ސައިޓޭޝަން ކޮޕީ ކުރުމަށް
2020/HC-A/176
އީމާން މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް، 2020/HC-A/176
Eemaan Mohamed v. Prosecutor General 2020/HC-A/176 (2020/HC-A/176, High Court of the Maldives, 27 September 2020)
އީމާން މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް
މައްސަލައިގެ ޚުލާޞާ
ކްރިމިނަލް ކޯޓުން ފުލުހުންގެ އެދުމަށް ބަލައި ތުހުމަތުކުރެވޭ ފަރާތުގެ ބަންދުގެ މުއްދަތު އިތުރުކުރިއެވެ.
މަސްތުވާތަކެތި ބޭނުންކުރުން/ގެންގުޅުން/ވިޔަފާރިކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ފަރާތެއްގެ ވަކީލުކަން ފުލުހުން ޤަބޫލުކޮށްފައިވާއިރު، ބަންދުގެ މަޖިލީހަށް ޙާޟިރުކުރާ ތަނާއި ގަޑި ވަކީލަށް ނޭންގި ބަންދުގެ މަޖިލިސް ބޭއްވިއެވެ.
އިސްތިއުނާފުކުރި ފަރާތުން ބުނީ އަމުރަކީ ޤާނޫނުއަސާސީގެ 14 (ށ) އާއި 53 (ހ) އާ ޚިލާފު، މަތީ ކޯޓުތަކުގެ ނިންމުންތަކަށް ތަބާނުވެ، ފުލުހުންގެ ޢާއްމު ޤަވާއިދުގެ 51 ވަނަ މާއްދާއާ ޚިލާފު އިޖުރާއަތެއްގެ މައްޗަށް ނެރުނު އަމުރެއް ކަމަށެވެ. ދައުލަތުން ވަކީލަށް ތަނާއި ގަޑި ނޭންގޭކަން ޤަބޫލުކުރިއެވެ.
މައިގަނޑު ސުވާލު
ތުހުމަތުކުރެވޭ ފަރާތުން ޢައްޔަންކޮށް ފުލުހުން ޤަބޫލުކުރި ޤާނޫނީ ވަކީލަށް ބަންދުގެ މަޖިލީހުގެ ތަނާއި ގަޑި ނޭންގި ނެރުނު ބަންދުގެ އަމުރަކީ ޤާނޫނުއަސާސީގެ 14 (ށ) އާއި 53 (ހ) އާ ޚިލާފު އަމުރެއްތޯ.
ނިންމި ގޮތް
ދަށުކޯޓުގެ އަމުރު ބާޠިލު
ވަކީލަށް މަޖިލީހުގެ ތަނާއި ގަޑި އެންގުމަކީ ފުލުހުންގެ ޒިންމާއަކަށްވެ، އެކަން ނުކުރުމުން ޤާނޫނުއަސާސީގެ 14 (ށ) ގެ ޙައްޤުން މަޙްރޫމުވެފައިވާތީ އަމުރު ބާޠިލުކުރިއެވެ.
ކަނޑައެޅުނު އުޞޫލުތައް
- ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ހ) އާއި 14 ވަނަ މާއްދާގެ (ށ) ގެ ދަށުން، ހައްޔަރުކުރެވޭ ނުވަތަ ބަންދުކުރެވޭ މީހަކަށް ލަސްނުކޮށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި، މައްސަލަ ނިމެންދެން އެ އެހީތެރިކަން ދެމެހެއްޓުމުގެ ފުރުޞަތު ފަހިކޮށްދޭންވާނެއެވެ.
- ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޟިރުކުރުމުގެ ކުރިން، ޙާޟިރުކުރާ ތަނާއި ގަޑިފަދަ އެންމެހާ މަޢުލޫމާތު އެމީހަކު ޢައްޔަންކޮށްފައިވާ ޤާނޫނީ ވަކީލަށް އެންގުމަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޒިންމާއެކެވެ؛ ސަބަބަކީ ޙާޟިރުކުރުމުގެ ކަންތައް ހަމަޖައްސަނީ ފުލުހުން ކަމަށްވެފައި ބަންދުގައިވާ މީހާއަށް އެކަން އަމިއްލައަށް ވަކީލަށް އެންގޭނެ ފުރުޞަތެއް ނެތުމެވެ.
- ފުލުހުން ވަކީލުކަން ޤަބޫލުކޮށްފައިވާއިރު ވަކީލަށް ބަންދުގެ މަޖިލީހުގެ ތަނާއި ގަޑި ނޭންގި ނެރޭ ބަންދުގެ އަމުރަކީ ތުހުމަތުކުރެވޭ ފަރާތަށް ޤާނޫނުއަސާސީގެ 14 ވަނަ މާއްދާގެ (ށ) އިން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤަކުން މަޙްރޫމުކޮށް ނެރެފައިވާ އަމުރެއް ކަމުން، އެ އަމުރަށް ބަދަލު ގެންނަންޖެހެއެވެ.
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 14 ވަނަ މާއްދާގެ (ށ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ހ)
- ހައިކޯޓުގެ 2014/HC-A/331 ޤަޟިއްޔާ
- ހައިކޯޓުގެ 2019/HC-A/639 ޤަޟިއްޔާ
- ބެންޗު
- ޢަލީ ސަމީރު، ޢަބްދުއްރައޫފު އިބްރާހީމް، ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް