ސައިޓޭޝަން ކޮޕީ ކުރުމަށް
2014/SC-E/04
އިލެކްޝަންސް ކޮމިޝަން ވ. ޙުސައިން ޢަރީފް، 2014/SC-E/04
Elections Commission v. Hussain Areef 2014/SC-E/04 (2014/SC-E/04, Supreme Court of the Maldives, 17 January 2014)
އިލެކްޝަންސް ކޮމިޝަން ވ. ޙުސައިން ޢަރީފް
މައްސަލައިގެ ޚުލާޞާ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ތ. ކަނޑޫދޫ ރަށު ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލި ޙުސައިން ޢަރީފްގެ މައްޗަށް 2002 ވަނަ އަހަރު ޖިނާއީ ކޯޓުގެ 1682/JC/2002 ޤަޟިއްޔާއިން މަސްތުވާ އެއްޗެއް ބޭނުންކުރުމުގެ ކުށް ސާބިތުވެ، 6 އަހަރު ޖަލަށްލުމަށް ޙުކުމްކޮށްފައިވިއެވެ. މި ސަބަބުން އޭނާއަކީ ކުރިމަތިލުމުގެ ޝަރުޠު ފުރިހަމަނުވާ މީހެއްކަމަށް ކަނޑައަޅައިދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
ޖިނާއީ ކޯޓުގެ ޙުކުމާއި ކްރިމިނަލް ކޯޓުން ކުށުގެ ރެކޯޑު ސާފުކުރި ފޯމުން، ޙުސައިން ޢަރީފްގެ މައްޗަށް މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށް ސާބިތުވެފައިވާކަން އެނގޭތީ، އޭނާއަށް ކެންޑިޑޭޓެއްގެ ގޮތުގައި ބައިވެރިވުމުގެ ޙައްޤު ނުލިބޭކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.
މައިގަނޑު ސުވާލު
ޖިނާއީ ކޯޓުން މަސްތުވާ އެއްޗެއް ބޭނުންކުރުމުގެ ކުށް ސާބިތުވެފައިވާ މީހަކީ، ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) ގެ (4) ގެ ދަށުން ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ކެންޑިޑޭޓަކަށް ވުމުގެ ޝަރުޠު ފުރިހަމަނުވާ މީހެއްތޯ.
ނިންމި ގޮތް
ކުރިމަތިލުމުގެ ޝަރުޠު ފުރިހަމަނުވާކަމަށް ކަނޑައެޅި (އިއްތިފާޤުން)
ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) ގެ (4) ގައި، މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށް ސާބިތުވެފައިވާ މީހަކަށް ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ބައިވެރިނުވެވޭނެކަމަށް ސާފުކޮށް ބަޔާންކޮށްފައިވާތީއާއި، ޖިނާއީ ކޯޓުގެ ޙުކުމަށް ބަދަލު އައިސްފައިނުވާތީ، ސުޕްރީމް ކޯޓުގެ 2011/SC-E/04 އަދި 2011/SC-E/06 ޤަޟިއްޔާތަކުގައި ކަނޑައެޅި އުޞޫލާ އެއްގޮތަށް، ޙުސައިން ޢަރީފަށް ކެންޑިޑޭޓެއްގެ ގޮތުގައި ބައިވެރިވުމުގެ ޙައްޤު ނުލިބޭކަމަށް ކޯޓުން އިއްތިފާޤުން ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލު
- މަސްތުވާ އެއްޗެއް ބޭނުންކުރުމުގެ ކުށް ސާބިތުވެފައިވުމަކީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން އުފައްދާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކެންޑިޑޭޓަކަށް ވުމަށް ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) އިން ކަނޑައެޅިގެން ހުރަސް އަޅާކަމަކަށްވާ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [9])
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2014/SC-E/04
ދަޢުވާކުރާ ފަރާތް: އިލެކްޝަންސް ކޮމިޝަން
ދަޢުވާ ލިބޭ ފަރާތް: ޙުސައިން ޢަރީފް
މައްސަލައިގެ ބާވަތް: ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާގުޅޭ
[1]މައްސަލަ އައިގޮތް: އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުޠާބެހޭ ގޮތުން މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 05 ޖަނަވަރީ 2014
ރަޖިސްޓަރީ ކުރެވުނު ތާރީޚް: 12 ޖަނަވަރީ 2014
ނިމުނު ތާރީޚް: 17 ޖަނަވަރީ 2014
މައްސަލަ ނިންމި ގަޑި: 18:45
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
[2]އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފު، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ،
މައްސަލައިގެ ޚުލާޞާ
[3]މި ޤަޟިއްޔާއަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2013 ގައި ތ. ކަނޑޫދޫ ރަށު ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާފައިވާ ޙުސައިން ޢަރީފްގެ މައްޗަށް ޖިނާއީ ކޯޓުގެ ނަންބަރު 1682/JC/2002 ޤަޟިއްޔާއިން މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ކުށް ޝަރީޢަތަށް ސާބިތުވެފައިވާތީ، އެކަމަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރުމުގެ ޙައްޤު ގެއްލިގެންދާކަމެއްކަމަށް ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުތަކުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގައި ކަނޑައެޅިފައިވާ ކަމެއްކަމަށް ބުނެ، ޙުސައިން ޢަރީފަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2013 ގައި ބައިވެރިވުމުގެ ޝަރުޠު ފުރިހަމަނުވާ މީހެއްކަމަށް ކަނޑައަޅައިދިނުން އެދި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
ފާހަގަ ކުރެވުނު ނުކުތާތައް.
