ސައިޓޭޝަން ކޮޕީ ކުރުމަށް
2016/HC-S-A/87
ޢަބްދުﷲ ސަޢީދު ވ. އިބްރާހީމް ސަޢީދު، 2016/HC-S-A/87
Abdhuﷲ Saeed v. Ibrahim Saeed 2016/HC-S-A/87 (2016/HC-S-A/87, High Court of the Maldives, 6 September 2016)
ޢަބްދުﷲ ސަޢީދު ވ. އިބްރާހީމް ސަޢީދު
މައްސަލައިގެ ޚުލާޞާ
ފޭދޫއާއި ހިތަދޫއަކީ އިދާރީ ގޮތުން ވަކި ދެ ރަށް ކަމުން، ކޯޓުތަކުގެ ޤާނޫނުގެ 69(ށ) ގެ ދަށުން މުދާ ހުރި ދާއިރާގެ ކޯޓަކަށް ވާންޖެހޭތީ، ލާޖެއްސުމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތަނެއް ނެތްކަމަށް ފޭދޫ މެޖިސްޓްރޭޓް ކޯޓުން ނިންމިއެވެ.
އައްޑޫ ސިޓީގެ ފޭދޫގައިވާ ބަންޑާރަ ގޯއްޗަކާއި ހިތަދޫގައިވާ އަމިއްލަ ގޯތީގެ 700 އަކަފޫޓު ބިމެއް، އޭގައިވާ ޢިމާރާތާއި ނުއުފުލޭ މުދަލާއެކު، އަގުކުރުމެއްނެތި ލާޖެއްސުމަށް އެދި ފޭދޫ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅި، އަނެއް ފަރާތުން އެކަމަށް ރުހުން ދިނެވެ.
ބިން ހުރީ ފޭދޫގައި ކަމުން އެ ކޯޓަށް އިޚްތިޞާޞް ލިބޭކަމަށާއި، ހަމަ އެ ކޯޓުން ކުރިން ފޭދޫ އާއި މަރަދޫގެ ގޯތި ލާޖައްސާފައިވާކަމަށާއި، ޤާނޫނުއަސާސީގެ 19 އާއި 40 ވަނަ މާއްދާއާ ޚިލާފުކަމަށާއި، 2013/HC-A/106 ޤަޟިއްޔާގެ ޚިލާފަށް ދަރިންގެ އިޢުތިރާޟް ބަލާފައިވާކަމަށް އިސްތިއުނާފުކުރި ފަރާތުން ބުނެފައިވެއެވެ.
މައިގަނޑު ސުވާލު
އައްޑޫ ސިޓީގެ ފޭދޫގެ ބިމަކާއި ހިތަދޫގެ ބިމެއް ލާޖެއްސުމުގެ މައްސަލަ ބެލުމުގެ ސަރަޙައްދީ އިޚްތިޞާޞް ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ލިބިގެންވޭތޯ؛ އަދި ލާޖެއްސުމުގެ މުޢާމަލާތުގައި ޝަރީޢަތުން ބަލަންޖެހޭ އިޢުތިރާޟްތައް ކޮބައިތޯ.
ނިންމި ގޮތް
ދަށުކޯޓުގެ ޙުކުމް ބާޠިލު، އަލުން ބެލުމަށް ފޮނުވި
15/2010 ޤަރާރުން އައްޑޫއަކީ މީހުން ދިރިއުޅޭ އެއްރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާތީ، 2016/HC-S-A/22 ޤަޟިއްޔާއަށް ތަބާވެ، ފޭދޫ މެޖިސްޓްރޭޓް ކޯޓަށް އިޚްތިޞާޞް ލިބޭކަމަށް ކަނޑައަޅައި، 2013/HC-A/106 ގައިވާ އުޞޫލުތަކާ އެއްގޮތަށް ބިމުގެ ރަޖިސްޓަރީ ބަލަހައްޓާ އިދާރާގެ އިޢުތިރާޟް ސާފުކޮށް އަލުން ބެލުމަށް ފޮނުވިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ބާރު ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އިން ލިބިދީފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމުން، ރައީސުލްޖުމްހޫރިއްޔާގެ ނަންބަރު 15/2010 ޤަރާރުން އައްޑޫއަކީ މީހުން ދިރިއުޅޭ އެއްރަށެއްގެ ގޮތުގައި ކަނޑައެޅުއްވި ކަނޑައެޅުއްވުން ޞައްޙަގޮތުގައި ޘާބިތުވެ ދެމި އޮތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.3)
- އިދާރީ ދާއިރާއަކީ ޖިއޮގްރަފީ ގޮތުން އެއްރަށެއްގެ ގޮތުގައި އޮތް ދާއިރާއަކަށް ވެދާނެއެވެ؛ އަދި ޖިއޮގްރަފީގޮތުން ވަކިވަކި ރަށްތަކެއްގެ ގޮތުގައި ހުރި ރަށްތަކެއް، އެއީ އިދާރީ ދާއިރާއެއް އަދި އިދާރީގޮތުން އެއްރަށެއްގެ ގޮތުގައިވެސް ކަނޑައެޅިދާނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.3)
- އައްޑޫގެ ދެ ރަށަކީ ޠަބީޢީ ގޮތުން އެއްފަސް ކުރެވިފައިވާ ނަމަވެސް އިދާރީ ގޮތުން ވަކިން ހިންގަމުން އަންނަ ދެރަށް ކަމުގައިވާތީ، ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކުރާ ސަރަޙައްދީ އިޚްތިޞާޞް ތަޠްބީޤް ކުރާއިރު ލާޖެއްސުމަށް ހުށަހެޅި މުދަލުން ބައެއް ހުރީ އެއްފަސް ކުރެވިފައި ނޫންކަމަށް ބަޔާން ކުރައްވައި، މައްސަލަ ކުރިއަށް ގެންދެވެން ނެތްކަމަށް ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތް ނިންމުމެއް ކަމަށް ބެލެވެން ނެތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.3)
