ސައިޓޭޝަން ކޮޕީ ކުރުމަށް
2017/HC-A/118
ޙަސަންފުޅު ވ. ނޭޒާ އެންޓަރޕްރައިސަސް ޕވޓ ލޓޑ، 2017/HC-A/118
Hasanfulhu v. Neyzaa Enterprises Pvt Ltd 2017/HC-A/118 (2017/HC-A/118, High Court of the Maldives, 15 November 2020)
ޙަސަންފުޅު ވ. ނޭޒާ އެންޓަރޕްރައިސަސް ޕވޓ ލޓޑ
މައްސަލައިގެ ޚުލާޞާ
ސިވިލް ކޯޓުން 210,000 ރުފިޔާ 3 މަސްދުވަހުގެ ތެރޭގައި ދައްކަން ނޭޒާއަށް އަންގައި، 2006 ގެ ދެފަރާތުގެ އެއްބަސްވުމަކީ މިހާރު ޤާނޫނީ ޙުއްޖިއްޔަތު ލިބިފައިވާ އެއްބަސްވުމެއް ނޫންކަމަށް ޙުކުމްކުރިއެވެ.
ސަރުކާރުން އިސްތިއުނާފުކުރި ފަރާތަށް ކުއްޔަށްދިން މ.ތުވަރު ގައި ކޮށްފައިވާ އިންވެސްޓްމަންޓް ވިއްކުމަށް 2006 ގައި ނޭޒާ އެންޓަރޕްރައިސަސްއާ އެއްބަސްވުމެއް ވެ، ދެން ސަރުކާރާއި ނޭޒާއާ ދެމެދު ރަށް ކުއްޔަށްދިނުމުގެ އެއްބަސްވުމެއް ވިއެވެ. ކުލީގެ ގޮތުގައި ލިބެންޖެހޭ 210,000 ރުފިޔާ ނުލިބުމުން އެއްބަސްވުން އުވާލައި ރަށް އަތުލުމަށް ދަޢުވާކުރިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 19، 20 އަދި 21 ވަނަ މާއްދާއަށް ރިޢާޔަތްކުރެވިފައި ނުވާކަމަށެވެ.
މައިގަނޑު ސުވާލު
ފަޅުރަށެއްގެ ކުލީގެ ޙައްޤުތަކާއި އިންވެސްޓްމަންޓް ވިއްކުމަށް ދެ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމަކީ، ދައުލަތާއި ގަތް ފަރާތާ ދެމެދު އަލުން ކުލީގެ އެއްބަސްވުމެއް ހެދުމަށްފަހު ޤާނޫނީ ޙުއްޖިއްޔަތު ނެތް އެއްބަސްވުމެއްކަމަށް ސިވިލް ކޯޓުން ކަނޑައެޅުމުގައި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 19، 20 އަދި 21 ވަނަ މާއްދާއަށް ރިޢާޔަތްކުރެވިފައިވޭތޯ.
ނިންމި ގޮތް
އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ޙުކުމް ޤާއިމް
ޙައްޤުތައް ނޭޒާއަށް ބަދަލުކޮށްދިނުމަށް އިސްތިއުނާފުކުރި ފަރާތުން ސަރުކާރަށް ސިޓީ ފޮނުވުމަކީ ލާޒިމުވާކަމަކަށް ދުލެއްދިނުމެއްކަމާއި، އިސްތިއުނާފު ނުކުރި C/2016-2724/Cv ގެ ޙުކުމަކީ ނިހާއީ ޙުކުމެއްކަމާއި، ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާއަށް ރިޢާޔަތް ނުކުރެވުނު ގޮތެއް ބަޔާންކޮށްދީފައި ނުވާކަމަށް ބަލައި ދަށުކޯޓުގެ ޙުކުމް ދެމެހެއްޓިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- އިސްތިއުނާފު ނުކުރެވި ނިމިފައިވާ ޙުކުމަކީ ނިހާއީ ޙުކުމެއްކަމުގައި ބަލަންޖެހޭއިރު، އެ ޙުކުމް އިސްތިއުނާފު ނުކުރުމުން އެ ފަރާތުން އެ ޙުކުމް ޤަބޫލުކޮށް އޭގައިވާ ކަންކަމަށް އެއްބަސްވެފައިވާކަމަށް ބަލަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.2، 3.4)
- ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާއަށް ރިޢާޔަތް ނުކުރެވޭކަމަށް ބުނާ ފަރާތުން، ރިޢާޔަތްކުރަންޖެހޭ ކޮން ގޮތަކަށް ރިޢާޔަތް ނުކުރެވުނީކަން ބަޔާންކޮށްދޭންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 5.3)
- ކޮންޓްރެކްޓެއްގެ ބައިވެރިއަކު ތިމާގެ މައްޗަށް ލާޒިމުވާ ކަމަކަށް ދުލެއްދީފިނަމަ ނުވަތަ ކޮންޓްރެކްޓުގެ ބައިވެރިން އެއްބަސްވެގެން ލާޒިމުކުރާ ކަންތައްތައް ނިމުމަކަށް ގެނެވިދާނެއެވެ؛ އެހެންކަމުން، އެއްބަސްވުމާއި ރަށާ ގުޅޭ ހުރިހާ ޙައްޤެއް އަނެއް ފަރާތަށް ބަދަލުކޮށްދިނުމަށް އެދި ސަރުކާރަށް ސިޓީ ފޮނުވުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 20 ވަނަ މާއްދާގެ (ށ) އާއި 21 ވަނަ މާއްދާގެ (ހ) ގެ ދަށުން ލާޒިމުވާ ކަމަކަށް ދުލެއްދީ ޙައްޤުތައް ބަދަލުކުރުމަށް އެއްބަސްވުމެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 6.3)
- ފަރާތެއްގެ ރުހުމާއި ފެނުމުގެ ތެރެއިން ރަށާ ގުޅޭ ޙައްޤުތައް އަނެއް ފަރާތަށް ބަދަލުކޮށް، އެ ފަރާތާ ސަރުކާރާ ދެމެދު އަލުން ކުލީގެ އެއްބަސްވުމެއް ވެއްޖެނަމަ، ކުރީގެ ދެފަރާތުގެ އެއްބަސްވުމަކީ ޤާނޫނީ ޙުއްޖިއްޔަތު ލިބިފައިވާ އެއްބަސްވުމެއް ނޫންކަމަށް ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތް ނިންމުމެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.4، 6.3)
- ދަށުކޯޓުން ނަގާދިން ފައިސާގެ މިންވަރާއި ނަގާދިން ގޮތާމެދު ފަރާތްތަކުން އިސްތިއުނާފުގައި ފާހަގަ ނުކުރާނަމަ، އެކަން ހައިކޯޓުން ނުބަލައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.7)
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 20/98 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) ގެ 16 ވަނަ މާއްދާ
- C/2016-2724/Cv (ސިވިލް ކޯޓު)
- ބެންޗު
- ޙުސައިން ޝަހީދު، ޝުޢައިބު ޙުސައިން ޒަކަރިއްޔާ، މުޙައްމަދު ނިޔާޒު
- ޚިލާފު ރައުޔު
- ނެތް