[4]މި މައްސަލައާ ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި، މިބާވަތުގެ މައްސަލަތަކާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކުގެ މައްޗަށާއި، ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) އަށް ވިސްނައި ބެލިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
[5](ހ) ފުރަތަމަ ކަމަކީ، ލޯކަލް ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާން ވާނެކަމަށް ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރުމާއެކު އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއްގައިވާ މީހަކަށް، ލޯކަލް ކައުންސިލް އިންތިޚާބުގައި ބައިވެރިނުވެވޭނެކަމަށް އެ މާއްދާގެ (ނ) ގައި ސާފު ބަހުން ބަޔާންކޮށްފައިވާކަން ފާހަގަކުރެވޭއިރު، ބުނެވިދިޔަ ޤާނޫނުގެ 12 ވަނަ މާއްދާގެ (ނ) ގެ 4 ގައި "އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ނުވަތަ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައިވުން" މިފަދައިން ކަނޑައަޅާ ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
[6](ށ) ދެވަނަ ކަމަކީ، ތ. ކަނޑޫދޫ ރަށު ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާފައިވާ ޙުސައިން ޢަރީފަކީ، މަސްތުވާތަކެތީގެ މައްސަލައެއްގައި 2002 ވަނަ އަހަރު ޖިނާއީ ކޯޓުން 06 (ހައެއް) އަހަރު ދުވަހުގެ މުއްދަތަކަށް ޙުކުމް ކުރެވިފައިވާ މީހެއްކަމަށް އިލެކްޝަންސް ކޮމްޕްލައިންސް ބިއުރޯއަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެން ބެލިއިރު، ޙުސައިން ޢަރީފަކީ މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެގެން، ޖަލަށް ލުމަށް ޙުކުމް ކޮށްފައިވާ ފަރާތެއް ކަމަށާއި، ކްރިމިނަލް ކޯޓުން މީނާގެ ކުށުގެ ރެކޯޑް ސާފުކުރި ފޯމުގައިވެސް މައްސަލަ އޮތްކަމަށް ބަޔާންކޮށްފައި އޮތްކަމަށާއި، މީނާގެ މައްޗަށް ޖިނާއީ ކޯޓުގެ ނަންބަރު 1682/JC/2002 ޤަޟިއްޔާއިން މަސްތުވާ އެއްޗެއް ބޭނުންކުރުމުގެ ކުށް ސާބިތުވެފައިވާ ކަމަށާއި، މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށެއް ޝަރީޢަތަށް ސާބިތުވެފައިވުމަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކެންޑިޑޭޓަކަށްވުމަށް ހުރަސް އަޅާ ކަމަކަށްވާތީ، ލޯކަލް ކައުންސިލްގެ އިންތިޚާބު 2014 ގައި ތ. ކަނޑޫދޫ ރަށު ކައުންސިލްގެ ކެންޑިޑޭޓެއްގެ ގޮތުގައި ބައިވެރިވުމުގެ ޙައްޤު ޙުސައިން ޢަރީފަށް ލިބިގެންނުވާކަމަށް ކަނޑައަޅާ ދިނުމަށް، އިލެކްޝަންސް ކޮމިޝަނުން އެދިފައިވާކަމެވެ.
