމްބަރސް އެލްއެލްޕީ، 2017/HC-A/225
Joan Chaals Seefaat v. Vakeel Chembars Elelpee 2017/HC-A/225 (2017/HC-A/225, High Court of the Maldives, 28 May 2018)
ޖޯން ޗާލްސް ސީފާޓް ވ. ވަކީލް ޗެމްބަރސް އެލްއެލްޕީ
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން ފައިސާ ދައްކަންޖެހޭކަން މުސްތަނަދުތަކުން ސާބިތުވެއްޖެކަމަށް ކަނޑައަޅައި، އެއް މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞްކުރުމަށް ދަޢުވާލިބުނު ފަރާތުގެ ޣައިރު ޙާޟިރުގައި ޙުކުމްކުރިއެވެ.
ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް 4 ސެޕްޓެމްބަރ 2014 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ވަކީލް ޗެމްބާރސް އެލް.އެލް.ޕީން ފޯރުކޮށްދިން ޤާނޫނީ ޚިދުމަތުގެ އަގުގެ ތެރެއިން ނުދައްކާހުރި ފައިސާ ހޯދުމަށް ސިވިލް ކޯޓުގައި ދަޢުވާކުރި މައްސަލައެކެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ، އޭނާގެ ބަހެއް ނުހޯދައި ޙުކުމްކުރުމަކީ "އަނެއްފަރާތުގެ ވާހަކަ އަޑުއެހުމުގެ" އުޞޫލާ ޚިލާފު ކަމަށާއި، ޣައިރު ޙާޟިރުގައި ޙުކުމްކުރުމަކީ ޝަރީޢަތްކުރުމާބެހޭ ޤަވާޢިދާއި ކޯޓަށް މީހުން ޙާޟިރުކުރުމުގެ ޤަވާޢިދާ ޚިލާފު ކަމަށެވެ.
މައިގަނޑު ސުވާލު
ދަޢުވާލިބޭ ފަރާތުގެ ބަހެއް ނުހޯދައި ޣައިރު ޙާޟިރުގައި ސިވިލް ކޯޓުން ކުރި ޙުކުމަކީ "އަނެއްފަރާތުގެ ވާހަކަ އަޑުއެހުމުގެ" އުޞޫލާއި ޝަރީޢަތްކުރުމާބެހޭ ޤަވާޢިދާއި ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާ ގޮތުގެ ޤަވާޢިދާ ޚިލާފު ޙުކުމެއްތޯ؛ އަދި ޤާނޫނީ ޚިދުމަތުގެ އަގު ދައްކަން ޖެހޭކަން ސާބިތުވޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
އެއްބަސްވުމާމެދު އިންކާރެއް ނުކުރާކަމާއި، ދެ އަމުރަށް ޙާޟިރުވެ ދަޢުވާ އެނގި އެއްޗެއް ބުނުމުގެ ފުރުސަތު ލިބި، ފަހުން އަމުރާ ޙަވާލުވުމަށް އިންކާރުކުރިކަމާއި، ފައިސާ ދައްކަންހުރިކަމަށް އީ-މެއިލްތަކުގައި ބުނެފައިވާކަމާމެދު ސުވާލެއް ނުއުފައްދާކަން ފާހަގަކޮށް، ޙުކުމަށް ބަދަލުގެންނަންޖެހޭ ސަބަބެއް ނުފެނުނެވެ.
ކަނޑައެޅުނު އުޞޫލުތައް
- ދަޢުވާލިބޭ ފަރާތަށް ކޯޓަށް ޙާޟިރުވުމުގެ އަމުރު ޙަވާލުކޮށް، ދަޢުވާއަކީ ކޮބައިކަން އޭނާއަށް އެނގި، ދަޢުވާއާ ގުޅޭ ގޮތުން އެއްޗެއް ބުނުމަށް ކޯޓުން ފުރުސަތު ދީފައިވާއިރު، އޭގެ ފަހުން ޙާޟިރުވުމުގެ އަމުރު ޙަވާލުކުރަން ކޯޓުން މަސައްކަތްކުރުމުން އަމުރާ ޙަވާލުވުމަށް އިންކާރުކޮށް، އަމުރަށް ޙާޟިރުނުވެއްޖެނަމަ ޣައިރު ޙާޟިރުގައި މައްސަލަ ނިންމާނޭކަމަށް އަމުރުގައި ބަޔާންކޮށްފައިވާނަމަ، ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުސަތު ކޯޓުން ދީފައިވާކަމާއި، އެފުރުސަތު އެފަދައިން ދިނުމުން ދަޢުވާލިބޭ ފަރާތުން ޖަވާބުދާރީ ވެފައި ނުވަނީކަން އެނގެން އޮންނާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ށ))
- ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ އީ-މެއިލްތަކުގައި އެއްބަސްވިގޮތަށް ފައިސާ ދައްކާފައިނެތްކަމަށާއި އެފައިސާ ދައްކަންހުރިކަމަށް ދަޢުވާލިބޭ ފަރާތުން ބުނެފައިވާއިރު، އެ އީ-މެއިލްތަކާމެދު އެއްވެސް ސުވާލެއް އިސްތިއުނާފުކުރެވުނު މަރުޙަލާގައިވެސް އުފައްދާފައިނުވާނަމަ، ދަށުކޯޓުގެ ޙުކުމަށް ބަދަލުގެންނަންޖެހޭ ފަދަ ސަބަބެއް ފެންނަން ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3(ނ)، 3)
- ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދު 6 ގެ 20 ވަނަ މާއްދާގެ 3 ވަނަ ނަންބަރު (އިސްތިއުނާފުކުރި ފަރާތުން ހުށަހެޅި ނުކުތާގައި)
- ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާ ގޮތުގެ ޤަވާޢިދުގެ 6 ވަނަ މާއްދާ އަދި 28 ވަނަ މާއްދާގެ (ހ) (އިސްތިއުނާފުކުރި ފަރާތުން ހުށަހެޅި ނުކުތާގައި)
- ބެންޗު
- ޢަބްދުﷲ ދީދީ، ޢަލީ ސަމީރު، ޢަބްދުﷲ ޙަމީދު
- ޚިލާފު ރައުޔު
- ނެތް