ސައިޓޭޝަން ކޮޕީ ކުރުމަށް
2011/SC-E/07
އިލެކްޝަންސް ކޮމިޝަން ވ. އަސީތު ތައުފީޤު، 2011/SC-E/07
Elections Commission v. Aseethu Thaufeeq 2011/SC-E/07 (2011/SC-E/07, Supreme Court of the Maldives, 27 January 2011)
އިލެކްޝަންސް ކޮމިޝަން ވ. އަސީތު ތައުފީޤު
މައްސަލައިގެ ޚުލާޞާ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ކުރިމަތިލި އއ. ހިމަންދޫ ޖަވާހިރުވާދީ އަސީތު ތައުފީޤަކީ އއ. ހިމަންދޫ ކޯޓުގެ 2003/C-9-U/04 ޤަޟިއްޔާއިން އައުޓްބޯޑް އިންޖީނެއް ވަގަށް ނެގުމުގެ ކުށް ސާބިތުވެ އަރުވާލުމަށް ޙުކުމްކުރެވިފައިވާ މީހެއްކަމަށް ބުނެ، އޭނާއަށް އިންތިޚާބުގައި ބައިވެރިނުވެވޭނެކަމަށް ކަނޑައަޅައިދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ވައްކަމަކީ އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށަކަށްވާތީ ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) ގެ 4 ގެ ދަށުން އަސީތު ތައުފީޤަށް ވާދަކުރުމުގެ ޙައްޤު ނުލިބޭނެ ކަމަށެވެ. އަސީތު ތައުފީޤު 02/SC-C/2008 އަށް ޙަވާލާދީ ބުނީ އޭނާގެ މައްޗަށް ސާބިތުވީ ޙައްދު ޤާއިމްކުރަންޖެހޭ ކުށެއް ނޫން، ތަޢުޒީރީ އުޤޫބާތް ޙައްޤުވާ ކުށެއް ކަމަށެވެ.
މައިގަނޑު ސުވާލު
ވައްކަމުގެ ކުށަށް ޙައްދުގެ ބަދަލުގައި ތަޢުޒީރީ އަދަބެއް ކަނޑައެޅިފައިވީނަމަވެސް، އެއީ ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) ގެ 4 ގައިވާ ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ސާބިތުވުމެއްކަމަށް ބެލެވޭތޯ.
ނިންމި ގޮތް
ކުރިމަތިލުމުގެ ޝަރުޠު ފުރިހަމަނުވާކަމަށް ކަނޑައެޅުނު
ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރުމާއި ޙައްދު ޤާއިމްކުރުން ލާޒިމްވުމަކީ ތަފާތު ދެ މަފްހޫމެއްކަމާއި، ޝަރުޢީ ހުރަހެއްގެ ސަބަބުން ޙައްދު ޤާއިމްނުކޮށް ތަޢުޒީރީ އުޤޫބާތެއް ކަނޑައެޅުމުން ކުށުގެ އަޞްލިއްޔަތު ބަދަލުނުވާނެކަމަށް ކޯޓުން ކަނޑައަޅައި، 02/SC-C/2008 އަށް ޙަވާލާދީ ދެއްކި ވާހަކައަކީ މި މައްސަލައާ ގުޅުމެއްނެތް ވާހަކައެއްކަމަށް ނިންމިއެވެ. ވައްކަމުގެ ކުށް ސާބިތުވެފައިވުމަކީ ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) ގެ ދަށުން ކެންޑިޑޭޓަކަށް ވުމަށް ހުރަސްއަޅާ ކަމަކަށްވާތީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ބައިވެރިވުމުގެ ޙައްޤު އަސީތު ތައުފީޤަށް ލިބިގެންނުވާކަމަށް ކަނޑައެޅިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- އިސްލާމީ ޝަރީޢަތުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރުމާއި އަދި އިސްލާމީ ޝަރީޢަތުގައި ޙައްދެއް ޤާއިމްކުރުން ލާޒިމްވުމާއި މިދެމަފްހޫމަކީ ތަފާތު ދެމަފުހޫމަކަށްވެފައި، އިސްލާމީ ޝަރީޢަތުގައި ޙައްދެއް ކަނޑައެޅިފައިވާ ކޮންމެ ކުށަކީ ހުރިހާ ޙާލަތެއްގައި ޝަރުޢީގޮތުން ޙައްދު ޤާއިމްކުރަންޖެހޭ ކުށަކަށްވުން ލާޒިމްނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [8])
- ޙައްދު ޤާއިމްކުރުމަށް ޝަރުޢީގޮތުން ހުރަސްއެޅެންޖެހޭ ޙާލަތްތަކުން ޙާލަތެއް މެދުވެރިވެގެން އެ ޙައްދު ޤާއިމްނުވުމަކީ ނުވަތަ އެޙައްދެއްގެ އަޞްލީ އުޤޫބާތުގެ ބަދަލުގައި ތަޢުޒީރީ އުޤޫބާތެއް ކޯޓަކުން ކަނޑައަޅާ ގޮތަށް ހަމަޖެހިފައި އޮތުމުގެ މާނައަކީ އިސްލާމީ ޝަރީޢަތުގައި ޙައްދު ކަނޑައެޅިފައިވާ ކުށްތަކުގެ ތެރެއިން ކުށެއްގެ އަޞްލިއްޔަތު ބަދަލުވެ އެކުށަށް އެހެން ނަމެއް ދެވެންޖެހޭ ސަބަބަކަށްނުވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [8])