[7](ނ) ތިންވަނަ ކަމަކީ، ލޯކަލް ކައުންސިލްގެ އިންތިޚާބު 2014 ގައި ތ. ކަނޑޫދޫ ރަށު ކައުންސިލްގެ މެންބަރުކަމަށް ކެންޑިޑޭޓެއްގެ ގޮތުގައި ޙުސައިން ޢަރީފް ކުރިމަތިލާފައިވާއިރު، ޙުސައިން ޢަރީފަކީ، 2002 އަހަރުގެ ސެޕްޓެމްބަރ 11 ވަނަ ދުވަހުގެ ރޭ 21:00 އެހާކަންހާއިރު، ވ. ފަރުމާނުގެ ކޮޓަރިއެއްގައި ހުރެގެން ހެރޮއިން ބޭނުންކުރިކަން ސާބިތުވުމުން، މަސްތުވާ އެއްޗެއް ބޭނުންކުރުމުގެ ކުށް ޝަރީޢަތަށް ސާބިތުވެފައިވާކަމަށް ކަނޑައަޅައި 06 (ހައެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް 29 ޑިސެމްބަރ 2002 ގައި ޖިނާއީ ކޯޓުގެ ނަންބަރު 1682/JC/2002 ޤަޟިއްޔާގައި ޙުސައިން ޢަރީފްގެ މައްޗަށް ޙުކުމް ކުރައްވާފައިވާކަން އެނގެން އޮންނަހިނދު، މި ޙުކުމަށް ބަދަލު އައިސްފައިވާކަން އެނގެން ނެތްކަމެވެ.
[8](ރ) ހަތަރުވަނަ ކަމަކީ، ލޯކަލް ކައުންސިލްގެ އިންތިޚާބު 2014 ގައި ތ. ކަނޑޫދޫ ރަށު ކައުންސިލްގެ މެންބަރުކަމަށް ޙުސައިން ޢަރީފް ކުރިމަތި ލާފައިވާއިރު، މީނާއަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށް ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމާއި، ލޯކަލް ކައުންސިލްގެ އިންތިޚާބެއްގައި ވާދަކުރާ ކެންޑިޑޭޓެއްގެ ކިބައިގައި ހުރުން ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ ނަންބަރު 12 ވަނަ މާއްދާގެ (ނ) ގެ 4 ވަނަ ނަންބަރުގައި ބުނެފައިވާ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުމުގެ ޝަރުޠު ޙުސައިން ޢަރީފްގެ ކިބައިގައި ފުރިހަމަނުވާކަން ޖިނާއީ ކޯޓުގެ ނަންބަރު 1682/JC/2002 ޤަޟިއްޔާއިން ސާބިތުވެ އެނގެން އޮންނާތީ، ޙުސައިން ޢަރީފަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ބައިވެރިވާ ކެންޑިޑޭޓުންގެ ކިބައިގައި ހުރުން ލާޒިމުކުރާ ޝަރުޠު ފުރިހަމަ ނުވާ މީހެއްކަން އެނގެން އޮންނަކެމެވެ.
ޙުކުމް:
[9]އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމުގެ އިތުރަށް މިބާވަތުގެ މައްސަލަތަކުގައި ދިވެހިރާއްޖޭގައި ޢަމަލުކުރަންޖެހޭ އުޞޫލު، ދިވެހިރާއްޖޭ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-E/04 ޤަޟިއްޔާއާއި، ނަންބަރު 2011/SC-E/06 ޤަޟިއްޔާއިން ކަނޑައަޅާފައިވުމާއެކު، ކުރީގެ ޖިނާއީ ކޯޓުގެ ނަންބަރު 1682/JC/2002 ޤަޟިއްޔާގައި މަސްތުވާ އެއްޗެއް ބޭނުންކުރުމުގެ ކުށް ޙުސައިން ޢަރީފްގެ މައްޗަށް ސާބިތުވެފައިވުމަކީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން އުފައްދާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކެންޑިޑޭޓަކަށް ވުމަށް ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) އިން ކަނޑައެޅިގެން ހުރަސް އަޅާކަމަކަށްވާތީ، ލޯކަލް ކައުންސިލް އިންތިޚާބުގައި ކެންޑިޑޭޓެއްގެ ގޮތުގައި ބައިވެރިވުމުގެ ޙައްޤު ޙުސައިން ޢަރީފަށް ލިބިގެންނުވާކަމަށް މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން
ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު ޢަބްދުﷲ ޢަރީފު
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
- ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) ގެ (4)
- ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)
- 2011/SC-E/04
- 2011/SC-E/06
- ބެންޗު
- އަޙްމަދު ފާއިޒު ޙުސައިން (ރިޔާސަތު)، ޢަބްދުﷲ ސަޢީދު، ޢަބްދުﷲ ޢަރީފް، ޢަލީ ޙަމީދު މުޙައްމަދު، އާދަމް މުޙައްމަދު ޢަބްދުﷲ
- ރިޔާސަތު
- އަޙްމަދު ފާއިޒު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 5 ޖަނަވަރީ 2014 · ރަޖިސްޓްރީކުރީ 12 ޖަނަވަރީ 2014 · ނިމުނީ 17 ޖަނަވަރީ 2014 (5 ދުވަސް)