- ލާޖެއްސުމުގެ މުޢާމަލާތަކީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ ދަށުން ތަންޒީމް ކުރެވިފައިވާ މުޢާމަލާތަކަށް ނުވާތީ، ބިން ވިއްކުމާއި ހިބަކުރުން ފަދަ މުޢާމަލާތްތަކުގައި ބިން ރަޖިސްޓަރީ ކުރެވިފައިވާ މީހާގެ އަނބިން، ފިރިން، ދަރިން، މަންމަ، ބައްޕަ، މަރުވެފައިވާ ދަރިއެއްގެ އުފަންދަރިން ފަދަ މީހުންގެ އިޢުތިރާޟެއް އޮތްތޯ ބަލަންޖެހުންފަދަ ބިމާބެހޭ ޤާނޫނުގެ ދަށުން ފުރިހަމަ ކުރަންޖެހޭ އިޖްރާއާތުތައް، ލާޖެއްސުމުގެ މުޢާމަލާތާއި ގުޅިގެން ފުރިހަމަ ކުރަން ނުޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.4)
- ލާޖެއްސުމުގެ މުޢާމަލާތަކީ، ދެ ބިމެއް، އެ ދެ ބިމުގައިވާ ޢިމާރާތާއި ނުއުފުލޭ މުދައު ހުރިނަމަ އެއާއި އެކީ، އެ ދެބިމުގެ މިލުކުވެރިންގެ މެދުގައި، އެކެއްގެ މިލުކުވެރިކަން އެނެކަކަށް ޖައްސައި ދީ، އަނެކާގެ މިލްކުވެރިކަން ތިމާއަށް ޖައްސައި ލިބިގަތުމުގެ މުޢާމަލާތެކެވެ؛ އެއީ ބިމާބެހޭ ޤާނޫނުގެ ދަށުން ނުވަތަ އެހެން ޤާނޫނެއްގެ ދަށުން ކުރުން މަނާ ކޮށްފައިވާ މުޢާމަލާތެއް ނޫން ކަމުން، ކުރެވިދާނެ މުޢާމަލާތެކެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.4)
- ރަޖިސްޓަރީއެއް ކުރެވިފައިވާ ތަނެއްގެ މިލުކުވެރިކަން ބަދަލުކުރަނީނަމަ ރަޖިސްޓަރީ ދިން ފަރާތުގެ އިޢުތިރާޟް އެކަމަށް ނެތްކަމުގެ ރަސްމީ ލިޔުމެއް އޮތުމަކީ ޤާނޫނު ނަންބަރު 9/68 (މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނު) ގެ ދަށުން ލާޒިމުކުރާ ކަމެއް ކަމުން، ލާޖެއްސުމުގެ މުޢާމަލާތެއް ހިންގާނަމަ، ބިމުގެ ރަޖިސްޓަރީ ބެލެހެއްޓުމުގެ ޒިންމާ ޤާނޫނީގޮތުން ޙަވާލުވެފައިވާ ފަރާތަކުން އެދެބިން ލާޖެއްސުމާމެދު އިޢުތިރާޟެއް އޮތްކަން ނުވަތަ ނޫންކަން ޝަރީޢަތުގެ ފަރާތުން ބަލައި ކަށަވަރު ކުރަންޖެހޭނެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.4)
- ބިމާބެހޭ އިދާރީ ފަރާތުގެ އިޢުތިރާޟް ކުރުމާއި ނުކުރުން ބިނާވެގެންވާންވާނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ އަސާސްތަކުގެ މައްޗަށް ނޫނެވެ؛ ހަމަ ސީދާ ޤާނޫނު ނަންބަރު 9/68 (މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނު) ގެ ތަރަހައިގެ ތެރޭގައެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.4)
- ލާޖެއްސުމުގެ މުޢާމަލާތަކާއި ގުޅޭ މައްސަލައެއް ޝަރީޢަތަށް ހުށަހެޅުމުން، ބިމާބެހޭ އިދާރީ ފަރާތުގެ އިޢުތިރާޟް އޮތްކަން ނުވަތަ ނެތްކަން ޝަރީޢަތުގެ ފަރާތުން ރަސްމީކޮށް ސާފުކުރުމަށްފަހު، އެއިދާރާގެ ފަރާތުން ދޭ ޖަވާބާމެދު މައްސަލާގެ ޚަޞްމުންގެ ފަރާތުން ބަސް ބުނުމަށް ފުރުޞަތު ހުޅުވާލުމަކީ އިޖުރާއީ ގޮތުން ކުރަންޖެހޭނެ ގޮތެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު 3.4)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 69 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 64 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ޖަދުވަލު 2
- ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 15/2010
- ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 6/2012
- ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)
- ޤާނޫނު ނަންބަރު 9/68 (މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނު) ގެ 10 ވަނަ މާއްދާގެ (ކ)
- 2016/HC-S-A/22
- 2013/HC-A/106
- ބެންޗު
- ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ޢަބްދުލްޣަނީ މުޙައްމަދު، ޝުޖާޢު ޢުޘްމާން
- ޚިލާފު ރައުޔު
- ނެތް