- ވައްކަން ކުރުމުގެ ކުށް ޝަރީޢަތަށް ސާބިތުވެފައިވުމަކީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން އުފައްދާ ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ކެންޑިޑޭޓަކަށްވުމަށް ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) ކަނޑައެޅިގެން ހުރަސްއަޅާ ކަމަކަށްވެއެވެ. (ޙުކުމްގެ ޕެރެގްރާފް ނަންބަރު [10])
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2011/SC-E/07
ދަޢުވާކުރާ ފަރާތް: އިލެކްޝަންސް ކޮމިޝަން
ދަޢުވާ ލިބޭ ފަރާތް: އަސީތު ތައުފީޤު ޖަވާހިރުވާދީ
މައްސަލައިގެ ބާވަތް: ލޯކަލް ކައުންސިލް އިންތިޚާބާގުޅޭ
[1]މައްސަލަ އައިގޮތް: އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުޠާބެހޭ ގޮތުން މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 26 ޖަނަވަރީ 2011
ނިމުނު ތާރީޚް: 27 ޖަނަވަރީ 2011 މާޗް 2009
މައްސަލަ ނިންމި ގަޑި: 23:55
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
[2]އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފު، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނު
މައްސަލައިގެ ޚުލާޞާ:
[3]މިއީ އަސީތު ތައުފީޤަކީ އއ. ހިމަންދޫ ކޯޓުގެ ނަންބަރު 2003/C-9-U/04 ޤަޟިއްޔާއިން އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއްކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމަށްބުނެ، އިލެކްޝަންސް ކޮމިޝަނުން 5 ފެބްރުއަރީ 2011 ގައި ބޭއްވުމަށް އިޢުލާންކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި އަސީތު ތައުފީޤަށް ބައިވެރިނުވެވޭނެކަމަށް ކަނޑައަޅާދިނުމަށް އެދި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
ފާހަގަ ކުރެވުނު ނުކުތާތައް:
[4]މިމައްސަލައާ ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔުންތަކަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި ކަމާބެހޭ ޤާނޫނުތަކަށާއި ސުޕްރީމް ކޯޓަށް ލިބިގެންވާ، ޤާނޫނުއަސާސީއާއި ޤާނޫނުގެ ބެލެނިވެރިކަމުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައިބަލާއިރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
[5](ހ) ފުރަތަމަކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ކައުންސިލްތަކުގެ އިންތިޚާބަކީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތަކުގެ ތެރެއިން ކޮންމެ ކައުންސިލެއްވެސް ނިސްބަތްވާ ސަރަޙައްދުގެ ރައްޔިތުންގެ ތެރެއިން އެކައުންސިލްގެ މެމްބަރުކަމަށް ޤާނޫނީ ހަމަތަކުގެ މަތިން ދީމިޤްރާޠީ ވެއްޓެއްގައި ވާދަކޮށް އިންތިޚާބުވުމަށްޓަކައި ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) ގެ ދަށުން އިލެކްޝަންސް ކޮމިޝަނުން ޢާއްމުކޮށް ކުރި އިޢުލާނާ ގުޅިގެން ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުކަން ފާހަގަކުރެވިފައިވާކަމެވެ.
[6](ށ) ދެވަނަކަމަކީ، ލޯކަލް ކައުންސިލެއްގެ މެމްބަރުކަމަށް ކުރިމަތިލާ މީހެއްގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެކަމަށް ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގައި ބުނުމާއެކު އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއްގައިވާ މީހަކަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ބައިވެރިނުވެވޭނެކަމަށް އެ މާއްދާގެ (ނ) ގައި ސާފުބަހުން ބަޔާންކޮށްފައިވާކަން ފާހަގަކުރެވިފައިވާ އިރު ބުނެވިދިޔަ ޤާނޫނު ނަންބަރު 2010/10 ގެ 12 ވަނަ މާއްދާގެ (ނ) ގެ 4 ގައި "އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ނުވަތަ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައިވުން" މިފަދައިން ކަނޑައަޅައި ބަޔާންކޮށްފައިވާކަން ފާހަގަކުރެވިފައިވުމެވެ.
