ސައިޓޭޝަން ކޮޕީ ކުރުމަށް
2018/HC-A/325
އިބްރާހީމް އިޝާން ވ. އެމްއެޗް އެޗް އެންޓަރޕްރައިސަސް އެލްއެލްސީ، 2018/HC-A/325
Ibrahim Ishaan v. Emech H Enterprises Elelsee 2018/HC-A/325 (2018/HC-A/325, High Court of the Maldives, 4 November 2020)
އިބްރާހީމް އިޝާން ވ. އެމްއެޗް އެޗް އެންޓަރޕްރައިސަސް އެލްއެލްސީ
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން، ކަސްޓަމްސްއިން ހޯދި ސިޓީއެއްވެސް ބިނާކޮށް، އެ ފައިސާ 15 ދުވަހުގެ ތެރޭގައި ދައްކަން ޙުކުމްކުރިއެވެ.
ދުބާއީގެ ކުންފުންޏަކުން، އިސްތިއުނާފުކުރި ފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ސޯލް ޕްރޮޕްރައިޓަރޝިޕަކަށް ސަޕްލައިކުރި މުދަލަށް ނުދައްކާ ހުރި US$46,153.35 ހޯދުމަށް ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.
އިސްތިއުނާފުކުރި ފަރާތް ބުނީ ޙުކުމް ބިނާކުރި ކަސްޓަމްސްގެ ސިޓީ ލިބުނީ ޙުކުމްކުރި ދުވަހު ކަމަށާއި އޭގެ މައްޗަށް ވާހަކަދެއްކުމުގެ ފުރުޞަތު ނުލިބުނުކަމަށާއި، ސްޓޭމްޕާއި އީމެއިލްތަކާބެހޭ ނުކުތާތަކަށް ރިޢާޔަތްނުކުރިކަމަށެވެ.
މައިގަނޑު ސުވާލު
ޙުކުމްކުރި ދުވަހު ކޯޓަށް ލިބުނު، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ފޮނުވި ސިޓީއެއްގެ މައްޗަށް ބުރަވެ، އެ ސިޓީއާ މެދު ފަރާތްތަކަށް ވާހަކަދައްކައި ޠަޢުނުކުރުމުގެ ފުރުޞަތު ނުދީ ކުރި ޙުކުމް ޤާއިމުވާނެތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު، އަލުން ބެލުމަށް ސިވިލް ކޯޓަށް ފޮނުވި
ޙުކުމްކުރި ދުވަހު ލިބުނު ކަސްޓަމްސްގެ ސިޓީއަށް ސިވިލް ކޯޓު ބުރަވެފައިވާއިރު، އޭގެ މައްޗަށް ދެކޭގޮތް ބަޔާންކުރުމާއި ޠަޢުނުކުރުމުގެ ފުރުޞަތު ފަރާތްތަކަށް ދީފައި ނުވާތީއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައެއްގައި ޙުކުމަށް ވާޞިލުވުމަށް ހޯދަންޖެހޭކަމަށް ފެންނަ ކޮންމެ ލިޔެކިޔުމެއް ނުވަތަ މަޢުލޫމާތެއް ހޯދުމުގެ ބާރު މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.2)
- ފަނޑިޔާރު ހޯދާ ލިޔުމެއް ނުވަތަ މަޢުލޫމާތެއް މީހަކަށް ގެއްލުންވާގޮތަށް މާނަކުރެވޭ ޙާލަތުގައި ނުވަތަ ކަމެއް ސާބިތުކުރުމުގައި އެ ލިޔުމަކަށް ބަރޯސާވާ ޙާލަތުގައި، އެ ލިޔުމާމެދު ދެކޭގޮތް ބަޔާންކުރުމާއި ޠަޢުނުކުރުމަކީ މައްސަލައިގައި ހިމެނޭ ކޮންމެ ފަރާތަކަށް ލިބިގެންވާ ޙައްޤެއްކަމުން، އެ ފުރުޞަތު ދިނުމަކީ ޝަރީޢަތުގެ މައްޗަށް ލާޒިމު ކަމެކެވެ (2010/HC-A/114 ތަބާވެ). (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.2)
- ޙުކުމަށް ވާޞިލުވުމުގައި ބުރަވެފައިވާ ލިޔުމަކާމެދު ދެކޭގޮތް ބަޔާންކުރުމުގެ ނުވަތަ ޠަޢުނުކުރުމުގެ ފުރުޞަތު ފަރާތްތަކަށް ނުދީ ކުރާ ޙުކުމަކީ ބާޠިލު ޙުކުމެއްކަމުން، އެ ފުރުޞަތު ދިނުމަށްފަހު ފައިޞަލާކުރަނިވި ޙުކުމެއް ކުރުމަށް މައްސަލަ ދަށުކޯޓަށް ތަޙްވީލުކުރެވޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.2، ޙުކުމް)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ)
- 2010/HC-A/114
- ބެންޗު
- ޙުސައިން ޝަހީދު، ޢަބްދުއްރައޫފު އިބްރާހީމް، ޢަލީ ސަމީރު
- ޚިލާފު ރައުޔު
- ނެތް