[7](ނ) ތިންވަނަ ކަމަކީ، މީލާދީ ސަނަތުން 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ބައިވެރިވުމުގެ ޝަރުޠު ފުރިހަމަނުވާކަމަށާއި އެސަބަބަށްޓަކައި އެއިންތިޚާބުގައި ބައިވެރިނުވެވޭނެގޮތް ހަމަޖައްސަވައިދެއްވުން އެދި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވާ އަސީތު ތައުފީޤަކީ އއ. ހިމަންދޫ އައްސޭރިވިލާއޭ ކިޔާގޭގެ ކޮޓަރިއެއްގެ ތެރެއިން 4 ހޯސްޕަވަރގެ ޔަމަހާ އައުޓް ބޯޑް އިންޖީނެއް ވަގަށް ނެގުމުގެ ކުށުގެ ދަޢުވާ ދައުލަތުގެ ފަރާތުން އުފުލުމާ ގުޅިގެން އއ. ހިމަންދޫ ކޯޓުގެ ނަންބަރު 2003/C-9-U/04 ގެ ޤަޟިއްޔާއިން ވައްކަންކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެން 1 އަހަރާއި 11 މަސްދުވަހުގެ މުއްދަތަށް އަރުވާލުމަށް ޙުކުމްކޮށްފައިވާ މީހެއްކަން އއ. ހިމަންދޫ ކޯޓުގެ ނަންބަރު 2003/C-9-U/04 ޤަޟިއްޔާގެ ޝަރީޢަތް ނިންމިގޮތުގެ ރިޕޯޓުން ރަނގަޅަށް އެނގެން އޮތްއިރު އެ ޤަޟިއްޔާގައި ޝަރީޢަތުގެ ފަރާތުން ކުރައްވާފައިވާ އެޙުކުމަށް ބަދަލެއް އައިސްފައިނުވާކަން އަސީތު ތަޢުފީޤުގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަ ކަން ފާހަގަކުރެވިފައި އޮންނަ އޮތުމެވެ.
[8](ރ) ހަތަރުވަނަ ކަމަކީ ޝަރުޢީ އުޞޫލުތައް ނިޔާކުރާގޮތުގެ މައްޗަށް ބަލާއިރު އިސްލާމީ ޝަރީޢަތުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރުމާއި އަދި އިސްލާމީ ޝަރީޢަތުގައި ޙައްދެއް ޤާއިމްކުރުން ލާޒިމްވުމާއި މިދެމަފްހޫމަކީ ތަފާތު ދެމަފުހޫމަކަށްވެފައި، އިސްލާމީ ޝަރީޢަތުގައި ޙައްދެއް ކަނޑައެޅިފައިވާ ކޮންމެ ކުށަކީ ހުރިހާ ޙާލަތެއްގައި ޝަރުޢީގޮތުން ޙައްދު ޤާއިމްކުރަންޖެހޭ ކުށަކަށްވުން ލާޒިމްނުވާތީ އާއި ޝަރީޢަތުގައި ޙައްދު ކަނޑައެޅިފައިވާ ކުށަކަށް އަރައިގަތުމުގެ ޖަރީމާ، ޝަރީޢަތަށް ސާބިތުވުމާ އެކުވެސް އެ ޙައްދު ޤާއިމްކުރުމަށް ޝަރުޢީގޮތުން ހުރަސްއެޅޭ ސަބަބުތަކުގެ ތެރެއިން ސަބަބެއް މެދުވެރިވުމާ ގުޅިގެން އެޙައްދެއް ޤާއިމް ނުވުމަކީ އެޙައްދަށް އަރައިގަތް މީހާ އަރައިގަތް ޙައްދަކީ ހައްދު ކަނޑައެޅިފައިވާ ކުށެއްނޫންކަމަށް ޝަރުޢީގޮތުން ބެލެވެންޖެހޭ ސަބަބަކަށް ނުވާތީއާއި ޙައްދު ޤާއިމްކުރުމަށް ޝަރުޢީގޮތުން ހުރަސްއެޅެންޖެހޭ ޙާލަތްތަކުން ޙާލަތެއް މެދުވެރިވެގެން އެ ޙައްދު ޤާއިމްނުވުމަކީ ނުވަތަ އެޙައްދެއްގެ އަޞްލީ އުޤޫބާތުގެ ބަދަލުގައި ތަޢުޒީރީ އުޤޫބާތެއް ކޯޓަކުން ކަނޑައަޅާ ގޮތަށް ހަމަޖެހިފައި އޮތުމުގެ މާނައަކީ އިސްލާމީ ޝަރީޢަތުގައި ޙައްދު ކަނޑައެޅިފައިވާ ކުށްތަކުގެ ތެރެއިން ކުށެއްގެ އަޞްލިއްޔަތު ބަދަލުވެ އެކުށަށް އެހެން ނަމެއް ދެވެންޖެހޭ ސަބަބަކަށްނުވާތީ، އއ. ހިމަންދޫ ކޯޓުގެ ނަންބަރު 2003/C-9-U/04 ޤަޟިއްޔާގައި އަސީތު ތައުފީޤުގެ މައްޗަށް އިސްލާމީ ޝަރީޢަތުގައި ޙައްދު ޤާއިމްކުރަންޖެހޭ ކުށެއް ސާބިތުކޮށްފައިނުވާކަމަށާއި އެޤަޟިއްޔާގައި ސާބިތުކޮށްފައިވަނީ ތަޢުޒީރީ އުޤޫބާތް ޙައްޤުވާ ކުށެއްކަމަށް ބުނެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 02/SC-C/2008 ޤަޟިއްޔާއާ ޙަވާލާދީ ޝަރީޢަތުގެ މަޖިލީހުގައި އަސީތު ތައުފީޤުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަކީ މިޤަޟިއްޔާގައި މިބެލެވޭ މައްސަލައާ އެއްވެސް ގުޅުމެއް ހުރި ވާހަކަތަކެއްކަމަކަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
[9](ބ) ފަސްވަނަކަމަކީ މީލާދީ ސަނަތުން 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކިބައިގައި ހުރުން ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) ގެ 4 ވަނަ ނަންބަރުގައި ބުނެފައިވާ އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއްކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުމުގެ ޝަރުޠު އަސީތު ތައުފީޤުގެ ކިބައިގައި ފުރިހަމަ ނުވާކަން އއ. ހިމަންދޫ ކޯޓުގެ ނަންބަރު 2003/C-9-U/04 ޤަޟިއްޔާއިން ސާބިތުވެފައިވާތީ ބުނެވިދިޔަ އިންތިޚާބުގައި އަސީތު ތައުފީޤަށް އެއިންތިޚާބުގައި ވާދަކުރުމަށް އޮތް ޙައްޤަށް ޤާނޫނީގޮތުން ހުރަސް އެޅިފައިވާކަން އެނގެން އޮންނައޮތުމެވެ.
ޙުކުމް:
[10]އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމުގެ އިތުރަށް އަސީތު ތައުފީޤަކީ އއ. ހިމަންދޫ ކޯޓުގެ ނަންބަރު 2003/C-9-U/04 ޤަޟިއްޔާއިން ވައްކަން ކުރުމުގެ ކުށް ޝަރީޢަތަށް ސާބިތުވެފައިވާ މީހަކަށްވެފައި، ވައްކަން ކުރުމުގެ ކުށް ޝަރީޢަތަށް ސާބިތުވެފައިވުމަކީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން އުފައްދާ ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ކެންޑިޑޭޓަކަށްވުމަށް ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) ކަނޑައެޅިގެން ހުރަސްއަޅާ ކަމަކަށްވާތީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ކެންޑިޑޭޓެއްގެ ގޮތުގައި ބައިވެރިވުމުގެ ޙައްޤު އަސީތު ތައުފީޤަށް ލިބިގެންނުވާކަމަށް ކަނޑައަޅައިފީމެވެ.
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން
ފަނޑިޔާރު ޢަބްދުﷲ ސަޢީދު ފަނޑިޔާރު ޢަބްދުﷲ ޢަރީފު
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނު މީމާ މ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)
- ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) ގެ 4
- 02/SC-C/2008
- 2003/C-9-U/04
- ބެންޗު
- އަޙްމަދު ފާއިޒު ޙުސައިން (ރިޔާސަތު)، ޢަބްދުﷲ ސަޢީދު، ޢަބްދުﷲ ޢަރީފް، ޢަލީ ޙަމީދު މުޙައްމަދު، އާދަމް މުޙައްމަދު ޢަބްދުﷲ، ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، އަޙްމަދު މުޢުތަޞިމް ޢަދުނާން
- ރިޔާސަތު
- އަޙްމަދު ފާއިޒު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
- މި ކޯޓުގައި
- ހުށަހެޅުނީ 26 ޖަނަވަރީ 2011 · ރަޖިސްޓްރީކުރީ 26 ޖަނަވަރީ 2011 · ނިމުނީ 27 ޖަނަވަރީ 2011 (1 ދުވަސް)